Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އަބަދުވެސް ހިތުގާ

🥀lizzie🥀 Level 410 Stories100 Login
January 22, 2022 6 Mins Read
0 Comments

ރޭގައިވަހުނު ވާރޭގެ އަސަރު އަދިވެސް ފެންނަން އެބަހުއްޓެވެ. މުޅި ފަޒާގައި ހިފާފައިވާ ތެތްފިނިކަމުގެ އަސަރު އަދިވެސް ފިލައިގެން ނުދެއެވެ. ގިނަ ދުވަސްތަކެއްވަންދެން ވާރޭ ނުވެހި އޮތުމަށްފަހު ވާރޭ ވެހުމުން ގަސްތަކަށް ވަނީ އިތުރު ފުރިހަމަކަމަކާއި ދިރުމެއް ގެނެސްދީފައެވެ. އަދިވެސް ގަސްތަކުގެ ފަތްތަކުގައި ފެންތިކި ހަރުލާފައި އެބަހުއްޓެވެ.

ގޭގެ ބޭރުގައި ހުރި ޖޯލިފަތީގައި އޮށޯވެލައިގެން އޮތް އަންހެން ކުއްޖާއަށް ގިނަ ބައެއްގެ ނަޒަރު އަމާޒުވެފައިވެއެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ޖިންސެއް ލައިގެން އޮތްއިރު ޓީޝާޓު ގަޔަށް ހިފާލާފައި އޮތުމުން އުނަގަނޑުގެ ހިމަކަން ފާޅުވޭވޭ ހުއްޓެވެ. ހެޔޮވަރެއްގެ އިސްކޮޅެއް ލިބިފައިވާއިރު ގުދުރަތުން ދެއްވާފައިވާ ބްރައުންކުލައިގެ ރާޅުބާނި އިސްތަށިގަނޑު ފެނިފައިވެސް މީހަކު އާޝޯޚުވާނެއެވެ. ހިނގާފައި ދާ ކޮންމެ މީހަކު އެކުއްޖާއަށް ދެވަނަ ނަޒަރެއް ދޭން ޖެހެނީ އެކުއްޖާގެ މޫނުގެ ސަބަބުންނެވެ. މައުސޫމު ލޯބި މޫނެކެވެ. ބްރައުންކުލައިގެ ކަޅިއެއް ލިބިފައިވާ ކުރަނގި ދެލޮލާއި ހިތިފަތު ބުމައެކެވެ. ހެޔޮވަރެއްގެ ނޭފަތަކާއި މަޑު ފިޔާތޮށްޓަކަށްދާ ތުނި ތުންފަތެކެވެ.

“މިލީ.. ދެން އެތެރެއަށް ވަދެބަލަ.. މިހާރު ކޮންއިރެއްތަ ބޭރުގަ އޮންނަތާ.. އަވަހަށް އާދޭ ސައިބޯން.. މިލީ ނައިސްގެން ޒީ އެބައިން ސައިބޯންވެސް ނުފަށާ..” އެތެރެއިން އަންހެނެއް ގޮވާލި އަޑަށް ޖޯލިފަތީގައި އޮވެފައި މިލީން ތެދުވިއެވެ. އަތުގައި އޮތް ފޯނު ފަހަތު ޖީބަށް ޖަހާލަމުން އެތެރެއަށް ހިނގައިގަތްއިރު އޭނާގެ ތުންފަތުގައި ވަނީ އެންމެ ރީތި ހިނިތުންވުމެކެވެ.

“ޒީ.. ދޮންތަ ޕްރިންސެސް.. އަވަހަށް ހިނގާ ދޯ ސައިބޯން ފަށަން..” މިލީން އައިސް ޒިއާގެ ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން ޒިއާގެ ކޯތާފަތުގައި ފިރުމާލިއެވެ. އެވަގުތު ޒިއާ ތުންދަމާލަމުން އަނެއް ފަރާތަށް އެނބުރުނެވެ. މިލީން ގާތަށް ހިނިއައެވެ. އެހެން އިންނައިރުވެސް ޒިއާ ލޯބިކަމުން ހީވަނީ ކުޑަކުޑަ ޕަރީއެއްހެނެވެ. މަޑު ފިޔާތޮށިކުލައިގެ ޓީޝާޓުކޮޅަކާއި ގަދަ ފިޔާތޮށިކުލައިގެ ސްކާޓުކޮޅެއް ލައިގެން އިންއިރު ކަޅުކުލަގަދަ ފަން އިސްތަށިކޮޅު ވަނީ އައްސާލާފައެވެ. ބޮލުގައި އަޅާފައި އިން މަޑު ފިޔާތޮށިކުލައިގެ ބޭންޑް އެ އިސްތަށިކޮޅާއި ނުހަނު ގުޅެއެވެ.

