ސަލާމާތެއް އެބަ އޮތް ހެއްޔެވެ؟.
*މިވާހަކަ އަކީ ކިޔުންތެރިންނަށް ޢިބުރަތެއް ލިބިދޭ ކަމުދާ ވާހަކައަކަށް ވާނޭ ކަމަށް އުންމީދުކުރަމެވެ. ?
ދިވެހިންނަކީ ފިސާރި ކަންކަމަށް ފާޑު ކިޔަން ދަންނަ ބައެކެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި ވެސް މިކަންކަމާއި ދުރު މީހުން އުޅެއެވެ. ފާޑުކިޔާ މީހުން ފާޑު ކިޔާއިރު، ދެން ތިބޭ މީހުން އަޅާވެސް ނުލާނެއެވެ.
އަހަރެންނަކީ ނިކަން އަވަހަށް މީހުން ބުނާ އެއްޗެއް ސިކުނޑިއަށް ނަގާ މީހެކެވެ. ގިނަވާނީ މީހުން ބުނާ ރަނގަޅު ތަކެއްޗަށް ވުރެން މީހުން ފާޑުކިޔުމަށް ނުވަތަ ގޯސް ގޮތަކަށް ބުނާ އެއްޗިއްސެވެ. އެ މީހަކާއި ދެބަސްވުމެއް ހިނގައިފިނަމަ، އެ މީހާ މިހެން ބުންޏޭ ނުވަތަ އެހެން ބުންޏޭ އަހަރެން ބުނަމެވެ.
އެއީ އަހަރެން ގުރޭޑު ހައެއްގައި ކިޔަވަމުން ދިޔަ އަހަރެވެ. އެ ދުވަހު އަހަރެން ސުކޫލުގައި އިނދެ ކާލީ ވަރަށް ގަދައަށެވެ. “ބްރޭކް” ގަޑި ނިމި އަނެއް ގަޑީގައި އަހަރެންގެ އެކުވެރި ކުއްޖެއް ކަމަށްވާ ނަދާގެ ގާތަށް އަހަރެން ދިޔައީ އެ ގަޑީގައި ޓީޗަރެއް ނެތުމުން ވާހަކައެއް އަޅުވާލާށެވެ. ގޮސް އިށީނދެވުމުގެ ކުރިން އޭނާ އަހަރެންގެ ބަނޑުގައި ކޮއްޓާލިއެވެ. ކޮއްޓާލި ވަގުތު އަހަރެންގެ ބަނޑު ކައިގެން ހުރުމުގެ ސަބަބުން ބޮޑުވާނެއެވެ. ކޮއްޓަމުން ނަދާ ދެލޯ ބޮޑުކޮށްލުމަށްފަހު ބުނެލިއެވެ. “ލާއީ….ސުއްބޫހުލް ގުއްދޫސް..މި އޮތް ބަނޑެއް…ހާދަ ފަލައޭ ކަލޭ..”. އަހަރެން އޭނާއަށް މާނައެއް ނެތް ހިނިތުންވުމެއް ދިނީމެވެ. ނަމަވެސް އަހަރެންގެ ސިކުނޑީގައި އެކަން ބޮޑު އަކުރުން ނޯޓު ކޮށްލީމެވެ.
ދެން އެފެށުނީ ކުޅިވަރެވެ. އަހަރެން ‘ޑައިޓު’ ކުރަން ފެށީމެވެ. އެވެސް ނަމަކަށެވެ. ފޮނި އެއްޗެއްގައި ނޫނީ އަނގަ ޖެހޭ ކަމަކަށް ނުވެއެވެ. އަހަރެންގެ މަންމަ ބުނާނެއެވެ. “ނީރާ ކުރާނީ މޮޅު ޑައިޓެއް…ފޮނި އެއްޗެއްގަ ނޫނީ އަތްވެސް ނުލާނެ!”. ކެއުމުގައި ކިތަންމެ ފަރުވާ ކުޑަ ވިޔަސް އަހަރެން ކަސްރަތުކުރަން ފެށީމެވެ. ފަލަވީމަކާއެއް ނޫނެވެ. އަހަރެންގެ ހިތުން އަހަރެން ފަލަވީމައެވެ. އެވެސް އެ ނަދާ އަކާ ހެދިއެވެ.
