ބީވެދިއުމުން…
“އަހަންނަށް ޒިޔާދު އާއިއެކު ދެން ނޫޅެވޭނެ. އަހަރެން ބޭނުންވަނީ ވަކިވާން…” ފަޒީލާގެ އަޑުގައިވީ ފޫހިކަމެވެ.
“ފަޒީ… އަދި އަހަންނަށް ވަގުތު ކޮޅެއް ދީ… އަހަރެން ހުރިހާ ކަމެއްވެސް ހަމައަކަށް އަޅުވާނަން… ޕްލީޒް… އައި ޖަސްޓް ނީޑް ސަމް ޓައިމް…” ޒިޔާދު އާދޭސްކުރިއެވެ.
“ތިހެން ކިޔާތާ މިހާރު ކޮން ދުވަހެއް؟؟؟… އަހަންނަށް ވަގުތު ދެވިއްޖެ… އަހަންނަށް ނޫނީ ދަރިފުޅަށް ބޭނުންވާ އެއްޗެއް ހޯދާދެވޭކަމަކަށް ނުވޭ… އަހަރެން ބޭނުންވާ އެއްވެސް ކަމެއް ކުރާކަށް ފައިސާއެއް ދެވެނީކީ ނޫން… ދެން ކީއްކުރާ މީހެއްތީ… ޒިޔާދުއާއިއެކު އުޅެން ހަދައިގެން އަހަރެން ރައްޓެހިން ކުރިމަތީގައިވެސް ލަދުގަންނަން ޖެހެެެނީ.. އަހަރެންގެ ހަޔާތުން އިތުރު ދުވަސްތަކެއް ބޭކާރުކުރާކަށް ބޭނުމެއް ނޫން…” ފަޒީލާގެ ޝަކުވާތައް ފެށުނެވެ.
“ފަޒީ…އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ… އަހަރެން…” ޒިޔާދު ވާހަކަ ދައްކަން ފަށާއިރަށް އަނެއްކާވެސް ފަޒީލާ އޭނާގެ ވާހަކަ މެދުކަނޑާލިއެވެ.
“އަޑުއަހާކަށް އިތުރު އާ ވާހަކައެއް ނެތެއްނު. މިހާ ހިސާބުން މި ނިމުނީ…” ފަޒީލާ އިށީންދެގެން އިން ގޮނޑިން ތެދުވެގެން ދިޔައެވެ.
ޒިޔާދު، ކާން އިން ތަށި ދުރަށް ޖައްސާލީ ކާހިތް ކެނޑުމުންނެވެ. ވާއަތުގެ އިނގިލިތަކުން ނިއްކުރީގައި ފިރުމާލިއެވެ. އެގޮތުގައި ނިއްކުރީގައި އަތް ޖައްސާލައިގެން އެތައް އިރެއް ވަންދެން ޒިޔާދު އިނެވެ. މާޔޫސްވީ ހަދާނެ ގޮތެއް ޒިޔާދުގެ ސިކުނޑިއަށް ނުވިސްނުމުންނެވެ.
ފަހަކަށްއައިސް މިގޮތަށް ޒުވާބުކުރުމަކީ ފަޒީލާގެ އާދައަކަށް ވެއްޖެއެވެ. އޭނަ ބޭނުންވާ އެންމެ ކަމެއް ނުވިއަސް ޝަކުވާ ކުރުމަކީ ކުރިންވެސް ފަޒީލާ ކުރާ ކަމެކެވެ. މިހާރު ހާލަތުހުރި ގޮތުން، ޒިޔާދަށް އެވަރަށް ޚަރަދުތައް ނުކުރެވޭތީ ޝަކުވާތައް އިތުރުވަނީއެވެ.
*****************
ކައިވެނީގެ ކުރީކޮޅުގައި ފަޒީލާއާއި ޒިޔާދުގެ ދެމަފިރިން އުޅުނީ ވަރަށް ހަމަޖެހިގެންނެވެ. ތަނަވަސް ދިރިއުޅުމެއް އުޅެމުން އައީތީ ފަޒީލާ ބޭނުންވާހާ ކަމެއް ކޮށްދެއެވެ. އަދި އޭގެ އިތުރަށް އޭނާއަށް އެވަރަށް ފައިސާވެސް ދެއެވެ. އޭރު ދިރިއުޅުމުގެ ކަންކަން ހުރިގޮތުން، މިހާ ދަތި ހާލަތަކަށް ހިނގައިދާނެކަމަކަށް ދެމީހުންކުރެ އެކަކުގެވެސް ހިތަކަށް ނާރައެވެ.
