އިޢުތިރާފް
މާދަމާ އަހަރެން ދަންޖައްސާނެއެވެ. ޙުކުމް ތަންފީޒް ކުރާނެއެވެ. މިހާރު އަހަރެން ގުނަމުން މިގެންދަނީ ޙަޔާތުގެ އެންމެ ފަހު ސިކުންތުކޮޅެވެ. މިއީ ދެން އަހަރެން މިފަނާވަނިވި ދުނިޔެއަށް ލާނެ އެންމެ ފަހުނޭވާތައްކަން ނޭނގެއެވެ. ތެދެކެވެ. އަހަރެން ކުރި ކުށަށް މާދަމާ އިންސާފް ލިބޭނެއެވެ. އެކަމާއި އަހަރެން ޝަކުވާއެއް ޝިކާޔަތެއް ނުކުރާނަމެވެ. ކުޑަމިނުން އެއްވެސް މީހަކަށް ހިތްބަރެއްވެސް ނުކުރާނަމެވެ. އެއްވެސް މީހެއްގެ ފައިބުޑަށް ވެއްޓި ސަލާމަތްކުރުމަކަށް އާދޭހެއްވެސް ނުދަންނަވާނަމެވެ. އަހަރެން ދަންނަވަންޖެހޭ ފަރާތުގައި އޮންނާނީ ދަންނާވައެވެ. އަހަރެން ހުންނާނީ އަހަރެންގެ ގޮތުގައެވެ. ފަހުނޭވާޔާއި ޖެހެންދެންވެސް އަހަރެންގެ ގޮތެއް ބަދަލެއް ނުކުރާނަމެވެ.
ތެދެކެވެ. އިންސާނާ އެންމެ ބިރުގަންނަ އެކައްޗަކީ މަރެވެ. މަރާއި ބައްދަލުކުރުމަކީ އިންސާނާ ބޭނުންވާ ކަމެއްނޫނެވެ. އިންސާނާ ހިތުން އޭނާއަށް މުޅި ޢުމުރު ދުނިޔެ ބަނޑުދަށުލައިގެން އުޅޭވޭނެއެވެ. އޭނާ ބޭނުންހުރިހާ ކަމެއް ކުރެވޭނެއެވެ. ހަމައެއް ލަމައެއްނެތި މިއޮތް ބޮޑު އުޑުދަށުގައި ހީނ ސަމާސާކޮށް އުޅެވޭއެވެ. އެހެނެއް ހަމަ ހިލާނުވާއެވެ. ވަގުތު ޖެހުމުން ދިމާވާން ހުންނަ ކަމެއް ދިމާވާނެއެވެ. އެކަމަކު އެއްވެސް މީހަކަށް ސަލާމަތެއް ނުވެވޭނެއެވެ. ކުޑައެއް ބޮޑެއް، މުއްސަންޖެއް ފަޤީރެއް މިކަމުގައި ތަފާތެއް ނޯންނާނެއެވެ.
އޮޅުމެއް ނެތެވެ. ދެން މިރެއަކީ އަހަރެންގެ މިދުނިޔޭގައި ހޭދަ ކުރާނެ ފަހު ރެއެވެ. އެކަމާއި ހިތް ނުތަނަވަސް ވާ މީހެއްކަމުގައި އަހަރެން ނުވަމެވެ. ވިސްނުމުގެ ތެރޭގައި ދެން އަހަންނަށް ބަލާލެވުނީ އަހަރެން ހުރި ޕާކިސްތާނުގެ ޖަލުގެ ކުޑަ ގޮޅިން ބޭރަށެވެ. ރީތި ރެއެކެވެ. ޖަލުގެ ތޭރިތަކުގެ ތެރިން ހަނދުވަރުގެ އަލިކަން އަހަންނަށް ފެނެއެވެ. ދުރުން މާދުރުން ވިދާ ތަރިތައް އަހަންނަށް ފެނެއެވެ. ހިތަށް އެރިއެވެ. ޤުދުރަތުގެ ރޭވުމުގެ މޮޅުކަމެވެ. އަހަރެންގެ އެންމެ ފަހުރެއަކީ އެފަދަ ރީތި ރެއަކަށް ވީތީއެވެ. ތޭރި ތަކުގެ ތެރެއިން ބޭރު ފެންނަނީ ތަންކޮޅެއް އުދަނގުލުންނެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ދުރުގައި ހެދެމުން ދިޔަ ބޮޑު ގަހެކެވެ. ދެން ހަމަ އެގަހުގެ ކައިރީގައި ހެދެމުން އަންނަ ކުޑަ ކުޑަ ގަހެކެވެ.
