ވަޢުދޭ ވެވޭ މީ… 2
ގެއަށް ވަދެގެން ދިޔަ ޒީހާން އަށް އޭނާގެ މަންމަ އަށް ފިލައިގެން ކޮޓަރިއަށް ވަދެވުނީ ކިރިޔާއެވެ. އެހެންނަމަވެސް އޭނާއަށް ވަދެވުނީ އޭނާގެ ހަގަށް ހުންނަ ކޮއްކޮ ޒައިހާގެ ކޮޓަރިއަށެވެ. އޭރު އެ ކޮޓަރީގައި ހުރި ކުއްޖާ އޭނާއާއި ދިމާލަށް ފާޑަކަށް ބަލަން ފެށުމުން އޭނާއަށް އެ ކޮޓަރި އަށް ނަޒަރު ހިންގާ ލެވުނެވެ. ވަދެވުނީ އޭނގެ ކޮއްކޮގެ ކޮޓަރިއަށް ކަން ރެއަކާލީ ދެނެވެ. ވީ ކަޑައަކުން ބޮލުގެ ފުއްކިބައިގައި އަތް ހާކަލާ ކުރިމަތީ ހުރި އަންހެން ކުއްޖަ އަށް ނަޒަރު ހިންގާލާ އަވަހަށް އެކޮޓަރިން ނުކުންނަން ހިގައި ގަތެވެ. އެހެންނަމަވެސް ކަންފަތް ފަޅައިގެން ދަހާބާރަށް އެ ކުއްޖާ ތޫލި އަޑަކުން ހަޅޭއް ލަވައިގަތެވެ.
☆♡☆ 2 ވަނަބައި ☆♡☆
ފާހާނައި ގައި ހުރި ޒައިހާ އަށް ކޮޓަރި ތެރޭ ހުރި މާހީ ހަޅޭއްލަވައި ގަތް އަޑު އިވުމުން ފަހާނާ ތަށި މަތީ އިނދެފައި އަވަސް އަވަހަށް އެއްޗިހި އަރުވަމުން ބޭރަށް ނުކުތެވެ. އެވަގުތު ކޮޓަރި ދޮރު މަތީ ދެކަންފަތުގައި އަތް އަޅައިގެން ދެލޯ މަރާ ތަގުޅި ކޮށްގެން ހުރި ޒީހާން ފެނުމުން އޭނާއަށްވެސް އަޑުގެ ނެތްތަނަށް ހަޅޭއް ލަވައި ގަނެވުނެވެ. އޭރުވެސް މާހީ ދިޔައީ ގަދައަޑުން ތޫލިކޮށް ހަޅޭއްލަވަމުންނެވެ.
ބަދިގެ ތެރޭ ރޭގަނޑުގެ ކެއުމަށް ކައްކަން ހުރި ޒިޔާނާ އުނދުން މަތީ ހުރި ރިހަ އެތި ނުކެކި ހުއްޓެއްކަމަކު އުނދުން ނިއްވާލާފައި ޒައިހާ ގެ ކޮޓަރި އާއި ދިމާލަށް ދުއްވައި ގަނެވުނީ މާހީ މާ ބާރަށް ހަޅޭއްލަވަން ފެށުމުންނެވެ. އެ ކޮޓަރި އާއި ހަމައަށް ނުދެވި އުލެނިކޮށް އަނެއްކާވެސް އޭނާއަށް މާހީގެ އަޑާއި އެކު ޒައިހަވެސް ގަދަ އަޑުން ހަޅޭއްލަވައި ގަތް އަޑެވެ. ވީހާވެސް އަވަހަށް ގައިގައި ހުރި ބާރެއްލާ ދޮރު ހުޅުވާލީ އެ ދެކުދިންނަށް ކަމެއް ވީ އޭ ހިތާ އެވެ.