ދިރިއުޅުން ބަދަލުވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ފައިސާގެ ދަތިކަމެއް ނެތި ހޭދަކުރި އުފާވެރި ދުވަސްތައް މާޒީވެގެން ހިނގައިދާނެކަމަށް ދެމީހުންކުރެ އެކަކުގެ ޚިޔާލަށްވެސް ނާދެއެވެ. އިރެެއްގައި ފައިސާތަކުގެ ތެރޭގައި އުދުހެވުނު ނަމަވެސް، މިހާރު އުޅެން ޖެހިފައިވަނީ ދަތި ހާލުގައެވެ.
މުއްސަނދިކަމަށް އަބަދުވެސް ލޯބިކުރާ ފަޒީލާއަކަށް މި ހާލަތަކަށް ކެތެއް ނުކުރެވުނެވެ. ފައިސާގެ އަޅުވެތިކަމުގައި ޖެހިފައިވާތީ، ޒިޔާދުއާއި ގުޅުނީވެސް އެއީ ފައިސާވެރިއަކަށްވާތީއެވެ. ބޮޑު މުސާރަ ލިބޭ މަތީ މަޤާމެއްގައި ހުރީތީއެވެ. ޒިޔާދުއާއި ގުޅުނުއިރުވެސް އެއީ އެހެންމީހެއްގެ ފިރިއެއްކަން ފަޒީލާއަށް އެނގެއެވެ. ކުޑަކުޑަ ދެދަރިންގެ ބައްޕައެއްކަންވެސް ދެނަހުއްޓެވެ.
އެދެމީހުންގެ ގުޅުން ނޭންގުނީ، ޒިޔާދުގެ އަނބިމީހާއަށެވެ. އެކަމަކު “ވަގަކަށް ހާސްދުވަސް، ވެރިއަކަށް އެއްދުވަހޭ” ބުނާ ބުނުމޭ އެއްގޮތަށް ޝީޒާއަށްވެސް މާގިނަ ދުވަހު އެކަން ސިއްރެއް ނުވިއެވެ. އެކަން އެނގުމުން ޝީޒާ ގިސްލާ ރުޔެވެ. ޒިޔާދު ގާތު އެގޮތަށް ނޫޅުމަށް އެދި އާދޭސްކުރިއެވެ. އޭނާއަށްޓަކައި ނޫނަސް، އެކުޑަ ދެދަރިންގެ ހައްގުގައި އެގުޅުން ކަނޑާލުމަށް އެދުނެވެ.
ޝީޒާގެ އާދޭސްތަކަށް ބީރުކަންފަތެއްދީ، އެގުޅުން ކުރިއަށް ގެންދިޔައިރުވެސް، މިދެވެނީ އަނިޔާއެއްކަމަށް ޒިޔާދުގެ ހިތަކަށް ނާރައެވެ. ފަޒީލާއާއެކު ކައިވެންޏާއި ހަމައަށް ދާން ނިންމީ، ޝީޒާއާއި ވަކިވުމަށްފަހުގައެވެ. ޝީޒާގެ ކުށެއްނެތި ވަރިކުރަން ނިންމިއިރު، ކުޑަމިނުން ދެދަރިންނާއިމެދުވެސް ޚިޔާލެއް ފިކުރެއް ހިންގާނުލިއެވެ. އެދަރިންނަށް ލިބޭނެ ނިކަމެތިކަމަކަށް، ނޫނީ އެކުދިންގެ މުސްތަޤްބަލަށް ކުރާނެ ނޭދެވޭ އަސަރަކަށް އެންމެ ފަހަރަކުވެސް ވިސްނާނުލިއެވެ.
ޝީޒާއާއި ޒިޔާދުގެ ކައިވެނީގައި ވަރީގެ ސިއްކަޖެހިގެން ދިޔައިރު، ދެ ދަރިންނާއި ޒިޔާދު ގުޅުންވެސް ދިޔައީ ހީނަރުވަމުންނެެވެ. ދެމީހުން ވަކިވުމަށްފަހު، ޒިޔާދު ގެއިން ނުކުމެގެން ދިޔައީއެވެ. އޭގެފަހުން، ދެދަރިންގެ ހާލު ބަލާލަންވެސް އެގޭގެ އޮޅި ހުރަސްކޮށްފައެއްނުވެއެވެ. ފޯނު އަތުން ދޫނުވާ މީހާއަށް، ކުޑަމިނުން ފޯނުންވެސް ދަރިންގެ ހާލު ބަލާލެވޭކަމަކަށް ނުވެއެވެ.
ކައިވެނީގެ ގުޅުން ނިމިިގެން ދިޔައިރު، އެކައިވެނިން ލިބުނު ދަރިން މަތިންވެސް ޒިޔާދު ހަނދާން ނައްތާލިފަދައެވެ. އެކުދިން ބައްޕަ ބޭނުންވެގެން ރޯންވެސް ރޮއެވެ. ބައްޕަ ކޮބައިތޯ ސުވާލުކުރުމުން، ދޭނެ ޖަވާބެއް ނޭންގިފައި ޝީޒާއަށް ހުރެވެނީ ރޯންވެސް ނޭންގިފައެވެ.
