ނޫރޭ ތިއީ މިހިތް އެދޭ ( ފުރަތަމަ ބައި )
އެ އިވުނީ ބަންގީގެ މަތިވެރި އަޑުން ދުވަސް ފަށައިދިން އަޑެވެ. ރައިނާ އޭނާގެ ގައިމަތީ އަޅާފައިވާ މަޑުމަޑު ފިޔާތޮށި ކުލައިގެ ރަޖާގަނޑު އެއްފަރާތް ކޮށްލުމަށްފަހު ކަންނެތް ގޮތަކަށް އޭނާގެ ދެލޯ އުނގުޅާލިއެވެ. ރައިނާ އެނދުން ފައިބައިގެން ގޮސް ތުވާލި ހަރުގާ އަޅުވާފައި ހުރި ފިޔާތޮށި ކުލައިގެ ތުވާލި ހިފައިގެން ގޮސް ފާހާނައަށް ވަނެވެ. އޭނާގެ މިސްރާބު ހުރީ ފާހާނަތެރޭ ވަކިން ބިއްލޫރި ޖަހާ ހަދާފައި ހުރި ފެންވަރާ ބަޔާ ދިމާއަށެވެ. ފެންވަރާ ބަޔަށް ވަދެ ވުމުން ރައިނާ އަވަސްވެގަތީ ރީއްޗަށް ފެންވަރާލާ ވުޞޫކޮށްލައިގެން ނިކުތުމަށެވެ. ފެންވަރައިގެން ނުކުމެ ގައިގާ ތުވާލި އޮޅާލައިގެން އޭނާ ވަނީ ފާހާނައިން ގޮސް ވަދެވެން ހުންނަ ވޯކް-އިން ކްލޮޒެޓަށެވެ. އަދި އަވަހަށް ހުދުކުލައިގެ ކުރުތާ އަކާއި ހަރުވާޅެއް ލައިގެންގޮސް ނަމާދަށް އެރިއެވެ.
16 އަހަރުގެ ރައިނާއަކީ ޒާހިދާއި ރަޒިއްޔާގެ ހުރި ހަމައެކަނި ދަރިފުޅު ކަމުން އެ ދެމީހުން އެދަރިފުޅު ދެކެ އިންތިހާއަށް ލޯބިވެއެވެ. އެމީހުންނަކީ މާލޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ” ބްލެއް ރޯސް ޕްރައިވެ ލިމިޓެޑް “ ހިންގާ ފަރާތް ކަމަށްވުމުން އެމީހުންނަކީ މާލޭގައި އުޅޭ މުއްސަނދި އާއިލާ ތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ. އެހެންކަމުން އެ ދެމަފިރިން ރައިނާ ގެންގުޅެނީ ގަނޑުވަރެއްގެ ރާނީއެއް ފަދައިންނެވެ. ނަމަވެސް ރައިނާއަކީ އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ މާތް އަޙުލާޤެއްގެ ވެރި ވިސްނުން ތޫނު އަންހެން ކުއްޖެކެވެ. އޭނާ އޭނާއަށް ދެއްވާފައިވާ ނިޢުމަތް ތަކާއިމެދު ބޮޑައެއް ނުވެއެވެ. އެހެން ވުމުގެ ސަބަބުން ކަންނޭންގެއެވެ. ރައިނާއަށް ގުދުރަތުން ދެއްވަވާފާ ވަނީ މީހަކު ހައިރާންވެ އަންތަރީސް ވާނެ ވަރުގެ ރީތި ކަމެކެވެ. ކަޅުކަން ގަދަ ފަން ދިގު އިސްތަށިގަނޑެކެވެ. ދޮން ރީތި ހަންގަނޑަކާއި ލޫޅާފަތި ހަށިގަނޑެކެވެ. ފޮއްފޮއް މޫނަކާއި ބައްޓަން ރީތި ނޭފަތެކެވެ. ރަތްކަންގަދަ އޮމާން ތުންފަތެކެވެ. އެންމެ ހައިރާން ވަނީ އޭނާގެ ބޯކިރުފޮދެއްހާ ސާފު ދެލޮލުގެ ތެރޭގައިވާ ގަދަ ނޫކުލައިގެ ކަޅީގެ ތޫނުކަމަކުންނެވެ. އެ ދެލޮލުން ބަލާލާ ކޮންމެ މީހެއްގެ ހިތް ކަތިލެވޭނެ ކަމާއި މެދު ކުޑަކޮށް ވެސް ޝައްކެއްނެތެވެ.
********
މިސްކިތުން ނަމާދުން ފައިބައިގެން އެކަނިމާ އެކަނި ހިނގާފައި އަންނަ ފިރިހެން ކުއްޖެކެވެ. ބަލާބެލުމަށް 16 އަހަރުވެދާނެއެވެ. ދޮން ރީތި ކަސްރަތީ ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާގެ އަޅިކުލައިގެ ދެލޮލާއިއެކު އޭނާވައްތަރީ ފިލްމު ތަކުގައި އުޅޭ ހޭންސަމް ވެންޕަޔާ އަކާއެވެ. އޭނާގެ ބެލުން ތަކުގައި ނުރައްކާތެރި ގޮތެއް ހުންނާތީއެވެ.