ދޮރުމަތީ ދެކަންފަތުގައި އަތް އަޅައިގެން ދެލޯ މަރާ ތަގުޅި ކޮށްގެން ހުރި ޒީހާން އެއްލިގެން ދިޔައީ ވަރަށް ބާރަށް ކޮޓްރި ދޮރު ހުޅުވުނީމައެވެ. ފާރާ ޖެހި މީހާ ހުރީ ފިތިފައެވެ. ދޮރު ބިއްދޮށަށް ޒިޔާނާ ބަލައިލީ އެތާނގައި ހުރީ ކާކު ތޯ ބެލުމަށެވެ. އޭނާގެ ފިރިހެން ދަރިފުޅު ހުރިތަން ފެނުމުން އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަވަސް އަވަހަށް އެ ދަރިފުޅު ގައިގައި އޮޅުލައިގަތެވެ. ޒީހާން އާއި އެތަކެއް ސުވާލު ތަކެއް ކޮށް، އޭނާ އެ ކޮޓަރިން ނެރެ ޒީހާން ގެ ކޮޓަރި އަށް ވައްދާ، ފެންވަރާ ތާޒާ ވެލައިގެން އަރާމު ކުރުމަށް ބުންޏެވެ.
ފާހާނާއިން ނުކުތް ވިޝާމްގެ ސިކުނޑިތެރޭ ދައުރުވަމުން ދިޔައީ ޒިވާގެ ހަނދާން ތަކެވެ. އެ މައުސޫމް މޫނުގެ ފުރަގަހަތުގައު ފަރުދާ ވެފަ ވާ ލާނެތްކަން އަދިވެސް ކެނޑިގެން ނުދާކަން އެނގމުން އޭނާގެ ތުންފަތަށް މައުނަވީ ހިނިތުންވުމެއް ވެރިވިއެވެ. އެހެންމަނަވެސް ދެވަނަސުކުންތަކަށް އެ ހިނިތުން ވުން ފަނޑުވެގެން ދިޔައީ މިއަދު އަތިރިމަތިން ޒިވާ ފިރިހެނެއްގެ ގައިގައި ބައްދާލައިގެން ހުރި ތަން ފެނުމުންނެވެ. އެ ދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރު ތަކުން އެއީ އާދައިގެ ގުޅުމެއް އޮންނަ ދެމީހުން ނެކޭ އެއް ނުބުނެވޭނެއެވެ. ޒިވާ އެމީހެއްގެ އަތުތެރެއަށް ލައިގެން ހުރި މީހާ ފެނިދާނެ ކަމުގެ އުންމީދާއި އެކު އޭނާގެ އެންމެ ގާތް އެކުވެރިޔާ އަށް ވިޝާމް ގުޅާލިއެވެ.
“އޭ ބަރޯ ކޮބާ ކައެ.. މަ އަޑުއެހިން ކައެ ރަށަށް އައި ވާހަކަ.. އާދެބައި އެއްކައެ، އަބުޅޯބެ ގެސްޓް ހައުސް ދޮށަށް މަށާ އަހަރުން ގޭންގު އެއްކޮން މިއޮތީ މިތާ…” ޒައްޔާން ގެ ފޯނަށް ގުޅުމާއި އެކު ފޯނު ނެގީ އާހިލް އެވެ. ވިޝާމްގެ ކުލާސް ކުދިންގެ ގޭންގް އަކީ އޭނަ ރަށުގައި އުޅުނު އިރުވެސް އަބަދުވެސް އެއްކޮށް އުޅުނު ބައެކެވެ. ‘ޖޯކަރސް’ ގެ ނަމުން ނަން ދީގެން އުޅުނެއް ކަމަކު އެ މީހުންނަކީ ވިޔާނުދާ އަމަލެއް ދުވަހަކުވެސް ހިންގި ބައެއް ނޫނެވެ. އެންމ ކުޑައިރުން ފެށިގެން އެއްކޮން އުޅޭ މި ރައްޓެހިންނަކީ އާދަޔާ ހިލާފު އެކުވެރިކަމެއް ގެންގުޅޭ ބައެކެވެ. އެ ގޭންގް ގެ ކޮންމެ މީހަކީ އަނެކާއަށް އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ފަދައެވެ. “އޯކޭ” އޭ ބުނެ ފޯނު ކަނޑާލާ އާހިލް ބުނި ދިމާލަށް ދާން ވިޝާމް މިސްރާބު ޖެހިއެވެ.