ދަރިންގެ ކުރިމަތީގައި ކިތަންމެ ހިތްވަރު ކުރިނަމަވެސް، އެކަނިވާ ވަގުތު، އޭނާއަށްވެސް ރޮވެއެވެ. އެއްއިރެއްގައި އޭނާ އެހާ ލޯބިވި ޒިޔާދަކީ އެހާ ހިތްހަރު މީހެއްތޯ އަމިއްލަ ހިތާ ސުވާލުކުރެވުނެވެ. ދަރިންގެ ހާލު ބަލާނުލާއިރު، އެދަރިންނަށް ކުރަންޖެހޭ ޚަރަދުވެސް ޒިޔާދުއަށް ކުރެވޭ ކަމަކަށް ނުވެއެވެ. ދަރިންނަށް ބޭނުންވާ އެއްޗެހި ހޯދަން ޝީޒާ ގުޅައެވެ. އެކަމަކު އެކޯލްތަކަށް ޖަވާބުދެވޭ ވަރަށްވުރެ، ޒިޔާދު “ބިޒީ”އެވެ.
އެންމެފަހުން، ޝީޒާއަށް މަޖުބޫރުވީ، ވަޒީފާއެއް ހޯދާށެވެ. ވަޒީފާއަށް ދަމުން، ގޭތެރޭގެ ހުރިހާ ކަމެއް ކުރަމުން ދަރިންގެ ޒިންމާތައް ނެގުންވީ ވަރަށް ބުރަ ކަމަކަށެވެ. ނަމަވެސް ޝީޒާ ފަހަތަށް ނުޖެހި ކުރިއަށް ދާން ނިންމީ ދަރިންނަށްޓަކައެވެ. ދަރިންގެ މުސްތަޤްބަލަށްޓަކައެވެ. އޭނާ ހިތްވަރު ދޫކޮށްލައިފިނަމަ، ދަރިންނަށް ލިބިދާނެ ނިކަމެތިކަމަކަށް ވިސްނާފައެެވެ.
މިހުރިހާ ކަމެއް ހިނގާދިޔައިރުވެސް، ޝީޒާ އެކަކު ގާތުވެސް އެއްވެސް ވާހަކައެއް ނުބުނެއެވެ. ނަމަވެސް، މާގިނަ ދުވަހަކު، ޝީޒާގެ އާއިލާއަށް މިކަން ސިއްރެއް ނުވިއެވެ، މަންމަމެންގެ އާދޭހާއެކު، އެމީހުންގެ ގެއަށް ދެދަަރިންނާއެކު ބަދަލުވީ، އެއީ އެންމެ ރަނގަޅު ގޮތްކަމަށް ޝީޒާއަށް ވިސްނުމުންނެވެ. އެކަނިމާއެކަނި ހުރިހާ ކަމެއް ކުރުމަކީ ކިހާ ދަތި އުނދަގޫ ކަމެއްކަން ޝީޒާއަށްވެސް އެނގެއެވެ.
*****************
ދުވަސްތައް މާޒީއާއި އެކުވަމުންދިޔައިރު، ކުދިންވެސް ބައްޕަގެ ވާހަކަ ދެއްކުން މަދުވެއްޖެއެވެ. ބައްްޕަ ނާންނާނެކަން އެކުދިންނަށް ވިސްނުނީއެއްކަމެއް ނޫނީ މަންމަ ދެރަވެދާނެތީ އެކަމާ ވިސްނާތީކަމެއް ޝީޒާއަކަށް ނޭންގެއެވެ. އެންމެފަހުން، ބައްޕަގެ ނަން ކިއުންވެސް އެކުދިން އެއްކޮށް ހުއްޓާލިއެވެ. ޒިޔާދު އެކުދިން މަތިން ހަނދާން ނައްތާލިފަދައިން އެކުދިންވެސް ޒިޔާދު މަތިން ހަނދާން ނައްތާލީކަމަށްވެދާނެއެވެ.
ދެއަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު، ޝީޒާގެ ދިރިއުޅުން ހަމައަކަށް އެޅިއްޖެއެެވެ. އޭނާގެ އާއިލާގެ އެހީތެރިކަންވެސް ލިބެން ފެށުމުން، މިހާރު ކުރިއަށްވުރެ ވަރަށް ބޮޑުތަން ފަސޭހައެވެ. ވަޒީފާގައި އުޅޭ ވަގުތުތަކުގައި މަންމަ ކުދިންގެ ކަންކަން ކޮށްދޭތީ، ޝީޒާއަށް އެކަމާމެދު ވިސްނާކަށް ނުޖެހެއެވެ. ގޭތެރޭގެ ކަންކަމުގައިވެސް އެމީހުންގެ އެހީތެރިކަން ލިބެމުންދާތީވެ، ޝީޒާއަށް އެހާ ބުރައެއް ނޫނެވެ.
