ވައުދޭ ވެވޭ މީ… 11
ހަވީރު ވާން ކައިރިވުމުން ޒިވާ ފެންވަރައިގެން ނުކުތުމުން ޒިވާ ތައްޔާރު ކޮށްދިނީ މާހީ މެންނެވެ. ވަރަށް ފުރިހަމައަށް އެދެމީހުން އެމީހުންގެ މަސައްކަތް ނިންމާލިއެވެ. މާހީ ގެނައި ފައިވާނަށް އަރާލާފައި ޒިވާ އޭނާގެ އިސްކޮޅަށްވުރެން ދިގުކޮށް ހުރި ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. އޭނާ ހީވަނީ ހަމަ ހޫރެއް ހެންނެވެ. އަމިއްލަ ސޫރަ ފެނުމުން ޒިވާ ލަދުން މޫނުގައި އަތް އަޅާލިއެވެ.
ވިޝާމް އެގޭ ދޮށަށް އައިސްފައި ގުޅާލުމުން ޒިވާ ބޭރަށް ނުކުތެވެ. ކަޅު ޖިންސާއި ޓީޝާޓެއްގައި ވަރަށް ނުރަސްމީކޮށް ހުރި ވިޝާމް ފެނުމުން ޒިވާ އިސްޖަހާލިއެވެ. މަޑު ހިނގުމެއްގައި ގޮސް ވިޝާމް އާއި އަރާ ހަމަކުރިއެވެ. އޭރު އޭނާގެ ހިތަށް މާބޮޑަށް އޯވާޑްރެސް ކުރެވުނީބާވައޭ އަރަމުން ދިޔައެވެ.
☆꧂ އެގާރަ ވަނަ ބައި ꧁☆
ސައިކަލު ގައި ލެނގިލައިގެން ހުރެފައި ވިޝާމް ދެޖީބަށް އަތް ޖަހާލާފައި ޒިވާއާއި ދިމާލަށް މާނަފުން ނަޒަރަކުން ބަލާލިއެވެ. ހަމަ އެއާއި އެކު މަސްތުކުރުވާފަދަ ޖާދޫވީ ބެލުމަކުން ޒިވާވެސް ވިޝާމް އާއި ދިމާލަށް ބަލާލިއެވެ. އެ ވަގުތަކީ ދެންމެ ދެންމެ ހެން ވިޝާމް ޒިވާ ގައިގައި ބައްދާލާފައި އެ ހިތުގެ ހާލު ބަޔާން ކޮށްލަދޭނެހެން ހީވި މަންޒަރެއް ނަމަވެސް…
“އަރާ ސައިކަލަށް…” “އަހަރެން ހީކުރީ ހިނގާލަން ކަމަށް ދާނީ..” “ސައިކަލު މީހަކަށް ހަވާލު ކޮށްފަ ދެން ދާން ކަމަށް..” ވިޝާމް ޒިވާ ކައިރި ސައިކަލަށް އަރަން ބުނުމުން ޒިވާ ވަރަށް ނުގޮތަކަށް ސުވާލެއް ކޮށްލިއެވެ. ވިޝާމްގެ ޖަވާބު އިވިފައި ލުއި ހުނުމަކަށް ފަހު ޒިވާ ސައިކަލު ފަހަތަށް އެރިއެވެ.
ރަށުގެ ޔޫތު ކޭމްޕު ކައިރިއަށް ސައިކަލު މަޑު ކުރުމުން ޒިވާ ވިޝާމް ކައިރިން ސައިކަލުން ފައިބަންވީތޯ ސުވާލުކޮށްލިއެވެ. ވިޝާމް އާއެކޭ ބުނެ ލަމުން ސައިކަލުން ފޭބިއެވެ. އިރުކޮޅެއް ނުވެ އެތެރެއިން ކޭމްޕްސައިޑް ތެރެއިން ނުކުމެގެން އައި ޒައްޔާން ފެނުމުން ޒިވާ ހައިރާން ވިއެއް ކަމަކު އެއްޗެއް ނުބުނެ ހުރީއެވެ.
” ކައެ މަށަށް ގުޅާ ސައިކަލު ބޭނުމިއްޔާ… ދެން ގުޑުލަކު… އެމަންޖެ ރަނގަޅަށްބަލާތި އަޔާނީވެސް މަގޭ ކައިރި ބުނީ ކައެ ކައިރި ބުނާށޯ އެހެން… ހެހެ..” ” ކައެ ދެންވެސް އަނގަ ނުތަޅާ ދޭ އަޔާނީ ގޮވައިގެން މިތަނުން..” ވިޝާމްގެ އަތުން ސައިކަލު ތަޅުދަނޑި ނަގަމުން ޒައްޔާން ވިޝާމް އާއި ދިމާކޮށްލި އެވެ. އަދި އަޔާނީ އޭނާގެ ކައިރީ ވިޝާމް ގާތު ބުނެލަދޭށޭ ބުނި ވާހަކަ ވެސް ބުނެލިއެވެ. ވިޝާމް ޒިވާއަށް އެދެމީހުން ދެމެދު ދެކެވެމުންދާ ވާހަކަ އަޑު އިވިދާނެ ކަމަށް އަވަހަށް ޒައްޔާން އެތަނުން ފޮނުވާލިއެވެ.