ހިތަށް އެރިއެވެ. އަހަރެން މިދުނިޔެ ދޫކޮށް ދިއުމުން އަހަރެންގެ ކުޑަ އަންހެން ދަރިފުޅު ހިތާމަ ކުރާނެވެ. ވަރަށް ރޮއި ހަނދާނެއެވެ. ކުޑަކޮށް ދެރަވެސްވެއެވެ. އަހަންނަކީ މިއަދު އެ ބޮޑު ގަސް ކުޑަ ގަހަށް ޙިމާޔަތްދޭ ފަދައިން އަހަރެންގެ ދަރިފުޅަށް ޙިމާޔަތްދޭން ހުރި މީހައެވެ. އެކަމަކު ދެން އެހެނެއް ނުވާނެވެ. ފަނޑިޔާރު އޮތީ އަހަންނަށް ޙުކުމް އިއްވާފައެވެ. މާދަމާ ޙުކުމް ތަންފީޒުކުރާނެވެ. ދަން ޖައްސައިގެން މީހަކު މެރުމުން ލިބޭ ވޭނާއި ނުވަތަ އުފަލާއި މާދަމާ އަހަރެން ކުރި މަތިލާން ޖެހޭނެއެވެ.
އަހަރެން އެއްވެސް ވަރަކަށް ހާހެއް ނުވެއެވެ. މައްސަލަ އިސްތިޢުނާފް ނުކުރީވެސް އެހެންވެގެންނެވެ. ކުރާކަށް ބޭނުމެއްވެސް ނޫނެވެ. ކުރިޔަސް އަހަރެންގެ ކޮޅު ގަދައެއްނުވާނެއެވެ. މިއީ އަހަރެންގެ ވަޒަނެއް ނޫނެވެ. އަހަރެންގެ އެއްވެސް އާރެއް ބާރެއް މިތަނުގައި ނެތެވެ. އަހަރެންގެ ވާހަކަ ޤަބޫލުކުރާނެ ގިނަ ބަޔަކުވެސް ނެތެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި އަހަރެން ކުށެއް ނުކުރަމެވެ.
އަހަރެން އަދިވެސް ހަނދާން އެބަހުއްޓެވެ. އަހަންނަށް ފަރުޒާނާ ފެނުނީ އޭނާ ޗުއްޓީހޭދަކުން ރިސޯޓެއްގައި އުޅެނިކޮށެވެ. އަހަރެން މަސައްކަތް ކުރި ރިސޯޓަށް އޭނާ އައީ އޭނަގެ ބައްޕައާއި ދެ އަންހެން ކޮށްކޮއާއިއެކު ގައެވެ. އަހަންނަކީ ފަރުޒާނާގެ ރޫމް ބޯއީ ކަމުން ފަރުޒާނާމެންގެ ގިނަ ކަންތައްތައް އަހަންނަށް ކުރަން ޖެހުނެވެ. އަހަރެންގެ ސީދާކަމާއި ހެޔޮކަން ފެނިފައި އަހަންނަށް ލޯބި ހުށަހެޅީވެސް ފަރުޒާނާއެވެ. ފަރުޒާނާއަށް އެންމެ ކަމުދިޔައީ އަހަރެންގެ ސީދާކަމާއި ސާދާކަމެކެވެ. ވަކިން ޚާއްޞަކޮށް އަހަރެން ދީނަށް ކަމޭހިތާކަން އެނގުމުން ފަރުޒާނާއާއި ޢާއިލާގެ އެންމެން އަހަންނަށް ގަޔާވިއެވެ. އަހަންނަށް ވެސް ފަރުޒާނާގެ ޢާއިލާގެ ފަރާތުން ކަމެއް ފާހަގަ ވިއެވެ. ޗުއްޓީގައި ހޭދަ ކުރި ފަނަރަ ދުވަހުގެ ތެރޭގައި އެމީހުން ދީނަށް ކަމޭހިތާ މިންވަރެވެ. ރިސޯޓްގައިވެސް އެމީހުން ހޭދަކުރީ އަބުރުވެރި އުޅުމެވެ. މިހުރިހާ ކަމަކާއިހުރެ އަހަންނަށްވެސް ފަރުޒާނާ ދެކެ ލޯބިވެވުނެވެ. އިސްވެ ލޯބި ހުށަހެޅީވެސް ފަރުޒާނާއެވެ. ފަރުޒާނާގެ ޢާއިލާއަކީ ޕާކިސްތާނުގެ ނުފޫޒްގަދަ ތަނަވަސް ޢާއިލާއެކެވެ. ފަރުޒާނާގެ މަންމަ ނިޔާވި ފަހުން އޭނާގެ ބައްޕަ އިތުރު ކައިވެންޏެއް ނުކުރެއެވެ. އެމީހުންގެ ތަނަވަސްކަމުން ދަރިންވެސް އެކަމާއި އަޅައެއް ނުލައެވެ. އަނެއްކޮޅުން ފަރުޒާނާގެ މަންމަ ނިޔާވިއިރު އެޢާއިލާގެ އެންމެ ހަގު ކުއްޖާއަށްވެސް ވަނީ ވިހި އަހަރު ވެފައެވެ.