*****************
ޒިޔާދުއާއި ޝީޒާގެ ކައިވެނި ރޫޅުނު ފަހުން މިހާރު ފަސް އަހަރު ފާއިތުވެއްޖެއެވެ. ބައެއްފަހަރު ޒިޔާދު މަތިން ހަނދާންވިޔަސް، މިހާރު ޝީޒާގެ ލޮލުން އޭނާއަށްޓަކައި ކަރުނައެއް ނުއޮހޮރުވައެވެ. ޒިޔާދުއާއިނުލާ ދިރިއުޅެން ޝީޒާ ދަސްކޮށްފިއެވެ. ޝީޒާ ހަމައަކަށް އެޅުނުއިރު، ޒިޔާދުއަށްވަނީ މާޔޫސްކަމާއި ކުރިމަތިލާންޖެހިފައެވެ، އޭނާގެ ކައިވެނީގެ ގުޅުމުގައިވަނީ ރެނދުލާފައެވެ. އެގުޅުން ސަލާމަތްކުރަން ޒިޔާދުކުރި ހުރިިހާ މަސައްކަތެއްވީ ނާކާމިޔާބެވެ. ފަޒީލާގެ އުޅުމާއި ވިސްނުން ބަދަލެއް ނުވިއެވެ. ދުވަހެއްދުވަހަކަށް ދެމީހުންގެ ގުޅުން ދިޔައީ ހީނަރުވަމުންނެވެ.
*****************
ކުރިމަތިން ފެންނަމުންދިޔަ މޫދާއި ދިމާއަށް ބަލަން އިން ޒިޔާދުގެ މޫނުމަތިން ފެންނަމުން ދިޔައީ މޮޅިވެރިކަމާއި މާޔޫސްކަމެވެ. ޙަޔާތާއިމެދު ފިކުރުކުރަމުން ދިޔައިރު، މާޒީގެ ހަނދާންތައް އާވިއެވެ. ފަޒީލާއާއި ދެމީހުން މައްސަލަޖެހެން ފެށުނީއްސުރެ، ޝީޒާ މަތިން ޒިޔާދު ހަނދާންވެއެވެ. ދެމީހުންގެ ހުރި ތަފާތުތައް ދެނެގަނެވުނެވެ. ޝީޒާއަކީ މަޑުމައިތިރި، ކިޔަމަންތެރި އަންބެކެވެ. ދަރިންގެ ހުރިހާ ކަމެއް ކުރަމުން، ގޭތެރޭގެ ހުރިހާ ކަމެއް ކުރަމުން ދިޔަ ހީވާގި ޒިންމާދާރު އަންހެނެކެވެ. ޒިޔާދުއާއި ޒުވާބުކުރުމަކީ ޝީޒާ ދުވަހަކުވެސް ކުރި ކަމެއްނޫނެވެ. އަދި ހަމައެއާއެކު ޒިޔާދުދެކެ އިންތިހާއަށް ލޯބިވިއެވެ. އޭނާ ދެރަވެދާނެފަދަ އެއްވެސް ކަމެއް އަމުދުން ނުކުރެއެވެ.
އޭގެ ބަދަލުގައި ޒިޔާދު ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ ކުށެއްނެތި ޝީޒާއަށް ދެވުނީ ކިހާ ބޮޑު ހިތާމައެއް ހެއްޔެވެ؟ އޭނާއާއިމެދު ކަންތައްކުރީ ކިހާ އިހާނެތިކޮށް ހެއްޔެވެ؟ ދަރިންނަށްވެސް ދެެވުނީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ؟
ޒިޔާދުގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. ހިތުގައި ރިހުމެއް އުފެދުނުއިރު، ވޭނީ އާހެއްގެ އަޑު އަނގައިން ބޭރުވެގެން ދިޔައެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ދެލޯ ފޮހެލިއެވެ. ފޯނު ނަގާ ނަންބަރުތަކަކަށް ފިތާލުމަށްފަހު، އިރުކޮޅަކު ބަލަން އިނެވެ. އެކަމަކު ގުޅާނެ ހިތްވަރު ނެތިގެން، ނަންބަރު ފޮހެލުމަށްފަހު، ފޯނު ތިރިކޮށްލިއެވެ. ދެވަނަ ފަހަރުވެސް ހަމަ އެ ނަންބަރު ޖަހާލުމަށްފަހު، ޚިޔާލު ބަދަލުވުމުގެ ކުރިން ފޯން ކަންފަތުގައި ޖައްސާލިއެވެ.
