Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަތީޖާ

GOLDENPEN0555 Level 110 Stories
August 14, 2015 11 Mins Read
16 Comments

 

އޭނާ ހީކުރިއެވެ. އަހަރެން މޮޔަވާނެއެވެ. މިދުނިޔޭގައި ދެން އަހަރެންނެއް ނޫޅޭނެއެވެ. އަހަންނަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އޭނާ ބޭނުންވިއެވެ. އަހަރެންގެ ހުވަފެންތައް ވިއްސިވިހާލި ކޮށްލުމަށެވެ. އަހަރެންގެ މަންޒިލާއި ހަމައަށް ދިއުން ހުއްޓުވުމަށެވެ. މީހުން ފަހަތުން ރޮމުން ސަލާންޖަހަމުން ދުވާ މީހަކަށް އަހަރެން ހަދާލާށެވެ. އަހަރެންގެ އެއްވެސް އުންމީދެއް ޙާޞިލުނުވާނެގޮތް ހެދުމަށެވެ. އޭނާއަށް ހީވި ކަހަލައެވެ. މުޅި ޢުމުރު އަހަރެން ހޭދަކުރަނީ ޖަލުގައެވެ. ކުށްވެރިއެއްގެ ގޮތުގައެވެ. ބޭކާރު މީހުންގެ ލިސްޓްގައި އަހަރެންގެ ނަން ބޮޑު އަކުރުން ފަވަން އޭނާ ބޭނުންވިއެވެ. އާރާއި ބާރާއި ނުފޫޒު އޮތުމުން އަހަރެން ކަހަލަ އާދައިގެ ސޮރަކަށް އޭނާ ހިތުހުރި އެއްޗެއް ހަދާލަން އޭނާ ވިސްނިއެވެ.

ކުއްލިއަކަށް އަހަރެންގެ މާޒީހަނދާންވީ ފެނުނު މީހެއްގެ ސަބަބުންނެވެ. އޭރު އަހަރެން އިނީ ސިންގަޕޫރު އެއަލައިންސްގެ ބިޒްނަސް ކުލާސް ސީޓްގައެވެ. އަހަންނާއި ޖެހިގެންއިނީ އަހަރެންގެ ނުވި ބަފައިބެއެވެ. އަހަރެން މިކިޔާ އޭނާއަކީ އެއީއެވެ. އަހަރެން ކުޑަކޮށް ހީލީމެވެ. އޭނާ ހަމަ އޭނާގެ ބޮޑާކަމުގައި އަޅާވެސް ނުލިއެވެ. އަހަރެން ދެރައެއް ނުވެއެވެ. ވާކަށް ނުވެސްޖެހޭނެއެވެ. އަހަންނަށް ކީއްހެއްޔެވެ؟ އެކަމަކު ބައެއް ފަހަރު އޭނާ ފެނުމުން އަހަރެން ކުޑަކޮށް ރުޅިވެސް އާދެއެވެ. މީހަކު ނަމަ އޭނާއަށް ލޮޓިއެއްވެސް ދިނީހެވެ. އެކަމަކު އެއީ އަހަރެންގެ ގޮތެއްނޫނެވެ.

އަހަރެންގެ ހަނދާނުގެ ސޮފްޙާތައް އުކާލީމެވެ. މީގެ ފަންސަވީސް އަހަރުކުރިއަށެވެ. ތެދެކެވެ. އެއްބަހެވެ. އަހަންނަކީ ދެރަ ނިކަމެއްޗެކެވެ. އާދައިގެ ރަށަކަށް ނިސްބަތްވާ އާދައިގެ މީހެކެވެ. މައިންބަފައިންގެ ތަނަވަސްކަމެއް ނެތުމުން މޮޅަށް ނުކިޔެވުނެވެ. އެހެންވެ ވަޒީފާއަކަށްދާން ޖެހުނެވެ. ކަން ދިމާކުރި ގޮތުން އަހަންނަށް ލިބުނީ ރިސޯޓެއްގެ ވޭޓަރުކަމުގެ ވަޒީފާއެވެ. ބުރަ ވަޒީފާއެކެވެ. އެކަމަކު ދިރިއުޅުން އާބާދުކުރުމަށްޓަކައި ބުރަކޮށް މަސައްކަތް ކުރުމަކީ އަހަރެންގެ ހޮބީއެވެ. ކިތަންމެ ބުރަޔަސް ވޭޓަރެއްގެ ވަޒީފާއާއި ހިތްހަމަ ޖެހިގެން މަސައްކަތް ކުރަމުން އަހަރެން ގެންދިޔައީމެވެ.

އަހަރެންގެ ވަޒީފާގައި އުޅެމުންދިޔައީ ރަނގަޅަށެވެ. މުސާރައިގެ އިތުރުން ޢިނާޔަތްތަކާއި އަދި ފަތުރުވެރިންގެ އަތުން ލިބޭ ލާރިކޮޅުން ފުދޭ ވަރެއްގެ ޢާއްމުދަނީއެއް ލިބެމުންދިޔައެވެ. މައިންބަފައިންނަށް ފައިސާ ފޮނުވަމުން ފަހަށް ރައްކާކުރަމުން ދިޔައީމެވެ. އަހަރެންގެ އުންމީދަކީ އަހަރެންގެ މައިންބަފައިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމެވެ. އެމީހުން ދުނިޔެ ދޫކޮށް ދިއުމުގެ ކުރިން ޙައްޖާއި ޢުމުރާގެ އަޅުކަން އެމީހުންނަށް އަދާކުރެވޭނެ ގޮތް ހެދުމެވެ. ވަރަށް ޅަ ޢުމުރުގައި ވަޒީފާއަށް ނުކުތީވެސް އެހެންވެގެންނެވެ. ޢާއިލާއެއްގެ ހުރި ބޮޑު ފިރިހެން ކުއްޖާކަމުން އަހަރެންގެ ޒިންމާ އަހަރެން ދަންނަމެވެ. އަހަންނަށްވުރެ ހަގަށް ދެ އަންހެން ކުދިން ތިބުމާއިއެކު އެދެކޮއްކޮގެ މުސްތަޤްބަލަށްޓަކައި ބޭބެއަކަށް ވެވޭނެ އެންމެ ބޮޑު ޤުރުބާނީއެއްވާން އަހަރެން ހުރީ ތައްޔާރަށެވެ.

” ދަރިފުޅު ބަސް އަނހައިގެން އުޅޭތި. ނަމާދު ކުރާތި. ތިއުޅެނީ ރިސޯޓެއްގެ. ވަރަށް ބޮޑަށް އިބިލިސް ބޮލަށްވަންނާނެ. ގޯސްމަގަކުން ނުދާތި.” އަހަރެންގެ މަންމަ އަހަންނަށް ގުޅީ ޑިއުޓީއަށް ދާން ތައްޔާރުވަނިކޮށެވެ.

” މީ މަންމަގެ ބަސް އަނހާ ދަރިއެއްނު. މަންމައަށް އިނގޭނެދޯ އަހަރެން ގޯސް މަގަކުން ނުދާނަން. އިތުބާރުކުރޭ މަންމާ.” އަހަރެން މަޑުމަޑުން ބުނީމެވެ.

” މަންމަ ދަރިފުޅަށް އިތުބާރުކުރަން. އެކަމަކު މައިން ބަފައިންދޯ ތިބޭނީ ހަނދާންކޮށްދޭންވެސް.” މަންމަވެސް ބުނީ ދޮގެއް ނޫނެވެ.

” ކޮބާތަ ކޮއްކޮމެން. ކިޔަވާތަ އެމީހުން ރަނގަޅަށް ؟” އަހަރެން އަނހާލީމެވެ.

