Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިހަނދާން

Aarsh Level 110 Stories
March 15, 2022 6 Mins Read
0 Comments

އާދައިގެ މަތިން އަހަރެން ޑިއުޓީ ނިންމާލުމަށްފަހު އަހަރެން ބަލި މީހުން ބަލަން ހަމަޖެހިފައި ހުންނަ ކޮޓަރިން ނިކުތީމެވެ. މަޑު ހިނގުމެއްގައި ހިނގަމުން މާހައުލުން ފެންނަމުން ދިޔަ އެތައް ބަޔަކަށް ނަޒަރު ހިންގަމުން އަހަރެން ގޮސް މަޑުކޮއްލީ ލިފްޓު ކައިރީގައެވެ. މިވަގުތުވެސް އެތައް ބަޔަކު އަހަރެންނަށް ބަލަމުން ދާކަން އަހަރެންނަށް އެނގެއެވެ. މާތް ﷲ ޤުދުރަތުން އަހަރެންނަށް ދެއްވި މިރީތި ސިފަތަކަކީ އެތައް ބަޔެއްގެ ލޯތައް އަމާޒުވާ ކަމެކެވެ. މުށި ދެލޮލާއި އާއްމުކޮށް ފިރިހެނުންގެ ނުހުންނަ ފަދަ ދިގު އެސްފިޔަތައް އެއީ އަހަރެންގެ އެންމެ ރީތި ސިފަތައް ކަމުގައި މީހުން ބުނާތީ އަބަދުވެސް އަހަމެވެ. ހުދު ދޮންކަމާއި މުށިކުލައިގެ ފަން ފަން ޗޮކުލެޓެއްފަދަ އިސްތަށިގަނޑު މިއީ ހުޅަނގުގެ އާއިލާއަކަށް ނިސްބަތްވާ އަހަރެންގެ މަންމަގެ ފަރާތުން ލިބުނު ޤުދުރަތީ ސިފަތަކެވެ. އުމުރުން މިހާރު ތިރީސް ދެއަހަރާ ގާތްކުރަމުން ދިޔަ އިރު ވެސް އަހަރެންގެ މިރީތިކަމަކަށް ބަދަލެއް ނާދެއެވެ. ގިނަ ފަހަރު މީހުން ހީކުރަނީ އަހަރެން މިއީ ވިހިއަހަރުގެ ޒުވާނެއް ކަމަށެވެ. އެހެނަސް އަހަރެންގެ މިރީތި ސިފަތަކުން ކުރެ މިއިން އެއްވެސް ސިފައަކަށް އަހަރެން ސަމާލުކަމެއް ނުދެމެވެ. ރީތިކަމަކީ އަހަރެން މިހާރު މާގަޔާވާ ކަމެއް ނޫނެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. މީގެ ފަނަރަ އަހަރު ކުރިން ހަޔާތުގައި ލޯބިވެވުނު ހަމައެކަނި އަންހެންކުއްޖާއަށް އަހަރެން ކަމުދިޔައީ އަހަރެން ހިތްހެޔޮވީމައެވެ. ބޭރުފުށުގެ ރީތިކަމަކަށް ނޫނެވެ. އެހެނަސް ހިތާމައަކީ މިއަދު އޭނަ އަހަރެންގެ ގާތުގައި ނެތްކަމެވެ. ދުނިޔޭގައި ނެތް ކަމެއް ނުވަތަ ދުނިޔޭގައި ހުރިއްޔާ ވީކޮންތާކު ކަމެއް އުޅެނީ ކާކާ އިނދެގެން ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. ކިތަންމެ ހޯދަން ބޭނުންވިޔަސް އަހަރެން އޭނަ ހޯދަން މަސައްކަތް ނުކުރުމަށް ބުނި އެންމެ ފަހު ޖުމްލަޔަށް އަހަރެން އިޙުތިރާމު ކުރަމެވެ. އެހެނަސް އޭނަ އަހަރެންގެ ހަޔާތުން ދިޔަ ފަހުން އިތުރު އަންހެންކުއްޖަކަށް އަހަރެން ބަލާވެސް ނުލަމެވެ. އަހަރެންނަށް ޤުދުރަތުން ލިބިފައިވާ ވަރުގަދަ ބިޔަ ހަށިގަނޑާއި ހެދި އަންހެންކުދިން ހޭބަލިވާތަން ފެނުނަސް އަހަރެން ފޫހިވެއެވެ. އަހަރެންގެ ލޯބިވާ އަލީޝާ ނޫން އެހެން ކުއްޖަކަށް އަހަރެންގެ ހަޔާތުން ޖާގަ ދީގެން އަހަރެންގެ ހަޔާތް ބަރުބާދުކުރާކަށް ބޭނުމެއް ނޫނެވެ.