“……ޝީޒާ…..” އެތައް ދުވަހަކަށްފަހު، ޒިޔާދުގެ ދުލުން ޝީޒާގެ ނަން ކިޔާލިއެވެ.
“ކޮން ޝީޒާއެއް؟ މިއީ ޝީޒާއެއް ނޫން….” އިވުނީ ޝީޒާގެ އަޑެއްނޫނެވެ. މާފަށް އެދެމުން ޒިޔާދު ފޯނު ކަނޑާލިއެވެ. އެ ނަންބަރު ޝީޒާ ނުގެންގުޅޭކަން އެނގުމުން، ޒިޔާދުއަށް ލިބުނީ އިތުރު މާޔޫސްކަމެކެވެ.
*****************
ޒިޔާދުގެ ވަޒީފާ ގެއްލުނުއިރު، އޭނާގެ ދެވަނަ ކައިވެންޏަށް ފަސް އަހަރުވެއްޖެއެވެ. ބޮޑު މުސާރައެއް ލިބެމުންދިޔަ ވަޒީފާ ގެއްލިގެން ދިއުމުން، ފައިސާ ލިބޭނެ މަގު ބަންދުވެގެން ދިޔައިރު، ފަޒީލާގެ ހަޤީޤަތްވެސް ހާމަވެގެންދިޔައެވެ. ޒިޔާދު އިތުރު ވަޒީފާއެއް ލިބޭތޯ މަސައްކަތްކުރަމުން ދިޔައިރު، ފަޒީލާ ފައިސާ ލިބޭނެ އިތުރު މަގެއް ހޯދައިފިއެެވެ. އެހެން ފައިސާވެރިއެއް އޭނާގެ ދަލުގައި ޖައްސާ އޭނާއާއި ކައިވެނި ކުރުމަށްޓަކައި، ޒިޔާދުގެ ގާތުން ވަރިއަށް އެދެންފެށިއެވެ. ޒިޔާދު އާދޭހަކުން ފަޒީލާގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. ތަކުރާރުކޮށް އެދެމުން ދިޔައީ އެއްކަމަކަށެވެ. ހީނަރުވަމުންދިޔަ ގުޅުމުގެ އެންމެ ފަހު ރޮދިފަށް ކެނޑިގެން ދިޔައީ ޒިޔާދުއަށް އިތުރު މާޔޫސްކަމެއް ގެނުވާފައެވެ.
*****************
“ޒިޔާ.. މިހާރު ކިހިނެއްވެގެން ތި އުޅެނީ؟” ނިހާނު ހިތްހަމަނުޖެހިފައި ބުނެލިއެވެ.
“ނިހާން….” ޒިޔާދު ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.
“ޒިޔާދު ތިއީ ކުޅޭ ކުޅިވަރެއްތަ؟ ޝީޒާއާއި ވަކިވީ ޒިޔާދު އަމިއްލައަށް… އަހަރެން އޭރުވެސް ބުނިންދޯ މޮޔަ ކަމެކޭ ތި ކުރަނީ… މިހާރު ކީއްކުރަން ޝީޒާ ހޯދަނީ؟ ފަޒީލާއާއިއެކު ރަނގަޅަށް އުޅުނިއްޔާ ކީއްތަވީ؟ އަނެއްކާ މިހާރު ފަޒީލާ މަތިންވެސް ފޫހިވީތަ؟” ނިހާން ނުރުހުުންވިވަރު އޭނާގެ އަޑުން ސާފުކޮށް އެނގެއެވެ.
އިތުރު އެހެންގޮތެއް ނެތުމުން، ޒިޔާދު އެކުވެރިޔާއަށް އޭނާގެ މިހާރުގެ ދިރިއުޅުމުގެ ހާލަތު ކިޔައިދިނެވެ. ފަޒީލާއާއި ދެމީހުންގެ ގުޅުން ކެނޑިގެން ދިޔަ ވާހަކަވެސް ތަފްސީލުކޮށް ކިޔައިދިނެވެ. ފަޒީލާ ވަރިކުރިފަހުން ދެމީހުން އުޅެމުންދަނީވެސް ވަކިންކަން ބުނެދިނެވެ.
“އަހަރެން ޝީޒާގެ ގާތުން މާފަށް އެދެން ބޭނުން. އަހަރެންގެ ދަރިންވެސް ދެކެން ބޭނުން…….” ޒިޔާދު އިސްޖަހާލައިގެން އިނދެ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
އަމިއްލަ ކުށް ޤަބޫލުކުރިއިރު، އެކަންކަން ރަނގަޅުކުރަންވެސް ބޭނުންވާކަން ޒިޔާދު ހާމަކުރުމުން، ނިހާނުއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ޒިޔާދު ބަދަލުވެފައިވާވަރު ފެނުމުން، އޭނާއަށް އެހީވާން ނިންމިއެވެ.
