ވައުދޭ ވެވޭ މީ… 14
” އޭ ޗީޒްބޯލްސް ކީތްތި ކުރަނީ؟؟؟… މަ މިހިރީ ދޮންތަ ކައިރިގައޭ… ތި ދޮރަށް އަނިޔާ ނުކޮށް ދެން ތި ކިޔާއެއްޗެއް ކިޔާބަލަ… މަ މިހިރީ އަޑުއަހާށޭ!!!… އެ ދޮރު ސަލާމަތުން ހުރިކަން… އަނެއްކާ އަނެއްކޮޅުން މަންމަ ގޭގަ ނޫޅޭކަންވެސް އެއީ މަގޭ ނަސީބު… އެހެންނޫނީ ރޮކެޓަކަށް އެހެން އެއްޗަކަށްވެސް ނުލައި އޭގެ ބަދަލުގަ މަ ފޮނުވާނެ ދެން އޮތް ޕްލެނެޓަށް… މަށަށް ޖެހޭނީ ހުރިހާ ކަމެއްކޮށްފަ ކައްކާ ކާން ހަދައި. މި ހުރިހާ ސަކަރާތެއް ޖަހަން…” ޒީހާން ދައްކަމުން ދިޔަ އެއްވެސް ވާހަކަ އަކީ ޒައިހާ އަޑު އިވުނު ވާހަކަ ތަކެއް ނުނެވެ. އޭނާގެއަޑާއި ޒީހާންގެ އަޑު އެކުވުމުގެ ސަބަބުންނެވެ. އޭނާ ވަގުތުން އެތާނގައި ހުރެފައި ހަޅޭއްލަވައިގަތެވެ.
” ޑަނބިޔާ ގަނޑާ!!!!!!….. ކޮންއިރަކު ހެއްޔޭ މާހީ އާއި ރައްޓެހިވީ؟؟؟؟؟… މަގޭ ކައިރި ބުނެލި ނަމަ ދޯ، އޭރުން ކަމެއްވާނީ… މަށަށްވެސް އިވެންވަނީ އެހެންމީހުން ކައިރިންތަ؟؟؟؟؟؟…” ޒައިހާ މި ހުރިހާ އެއްޗެއް ކީ ވަގުތަށްވީ ބަނދިގެއަށް ބޭނުންވާ ބައެއް ސާމާނު ގަނެގެން ޒިޔާނާ އައިސް ގެއަށް ވަން ވަގުތަށެވެ.
☆ ☆ ސާދަވަނަ ބައި ☆ ☆
ކަންފަތުގައި ފޯނުޖަހައިގެން ކޮންމެވެސް މީހަކާއި ވާހަކަ ދައްކަމުން ގެއަށް ވަދެގެން އައިސް ޒިޔާނާ އޭނާގެ އަތުގައި ހުރި ކޮތަޅުތަށް ބަދިގެއާއި އިންވެގެން ހަދާފައި ހުރި ހަޓުގެ މޭޒު މަތީ ބެހެއްޓިއެވެ. ޒައިހާ އަށް ގޮވާ އޭނާގެ އަތަށް ކޮތަޅެއް ހަވާލު ކުރަމުން ޒިޔާނާ އޭތި އަޒްލީނާ މެން ގެއަށް ލައިދޭން ބުންޏެވެ. އިތުރު ބަހަނާ އެއް ދެއްކުމެއް ނެތި ޒައިހާ ޒިޔާނާ ދިން ކޮތަޅު ހިފައިގެން ގެއިން ނުކުންނަން ދިޔައެވެ.
ދަމުން އޭނާއަށް ބަލަހައްޓައިގެން ތިބި ޒީހާން އާއި ޒިވާ އާއި ދިމާލަށް ދޫ ދިއްކޮލިއެވެ. ސިޑިއާއި ދިމާލަށް ބަލައިލަމުން އެއްލޯ މަރާލާފައި އޭނާ ނުކުމެގެން ދިޔައީ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ގެނުވަމުންނެވެ.