އޭގެ ފަހުން އަދި ނަދާގެ ކަންތައް ބޮޑުވާން ފެށިއެވެ. އެކި ގޮތްގޮތުން އަހަރެން މިއީ ފަލަމީހެއް ކަމުގައި ބުނަމުންދިޔައެވެ. ވާނީވެސް އެހެންތާއެވެ. އޭނާއަކީ ހިކި ދަނޑިބުރިއެކެވެ. ގަދަ ވައެއްޖެހިއްޖިއްޔާ މީހާ ވިއްސައިގެން ދާހާ އޭނާ ހިއްކެވެ. އޭނާހާ އިންސާނަކު ހިކި ނޫނިއްޔާ އެ އިންސާނަކު އެވީ ފަލަ މީހަކަށް ހެއްޔެވެ؟. ނަމަވެސް އަހަރެން، އޭނާގެ ސަބަބުން އަހަރެންނަކީ ފަލަ މީހެއް ކަމުގައި ޤަބޫލު ކުރީމެވެ. އަހަރެން ކަސްރަތުކުރަމުން، ކަމުން ދިޔައިމެވެ. ނަމަވެސް އަހަރެން ހިކިވާކަމަކަށް ނުވިއެވެ. ވިއްޔާވެސް ވީ ފަލައެވެ. ކަސްރަތުކުރަން ފެށިފަހުން އަހަރެން ކާ ވަރު ގިނަވި ހެން ވެސް ހީވެއެވެ.
އެދުވަހަކީ އަހަރެން އަހަރެންގެ މަދަރުސާގެ ޓީމާއިއެކު މެޗެއް ކުޅުނު ދުވަހެކެވެ. ކުޅެ ނިންމުމަށްފަހު ޓީމު އެންމެން ސައި ބޯން ދާނެއެވެ. ކުޅިވަރުކުޅުމުގެ ސަބަބުން އަހަރެންހުރީ ވަރުބަލިވެގެން ގޮސް އަނެއް އަތަށް އަޅާފައެވެ. އަހަރެން އެތާހުރި ކޮންމެ ބާވަތަކުން ކެއީމެވެ. އެއްކަލަ ނަދާއަކަށް މަޑަކުން ނުހުރެވުނެވެ. އައިސް އަހަރެން ކާވަރާއި ބެހެން ފެށިއެވެ.
އެހެން ދުވަހެކެވެ. އަހަރެންނަކީ ‘ގަރލް ގައިޑް’އެކެވެ. އެދުވަހު އޮތް ބައްދަލުވުމުގައި އަހަރެން ބުއި ޕެކެޓު ޑަސްބިނަށް ލުމަށްޓަކައި އަހަރެން ހޯލުން ބޭރަށް ނުކުތީމެވެ. އެތަނުގައި ތިބި ޓީޗަރުންނަށް އަހަރެން ފެނުނީއެވެ. އެއީ އަހަރެން ގުރޭޑު ތިނެއްގައި ކިޔަވައިދިން ޓީޗަރުންނެވެ. އެތަނުން އެއް ޓީޗަރު ބުނެފިއެވެ. “ނީރާ..މިހާރު ފަލަވެއްޖެ ދޯ؟”. ވަގުތުން އަނެއް ޓީޗަރު ބުނެފިއެވެ. “އާނ ދޯ؟ ކުރިން ހުންނާނީ ހިކި ދަނޑިބުރި އެއް ހެން!”. އަޅެ މީ ދެން ކޮން ކަމައް ހެއްޔެވެ؟. އެ ދައްކަނީ ގުރޭޑު ތިނެއްގެ ވާހަކަ ވިއްޔާއެވެ. މިހާރު އަހަރެން މިހުރީ ގުރޭޑު ހައެއްގައެވެ. އިންސާނުން ތިބޭނީ އަބަދު އެއް ގޮތަކަށް ހެއްޔެވެ؟. އެހެން ވިއްޔާ މުސްކުޅިވުމުން ނުރަވެސް ޖަހައިގެން ނުވާނެއެއް ނޫން ހެއްޔެވެ؟. ކޮންމެ ގޮތެއްވިއަސް އެ ޓީޗަރުންގެ ވާހަކަ އަހާފައި އަހަރެން މާނައެއް ނެތް ހިނިތުންވުމެއް ދިނުމަށްފަހު ދެރަވާ ކަން ހާމަކުރީމެވެ. ދެވަނަ ސިކުންތުގައި އެ ޓީޗަރު ބުނެލިއެވެ. “ރީތި ވަރަކަށޭ ފަލަވީ..ހަޑިއެއް ނޫނޭ!”.
އެ ގޮތުގައި ދުވަސްތައް ވޭތުވަމުންދިޔައެވެ. އެއްބަޔަކު ފަލައޭ ބުނެފިއްޔާ އަނެއް ބަޔަކު ހިއްކޭ ބުނާނެއެވެ. ހިއްކޭ ބުނާ ކޮންމެ ފަހަރަކު އަހަރެން ދަތްޕިލަ ސޭލް އަޅުވަމެވެ.