މިލީން ޒިއާގެ ގާތުން މާފަށް އެދެމުން ބޮލުގައި މަޑުމަޑުން ފިރުމާލިއެވެ. އެވަގުތު ޒިއާ ލޯބި ހިނިތުންވުމަކާއެކު އެނބުރި ބަލައިލުމުން މިލީންގެ ހިތް ފުރިގެން އައެވެ. އެއީ އޭނާގެ ފުރާނައެވެ. މިލީން ޒިއާގެ ގައިގައި ބައްދާލިތަން ފެނުނީ ކޮޓަރިން ނުކުމެގެން އައި ދެމީހުންގެ މަންމަ އިފާޝާއަށެވެ. އޭނާ ހިނިތުންވެލިއިރު ދެލޮލުގައި ތެތްކަމެއްވިއެވެ. ނަމަވެސް ހަމަ މިލީން ބަލައިލިއިރަށް ލޮލުގައި ހުރި ކަރުނަތައް ފުހެލަމުން އައިސް ދެމީހުންގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ.

ސައިބޮއެގެން މިލީން އާދައިގެ މަތިން ދިޔައީ ރަށުގައި އޮންނަ ތުނޑިއަށެވެ. ފަތިހުގެ ވަގުތުކަމުން އެހާ މީހުން ގިނަނުވިޔަސް ޕިކުނިކު ހަދައިގެން އައި ބައެއް މީހުން މިލީންއަށް ފެނުނެވެ. ފެހިކަން ގަދަ ބޮޑެތި ހިޔާދޭ ގަސްތަކުގެ ހިޔަލުގައި ބޮޑެތިމީހުން ވާހަކަދައްކަން ތިބިއިރު ކުޑަކުދިން ތުނޑީގެ ހިތްގައިމު ދޮންވެލިގަނޑުމަތީ ކުޅެން ތިއްބެވެ. ޒުވާންފުރައިގެ ފިރިހެން ކުދިން މޫދުގައި ސަކަރާތްޖަހަން ތިބިއިރު އެއީ ބަލާ ފޫހި ނުވާނޭ މަންޒަރެކެވެ. އެވަގުތު އެތަނަށް އައިސް ހުއްޓުނު ޒުވާނާ ފެނިފައި މިލީންގެ ހިތަށް ތަދުވިއެވެ. ދެލޮލުގައި ވިދާލި މުތީތަކެއްފަދަ ކަރުނަތަކާއި އެކުވެސް މިލީން ހިނިތުންވެލިއެވެ. ހިތި ހިނިތުންވުމެކެވެ. އެވަގުތު އޭނާއަށް މާޒީގެ ތެރެއަށް ފީނައިގަނެވުނެވެ.

އެއީ މީގެ ތިންއަހަރު ކުރިއެވެ. އާދައިގެ މަތިން ފަތިސް ނަމާދު ކޮށްގެން މިލީން އައިސް އިށީނީ ތުނޑީގެ ހިތްގައިމު ދޮންވެލިގަނޑު މަތީގައެވެ. އެހެން އިންއިރު އެތުންފަތުގައި ދުވެލާފައިވަނީ އެންމެ ރީތި ހިނިތުންވުމެވެ. އިރުގެ އައްޔަށް އެދެލޯ ވިދަމުން ދިޔައިރު ވަޔާއި އެއްވަރަށް އިސްތަށިގަނޑު ދިޔައީ ނަށަމުންނެވެ. މިލީން އެތާ އިންތާ ފަސްވަރަކަށް މިނެޓުފަހުން އެތަނަށް އައި ޒުވާނެއް މިލީންގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނާގެ ހިނިތުންވުން ފުޅާވިއެވެ. އެޒުވާނާ އައިސް އިށީނީ މިލީންގެ ގާތުގައެވެ. މިލީން ހިނިތުންވެލަމުން އެޒުވާނާއަށް ބަލައިލިއެވެ. ކަޅުކުލައިގެ ޓީޝާޓަކާއި މުށިކުލައިގެ ސޯޓެއްގައި ހުރިއިރު އެޒުވާނާގެ ދޮން ހަންގަނޑާއި ނުހަނު ގުޅެއެވެ. ކަޅުކުލަގަދަ ފަން އިސްތަށިގަނޑު ކަންފަތުގެ ފޫޅާއި ހަމައަށް ދިގުކޮށްލާފައިވާއިރު ހިތްގައިމުކަމަށް ދައްކައެވެ. ލިބިފައިވާ ކަޅުކަންގަދަ ކަޅީގައިވާ ބާރަކުން މިލީންގެ ހިތް ތެޅިލިއެވެ. މިލީން ރަކި ހިނިތުންވުމަކާއެކު އިސްޖެހުމުން އިވިގެން ދިޔައީ އެޒުވާނާގެ ހިތްގައިމު ލުއި ހުނުމުގެ އަޑެވެ.

