ވައުދޭ ވެވޭ މީ… 4
މާހީ ދެން ގެނައި ހަރަކާތަކީ ޒީހާން ވެސް ހައިރާން ކުރުވި ކަމެކެވެ. އަދި ކުޅިބަލަން ތިބި އެންމެން ވެސް އަނގަމަތީ އަތް އަޅާލި އިރު އެ އެންމެންގެ ވެސް ދެލޯ ވަނީ ތަންމިނަށް ހުޅުވިފައެވެ.
⋆⋆- ހަތަރުވަނަބައި -⋆⋆
މާހީ އެ މާބޮނޑި ޒީހާންގެ އަތުން ނެގި ގޮތަށް އޭތި ބިންމައްޗަށް ވައްޓާލާ އެޔަށް ފައިން އެރިއެވެ. އެ މާތަކައި އެކު ޗިސްޗިސްވެގެން އެ ދިޔައީ ޒީހާންގެ ހިތް ކަމެއް މާހީ އަކަށް ނޭގެއެވެ.
“އަހަންނަކީ ފެންނަހާ މީހަކު އައިސް ލޯބި ހުށައެޅީމަ، އެ މީހަކަށް އާބަސް ބުނެފަ، އެމީހަކާ ރައްޓެހި ވެފަ، އެމީހަކު ޖަހާނެހާ ބެރަކަށް ނަށަން ހުންނާނެ މީހެއްނޫން… ބޭނުން އިރަކު އައިސް ލޯބިން ފިރުމާފަ ބޭނުންވީމަ އަނިޔާ ކޮށްފަ ބޭނުންވީމަ ހިތުހުރި އެއްޗެއް ގޮވާފަ… ފިރިހެނުން ހިތުހުރިހާ ގޮތެއް ހަދާކަށް ނޫނޭ އަހަރެންގެ މައިންބަފައިން އަހަރެން ދުނިޔެ އަށް ގެނައީ… އެމިހުންގެވެސް ފޮނި ހުވަފެން ތަކެއްވޭ… އެ މީހުން އަހަރެންގެ ފަރާތުން އެތައްހާސް އުންމީދު ތަކެއް ކުރޭ.. އަހަރެން ނެތިން އެހެން ބަޔަކަށް ޓަކައި އެމީހުންގެ ހުވަފެނީ ގަނޑުވަރު ބިމާ ހަމަކުރަން… ފިރިހެނުން ކީކޭތަ ހިތަށް އަރަނީ… އަންހެނަކު ފެނުމުން އެ އަންހެނަކަށް ތިމާ ބޭނުންވާ ހާ ގޮތެއް ހެދޭނެޔޭ!؟.. އަހަރެންވެސް ބޭނުމޭ އަންހެނުންގެ ޕްރައިޑް ސަލާމަތް ކުރަން… އަދި ބުނަން ދެންމެ ތި ކުރި ސުވާލުގެ ޖަވާބަކީ ނޫނެކޭ… މިހާރު ހިތަށް އަރާ މާޝް ތިއްތަ ބުންޏަސް މިތަނަށް ނާދެވުނު ނަމައޭ… ދެން އިތުރަކަށް ފިރިހެނެއްގެ މަޅިޔަކު އަހަންނެއް ނުޖެހޭނަން…” މިހެން ބުނެ މާހީ އެތަނުން ދުރަށް ދިޔައެވެ. އެންމެންވެސް ބުނާނެ ބަހެއް ނޭނގިފައި ތިބީއެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ޒީހާނެ ދެ ލޮލުން ކަރުނަ އޮހޮރެނ ފެށިއެވެ. މި މަންޒަރު އެހެން މީހުންނަށް ނުދައްކާން ކިތަނމެ މަސައްކަތެއް ކުރިޔަކަސް އެމީހުންނަށް ފެނުނެވެ. އެހެންނަމަވެސް އެކަން ނޭނގޭ ކަމަށް ހަދާލައިގެން ތިބީ އެވެ.