ޒައިހާ ނުކުމެގެން ދިއުމުން ޒީހާން އަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޒިޔާނާ އައިސް ގެއަށް ވަނުމާއިއެކު ޒައިހާ އެހެން ބުނުމުން އޭނާއަށް ނޭވާ ހިފަހައްޓާ ލެވުނު ނަމަވެސް، އެ ނޭވާ ދޫކޮށްލެވުނީ ޒިޔާނާ ކަންފަތަށް ޖަހައިފައި ވީ ފޯނުގެ ސަބަބުން ޒިޔާނާ އަށް އަޑު ނީވޭކަން އެނގުމުންނެވެ. ބޮލުގެ ފުއްކިބައިގައި އަތް އަޅުވާލަމުން ދެލޯ ބޮޑުކޮށްލާފައި ޒީހާން އަށް ޒިވާ އާއި ދިމާލަށް ބަލައިލެވުނީ ޒައިހާ އަށް އެވާހަކަ އިވުނީ ކިހިނެއްތޯ ސުވާލުކުރާ ކަހަލަ ގޮތަކަށެވެ. ޒިވާ އެނާގެ އަނގަ މަތީ އަތް އަޅާލިއެވެ. ފަޅައިގެން ދާން އުޅޭ ހިނިގަނޑު ބޮޑުވުމުގެ ސަބަބުންނެވެ.
ޒީހާން ބަލައިލި ގޮތުން ޒިވާ އަށް ހިނިގަނޑު ހިފަހައްޓަން އުނދަގޫ ވުމުން ޕަކަޕަކަ ލާފައި ހޭން ފެއްޓިއެވެ. ޒީހާން އަށް ޒިހާ އާއި ދިމާލަށް ދެލޯ ބޮޑުކޮށްގެން ސުވާލުވެރި ގޮތަކަށް ބަލައިލުން ފިޔަވާ އެހެން އިތުރު ހަރަކާތެއް ނުގެނެވުނެވެ. ޒިވާ އޭރުވެސް ހަމަ ހެނީއެވެ. ހެވޭނޭ ވަރެއްނޫންހެއްޔެވެ. ޒައިހާ އައިސް ގޮވައިގަތުމުން ޒީހާން ކީ އެއްޗިހިންވެސް ހެވޭނެ އެއް ނޫންހެއްޔެވެ. ޕްލެނެޓަކާއި ކައްކާ ކާންހެދުމާއި އޮތީ ކޮން ގުޅުމެއްހެއްޔެވެ. ޒިވާ ހޭ ވަރުން އޭނާ ހިނިގަނޑު މައިތިރި ކުރަން ދެން ޒީހާން ފާރުގައި ލެގިލިއެވެ. ޒިވާ ހީ ހީ ފައި ޒީހާން އަށް ބަލައިލަމުން އަނގަމަތީ އަތް އަޅާލާ އެ ހިނިގަނޑު މަތަކޮށްލިއެވެ. އެހެންނަމަވެސް އެއްކޮންނެއްނޫނެވެ. ޒީހާންއަށް ބަލައިލަމުން ކުރިއަށް ގެންދާށޭ ބުނާފަދައިން ޒިވާ އަތުން އިޝާރާތް ކޮށްލިއެވެ.
ޒިވާގެ އިޝާރާތަކަށް ޒީހާން ބަލަބަލަ ހުރި ކަހަލައެވެ. ” ޒައިހާ އަށް ކިހިނެއްތަ އެވާހަކަ އެނގުނީ..؟ އެހެން މީހަކަށް އަނެއްކާ ފެނުނީތަ…؟ މާހީ ތަ ބުނީ..؟ އެކަމް ހިޔެއް ނުވޭ މާހީ ބުނާނެހެންނެއް..!!! އޭނަ ހުރީ މިޝަލްބެ ކައިރި ބުނަންވެސް ބިރުން…!!!!-” ” އާނ އަހަރެން ބުނީ…” ސިޑިން އަރައިގެން އައިސް އެތާ ހުއްޓުނު މާހީ އަށް ޒިވާ އާއި ޒީހާންގެ ނަޒަރު ހުއްޓުނެވެ.