“ލީން… އެނގޭ ދޯ މިއަދު ފުރަން ޖެހޭކަން.. ވަރަށް ހަނދާންވާނެ..” އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު އެޒުވާނާ ވާހަކަދެއްކުމުން މިލީންގެ ތުންފަތުގައިވާ ހިނިތުންވުން ގެއްލުނެވެ. އޭނާ އެޒުވާނާއަށް ބަލައިލިއިރު އެޒުވާނާވެސް އިނީ މިލީންއަށް ބަލަހައްޓައިގެންނެވެ.

“ޒެން.. އައި ނޯ.. އެން އައިލް މިސް ޔޫ މޯރ.. ޒެން އެކޮޅަށް ގޮސް ލީން މަތިން ހަނދާން ނައްތާ ނުލައްޗޭ..” މިލީން ޒެއިންގެ އަތުގައި ހިފާލަމުން އެދެލޮލަށް ބަލައިލިއެވެ. ޒެއިންއަށް މިލީން ދެރަވެފައި ހުރި ވަރު އެނގުމުން މިލީންގެ ކޯތާފަތުގައި މަޑުމަޑުން ހިފަހައްޓާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއިރު ދެހިތުގައިވެސް ޖަހަމުން ދިޔައީ އެއް ވިންދެކެވެ. އެތެރެއިން ހިތް ކަރުނަ އަޅާ ރޮމުން ދިޔައިރުވެސް ޒެއިން ހިނިތުންވެލިއެވެ. އެ ހިނިތުންވުން މިލީންގެ ހިތަށް ޝިފާއަކަށްވިއެވެ. އޭނާވެސް ފުން ނޭވާއެއް ދޫކޮށްލަމުން ހިނިތުންވެލިއެވެ.

“ލީން.. އައި ޕްރޮމިސް ދުވަހަކުވެސް ލީން ނޫން ކުއްޖެއް މިހިތުގަ ނުވާނެ.. އައި އޯލްވޭސް ލަވްޑް ޔޫ.. ކިޔަވައިގެން އަންނަ ގޮތަށް ލީންއާއި މެރީކުރާނީ.. އޯކޭތަ ބޭބީގާލް؟..” ޒެއިން މިލީންގެ އަތަށް ފިތާލަމުން މިލީން ގެނެސް އެހަށިގަނޑުގައި ލައްކޮށްލިއެވެ. ދެމީހުން އެތަށް އިރަކު ވާހަކަދައްކަން ތިބެފައި ގެއަށް ދިޔައީ ޒެއިން ފުރާ ގަޑި ގާތްވުމުންނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗަރ ބަޔަށް ވަންނަން ދިޔަ ޒެއިންއަށް އަދިވެސް އެއްފަހަރު ފަހަތް ބަލައިލެވުނެވެ. އެވަގުތު މިލީން ކަރުނައިގެ ތެރެއިން ހިނިތުންވެލިތަން ފެނިފައި އެހިތުގައި ރިއްސާލިއެވެ. މިލީން ގެނެސް އެއަތުގެ ތެރެއަށް ލާން ބޭނުންވިއެވެ. އެހެނަސް ވަގުތު އެކަމަށް ހުރަސްއެޅިއެވެ. ޒެއިން ހިނިތުންވެލަމުން އަތް ހޫރާލިއެވެ. މިލީންވެސް ހަމަ އެފަދައިން ކަންކުރީ ޒެއިން އަވަހަށް ފެނުމަށް އެދި ދުޢާކުރާ ޙާލުގައެވެ.