” ޑޮކްޓަރ ބުރްޙާން… މިއޮތީ ޑޮކްޓަރ ނައިޒަކްގެ ލިޔުންތައް… ” އަހަރެންގެ ގާތަށް ދުވެފައި އައިސް އަރާ ހަމަކުރި ނަރުސް ސައިމާ އޭނަގެ އަތުގައިވި ލިޔުންތައް ދިއްކޮއްލި އިރު އޭނަ އަހަރެންނާ ގަޔާވާކަން ދައްކާ ގޮތަކަށް އޭނަގެ ނިތްމައްޗަށް ވެއްޓިފައިވި ކުރު އިސްތަށިކޮޅު އެއްއަތުން އޭނަގެ ކަންފަތް ދޮށަށް ލައްވާލިއެވެ. އަދި އަހަރެންނާ ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތު އެދެލޮލުން ފެނުނު ވިދުމުން އަހަރެންނަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. އަހަރެންގެ ސޫރަ ރީތިވުމުގެ އިތުރުން އަހަރެންގެ މިއީ ސުޕެޝަލިސްޓު ސައިކޮލޮޖިސްޓު ޑޮކްޓަރަކަށްވުމުން މިހޮސްޕިޓަލުގެ ހުރިހާ އަންހެން މުއައްޒަފުންގެ ކަމަކީ އަހަރެން އެމީހުނާ ގަޔާވާނެ ގޮތަކަށް ކަންތައް ކުރުމެވެ.

އަހަރެން ސައިމާއަށް ޝުކުރު އަދާކުރުމަށްފަހު ލިޔުންތަކުގައި ހިފާ ކުރިމައްޗަށް އައިސް މަޑުކުރި ލިޕްޓަށް އެރީމެވެ. އެއީ ހަމައެކަނި މުއައްޒަފުން ބޭނުން ކުރާ ލިފްޓެއް ކަމުން އިތުރު ބަލިމީހަކު އެ ލިފްޓަށް އެރުން މަނާވާނެއެވެ. ވަގުތުގެ ގޮތުން އަހަރެން ލިފްޓުގައި ތިރިއަށް ދާން ޖެހުނީ އެކަންޏެވެ. އެވެސް ނަސީބެކެވެ. ނޫންނަމަ ލިފްޓު ތެރޭގައި ވެސް އަންހެން މުވައްޒަފަކު ހުރެއްޖެނަމަ ހުންނަން ޖެހޭނީ ލިފްޓުގެ ކަނަށް ވަދެ އޭނަގެ ނަޒަރުތަކަށް ފިލައިގެން ހުންނާށެވެ.

” މަޑުކޮއްބަލަ… ” ލެއްޕި ލެއްޕި ހުރި ލިއްޓުގެ ދޮރު ހުޅުވާ ފިތައް އަހަރެން ފިތާލި އިރު އަންހެން ނަރުހަކު އެތެރެއަށް ދެމިގަތެވެ. އަހަރެން ފޫހިވިޔެއްކަމަކު އެއްޗެކޭ ނުބުނެވޭނެތާއެވެ. އަހަރެން މިއީ މިތަނުގެ ވެރިމީހައެއް ނޫނެވެ. އެހެންނޫނަސް އަހަރެން އެއްޗެކޭ ބުންޏަސް މީހުން އެކަމާ ނުރުހުންވެ އަހަރެންނާ މެދު ދެކޮޅުވެރިކަމެއް ބާއްވާކަށް އަހަރެން ބޭނުމެއް ނޫނެވެ.