” ވަރަށް ރަނގަޅު ދެކުދިންވެސް. ދެން ބާއްވަނީ. ވަރަށް ސަލާމް.” މަންމަ ފޯން ބޭއްވީ އެހެން ބުނެފައެވެ.

މަންމައާއި ވާހަކަ ދެއްކުނީތީ އަހަރެން ހިތްހަމަޖެހުނެވެ. އަދި ކޮއްކޮމެން ރަނގަޅަށް ބަސްއަނހާކަން އިނގުމުން އިތުރަށް އުފާވިއެވެ. އެހެންވެ ޑިއުޓީއަށް ދިޔައިރު އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ޑިއުޓީއަށް ގޮސް މަސައްކަތުގައި މަޝްޤޫލުވާންފެށީމެވެ. އަހަންނަކީ ކުރާކަމެއް ވަރަށް ރަނގަޅަށް ކުރަން ވިސްނާ މީހެކެވެ. ގަޑިއަށްކަމޭހިތުމާއި ޒިންމާ ނަގައިގެން މަސައްކަތްކުރުމަކީ އަހަރެންގެ އުފަލެކެވެ.

” މިރޭ ޖާވިދު ސަރވިސްދޭން ޖެހޭނީ ވީއައިޕީންނަށް. ވަރަށް ރަނގަޅަށް ހުރިހާ ކަމެއްވެސް ގެންދާތީ؟” ސްޕަވައިޒަރު އައިސް އަހަންނަށް ކުރަންޖެހޭ މަސައްކަތް އަންގައި ދިނެވެ.

” މިތާ މިތިބީ ހުސްވީއައިޕީންނެއްނު. އަނެއްކޮޅުން އަހަރެން އަބަދުވެސް ސަރވިސްދެނީ ވީއައިޕީންނަކަށް ނޫންތަ؟ ދެން ކޮން އިތުރު ވީއައިޕީންނެއްގެ ވާހަކަ ތިދައްކަނީ.” އަހަރެން ސަމާސާކޮށްލީމެވެ.

” މިބުނީ މިރޭ އަންނާނެ ރިސޯޓް އޯނަރގެ އަންހެން ދަރިއާއި އޭނަގެ ރައްޓެހިން. އެމީހުންގެ ޑިނަރގެ ހުރިހާ ކަމެއް ކުރަންޖެހޭނީ ޖާވިދު ވަރަސް ވިސްނައިގެން ސަރވިސްދޭތި. އެހެން ނޫނީ ގޯހެއްވެދާނެ.” ސްޕަވައިޒަރު ސީރިއަސް ވެލިއެވެ.

” ގޯސްވެގެން ދެމީހުންގެ ވަޒީފާދޯ ގެއްލެނީ. ހާސް ކަނޑާލާ. ސަރވިސް އޭގެ އިންތިހާގައި އެމީހުންނަށް ދޭނަން. ދޭން ނުޖެހޭ ވަރަށްވެސް ސަރވިސް ދޭނަން.” އެހެން ބުނެފައި އަހަރެން ގޮސް އޯނަރުގެ ދަރިއަށް ރިޒާވްކޮށްފައި ހުރި މޭޒުގައި ކަޓްލަރީ އަތުރާ ތައްޔާރުކުރަން ފެށީމެވެ.

މޭޒު ތައްޔާރު ކޮށް ނިންމާލެވުނީ ކުޑަ އިރުކޮޅަކުންނެވެ. އޯނަރު ދަރި އަންނާތީ ސޭވިއެޓްވެސް ރީތިގޮތަކަށް ހަދާލީމެވެ. ދެން މޭޒުގެ މެދުގައި އިން މާވަށީގެ މާތައްވެސް ބަދަލުކޮށްލީމެވެ. ދެން ދުރަށްޖެހި މޭޒަށް ބަލާލީމެވެ. ވަރަށް ހިތްގައިމެވެ. އަހަރެން ބޭނުންވާހާ ތަރުތީބެވެ. ދުރުން ބަލާމީހަކަށް އެމޭޒުގެ އެތުރުމުގެ ފުރިހަމަކަށް ވަރަށް ރީތިވާނެއެވެ.

އަހަރެން ދެން އިންތިޒާރު ކުރަމުން ދިޔައީ އޯނަރުގެ އަންހެން ދަރި އަންނާނެ ގަޑިއަކަށެވެ. ކިތައްމެ އަވަހަށް ނުވަތަ ލަހުން އަޔަސް މިރޭ އެމީހުންނަށް ޚިދުމަތްކޮށްދީފައި ނޫނީ އަހަންނަކަށް ނުދެވޭނެއެވެ. ޙަޤީޤަތުގައި އޯނަރުންނާއި ބޮޑެތިމީހުންނާއި އެމީހުންގެ ދަރިންނަކީ އަހަރެން މާ ގަޔާވެސް ވާ ބައެއް ނޫނެވެ. ސަބަބަކީ އެފަދަ ގިނަ މީހުންނާއި އެމީހުންގެ ދަރިންނަކީ ވަރަށް ފޮނިބައެކެވެ. ދައްކާ ވާހަކަ ތަކާއި އެމީހުން ކުރާ ކަންތައްތަކުން ބައެއް ފަހަރު ބޮލުގަވެސް ރިއްސާނެއެވެ. އަނެއްކޮޅުން އެފަދަ އޯނަރުންގެ އަންހެން ދަރިންގެ ތުއިކަމުގެ ވާހަކައަކީ އަހަރެމެން ތެރޭ ގިނަމީހުން ވަރަށް ދައްކާ ވާހަކައެކެވެ.

އަހަރެންގެ ހިތަށް އެރިއެވެ. އަނެއްކާ މިރިސޯޓްގެ އަންހެން ދަރިއަކީ ކާކު ހެއްޔެވެ؟ ކިހާވަރެއްގެ އަންހެން ކުއްޖަކަށް ވާނެބާވައެވެ؟ އޭނާ ހުންނާނީ ކިހިނެއް ހެއްޔެވެ؟ މީރު އެއްޗެހި ކައިގެން ޗަބީކޮށް ހެއްޔެވެ؟ މައްސަލައެއްނެތެވެ. ކޮންމެ ގޮތަކަށް ހުއްޓަސް އަހަންނަށް ކީއްހެއްޔެވެ؟ އަހަރެންގެ ވަޒީފާއަކީ އެމީހުންނަށް ޚިދުމަތްކުރުމެވެ. މީހުން ތިބޭ ގޮތަކަށް ނުބަލާ އަހަރެންގެ ވަޒީފާ އަދާކުރީމަ ނިމުނީ ނޫންހެއްޔެވެ؟

އޯނަރުގެ އަންހެން ދަރިއާއި އޭނަގެ ރައްޓެހިން ކާން އައީ ރޭގަނޑު ނުވަގަޑީ ބައި ވީފަހުންނެވެ. އެމީހުން އައިސް މޭޒުކައިރީގައި އިށީނެވެ. ހުސް އަންހެން ކުދިންނެވެ. އޯނަރުގެ ދަރިއާއިއެކު ޖުމްލަ ތިބީ ތިން މީހުންނެވެ. އެމީހުން އައިސް އަހަންނަށް އިޝާރާތް ކޮށްލުމުން އަހަރެން ދިޔައީ އެމީހުންގެ ގާތަށެވެ. ދެން ގޮސް އޯޑަރު ނެގީމެވެ. އޯނަރުގެ ދަރި އޯޑަރު ދިނީ އެންމެ އާދައިގެ ދިވެހި ކެއުމަށެވެ. އޭނަގެ ރައްޓެހި ދެކުދިން އޯޑަރު ދިނީ މުޅިންވެސް ބޭރުކެއުމަށެވެ. އަހަރެންގެ ހިތަށް އެރިއެވެ. އޯނަރުގެ ދަރިއަށްވުރެ އޭނަގެ ރައްޓެހިން މާފޮނިބޮޑުތާއެވެ. އަނެއްކޮޅުން އެދެރައްޓެހިން ވާހަކަ ދައްކަނީވެސް އެހާ ތުއި ކޮށެވެ. ހީވަނީ އަލަށް ރިސޯޓަކަށް އައިސްގެން އުޅޭހެންނެވެ.