މިކަމުން އަހަރެންނަށް ވެސް ނުވިސްނޭ ތަންކޮޅު ބުނަން ހެއްޔެވެ؟. ފަލަވުމަކުން މައްސަލައަކީ ކޮބާ ކަމެވެ. ނާ! ފަލަވެއްޖިއްޔާ އަހަރެންގެ ހަށިގަނޑަށް ގެއްލުން ވެދާނެއެވެ. ނަމަވެސް އެކަން އަހަންނަށް މައްސަލައަކަށް ވާނަމަ ފުރަތަމަވެސް އަހަރެން ދުރުވީހީ ފޮނި އެއްޗިއްސަކާ އެއް ނޫން ހެއްޔެވެ؟. ހަކުރު ބަލި ޖެހުމުގެ ކުރިން އެކަމުން ސަލާމަތް ވާނެއެއް ނޫން ހެއްޔެވެ؟. ނަމަވެސް މައްސަލައަކަށްވީ މީހުންގެ ވިސްނުމާއި އަހަރެންގެ ވިސްނުމެވެ. ދުނިޔޭގައި ގިނަ އިންސާނުންނަށް ކަމުދަނީ ހިކިކޮށް ލޫޅާފަތިކޮށް ތިބޭ މީހުންނެވެ. ހަމަ އެގޮތަށް އަހަރެންނަށް ވެސް ރީތީ ހިކިވި ވަރަކަށެވެ. ފަލަވިޔަސް ރީތި ކުދިން ތިބެއެވެ. ނަމަވެސް ހަޑީ އަހަރެމެން އިންސާނުންގެ ވިސްނުމެވެ. މިކަން އަހަންނަށް ވިސްނުނީ މާ ފަހުންނެވެ.
ދެ އަހަރު ފަސް:
އެ ދުވަސްކޮޅު އަހަރެން ކިޔަވަމުން ދިޔައީ ގުރޭޑު އަށެއް ގައިއެވެ. ފުރަތަމަ ޓާރމުގައި އަހަރެން ވަރަށް ބޮޑަށް ބަލިވިއެވެ. އެ ބަލީގައި ކާން ޖެހުނު ބޭހެއްގެ ސަބަބުން އަހަރެން ވަރަށް ހިކި ވާންފެށިއެވެ. ހިކި ކަމުން އަހަރެންގެ ގައިގައި އެހާ ބޮޑު ބަރުދަނެއް ނުހުރެއެވެ. ނަމަވެސް މީގައި މައްސަލައަކަށްވީ އަހަރެން ހިކި ވުމެއް ނޫނެވެ. މައްސަލައަކަށްވީ އަހަރެންނަށް ކުދިން ހަނގާ ކުރުމެވެ. ހިކިވި ސަބަބު އެނގޭ އިރުވެސް އެ މީހުން އެކަމެއް ހުއްޓައެއް ނުލިއެވެ. އެ ބައްޔެއް ޖެހުނު ފަހުން އަހަރެން އެހެންޏާ ނުކާ ވަރަށް ކެއީމެވެ. ނަމަވެސް ހަނގާ ކުރާ ކުދިންގެ ސަބަބުން އަހަރެން ކެއުމާ ދުރުވިއެވެ. ގިނަ ވަގުތު އިދެވެނީ އެކަމާއި ފިކުރުކުރާށެވެ. އެކަމުގެ ސަބަބުން އަހަރެންގެ ކިޔެވުމަށް ވެސް ބުރޫ އަރަން ފެށިއެވެ. ފާހާނާ ތެރޭގައި އިނދެ ރުއިމަކީ ރަނގަޅު ގޮތެއް ނޫންކަން އެނގޭ އިރުވެސް އަހަރެން ފާހަނާގައި ވަރަށް ގިނަ ވަގުތު ވަންދެން ރޮއެ ހަދަމެވެ. އަހަރެން މީހުންނާ އެކު އުޅެން ފޫހިވާ ގޮތްވިއެވެ. ކުރިން އަހަންނަކީ މީހުންނާއި އެކުވެރި ކުއްޖެކެވެ. ނަމަވެސް މިހާރު އަހަރެން ވާހަކަ ދައްކަނީ ވެސް ހަމައެކަނި މަޖުބޫރު ހާލަތްތަކުގައިއެވެ. އަހަރެންގެ ބޭބެމެންނަށް މިކަން ފާހަގަވާން ފެށިއެވެ. އެންމެ ފަހުން އަހަރެންގެ އާއިލާ އަހަރެން ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭ ޑޮކްޓަރަކަށް ދެއްކިއެވެ. ހަމަހުގެ ކުލާސްތަކެއް ނެގި އިރުވެސް އަހަންނަށް ބަދަލެއް ނައެވެ. އެންމެ ފަހުން އަހަންނަށް ޖެހުނީ ޑިޕްރެޝަނަށް ކާ ބޭސް ކަމުން އެ ކުލާސްތައް ނަގާށެވެ. އަހަންނަށް ބަދަލު އަންނަން ފެށީ އެހިސާބުންނެވެ. އޭރުވެސް އަހަރެންނަށް ހަނގާ ކުރާކުދިން އެކަން ކުރުމުން ދެރަވެއެވެ. ނަމަވެސް އެކަމާއި މާ ބޮޑަށް އަޅައެއް ނުލަމެވެ. އެގޮތުގައި އަހަރެން ހަތަރު އަހަރުވަންދެން އުޅުމަށްފަހު ބޭސް ކެއުން ހުއްޓާލީމެވެ. ޑޮކްޓަރުގެ އިރުޝާދާއިއެކުއެވެ. އަހަރެން މިހާރު ދެރައެއް ނުވަމެވެ. ނަމަވެސް އަޑު އުފުލަމެވެ.
