Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ދައްތަ

Ameenath Janna Level 1
April 27, 2022 3 Mins Read
2 Comments

ރަށުގެ ހިމުން ދޮންވެލިގަނޑުގައި ފައިތިލަ ބީއްސައިލެވުމުން, ހިތަށް ކުރެވުނީ އާދަޔާހިލާފު އިހުސާސެކެވެ. އަށް އަހަރު ފަަހުން, ރަށަށް އާދެވުމުން ފެނުނީ އާ ރަށެކެވެ. ނުދަންނަ މޫނުތަކެކެވެ. އާ ތަންތަނެވެ. ތަންތަނަށް ބަލަމުން ހިނގައިގަތީމެވެ.

ހަށިގަނޑުގެ އޮޑި, މިސްރާބު ޖެހީ, ގަބުރުސްތާނާއި ދިމާއަށެވެ. އެތެރެއަށް ވަދެވުނީ, ނިދީގައި ހިނގާފައިި ދާ ގޮތަށެވެ. ކަޅި ހުއްޓައިލެވުނީ ކުރިމަތިން ފެންނަމުން ދިޔަ އެއްޗަށެވެ. ކަރުނައިން ތެމެމުން ދިޔަ ލޮލަށް ފެނުނީ، ލޯބިވާ ދައްތަގެ މަހާނަ އެވެ.

 

**************************************

 

ދައްތަ އަކީ މިދުނިޔެމަތިން އަހަންނަށް ފެނުުނު އެންމެ ލޯބިވާ ފަރާތެވެ. ދައްތަ ކިޔައިދިން ގޮތުގައި، އަހަންނަށް އުމުރުން ދެ އަހަރު ވެސް ނުފުރެނީސް، މަންމަ ދުނިޔެއާ އަލްވަދާއު ކިޔެވެ. މަންމަ ވަކިވުމާއި އެކު، ދައްތަ އަށް، އޭނާއަށް ވުރެ ހަ އަހަރު ހަގު އަންހެން ކޮއްކޮ ބެލުމުގެ ޒިންމާ ކޮނޑުއަޅަން ޖެހުނެވެ.

 

ނަމަވެސް ދައްތަ އެކަމާ ދެރައެއް ނުވެއެވެ. އެހައި ހަގު އުމުރެއްގައި، އެ އުނދަގޫ ބުރަ މަސައްކަތް ކޮނޑުއެޅިއެވެ. އަހަންނަށް ކާންދީ، ކުޅެ، މަޖާކޮށް، ސަކަރާތް ޖަހާ، ނިންދާ ހެދީ ހަމަ އެ ދައްތައެވެ. މަންމަ ނެތްކަމުގެ އިހުސާސް ވިޔަނުދީ، ދައްތަ އަހަންނަށް ލޯބިދިނެވެ. 

 

އަހަންނަށް އެންމެ ފަހަރަކުވެސް ބައްޕަ ފެނިފައެއް ނުވެއެވެ. ދައްތަ ބުނެދިން ގޮތުގައި، މަންމަ ނިޔާވުމުން، އެކަމުގެ ހިތާމައިގައި ބައްޕަވެސް ނިޔާވީއެވެ. މައިންބަފައިން ނެތުމުގެ ސަބަބުން، އަހަރެމެން ދިރިއުޅުނީ ބޮޑުދައިތަގެ ގޭގައެވެ. އެގޭގައި އުޅުނެއްކަމަކު، އަހަރެންގެ ހުރިހާ ކަމެއް ބެލެހެއްޓީ ދައްތައެވެ.

 

ދައްތަ ކިޔެވީ ރަށު ސުކޫލު ހަތަކާއި ހިސާބަށެވެ. ރަށު ސުކޫލު ނިމުމުން، އަހަންނަށް ކިޔަވައިދޭން ފެށިއެވެ. ދައްތައާއި އެކު ކިޔެވުމަކީ އަހަންނަށް ހިތްހަމަ ޖެހުން ލިބިދޭ ކަމަކަށް ވިއެވެ. އެހެންކަމުން އުފަލާއެކު ކިޔެވީމެވެ. ދައްތަވެސް އުފަލާއިއެކު އަހަންނަށް ކިޔަވައިދިނެވެ. 

 

އަހަރެން ހަތެއް ނިމުމުން، އިތުރަށް ކިޔެވުމަށް މާލެ ދާން ފުރުސަތު ލިބުނެވެ. ދައްތައާއި ވަކިން ދާން ޖެހުމުން، އަހަރެން ބޭނުންވީ ނުދާށެވެ. ދައްތަ، އަހަންނަށް ނަސޭހަތްދީ، ދިއުމަށް ބާރުއެޅިއެވެ. ނަމަވެސް ދައްތަގެ ހިތުގައި އަޅަމުން ދިޔަ ވޭން އަހަންނަށް އެނގުނެވެ. 