ފަރުޒާނާގެ އެދުމުގެ މަތިން އަހަރެން ކައިވެނި އަވަސް ކުރީމެވެ. އެހެންވެ ނުވަ މަސް ފަހުން އަހަރެން ޕާކިސްތާނަކަށް ގޮސް ފަރުޒާނާއާއި ކައިވެނި ކުރީމެވެ. އަހަރެން ވަރަށް އުފާވިއެވެ. އަހަންނަކީ ވަރަށް ކުޑައިރުއްސުރެ އަމިއްލަ ވަޒަރުން ބޭރުގައި ދިރިއުޅުން އާބާދުކުރަން ބޭނުންވި މީހެކެވެ. އެހެންވެގެން ފަރުޒާނާ ކަހަލަ ދީންވެރި އަންހެން ކުއްޖަކު ލިބުމުން އަހަރެން ވަރަށް ހިތްހަމަ ޖެހުނެވެ. ފަރުޒާނާއަކީ އަހަންނަށް ލިބުނު ޖަވާހިރެކެވެ. ބޭރުފުށުގެ ރީތިކަމަށްވުރެ ފަރުޒާނާގެ އެތެރެ ފުށުގެ ރީތިކަން މާފުރިހަމައެވެ. އަހަންނަށް އެފަތަ އަންހެނަކު ދެއްވި ކަމަށްޓަކައި އަބަދުވެސް ޝުކުރު ކުރަމެވެ.
އަހަރެމެންގެ ކައިވެންޏަށް ދެ އަހަރު ނުވަނީސް ލޯބިލޯބި އަންހެން ކުއްޖަކު ލިބުނެވެ. ޢާއިލާގެ ލޯބި ލިބިގެން އެކުއްޖާ ބޮޑުވަމުން އައީ ވަރަށް ރަނގަޅަށެވެ. ފަރުޒާނާގެ ހަގަށް ތިބި ދެކޮއްކޮ އަހަރުމެންގެ އަންހެން ދަރި ދެކެ އިންތިހާޔަށް ލޯބިވެއެވެ. އެއީ ހަމަ ވާނެގޮތެވެ. އެމީހުން އަދި ޒަވާޖީ ޙަޔާތެއް ނުފަށެވެ. އެހެންވެ، ވިޔަފާރީގެ ކަންކަމުން މިންޖުވުމުން އެމީހުންގެ ކަމަށް އޮންނަނީ ކުޑަދަރިފުޅާއި މައްލަވަ ކުރުމެވެ. އަހަރެންގެ ކުޑަ ދަރިފުޅު ދެކެ އޭނާއި ދައްތައިންވާ ލޯބި ފެނިފައި އަހަރެން ހުންނަނީ ވަރަށް އުފަލުންނެވެ. އަނެއްކޮޅުން ކައިވެންޏަށް ފަހު އަހަރެން މަސައްކަތް ކުރަމުންދިޔައީ ފަރުޒާނާގެ ބައްޕަގެ ވިޔަފާރީގައެވެ.
” ތި އަންހެން ދަރިފުޅަށް ވަރަށް ބަލައިގެން އުޅޭތި. ތީ ނާމާން ގެއެއް؟” އޮފީސް ނިންމާފައި ސައިބޯން ހުއްޓައި ދެވަން ފުރައިގެ މީހަކު އެހެން ބުނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.
” ތިބުނީ؟” އަހަންނަށް ލިބުނު ސިހުމުގައި ސުވާލުކުރެވުނެވެ.
” ތީ ބޭރުން އަރާ އިން ބީރައްޓެއްސެއްދޯ. މިރަށުގެ ޙަޤީޤަތެއް އަދި ރަނގަޅަކަށް ނޭގޭނެ. އިންސާނުންގެ ތެރޭގައިވާ ޝައިޠާނުންނަކީ ވަރަށް ނުބައިބައެއް. ބައެއް މީހުންގެ މޫނުމަތިން މަޢުޞޫމް ކަމެއް ފެންނަން ހުއްޓަސް އެމީހުން ކުރާ ފާޚިޝްކަންތައް ޚިޔާލަށްވެސް ނުގެނެވޭނެ. ދެން އަމިއްލައަށް ވިސްނާ. އަހަރެން ދަނީ.” އިތުރު ވާހަކައެއް ނުދައްކާ އޭނާ އެތަނުން ދިޔައީ އެހެން ބުނުމަށްފަހުގައެވެ.