” ވަން މޯ ވޯޓަރ ބޮޓެލް ޕްލީސް.” އަހަންނަށް ފުއްޓަކި ޖަހާ ލަމުން އެތަނުން އެއް އަންހެން ކުއްޖަކު ބުނެލިއެވެ.

” މިރެސްޓޯރަންޓްގަ ހަނދާންކޮށް ދެން ފުއްޓަކި ނުޖަހާތި. އޯކޭ.” އަހަންނަށް ފުއްޓަކި ޖެހުމުން އޯނަރު ދަރި ހިތްހަމަ ނުޖެހުނެވެ.

” އެދެން ކާކުތަ؟ އެއީ މާލާގެ ވޭޓަރެއްނު. އަހަރުންނަށް އޭނާއަށް ގޮވަން ފުއްޓަކި ޖެހޭނެދޯ. ނޫނީ ތުމުންތަ ފުމެން ޖެހޭނީ.” އެތަނުން އެކަކު ހެމުން ހެމުން ބުނެލިއެވެ.

” މަގޭ ވޭޓަރުވީމަ އެހެން މިބުނީ. އަހަރެންގެ ކުރިމަތީގަ އަހަރެންގެ ވޭޓަރުގެ ޤަދަރާއި ޢިއްޒަތް ވަރަށް ބޮޑުވާނެ. އޯ.ކޭ އަނެއްކޮޅުން މީ މިތާގެ އެންމެ ޚާއްޞަ ރެސްޓޯރަންޓް. މިތާގަ ފުއްޓަކި ޖަހާ މީހުންނަށް ގޮވަން ފެށީމަ ދެން ތިބި މީހުންގެ ކުރިމަތީގަ އަހަރެމެންގެ އަގުވެއްޓޭނީ.” މާލާ ބުނީ ހަމަ ތެދެކެވެ.

” ސޮރީ. އަސްލު މާލާ ތިބުނީ ތެދެއް. އެއީ ހާދަ ސްމާޓް ވޭޓަރެކޭދޯ. ހިތަށް އަރާ ލިބޭނެނަމައޭ.” އަހަންނަށް ބަލާފައި އެއް އަންހެން ކުއްޖަކު ބުނެލިއެވެ.

މާލާ އެއަށް ޖަވާބެއް ނުދިނެވެ. ނަމަވެސް މަޑުމަޑުން އަހަންނަށް ބަލާފައި ހިނިތުންވެލިއެވެ. އަހަރެންވެސް ގޮތަކަށް ހިނިތުން ވެލީމެވެ. އެމީހުން މަޑުމަޑުން ކެއުމާއިގެން ކުރިއަށް ދިޔައެވެ. އަހަރެން ހުރީ އެމީހުން ދައްކާ ވާހަކަ އަޑުއިވޭ ހިސާބުގައެވެ. ކޮންމެހެން އެމީހުން ދައްކާ ވާހަކަ އަޑު އަނހާކަށް ނޫނެވެ. ވަޒީފާގެ ގޮތުން ހުންނަން ޖެހޭ ހިސާބުގައި ހުރީ، ކުއްލިއަކަށް ޚިދުމަތަކަށް އެދިދާނެތީއެވެ. އެއީ ވޭޓަރެއްގެ ވަޒީފާގެ އެންމެ އުދަނގޫ އެއް ކަންތަކެވެ. ކަސްޓަމަރު ކަމަކަށް ބޭނުންވެގެން އިޝާރާތްކޮށްލާނެ އިރެއް ޔަޤީންކޮށް ބުނާކަށް ނޭނގޭނެއެވެ. އެހެން އަހަރެން ހުރީ މާލާ މެންގެ ޚިދުމަތުގައެވެ. މާލާވެސް ކޮންމެވެސް ވަރަކަށް އަހަރެންގެ ވާހަކަ އެކުދިންގެ ގާތުގައި ދައްކަމުން ދިޔައެވެ. އަހަރެންގެ ނަން ތަންކޮޅެއް ބާރަށް ކީ ނަމަވެސް ދެން ދެއްކި ވާހަކަ އަޑުމަޑުކަމުން ކިޔާ އެއްޗެއް ރަނގަޅަށް ސާފެއް ނުވިއެވެ.

މާލާމެން ކައިނިމިގެން ދިޔައީ އެގާރަވެސް ޖެހިފަހުންނެވެ. އެހެންވެ އަހަރެންގެ ޑިއުޓީވެސް އެހިސާބުން ނިމިއްޖެއެވެ. އެހެންވެ އަހަރެން އަވަސް އަވަހަށް ދިޔައީ ސްޓާފުން ނިދަން ހަމަޖެހިފައިވާ ޢިމާރާތަށެވެ. ރިސޯޓްތަކުގައި ފަތުރުވެރިންނާއި ސްޓާފުންގެ އޭރިޔާ މުޅިން ތަފާތުވާނެއެވެ. ކޮންމެ މީހަކަށް ނިދާނެ ވަކި ރޫމެއް ނުހުންނާނެއެވެ. މަދުވެގެން ރޫމެއްގައި ދިހަ ބާރަ މީހުންގެ ނިދުން ހަމަޖެހިފައި އޮންނާނެއެވެ. މީހުން ގިނަޔަސް ހިތްފަސޭހަ ވާނެއެވެ. ތަނުގެ ޖާގަ ބޮޑުވެފައި ތަނަސްވަސްވާނެއެވެ. ރިސޯޓްވަޒީފާގެ މޮޅުކަމަކީ އެއީއެވެ. ނިދުމާއި ކެއުން ހިލޭވާނެއެވެ. ބޭސްފަރުވާގެ ކަންތައްތަކުގައިވެސް އެހީވާނެއެވެ. ވިސްނައިގެން އުޅޭނަމަ، ލިބޭ އެއްޗެއް ވަރަށް ރަނގަޅަށް ސޭވްވެސް ކުރެވޭނެއެވެ. ރައްޓެއްސެއްގެ ބަހަށް ރިސޯޓްގެ ވަޒީފާއަށް ވަނީވެސް އެހެންވެގެންނެވެ.

” އައި ލަވްޔޫ ޖާވިދު.” ފެންވަރާ ނިމިގެން ނިދަން ޖައްސާލި ތަނާހެން އައި އެސް.އެމް.ސް އަކުން އަހަރެން ކޮސްވިއެވެ.

އަހަރެން އެ އެސް.އެމް.އެސް އަކަށް ޖަވާބެއް ނުދެމެވެ. އަހަރެންގެ ބިޓެއް ނުވަތަ ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖަކު ނޫޅޭނޭއެވެ. އެހެންވެ އަހަރެން ހިތަށް އެރީ އެއީ މީހަކަށް އޮޅިގެން ފޮނުވުނު އެސް.އެމް.އެސް ކަމަށެވެ. އެހެންވެ އަހަރެން އެއަށް ސަމާލުކަމެއް ނުދެމެވެ. އެސް.އެމް.އެސް ޑިލީޓް ކޮށްލީ އެ ފޮނުވި ނަންބަރުވެސް ބަލާނުލައެވެ. އަހަރެން ބޭނުންވީ ނިދާލާށެވެ.

” އޯކޭތަ އަހަރެން ގުޅިޔަސް؟ ބޭނުން ވާހަކަ ދައްކާލަން.” އަނެއްކާ އައި އެސް.އެމްގައި އޮތީ އެހެންނެވެ.