 

ދައްތަގެ އެދުމާއި ހިލާފު ވުމަކީ އަހަންނަށް ނުުވާނެ ކަމެއް ކަމުން، އަހަރެން އެއްބަސްވީމެވެ. ފުރަން، ދޯންޏަށް އަރަން އުޅުމުން، ދައްތަ އަހަރެންގެ އަތަށް ފިއްތައިލި ގޮތަކީ، ދައްތަގެ އިހުސާސްތައް ކޮންޓުރޯލު ކުރަމުން ދާ ކަމުގެ ހެއްކެކެވެ. އަހަރެން ބަލައިލުމުން، ހިތްހެޔޮ ކުރައްޗޭ ބުނެލިއެވެ. އެދުވަހު އަހަރެން ދައްތައާ އަލްވަދާއު ކީ ކަރުނައިންނެވެ

 

މާލޭގައި އުޅުނު ދުވަސްކޮޅު، ހިތްވަރާއި އެކު ކިޔެވީ، އެނބުރި ދައްތަގެ ގާތަށް، އަަވަހަށް ދިއުމަށެވެ. ކިޔަވަން  އިންނަ އިރު، ދައްތަ ކިޔަވައިދިން ގޮތް ހަނދާން ވެއެވެ. ދައްތަ ކިޔަވައިދޭގޮތް އަހަންނަށް ވަރަށް ރަނގަޅެވެ. ދައްތަގެ ގޮތް އަހަންނަށް ކަމު ދާތީ، އަހަރެން ނެގީ ތައުލީމީ ދާއިރާއެވެ.

 

ކޯސް ނިމިގެން، ރަށަށް އާދެވުނު ދުވަހު، ދައްތައާއި އަހަރެންގެ ލޯތައް ތެމުނީ، އުފާވެރި ކަމުގެ ކަރުނައިގެ މުތީތަކަކުންނެވެ. އެތައް ދުވަހަކަށް ފަހު ބައްދަލު ވުމުން، އެ ލޯބިވާ ދައްތަގެ ގައިގައިި ބައްދައިލައިގެން ހުރެ، އަހަރެން ރުއީމެވެ. ދައްތަވެސް އުފަލުން ރުޔެވެ. 

 

ރަށަށް އައިތާ ފަސްވަރަކަށް ދުވަސްފަހުން، ރާއްޖެއިން ބޭރަށް ކިޔަވަން ދާން، އަހަންނަށް ފުރުސަތު ލިބުނެވެ. ދައްތަ ވަރަށް އުފާކުރިއެވެ. އުފަލުން ރޯންވެސް ރުޔެވެ. ކޮއްކޮއަށް ކިޔަވަންދެވެނީއޭ ކިޔައި ލަވަ ކިޔައި ނެށިއެވެ. އަހަރެންގެ ގައިގައި އޮޅުލައި، އަހަންނާއި ސަކަރާތް ޖަހާާ ހެދިއެވެ. 

 

ނަމަވެސް، އަހަރެން ހުރީ ދާ ގޮތަކަށް ނޫނެވެ. އަހަރެން ހެދީ ދެކޮޅެވެ. ދެ ސަބަބަކަށް ޓަކައެވެ. ފުރަތަމަ ސަބަބަކީ، ރަށަށް އައިސް ވީ ފަސް ދުވަހަކީ، ދައްތަ ތަބީއަތު މާކަ ރަނގަޅު ދުވަސްކޮޅެއް ނޫނެވެ. ދެވަނައަށް އަހަރެން ރަށަށް އައިސް، ހުރެވުނު ދުވަސްކޮޅުގެ މަދުކަމެވެ.އެހެންކަމުން އަހަރެން ނިންމީ ރަށުގައި ހުރުމަށެވެ.

 

ދައްތަ އަހަންނަށް ވިސްނައި ދޭން މަސައްކަތް ކުރިއެވެ. ނަސޭހަތް ދިނެވެ. ކިޔެވުމަށް ލިބިފައިވާ ފުރުސަތު ގެއްލުވައިނުލުމަށް އެދުނެވެ. ދައްތައަށް ވުމުން، ކުރީ ފަހަރެކޭ އެއްގޮތަށް، މިފަހަރުވެސް އަހަންނަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ.

 

އަހަރެން ދިޔައީ މެލޭޝިއާއަށެވެ. މާާލޭގައި ކިޔެވި ދުވަސްވަރެކޭ އެއްގޮތަށް، އަހަރެން ކިޔެވީ، އަވަހަށް ދައްތަ ގާތަށް ދިއުމުގެ ބޭނުމުގައެވެ. ދައްތަ ގާތުގައި ނެތުމުން، އެ ފަޅުކަން އަހަންނަށް އިހުސާސް ކުރެވެއެވެ. ދައްތަ ހަނދާންތަކުގެ ތެރެއަށް ގެއްލިފައި އިނދެވޭ ފަހަރުވެސް އަންނަނީ މަދެއް ކޮށެއް ނޫނެވެ.