ދެއަހަރާއި ހަތްމަސް ފަހުން ޒެއިން އެނބުރި އައިއިރު މިލީން ހުރީ އެއާޕޯޓު ތެރޭގައި ޒެއިން ބަލާ އައިހެވެ. އެކޮޅަށް ގޮސް ފުރަތަމަ ދެއަހަރު ޒެއިން އޭނާއަށް ގުޅާ ވާހަކަދެއްކިއެވެ. ނަމަވެސް މިވީ ހަތްމަސް ދުވަހުގެ ތެރޭގައި ދެމީހުންވަނީ ބީރައްޓެހިންނަށް ވެފައެވެ. މިލީން ގުޅާއިރު އެފޯނުގެ ހިދުމަތް ކަނޑާލާފައިވާކަމަށް ބުނުމުން މިލީންގެ ހިތުގައި ޖެހުނެވެ. ނަމަވެސް އޭނާ ކެތްކުރީ ޒެއިން އެނބުރި އައުމުން އެވާހަކަ ދެއްކުމަށެވެ.

އެރައިވަލް ގޭޓުން ނުކުމެގެން އައި ޒެއިން ފެނުމުން މިލީންގެ ދެލޯ ބޮޑުވިއެވެ. ކަޅާއި ހުދު ސްޓައިޕްސް ދެމި ޓީޝާޓަކާއި ކަޅު ޖިންސެއްގައި ޒެއިން ނުހަނު ފުރިހަމައެވެ. ބައިމަތި ފުޅާވެ ހަށިގަނޑުގެ ދެމިލާފައިވުމުން ކުރިއާއި ބަލާފައި ދިގުކަމަށް ދައްކައެވެ. ރޭބަން އަވިއައިނަކުން ދެލޯ ފޮރުވާލެވިފައިވީކަން ވެސް އެއީ މިލީންގެ ނަސީބު ކަންނޭނގެއެވެ. އެދެލޯ ފެނުނު މީހަކު ރަނގަޅަށްވެސް އެދެލޮލުގެ ޖާދޫގައި ޖެހޭނެއެވެ. މިލީން ހިނިތުންވެލަމުން ކުރިއަށް ހިނގައިގަތް ވަގުތު އެދެލޯ ފުރިގެން އައެވެ. ފަހަތުން ޒެއިންގެ އަތުގައި ހިފާލައިގެން އައި އަންހެން ކުއްޖާ އޭނާއަށް ފެނުނީ އެވަގުތެވެ. ފެހިކުލައިގެ ހުޑީއަކާއި ކަޅު ޖިންސެއްގައި ހުރިއިރު ގޯލްޑްކުލައިގެ ރާޅުބާނި އިސްތަށިގަނޑު ވަނީ ދޫކޮށްލެވިފައެވެ. މޫނުމަތީގައި ލުއި މޭކަޕެއް ކޮށްލެވިފައިވާއިރު ނުހަނު ފުރިހަމައެވެ. ޒެއިންއާއި ގުޅޭ ކަހަލަ ކުއްޖެކެވެ. މިލީން ތުންފަތުގައި ދަތްއަޅާލަމުން ދުވެފައި އެތަނުން ނުކުތްއިރު ރަނގަޅަށްވެސް އޭނާގެ ހިތުގައި ޖެހިއްޖެއެވެ. ޒެއިންއަށް އޭނާ ކުރި ދިގު އިންތިޒާރުގެ އަގަކީ މިއީހެއްޔެވެ؟ އޭނާގެ ޒެއިންދެކެ ވީ ލޯބީގެ އަގު ޒެއިންއަށް އަދާކުރަން އެނގުނު ގޮތަކީ މިއީހެއްޔެވެ؟

ގެއަށް އައިސް މިލީން ވަރަށް ރުއިއެވެ. އޭނާ އިފާޝާ ގާތު އެތައް ޝަކުވާއެއް ކުރިއެވެ. ޒެއިން އޭނާއަށް އެހެން ހެދި ސަބަބު އެނގެން ބޭނުންވިއެވެ. އޭނާގެ ފަރާތުން އުނިވީ ކޮންކަމެއްތޯ އެނގެން ބޭނުންވިއެވެ. މިލީން ހިތާމަ ކުރާތަން ބަލަން އިފާޝާއަށް ފެންނަ ކޮންމެ ފަހަރަކު އެހިތް ކުދިކުދިވެއެވެ. އޭނާގެ މައި ލަގޮނޑިއަކަށް ކެތެއްނުވެއެވެ. އަމިއްލަ ދަރިފުޅު އެހާލުގައި އުޅޭތަން ބަލަން ކެތްވާނީ ކޮން މަޔަކަށް ހެއްޔެވެ؟

އޭގެފަހުން މިލީން ގެއިންބޭރަކަށް ނުނިކުމެއެވެ. ނަމަވެސް ފަތިސް ނަމާދަށްފަހު ކޮންމެ ދުވަހަކު އޭނާ ތުނޑިއަށްދެއެވެ. އެއީ އެދެމީހުން ބައްދަލުކުރާ މަންޒިލެވެ. އެތަށް ހަނދާނެއް ފޮރުވިފައިވާ ތަނެވެ.