ޗުއްޓީގެ ބާކީ ބައިވަރު ދުވަސް ހުއްޓެއް ކަމަކު ޒީހާން ބޭނުންވީ އަލުން އަނބުރާ އޮސްޓްރޭލިއާ އަށް ދާށެވެ. އިތުރަކަށް އޭނާއަށް ކެތެއް ނުކުރެވުނެވެ. އެ ދުވަހާއި ޖެހިގެން ފާއިއތުވީ ތިން ދުވަހުވެސް އޭނ އުޅެމުން ދިޔައީ ހިތާމައިގައެވެ. ކުރިން ހުންނަ ލާނެތްކަން ކުޑަކޮށް ނަމަވެސް ފަނޑުވެލިއެވެ.
އެއްވެސް ސަބަބަކާއި ނުލައި ޒީހާން އަނެއްކާވެސް އޮސްޓްރޭލިއާއަށް ދާ ވާހަކަ ބުނުމުން ޒިޔާނާ އަދި ޝުހައިދު ވެސް ތިބީ ހައިރާން ވެފަ އެވެ. އެހެންނޫނީ އެކޮޅުގައި އުޅޭއިރު މުޅިންވެސް އުޅޭނީ ރަށަށް ނާދެވިގެން ވިއްޔާއެވެ. އޭރު އަދި އޭނާ އެކޮޅަށް ދިޔަތާ ވާނީ ވެސް އެންމެ ހަ ވަރަކަށް މަސް ވިއްޔާއެވެ. އެހާ އަވަހަށް ޒީހާން އޮސްޓްރޭލިއާއަށް ދާން ބޭނުންވުމުން އެކަމާ ޒިޔާނާވެސް އަދި ޝުހައިދު ވެސް ދެކޮޅު ނެހެދީ ދަރިފުޅުގެ އުފަލަށް ހުރަސް ނޭޅުމަށެވެ.
ޒީހާން ފުރާ ވާހަކަ ބުނުމުން ޒިވާ ވެސް އިންތިހާ އަށް ދެރަ ވިއެވެ. މަދު ދުވަސްކޮޅެއް ޒީޙާން އާއި އެކު ހޭދަ ކުރެވިފައި އަނެއްކާވެސް ޒީހާން ފުރައިގެން ދާތީއެވެ. އެކަމާ އޭޏާ ވަރަށް ޝާކުވާވެސް ކުރިއެވެ. އެހެންނަމަވެސް އޭނާވެސް ބޭނުންވީ ލޯބިވާ ކޮއްކޮ ކިޔަވައިގެން ހަރުދަނާ މީހަކަށް ވާށެވެ. ކުޑައިރުއްސުރެންވެސް އޭނާ އަށް އަބަދުވެސް ފެނަންނަނީ އެ ކޮއްކޮ އިންޖިނިއަރަކަށް ވެގެން އުޅޭތަނެވެ. މިއަދު އެ ހުވަފެން ހާސިލް ކުރުމަށް ޒީހާން ސިވިލް އިންޖިނިއަރިން ގެ ދާއިރާއިން ކުރިއަށް ދާތީ އޭނާ ވެސް ޚުދު އުފާވެއެވެ. ފުރަތަމަ އޭނާ ހީކުރީ ޒީހާން ބޮޑުވުމުން ބައްޕަގެ ވިޔަފާރި އާއި ގުޅޭނީ ކަމަށެވެ. އެކަމަކު އަބަދަކު ހުރިހާ ކަމެއް ހިޔާލާއި ފިކުރާއި އެއްގޮތް ނުވެދާނެ ތާއެވެ.