ޒައްޔާން ދިޔުމުން ޒިވާ ވިޝަމް އާއި އެކު ޔޫތު ބީޗް އާއި ދިމާލަށް ހިނގައިގަތެވެ. ދެމީހުންގެ ދެމެދު އެއްވެސް ވާހަކައެއް ސައިކަލު މަތީގައި ތިބިއިރު ނުދެކެވިފައި އަދި މިހާރުވެސް ދެކެވެމުން ނުދާތީ ތަނަށް ވެރިވެފައި ވަނީ މަރު ފަދަ ހިމޭންކަމެކެވެ. ޒިވާއަށް އެ ހިމޭންކަމުން އޮކްވާރޑް ގޮތެއް އިހުސާސް ވިއެވެ. ބީޗް އާއި ކައިރި ވުމުން މަޑުމަޑުން ވިޝާމް ޒިވާގެ އަތުގައި ހިފާލިއެވެ. ވިޝާމް އޭނާގެ އަތުގައި ހިފާލުމާއިއެކު ޒިވާގެ އަވަސްވެފައި ވީ ހިތުގެ ތެޅުން ދެގުނަ ވިކަހަލަ އެވެ. އަތްފައި ފިނިވެގެން ދިޔައީ އެސްފިޔަ ޖަހާލާހާ މަދު ސުކުންތު ކޮޅެއްގެ ތެރޭގައެވެ. ޒިވާއަށް މޫނުމައްޗަށް ހޫނުގަނޑެއް އަރައިގަނެގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވިގެން ދިޔައެވެ. ބަނޑުގައި ކޮކާ އުފެދިގެން ދިޔަކަހަލައެވެ.
ޒިވާގެ އަތުގައި ހިފާލާފައި ވިޝާމް ޒިވާގެ ކުރިމައްޗަށް އެރިއެވެ. ޖީބުން ނެގި ރަތް ކުލައިގެ ފޮތިކޮޅުން ޒިވާގެ ލޯމަތި ބަނދެލިއެވެ. އެއްވެސް ތަނެއް ނުފެންނަވަރަށް އެއްސުމަށް ފަހު ވިޝާމް ޒިވާގެ އަތުގައި ހިފާލާ ޒިވާ އާއި އެއްފިޔަވަޅު ދުރަށް ޖެހިލިއެވެ. ވިޝާމް ހައިރާންވީ އެޔޮށް އަނގަ ގަދަ ކުއްޖާ އެއްވެސް ބަހެއް ބުނެނުލާ މަޑުން ހުރީމައެވެ. ކެތްތެރިކަމެއްނެތި ހިމޭންނުވެގެން އުޅޭއިރު މިކަހަލަ ކަމެއްނަމަ ހުއްޓާނުލާ ސުވާލު ކުރާނެއެވެ. އެ އަތުގައި ހިފާލި އިރު ފިނިވެފައި ވުމުން ވިޝާމް އަށް ޒިވާ ނުތަނަވަސް ވެފައި ވީ މިންވަރު ނަގައި ގަނެވުނެވެ.
ޒިވާ ކައިރި ކުރިއަށް ހިނގައި ގަތުމަށް ބުނުމުން ޒިވާ ތަންދޮރު ނޭނގޭ ހާލު ކުރިއަށް ފިޔަފަޅެއް އަޅާލިއެވެ. އަރައިގެން ހުރި އުސް ފައިވާނުގެ ސަބަބުންނާއި ފައި އެޅުނީ ބިންމަތީގައި ވަޅުޖެހިފައިވި ގަލެއްގައި ކަމުން ޒިވާ އަރިއަޅާލާ ވެއްޓެން ދިޔައެވެ. އެހެންނަމަވެސް ކައިރީގައި ހުރި ވިޝާމް އެކަހަލަ ކަމަކަށް ވަރަށް ތައްޔާރު ވެފައި ހުރުމުން ހުށިޔާރުވެލާފައި ޒިވާގެ ގައިގައި ހިފަހައްޓާލިއެވެ. އެއާއިއެކު ޒިވާ އަށް ނުހުރެވުމުން ސުވާލު ގޯނި އޮށްސާލިއެވެ.
“ވިޝާމޫ..! އަހަރެން ކޮންތާކަށް ތަ ތި ގެންދަނީ…؟ އެއްބެސް ތަނެއް ނުފެނެއޭ… ކީތްވެތަ ލޯމަތީގަ ބޮޑު ފޮތިގަނޑެއް ތި އެއްސީ..؟ މީހުން ހިނގާލަން ދަނީ ލޯ ބަނދެގެންތަ..؟ އެހެން ކަމުގަ ވަނީނަމަ އަހަރެން ނުވެސް…” ވިޝާމް ޒިވާގެ އަތުން ދޫކޮށްލުމާއި އެކު ޒިވާގެ އަނގަތެރޭ އޮތް ބަސް ތާށިވިކަހަލައެވެ. ސުވާލު މާކެއްގެ ތެރޭ ހުރެ އޭނާ ވާއިގެ ތެރޭ އަތް ހޫރާލިއެވެ. އެކައްޗެއްގަވެސް އަތް ޖެހުނީކީއެއް ނޫނެވެ. ކައިރިން މީހެއްގެ ފިޔަވަޅު ތަކެއް އިވުމުން ވިޝާމް ކަމަށް ހީކޮށް އަނެއްކާވެސް އަތް ހޫރާލިއެވެ. މިފަހަރުވެސް އަތް ހޫރާލެވުނީ ވައިގެ ތެރޭގައެވެ. ހުސް އަތާއެވެ. ދުވާލު ގަޑި ނަމަވެސް އެހިތަށް ނުތަނަވަސް ކަމެއް ވެރިވިއެވެ.
” ލޯމަތިން ފޮތިކޮޅު ނަގާލަބަ… ” ދުރުން އިވުނު އަޑުން އެއްވެސް ފަސްޖެހުމެއްނެތި ޒިވާ ލޯމަތީ އޮތް ފޮތިކޮޅު ނަގާލިއެވެ. ދުރުދުރަށް ދާން ދެންވެސް ވިޝާމްގެ ޚަބަރެއް ނުވިއެވެ. އެހެންނަމަވެސް މާހައުލަށް ބަލާލެވުމުން ޒިވާގެ ދެލޯ ފެންކަޅިވިއެވެ. އެތަން ތައްޔާރު ކުރެވިފައި ވީލެއް ފުރިހަމަ ކަމުންނެވެ. އެއަށްވުރެން ބޮޑަށް އެ ލޮލުގައި އަޅައިގަތީ ގަސް ގަހުގެ ގޮފިތަކުން ކަންވާރު ކޮޅުގެ އެހީގައި އެލުވާފައި ހުރި ރަތާއި ހުދާއި ފިޔާތޮށި ކުލައިގެ ކަރުދާހުގައި ލެމިނޭޓް ކުރެވިފައި ވީ ހިތް ތަކެވެ. އޭގެން އެކަތީގައި އަތް ޖައްސާލުމާއި އެކު ޒިވާ އަށް އޭގައި ލިޔެފައި އިން އެތި ކޮޅު ފެނުނެވެ.