އެނަންބަރަށް އަހަރެން ގުޅީ ދެނެވެ. ގުޅުމާއިއެކު ފޯން ބިޒީކޮށްލިއެވެ. ސިކުންތެއް ނުވަނީސް އަނެއްކާ އެނަންބަރުން އަހަންނަށް ގުޅިއެވެ.

” ކާކުތީ؟” އަހަންނަށް ފުރަތަމަވެސް ކޮށްލެވުނީ އެސުވާލެވެ.

” މާލާ މީ. ކީއްވެތަ އެންމެ ކުރިން ފޮނުވި އެސް.އެސް.އަށް ރިޕްލައި ނުކުރީ؟” އަހަންނަށް އެސް.އެމް.އެސް ކުރީ ރިސޯޓް އޯނަރު އަންހެން ދަރި މާލާކަން އިނގުނީ އެހިސާބުންނެވެ.

” އޭނ. މާލާޔޭ.. މާލާ ކީއްކުރަންތަ އަހަންނަށް ތިގުޅާނީ.؟” އަހަރެން ހައިރާންވިއެވެ.

” އައިލަވްޔޫ ސޯމަޗް ޖާވިދު.” މާލާ ވަރަށް ރީތިކޮށް ބުނެލިއެވެ.

” ތީ ދެންކޮން ސަކަރާތެއް؟ ތީ މިރިސޯޓް އޯނަރުގެ ދަރި. އަހަރެން މީ މިތާނގެ ވޭޓަރ. މާލާ އަހަންނާއި ރައްޓެހިވެގެން އުޅުނީމަ މީހުން ކީކޭ ކިޔާނީ؟ އަނެއްކޮޅުން މާލާ މައިންބަފައިން ހިތްހަމަޖެހޭނެތަ؟ އެމީހުން މާލާއާއި ދިމާލަށް ނުބުނާނެތަ މިލިއަނަރެއްގެ އަންހެން ދަރިޔަކަށް ތި ފެނުނީ ކަޓް ވޭޓަރެއްހޭ ލޯބިވާންވެސް.” އަހަރެން ދުރަށް ވިސްނާލީމެވެ.

” އެމީހުން ކިޔާނެ އެއްޗެއް ކިޔާނީ ފަހުން. މިރިސޯޓުން ޖާވިދު އަހަންނަށް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އަހަންނަށް ލޯބި ވެވިއްޖެ. އަހަރެން ހަމަ ހަޤީޤަތުގަވެސް ބޭނުން ޖާވިދުއާއި އިންނަން. މީ ހަމަ ތެދެއް. އަސްލު އެހެންވެ މިރޭ އަހަރެން ސްޕަވައިޒަރު ކައިރީގަ ބުނީ ޖާވިދުއޭ އަހަންނަށް ސަރވިސް ކުރަން ޖެހޭނީ. އެއީ ޖާވިދު ކައިރިން ފެންނަން ބޭނުންވާތީވެ. ” މާލާ އަކީ ބޭނުންވާ އެއްޗެއް ބުނަން ފަސްޖެހޭ ކުއްޖެއް ނޫނެވެ.

” އެހެންތަ؟ އޯކޭ. އަހަރެން ވިސްނާނަން. ” އަހަރެން ބުނީމެވެ.

” ތޭންކްސް. ” މާލާ ފޯން ބޭއްވިއެވެ.

އަހަރެން ފުން ނޭވާއެއްލީމެވެ. މާލާ އަކީ ރިސޯޓް އޯނަރެއްގެ ހުރި އަންހެން ދަރިއެކެވެ. އެވެސް މިރާއްޖޭގެ އެންމެ ބޮޑު އެއް މުއްސަނދި އެކެކެވެ. އަހަރެން މީކާކު ހެއްޔެވެ؟ އަހަންނަކީ ރާއްޖެތެރޭ މީހެކެވެ. އަދި މިއުޅެނީ މައިންބަފައިންގެ ގެވެސް ރަނގަޅަށް ނުހެދިގެންނެވެ. އަހަރެންގެ އަތުގައި އެކައްޗެއްވެސް ނެތެވެ. އެކަމަކު މާލާ އަކީ މިއަދު ފުދިގެން އުޅޭ މީހެކެވެ. ވީއިރު، މާލާއަށް އަހަރެން ކަހަލަ އެންމެ އާދައިގެ މީހަކު ލޯބިވާން ފެނުނީ ކީއްވެގެން ހެއްޔެވެ؟ މިއޮތް ހުރިހާ ދުވަހު މާލާގެ ހިތުގައި އަހަންނަށް އޮތް ލޯބި ކުއްލިއަކަށް ހާމަ ކުރީ ކީއްވެގެން ހެއްޔެވެ؟ މާލާ ހަމަ ޙަޤީޤަތުގައިވެސް އަހަރެންދެކެ ލޯބިވޭ ހެއްޔެވެ؟ ނޫނީ އަނެއްކާ މާލާގެ ނިޔަތަކީ ކޮބައި ބާވައެވެ؟

” ދިސް އިސް ނޮޓް އަ ޖޯޑް އޮރ ފަން. އައި ލަވްޔޫ ސޯމަޗް. އަހަރެން ސީރިއަސްކޮށް މިބުނަނީ ވަރަށް އަވަހަށް އިންނަން ބޭނުން. މާދަމާ ހެނދުނު ދިމާކުރާނަން.” ކުއްލިއަކަށް މާލާގެ އެސް.އެމް.އެސް އައުމުން އަހަރެން ބަލާލީމެވެ.

އަހަރެންގެ ހިތަށް އެރިއެވެ. ކޮންމެ ގޮތެއް ވިޔަސް ހެވެވެ. މާލާ އަހަރެން ދެކެ ލޯބިވެއެވެ. އަހަރެންވެސް ދެން މާލާއަށް އާނއެކޭ ބުނާނީއެވެ. މީހުން ބުނާހެން މީ ނަޞީބަކަށްވެސް ވެދާނެއެވެ. އަހަރެން ދެކެ ލޯބިވާ މީހަކު އަހަންނަށް ލިބުމެވެ. އަހަރެން މާލާދެކެ އިންތިހާޔަށް ލޯބި ނުވިޔަސް، މާލާ އަހަރެން ދެކެ ލޯބިވާނަމަ ދިރިއުޅެން ފަސޭހަ ވާނެއެވެ. މިބުނީ މައްސަލަ ނުޖެހި އުޅެވޭނެ ވާހަކައެވެ.

ހެނދުނު ހޭލީއިރު މާލާ ގުޅަނީއެވެ. އަހަރެން ފޯން ބިޒީކޮށްލީމެވެ. މާލާ ތިން ފަހަރު ގުޅިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ. އެކަމާއި މާލާ ރުޅި އަޔަސް ކުރާނެ ކަމެއް ނެތެވެ. އަހަރެން އެކަން އެގޮތަށް ކުރީ ހަމަ ޤަޞްދުގައެވެ. މާލާ ދެން ހަދަނީ ކިހިނެއްތޯ ބެލުމަށެވެ.