ހަޤީޤަތުގައި މާހީ ޒީހާން އާއި މެދު އެގޮތަށް ކަން ކުރެވުމުން އިންތިހާއަށް ދެރަ ވިއެވެ. ފަހަރުގައި ޒީހާން އެ ދެއްކި ވާހަކައަކީ ތެދަކަށް ވެދާނެ ނޫންހެއްޔެވެ. އޭނާ ހިނގާފައި ދަމުން ފަސް އެނބުރި ބަލާލި ވަގުތަށްވީ ޒީހާން އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެލި ވަގުތަށެވެ. އެހންކަމުން އެހިތުގައި ހަމްދަރުދީ އުފެދުނެވެ. އެހެންނަމަވެސް އެވަގުތުވެސް އޭނާގެ ހަނދާނާއި ގުޅިގެން ދިޔައީ އޭނާގެ ފުރަތަމަ ބައިވެރިޔާ އޭނާއަށް ހަދާލި ގޮތެވެ. އެކަންތަށް މަތިން ހަނދާން ވުމުން އެ ހުރިހާ ކަމެއްގެ ރުޅި އެ ބޭލުނީ ޒީހާން އަށެވެ. އޭނާ އެކަމަށް މާފަށް އެދެން ބޭނުމެވެ. އެހެންނަމަވެސް ހަފްތާ ދުވަސް ފާއިތުވެ ދިޔަ އިރުވެސް މަގެއްގެ ކޮޅުންވެސް ޒީހާންގެ ހިލަމެއް ނުވެއެވެ.
ޒައިހާ ކުރެން އެއްދުވަހު އެހުމުން އޭނާ އަށް ޖަވާބުގައި ލިބުނީ ޒީހާން އޮސްޓްރޭލިއާ އަށް ފުރީކަމެވެ. އެކަމުންވެސް މާހީއަށް މާނަ ނެގުނީ ނުބައިކޮންނެވެ. އޭނާ ޒީހާން އާއި ރައްޓެހި ވާން އެއްބަސް ވިޔަސް ލިބޭނީ މި ލަނޑު ބާއޭ އޭނާގެ ހިތަށް އެރިއެވެ. ޒީހާން އޭނާއާއި ރައްޓެހި ވެފައި ވެސް އޭނާ ދޫކޮށްފައި ހަމަ ފުރައިގެން ދާނީ އެއް ނޫންހެއްޔެވެ. އޭނާއަށް އޭރުންވެސް ލިބޭ ދެރަ ކުޑައެއް ނުވާނެ ނޫންހެއްޔެވެ. އެންމެ ފުރަތަމަ ފަހަރެކޭވެސް އެއްގޮތަށް އޭނައަށް ހަމަ ލިބެމުން ދާނީ އަނިޔާއެއް ނޫން ހެއްޔެވެ. ބޭރު ފުށުން ނުފެނުނަކަސް އޭނާ އެދަނީ އެތަށް މަރަކުން އެތަށް ފަހަރަކު މަރުވަމުންނެވެ. މާކިންގެ މަތިން ހަނދާން ނުނެތޭ އިރު އަދިވެސް އޭނާ ލޯބިވަނީ މާކިން ދެކެއެވެ. އެއީ އޭނާގެ ފުރަތަމަ ލޯތްބެވެ. އުމުރުގައި ވެވުނު ހަމައެކަނި ލޯތްބެވެ. އެލޯބި އޭނާގެ އަތުން ބީވެގެން ދިޔައީއެވެ. މާކިން އޭނައަށް ދިން ސަޒާ އަކީ އޭނާ އަށް ލިބުނު އެންމެ ބޮޑު އެއް އިންގިލާބެވެ. އެއީ މިހާރު ކުރީގެ މާހީ އެއް ނޫނެވެ.
ޒީހާން މާޙީ އަށް ލޯބި ހުށައެޅުމުން މާހީ ކަންތަށް ކުރިގޮތުން އޮސްޓްރޭލިއާ އަށް އެނބުރި ގޮއްސާވެސް ވިސްނެމުން ދިޔައީ ހަމަ މާހީ މަތިންނެވެ. އެކިފަހަރުމަތިން އޭނާ ނަގާފައި ހުރި މާހީގެ ތަސްވީރުތަކަށް ޒީހާން އަށް ބެލެވެއެވެ. ހިތުގައި އާލާ ކުރި އަޒުމު ފުނޑުފުނޑުވެ ހިނގައްޖެ އެވެ. މާހީ މަތިން ހަނދާން ނައްތާލާން ކުރި މަސައްކަތް ދިޔައީ ފެނަށެވެ.
އިތުރަށް ދެން ލިބެން ނެތް އެއްޗަކަށް އުންމީދު ކުރަން ނަހަދާ ޒީހާން ބެލީ އޭނާގެ ދިރިއުޅުމާއިގެން ކުރިއަށް ދާށެވެ. އިތުރަށް ފަސްއެނބުރި ބެލުމެއްނެތިއެވެ.