އަހަރެން އަޅައެއް ނުލަމެވެ. ދެއަހަރު ވީއިރު އަހަންނަށް ފަރުޒާނާގެ ގެއިން ނާމާންކަމުގެ ނިޝާނެއް ފެނިފައެއް ނެތެވެ. އެގޭ ހުރިހާ މީހުން އަހަރެން ދެކެނީ ދަރިއެއް ފަދައިންނެވެ. ވީއިރު އެ މުސްކުޅި މީހާ ދެއްކި ވާހަކައަކަށް އަހަރެން ސަމާލުކަމެއް ނުދެމެވެ. ހިތަށް އެރިއެވެ. އަހަރެން ކަހަލަ ބީރައްޓެއްސަކަށް އެކަހަލަ ނަޞީބެއް ލިބުނީމަ ހަސަދަ ވެރިވަނީކަން ނޭގެއެވެ. ނުވަތަ އެމީހަކު ބޭނުންވަނީ އަހަރެންގެ ދިރިއުޅުން ހަލާކުކުރަން ކަން ނޭނގެއެވެ.
އަހަރެންގެ ދަރިފުޅުގެ ޢުމުރުން ފަސް އަހަރުވީ ދުވަހު މުޅިގޭގައި ބޮޑު ޕާރޓީއެއް ބޭއްވިއެވެ. ޕާކިސްތާނުގެ ތަނަވަސް ޢާއިލާ ތަކުގެ ހުރިހާ މީހުން އެޕާރޓީއަށް އައެވެ. ނުވިތާކަށް ސަރުކާރުގެ ނުފޫޒުގަދަ މީހުންވެސް އައެވެ. އަހަރެން ހިތަށް އެރިއެވެ. އަހަންނަށް މިލިބުނީ ކިހާ ރަނގަޅު ނަސީބެއް ހެއްޔެވެ؟ އަހަންނަށް ކައިވެނީގެ ގޮތުން ގުޅެވިފައިމިވަނީ ކިހާ މަތީ ޚާންދާނެއްގެ ކުއްޖެއްކަން އިނގުނީ އެދުވަހުން ފެށިގެންނެވެ. އަހަރެން ހިތާއި ހިތުން ދުޢާކުރީމެވެ. ހިތް ނިޔަތް ނުބައި މީހުންނާއި މުޞީބާތްތަކުން އަހަރެންގެ ޢާއިލާ ރައްކާތެރި ކުރުމަށެވެ.
އެއްރެއެއްގެ ވަގުތެކެވެ. އޮފީސް ބުރަކަމުން އަހަންނަށް ގެއަށް ދެވުނީ ރޭގަނޑު ދިހައެއްގެ ފަހުންނެވެ. ގޮސް ކޮޓަރިއަށް ވަންއިރު އަންހެނުން އޮތީ ނިދާފައެވެ. އަހަރެން ހައަހަރަށްދާ ލުބާ ކޮޓަރީގައެއް ނެތެވެ. އަންހެން ނިދާފައި އޮތުމުން އޭނާއާއި ސުވާލު ނުކޮށް އަހަރެން ނިކުތީ ގޭގެ ސިޓިން ރޫމަށެވެ. އޭރު ލުބާ އަންނަނީ އޭނާގެ ކާފަގެ ކޮޓަރިން ދުވެފައި ނިކުމެގެންނެވެ. އައި ގޮތަށް އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. ބައްދާލުމާއިއެކު އެކުޑަކުޑަ މަޢުޞޫމު ހިތް ތެޅެމުން ދިޔަ ބާރުމިން އަހަންނަށް އިޙްޞާޞްކުރެވުނެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަނެއްކާ ލުބާގެ ކާފަ ލުބާއަށް ބިރުވެރި ވާހަކައެއް ކިޔައިދިނީބާވައެވެ.
” ދަރިފުޅާ ކިހިނެއްވީ؟” އަހަރެން އަނހާލީމެވެ.
” ކާފަ.. ކާފަ.. އަނިޔާ ކުރަނީ؟” ލުބާ ވާހަކަ ދެއްކީ ފުފެމުންނެވެ.
” ކޮންތާކަށް އަނިޔާކުރީ؟” އަހަރެން އަވަސް އަވަހަށް ސުވާލުކުރީމެވެ.
” މިތަނަށް….” ލުބާގެ މޫނާއި މޭމަތީގައި އަތްޖައްސާލަމުން ލުބާ ވާހަކަ ދެއްކިއެވެ.
އަހަރެން ބަލާލީމެވެ. މުޅި ލުބާގެ ގައި އޮތީ ނޫފައިގެންފައެވެ. އަހަރެން ގާތަށް އައީ އިންތިހާ ރުޅިއެވެ. ދާގޮތަށް ގޮސް ލުބާގެ ކާފަގެ ގައިގައި އަތްދަމާފައި ޖަހަންވެސް ހިތަށް އެރިއެވެ. ދެން ވިސްނުނީ އެހެން ގޮތެކެވެ. އަހަރެން މިއިނީ އަމިއްލަ ވަޒަނާއި އެތައް މޭލެއް ދުރުގައެވެ. މިތަނުގައި ގަދަ ވާނީ އެމީހުންނެވެ. ދެން ބަލަންވީ ކެތްތެރިކަމާއިއެކު ކާފަގެ އަނިޔާއިން ލުބާ ސަލާމާތްކުރެވޭނެ ގޮތެކެވެ.