ޒީހާން އާއި ޒިވާ ބަލައިލި ގޮތުން މާހީ އަނެއްކާވެސް ބުނެލިއެވެ. “އަޅެ ދެން މަގޭ ބެސްޓީ ކައިރި ނުބުނެ ދެން މަ ބުނާނީ ކާކު ކައިރި..؟ ދެން މަ ބުނެފިން ދޮންބެ ކައިރިވެސް.. ބުނީ ޒީހާން ކައިރި ބުނާށޯ މަށަށް އެއްވެސް އަނިޔާއެއް ދީގެން ނުވާނެޔޯ… ދެން ބުނީ ދޮންބެ ބޭނުމޯ ޒީހާން އާއި ވާހަކަ ދައްކާލަން…” މާހީ އެއްނޭވާއިން އޭނާ ބުނަން ބޭނުންވި ހުރިހާ އެއްޗެއް ބުނެލިއެވެ. އަދި ވަކި ވަކިން ޒިވާ އާއި ޒީހާންގެ މޫނަށް ބަލައިލިއެވެ.
މާހީގެ ވާހަކަ އަޑު އަހާފައި ޒިވާ މާހީ އައި ކައިރިއަށް ފިޔަވަޅެއް ނަގާލިއެވެ. އަދި މާހިގެ އަތުގައި ހިފާލުމަށް ފަހު ފިއުޗާރ ފަހަރި އާ ކުރަންޖެހޭ ސުވާލުތަކެއް އެބަހުރިކަމަށް ބުނެފައި މާހީ ގޮވައިގެން އޭނާ އެތަނުން ދިޔައެވެ. ޒީހާން ގޮތް ހުސްވެފައިވި އެދުރުބޭކަލެއް ފަދައިން ހުރެފައި ހިތާއި ހިތުން ޒައިހާ އާއި ދިމާލަށް ކުދި ކިޔާލިއެވެ.
*******
އަޒްލީނާ މެންގޭގެ ދޮރާށި ދޮރު ހުޅުވާލެވުނު ވަގުތަށް ވީ އެތެރެއިންވެސް މީހަކު ދޮރު ހުޅުވާލި ވަގުތަށެވެ. ބާރު އަޑު ފައްގަނޑަކާއި އެކު ބަރު ފިރިހެން އަޑަކުން ވޭނީ ގޮތަކަށް ހަޅޭއްލަވައިގަތް އަޑު މުޅި ހިސާބު ގަނޑުގައި ގުގުމާއިގެން ދިޔައެވެ. އެގެއަށް ވަންނަން ދިޔަ ޒައިހާ އަށް ކުއްލިއަކަށް އަދި އެހާ އަވަހަށް މިކަހަލަ ކަމެއް ހިނގުމުން ސުކުންތަކަށް ނަމަވެސް މީހާ ހުއްޓުނެވެ. ދޮރު ކައިރީ ނޭފަތުގައި އަތް އަޅާއިގެން ގުދަށް އޮތް އިއަން އަށް އިރުއޮރުކޮޅުން އަނގައިން މަޑު އާހެއް ބޭރު ކުރެވެއެވެ. އަވަސް އަވަހަށް ޒައިހާ އަށް އިއަން ކައިރިއަށް ޖެހިލެވުނެވެ.
” ސޮރީ، ސޮރީ، ސޮރީ، ސޮރީ، ގަސްތުގައެއް ނޫން.. ވަރަށް ބާރަށް ތަ ޖެހުނީ…؟” އިއަންގެ ވަރުގަދަ ބާރުހުރި މުލައްދަނޑީގައި އަތް ޖައްސާލަމުން ޒައިހާ އަށް އަހާލެވުނެވެ. އިއަން ހަށިގަނޑު ސިދާކޮށްލަމުން ކުރިމަތީ ހުރި އަންހެންކުއްޖާ އަށް ބަލައިލި އެވެ.
ކުލަ އަލި އޮމާން ހަންގަނޑަކާއި މައުސޫމް ކަމުން ފުރިފައިވީ ކުރަނގި ދެލޮލެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. ބައްޓަން ހެޔޮވަރު ނޭފަތެކެވެ. އަޖައިބުކަމުން ފުރިފައި ވީ ރީތިކަމެކެވެ. އަޅައިގެން ހުރި ކަށި ބުރުގަލުގެ ތެރެއިން އެ މޫނު ފެންނަލެއް ޗާލެވެ. އާދަޔާޚިލާފު ބާރެއް އެކުލެވިފައިވި އެ މަޑު މަޑު މުށިކުލައިގެ ދެލޮލުގެ ތެރެއަށް ފީނާއި ގަންނަން އިއަން ބޭނުން ވިއެވެ.