އެނަރުސް އެތެރެއަށް ވަދެ އޭނަ ދާންވީ ފަންގިފިލާގެ ފިތައް ފިތާލަން އުޅުނު އިރު އަހަރެން ގުރައުންޑް ފުލޯއަށް ފިތާފައިވުމުން އޭނަ އަތް ތިރިކޮށްލުމަށްފަހު އަނެއް އަތުގައި ހުޅުވާފައިވާ އޮތް ފޯނަށް ބަލާލީ މެސެޖެއް އައުމުންނެވެ. ލެއްޕިގެން ދިޔަ ދޮރުގެ ލޯގަނޑުން އެނަރުހުގެ ސޫރަ ފެނުމުން އަހަރެންނަށް ބަލަން ހުރެވުނެވެ. ކޮންމެވެސް ތަނަކުން ދެކި ފަރިތަވެފައިވާ މީހެއްހެން އަހަރެންނަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. އުމުރުން ތިރީހަކަށް އަހަރުގެ އެއަންހެނާ ރީއްޗެވެ. ދިގު އެސްފިޔަތަކެއް ނޫނަށް ގަދަ މުށިކުލައިގެ ދެލޯވަނީ ފެންކަޅިވެފައެވެ. އެއްވެސް މޭކަޕެއް ނެތް އެއޮމާން ދޮން މޫނު ޖަވާހިރެއް ފަދައިން ވިދަމުން ދިޔައެވެ. މަޑު ފިޔާތޮށިކުލައިގެ އެވަށް ތުންފަތުގައި އޭނަ ދަތްއަޅާލުމުން އެފިޔާތޮށިކަން އިތުރުވެގެން ދިޔައެވެ. ގަވައިދުން ކަސްރަތު ކުރާކަން އެނގެނީ ހެޔޮވަރު ފިޓް ހަށިގަނޑުންނެވެ. އަވަސް އަރުވައިލައިގެން ހުރި ވަރުން އޭނަ ލައިގެން ހުރި މަޑު ނޫކުލައިގެ ޔުނީފޯމުގެ މަތިން އަޅާފައިވާ ރަތްކުލައިގެ ކުޑަ ދަބަހުގެ ޒިބް ވަނީ ނުލެއްޕިއެވެ.

އެންމެ ތިރީ ފަންގިފިލާއަށް ލިފްޓު ހުއްޓުނުކަން އެނގުމާއެކު އޭނަ އަވަސް އަވަހަށް ބޭރަށް ދެމިގަތެވެ. އަހަރެން ހައިރާންވިއެވެ. މިވީ ދުވަހަކު މި ހޮސްޕިލުގައި މަސައްކަތް ކުރި ފަހުން އަހަރެން ފެނި އަހަރެންގެ ސޫރަޔާ އަޅައިނުލި ފުރަތަމަ އަންހެން މުވައްޒަފަކަށް އޭނަ ވާނެއެވެ. އަހަރެން އެހާވަރަށް އެކަމާ އަޅައި ނުލައި ބޭރަށް ނިކުމެ ޕާރކުކޮއްފައިވާ އަޅިކުލައިގެ ވޯލްވޯ ކާރަށް އަރައިގެން މަގަށް ނިކުތް އިރު ލިފްޓުން ފެނުނު އަންހެން ނަރުސް ހުރީ ޓެކްސީއެއް ފެނޭތޯ އަތްދިއްކޮއް ގެންނެވެ. ފޯނުގައި ހިފައިގެން ދެކޮޅަށް ދެކޮޅަށް ބަލަމުން ދިއުމުން ހީވަނީ ތަނަކަށް ދާން ލަސްވެފައި ހުރި ހެންނެވެ.

” ކޮންތަނަކަށް ދަނީ؟ އަހަރެން ގެން ގޮސްދީފާނަން… ” ވަގުތުގެ ދޮތުން ކާރުތައް މަދުވުމުން އޭނަގެ ގާތަށް މަޑުކޮއްލުމަށްފަހު އަހަރެންގެ ކާރަށް އަރަން ދައުވަތު ދިނީމެވެ. ކިތަންމެ އަންހެންކުދިންނަށް ސަމާލުކަން ނުދިނަސް އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި އަހަރެން މަޑަކުން ނުހުންނަމެވެ.

” މިއުޅެނީ ދަރިފުޅު ގެއްލިގެން.. ދިޔަ ތަނެއް ނޭނގޭތީ އިހަށް ހޯދަން ދާން މިދަނީ.. އެހެންވީމައި ކުޑަކޮށް ލަސްވެދާނެ.. ” އެރީތި އަޑެއްގެ ވެރި އެއަންހެނާގެ އަޑުވެސް އަހަރެން ކޮންމެވެސް ތަނަކުން އަޑު އެހީމެވެ. ދަރިފުޅޭ ބުނުމުން އަހަރެންގެ ހިތް އިތުރަށް ހަމަޖެހުނެވެ. މިއަންހެނާ އަހަރެންނާ އަޅައިނުލީ ދަރިޔެއް ހުރީމަތާއެވެ.