~ ވައުދޭ ވެވޭ މީ…
ލޯބިވާ މިތުރާ ޔާރާ… ~
މަޑު މަޑުން ޒިވާ އެ އިބާރާތް ކޮޅު ކިޔާލިއެވެ. ކުޑަކޮށް ހިނި އައި ނަމަވެސް ޒިވާ ދެން އިން ހިތް ބަލާލިއެވެ. އޭގާއިވެސް ހަމަ އެފަދައިން އެހެން އެއްޗެއް ލިޔެފައި ވިއެވެ.
~ ހެކިކޮށް އުޑާ ބިން ބުނަމޭ…
ނޭވާ ހިނގާ ހާ ހިދަކު… ~
އެޔާއި އެކު ޒިވާ އަށް ހަނދާން ވީ ކުރީގެ ލަވައެކެވެ. އެއީ އޭނަ ވަރަށް ގިނައިން އަޑު އަހާ އުޅުނު ލަވައަކަށް ވުމުން މާކަށް ގިނައިރެއް ނުވެ ނަގައި ގަނެވުނެވެ. ދެން ހުރި ހިތް ތަށް ބަލައި ލުމާއި އެކު ޒިވާއަށް އެ ހިތްތަކުގައި ވެސް އެ ލަވައިގެ ލިރިކްސް އިން ތަންކޮޅެއް ލިޔެވިފައި ވީ ކަން ފާހަގަ ވިއެވެ.
~ ބަދަލެއް އުނިކަމެއް،
ލޮތްބަކަށް ނާންނާނެޔޭ… ~
~ ވައުދޭ ވެވޭ މީ…
ލޯބިވާ މިތުރާ ޔާރާ… ~
ޒިވާ ކުރިއަށް ބަލައި ލުމާއި އެކު އެތާނގައި ބެހެއްޓިފައި ވީ ކޭކު ފެނުނެވެ. ޗޮކްލެޓް ކޭކެއްގައި ރަތް ފިނިފެންމާ ތަކެއް ހަރު ކުރެވިފައި ވީ އިރު ފޭޑު ވެގެން ދާ ފަދައިން ފިނިފެން ބާ ފިޔަ ތަކާއި ރަތް ހިތް ތަކެއް ވިއެވެ. ކަޅު އައިސިންގ އިން ‘ބީ މައިން’ ޖަހާފައި ވެއެވެ. ވީ އުފަލެއްގެ ބޮޑު ކަމުން ޒިވާ އަށް އަނގަ މަތީ އަތް އަޅާ ލެވުނެވެ.
ފަހަތް ބަލާލީ ކައިރި ހިސާބަކުން ވިޝާމް ފެންނަން ހުރިތޯ ބެލުމަށެވެ. އެހެންނަމަވެސް ދެންވެސް އޭނާ ހައިރާން ވި އެނބުރިލީ އިރު އޭނާގެ ފަހަތުގައި އެއްފައި މައްޗަށް އިށީންދެ އިން ވިޝާމް ފެނުމުންވެ. އޭނާގެ އަތް ދިއްކޮށްގެން އިން އިރު އެ ކޭކު ގައި ވި ސުވާލުގެ ޖަވާބަށް އެ އަތުގައި ހިފާށޭ ބުނާ ކަހަލައެވެ. އެއްވެސް ލަސް ކުރުމެއް ނެތި ކަރުނަ ވީ ލޮލަކާއި އެކު ޒިވާ ބޯ ޖަހާލިއެވެ. ވިޝާމްގެ އަތް މަތި އޭނާގެ އަތް ބާއްވާލިއެވެ. އެ އަތުން ދުވަހަކުވެސް ދުލެއް ނުކުރާނަމޭ ބުނާ ފަދައަކުން ވިޝާމް ޒިވާގެ އަތަށް ތަދުނުވާނޭހެން ފިއްތާލިއެވެ.
ވިޝާމް އޭނާގެ ޖިންސު ޖީބުން ނެގި އަންގޮއްޓި ޒިވާގެ އަތުގެ ކަށި އިނގިލީގައި އަޅުވާލާ އެ އަތްތިލައަށް ބޮސް ދިނެވެ. އަދި ތެދުވެ ކުއްލި ހަރަކާތަކާއި އެކު ޒިވާ އެ ދެއަތުގެ ތެރޭ ފޮރުވާލިއެވެ. ހަރަކާތެއް ކުރަން ނޭގިފައި ހރި ޒިވާވެސް ވިޝާމްގެ ބިޔަ ހަށިގަނޑުގައި އޭނާގެ ދެއަތް ވަށާލިއެވެ. އެ ރިތް ޖަންބަކަށް ވެފައި ވީ މޫނު ވިޝާމްގެ މޭތެރެއަށް ލާ ފޮރުވާލިއެވެ. އެހެން ދެމީހުންވެސް އެކަކު އަނެކަކުގެ އަތުތެރޭ އެތަކެއް އިރެއް ވަންދެން ތިއްބެވެ.