އިއަން އިސްއުފުލައި ބަލައި ލުމާއި އެކުހެން ޒައިހާ އަށް ހީވީ ދުނިޔެ ހިނގުން ހުއްޓުނުހެންނެވެ. އެފަދަ ރީތި ކަމެއް ރާއްޖޭގެ އެއްވެސް ފިރިހެނެއް ކައިރިން ފެނިފައި ނުވުމުން އޭނާއަށް ކަޅި ޖަހާނުލާ ބަލަން ހުރެވުނެވެ. ހުވަފެނެއް ފެންނަހެން ޒައިހާ އަށް ހީވަމުން ދިޔައެވެ. ހޮލީވުޑް ބޮލީވުޑް ފިލްމުތަކުން އެކަނިހެން ފެންނަކަހަލަ ފިރިހެން ވަންތަކަމެވެ.
ބައިމަތި ފުޅާ ކަސްރަތީ ހަށިގަނޑެކެވެ. ހެޔޮވަރު އިސްކޮޅެކެވެ. ހަ ފޫޓާއި ގާތްކުރާނެކަން ގައިމެވެ. ތުނި ގޮތަކަށް ޓްރިމް ކުރެވިގައިވީ ތުނބުޅިމަތިމަސް އެ މޫނާއި ނުހަނު ގުޅެއެވެ. ބޭރު މޮޑެލް އަކާއި އެމޫނު ވައްތަރު ވާ ފަހަރު ވެސް އާދެއެވެ. ކަޅުކަން މަޑު، ގަދަ އަޅި ކުލައަކަށް އަރާ އެ ކަޅި ހުއްޓިފައިވީ ޒައިހާ އަށެވެ. އެ ރީތިކަމަށް އުނިކަމެއް ގެނެސްދެނީ ނޭފަތުން ފައިބަމުން ދިޔަ ލެއެވެ. އަތް އަޅާއިގެން ހުރި ނަމަވެސް ލޭ އަންނާނެ ވަރަކަށް ދިޔައީ އަންނަމުންނެވެ.
ދެމީހުންނަށްވެސް އެކަކު އަނެކަކަށް ގެއްލިފައި ތިބެވުނީއެވެ. ވަށައިގެން ވީ މާހައުލުގައި ހިނގަމުން ދިޔަ އެއްވެސް ކަމެއް ރެއަކާ ނުލައެވެ. އެފަދައިން އިއަންގެ ބާރު ހަޅޭކުގެ އަޑަށް އެތަނަށް އީވާ އައިކަންވެސް އެ ދެމީހުންނަކަށް ނޭނގެއެވެ. އިރުކޮޅަކު ޒައިހާ އާއި އިއަން އަށް ބަލަން ހުރެފައި އީވާ އެދެމިހުން ކައިރިއަށް ޖެހިލާ ގަދަކަމުން ކަރު ކެހެލިއެވެ.
ގަޔަށް ކަރަންޓު ޝޮކުތަކެއް އެރިފަދައިން ޒައިހާ އާއި އިއަން ދުރުވެލި ތަން ފެނުމުން އީވާ ހީނގަތެވެ. އިއަން ބަހެއް ބުނުމަކާއި ނުލާއި ނޭފަތުގައި އަތް އަޅާއިގެން ހުރެ ގެއިން ނުކުމެގެން ދިޔައެވެ. އެދިމާލަށް ބަލަން ހުރެފައި އީވާ ޒައިހާ އާއި ދިމާލަށް ބަލައިލުމުން ޒައިހާ އޭނާގެ އަތުގައި އޮތް ކޮތަޅު ދިއްކޮށްލިއެވެ.