ފެންވަރައި ހަމަޖެހިލައިގެން އަހަރެން ޑިއުޓީއަށްދާން ނިކުތީމެވެ. ނިކުތްތަނާހެން މާލާއައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެއަށްވުރެ ބޮޑަށް ބިރުވެސް ގަތެވެ. މާލާ ބައްޕަ ރިސޯޓަށް އައިސް އުޅޭ ވަގުތަކަށްވުމުން އެމަންޒަރު މާލާގެ ބައްޕައަށް ފެނިއްޖެނަމަ، ދެން ވާނީ ކިހިނެއްހެއްޔެވެ؟ މާލާ އަހަރެންގެ ގައިގައި ބައްދާލައިގެން އިރުކޮޅަކު ހުއްޓެވެ. އެހިސާބުން ހިނގާ ހުރިހާ ސްޓާފުންގެ ކަޅި ހުރީ ސީދާ އަހަރެމެން ދެމީހުންނާއި ދިމާލަށެވެ. ބައެއް މީހުން ދެލޯ ބޮޑުކޮށްލައެވެ. އަނެއް ބަޔަކު ބަލަމުން ދިޔައީ ހައިރާން ކަމުގެ ނަޒަރަކުންނެވެ. އެހެން ނުވާންވީ ކީއްވެގެންހެއްޔެވެ؟ ބޮޑު މަހުޖަން ރިސޯޓް އޯނަރުގެ އަންހެން ދަރި ބައްދާލައިގެން މިއިނީ އާދައިގެ ފަޤީރު ސޮރެއްގެ ގައިގައެވެ. ކޮންމެ ގޮތެއް ވިޔަސް، އެއީ ޙަޤީޤަތެއްކަމަށް ގިނަ މީހުން ޤަބޫލުވެސް ނުކުރާނެވެ. އަހަންނަށްވެސް އެކަން ޤަބޫލުކުރަން އުދަނގޫވިއެވެ.

” މިހާރު ޤަބޫލުރަންތަ އަހަރެން ލޯބިވާކަން.” އަހަރެންގެ ގައިގައި ބައްދާލައިގެން އިނދެ ކަންފަތްދޮށުގައި މަޑުމަޑުން މާލާ ބުނެލިއެވެ.

” އާނާ. އެކަމަކު ދެން ދޫކޮށްލާ. އެންމެން ބަލަނީ. ބައްޕައަށް ފެނިއްޖެއްޔާޔޯ.” އަހަރެން ބުނީމެވެ.

” މީހުން ބެލިޔަސް ހެޔޮ. އަހަންނަށް ރަނގަޅީވެސް ބައްޕައަށް ފެނުނިއްޔާ؟” މާލާ އެހެން ބުނިތަނާހެން މާލާގެ ބައްޕަ އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. ފަހަތުގައި މާލާގެ ބައްޕަގެ ސެކެރެޓެރީވެސް ހުއްޓެވެ.

” މާލާ! ވަޓް ދަ ހެލް އިސް ގޮއިން އޯން.!؟” މާލާގެ ބައްޕަ ރުޅިއައިސްގެން ބުނެލިއެވެ.

މާލާގެ ބައްޕަ އެހެން ބުނުމުން މާލާ އަވަސް އަވަހަށް އަހަރެންގެ ގައިން ދޫކޮށްލިއެވެ. ދެން އަހަންނާއި ކުޑަ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ މަޑުން އިނީމެވެ.

” ބައްޕާ. އަޅުގަނޑު ވަރަށް ލޯބިވޭ ޖާވިދު ދެކެ. އަޅުގަނޑު ބޭނުން ޖާވިދުއާއި އިންނަން” މަޑުމަޑުން މާލާ ބުނެލިއެވެ.

” ވަޓް! މޮޔަވީތަ މާލާ؟ އެއީ ރާއްޖެތެރޭ މީހެއް. މާލާއަކަށް އޭނާއަކާ ނުއިނދެވޭނެ. މަގޭ މާލާ މިތާ ވެއިޓަރަކާއި ހިތާވެގެން އިނީމަ އަހަންނަށްވެސް ހުތުރެއްނު! ނުވާނެ ތިކަމެއް ހަނދާން ނައްތާލާ.” މާލާގެ ބައްޕަ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

” ލޯބިވާކަށް ވޭޓަރެއް އެހެން މީހެއް އޮވޭތަ؟ ފާޑެއްގެ ވިޔަފާރިއެއްތަ ލޯބި ވުމަކީވެސް. . ކީއްވެތަ ބައްޕަ މިކަމާއި ނުރުހެނީ؟” މާލާ ހިތްހަމަ ނުޖެހުމުގެ ރާގަށް ބުނެލިއެވެ.

” މާލާ، ޝަޓްއަޕް! ސެކެޓެރީ. ހަމަ މިހާރު މީނަ މާލެ ގެންގޮސް ގެއަށް ލާފަ އާދެ!” މާލާގެ ބައްޕަ ސެކެރެޓަރީއަށް އަމުރު ކުރިއެވެ.

މާލާ އިތުރަކަށް ވާހަކައެއް ނުދެއްކިއެވެ. މާލާގެ ބައްޕަ ބުނިހެން މަޑުމަޑުން ސެކެރެޓަރީގެ ފަހަތުން ހިނގާފައި ދިޔައީއެވެ. މާލާ ގޮސް ލޮލު ކޮޅަށް ގެއްލެން ދެން އަހަރެން ބަލަހައްޓައިގެން ހުރީމެވެ. އިރުއިރުކޮޅާއި މާލާ އަހަންނަށް ބަލާލިއެވެ. މާލާ ބަލާލާ ކޮންމެ ފަހަރަކު، މާލާގެ ލޮލުން އަހަންނަށް ފާޅުވީ ޙަޤީޤީ ލޯބީގެ ނިޝާންތަކެވެ. ކުޑަކޮށް ހިތްހަމަ ޖެހުނަސް ވަރަށް ދެރަވިއެވެ. މާލާ އަހަންނަށް ޙަޤީޤީ ލޯބި ހުށަހެޅިތާ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އަހަރެންގެ ކުރިމަތިން މާލާ ގެއްލުމުންނެވެ. މާލާގެ ބައްޕަ އަހަންނާއި ދިމާލަށް ރުޅިވެރިކަމުގެ ނަޒަރުން ބަލާލާފައި އެތަނުން ދިޔައެވެ. އަހަރެން ކުޑަކޮށް ހިނިތުން ވެލީމެވެ.

” އަހަރެން ބޭނުމެއްނޫން ޖާވިދު ނޫން އެހެން މީހަކާއި އިންނާކަށް. ވަރަށް ދެރަވެއްޖެ. މަންމަވެސް ބައްޕަވެސް އަހަންނަށް ހެޓަކަށް ބަވައިފި. އެމީހުން ޖާވިދާއި ދިމާލަށްކީ ހަޑިއެއްޗެހި ނުކެރޭނެ ކިޔާކަށްވެސް. އަހަރެން ބުނިން ޖާވިދަށް އެއްޗެހި ނުކިޔާ ކިޔާ އެއްޗެއް އަހަންނާއި ދިމާލަށް ކިޔާށޭ. ކީއްވެތަ މިމުއްސަނދިންނަށް ނުވިސްނެނީ؟ ލޯބި ޙައްޤެއްނޫންތަ ނިކަމެތިންނަށް؟ ކޮބާތަ މައްސަލައަކީ އަހަރެން ޖާވިދުއާއި އިނީމަ؟ އިންސާނުންނެއް ނޫންތަ އާދައިގެ މީހުންނަކީވެސް. ދެން ކިހިނެއްތަ ހަދާނީ؟” މާލާ ރޮމުން ވާހަކަ ދެއްކިއެވެ.

” ދެން ނުރޮއި. ފަހުން ރަނގަޅުވާނެ. އަހަރެންވެސް ބޭނުން މާލާ. އެކަމަކު ހަނދާން ކުރާތި. އަހަރެން މާލާ ބޭނުމީ މާލާގެ ބައްޕަގެ ހަތް ރިސޯޓާއި ވިޔަފާރި ކުންފުނިތަކާއި އޮތްހާ ބައިވަރު ފައިސާތަކަކަށްނޫން. އަހަންނަކީ ފައިސާދެކެ ލޯބިވާ މީހެއްނޫން. އަހަންނަށް މުހިއްމުވާނީ މީހާ. މާލާ އަހަރެންދެކެ އިންތިހާޔަށް ލޯބިވާކަން އެނގޭ. އެހެންވެ އަހަރެން މާލާ ބޭނުމީ.” އަހަރެން ބުނީމެވެ.