މިލީންއަށް ހިޔާލުގެ ކަނޑުން އެނބުރި އާދެވުނީ ކައިރީގައި އިށީން ޒުވާނާ އޭނާއަށް ގޮވާލުމުންނެވެ. އޭނާ ސިއްސައިގެން ގޮސް އެނބުރި ބަލައިލިއިރު ކައިރީގައި އިން ޒެއިން ފެނިފައި ސިހުނެވެ. މިލީން ތުންފަތުގައި ދަތްއަޅާލަމުން އިސްޖެހިއެވެ. ފަސް މަސްފަހުން ފެނުނު ކަމުގައިވިޔަސް މިލީންއަށް އެސޫރައަށް މާ ބޮޑު ބަދަލެއް އައިސްފައި ވާކަމެއް ނުފެނެއެވެ. އެއީ އެންމެ ފުރަތަމަވެސް އެހިތުގައި ވިކާލި ސޫރައެވެ. އެހިތުގައި އެންމެ ފުރަތަމަ އައު ވިންދެއް ޖަހާލީ ޒެއިން ފެނުމުންނެވެ.

މިލީން އިސްޖެހިތަން ފެނުމުން ޒެއިން ހިނިތުންވެލިއެވެ. އެވަގުތު ޒެއިން ދެން ބުނެލި ޖުމުލަ އަޑުއިވިފައި މިލީން ސިހުނެވެ.

“ހޭއި.. އަމްމް… މިލީ..ން.. މިލީން ދޯ ކިޔަނީ؟..” ޒެއިން އެހެން އަހާލި އަޑުއިވިފައި މިލީންގެ ދެލޯ ބޮޑުވިއެވެ. ބިރެއް ފެނުނުހެން ޒެއިންއާއި ދިމާލަށް ބަލަހައްޓައިގެން އިންއިރު ދެލޮލުގައި ކަރުނަ ވިދާލިއެވެ. ޒެއިންއަށް ހަމަ އޭނާ ނޭނގުނު ހެއްޔެވެ؟ ނޫނީ އިނގޭކަމަށް ނުހެދީހެއްޔެވެ؟ މިލީންގެ ހިތަށް ތަދުވިއެވެ. ޒެއިން އޭނާ ހާދަ ދުރުކޮށްލައިފިއެވެ.

“ހޫމްމް..” މިލީން މޫދަށް ބަލަހައްޓައިގެން އިނދެ މަޑުމަޑުން ހޫމް ލައްވާލި އަޑުއިވިފައި ޒެއިންގެ ހިނިތުންވުން ފުޅާވިއެވެ.

“މިލީން.. ހީވަނީ ވަރަށް ގާތް ކުއްޖެއްގެ ނަމެއްހެން.. އެހާ ބޮޑަކަށް ހަނދާނެއް ނެތް… ފެނުނުއިރުވެސް ހީވި ކުރިން ދަންނަހެން.. އަހަރުމެން ދެމީހުން ކުރިން ބައްދަލުވިތަ؟..” ޒެއިންވެސް މޫދަށް ބަލަހައްޓައިގެން އިނދެލާފައި ސުވާލުކުރި އަޑަށް މިލީން ހައިރާންވެފައި ޒެއިންއަށް ބަލައިލިއެވެ. ޒެއިންއަށް އޭނާ ހަނދާންނުވަނީ ހެއްޔެވެ؟

“ހެހެހެ އަބަދު ހޫމް ނުކިޔަބަލަ… ޓޯކް ކުރަން ބޭނުންނުވަނީތަ؟..” މިލީން އަނެއްކާވެސް ހޫމް ލައްވާލުމުން ޒެއިން ލުއި ހީލުމަކާއެކު ބުނެލިއެވެ. މިލީންއަށް ހިތާއި ދިމާލުގައި އަތްއަޅާލެވުނެވެ. އަދިވެސް އެހިތްގައިމު ހުނުމެވެ.