” މަންމަ ބުނީ މިތި ދޭށޯ އަޒޫދައްތަ އަށް… އެހެންވެ މީތި ހަވާލުކުރަން މި އައީ…” ” އާހް ޒައި،. ދޮންތަ ކައިރި ބުނާތި މިއަދު ހަވީރު ބޭރަށްދާން ރެޑީ ވައްޗޭ… ގުޅިއިރު ފޮނު އޮތީ ނިއްވަލާފަ އެހެންވެ އިނގޭ… ހަނދާންކޮށް ބުނާތި…” ޒައިހާ ދިން ކޮތަޅުގައި ހިފާލަމުން އީވާ ޒައިހާ ކައިރި ޒިވާ އަށް މެސެޖެއް ޕާސްކޮށްލަން އެދުނެވެ. ޒައިހާ ބޯ ޖަހާލާފައި އެގެއިން ނުކުތުމުން އިވާ އޭނާގެ އަތުގައި އޮތް ކޮތަޅު ހިފައިގެން އޭނާގެ މަންމަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
ފެންވަރައިގެން ނުކުތް ޒިވާގެ މޫނުމަތިން ފެންނަމުން ދިޔައީ ތާޒާކަމެވެ. ލޯގަނޑު ކުރިމަތީ ހުރެ ރީތި ވަމުން ދިޔަ ޒިވާ ސިއްސައިގެން ދިޔައީ ކުރިމަތީ ޗާޖަށް ޖަހާފައި އޮތް ފޯނު ރިންގުވީ އަޑު އިވުމުންނެވެ. ސްކްރީނަށް ބަލައިލާފައި ‘ޝާމް❤’ އަރައިފައި ވުމުން އޭނާ ހިނިތުން ވުމަކައި އެކު ފޯނު ނަގާލަމުން ސްޕީކަރަށް ލިއެވެ. އަދި އަނެއްކާވެސް ކުރަން ހުރި މަސައްކަތަށް އެނބުރި ދިޔައެވެ.
ފޯނުން ވާހަކަ ދައްކަމުން ރެޑީ ވެ ނިމުމުން ޒިވާ ސެންޓު ކޮޅެއް ބުރުގަލަށާއި މުޅި ގަޔަށް ޖަހާލަމުން ކޮޓަރިން ނުކުމެގެން ދިޔައެވެ. އަތަށް ފޯނުލައިގެން ވާހަކަ ދައްކަމުން ބަދިގެއަށް ބޯ ދިއްކޮށްލާފައި ޒިޔާނާ އަށް ގޮވާ ދަނީ އޭ ބުނެލިއެވެ. ޒިޔާނާ އާނ އެކޭ ބުނެލިއިރު ޒިވާ ގެއިން ނުކުމެގެން ދަނީއެވެ.
ގެއިން ނުކުމެގެން މާކަށް ދުރަށް ނުދެވެނީސް ޒިވާގެ ކައިރިއަށް ވިޝާމް ސައިކަލުގައި އައިސް މަޑުކުރިއެވެ. ޒިވާ އަށް ހިނިތުންވުމެއް ހަދިޔާކުރަމުން ވިޝާމް ތިމަންނާ ހުއްޓަކާއެއް ޒިވާ ހިނގާފައި އެއްތަނަކަށްވެސް ދިޔަކަ ނުދޭނާމޭ ބުނެލިއެވެ. ޒިވާވެސް އެންމެ ރަނގަޅޭ ބުނެ ވިޝާމްގެ ސައިކަލު ފަހަތަށް އަރާ ހަމަޖެހިލިއެވެ. ވިޝާމްގެ ފުރަގަހަތުން މެދުހަށިގައި މަޑުމަޑުން ބައްދާލާފައި ޒިވާ ވިޝާމްގެ ބުރަކަށީގައި ބޯ އަޅާލިއެވެ. ރަށް ލާވަށާލާފައި އީވާމެން ކައިރިއަށް ދާން ދެމީހުން އެއްބަސް ވިއެވެ. ދެމީހުންނަށް އެކަނިން ވަގުތުކޮޅެއް ހޯދާލާށެވެ.