ފިރިހެންވަންތަ ހިނގުމެއްގާ އެ ފިރިހެން ކުއްޖާ ހިނގާފައި ގޮސް ވަނީ ރާއްޖޭގައި އޭގެ ދެވަނަ އެއް ނުވާނެހާ ފުރިހަމަ ގަނޑުވަރެއް ފަދަ ބޮޑު ރީތި ގެއަކަށެވެ.
” ދަރިފުޅާ ރަޔާން. ގެއަށް އައީ ތަ ؟ “ ރަޔާންއަށް ގެއަށް ވަދެވުމާ އެކު އޭނާގެ މަންމަ ސާނިޔާގެ އަޑު އިވުނެވެ. ރަޔާންގެ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. ސިޓިންގް ރޫމްގާ ހުރި ބޮޑު ޓޮޕް-ނޮޗް އަޅިކުލައިގެ ސޯފާ އަށް ވެއްޓިގަން ނަމުން ރަޔާން ގޮވާލިއެވެ. ” ލައްބަ މަންމާ. “ ” ދެން ދަރިފުޅާ ކަންނެތްނުވެ އާދޭ ކޮފީއެއް ބޯލާ ފްލޭޝްވެލަން. މަންމަ މިހިރީ ކޮފީހަދާފާ. “ ސާނިޔާ ކާގެއިން ބޯދިއްކޮށްލާފާ ރަޔާންއަށް ސައިބޯން އައުމަށް ގޮވާލިއެވެ. ރަޔާން ކަންނެތް ކަމާއެކު ސޯފާ އިން ތެދުވެ މަންމަގެ ބަހަށް ބޯޖަހާލާފާ ގޮސް ކޮފީ ބޯން އިށީނެވެ. އޭރު މޭޒުދޮށުގައި އޭނާގެ ލޯބިވާ ކޮއްކޮ ރަޝްކާ އާއި އޭނާގެ ބައްޕަ ހަންމާދު ތިއްބެވެ. ކޮފީއަށް އިންސާފު ކުރެވެން ފެށިއެވެ. ފަޒާގެތެރޭގައި ހިއްޕާލީ އުފާވެރި ޢާއިލާއެއްގެ ކުދިކުދި ސަމާސާ ތަކުގެއަޑެވެ.
******
ރައިނާ ސަބޮއެ ނިންމާފައި ހިނގައި ގަތީ އޭނާގެ ކޮޓަރިއަށެވެ. ދެވަނަ ފަންގިފިލާގައި ހުންނަ އޭނާގެ ކޮޓަރިއަށް ދެވޭނީ ވަރަށް ރީތި ބިއްލޫރި ސިޑިއަކުންނެވެ.
ކޮޓަރިއަށް ވަދެ ރައިނާ އަވަސްވެގަތީ ސްކޫލަށް ދިޔުމަށް ތައްޔާރުވުމަށެވެ. ޔުނީފޯރމް ލުމަށްފަހު ރައިނާ ގޮސް އިށީނދެލީ ޑްރެސިންގް ޓޭބަލް ގޮނޑީގައި ރީތި ވުމަށްޓަކައެވެ. އޭނާ މޫނުމަތީގައި ފުއްކޮޅެއް ޖަހާލުމަށްފަހު އިސްތަށިގަނޑު ރީތިގޮތަކަށް ގަތާލިއެވެ. އަދި އޭނާ ގެންގުޅޭ ޗެނަލް ބްރޭންޑް ސެންޓު ފުޅިން ސެންޓު ކޮޅެއް ޔުނީފޯރމަށް ބުރުވާލިއެވެ.
ރައިނާ ދަބަސް ހިފައިގެން ގޭންނިކުމެގެން ގޮސް އެއީ އޭނާގެ ބައްޕަގެ ވޮލްވޯ ކާރަށެވެ. ގަރާޖުން ކާރު ނެރެގެން ގޮސް ގޭޓުން ނެރުނު އިރު ހީވީ އިންގްލެންޑްގެ ރޯޔަލް ޕެލަސް އިން ކާރެއް ނެރުނު ހެންނެވެ.
ކާރު ދިޔަ ގޮތަށް ގޮސް ހުއްޓާލީ ބްލެކް ރޯސް ޕްރައިވެޓް ސުކޫލްގެ ގޭޓް ކުރިމައްޗަށެވެ.
= ނުނިމޭ =
2 Comments!
Comments are closed.


Guys this is a new story… Hope you like it ☺️☺️☺️
hess salhi…. vrh kamudhey!!!!!!