ވިޝާމް އިސްވެ ޒިވާގެ އަތުގައި ހިފާލައިގެން އެ ކޭކު ފަޅާލިއެވެ. ލޮތްބާއި އެކު ޒިވާގެ އަނގަޔަށް ކޭކު ކޮޅެއް ވިޝާމް ލިއެވެ. ޒިވާވެސް ވިޝާމް އޭނާއަށް ދިން ކޭކު ކޮޅު ވިޝާމްގެ އަތުން އަތުލާ ވިޝާމްގެ އަނގަޔަށް ލެވިއެވެ. ދެމިހުން އެކުގައި ލޯބީގެ ވަގުތުތަށް ހޭދަކުރަމުން ދިޔައެވެ. އެކި ވައުދާ އަހުދާ ހުވާ ތަކެއް ކުރެވިގެން ދިޔައެވެ. އެކި އެކި ސަމާސަ ކޮށް އެމީހުން އެކަކު އަނެކަކުގެ ހިތް ހަލާކު ނުކޮށް އެކުގައި ނިމިގެން ދިޔުމަށް އެއްބަސް ވިއެވެ. އެކަމަށް އެއްބަސް ވިޔަސް ތަޤްދީރުގައި ކަން ދިމާވާ ގޮތް އިނގޭނީ ފަހެ ކާކަށް ހެއްޔެވެ.
އިރު އޮށްސެން ކައިރި ވުމުން ދެމީހުން ގޮނޑު ދޮށުން ދެއަތް ގުޅުވަލައިގެން ހިނގާލާފައި ދިޔައެވެ. ރަތް ރީނދޫ އޮރެންޖު ދަޅަ ތަކުގެ ތެރެއިން އެ ދެމީހުން ދުރުން ފެންނަ ގޮތް ވަރަށް ފުރިހަމައެވެ. ކަޅު ކުލައިން ފެންނައިރު އެ ދެމީހުން ދިޔައީ އުފާވެރިކަމާއި އެކު ގޮނޑުދޮށަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ދޫކުރަމުންނެވެ.
ހަޔާތުގައި އެކި މީހުން ކުރިމަތި ލާނީ އެކި ކަންކަމާއި އެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެ އޭ ބުނާފަދައިންނެވެ. އެކިމީހުން ބަހާރު މުސުމުގެ އުފާވެރި ދުވާސްތަކާއި ކުރިމަތިލާ ހިނދު އަނެއްބައި މީހުން ޚަރިފު މޫސުމުގެ ހިތި، ކަޅު އަނދިރި ދުވަސް ތަކާއި އެވެ. ދުނި އޭތި ހިނގާ ތޮށަލި ދުޅައަށް އެއްވެސް ހުއްޓުމެއްނެތި ހިނގަމުން ދަނީއެވެ. ތަޤުދީރު ކަންދިމާ ކުރާ ގޮތް ގޮތަށް އެތަށް ބައެއްގެ ދިރިޢުޅުން ބަދަލުވެގެން ދެއެވެ. ވަގުތީ ގޮތް ގޮތަށާއި ދާއިމީ ގޮތްގޮތަށެވެ.
އެންދުގައި ނިދަން އޮތް މިޝަލްގެ ހިޔާލުތަށް ގުޅިފައި ވި މަލަކާއާއި އެވެ. އެ ލޯބި މޫނުކޮޅު އެންމެ ފަހު ވަގުތު ފެނުނު އިރު ހުރި ގޮތުން އޭނާގެ ހިތަށް ކިތަންމެ ތަދު ވިޔަސް އޭނާ ކެތް ކުރާނެ އެވެ. ކުރިއަށް އޮތް ތާނގަވެސް އެއީ އޭނާއަށް ހަމައެކަނި ކުރެވެން އޮތް ކަމަށް ވީތީއެވެ. ﷲ ގެ އިރާދަ ފުޅުން އޭނާ ކޮންމެ ނަމާދަކަށް ފަހު މަލަކާ ހެޔޮ ހާލުގައި ލެއްވުން އެދި ދުއާ ކުރެ އެވެ. އޭނާ އާއި ދުރުގައި ވިޔަސް މަލަކާ އުފަލުގައި ވުމަށް އެދިއެވެ. މާކިން ކިތަންމެ އަނިޔާވެރިވިޔަސް އެ އަނިޔާތަކުގެ ޝިކާރައަކަށް މަލަކާ ނުވުމަށް އެދިއެވެ.
އެއްދުވަހުން ނަމަވެސް އޭނާ ކައިރިއަށް މަލަކާ އެނބުރި އައުމަށެވެ. ފޮނި ހުވަފެން ތަކެއް އެކުގައި ދެކިފައި ދެމިހުންގެ ގުޅުން އެގޮތަށް ނިމިގެން ދިޔުމުން މިޝަލްއަށް އަސަރު ކުރިއެވެ. މާހީ އާއި އެކުވެރިން ކުރިމަތި ޕްލާސްޓިކް ހިނިތުންވުމެއް ދައްކައިގެން އުލުނަސް އޭނާގެ ކައިރީގައި މަލަކާ ނެތުމުން އޭނާގެ އެއްފަޅި ނެތްފަދައެވެ. ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް އެ މޫނު މަތިގައި ވި ފޭކު ހިނިތުންވުން އެކަކަށްވެސް މިޝަލް ކުރަމުން ދާ ހިތާމަ ނުފޮރުވެއެވެ.
ކުޑަދޮރު ކައިރީ ތައިލޭންޑުގެ މަގުތަކަށް ނަޒަރު ހުއްޓާލައިގެން ހުރި މަލަކާ އަށް ވިސްނެމުން ދިޔައީ އޭނާ މިޝަލް އާއި އޭނާގެ ގުޅުމާއި ދެމެދު ނެގި ނިންމުމާއި މެދުއެވެ. އެ ނިންމުމަށް ފަހު އޭނާއަށް ކޮންމެ ދުވަހަކުހެން ހީވެފައި ވާ ގޮތުގައި މިޝަލް އޭނާ ދެކެ ފޫހި ވާނެއެވެ. ރުޅި އަންނާނެ އެވެ. ނޫނީ އޭނާ އަށް ނަފްރަތު ކުރާނެއެވެ. އެހެންނަމަވެސް މަލަކާ އަށް ނޭގުނަސް މިޝަލްގެ ހާލަކީ އޭގެ އިދިކޮޅެވެ.