ހެނދުނު ފަރުޒާނާ ހޭލުމާއިއެކު އަހަރެން އެވާހަކަ ދެއްކީމެވެ. ފަރުޒާނާ ބުނީ އޭނާގެ ބައްޕައާއި ވާހަކަ ދައްކައިގެން އެކަން ބަލާނެކަމަށެވެ. އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯހޫރާލީމެވެ. އެކަމު ވަރަށް ބޮޑަށް ބޮލުގައި ރިހުނެވެ. ރޭގަނޑު ދިހައެއް ޖަހާއިރު ލުބާ ގެންގޮސްގެން އޭނަގެ ކާފަ އެކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ލުބާ އަކީ ޢާއްމުކޮށް ނުވައެއް ޖަހާއިރު ނިދާ ކުއްޖެކެވެ. އަނެއްކޮޅުން ފަރުޒާނާ ލުބާއަށް އަނެއްކާ އަޅާނުލަނީ ހެއްޔެވެ؟ ދެން ހިތަށް އެރިއެވެ. މަޑުން ހުރެގެން ނުވާނެއެވެ. މިވާނުވާއެއް ބަލަންވާނެއެވެ. ލުބާއަކީ އަހަރެންގެ ފުރާނައެވެ. އަހަރެންގެ ދަރިއެކެވެ. އޭނާއަށް އަނިޔާކުރާކަށް ޖަގާއެއް ނުދެވޭނެއެވެ. އަނެއްކޮޅުން ގެވެށި އަނިޔާގެ ވާހަކައަކީ އަހަރެންގެ ޤައުމުގައިވެސް ވަރަށް ބޮޑު މައްސަލައެކެވެ.
އަހަރެން އެވާހަކަ ލުބާގެ ކާފަގެ ގާތުގައި ދެއްކީމެވެ. އެކަން ހުއްޓުމަށް ބުނީމެވެ. އަދި އެއީ ކިހާ ހުތުރުކަމެއްކަމަށްވެސް އަންގަދިނީމެވެ. އަނެއްކޮޅުން އެއީ އަހަރެމެން ޢާއިލާ ޙިމާޔަތްކުރި ހުރި މީހާކަމާއި، އެފަދަ މީހެއްގެ އަތުންފައިން ގޯސް ނެހެދުމަށް ބުނީމެވެ. ޢުމުރުން ދުވަސްވީދުވަހު، ހެޔޮ ގޮތުގައި އުޅެ ދުނިޔެއިން ނިމިގެން ދިއުމަށް ވިސްނުމަށް ބުނީމެވެ. މިހެން ގޮސް އެކަމާއި ބެހޭގޮތުން ދައްކަންޖެހޭ ހުރިހާ ވާހަކައެއް ދެއްކީމެވެ. އަދި މުސްތަޤްބަލުގައި އެކަން ތަކުރާރު ނުކުރުމަށްވެސް އަހަރެން ބުނީމެވެ. އަހަރެންގެ ވާހަކަތަކަށް އޭނާ މާބޮޑު ސަމާލުކަން ނުދޭކަން އެނގުނަސް އަހަރެންގެ ވާޖިބު އަހަރެން އަދާކުރީމެވެ. ލުބާއަށްޓަކައެވެ. ލުބާގެ މުސްތަޤްބަލަށްޓަކައެވެ. އަހަރެންގެ އަތުންފައިވެސް ގޯހެއް ހަދަން ބޭނުންނުވީތީއެވެ.
އަހަރެން މަޑުމަޑުން ލުބާގެ ކާފައަށް ފާރަލަމުން ދިޔައީމެވެ. ދުވާލުގެ ވަގުތުގައި ލުބާ ފެނުނަސް އޭނާ ފެންނަކަމަށްވެސް ނަހަދައެވެ. އަނެއްކޮޅުން އަހަންނަކީ އެހާ ބަސް ގިނަ މީހެއް ނޫނެވެ. ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ނޫނީ އަހަރެން ލުބާގެ ކާފައަކާއި ނުދައްކަމެވެ. ހުރިހާ ކަމެއް ފުދިގެން އުޅޭ ބަޔެއް ދެން ދައްކަންވެސް އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟
ރޭގަނޑުގެ ވަގުތެކެވެ. އަހަރެން ގެއަށް އައިރު ނުވައެއް ޖަހަނީއެވެ. ކޮޓަރިއަށްދާން ހިނގައިގަތް ތަނާހެން ލުބާއައިސް އަހަރެންގެ ގައިގައި ބައްދާ ރޯން ފެށިއެވެ. ލުބާ މަޑުމަޑުން ވެގެން އުޅޭގޮތް ކިޔައިދިނެވެ.