-_-_-_-_-_-_-_-_-_
ޒީހާން އާއި ދިމާލަށް އެނބުރުނު މާހީގެ ހިތް ހުއްޓުނު ފަދައެވެ. ހިތަށް ފާޑަކަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. ކުރިން ޒީހާން ހުރި ތާކު އޭނާއެއް ނެތެވެ. މަގުގެ އެއްވެސް ހިސާބަކުން ޒީހާންގެ ހިލަމެއް ނުވިއެވެ. އެހެންކަމުން ބިރުން ހުރެ އޭނާ ޖެހިގެން އޮތް ގޯޅިގަނޑު ބަލައިލިއެވެ. އެތަނުންވެސް ޒީހާންގެ ހިލަމެއް ނުވެއެވެ. ޒީހާންމެންގެ ގެ ހުންނަނީވެސް އެމަގުގައި ކަމުން އޭނާ އެމަގުން ދާން ހިނގައިގަތެވެ. އެއްވެސް ވަރަކަށް މީހެއްގެ ހިލަމެއް ނުވުމުން މާހީގެ ހިތުގައިވި ބިރުވެރިކަން ވިވެސް އިތުރެވެ. ހަމަ އެއާއިއެކު އޭނަގެ ސިކުނޑީ ތެރޭ އެނބުރެމުން ދިޔަ ސުވާލު ތަކުގެ ޖަވާބުވެސް އޭނާ ބޭނުންވެއެވެ.
” ޒީހާން އާއި ދިމާލަށް އޭނާ ދެންމެ ބުނެވުނު އެއްޗެހިން އަނެއްކާ އަހަރެންދެކެ ރުޅިއައިސްގެން ޒީހާން ދިޔައީތަ؟ ނޫނީ އަހަރެން ދެކެ ހަގީގަތުގައިވެސް ޒީހާން ލޯބި ވޭ ތަ؟ އެހެންވީމަ އަހަރެން ކީ އެއްޗިހިން އޭނާއަށް އަސަރު ކުރީމަ ދިޔައީބާ އަނެއްކާ؟” އެހާވަރަށް އޭނާ އާއި ދިމާލަށް މިއަދު ޒީހާން ބެލިއެވެ. ޚުދު އޭނާއަށްވެސް ޒީހާން އަށް ބެލުނުކަން ގަބޫލު ކުރެވުނެވެ.
ގެއަށް ދިޔުމުގެ ބަދަލުގައި ޒީހާން އޭނާގެ މިސްރާބު ބަދަލު ކޮށްލީ މޫދަށް އެރޭ ދިމާލުން އަތިރިއަށެވެ. ހަނދުވަރު ދޭ ވަގުތަކަށް ވުމުން އެތަން ފެންނަލެއް ނުލާހިކު ހިތްގައިމެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅި ތަކުން މީހާއަށް ހަމަޖެހުން ގެނުވައެވެ. ފުން ނޭވާއެއް ލުމަށްފަހު ޒީހާން ހިލަތަށް މައްޗަށް އަރައިގެން ދިޔައެވެ. އަދި އެންމެ ކޮޅުގައި ގޮސް އިށީންނިއެވެ. ދެންމެ ހިނގައި ދިހަ ހާދިސާ ލޮލޮ ކުރިމަތިން ސިފަވުމާއިއެކު އެހިތަށް ފުން އަސަރެއް ކުރިއެވެ. އެހިތުގައި ކުރިން އެޅިފައިވީ ކޫރުންތަކަށް އަނެއްކާވެސް އިތުރު ކޫރުންތަކެއް އިތުރު ވީއެވެ. އެ ހިތް ތަޅައިގެން ނުގޮސް އޮތީ ކިރިޔާއެވެ. އޭނާވެސް އެހެންމީހުން އުޅޭ ފަދައިން ލޯބިވެރިޔާ އާއި އެކު ދިރިއުޅުމެއް ފަށަން ބޭނުންވެއެވެ. އެހެންނަމަވެސް އެ ހުވަފެން ތަކުގައި ކުލަ ނުޖެހި ވަނީ ވިއްސި ވިހާލި ވެގެން ގޮއްސައެވެ.