ފާއިތުވެގެންދާ ކޮންމެ ދުވަހަކީ މިޝަލް އަށް މަލަކާ އާއި ދޭތެރޭ އެ ހިތުގައި ވި ލޯބި އެއްވެސް އުނިކަމެއްނެތި އިތުރު ވާ ދުވަހެކެވެ. އެ ލޯބި ހެދި އިތުރުވެ ކުރިފަޅާ ދަނީއެވެ. އެ ލޮތްބަކީ މިޝަލް ގެ ހިތުގައި މަލަކާ އާއި މެދު އޭނާގެ އެއްވެސް އިޚްތިޔާރެއްނެތި އުފެދުނު ތެދުވެރި ލޮތްބެކެވެ. ސާފު ތެދުވެރި އެއްވެސް ބަދަލެއް ނުވާނޭ އެއްވެސް ގޮތަކުން އުނި ނުވާނޭހެން އުފެދި ހެދި އިތުރުވަމުން ދާ ލޮތްބެކެވެ. މަލަކާ އަށްޓަކައި ޖާނާ މާލުން ގުރުބާން ވާންވެސް މިޝާލް ހުރީ ތައްޔާރަށެވެ. އެއްވެސް ފަސްޖެހުމެއް ނެތި އެވެ.
މަލަކާ އަށް އެހިތުގައި މިޝަލް އަށް ދެވިފައި ވީ މަގާމް އާއި މިޝަލްގެ ސޫރަ އަދި އެ ނަންވެސް ހިތާއި ސިކުނޑިން ފޮހެލުން ވީ ދަތި ކަމަކަށެވެ. އުމުރުގައި ވި އެންމެ ފުރަތަމަ އަދި އެންމެ ފަހުން ވެވުނު ލޯބި މަދު ދުވަސްކޮޅަކަށް ލިބުނު ކަމުގައި ވިޔަސް އޭނާއަށް މިޝަލް އާއި ނުލާ އުޅުން ވި ދަތި ކަމަކަށެވެ. ބުނެ އުޅެ އެއްނޫން ހެއްޔެވެ. އިންސާނާގެ ހިތަކި ދުވަހަކުވެސް ފުރޭނޭ އެއްޗެއް ނޫނެވެ. ކިތަންމެ ވަރަކަށް އެކަށްޗެއް ލިބުނަކަސް އިންސާނާގެ ހިތް އެއަށްވުރެން އިތުރަށް އެޔަށްވުރެން ގިނައިން ބޭނުން ވެއެވެ. މިޝަލްއެކޭ އެއްފަދައިން މަލަކާގެވެސް ދުއާ އަކީ މިޝަލް އާއި އެކީ ކޮންމެވެސް އެއްދުވަހަކުން ވުމެވެ.
ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފުހެލުމަށްފަހު ހިތުގައި އާ އުންމީދުގެ ހުޅުގަނޑެއް ރޯކޮށްލިއެވެ. އެއީ އެކަން ހާސިލް ވުމުން ނޫނި ނުނިވޭނޭ ހުޅުގަނޑެއް ކަމަށްވެސް ވެދާނެއެވެ. ނާކާމިޔާބި އަކީ މިހާރު މަލަކާގެ ބަސްފޮތުގައި ހިމެނޭނެ ބަހެއް ނޫނެވެ.
މުޅިން އާ ދިރިއުޅުމަކާއިގެން ކުރިއަށް ދާން މަލަކާ އަޒުމު އާކޮށްލިއެވެ. ހިތުގައި އެތަށް ކަމެއް ރާވާލިއެވެ. މާކިންގެ ރުހުން ހޯދާ މިޝަލް އާއި އެކީ އާ ހަޔާތެއްގެ ބިންގާ އަޅާށެވެ. އެންމެ ފުރަތަމަ ކަމަކަށްވެސް ކުރެވެން އޮތީ މާކިންގެ އުޅުން ބަދަލު ކުރުމެވެ. މަންމަ ނެތި ދިޔަޔަސް ބައްޕަގެ ހުރިހާ ކަމެއްގެ ޒިންމާ އާއި އާއިލާގެ ހުރިހާ ކަމެއް އޭނާ ކުރާނެއެވެ.
މިހުރިހާ ކަމަކާއިވެސް މަލަކާ ކުރިމަތި ލާނީ ކެރިގެންނެވެ. ހިތްވަރާއި އެކު އެވެ. ވެއްޓިއްޖެއްޔާ އެ ވެއްޓުނު ބާރުމިނުގައި ތެދުވާނެއެވެ. އެޔަށްވުރެން ގަދަ ކޮންނެވެ.
މިޝަލްވެސް މަލަކާގެ އިންތިޒާރުގައި އުމުރުގައި ބާކީ އޮތް ދުވަސްތަށް ވޭތު ނުކުރާން ނިންމިއެވެ. މަލަކާ އެދިގެން އޭނާގެ ކައިރިއަށް އެނބުރި އަންނަންދެން އޭނާ ތެދުވެރި ކަންމަތީ ދެމި ހުންނާނެއެވެ. އެމުރު ހުސްވިޔަސް ހެވެވެ.