“ނޫން.. އެހެންނެއްނޫން..” މިލީން ޒެއިންއަށް ބަލައިލަމުން ބުނެލިއެވެ. އެވަގުތު ޒެއިން ބުމަ އަރުވާލުމުން މިލީން ރަކިވީވަރުން އިސްދަށަށްޖެހިއެވެ.

“މިލީން.. މިލީން އަހަރެންގެ މީހަކަށް ވާނަންތަ؟..” ޒެއިން އިރުކޮޅަކު ހިމޭނުން އިނދެފައި ބުނެލި ޖުމުލައިން މިލީން ސިހުނެވެ. ޒެއިންގެ އަޑުގައި ވަނީ ޖެހިލުންވުމެވެ. ނަމަވެސް މިލީންއަށް ޒެއިން ޖެހިލުންވާންވީ ސަބަބެއް ނޭނގުނެވެ. އެހެންނޫނަސް ޒެއިން އޭނާ ގާތު އެހެން އެހީ ކީއްވެހެއްޔެވެ؟

“މިލީން.. އަމްމް ސޮރި ހިތްހަމަ ނުޖެހުނިއްޔާ.. އަސްލު ތެދެއް ބުނަންތަ؟ ކިޔަވަން ގޮސް އުޅެނިކޮށް އެކްސިޑެންޓްވެފަ ހަނދާންތައް ފޮހެވުނީ.. މަންމަމެން ފެނުނީމަވެސް ނޭނގުނު ވަކިކުރަން… އެކަމަކު މިލީން ފެނިފަ ހީވީ ކުރިންވެސް ދަންނަހެން.. ނޭނގެ ކީއްވެކަމެއް… ބަޓް ހިތް ބުނީ މިލީންއަކީ ވަރަށް ގާތް ކުއްޖެކޭ..” ޒެއިންގެ އަޑު މިފަހަރު މަޑެވެ. ޒެއިންދެއްކި ވާހަކަތައް އަޑުއިވުމުން މިލީން ދިޔައީ ފާޑަކަށް އެއްލިގެންނެވެ. ޒެއިންގެ ހަނދާންތައް ދިޔައީހެއްޔެވެ؟ އޭނާއާއި ވާހަކަނުދެއްކީ އެހެންވެހެއްޔެވެ؟ ޒެއިން އަދިވެސް އޭނާދެކެ ލޯބިވަނީހެއްޔެވެ؟ ދެން އެހެންވީއިރު އެއާޕޯޓުގައި ޒެއިންގެ އަތުގައި ހިފައިގެން ހުރީ ކާކުހެއްޔެވެ؟

“ޒެއިން.. ޒެއިން ކިޔަވައިގެން އައިއިރު ޒެއިންއާއި އެކީ އައީ ކާކުތަ؟ ޒެއިންގެ އަތުގަ ހިފައިގެން؟” މިލީން ކުޑަކޮށް ޖެހިލުންވެފައި އިނދެވެސް އަހާލީ އެއީ ކާކުކަން އެނގެން ބޭނުންވެފައި ހުރި ވަރުންނެވެ. އެވަގުތު ޒެއިން ފާޑަކަށް މިލީންއަށް ބަލައިލުމުން މިލީންގެ ހިތް ތެޅިގަތެވެ.

“އެއީ އަހަރެންގެ ކޮއްކޮ.. އެއްބަފާ ކޮއްކޮ.. ކިޔަވަން އުޅުނުއިރު ފުރަތަމަ ފަހަރަށް ދިމާވީ.. އޭރު ކިރިޔާ އެނގުނީ އެއީ ޑޭޑް ދެވަނަ ކައިވެންޏެއް ކޮށްގެން ލިބިފަ ހުރި ކުއްޖެއްކަން.. ޝީޒް ޒާނާ..” ޒެއިން ކުޑަކޮށް އޮޅުންފިލުވާދެމުން ގަހެއްގެ ހިޔަލުގައި އިށީނދެގެން އިން ޒާނާއަށް އިޝާރާތްކޮށްލިއެވެ. މިލީންގެ އަނގަ ސަކަރާތްވިއެވެ. އޭނާ މިއޮއްހުރިހާ ދުވަހު ޒެއިންއާއި ދުރުގައި އުޅުނީ ހަމަ އޭނާގެ މޮޔަކަމުންނެވެ. ޒެއިން ގާތުން ތެދު ދޮގު އޮޅުންފިލުވުނުނަމައެވެ. މިލީން ފާޑަކަށް ބަލަން އިނުމުން ޒެއިން ހިނިތުންވެލިއެވެ. އެވަގުތު އޭނާގެ ސިކުނޑިއަށް ކަމެއް ވެރިވެގަތެވެ.