” ކާފަ ވަރަށް ގޯސް… އަނިޔާކުރަނީ…. ބައްޕާ ތަދުވަނީ.،… ވަރަށް ބޮޑަށް ތަދުވަނީ…….” ލުބާގެ ރޮމުން ކިޔައިދިނެވެ.
އަވަހަށް ލުބާ ގެންގޮސް އަހަރެންގެ ކޮޓަރިއަށް ވެއްދީމެވެ. އޭރު ފަރުޒާނާ އޮތީ ކޮޓަރީގައި ފިލްމް ބަލާށެވެ.
” މީ ދެން ކިހާ ދެރަކަމެއް؟” ފަރުޒާނާއަށް އަހަރެން އެވާހަކަ ކިޔައިދިނީމެވެ.
” އަހަރެން ބުނާނަން ބައްޕަގާތު ތިކަން ހުއްޓަން.” ފަރުޒާނާ އިސްދަށަށް ޖަހާލަމުން ބުނެލިއެވެ.
އަހަރެން ނިދަން އުޅެ ނުނިދުނެވެ. ހިތުގައި ދައުރުވަމުން ދަނީ ރުޅިވެރިކަމެވެ. ބަފައިބެއާއި ދޭތެރޭގައި އަނދަމުންދަނީ ހަސަދައިގެ އަލިފާނެއެވެ. އެކަން ނިއްވާނެ ގޮތެއް ނޭނގެއެވެ. އެހެންވެ އަހަރެން މޮޅަށް ރާވާލީމެވެ.
ހެނދުނުގެ އިރު އެރުމާއިއެކު ލުބާ ގޮވައިގެން އަހަރެން ދިޔައީ ހޮސްޕިޓަލަށެވެ. ގޮސް ޑޮކްޓަރަށް ދެއްކީމެވެ. ކަމަކު ދާކަށް ނެތެވެ. ހުރިހާ ރިޕޯރޓްތަކުން ދެއްކީވެސް ލުބާއަށް ޖިންސީ ގޮތުން އަނިޔާ ކޮށްފައިވާ ކަމަށެވެ. އެކަމުން ލުބާއަށް ލިބިފައިވާ ގެއްލުން އަހަންނަށް އެނގުމުން އަހަރެން ވަރަށް ރުޅިއައެވެ. އެހެންވެ ގެއަށް ނުގޮސް ލުބާ ގޮވައިގެން އަހަރެން ދިޔައީ އަހަރެންގެ ރައްޓެއްސެއްގެ ގެއަށެވެ. އޭނާއަށް ވެގެން އުޅޭގޮތް ކިޔައިދިނުމުން ބުނި އެއްޗަކުން އަހަރެން މޮޔަނުވީ ކިރިޔާއެވެ.
” މީހުން އަބަދުވެސް ދައްކާ ވާހަކައެއް އެއީ.” ބަފައިބެއަކީ އެކަހަލަ ނުބައި ކަންތައްތައް ކުރާ މީހެއްކަމަށް އޮތީ ކުރިންވެސް އަޑުއަރާފައެވެ.
އަހަރެންގެ ދަރިފުޅުގެ ޙައްޤްގައި އަހަރެން ހުރީ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށެވެ. އެހެންވެ އަހަރެންގެ ދަރިފުޅާއިއެކު އަހަރެންގެ ދިރިއުޅުން އަހަރެންގެ ރައްޓެހި ފާއިޒްޚާންގެ ގެއަށް ބަދަލުކޮށްލީމެވެ. އަންހެނުންނަށް އެކަން އެސް.އެމް.އެސް އަކުން އެންގީމެވެ. އަންހެނުން އެކަމާއި ވަރަށް ހިތްހަމަނުޖެހިގެން ގުޅިއެވެ. އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނުމުންވެސް ގެއަށް އައުމަށް އާދޭސްކުރިއެވެ. ޢާއިލާގެ ޢިއްޒަތާއި އަބުރާއި ޤަދަރަށްޓަކައެވެ. އަހަރެން އިތުރުވާހަކައެއް ނުދައްކާ އަހަރެންގެ ނިންމުން ބަދަލު ނުކުރާނެކަމަށް ބުނީމެވެ. ފަރުޒާނާވެސް އަހަރެންދެކެ ލޯބިވެ، އަދި ދަރިފުޅުގެ މުސްތަޤްބަލަށް ވިސްނާނަމަ އަހަންނާއިއެކު ދިރިއުޅެން އައުމަށް ބުނީމެވެ. އެކަމާއި ފަރުޒާނާ އެއްބަހެއް ނުވިއެވެ.