” އަހަންނަށް އިނގޭ ޖާވިދު ފައިސާއާއި ހޭބަލި ނުވާކަން. ނޫންނަމަ، ތަން ކޮޅެއް ކުރިން ކޮންމެ ރެއަކު ޖާވިދުގެ އެނދުމަތީގައި އޮންނަ ސިޓީ އުރަ އެކައުންޓްސް ޑިޕާރޓްމަންޓަކަށް ޙަވާލެއް ނުކުރާނެ. އެއީ އަހަރެން ކުރި ކަމެއް ޖާވިދުގެ ގޮތް ބަލަން. ހަފްތާއެއް ވަންދެން ކޮންމެ ރެއަކު ސިޓީ އުރަޔަކަށް ފައްސަތޭކަ ޑޮލަރު ލާފަ އޭގެ ބޭރުގަ ޖާވިދުގެ ނަން ޖަހާފަ އެނދުމަތީގަ ބޭއްވީ އަހަރެން ބުނެގެން. އަހަރެން ހީކުރި ވަރަށްވުރެ މާ މާތް މީހެއް ޖާވިދުތީ. އެހެންވެ އަހަރެން ޖާވިދު ބޭނުންވީ. އަހަރެން ބޭންވީ އަހަރެންގެ މުއްސަނދިކަމަށްވުރެ ބޮޑަށް އަހަރެންލޯބިވާ މީހެއް. އަހަންނަށް ފެނުނު މީހަކީ ތީ. އެކަކު ކިޔާ ދެރަދޯ. ” މާލާ ބުނެލިއެވެ.

” މާލާ، ކެތްކުރޭ. ބަލާ. މައިން ބަފައިންނަށް ވިސްނައިދެވޭތޯ” އަހަރެން ބުނީމެވެ.

” އެމީހުންނަކަށް ވިސްނައެއް ނުދެވޭނެ. މިރޭ ސިންގަޕޫރަށް ފުރާ ފުލައިޓުން އަހަރެން ސިންގަޕޫރަށް ފުރަން އަންގައިފި. ބައްޕަ އަންގާފަ އޮތީ ދެން އަހަރެން ދިރިއުޅެންޖެހޭނީވެސް ސިންގަޕޫރުގަ ހުރި ގޭގަކަމުގަ. ދެން ނޭނގެ. އަހަރެން ބޯގޮވަނީ. އަހަރެން… ” މާލާ އިނީ ވަރަށް ދެރަވެފައެވެ.

އެހެން ބުނި ތަނާހެން މާލާގެ ފޯން ކެނޑިއްޖެއެވެ. އަހަރެން މާލާއަށް ވަރަށް ގުޅީމެވެ. ފޯން އޮތީ ނިވާލާފައެވެ. އަހަރެންގެ ހިތުގައި ޖެހުނެވެ. ވަރަށް ދެރަވެސް ވިއެވެ. ހިތަށް އެރިއެވެ. ދެން މާލާއާއި ދިމާވާނެ ހެއްޔެވެ؟ ގުޅޭނެ އެހެން ގޮތެއްވެސް އޮންނާނެ ހެއްޔެވެ؟ އަނެއްކޮޅުން މާލާގެ މައިންބަފައިން އަހަރެމެން ގުޅޭކަށް ބޭނުމެއް ނޫނެވެ. އަހަރެން ރާއްޖެތެރޭގެ ކަޓް ސޮރަކަށްވީމައެވެ. އެމީހުންގެ ޢިއްޒަތާއި ނަމަށް ހުތުރު އަރާނެތީ، އަހަރެންގެ ދެމީހުންގެ ގުޅުމަށް ހުރަސް އަޅަނީއެވެ. އެންމެ ފަހުން މާލާއަށް ރާއްޖޭގައިވެސް އިނދެވޭނެ ގޮތް ނުވީއެވެ. ކިހާ ދެރަހެއްޔެވެ؟

ޑިއުޓީ ނިންމާފައި އަހަރެން ދިޔައީ އަހަރެންގެ ރޫމަށެވެ. ދިޔައިރު އަހަރެންގެ އެނދުކައިރީގައި ތިބީ ފުލުހުންނެވެ. އަހަރެން ވަނުމާއިއެކު އެމީހުން އަތުގައި ބިޑިއެޅިއެވެ. ސުވާލެއްވެސް ނުކޮށެވެ. އެމީހުން އަހަރެންގެ ބާލީސް ހިއްލާލިއެވެ. ކަމަކު ދާކަށް ނެތެވެ. ބާލީސް ދަށުގައި ހުރީ ފާޑެއްގެ ޕެކެޓްތަކެކެވެ. ގާތްގަޑަކަށް ހަތްވަރަކަށް ޕެކެޓް އޮތެވެ. އެންމެ ވައްތަރީ މިހާރުގެ ކިއްލި ބަންދުކުރާ ޕެކެޓްތަކަކާއިއެވެ. އޭގައި ހުރީ ފުށް ފާޑެއްގެ އެއްޗެކެވެ.

” މީކޯއްޗެއް؟” އެމީހުން ސުވާލުކޮށްލިއެވެ.

” ނޭނގެ” އަހަރެން ކުރުކޮށް ބުނީމެވެ.

” ހުރިހާ ކުށްވެރިންވެސް ވަރަށް މޮޅުވާނެ. ނޭނގެޔޭ ބުނާނީ. މީ މަސްތުވާތަކެތި.” އެމީހުން ބުނެލިއެވެ.

” އަހަންނަކީ ސިނގިރޭޓެއްވެސް ބޯމީހެއްނޫން. އަހަންނަކަށް ނޭނގޭ ތީ ކާކު ބެހެއްޓި އެއްޗެއް ކަމެއްވެސް.” އަހަރެން ޙަޤީޤަތަކަށް ބުނީމެވެ.

” މިމައްސަލަ ތަޙްޤީޤުކުރެވެންދެން ޖާވިދު ބަންދުގަ ހުންނަންޖެހޭނީ. ހިނގާމާލެދާން.” އެމީހުން ބުނެލިއެވެ.

” ކޮންމެ ތާކަށް ގެންދިޔަސް އަހަންނަށް ނޭނގޭ ކަމެއް ނޭނގެޔޭ ބުނާނީ. އަހަރެން ނުކުރާ ކަމަކަށް އެއް ބަހެއް ނުވާނަން. ހެޔޮ އުލަށް ލިޔަސް.” އަހަރެން ބުނީމެވެ.

އެމީހުން އިތުރު ވާހަކައެއް ނުދައްކާ އަހަރެން މާލެ ގެނައެވެ. އަދި މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގައި އަހަރެން ހައްޔަރު ކުރިއެވެ. ދެމަސް ދުވަސް ވަންދެން މައްސަލައިގެ ތަޙްޤީޤް ދެމިގެން ދިޔައެވެ. ދެން އައީ ހުކުމެވެ. ޙުކުމް އައީ އަށް އަހަރު ދުވަހަށް ޖަލަށެވެ. ހުރިހާ ނޫސް ތަކަށް އެވާހަކަ އެރިއެވެ. ދެރަވުމަށްވުރެ ބޮޑަށް އަހަރެންގެ ގާތަށް އައީ ރުޅިއެވެ. އަހަރެންގެ މަންމަ ހިތަށް ކުރާނެ އަސަރުހިތަށް އެރުމުން އަހަންނަށް ރޮވުނެވެ. މައްސަލައެއް ނެތެވެ. އެފަދަ އެއްވެސް ކަމެއް އަހަރެން ނުކުރާނެކަން އަހަރެންގެ މަންމަމެންނަށް އެނގޭނެއެވެ. ކޮންމެ ބަޔަކު ރާވައިގެން ކުރިއަސް އެކުރީ ވަރަށް ދެރަކަމެކެވެ.