*****************
ނިހާނުއާއި ޒިޔާދު ބައްދަލުކުރީ އޭގެ ދެތިންދުވަސް ފަހުންނެވެ. ޝީޒާ މިހާރު ދިރިއުޅެނީ އެހެން ގެއެއްގައިކަން ނިހާން ބުނެދިނެވެ. ކުދިންގެ ބައެއް ވާހަކަތައްވެސް ކިޔައިދިނެވެ. ޒިޔާދު އެގެއަށް ދާން ބޭނުންވާކަން ހާމަކުރިއެެވެ.
*****************
ގޭގެ ބެލް ޖަހާ އަޑު އިވުނީ ޝީޒާ ބަދިގޭގައި ހުއްޓައެވެ. ކުރަން ހުރި މަސައްކަތް ބަހައްޓާފައި ދޮރު ހުޅުވާލި ޝީޒާއަށް ސިހުމެއް ލިބުނީ، ކުރިމަތީގައި ހުރި ޒިޔާދު ފެނިފައެވެ. ޝީޒާގެ ގާތުން މާފަށް އެދެން ޒިޔާދު އައީ ވަރަށް ހިތްވަރު ކޮށްގެންނެވެ. ނަމަވެސް ޝީޒާގެ މޫނު ފެނުމުން އެ ހިތްވަރު އެކީ ނެތިގެން ދިޔަ ފަދައެވެ. ވާހަކަ ދެއްކުމަށް ޒިޔާދުއަށް އުނދަގޫވިއެވެ. ޝީޒާގެ ނަމުންވެސް ގޮވާލެވުނީ ދެފަހަރަކު ކަރުކެހިލުމަށްފަހުއެވެ.
ޝީޒާގެ މޫނުމަތިން ފެނުނު ސާބިތުކަމުން ޒިޔާދު ޖެހިލުންވިއެވެ. އެއީ ކުރީގެ ޝީޒާ ނޫންކަން އޭނާއަށް ޔަޤީންވިއެވެ. ފަސްޖެހުމަކާއެކު ޒިޔާދު އޭނާ ދައްކަން އައި ވާހަކަ ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރިއެވެ. ޝީޒާ ގާތުން މާފަށް އެދުނީ ލަދުން ހުރެއެވެ. އެއްވެސް ޖަވާބެއް ނުލިބުމުން، ޝީޒާއާއި ދިމާއަށް ބަލާލިއިރު، އެ މޫނަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ވެެރިވެފައިވާތަން ފެނުނެވެ. އެތައް ދުވަހަކަށްފަހު، ޒިޔާދު ފެނުނުއިރު، އޭނާ މާފަށް އެދޭނެ ކަމަކަށް ޝީޒާ ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ.
“މާފު ކޮށްފިން…” ހަމަހިމޭން ވަގުތުކޮޅަކަށްފަހު ޝީޒާ ޖަވާބުދިނެވެ.
ޒިޔާދުއަށް ހިނިތުންވެވުނީ އެހާ ފަސޭހައިން ޝީޒާ އޭނާއަށް މާފުކުރުމުންނެވެ. އެތައް ދުވަހެއް ފާއިތުވިއިރުވެސް، ޝީޒާގެ ހިތުގައިވާ ލޯތްބަށް ބަދަލެއް ނާންނަކަމަށް ޒިޔާދު ޤަބޫލުކުރިއެވެ. ދަރިންގެ ވާހަކަ އެހުމަށްފަހު އެކުދިންނާއި ބައްދަލުކޮށްލަން ބޭނުންވާކަން ޒިޔާދު ހާމަކުރިއެވެ. މިވަގުތު އެކުދިން ވީ ސްކޫލުގައި ކަމަށް ބުނުމުން، ފަހުން އަންނާނެކަމަށް ބުނުމަށްފަހު ޒިޔާދު ނުކުމެގެން ދިޔައީއެވެ.
*****************
އަނެއްދުވަހު ޝީޒާމެން އުޅޭ ގެއަށް ޒިޔާދު ދިޔައީ ހަވީރުގެ ވަގުތުގައެވެ. ބަންދު ދުވަހަކަށްވުމާއެކު، ކުދިންވެސް ގޭގައި އުޅޭނެތީއެވެ. މިފަހަރުވެސް ދޮރު ހުޅުވީ ޝީޒާއެވެ. ކުދިން ކޮބައިތޯ އެހުމުން، އެތެރެއަށް ވަންނަން ބުންޏެވެ. ސޯފާގައި އިށީންނަން ބުނުމަށްފަހު، ޝީޒާ މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ. ދެކުދިން ގޮވައިގެން ޝީޒާ އައުމުން، ޒިޔާދު ސޯފާއިން ތެދުވިއެވެ.