ޒިވާ އާއި ވިޝާމް އެދެމީހުން ކައިރިއަށް އައިސް މަޑުކުރިއިރު އެމީހުން ކައިރި ގޭންގު އެންމެން ތިއްބެވެ. ޒައްޔާން އާއި އަޔާނީ އެވެ. އީވާ އާއި އަޔާޝް އެވެ. މިޝަލް އާއި މަލަކާއެވެ. އޭގެ އިތުރުން އިޔާޝް އާއި އިއަން އެވެ. އިޔާޝް އާއި އިއަން ފެނުމުން ޒިވާ ހީވީ ދެފަޔަށް ހިނިއަރައިގެން އުޅުނު ހެންނެވެ. ސައިކަލުން ފުއްމާލިގޮތަށް ދުވެފައި ގޮސް އިޔާޝްގެ ގައިގައި ބައްދާލިއެވެ.
” ހޫން، ހޫން، ދެން ނޯންނާނެ ސަލާމަތެއް..! މީހެއްގެ ފޭވޮރިޓް ދޮންބެ އައީއެއްނުން… ދެން އަދި މި ދޮންބެ އަކަށްވެސް މަށެއް ނުފެންނާނެ.. މުޅިންވެސް މިހިރަ މުސްކުޅި މާމަގަނޑު ފެންނާނީ…” ” ހެވޭ.. ދޮންބެ އިޒް ދަ ބެސްޓް ހަމަ ގައިމުވެސް ތިއްތި އަށްވުރެން މާ ރަނގަޅު… ނޫޅެއޭ ކިރިޔާ ކަމެއް ދިމާވާ އިރަކަށް ޒުވާބު ގަނޑެއް ފައްޓާކަށް… ތިއްތި ވިއްޔަ ތި ހުންނަނީ ޒުވާބެއް ނުފެއްޓިފަ… ދެން ހުރޭ ޖޭ ބޮކި ދިއްލިފަ…” ޒިވާ އިޔާޝްގެ ގައިގައި ބައްދާލުމުން އަޔާޝް އަށް އެކަން ހަޖަމު ނުވީ ތޯއްޗެކެވެ. ޒިވާ އާއި އިޔާޝް އާއި ދިމާލަށް ކުދި ކިޔައިގަތެވެ. ޒިވާ ވެސް ދޫކުރަން ބޭނުން ނުވުމުން އަޔާޝް އާއި އެވަރަށް ދެމީހުން ދެމީހުންނަށް އެއްޗިސް ކިޔާ ޒުވާބު ގަނޑޫ ހޫނު ކުރަން ފެއްޓިއެވެ. އިޔާޝް އަށް ކުރެވުނު ހާ ވެސް ކަމަކީ ބޯ ހޫރުވާލުމަށްފަހު އަތުގެ ޝަހާދަތް އިނގިއްޔާއި ބޮޑުވައި އިނގިލިން ދެލޮލުގެ ކަރުނަ ވަޅުގައި ހިފަހައްޓާލުމެވެ.
އީވާ އަޔާޝްގެ ކަންފަތުގައި ހިފާލުމާއި އެކު އެދެމީހުންގެ ޒުވާބަށް ކުޑަނަމަވެސް ހުއްތުމެއް އައެވެ. އީވާ ވިޝާމް އަށް ލޮލުން އިޝާރާތެއް ކުރުމުން ވިޝާމް އައިސް ޒިވާގެ އަތުގައި ހިފައިގެން އެތަނުން ދުރަށް ގެންދިޔައެވެ. އަޔާޝްގެ ރުޅިގަނޑު ހަމައަކަށް އެޅުމުން ދެންތިބި މީހުންނާއި އެކޮށް އީވާ އާއި އަޔާޝް ހިނގައި ގަތެވެ.