އަހަރެންގެ ނިންމުން އަހަރެން ބަދަލުނުކުރާނެކަން އަންހެނުންނަށް އިނގޭނެއެވެ. އަނެއްކޮޅުން ބޭރުފުށުން ބަލާއިރު ރަސްގެފާނުގެ ގަޑުވަރެއްހެން ހައިބަރުބޮޑުކޮށް ހަދާފައި ހުއްޓަސް އެގޭގެ އެތެރޭގައި އިންސާނެއްގެ ސިފައިގައިވާ ޝައިޠާނަކު އެބައުޅެއެވެ. އަހަންނަށް އެނގިހުރެ އަހަރެން އަންހެން ދަރިފުޅު އެފަދަ ޝައިޠާނެއްގެ އަތްދަށު ވިޔަކަ ނުދޭނަމަވެ. ބޭރުފުށުން އެގެ ބަލާލަން ކިތައްމެ ރީތި ނަމަވެސް، އެތޭގައި ހިނގަމުން ދަނީ ޝަޢިތާނީ ޢަމަލެކެވެ. އެކަމަށް އަހަރެން މާފެއް ނުކުރާނަމެވެ.
އަހަރެންގެ ލުބާ ގޮވައިގެން ހަމަޖެހިގެން އަހަންނަށް ފާއިޒްޚާންގެ ގޭގައި އުޅެވުނީ ހަފްތާއެއް ވަންދެނެވެ. ކުއްލިއަކަށް އެއްދުވަހެއްގެ ހަވީރު ޕާކިސްތާނު ޕޮލިހުން އައިސް އަހަރެންގެ ދަރިފުޅު ގެންދިޔައެވެ. އަހަރެން ކޯޓަށް މައްސަލަ ހުށަހެޅީމެވެ. މެޑިކަލް އެވިޑެންސް ތަކާއިއެކު ގައެވެ. ނަމަވެސް ކާމިޔާބު ލިބުނީ ފަރުޒާނާގެ ބައްޕަގެ ކޮޅަށެވެ. އެމީހުންގެ ފައިސާއާއި ނުފޫޒުން އެމީހުން ބޭނުންކަމެއް ކޯޓުގައި ކުރިއެވެ. އަނެއްކޮޅުން ކޯޓުން ޙުކުމް ކުރީ ލުބާ އޭނަގެ މަންމަގެ ކައިރީގައި ގެންގުޅުމަށެވެ. އަހަންނަކީ ބީރައްޓެއްސެއް ކަމާއި އަހަންނަށް ލުބާއަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަ ނުކޮށްދެވޭނެކަމަށް ބުނެފައެވެ. އަހަރެން ހިތާއި ހިތުން ރުއީމެވެ. ދެން ކުރެވޭނެ ކަމެއް ނެތީމައެވެ.
” މީ އަހަރެންގެ ޤައުމު. މިޤައުމުގަ ހިނގާނީ އަހަރެންގެ ބާރު. ދެން ކަލޭ ކީއްކުރާނީ؟ އަހަރެން ބޭނުންކަންތައް ކުރިންވެސް އޮންނާނީ ކޮށްފަ. ދެން އަދި މާފަސޭހައިންވާނެދޯ…” ކޯޓުން ނިކުމެގެން އަހަންނާއި ދިމާލަށް އައިސް ފަރުޒާނާގެ ބައްޕަ ބޮޑާކަންމަތީގައި ބުނެލިއެވެ.
އަހަރެން އިތުރަށް ވިސްނަންފެށީ އެހިސާބުންނެވެ. އަހަރެންގެ ދަރިފުޅު އެނާމަން ހަލޭވީން ސަލާމަތް ކުރާނެ ގޮތަކާއި މެދުގައެވެ. އެހެންވެ ވަރަށް މަސައްކަތުން ފަރުޒާނާއަށް ގުޅީމެވެ. ފަރުޒާނާ އަޅައެއް ނުލިއެވެ. އެގޭގައި ގެންގުޅޭ ނޯކަރެއްގެ ފަރާތުން އަހަރެންގެ ލުބާގެ ހާލު ހޯދީމެވެ. ކަމަކު ދާކަށް ނެތެވެ. އިހުނަށްވުރެ ގޯހެވެ. އަހަރެން ދެން ނިންމީ އެކަމުގެ ބަދަލު ހިފުމަށެވެ.