~ ތިން ދުވަސް ފަސް ~
” އޭ އަހަރުން މި އަރަނީ ލޯންޗަށް، ދެން ދާ ގޮތަށް ދާނީ ރަށަށް.. ގާޑިޔަލެއް ހިފައިގެން އަންނާތި ވަރަށް ބަރުކޮށް މި އުޅެނީ… ދެވޭނެ އެއްނުން، ހަތަރުގަޑި ބައިގަ ފެރީ ފުރާނީ، ދެން ދެވޭނެ އެއްނުން ފަހެއް ޖަހަން ވާއިރަށް… ހަނދާންކޮށް އަންނާތި އަހަރުން ބަލާ…” ފޯނުން މާލޭގެ ހަލަބޮލި މަގުން ހިނގާފައި ދިޔަ އީވާގެ ކަންފަތުގައި ޖަހާފައި ވީ ފޯނުން އޭނާ ވާހަކަ ދައްކަމުން ދިޔައީ އަޔާނީ އާއި އެވެ. ހަފްތާއެއް ހާ ދުވަހު ތައިލޭންޑްގައި މަޑު ކުރުމަށް ފަހު އީވާމެން އަލުން އަނބުރާ ރާއްޖެ އައީ މިއަދު އެވެ.
އީވާ އާއި އެއްވަރަށް ހިނގަމުން ދިޔަ އަޔާޝްވެސް ދިޔައީ ފޯނުން ކޮންމެވެސް މީހަކަށް ގުޅައިގެން ވާހަކަ ދައްކަމުންނެވެ. ދެމީހުން ދެ ކަމެއްގައި ތިބި ނަމަވެސް އެ ދެމެދުގައި ވި ލޯބި ހާމަކޮށްދެނީ ޖޯޑުކޮށްލެވިފައި ވީ ދެ އަތެވެ. ހިނގާފައި ދިޔަ އިރުވެސް އެ ދެއަތް ނުނެއްޓެއެވެ. ފަހަތުން ހިނގާފައި އައި މަލަކާ އާއި މާކިންގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. މަންމަ ވަކިވެދިޔުމުގެ ހިތާމައިގައި މާކިންގެ އުޅުމަށްވެސް ކުދި ކުދި ބަދަލު ތަކެއް އައި ނަމަވެސް އެއްކޮށް އޭނާގެ އުޅުމެއް ބަދަލެއް ނުވެއެވެ. މަލަކާ އާއި މާކިންގެ ބައްޕަ ރިޔާޒް ވިޔަފާރީގެ ކަމަކު ކެނެޑާގެ ކޫބެކަށް ވަނީ ދެދުވަސް ކުރިން ފުރާފައެވެ.
…
“ޒައްޔާން..!! އަވަސް ކޮށްބަލާ… އީވާމެން އަންނަ ގަޑި ޖެހެނީ އޭ… އޭނަ ރުޅި އަންނާނެ އިނގޭ އެމީހުން އަންނަންވާއިރަށް ބަނދަރަށް ނުގޮއްސިއްޔާ.. އަހަރެން ބުނާނަން ލަސްވީ ޔާން އާއި ހެދި އޭ… އަހަރެން މިތާ އިންނަތާ ކޮން އިރެއްތަ؟ އަންހެނަކަށްވުރެން ތަތޭ… ” ޒައްޔާންގެ ކޮޓަރި ތެރޭ ހިނގަ ހިނގާ ފޫހިވެގެން އެނދުގައި އިށީންނަމުން ލޯގަނޑު ކައިރި ހުރެ ފަރިބަލަމުން ދިޔަ ޒައްޔާން އާއި ދިމާލަށް އަޔާނީ އެއްޗިސް ގޮވައި ގަތެވެ. އޭނާ ހަތަރެއް ނުޖަހަނީސް އެގެއަށް ދިޔައީ ޒައްޔާން އާއި އެކީ ހިނގާލަން ދާން ކަމަށެވެ. އީވާ ގުޅާފައި އެމީހުން ބަލާ އަންނަން ބުނުމުން ޚިޔާލު ބަދަލު ވީ އެވެ. އަޔާނީ ބުނި އެއްޗަކަށް އަޅައި ލުމެއްވެސް ނެތި ޒައްޔާން ހަމަ އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައީއެވެ.
“… ހެޔޮ މަ މިދަނީ.. ހަތަރުގަޑި ފަންސާސްވަނީ، ސާޅީސް ހަތެއް ހިނގީ…!!! ” ފުން ނޭވާ އެއް ލުމަށްފަހު ފޯނުން ގަޑި ބަލާލާފައި ފޯނު ޖީބަށް ލަމުން އަޔާނީ ތެދުވެގެން ދޮރާއި ދިމާލަށް ހިނގައި ގަތެވެ. ހަރު ފިޔަވަޅު ތަކެއްގައި ދޮރާއި ދިމާލަށް ދިޔަ ނަމަވެސް އެ ފިޔަވަޅު ތަކަށް މަޑުޖެހުމެއް އައީ ޒައްޔާން އޭނާގެ އަތުގައި ހިފާ ލުއްކެއް ޖަހާލުމުންނެވެ. ދަގައްޕާނު ދަމާ ބާރަށް ދަމާފައި ގޮސް ދަގަނޑުގައި ޖެހޭފަދައިން އަޔާނީ ގޮސް ލައްވީ ޒައްޔާންގެ ތަނަވަސް މެއަށެވެ.
ޖަހާފައިވީ ފިރިހެން ސެންޓުގެ ވަހުން ވިސްނަންހުރި ހުރިހާ ކަމެއް ހަނދާނުން ކައްސާލައިގެން ދިޔައެވެ. އެތެރެއަށް ނޭވާ ދަމާލާފައި އަޔާނީ ވަސް ބަލާލިއެވެ. އިސްއުފުލައި ޒައްޔާންގެ މޫނަށް ބަލާލި ހިނދު އަޔާނީގެ މޫނު ރަތް ޓޮމާޓޯ އަކަށް ވިފަދައެވެ. ޒައްޔާންގެ ތޫނު ނަޒަރު އޭނާގެ މޫނަށް އަމާޒުވެފައި ހުރުމުންނެވެ. ގަތްލަދުން އަނެއްކާވެސް އަޔާނި ޒައްޔާންގެ މޭތެރޭގައި އެ މޫނު ފޮރުވާލިއެވެ. އަދި އެ ބިޔަ ފިރިހެންވަންތަ ހަށިގަނޑުގައި އޭނާގެ ދެ އަތް ވަށާލިއެވެ. ޒައްޔާންވެސް އަޔާނީގެ ލޫޅާފަތި ހަށިގަނޑުގައި ދެއަތް ވަށާލާ އަޔާނީގެ އިސްތަށިގަނޑަށް ބޮސްދިނެވެ. ނުހަނު ލޮތްބާއި އެކުއެވެ.