މިޝަލް އަށް އެތަނަށް ދެވުނީއްސުރެން ބެލެނީ މަލަކާ އަށެވެ. ކިތަނމެ ނުބަލާން ހުއްޓަސްމެއެވެ. ފާއިތުވީ ދެ ހަފަތާއެއް ހާ ދުވަހު މަލަކާ އަށް އައިސްފައި ވި ބަދަލު އޭނާ އަށް ފާހަގަ ކުރެވުނެވެ. ކުރިއަށްވުރެން މިހާ މަޑުމައިތިރި ވި ނަމަވެސް އޭރު ހުންނަ ލާނެއްތްކަން ކެނޑި މީހާ ހަރުދަނާ ފާޑު ޖަހައެވެ.ދެތިން ހަފްތާ ތެރޭ މިހަކަށް ބަދަލު އަންނާނެ ނަމަ އެހާވަރަށް ބަދަލު އަންނާނެ ކަމީ ޝައްކެއް އޮތް ކަމެއްވެސް ނޫނެވެ. މީހަކު ބުނެލާ މަދު ބަހަކަށް އެއްޗެކޭ ބުނެލި ނަމަވެސް މިހާރު ކުރިން ހުންނަ ޖޯޝެއް މަލަކާގެ ކިބައިންނެއް ނުފެނެއެވެ. އޭރުގެ މަލަކާ އާއި މިހާރު ގެ މަލަކާ ހާސްބައި ތަފާތެވެ. އިތުރަށް މަލަކާއަށް ކަޅި ނުހުއްޓުވޭތޯ މިޝަލް އިއަން އާއި އިޔާޝް އާ ވާހަކަ ދައްކަން ފެއްޓިއެވެ.
މިޝަލްގެ ނަޒަރުތަށް އޭނާއަށް ހުއްޓެމުން ދާތީ މަލަކާ އަށް ބުނެދޭން ދަތި ހިތްހަމަ ޖެހުމެއް ލިބުނެވެ. ހީކުރިގޮތާއި ޚިލާފަށް އަދިވެސް މިޝަލްގެ ހިތުގައި ވަނީ އޭނަކަން ދެނެގަނެވުނެވެ. މިޝަލް އަށް ކުދި ބަދަލު ތަކެއް އައިސްފައި ވި ނަމަވެސް އެއީ ކުރީގެ މިޝަލްކަން އޭނާ އަށް އިނގެއެވެ. ނަމަވެސް އޭނާ ޖެހިލުން ވެއެވެ. މާކިންގެ ކަޅު ހިޔަނި އޭނާގެ ދިރިއުޅުން ވަނީ އަނދިރި ކޮށްލާފައެވެ. ހިވާފަދައެވެ. އޭނާގެ ދިރިއުޅުމުގެ ހުންގާނުގައި ހިފައިގެން ކުރިއަށްދާނެ ކައްޕި އަކީ މާކިން އެވެ. މަލަކާގެ އަޒުމް ވަރުގަދައެވެ. މާކިންގެ އަތުން ހުންގާނު އަތުލާށެވެ. އޭނާ ބޭނުންވާ ގޮތަށް ހަޔާތް އާރާސްތު ކުރާށެވެ.
***
މީހުން އާންމުކޮށް ނޫޅޭ ހިސާބުގައި ހުރި ވީރާނާ ވެފައި ވީ ފަޅު ގެއެއްގެ ތެރޭގައި މަސްތުގެ ހާލަތުގައި ބަޔަކު ތިއްބެވެ. ދުނިޔޭގައި ވާއެއް ނުވާ އެއް ނޭނގޭ ހާލަތުގައި އެމީހުން ތިބީ ދަޅަތަކަށް ހެއްލިފައެވެ. ސިކުނޑި ވަނީ އެހެން ދިމާލެއްގައެވެ. އެމީހުންގެ ތެރޭގައި އިން ޝިމާން އޭނާގެ އަތުގައި އޮތް ފުޅި އާއި ވާހަކަ ދައްކަމުން ދިޔައެވެ. އަތްފައި ފުރެންދެން ރިހި ފަށް އަޅާއިފަިއ ވީއިރު ބޮލުގެ އިސްތަށިގަނޑުގެ ވެސް ދިގުމިން އިންތިހާއެވެ. މުޅި މޫނު މަތި ވަނީ އޭނާގެ އިސްތަށިގަނޑުން ފޮރުވިފައެވެ. އޭނާގެ އިސްތަށިގަނޑެކޭ ހަމުގެ ކުލައެކޭ އެއްފަދައެވެ. ލައިގެން ހުރި ކަޅު ޓީޝާޓުން މީހާ ދެލި ކޮޅަކާއި އެއްފަދަ ކުރުވައެވެ.
” އީވާ.. އަހަރެން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އީވާ ތީ އަހަރެންގެ މީހަކަށް ހަދާނަން.. އެ އަޔާޝް އަށް އެއްކަމެއް ވެސް ނުކުރެވޭނެ…”
~ނުނިމޭ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