” މައްސަލައެއް ނެތޭ އަހަރެން ތަނަކަށް ދާން ލަސްވާތިކީ ނޫން މިއުޅެނީ.. އަނެއްކޮޅުން ޓެކްސީގެ ޙަރަދުވެސް ރައްކާކުރެވޭނެއެއްނު.. އަވަހަށް އަރާ… ” އެއަންމީހާގެ މިޒާޖު ހަމަ ގައިމުވެސް އަހަރެންނަށް ކަމުގޮސްފިއެވެ.

” ކޮންތަކަށް ދާންވީ؟ ” އަހަރެން އެހީމެވެ.

” އިހަށް ހިނގާ މާފަންނު މަދަރުސާ ކައިރީގައި އިންނަ ޕާކަށް.. ” އެއަންހެންމީހާ ފަނޑު ގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ.

މާފަންނު މަދަރުސާ ކައިރިއަށް އަހަރެން ކާރުގައި ގޮސް މަޑުކޮއްލުމުން އެއަންހެންމީހާ ކާރުން ފޭބިއެވެ. އަހަރެން ވެސް އޭނަޔަށް އެހީތެރިވުމަށްޓަކައި އޭނަގެ ފަސް ފަހަތުން ދަރިފުޅު ހޯދުމަށް ކާރުން ފޭބީމެވެ.

” އަރުޝް… ” އެއަންހެނާ އޭނާގެ ދަރިފުޅު ހޯދުމަށް ޕާރކު ތެރޭގައި ހިނގަމުން ދިޔައެވެ. ސުކޫލް ނިމިގެން އެތައް ކުޑަކުދިންނެއް އެކުދިންގެ ބެލެނިވެރިންނާއެކު ޕާރކުގައި އުޅެމުން ދިއުމުން އެތުއްތު ކުއްޖާ ހޯދުމަށް އެއަންހެނާއަށްވީ އުނދަގޫ ކަމަކަށެވެ. ފަހަރަކު ކުއްޖެއްގެ ކޮނޑުގައި ހިފާ އޭނަގެ މޫނާ ދިމާއަށް އަނބުރާލުމުން އެކުދިންގެ ސޫރަ ފެނި އޭނަ ދިޔައީ އިތުރަށް މާޔޫސްވަމުންނެވެ. އެންމެ ފަހުން އޭނަ ނުރޯން ހުރެފައި ވެސް އޭނައަށް ރޯންފެށުނެވެ.

” އިން ޝާ ﷲ ދަރިފުޅު އަދި ފެންނާނެ. ކާކާ އެއްކޮށްތަ ދަރިފުޅު ނިކުތީ..؟ ” ހަމްދަރުދީވުމުގެ ގޮތުން އަހަރެން އޭނަގެ ކަނާތު ކޮނޑުގައި އެއްއަތް ބާއްވާލުމަށްފަހު އެހީމެވެ.

” މަންމައަށް މިއަދު އަރްޝް ބަލައި ނާދެވޭތީވެ އަހަރެންނަށް ގުޅީ. އަހަރެން ޑިއުޓީ ނިންމާލާފައި ދެވޭލެއް ކުޑަކޮށް ލަސްވެދާނެކަން އަންގާލުމަށް އަރްޝްގެ އާންޓީއަށް ގުޅީމަ ބުނީ އަރްޝްގެ އާއިލާގެ މީހަކު އޭނަ ގެޔަށް ގޮސްފިކަމަށް. އަހަރެންނަކަށް ނޭނގޭ ކާކުކަމެއް ވެސް. އާއިލާގައި އޭނަ ގެންދާނެހެން ހީވާ މީހުންނަށް ގުޅީމަ އެމިހުންގެ ފަރާތުން ލިބުނީ އެއް ޖަވާބެއް. އެމިހުން ބުނީ ނުގެންދަން ކަމަށް. އަރްޝްގެ ބައްޕައެއް ވެސް ނުހުންނާނެ އޭނަ ބަލައި އަންނާކަށް.. ” ގިސްލަމުން އެއަންހެނާ ކިޔައިދިނެވެ. ބައްޕައެއް ނުހުންނާނޭ ބުނުމުން އަހަރެން ކުޑަކޮށް އެއަންހެނާ މަތިން ފޫހިވިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އޭނަ މާނަކުރި ގޮތް ތަފާތު ވެދާނެހެން ހީވާތީ ހިތަށް ވިސްނާދީ ހިތްހަމަޖައްސާލީމެވެ.