އެދުވަހު އަހަރެން މަގުމަތީގައި ހުރީ ޓެކްސީއަކަށް މަޑުކޮށްގެނެވެ. ދަންނަ އަޑަކުން އަހަރެންނަށް ގޮވާލިހެން ހީވުން އަހަރެން ފަހަތް ބަލާލީމެވެ. ފަހަތުގައި ހުރީ އެއްކަލަ ނަދާއެވެ. “ސުއްބޫހުލް ގުއްދޫސް….ނީރާ މަންޖެ ހާދަ ހިއްކޭ…ނު ކަނީތަ؟” ކޮނޑުގައި ޖަހާލުމަށްފަހު އޭނާ ބުނެލީ ހެވިފައެވެ. އަހަރެންގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. “ހުވާތަ؟ ބޮޑު ކަމެއްނު ނަދާ؟…މަ ހިއްކަސް ފަލައަސް އެއީ ކަލެއާ ބެހޭ ކަމެއްތަ؟ މާތް ﷲ ހުރިހާ އިންސާނުން ހައްދަވާ ހުރީ އެއްގޮތަކަށްތަ؟ އެނ؟ ބަލަ އަހަރެމެންގެ އަތުގައި މިވާ ފަސް އިނގިލި އެއްވަރުތަ؟ އެނ؟…ކަލޭމެން ކަހަލަ މީހުންގެ ސަބަބުން ހާދަ ގިނަ މީހުންގެ ދިރިއުޅުމޭ ހަލާކުވަނީ؟ ކިތައް މީހުން ޑިޕްރެޝަނަށް ދަނީ؟ ކިތައް މީހުން އިންސެކިޔުއަރ ފީލްވަނީ؟ ކިތައް މީހުން ހަނގާ ކުރުމުގެ ސަބަބުން މަރުވަނީ؟ އަދިވެސް ހުއްޓާލާކައް ނުވޭތަ؟ މަ ފަލަވިޔަސް ހިކިވިޔަސް ކަމަކު ނުދޭ…ކޮބާ ސަލާމަތެއް؟” އަހަރެން ހަޅޭތްލަވައިގަތީމެވެ. އޭނާއަށް އަސަރެއް ކުރޭތޯއެވެ. އަހަރެންނަކީ މީހުންނަށް ގޯސް މީހެއްނޫނެވެ. އިންސާނެއް ވެއްޖިއްޔާ ކެތް ވާނީވެސް ވަކިވަރަކަށް ނޫން ހެއްޔެވެ؟. މިއަދު އަހަރެން ބޭނުމީ ހަނގާ ކުރުން ހުއްޓާލާށެވެ. ޑިޕްރެޝަނާއި އެންޒައިޓީ އަކީ އަސްލެއް ކަމާއި އެއީ ނުރައްކާތެރި އެއްޗެއް ކަން އެންމެން ޤަބޫލު ކުރާށެވެ. އިންސާނުން ހައްދަވާފައި ވާގޮތަށް ފާޑުކިޔުން ހުއްޓާލާށެވެ.
(ނިމުނީ)
ވާހަކަ ކަމުދިޔަ ބޭފުޅުންނަށް: ޝުކުރިއްޔާ ?
ވާހަކަ ކަމުނުދާ ބޭފުޅުންނަށް: ވާހަކަ ވިދާޅު ވީތީ ޝުކުރިއްޔާ ?
ވާހަކަ އިތުރަށް ރަނގަޅު ކުރަން ބޭނުންވާ ބޭފުޅުންނަށް: ކޮމެންޓު ކޮށްލައްވާ!
5 Comments!
Comments are closed.


Varah reethi iburayytheri vaahaka eh❤?
Keep going?
Thank you ‘Angry’ for both the compliment and the advice ☺️
Reethi adhi iburaith Teri vaahaka eh
Silsila vaahaka eh liyan feney
Vrh vrh vrh reethi vaahaka
????????????
Waiting for a new story ??
Thank you ?? Insha Allah alhuganduge silsila vaahaka eh kiyaakan libeyne. Jon kahala vaahaka eh thoa beynumy?
Depression. It’s true indeed.
Anyway thanks. ❤️❤️❤️