ދެކުދިންނަށް ގޮވާލަމުން ޒިޔާދު ކުރިއަށް އަޅާލި ފިޔަވަޅާއެކު، އެކުދިން ޖެހިލީ ފަހަތަށެވެ. ޒިޔާދުއަށް އިތުރު މާޔޫސްކަމެއް ލިބުނީ، ޒިޔާދުގެ މޫނަށް އެކުދިން ބަލަން ތިބި ބީރައްޓެހި ނަޒަރުގެ ސަބަބުންނެވެ. ޝީޒާ ދުރުގައި މިމަންޒަރު ބަލަން ހުއްޓެވެ.
“މިއީ ބައްޕައޭ….” ޒިޔާދު ބިންމަތީގައި ކަކޫ ޖައްސާލަމުން، ދެކުދިން ކައިރިއަށް ތިރިވެލިއެވެ.
ދެކުދިން އެއްފަހަރާ ކަހަލަ ގޮތަކަށް ބަލާލީ ޝީޒާއާއި ދިމާއަށެވެ. ޒިޔާދުއަށްވެސް ޝީޒާއާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު ގޭގެ ދޮރު ހުޅުވާލި އަޑު އިވުމުން، އެދިމާއަށް އެންމެންގެ ނަޒަރު ހުއްޓުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. ދޮރު ހުޅުވާލާފައި ވަން މީހާ ފެނިފައި ދެކުދިންގެ މޫނަށް ވެރިވި ހިނިތުންވުން ޒިޔާދުއަށް ފެނުނެވެ.
“ބައްޕާ”އޭ ކިޔާފައި ދެކުދިން އެ ފިރިހެންމީހާއާއި ދިމާއަށް ދުއްވައިގަތުމުން ޒިޔާދުއަށް ހައިރާންކަމެއް ލިބުނެވެ. ޝީޒާއާއި ދިމާއަށް ބަލާލެވުނީ މިވަނީ ކިހިނެއްހޭ އަހާފަދަ ގޮތަކަށެވެ. އެމީހާ ދެކުދިންގެ އަތަށް ކުޑަ ދެއައިސްކްރީމް ތަށި ދިނުމުން ދެކުދިންވެސް އުފަލާއެކު ހިނިތުންވެލިއެވެ. ދުވެލާފައި ގޮސް ސޯފާގައި އިށީންދެ ތިބެގެން ކާންފެށިއެވެ.
އެ ފިރިހެންމީހާ އެކުދިންނާއި ދިމާއަށް ހިނިތުންވެފައި ބަލަން ހުއްޓެވެ. އެމީހާ އައުމަށްފަހު، ޒިޔާދުއަކީ އެތާ ހުރި މީހެއްކަންވެސް އެކުދިންނަށް ނޭންގޭ ފަދައެވެ. އެކުދިންނަށް ބަލަން ހުރުމަށްފަހު، ކުރިއަށް އަޅާލި ފިޔަވަޅާއެކު، އެމީހާއަށް ޒިޔާދު ފެނުނެވެ.
އެ ފިރިހެންމީހާ މަޑުންމަޑުން ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. ޒިޔާދުގެ ކައިރިއަށް މަޑުކޮށްލިއިރު، ދުރުގައި ހުރި ޝީޒާގެ މިސްރާބުވެސް ހުރީ އެދިމާއަށެވެ. ޒިޔާދުގެ ކުރިމައްޗަށް ހުއްޓި، އަދިވެސް އެއްފަހަރު ޒިޔާދުގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެއަށްފަހު، ޝީޒާގެ މޫނަށް ބަލާލީ އެއީ ކާކުކަން ބުނެދޭށޭ ބުނާ ފަދަ ގޮތަކަށެވެ.
“ރައީފް، މިއީ ޒިޔާދު…” ސިކުންތުކޮޅަކަށް އެމީހާ ހުއްޓުން އެރިކަން ޒިޔާދުއަށް ފާހަގަވިއެވެ. އެއަށްފަހު، ޒިޔާދުއަށް ބަލާލުމަށްފަހު ހިނިތުންވެލިއެެވެ.
“ޒިޔާދު… މިއީ ރައީފް… އަހަރެންގެ ފިރިމީހާ…” ޝީޒާ އެފިރިހެންމީހާ ތަޢާރަފްކޮށްދިނުމުން، ޒިޔާދުއަށް ލިބުނީ ސިހުމެކެެވެ.