” ދެން އަރްޝް ދާނެހެން ހީވާ އެހެން ތަނެއް ބަލާލަން ހިނގާބަލަ… ފަހަރެއްގަ މިތާ ރަސްފަންނުގެ ކައިރީގަ ވެސް އުޅެދާނެއެއްނު.. ” އަހަރެންގެ ބަހަށް އެއްބަސްވެ ހިނގާފައި އެއަންހެނާ ރަސްފަންނާ ދިމާއަށް ހިނގައިގަތެވެ. އަހަރެން އޭނަގެ ފަސްފަހަތުން ރަސްފަންނުގެ ޕޭމެންޓް މަތިން ހިނގަމުން ދިޔައިރު އޭނަގެ ދެލޯ ދެކޮޅަށް ދެކޮޅަށް ހަރަކާތްކުރަމުން ދިޔައީ ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށެވެ.

” އަރްޝް!! ” މާފަންނު މަދަރުސާގެ ފިރިހެންކުދިން ލާ ޔުނީފޯމް ލާފައި ހުރި ދޮން ހަންގަނޑެއްގެވެރި ފަން ކަޅުކުލައިގެ އިސްތަށިގަނޑު ކުރުކޮށް ކޮށާފައިވާ ހަތަރުވަރަކަށް އަހަރުގެ ފިރިހެންކުއްޖެއް ވެލިގަނޑުމަތީގައި އިންތަން ފެނުމުން އަންހެންމީހާ ދުވެފައި ގޮސް އޭނަ ނަގާ އުރާލިއެވެ. އެއަންހެންމީހާ ފެނުމުން އެކުޑަ ކުއްޖާ ހީލުމުން އެއީ އޭނަގެ ދަރިފުޅުކަން އަހަރެންނަށް ޔަޤީންވިއެވެ. ދެމައިން ވާހަކަ ދައްކަމުން ދިޔައިރު އަހަރެންނަށް ހުރެވުނީ އެދެމައިންނާ ދާދި ގާތުގައި ކަމުގައިވުމުން ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް އަހަރެންނަށް އަޑު އިވެމުން ދިޔައެވެ. އަރްޝް މަންމަގެ ގާތުގައި ނުބުނެ ދިޔައީ ކޮންތާކަށް ކާކާ އެއްކޮށް ކަމަށް އެއަންހެންމީހާ ސުވާލުކުރުމުން އަރްޝް ބައްޕައާ އެއްކޮށޭ ބުނުމުން އެއަންހެންމީހާ ހައިރާންވެ ދެލޯ ބޮޑުވެގެން ދިޔަތަން އަހަރެންނަށް ފެނުނެވެ.

” އަލީޝާ؟ ” ދާދި ގާތުން އިވުނު މެދު އުމުރުގެ ފިރިހެނެއްގެ އަޑުން އަހަރެންނާ އެއަންހެންމީހާއަށް ސިހިފައި އެދިމާއަށް ބަލާލެވުނެވެ. އަހަރެން އެނުދަންނަ މީހާއަށްވުރެ ސަމާލުކަން ދެން ދެވުނީ  އެއަންހެންމީހާއަށެވެ. އަނެއްކާ އެއީ އަހަރެންނަށް ލޯބިވެވުނު އަލީޝާ ބާވައެވެ؟

ސުވާލުމާކު ޖެހި އަހަރެން ހުއްޓުން އަރާފައި ހުއްޓާ އެނުދަންނަ މީހާ އަލީޝާއޭ ގޮވި އަންހެންމީހާގެ ގާތަށް އައިސް މަޑުކޮއްލުމަށްފަހު ހިނިތުންވެލިއެވެ. އަދި އެހާ ދުވަސްފަހުން ފެނުމުން ވަރަށް އުފާވެއްޖެއޭ ބުނެލިއެވެ.