ވެފައި ހުރި ވަރުބައްޔާއި އެކު ކޮޓަރި އެނދު މަތީ ނިދިފައި އޮތް ޒީހާން އަށް ހޭލެވުނީ އޭނަގެ ފޯނަށް މީހަކު ގުޅުމުންނެވެ. ފޯނު ނަގާ ބަލައިލި ތަނާހެން ފޯނު ކެނޑުމުން އަނެއްކާވެސް އޮށޯތީ ނިދާށެވެ. ލޯމެރުމާއި އެކު އަލުން އަނެއްކާވެސް އެ ނަންބަރުން މީހަކު ގުޅުމުން ޗުސް ތަޅާލަމުން ފޯނު ނަގާ ކަންފަތުގައި ޖަހާލީ އެ ގުޅި މީހަކަށް ކުދި ކިޔަމުންނެވެ. ހަލޯ އޭ ބުނި އިރު ވެސް ރިންގު ވާ އަޑު އިވެއެވެ. އެކޮޅުން ވާހަކަ ނުދެއްކުމުން ޒީހާން އަށް ހަމަ ބިމަށް އާދެވުނެވެ. ގުޅަމުން ދިޔަ ފޯނު ކެނޑުމުގެ ކުރިން ނަގާ ކަންފަތުގައި ޖަހާލިއެވެ. ނިދި ފައި އޮތުމުގެ ސަބަބުން އެ އަޑުގައި ވަރުބަލި ކަމެއް ހުރި އިރު ކުރިއަށް ވުރެން އަޑު ބަރު ހެން ވެސް ހީވެއެވެ. އަނގައިގައި ވާހަކަ ދައްކާނެ ހާ ވާގި ނެތުމުން އޭނާ ހުމްމް އަކުން ފުއްދާލިއެވެ.
” ހުމްމްމްމް؟؟؟… ” ބަރު ނޭވާ އަކާއި އެކު ޒީހާން އަޅުވާލިއެވެ. އެއާއި އެކު އަނެއްކާވެސް އޭނާއަށް ނިދުނެވެ.
” ކައެ ނިދަނީ ދޯ؟.. ” އެކޮޅުން ވާހަކަ ދެއްކި އައިހަމް ބުނެލިއެވެ. މިނިޓެއް ވީ އިރު ވެސް ޒީހާން ވާހަކަ ނުދެއްކުމުން އަނެއްކާވެސް ހަލޯ އޭ ބުނެލި އަޑު އިވުނެވެ. އައިހަމް ގޮވާ ގޮވާ އަޑު ނީވުމުން ފޯނު ކަނޑާލާ އަނެއްކާވެސް ޒީހާން އަށް ގުޅާލިއެވެ.
” ކިހާ ދެރަ ކަމެއްތަ… މީހަކަށް ނިދާލެވެން ނޯވެޔޭ.. ވަރުބަލިވެގެން އޮށޯތީމަވެސް ނޯވޭ ހަމަ ނޭވާ ލެވެން ދެންމެ އޭ ގައިމު މި އޮށޯތީ…” ޒީހާން ކުދި ކިޔާލަމުން ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. އެކޮޅުން ޕަކަޕަކަ ލާފައި ހޭ އަޑު އިވެން ފެށުމުން އޭނާ ގުޅި ކާކު ތޯ ބަލާލިއެވެ. ގުޅީ އައިހަމް ކަމުން އޭނާ ފޯނު އަލުން ކަންފަތުގައި ޖަހާލިއެވެ. އޭނަޔާ ރަނގަޅަށް ވާހަކަ ނުދައްކަނީސް ދެން ނޭވާ ނުލާނެ ކަން އިނގޭ ތީއެވެ.