ރިންގުވެގެން ދިޔަ ފޯނުގެ އަދަށް ދެމީހުންނަށް ދުރުވެވުނު ގޮތްވެސް ނޭނގެއެވެ. އަޔާނީ އޭނާގެ ޖީބުގައި އޮތް ފޯނު ނަގާ ގުޅަނީ ކާކު ތޯ ބަލާލިއެވެ. އީވާގެ ނަން ފެނުމުން އަޔާނީ އަށް ވީ ގޮތްވެސް ނޭނގުނެވެ. އަވަސް އަވަހަށް ޒައްޔާން އާއި ދުރުވެލާފައި އެކޮޓަރިން ނުކުމެގެން ހިނގައިގަތެވެ. ޒައްޔާން ދެފަރާތަށް ބޯ ހޫރުވާލާފައި މޭޒުމަތީ އޮތް ސައިކަލު ތަޅުދަނޑި ހިފައިގެން ނުކުތެވެ. އޭރު އެ މޫނުމަތީގައި ވީ ފަތަހައިގެ ފުން ހިނިތުންވުމެކެވެ. ސައިކަލުގައި އަޔާނީ އާއި އެއްވަރުކޮށްލާފައި ޒައްޔާން އަޔާނީ ކައިރީ ސައިކަލަށް އެރުމަށް ބުންޏެވެ. އެއްވެސް ފަސްޖެހުމެއް ނެތި އަޔާނީ ސައިކަލަށް އަރާ ހަމަޖެހިލިއެވެ.
ވާޓަރު ކައިރިއަށް ސައިކަލު ޕާކުކޮށްލުމަށްފަހު އަޔާނީ އާއި ޒައްޔާން ދެމީހުންގެ އަތް ޖޯޑުކޮށްލައިގެން އީވާ މެންނާއި ދިމާލަށް ހިނގައިގަތެވެ. ދުރުން އަންނަމުންދިޔަ ދެމީހުން ފެނުމުން އީވާއަށް ދެލޯ ބޮޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ފެނުނު މަންޒަރުންވެސް ވާނީ އެހެންނެއް ނޫން ހެއްޔެވެ. އެއްފަހަރު ދެމީހުންގެ މޫނަށް ބަލާލައިފައި އެ ދެމީހުންގެ ގުޅުވާލެވިފައިވި ދެ އަތަށް ބަލާލިއެވެ. އަޔާޝް އަށްވެސް ހުރެވުނީ ބުނަންވީ ބަސް ވެސް ހަނދާން ނެތިފައި އަނގަ ހުޅުވާލައިގެންނެވެ.
~ނުނިމޭ~
އެޕިލޮގް
ޒައްޔާން ގުޅާލުމާއިއެކު އަޔާނި ގެއިން ބޭރަށް ނުކުތެވެ. ކަޅު ކުލައާއި ގަދަ މެރޫން ކުލައެއްގެ ގަމީހަކާއި ކަޅު ޖިންސެއްގައި އެ ގަދަ މެރޫންކުލައަކަށް ދާ އިސްތަށިގަނޑު އައްސާލާފައި ހުރުމުން ސާދާ ކަމަށް ދައްކައެވެ. ލާފައިވި އެއްޗިސް އެ ހަށިގަނޑާއި ވަރަށް ގުޅެއެވެ. މަޑު ހިނގުމެއްގައި އައިސް ޒައްޔާން އާއި އަރާ ހަމަވެފައި ދާން ހިނގާށޭ ބުނެލިއެވެ.
ވިޝާމް ޒިވާ އަށް ލޯބި ހުށައަޅަން ތަން ތައްޔާރު ކުރަން އެދެމީހުންގެ އެހީ ބޭނުންވާކަމަށް ބުނުމުން އެދެމީހުން އެއްވެސް ފަސްޖެހުމަކާއި ނުލައި އެއްބަސްވީ ވިޝާމް ވަނީ ޒައްޔާން އަށް އެ ހިތުގެ ހާލު އަންގާފައި ކަމަށް ވުމުންނާއި އަޔާނީ އަށް ޒިވާގެ ހިތުގައި ވިޝާމް އަށްޓަކައިވި ލޯބި އެނގިފައި ވުމުންނެވެ.
ތަން ތައްޔާރު ކުރުމުގައި އަވަނެތި ޒައްޔާން އާއި އަޔާނީ އުޅެމުން ދިޔައެވެ. ސައިކަލުގައި ވަރަށް ބާރު ސްޕީޑެއްގައި އައި ވިޝާމް އޭނާގެ އަތުގައި އޮތް ކޭކު ހަވާލު ކުރީ ޒައްޔާން އަށެވެ. އަދި އެވަގުތު ކޮޅު ތެރޭވެސް މަސައްކަތް ކޮށްފައިވީލެއް ފުރިހަމަ ކަމުން އެދެމީހުންނަށް ވިޝާމް ޝުކުރު އަދާކުރީ ހިތުގެ ފުންމިނުންނެވެ. ވިޝާމް ގަޑިއަށް ބަލާލާފައި ވަރަށް އަވަހަށް ދާންޖެހިއްޖެ ކަމަށްބުނެ އެތަނުން އަވަހަށް ދިޔައެވެ. ޒައްޔާން އެ ކޭކު ހިފައިގެން ގޮސް ފޮށިގަނޑުން ނަގާފައި އެދެމީހުން ތައްޔާރުކުރި މޭޒުމަތީ ވަރަށް ފަރުވާތެރިކަމާއި އެކު ބެހެއްޓިއެވެ. އަޔާނީވެސް ފުން ނޭވާއެއް ދޫކޮށްލީ އެ ކޭކަށް އެއްވެސް ގޮތެއް ނުވުމުންނެވެ. އަލުން އަނބުރާ މަސައްކަތަށް ނުދެވެނީސް ޒައްޔާން އޭނާއަށް ގޮވާފައި ވިޝާމްގެނައި ކޭކު ދައްކާލިއެވެ.