ޖަލުގެ ތޭރިތަކުގެ ތެރޭގައި އަހަރެން ދުވަސްތައް ހޭދަކުރީމެވެ. ވަރަށް ތަފާތު މީހުންނާއި ދިމާވިއެވެ. ކިޔަވައިގެން ތިބި މޮޅެތި މީހުންނެވެ. އަނެއްކޮޅުން ތަނެއް ދޮރެއް ނުދަންނަ ޖާހިލުންނާއިވެސް ދިމާވިއެވެ. ޖަލަށް ދިއުމުން މަޑުމަޑުން އަހަރެން ވިސްނާލީމެވެ. އަހަރެންގެ އެކަނިވެރިކަމާއި މެދުގައެވެ. އެކަމަކު އެއްވެސް މީހަކަށް ހިތްބަރުކަމެއް ނުބާއްވަމެވެ. ހިތަށް އެރިއެވެ. ޖަލުން ނިކުމެވުނު ދުވަހަކުން މާލާގެ ބައްޕައަށް އަހަންނަކީ ކާކުކަން ދައްކާލާނަމެވެ. އަހަރެންގެ އަސްލު ސޫރަ ދައްކާލާނަމެވެ. އެކަމަކު ބަދަލަށް ބަދަލެއް ނުހިފާނަމެވެ.

އަހަރެން ޖަލުން ދޫކޮށްލީ ޙުކުމް ތަންފީޒު ވީމައެވެ. ބަރާބަރު އަށް އަހަރަށް ފަހުގައެވެ. ޖަލުން ނުކުތް ދުވަހު މީހަކު އަހަންނަށް ގުޅިއެވެ. އަހަންނަށް އެގޮތަށް ކަންތައް ކުރީ މާލާގެ ބައްޕަގެ ކެހިވެރި ރޭވުމުގެ މަތިން ކަމުގައި ބުނެދިނެވެ. އެކަންތައް ކުރި މީހުންނާއި ކުރި ގޮތްވެސް އެމީހަކު ކިޔައިދިނެވެ. އަހަރެން ޝުކުރިއްޔާއޭ ބުނެ ފޯން ބޭއްވީމެވެ. ޖަލުގައި އަހަރެންގެ ޙަޔާތުގެ އަށް އަހަރު ބޭކާރުވީއެވެ. އެއީ އިންސާނެއްގެ ޙަޔާތުގެ ގިނަ ވަގުތުތަކެކެވެ. ކޮންމެ ގޮތެއްވިޔަސް އެ އަށް އަހަރެއް އަނބުރާ ނުލިބޭނެއެވެ.

އަހަރެންގެ ހިތަށް އެރިއެވެ. ޖަލުގައި ހޭދަކުރި އަށް އަހަރެއް އަނބުރާ ނާންނާނެއެވެ. އެކަމަކު ދިރިއުޅުން ކޮޅަށް ޖަހަން އެބަޖެހެއެވެ. ވަރަށް ގިނަ ތަންތަނަށް ވަޒީފާއަށް ހުށަހެޅީމެވެ. ޕޮލިސް ރިޕޯރޓްގައިވާ މައްސަލަ އަހަންނަށް ވަޒީފާ ލިބުމަށް ހުރަސް އެޅިއެވެ. އެހެންވެ އެއްވެސް ތަނަކުން އަހަންނަށް ވަޒީފާއެއް ނުލިބުނެވެ. ގިނަ މީހުން އަހަރެން ބަލައިގަތީ ކުށްވެރިއެއްގެ ގޮތުގައެވެ. މަސްތުވާތަކެތި ވިއްކާ މީހެއްގެ ގޮތުގައެވެ. ކުރިން ރިސޯޓްގައި އެއްކޮށް އުޅުނު ގިނަ މީހުންވެސް އަހަރެން މަގުމަތިން ފެނުމުން ދަނީ ދުރަށެވެ.

އަހަރެން ހިތްވަރު އެލުވައެއް ނުލަމެވެ. ރިސޯޓްގައި އުޅުނު ތިން އަހަރު ރައްކާކުރެވިފައި ހުރި ފައިސާކޮޅު ބޭންކުން ނެގީމެވެ. ރައްޓެއްސަކާއިއެކު އަލިކިލެގެ ފާނު މަގުގައި ކުޑަކުޑަ ފިހާރައެއް ހުޅުވީމެވެ. މަޑުމަޑުން ވިޔަފާރި ފުޅާވިއެވެ. އެކަމަކު ވިޔަފާރީގެ އަނެއް ބައިވެރިޔާ އަކީ އެހާ ކަމުދާ މީހަކަށް ނުވުމުން އަހަރެންގެ ހިއްސާ ނަގާފާއި އަމިއްލައަށް ފިހާރައެއް ހުޅުވީމެވެ.

ތެދެކެވެ. މީހަކު މީހަކަށް ލަނޑެއް ދީފާނެއެވެ. އޮޅުވާލާ މަކަރުވެސް ހަދާފާނެއެވެ. ކިތައްމެ ބޮޑު ގެއްލުމެއްވެސް ދީފާނެއެވެ. ހަނދާން ކުރާށެވެ. ބަދަލަށް ބަދަލު ހިފަން ނޫޅޭށެވެ. އެކަމުގެ ބަދަލުވެސް ހިފޭނެވެ. ދިރިއުޅުމުގައި ވިސްނާށެވެ. ދެން ފިޔަވަޅު އަޅާށެވެ. އަހަރެން އަށް އަހަރު ޖަލުގައި ހޭދަކުރީ ވޭނާއި ހިތާމާގައެވެ. މާލާގެ މަތިން ވަރަށް ހަނދާންވިއެވެ. އެކަމަކު ޖަލުން ނިކުމެގެން އަހަރެން ހަމަޖެހުމުގެ ނޭވާލީ އަހަރެންގެ މަންޒިލާއި ހަމައަށް ވާޞިލުވުމަށް ފަހުގައެވެ. އަހަންނަށްވެސް ބަދަލު ހިފޭނެއެވެ. އެކަމަކު ބަދަލު ހިފަން ހަދައިގެން ގެއްލިގެންދާނީ އަހަރެންގެ ވަގުތެވެ. އަހަންނަށް މޮޅެއްވެސް ނުލިބޭނެއެވެ. އެކަމުން ކުރިއެރުމެއްވެސް ނާންނާނެއެވެ.

ހަނދާންކުރާށެވެ. ދިރިއުޅުމަށްޓަކައި ތިމާކުރާ ފޮނި އުންމީދު ގެއްލުވާނުލާށެވެ. އަބަދުވެސް ތިމާގެ މަންޒިލް މަޤްޞޫދު ހަނދާން ބަހައްޓާށެވެ. އަބަދުވެސް އެމަންޒިލާއި ދިމާލަށް ދެވެން އޮންނަ މަގުން ހިނގުމަށް އާދަކުރާށެވެ. ބޭކާރު މީހުންނާއި ކަންތައްތައް އެއްފަރާތްކުރާށެވެ. ނެގަޓިވް ތިންކިންގ އާއި އެފަދަ މީހުންގެ ކިބައިން ސަލާމާތްވާށެވެ. ރަނގަޅު ކަމެއްވިއްޔާ އިރާދަ ކުރެއްވިއްޔާ ކުރާނަމޭ ކުރެވޭނެޔޭ ހިތާއި އެކަމަކާއި ކުރިމަތީލާށެވެ. އެކަން ވާނެއެވެ. އަބަދުވެސް ތަޞައްވަރުކުރާށެވެ. ތިމާގެ ދިރިއުޅުމުގައި މާދަމާ ހުންނަން ބޭނުންވާ މަޤާމެވެ. ދެރަނުވާށެވެ. ހަޞަދަވެރިވެސް ނުވާށެވެ. ތެދެއް ބުނަންހެއްޔެވެ؟ ވީކަމެއް ވެއްޖެއެވެ. މާލާގެ ބައްޕަމެންގެ ރޭވުމުން އަހަރެންގެ ކުށެއްތި އަހަރެން އަށް އަހަރު ޖަލުގައި ހޭދަކުރީމެވެ. އެހެނަސް އަހަރެންގެ ހިތް ހަމަ އެމީހުންނަށް ސާފެވެ.