އެގޮތުގައި ޒިޔާދު ހުއްޓުން އަރާފައި ހުއްޓާ، ރައީފް ހިނިތުންވެލަމުން ސަލާމްކުރުމަށް އަތް ދިއްކޮށްލިއެވެ. ޒިޔާދު އެއަތުގައި ހިފާލިއިރު، ހިނިތުންވެލީ ގަދަކަމުންނެވެ. އޭނާއަށް އާދެވުނުއިރު މާބޮޑަށްވެސް ލަސްވެއްޖެކަން ޒިޔާދުއަށް ވިސްނުނެވެ.
ކުޑައިރުކޮޅަކު ރައީފްއާއި ވާހަކަ ދައްކާލުމުން، އޭނާގެ ހިތުގައި ޒިޔާދުއާއިމެދު ދެކޮޅުވެރިކަމެއް ނެތްކަން އެނގުނެވެ. ޝީޒާއާއި އެކަށީގެންވަނީ އެފަދަ ހިތްހެޔޮ، އޯގާތެރި މާތް މީހެކެވެ. ޝީޒާގެ ދިރިއުޅުމުން އޭނާއަށް ޖާގައެއް ނެތްކަން އެނގުނެވެ. އޭނާއަށްވުރެ ޝީޒާއާއި އެކަށީގެެންވަނީ ރައީފްކަމަށް ހުދު ޒިޔާދުއަށްވެސް ޤަބޫލުކުރެވުނެވެ.
މިއީ ޒިޔާދު އަމިއްލައަށް ލިބިގަތް ދެރައެކެވެ. ވަފާތެރި އަންބެއް ހުއްޓާ އެހެން އަންހެނެއް ފަހަތުން ދިޔައީ ވަރަށް މޮޅުތަކެއް ވާނެކަމަށް ހިތާއެވެ. އެންމެފަހުން ދެމީދާ ފެހި ބުޅަލަށް ވީވަރުވެސް ޒިޔާދަށް ނުވިއެވެ. ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. ޒިޔާދުއަކީ ނަސީބު އަތުގައި ހިފުމުންވެސް ދޫކޮށްލި މީހެކެވެ. އެކަން އިހްސާސް ކުރެވުނުއިރު މާ ލަސްވެއްޖެއެވެ. ޙަޔާތުގައި ދެވަނަ ފުރުސަތެއް ލިބެނީ ނަސީބުވެރިންނަށޭ ކިޔާ އަޑު ޒިޔާދުވެސް އަހައެވެ. ޝީޒާގެ ދިރިއުޅުމުން ދެވަނަ ފުރުސަތެއް ޒިޔާދުއަށް ދެން ލިބޭކަށް ނެތެވެ. އަދު އެކަމާ ޝަކުވާކުރުމުގެ ހައްގެއްވެސް ޒިޔާދުއަކަށް ނެތެވެ. އެކުޑަ ބައްދަލުވުމަށްފަހު އެގެއިން ނުކުމެގެން ދިޔައިރު، ޒިޔާދުގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ.
ގެއްލިގެން ދިޔައީ ކިހާ އަގުބޮޑު ރަންމުތެއްކަން އެނގުނުއިރު، އެ ރަންމުތް އެހެން މީހަކު މިލްކުކޮށްފިއެވެ. ދެވަނަ ފަހަރަށް އެ ރަންމުތް ޙާޞިލްކުރަން މަސައްކަތްކުރުމުގެ ހައްގެއްވެސް ޒިޔާދުއަކަށް ނެތެވެ. މީހާގެ ރީތިކަމަށްވުރެ، ރިވެތި އަޚްލާޤް މާ މުހިންމުކަން ޒިޔާދުއަށް އިހްސާސްކުރެވިއްޖެއެވެ. އެކަކު އަނެކަކަށް އަޅާލުމާއި އިހްތިރާމް ކުރުމަކީ، ކޮންމެ ގުޅުމެއް ދެމެހެއްޓުމަށްވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން މިއަދު އޭނާ ޤަބޫލުކުރެއެވެ. ވަފާތެރިކަމާއި ލޯބީގެ އަގު މާބޮޑުކަން ޒިޔާދަށް ދެނެގަނެވިއްޖެއެވެ.
ހިތާމައަކީ، އެކަންކަން އޭނާގެ ސިކުނޑިއަށް ވިސްނުނުއިރު ވަގުތު ފާއިތުވެފައިވީކަމެވެ. އޭނާއަށް ހަމަ ވިސްނުން ލިބުނީ ޝީޒާގެ ލޯބި ބީވެގެން ދިޔަފަހުންނެެވެ. ދެލޯ ފޮހެލުމަށްފަހު، ޒިޔާދު ކުރިއަށް ހިނގައިގަތީ، ޝީޒާގެ ޙަޔާތް އުފާވެރިކަންމަތީ ލެއްވުން އެދި ހިތާހިތުން ދުޢާކުރަމުންނެވެ.
(ނިމުނީ)