“އޭ މިރޭ އަހަރުން ބެޗު އެއްކޮށް ކޮފީ އަކަށް އަރަންވެގެން މި ގުޅީ… އެންމެން މިހާރު ތިބީ މިކޮޅުގަ.. ކައެ ނާންނާތީ ކަމެއް ނުކުރެވިފަ ތިބީ… މާދަން އަފާ ދާނެ މާލެ އަށް އޭނާ ޖޮބަށް ނުކުންނަން ޖެހެޔޯ… ސައިފް ވެސް ދެން އޭނަޔާ އެއްކޮށް ދާނަމޯ… އެހެންނުން ވާނީ އެކަކު އަނެކަކާ ނުލާ ނޫޅެވޭ ބައެއް އެއީ… ކައެ އާ ހެދި ވާ ކަންތަކޭ.. އަވަހަކަށް އެ ދިޔަ ތަނަކުން އަންނާކަށް ނޭގުނު ވިއްޔަ… އެންމެން ދާން ހެދީމަ އޭ އަންނަން އެނގުނީ… އެހެން ނޫންނަމަތާ މަޖާ ގަނޑެއްވެސް ތަންކޮޅެއް ބޮޑަށް ނަގާލެވޭނީ…” “ހްމްމް…” އައިހަމް ދެއްކި ހާ ވާހަކަ އެއް އަޑު އަހަން އޮތް ޒީހާން ދެންވެސް ޖަވާބު ދާރީ ވީ ހުމްމް އަކުންނެވެ.
“ކައެ އަންނާނަން ދޯ؟؟؟… ފަހުވަގުތު ފަނި ނާޅާތި.. ދެން ހެޔޮ ކައެ ނިދިޔަސް އެތަނަށް ގޮއްސަ ނިދި ނާންނަ ވަރަށް ނިދާތި…” ” ހްމްމް މަދާނަމޭ…” ފޯނު ކަނޑާ ލުމުން ގަޑި ބަލާލާފައި ޒީހާން ދެން ގޮސް ވަނީ ފާހާނާ އަށެވެ. އިތުރަށް ނިދާ ހިތް ނުވުމުންނެވެ. ނިދައިފިއްޔާ ދެން އަވަހަށް ނުހޭލެވޭނެ ކަން އިނގޭ ތީއެވެ.
އާހިލް މެން ތިބި ތަނަށް އާދެވުނު އިރު ވިޝާމް ދިޔައީ ހަމަ ޖެހެން މަސައްކަތް ކުރަމުންނެވެ. އަޔާޝްގެ އަތުގައި ބައްދައިގެން ހުރި އީވާ އާއި ވާހަކަ ދައްކަން އެހުރީ ޒިވާ ނޫން އެހެން މީހެއް ނޫނެވެ. ކައިރީގައި ޒައްޔާން އާއި އަޔާނީ ތިއްބެވެ. އެމީހުން ތިބީ އޮލަ ވާހަކައިގައި ކަމުން އެތަނަށް މީހަކު އައި ކަމެއްވެސް ނޭނގެއެވެ. އާހިލް އަށް ވިޝާމް ފެނުމުން އެންމެންނަށް ގޮވާލިއެވެ.