” ސަރ. ޕްލީޒް ފާސްޓަން ޔުއަރ ސީޓް ބެލްޓް. ވީ އާރލޭންޑިން ވިތިން ފިޔު މިނިޓްސް.” ޚިޔާލުގެ ދުނިޔެއިން ވަކިވާން ޖެހުނީ އެއަރ ހޮސްޓެސް އައިސް އެހެން ބުނުމުންނެވެ.

މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ފްލައިޓް ޖެއްސިއެވެ. އަހަރެންގެ ކުރިން އަހަރެންގެ ނުވި ބަފައިބެ ފުލައިޓުން އަވަސް އަވަހަށް ނިކުމެގެން ދިޔައެވެ. އަހަރެން ފްލައިޓުން ފައިބައިގެން ޓާރމިނަލްއިން ނިކުމެގެން އައިއިރު އަހަރެންގެ ކާރު ޑްރައިވަރު އިނީ އަހަރެންގެ އިންތިޒާރުގައެވެ. އޭނާ ދޮރު ހުޅުވާލުމާއިއެކު އަހަރެން ކާރަށް އަރާ ހަމަޖެހިލީމެވެ. އަހަރެންގެ ޑްރައިވަރު ކާރު ދުއްވާލިއެވެ. ސިންގަޕޫރުގެ ހައިވޭގައި ކާރު އޭގެ ބާރުމިނުގައި ދުވަމުންދިޔައެވެ.

ތެދެކެވެ. މާލާއާއި ދިމާވިއިރު އަހަންނަކީ އަހަންނަކީ ރާއްޖެތެރޭގެ ދެރަ ނިކެމެތި ސޮރެކެވެ. މާލާގެ ބައްޕަގެ ރޭވުމުން އަހަރެން ޖަލަށް ދާން ޖެހުނީއެވެ. އަހަރެން ޖަލަށް ދިޔައިރު މީ ފަޤީރު ސޮރެވެ. އެކަމަކު، މިއަދު އަހަރެންވެސް މީ ރާއްޖޭގެ ފައިސާވެރިންގެ ތެރޭގައި ގުނާލެވޭ މީހެކެވެ.އަހަރެންގެ ހިތަށް އެރިއެވެ. މިއީ މިއަދު އަހަރެންގެ ދިރިއުޅުމެވެ. މިއަދު މާލޭގައި އަހަރެންގެ އަމިއްލަ ހަތަރު ފިހާރަ އެބަ ހުއްޓެވެ. ރާއްޖެތެރޭގެ ތިން ތަނެއްގައި ބޮޑު ތިން ފިހާރަ ހުންނާނެއެވެ. ދެމީހުން ނޫނީ އަހަރެންގެ މުވައްޒަފުންނަކީ ހުސް ދިވެހިންނެވެ. މާލޭގައި އަހަރެންގެ އަމިއްލަ ދިހަ ބުރީގެ ގެއެއް ހުންނާނެއެވެ. އަހަރެންގެ އަންބަކާއި ދަރިން އެބަ ތިއްބެވެ. އަހަރެންގެ މައިންބަފައިންނާއި ތިމާގެ މީހުން އުޅެނީ އުފަލުގައެވެ. އަނެއްކޮޅުން މިއަދު މާލާވީ ތަނެއް ނުވަތަ އުޅޭގޮތެއް ހޯދާކަށް އަހަންނަށް ވަގުތެއްނެތެވެ. އަހަރެންގެ ޢާއިލާއާއި ވިޔަފާރީގެ މަސައްކަތުގައި އަހަރެން މިއުޅެނީ އަވަދިނެތިއެވެ. އެކަމަކު ހިތަށް އަރައެވެ. މާލާއާއި ދިމާނުވިނަމަ މިދުވަސް އަންނާނެ ހެއްޔެވެ؟ އެއްބަހެވެ. ތެދެކެވެ. މިއަދު އަހަރެން ދިރިއުޅެމުން މިގެންދަނީ ވަރަށް އުފަލުގައެވެ. ޖަލުގެ ތޭރި ތަކުގެ ތެރޭގައި ހޭދަކުރަންޖެހުނު އަށް އަހަރުގެ ފަހަތުގައިވީ ނަތީޖާގެ ފޮނިކަން އިޙްޞާޞްކުރެވުނީމައެވެ.

ނިމުނީ

Share Article

Follow Me Written By

GOLDENPEN0555

Level 110 Stories

Other Articles

Previous

ދިމްޔާ (ފުރަތަމަ ބައި)

Next

ރޯޒީ ***** (3)

Next
August 14, 2015

ރޯޒީ ***** (3)

Previews
August 13, 2015

ދިމްޔާ (ފުރަތަމަ ބައި)

16 Comments!

  1. wow says:
    August 14, 2015 at 3:20 am

    v v v v salhi

  2. Golhaa Ganjaa says:
    August 14, 2015 at 3:21 am

    v reethi mi vaahaka

  3. Golhaa Ganjaa says:
    August 14, 2015 at 3:21 am

    v reethi mi vaahaka

  4. zai says:
    August 14, 2015 at 11:26 am

    Real story eh hen hiivanii..btw story v nice..mikahala gina story thakeh fennaane kamah unmiidhu kuran☺

  5. someone says:
    August 14, 2015 at 1:26 pm

    This is what we call a story ?

  6. Shabee says:
    August 14, 2015 at 3:32 pm

    Story vrh vrh habeys.. But kuda confusion eh eba ulhey… Masthuvaatahkethi test khffa ehnoontha jalah laneeee???

  7. stranger says:
    August 14, 2015 at 4:28 pm

    Huriha vahakaeh vahakaiga nuliyanedw… eh paragrah rangalah kiyalinama tyge javaabu libeyne.. confusion filane…

    1. Shabee says:
      August 14, 2015 at 9:03 pm

      Hmm stranger thank u..mihaaru ingijje kudakh visnaaleema… masthuvaathakethi gengulhumuge massalaiga dhw hayyaru kureee.. not 4 using it dhw… thank u..i mean jazakillah khairan… 😀

  8. ali says:
    August 14, 2015 at 5:46 pm

    v habeys

  9. fai says:
    August 16, 2015 at 11:27 pm

    Vaahaka vrh habeys…

  10. kudey says:
    August 26, 2015 at 12:19 pm

    varah reethi

  11. Jana says:
    August 31, 2015 at 2:13 pm

    habeys

  12. Jana says:
    August 31, 2015 at 3:05 pm

    vaahakaage medhuthere v reethi dhen vaa ehchehbalan beynun vi v salhi adhi ithurah mikahala vaahaka thah liyaane kamah ummeedhu kuran we luv it<3

    1. Jana says:
      August 31, 2015 at 3:06 pm

      good cmnt

  13. Maahin (B-ee) says:
    October 1, 2015 at 11:55 pm

    Varah fahkaa vaahaka eh… Intersting soooo much

  14. Maahin (B-ee) says:
    October 1, 2015 at 11:58 pm

    Maalaa kiyanygey gf ah… l love her

Comments are closed.



All Right Reserved!