“މިލީން.. ނަން އެނގުނީ ކިހިނެއްތަ؟..” ޒެއިން ސީދާ މިލީންގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ ބުނެލި ޖުމުލައިން މިލީންއަށް ފާޑަކަށް ޒެއިންއަށް ބަލައިލެވުނެވެ. “ބުނީމެއްނު ކުރިން މީޓްވިއޭ..” މިލީން އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސާލަމުން ބުނެލި ޖުމުލައިން ޒެއިންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. މިލީން އަނގަޔަށް ޖެއްސި ވައްތަރު ފެނިފައިވެސް މީހަކަށް ހެވޭނެއެވެ. އެހެންނަމަވެސް މައުސޫމުކަމުގެ އިންތިހާއެވެ.

“މިލީން… އަދިވެސް ކުރިން ކުރި ސުވާލުގެ ޖަވާބެއް ނުދެމެއްނު.. ވިލް ޔޫ ބީ މައި ގާލް؟ ވަރަށް ދުވަސްވެއްޖެ އަހަން އުޅޭތާ.. އެކަމަކު ނުއެއް ކެރޭ އަހާކަށް.. ކޮންމެ ދުވަހަކުވެސް ފެނޭ މިތަނުން.. ވާހަކަދައްކަން ވެސް ނުކެރެނީ.. ދެން އިޔާން ލައްވާ މައުލޫމާތުކޮޅެއް ހޯދީ..” ޒެއިން ބޯކަހާލަމުން ބުނެލި ޖުމުލައިން މިލީންއަށް ހެވުނެވެ. އޭނާގެ މައުލޫމާތު ހޯދަން ޒެއިން އެހީވެސް އޭނާގެ ބޮޑުބޭބެގެ ދަރިފުޅުގެ ގާތުގައި ވިއްޔާއެވެ. މިލީން އެވާހަކަ ބުނުމުން ޒެއިންގެ އަނގަ ސަކަރާތްވިއެވެ. އިޔާން އޭނާ އެއްޗެއް އަހާލާއިރަށް ހެނީ މިހެންވެތާއެވެ. ޒެއިން ރަކިވިއެވެ. އޭނާ ލަދުގަތްކަން ފޮރުވާލަން އަނެއްކާވެސް މިލީން ގާތު ސުވާލު ތަކުރާރުކޮށްލިއެވެ. އެވަގުތު މިލީން ރަކި ހިނިތުންވުމަކާއެކު މަޑުމަޑުން ބޯޖަހާލިތަން ފެނި ޒެއިންގެ ހިނިތުންވުން ފުޅާވިއެވެ. ވަގުތުން އެ މައުސޫމު އަންހެން ކުއްޖާ ގެނެސް ދެއަތުގެ ތެރެއަށްލާ މުޅި ދުނިޔެއަށް ފޮރުވާލަން ބޭނުންވިއެވެ. މިލީންއަކި ހަމައެކަނި އޭނާގެ ހައްގެއްކަން އަނގާލަން ބޭނުންވިއެވެ. އޭނާ މިލީންގެ އަތުގައި ހިފާލަމުން މިލީންގެ ދެލޮލަށް ބަލައިލިއެވެ. އެވަގުތު ދެލޮލުންވެސް ފެނުނީ ނިމުމެއްނެތް ލޯތްބެވެ. ޒެއިންގެ ހަނދާންތައް ފޮހެވިފައިވި ނަމަވެސް އެހިތް އެދެމުން ދިޔައީ ހަމައެކަނި މިލީންއަށްޓަކައެވެ. ދެހިތުގައިވާ ސާފު ލޯބި ދެލޮލުން ފެންނަމުން ދިޔައިރު ދުރުގައި ދެމީހުންގެ ހަރަކާތްތަކަށް ބަލަން އިން ޒާނާ އިނީ ހެވިފައެވެ.