” އަޔާނީ… (ލޮލުގެ އިށާރާތުން ކޭކު ދައްކާލުން) ” ޒައްޔާން ކުރަމުން ދިޔަ އިޝާރާތްތަކުން އަޔާނީ އަށް ހީވީ އެ ކޭކުގައި އެއްވެސް މިސްޓޭކެއް ވި ކަމަށެވެ. ނޫނީ ކޭކު ބެހެއްޓިއިރު އެއަށް ކަމެއް ވީ ކަމަށެވެ. ދުވެފައި ކަހަލަ ގޮތަކަށް އެދިމާލަށް ދެވުނީ އެހެންވެއެވެ. އެހެންނަމަވެސް އެ ކޭކަށް ގޮތެއްވެފައި ނެތުމުން އަޔާނީ ޒައްޔާން އާއި ދިމާލަށް ބަލާލިއެވެ. އެމޫނުމަތިން ފެންނަ ޝުއޫރުތަކުން ހީވަނީ ޒައްޔާންއާއި ސުވާލުކުރާހެންނެވެ.
އަނެއްކާވެސް ބަހެއް ބުނުމެއްނެތި އަޔާނީ އަށް ޒައްޔާން އެ ކޭކު ދައްކާލިއެވެ. ލާނެއް ހިނިތުންވުމެއް ޒައްޔާންގެ ތުންފަތް މަތީގައި ކުޅެލީ އަޔާނީ އާއި ކުރެވެން އުޅޭ ސަމާސާގެ ބޮޑު ކަމުންނެވެ. އަޔާނީ އެ ކޭކުގައި ވީ އެތި ކިޔާލިއެވެ. އޭގައި އެއްޗެއް އުނިވި ކަމަށް ހިތާއެވެ.
” އައި ލަވް ޔޫ.. ބީ މައިން…!!” މަޑުމަޑުން އަޔާނީގެ ދެތުންފަތް ފޫއަޅުވާލާފައި ނުކުތެވެ. ދެން އަނެއްކާވެސް ޒައްޔާން އާއި ދިމާލަށް ބަލާލިހިނދު ދެލޯ ބޮޑުވީ ޒައްޔާން އޭނާ އާއި ދިމާލަށް އެއްއަތް ދިއްކޮށްގެން އެއްފައި މައްޗަށް ތިރިވެ އިނުމުންނެވެ.
” އައި ލަވް ޔޫ އަޔާނީ.. އަހަރެން އަޔާނީ ދެކެ ވަރަށް ލޯބިވޭ… އަޔާނީ އަހަރެންގެ ހައްގަކަށް ވާނަންތަ؟….” މާ ރޮމޭންޓިކް ކޮށް ނޫންނަމަވެސް އަޔާނީއަށް އެބަސްކޮޅުތަކުން ހީވީ މުޅި ދުނިޔެ ރަންވި ހެންނެވެ.
“މީ ސަމާސާ އެއް ނޫން ދޯ…؟” ” އެކީތްވެ ސަމާސާ އަކށް ވާން ވީ..؟ އަހަރެން އަޔާނީ ދެކެ ވަރަށް ލޯބިވޭ މީ އަހަރެން ކުރާ ސަމާސާ އެއް ނޫން އަހަރެން ބޭނުންވަނީ އަހަރެންގެ ހައްގަކަށް އަޔާނީ ވުން… އެހެންވިމަ އަހަރެން އަނެއްކާވެސް މި އަހަނީ އަޔާނީ، ވިލް ޔޫ ބީ މައި ގާލްފްރެންޑް..؟ ” އަޔާނީ ކުރި ސުވާލުގެ ޖަވާބަކަށް ޒައްޔަނވެސް ކޮށްލީ ސުވާލެކެވެ އަދި އެއަށްފަހު އޭގެ ޖަވާބު ދިނެވެ. ވަގުތުން ބޯޖަހާލާފައި ޒައްޔާންގެ އަތްމަތި އޭނާގެ އަތް ބާއްވާލިއެވެ. މިފަދަ ގޮތަކަށް އެދެމީހުންގެ ލަވްސްޓޯރީގެ ފެށުން ފެށިގެން ދާނެ ކަމަކަށް އަޔާނީ ހިޔެއް ނުކުރެއެވެ.
ދެމީހުން އެކަކު އަނެކަކުގެ ގައިގައި ބައްދާލިއެވެ. ދެމީހުންނަށްވެސް ކުރެވެމުން ދިޔައީ ބަޔާންކުރަން ދަތި އިހުސާސެކެވެ.
…
މިބައި ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން… ލަސްވިކަމަށްޓަކައި މާފަށް އެދެން… އިންޝާ ﷲ ދެން އޮތްބައި އަވަހަށް އަޕް ކުރެވޭތޯ ބަލާނަން…. އެޕިސޯޑްތަށް ދިގު ކުރަމުން މި ގެންދަނީ ކިޔުންތެރިން އެކަމަށް ރިކުއެސްޓް ކޮށްފައި ވުމުން އެހެން ކަމުން ވާހަކަ އަޕްކުރެވޭލެއް ލަސްވެދާނެ އެހެންނަމަވެސް ވިހާވެސް އަވަހަށް އަޕްކުރެވޭތޯ ބަލާނަން…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.




Finally up vejje dhww…
if you guys like this part pls leave a comment down below..
if you have anything for me to improve pls tell me so i will try and make it up to you
Wow varah reethi
thank you Elly …
happy cux you liked itttt
keep waitting for the next parttt…