 

އޭގެ ފަހަށް އަށް އަހަރު ވޭތުވެގެން ހިގައްޖެއެވެ. އަހަރެން ކޮލެޖުގެ ކިޔެވުން ނިންމައި، ގެއަށް އައި އިރު، ބޮޑުދައިތަގެ ފަރާތުން ސިޓީއެއް އޮތެވެ. ހިތް އަވަސް ވީ ވަރުން، ދަބަސް ސޯފާމައްޗަށް އެއްލައިލުމަށް ފަހު، ސިޓީ ކަނޑާލީމެވެ. އޭރު އަހަރެންގެ އަތް ތުރުތުރުލައެވެ.

 

ސިޓީގެ އިބާރާތްތައް ކިޔައިލެވުމާއި އެކު، ސިޓީ އަތުން ދޫވިއެވެ. އަހަންނަށް ހީވީ ހަންޖަރަކުން ހިތް ފޮތިފޮތި ކޮށްލިހެނެވެ. ސިޓީގައި ވަނީ މިހެނެވެ. ‘ދަރިފުޅާއެވެ. ކޮންމެ މީހަކީ މިދުނިޔޭގައި އަބަދަށް އުޅެވޭނެ މީހެއް ނޫނެވެ. ހިތްވަރު ކުރައްޗެވެ. ދަރިފުޅުގެ ދައްތަވެސް އެ މަގުން ހިނގައްޖެއެވެ.’

 

**************************************

 

އަތުގެ ނުފުށުން، ލޮލުން ވެއްޓުނު ކަރުނަ ފޮހެލީމެވެ. ކުޑަކޮށް މަހާނައާ ދިމާއަށް ގުދުވެ، މަހާނައިގައި ފިރުމައިލީމެވެ. ތެދުވުމަށް ފަހު، އުޑަށް ބަލައިލީމެވެ. އަހަންނަށް، ދައްތަ ފެންނަ ކަހަލައެވެ. އެ އަޑު އިވޭ ކަހަލައެވެ. އެ ލޯބިވާ ދައްތަގެ ފިރުމުންތައް އަދިވެސް އިހުސާސް ވާ ކަހަލައެވެ. އަހަންނަށް ހިނިތުންވެލެވުނެވެ. އެވަގުތު، ދައްތައާ ހިތާއިހިތުން ވާހަކަ ދެއްކީމެވެ. 

 

ލޯބިވާ ދައްތާއެވެ. މިއަދު ތިޔަ ދައްތަ އަހަރެންގެ ގާތުގައިނެތްނަމަވެސް، ތިޔަ ދައްތަގެ ހަނދާންތައް، އަބަދާއި އަބަދު ލޯ މަތީ ދައުރުވެއެވެ. އަހަރެން ދައްތަ ދެކެ ވަރަށް ލޯބިވެއެވެ. ވަރަށް، ވަރަށް ލޯބިވެއެވެ. ތިއީ އަހަރެންގެ ދައްތައެވެ. ހަމައެކަނި އަހަރެންގެ ދައްތައެވެ.

 

ނިމުނީ

 

 

*މިވާހަކައަކީ އަޅުގަނޑު މި ސައިޓަށް ލާ އެންމެ ފުރަތަމަ ވާހަކަ. ހުރިހާ ބޭފުޅުންނަށް ވެސް ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަން.

Share Article

Follow Me Written By

Ameenath Janna

Level 1

Other Articles

Previous

އެލީގެ ހަޔާތުން ސަފުހާއެއް

Next

ރަސޫލުﷲ ﷺ: ކޮންފަދަ ކެތްތެރި ނަބިއްޔެއްތޯ؟

Next
April 27, 2022

ރަސޫލުﷲ ﷺ: ކޮންފަދަ ކެތްތެރި ނަބިއްޔެއްތޯ؟

Previews
April 25, 2022

އެލީގެ ހަޔާތުން ސަފުހާއެއް

2 Comments!

  1. Aisha Rishfa says:
    April 28, 2022 at 11:26 am

    ވަރަށް ރީތި ވާހަކައެއް ތިގޮތުގައި ކުރިއަށްދާނެ ކަމަށް އުންމީދު ކުރަން އަ ބަދުވެސް އެދެނީ ކުރިއެރުމަށް

  2. s.n.o.w.f.l.a.k.e Maash says:
    May 2, 2022 at 12:21 pm

    Varah reethi Maasha allah

Comments are closed.



All Right Reserved!