” ކީއްކުރަން މިހާ ދުވަސް ފަހުން އަރްޝްއަށް ތިއަޅާލަނީކީ؟ އަހަރެން އަރްޝްއަށް ބަނޑުބޮޑު އިރު އެންމެ ފަހަރަކުވެސް އާތިކް އަހަރެންނާ އަރްޝްއަށް އަޅާލީންތަ؟ ދެމިހުން މައިންބަފައިންގެ އެދުމަށް ކައިވެނި ކުރި އިރު އަހަރެންނަށްވެސް އާތިކް އަހަރެންދެކެ ލޯބިނުވެވުނު ފަދައިން އާތިކްދެކެ އަހަރެންނަކަށް ވެސް ލޯތްބެއް ނުވެވުނު. އެކަމަކު އޭގެ މާނައަކީ ދެމަފިރިންގެ ހައްޤުތައް އަދާނުކޮށް އަޅާނުލައި ދޫކޮއްލާށެކޭ ނޫނެއްނު. އާތިކް އަހަރެން ކީ އެއްޗެއް އަޑު ނާހައި އަރްޝްއަށް ބަލިވެ އިންދަ އަހަރެން ވަރިކުރީ. އާތިކް ގާތުގައި އަރްޝްގެ ހައްޤުގައި އަލުން އިންނާށޭ ކިޔާ ކުރި އާދޭސްތަކަށް މިހާރު މިވީ ހަތަރު އަހަރު. މިއަދު ދެން ކީއްކުރާކަށް އަމިއްލަ ދަރިޔެއް ފަދައިން ދެކިގެން އަރްޝް ގޮވައިގެން ތިއުޅެނީކީ؟ ” އަލީޝާ ރޮމުން ދިޔަ އިރު އަހަރެންނަށްވެސް ފުން އަސަރުތަކެއް ކުރުވައިފިއެވެ. އެއީ އަހަރެންގެ މަންމައަށް ތަހައްމަލް ކުރަން ޖެހުނު ވޭނެވެ. އަހަރެންގެ ބައްޕަ އަހަރެންގެ މަންމަ ވަރިކުރުމުން މަންމަ އުޅުނީ އެކަހަލަ ހާލުގައެވެ.

” ސޮރީ އެލީ.. އަހަރެންނަށް ވިސްނުނީ މާފަހުން. މިއަދު މިހިރީ އެލީއާ ދަރިފުޅުގެ ގާތަށް އައިސް އަލުން ދިރިއުޅުމެއ…. ” އެމީހާގެ އަނގައިގެ އެއްކޮޅު އޮއްވާ އަލީޝާ ދެން ހެވޭ ބުނެ އަރްޝް އުރާލައިގެން އަހަރެން ގާތަށް އައިސް މަޑުކޮއްލިއެވެ. އަދި އެދެމައިން ގެޔަށް ލައިދިނުމަށް އެދި އަހަރެން ގާތު ބުނުމުން އަހަރެން އިތުރު ސުވާލެއް ނުކޮށް ދެމައިން ގޮވައިގެން ކާރަށް އެރި އިރު އާތިކް އަހަރެމެންނާ ދިމާއަށް ބަލަހައްޓައިގެން ހުރި ތަން އަހަރެން ދުށީމެވެ.

މ.ގުރީން ލައިޓްއަށް މަޑުކޮއްލުމުން އަލީޝާ އަހަރެން ގާތުގައި ކާރު ޕާރކު ކޮއްލުމަށްފަހު އެތެރެއަށް ވަންނަން ދަޢުވަތު ދިނެވެ. އަހަރެން އޭނަ ބުނި ފަދައިން ކާރު ޕާރކު ކުރުމަށްފަހު އެތެރެއަށް ވަތް އިރު އަލީޝާ އިނީ މެދުގޭގައިވާ އުނދޯލީގައެވެ. އަރްޝް މުސްކުޅި އުމުރުގެ އަންހެނަކާއެކު އެތެރެއަށް ވަނުމުން އެއީ އަލީޝާގެ މަންމަކަން އެނގުމުން އަހަރެން ހުރީ ހައިރާންވެފައެވެ. އާނއެކެވެ. އެއީ މީގެ ފަނަރަ އަހަރުކުރިން އަހަރެންނަށް ލޯބިވެވުނު އަލީޝާގެ މަންމައެވެ.

” ހައިރާންވެއްޖެދޯ؟ ” އަލީޝާގެ ގާތަށް އައިސް މަޑުކޮއްލުމުން އޭނަ ހިނިތުންވެލިއެވެ. އަހަރެން އާނއެކޭ ބުނެ ބޯޖަހާލީމެވެ.