“އޭ މިޔޮށް އައީ.. ހިނގާ ދާން…”
އާހިލް ގޮވާލުމުން ޒިވާ ވެސް އެދިމާލަށް ބަލާލިއެވެ. ފެނުނު ސޫރައިން އޭނާއަށް ހީވީ ހިތުގެ ހިނގުން ހުއްޓުނު ހެންނެވެ. އެ ހިތުގެ ރާޖާ އެހުރީ އެތަށް އަހަރަކަށްފަހު އޭނާގެ ކުރިމަތިގައެވެ. ހިތުގެ ހިނގުން އަވަސް ވެގެން ދިޔައީ އެ ސޫރަ އިތުރަށް ފުރިހަމަ ވެފައި ވުމުންނެވެ. ހިތް ހަމައަކަށް އަޅުވާލީ އޭނާ ދެކެ ވިޝާމް ލޯބި ނުވާނެ ކަން އިނގޭތީ އެވެ. ވިޝާމް ވެސް ލޯބިވާ ކުއްޖަކު ހުންނާނެ ކަމަށް ހީކޮށް އޭނާގެ ހިތަށް ވިސްނައި ދިނެވެ. އިތުރަށް ވިޝާމް އަށް ނުބަލާން ޒިވާ އިސްޖަހާލިއެވެ.
ޒިވާ އިސް ޖަހާލިތަން ވަރަށް ރަނގަޅަށް އަޔާޝް އަށާއި އީވާ އަށް ފެނުނެވެ. އީވާ ވަގުތުން ޒިވާ އާއި ދިމާ ކުރަން ޒިވާގެ ގައިގައި އުޅަނބޮށިން ކޮއްޓާލިއެވެ. އަދި ވަރަށް ސިއްރުން އެއްޗެކޭ ބުނެލި އެވެ.
“ބަލާބަ އެހެރަ ހޮޓު ސޮރެއް ޒިވީ.. ހްމްމް ހްމްމް ކިހާ ދުވަހަކުން ތިހެން އިސް ޖަހާނެބާ… އަވަހަށް ދެންވެސް ތި ރައްޓެހި ވެގެން އުޅޭ ސޮރާއި ގުޅުން ކަޑާލަބަލަ.. މާ ގިނަ ދުވަސް ވަނީ އޭ މިހާރު ތި… އެހެންނޫނި ނުވާނެ ހަފްތާއެއްވެސް ރައްޓެހި ވާ މީހާ ދޫކޮށްލަން..” އީވާ މިހެން ބުނުމުން ޒިވާ އީވާ އާއި ދިމާލަށް ލޯ އަޅާލިއެވެ. އަދި އީވާ އާއި ދިމާލަށް ބޮމެއް އެއްލިއެވެ.
” ހްމް… ޖޭ ވީ ދޯ.. އީވި އަށް މިހާ ގިނަ މީހުން ނުތިބޭތީ… އެހެންޏާ ފަހެ.. ގުރޭޑް އަށެއްގަ އުޅުނު އިރު އޭ ޔާޝް ތިއްތި އާ އީވި އާ ރައްޓެހި ވީ.. މި ދެމީހުންނަށް މި އޮތީ ލޯބި ތަކެއް ވެވިފަ ސަހާދެ.. އޭރުއްސުރެން އެ އުޅެނީ ރައްޓެހި ވެގެންނޭ… މިހާރު ކިތަށް އަހަރު… އަށް އަހަރު ވީ.. މާތް ކަލާކޯ.. މަށަކަށް ނުވާނެ..” ޒިވާ ވާހަކަ ދެއްކަމުން ހިނގާފައި ދިޔައިރު ޖެއްސިހާ ހުރިހާ ވައްތަރެއް ބަލަން ވިޝާމް ހުރީ ދީވާނާ ވެފަ އެވެ. އެ ހިތގައި ވީ ލޯބި އުތުރި އަރައިގެން ދިޔައެވެ. ހަމަ ވަގުތުން ގޮސް ޒިވާ ކައިރި އޭނާގެ ހައްގަކަށް ވާން އަހަން ބޭނުން ވިއެވެ. އެހެންނަމަވެސް މިއަދު އޭނާގެ ދެލޮލަށް ފެނުނު މަނޒަރުން އެކަން ހިތު ތެރޭ ފޮރުވާލިއެވެ.