“މޯމް ބަލާބަ.. ދެން ކުޑަބެ ގެ ވެޑިން އެންމެ އަވަހަށް އޮންނާނީ..” ޒާނާ ލިއުޝާގެ އަތުގައި ހިފާލަމުން ޒެއިންއާއި މިލީން ދައްކާލިއެވެ. އެވަގުތު ލިއުޝާވެސް ހިނިތުންވެލާފައި ޒާނާއަށް މިލީންއާއި ޒެއިންގެ ދެމެދުގައި ކުރިން އޮތް ގުޅުން ކިޔައިދިނެވެ.

“މަންމަ ވަރަށް ދެރަވި މިލީއަށް ވެސް އެއްވެސް ވާހަކައެއް ބުނެނުދެވުނީމަ.. އައި ވޯޒް ސޯ ހޯޕްލެސް.. ޒެންގެ ޑޮކްޓަރ ބުނެފަ އޮތީ ކުރީގެ ހަނދާން އާކޮށްދޭން އެހާ ބޮޑަށް ސިކުނޑިއަށް ބާރުލިޔަ ނުދޭށޭ… ގެއްލުންވެދާނޭ… އިފާޝާއަށް މިވާހަކަ އެނގިއްޖެއްޔާ ވަރަށް އުފާވާނެ.. ކައިވެނީގެ ވާހަކަ ދައްކާފަ އޮއްވަ ދެކުދިން ދުރުވާން ޖެހުނީ.. އިފާޝާ މިލީ ގާތު ޒެންގެ އެކްސިޑެންޓުގެ ވާހަކަވެސް ނުބުނީ ޒެންއަށް އަދި މިލީއަށްވެސް ރަނގަޅަކަށް… އެކަމަކު ތަޤުދީރުގެ ނިންމުން ނިކަން ބަލާބަލަ… މިއަދު ޒެންގެ އެއްވެސް ހަނދާނެއް ނެތަސް އެހިތް އެދެމުން ދިޔައީ ހަމައެކަނި މިލީންއަށް.. ދެހިތުގައިވަނީ ސާފު ތެދުވެރި ލޯބިކަން މަންމައަށް މިއަދު އިހުސާސްވެއްޖެ.. މިލީއަކީ ޒެންގެ ދިރިއުޅުމަށް އެންމެ އެކަށޭނަ ކުއްޖާ.. ޝީޒް ސޯ ސްޕެޝަލް..” ލިއުޝާ ހިނިތުންވެލަމުން ޒެއިން އަދި މިލީންއަށް ބަލައިލިއެވެ. މިލީންއަކީ ޒެއިންއާއި އެންމެ ގުޅޭނެ ކުއްޖާއެވެ. ޒެއިންގެ ޙަޔާތުގައިވެސް އައި ހަމައެކަނި އަންހެންކުއްޖާއެވެ. ދިމާވި މަޖުބޫރީއެއްގެ ސަބަބުން ދެކުދިން ދުރުވާން ޖެހުނުނަމަވެސް މިއަދު އަނެއްކާ އެދެ ހިތް ގުޅިއްޖެއެވެ. ތަޤުދީރުގެ ނިންމުން ނިކަން ދެކިބަލާށެވެ.

ޒެއިންއަށް ދުރުގައި އޭނާގެ މައިންބަފައިން ބަލަހައްޓައިގެން ތިބިތަން ފެނުމުން ހިނިތުންވެލެވުނެވެ. އެވަގުތު ލިއުޝާ ހިނިތުންވެލަމުން ބޮޑުވައި އިނގިލި ދައްކާލުމުން ޒެއިންގެ ހިނިތުންވުން ފުޅާވިއެވެ. އޭނާ މިލީން ގެނެސް އެމޭގައި ޖައްސާލަމުން އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިއެވެ. އެވަގުތު ޒެއިން މިލީންގެ ކަންފަތް ދޮށުގައި ބުނެލި ޖުމުލަ އަޑުއިވިފައި ހިނިތުންވެލެވުނެވެ. އަދި ބޮޑަށް އެމޭގެ ތެރޭގައި ބޮނޑިވެލިއެވެ.

 

“އަބަދުވެސް ތިނަން މިހިތުގާ ވާނެ…” އެއީ ދެހިތުގެވެސް އަޑެވެ.

 

(ނިމުނީ)

 

Share Article

Follow Me Written By

🥀lizzie🥀

Level 410 Stories100 Login

Other Articles

Previous

އުދާސް

Next

އެ ހުވަފެން – 1

Next
January 22, 2022

އެ ހުވަފެން – 1

Previews
January 20, 2022

އުދާސް



All Right Reserved!