” މަޢާފަށް އެދެން ބުރްޙާން. ބުރްޙާން ހޮސްޕިޓަލުން ފުރަތަމަ ފެނުނު ދުވަހުވެސް އަހަރެންނަށް ތިއީ އެނގިއްޖެ. އެކަމަކު ބުރްޙާން އަހަރެންދެކެ ރުޅިއައިސް ހުރެދާނެތީ ވާހަކަދައްކަން ނުކެރުނީ. މީގެ ފަނަރަ އަހަރުކުރިން ބުރްޙާންގެ ހިތް ހަލާކުކޮށް ބުރްޙާންއާ ދުރަށް ދިޔައީ އަހަރެންވިއްޔާ ” އަލީޝާ އިސްޖަހާލިއެވެ.

” އެކަމަކު ކީއްވެ ލީޝް؟ ކީއްވެ އަހަރެންނާ ދުރުވީ؟ ކީއްވެ އަހަރެން ގާތުގައި ނުބުނެ ދިޔައީ؟ ” މިޔޮތް ހުރިހާ ދުވަހު އަހަރެންގެ ހިތުގައި ރައްކާކޮއްގެން ހުރި ސުވާލުތައް ބޭރުކޮއްލެވުނީ ދެނެއެވެ.

” އޭރު މަންމަމެންގެ ވިސްނުން ހުރި ގޮތް. އަހަރެން ބުރްޙާންއާއި އޭރު ގުރޭޑް ދިހައެއްގައި އުޅެނިކޮށް ރައްޓެހިވެގެން އުޅުނުކަން ބައްޕައަށް އެނގުނީ. ބައްޕަ އޭރު ބޭނުމެއް ނުވި މީހަކާ އިނދެ ވަރިވެފައި އެކަނި ދަރި ބަލާ އަންހެނެއްގެ ދަރިޔަކާއެކު އުޅޭކަށެއް. އާއިލާއަށް ޤަދަރެއް ނުލިބޭނޭ ބުނީ. ބައްޕައާ ދެކޮޅު ހެދީމަ އެންމެ ފަހުން އަހަރެން ގޮވައިގެން ބައްޕަމެން އައީ މާލެ. ބުރްޙާންއަށް އެވާހަކަ ކިޔައިދީ އިތުރަށް ދެރައެއް ބޭނުން ނުވާތީވެ އަހަރެން ބުރްޙާންއާއެކު ދެން ނޫޅެވޭނެކަމަށްބުނެ ދުރުވީ… ވަރަށް ބޮޑަށް މަޢާފަށް އެދެން. އަސްލު ބުރްޙާންއަށް ހަޤީޤަތް އޮޅުވާލައިގެން އުޅެން ބޭނުންނުވާތި މިވާހަކަ ބުނަން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ. އެކަމަކު ހަމަ ނުކެރުނީ. މިއަދު ކަންތައް މިވީ ގޮތުން އެނގިއްޖެ ބުރްޙާންއަށް އަހަރެންނަށް މިއީ ކާކުކަން އެނގޭނެކަން. ” އަލީޝާ ކަރުނަ ފައިބަމުން ދިޔަ ދެލޯ ފުހެމުން ފުންކޮށް ހިނިތުންވެލުމުން އަހަރެންނަށް ލިބުނީ ބުނެދޭން ނޭނގޭފަދަ ހިތްހަމަޖެހުމެކެވެ.

” ތީގެ މާނައަކީ ލީޝް އަހަރެންދެކެ އަދިވެސް ލޯބިވެއޭތަ؟ ” އަހަރެން ހައިރާންވެފައި ސުވާލުކޮއްލީމެވެ. އަލީޝާ ބޯޖަހާލުމުން އަހަރެން އުފަލުން އަލްޙަމްދުލިﷲއޭ ބުނެލެވުނެވެ. އަހަރެންނަށް ﷲ ރަޙްމަތުން މިއަދު އަނެއްކާ ވެސް އަލީޝާ ލިބުނީއެވެ. ކެތްތެރިވެ ﷲގެ ހަޒްރަތުގައި އަލީޝާ އަލުން ލިބޭނެކަމަށް ކުރި ދުޢާ އިޖާބަވީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.

ނުނިމޭ

Share Article

Follow Me Written By

Aarsh

Level 110 Stories

I am a girl who loves to write stories alot.. I hope you all readers will love to read my stories just like how i love to write them. ?❤ ~Aarsh~

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (39)

Next

ޙާއްސަ އިއުލާން

Next
March 16, 2022

ޙާއްސަ އިއުލާން

Previews
March 15, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (39)



All Right Reserved!