އެންމެން އެކު އެކީ ރެސްޓޮރެންޓަކަށް ގޮސް ހަވީރުގެ ސަޔަށް އިންސާފު ކުރިއެވެ. އެ ވަގތު ކޮޅުވެސް ދިޔައީ އެކަކު އަނެކަކަށް ދިމާކުރުމުގަ އެވެ. ޒައްޔާން އާއި އަޔާއީ އާ ދެމީހުން އަޅުވާ ކިޔަމުން ދާއިރު އަޔާޝް އާއި އީވާ ރައްޓެހި ވެގެން އުޅޭތާ އަށް އަހަރު ވީ އިރު ވެސް ކައިވެނި ނުކޮށް ތިބުމުން އެކަމާއި ވެސް ދިމާ ކުރަމުން ދިޔައެވެ. އިރު އޮއްސިގެން ދިޔައީ ހުރިހާ ކުދިންވެސް މި ސަމާސާ ގައި ތިއްބައެވެ.
އަށް ގަޑި ބައި ވީ އިރު ޒީހާން ހުރީ ސްވީޓްސް ރެސްޓޮރެންޓު ކުރިމަތީގައެވެ. އެ ތާނގެ އެތެރެ އަށް ވަދެ ސިޑިން މައްޗަށް އަރާ ފުރަތަމަ ފޮލޯ އަށް އެރިއެވެ. އޭރު އެ ކުލާހުގެ ގިނަ ކުދިން އައިސް ތިއްބެވެ. ޒީހާން އައުމުން އައިހަމް އޭނާކައިރި އެއްޗެކޭ ބުނެލިއެވެ.
” އޭ މާޝާ ބުނީ އޭނަ އަންނާނި އޭނަ ކަޒިން އެއް ގޮވައިގެންނޯ އެމީހުން މަންމަ މެން މާލެ ގޮސްގެން އެ މަންޖެ ހުރީ އޭނަ ކައިރީގަޔޯ… އޭނަ އެކަނި ގޭގަ ނުބަހައްޓަން ވެގެންނޯ ގޮވައިގެން މި އަންނަނީ… ކައެ އޯކޭތަ އަނެއްކާ… މަ ބުނިން މަށަށް ހެވޭ..” “ކޮން ކުއްޖެކޯ އަނެއްކާ..؟؟” “ތިގޭ ޒައިހާ އާ އެއްވަރުގެ މަންޖެ އެއް އެއީ..” ” ހްމްމް…” ދެމީހުންގެ ވާހަކަ މެދު ކެނޑުނީ އެ މޭޒު ކައިރި އައިސް ހުއްޓުނު ދެ މީހުން ފެނުމުންނެވެ. ޒީހާން އަށް މާޝާ ކައިރި ހުރި އަންހެން ކުއްޖާ ފެނުމުން ބުނެދޭން ނޭގޭ އިހުސާސެއް ވިއެވެ. ދެނެގަންނާން އުނދަގޫ ގޮތެއް ވެގެން ދިޔަ އިރު އޭނާއަށް ހުރެވުނީ އެ އަންހެން ކުއްޖާ އަށް ބަލަން ކަން ރެއަކާލީ އެ އަންހެން ކުއްޖާ އޭނާ އާއި ދިމާލަށް ބަލައިލުމުންނެވެ.
~ނުނިމޭ~
މިބައިވެސް ކަމުދާނެ ކަމަށް އުންމީދު ކުރަން???
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




ohh heyy…. miothy up vefa dhwww….
kiyuntherinnah mbai kamudhaane kamah unmeedhu kuran..
adhi mee hama feshun and lets see whats next to come upp…
ohh heyy…. miothy up vefa dhwww….
kiyuntherinnah mbai kamudhaane kamah unmeedhu kuran..
adhi mee hama feshun and lets see whats next to come upp…
inthixaaru kohhlavvaa
ss hurihaa kudhin…
lyssm<<33