ބިރުން ހުރެ މަގުގެ ދެފަޅި ބަލަމުން ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން މާހީ ދިޔައީ ޒައިހާމެންގެ ގެއާއި ދިމާލަށެވެ. ޒައިހާ މެންގެ ގެއަށް ނުވަދެވެނީސް މާހީ އަށް އެގެއިން ނިކުތް ޒިވާ އަދި ޒައިހާ އަޅައިގަތެވެ. އެ ދެމީހުންގެވެސް މިސްރާބު ހުރީ އަތިރިއަށެވެ.
” ޒައިހާ!!” ދުރުން މާހީ ގޮވާލި އަޑު އިވުނީމަ ޒައިހާ ފަސް އެބުރި ބަލާއިއެވެ. އޭރު އޭނާއާއި ދިމާލަށް އަތް މައްޗަށް ނަގައިގެން ހިނގާފައި މާހީ އާދެއެވެ. މާހީ އަތް ހޫރުވަމުން އައިސް އެމީހުންނާއި އަރާ ހަމަވުމުން ޒިވާ މާހީ އާއި ސުވާލު ކުރިއެވެ.
މާހީ މިތާ ކީތް ތި ކުރަނީ.. އެވެސް މިގަޑީ.. އަނެއްކާ..؟ ބިޓު ހިއްލަން އައިސް ދޯ؟!!!” ޒިވާ އޭނަގެ ލާނެތް ކަން މަތީ ހުރެ މާހީ އާއި ވާހަކަ ދައްކަމުން ދިޔައެވެ. ޒައިހާ ވެސް އެމީހުންގެ ވާހަކައިގައި ބައިވެރިވެ މާހީއާއި ދިމާކުރަންފެށިއެވެ. އެމީހުން ކައިރި ކިތަންމެ ވަރަކަށް އޭނާއާއި މާކިން ރުޅިވި ވާހަކަ ބުނަން ބޭނުންވިޔަސް މާހީ ނުބުނެވުނީ އެ ދެމީހުން އޭނާއަށް ފުރުސްތު ނުދިނުމުންނެވެ. އެހެންނަމަވެސް އެވަގުތު އޭނާއަށް ފެނުނު މަންޒަރުން އަނގަ މަތީގަ ވެސް އަތް އަޅާލެވުނެވެ. އަދި މަޑުމަޑުން ޒައިހާގެ ގައިގައި ކޮއްޓާލާފައި ޒައިހާ އަށްވެސް އެމަންޒަރު ދައްކާލިއެވެ. މިތަން ޒިވާއަށް ފެނުމުން އޭނާވެސް މި ދެއަންހެން ކުދިން ބަލަމުން ދިޔަ ދިމާލަށް ބަލައިލި އެވެ. އެއާއި އެކު އޭނާއަށްވެސް ހައިރާންކަން ލިބުނެވެ. ހަމަ އެއާއި އެކު ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ކުޅެލިއެވެ. ޖީބުގައި އޮތް ފޯނުނަގާ ފެންނަމުން ދިޔަ މަންޒަރު އޭނާ ފޮޓޯ ނެގިއެވެ. އަދި ކައިރިއަށް ގޮއްސައިވެސް ނެގިއެވެ. ފޯނުން ފޮޓޯ ތަކަށް ބަލަމުން އައި ޒިވާގެ ތުންފަތް މަތީ ކުޅެފައިވީ ފަތަހައިގެ ހިނިތުންވުމުން އޭނާގެ ސިކުނޑިތެރޭ ދައުރުވަމުންދިޔަ އެއްޗެއް ދެނެވަޑައިގަންނާނީ ހަމަ އެންމެ ފަރާތެކެވެ.
~ނުނިމޭ~
އުންމީދު ކުރަން މި ބަޔަކީވެސް ހުރިހާ ކިޔުންތެރިން ކިޔާލަން ޝައުގެވެއި ވާނޭ ބަޔަކަށް ވާނެ ކަމަށް…???????
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