އެހެންވެ އެއްރޭއްގެ ދަންވަރު ސިއްރިޔާތުގައި ފަރުޒާނާގެ ގެއަށް އަހަރެން ވަނީމެވެ. ގޮސް ބަދިގޭން ބީފް ކަފާ އެންމެ ބޮޑު ވަޅި ނެގީމެވެ. އެއަށް ފަހު މަޑުމަޑުން އަހަރެން ދިޔައީ ފަރުޒާނާގެ ބައްޕަގެ ކޮޓަރިއަށެވެ. ގޮސް މަޑުމަޑުން ދޮރު ހުޅުވާލީމެވެ. ދޮރު ހުޅުވާލުމާއިއެކު ފެނުނު މަންޒަރުން ހީވީ އަހަރެންގެ ގައިގައި ރުޅި އައިސްގެން އަލިފާން ހިފިހެނެވެ. ލުބާ އޮވެގެން ރޮނީއެވެ. އޭރު ފަރުޒާނާގެ ބައްޕަ އޮތީ ލުބާގެ ގައިމަތީގައެވެ. ފެންނަމުންދިޔަ މަންޒަރުން އަހަރެންގެ ކެތްތެރިކަން ކޮޅުން ލިއެވެ. އަހަރެންގެ ކުރިމަތީގައި އަހަރެންގެ ދަރިފުޅުގެ ޢިއްފަތްތެރިން މިއޮތް ދިޔައީއެވެ. ބައްޕައެއްގެ ލަގޮނޑިއަށް އެމަންޒަރަކީ ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. ގަޔަށް ލެވުނު ބާރެއް ލާފައި އަހަރެން ދުއްވައިގަތީ ފަރުޒާނާގެ ބައްޕައަށް ހަމަލަދިނުމަށެވެ. އަހަރެންގެ ހަށިގަނޑުގެ ހުރިހާ ބާރެއް މުލައްދަނޑިއަށް ގެނައުމަށްފަހު ވަޅި ހިންގާލީމެވެ. އިސާހިތަކު ފަރުޒާނާގެ ބައްޕަގެ އަނގައިން ބާރު ހަޅޭއްގެ އަޑާއިއެކު އޭނާ މަރުވެގެން ބިންމައްޗަށް ވެއްޓުނެވެ. އަހަރެންގެ ދަރިފުޅު ލުބާ އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެން އަވަސް އަވަހަށް ލުބާ އޭނަގެ މަންމަގެ ކޮޓަރިއަށް ފޮނުވާލީމެވެ.
ދެން އަހަރެން ދުއްވައިގަތީ އެންމެ ކައިރީގައި ހުރި ފުލުސް އޮފީހާއި ދިމާލަށެވެ. އަހަރެން ދިޔައީ ލުބާގެ ކާފަ މަރާލަން ބޭނުންކުރި ވަޅިވެސް ހިފައިގެންނެވެ.
” އަހަންނަށް ދޭންވާ އަދަބެއްދީ. އަހަރެން މިއައީ އެޝައިތާނުގެ ވަސް މުޅި އުމުރަށް މިބިންމަތިން ފުހުލާފައި. އަހަންނަކަށް އިންސާފެއް ނުލިބުނު. މިނޫން ގޮތެއްނެތީމަ މިގޮތަށް އިންސާފްމިހޯދީ. ކުށެއްނަމަ، އެކަމަށް ހެޔޮހިތުން އިޢުތިރާފްވަން. ” ވަޅި ނަގާ ޕުލުސް އޮފިސަރުގެ މޭޒުމަތީގައި ބާއްވާލަމުން އަހަރެން ބުނީމެވެ. އޭރުވެސް އެވަޅީގެ މިޔައިގައި ތާޒާ ލޭގެ އަސަރުވެއެވެ..
އަހަރެންގެ ޝަރީޢަތް ކުރެވުނެވެ. ޙުކުމް އައީ މަރަށް މަރު ހިފުމަށެވެ. އެކަން ވާނީ އެހެންކަންވެސް އެނގެއެވެ. އަހަރެން ދެރައެއް ނުވެއެވެ. ޝާހީ ޢާއިލާއެއްގެ މީހަކު ކުށެއްނެތި މަރާލިއްޔޭ ކިޔާ މުޅި މީޑިޔާގައި އަހަރެން ބަދުނާމުކުރިއެވެ. ޙަޤީޤަތް ނޭނގޭ ބަޔަކު ހަދާނީ ހަމަ އެހެންނެވެ. އެކަމަކު އަހަރެން އެކަމާއި ޝަކުވާއެއް ނުކުރަމެވެ.
އަހަންނަށް ޚިޔާލުން އެނބުރި އާދެވުނީ އަހަރެންގެ އަންހެނުން އަހަންނާއި އެންމެ ފަހު ފަހަރަށް ބައްދަލުކުރަން އައިސް އިން ވާހަކަ ބުނުމުންނެވެ. އަހަރެން މަޑުމަޑުން ތެދުވީމެވެ. ހަވާލުދާރު ކުޑަ ގޮޅީގެ ދޮރު ހުޅުވާލިއެވެ. ދެން ބައްދަލުކުރާ ކޮޓަރިއަށް ގެންދިޔައެވެ. އަހަރެން ދިޔައިރު ފަރުޒާނާ އިނީ އިސްދަށަށް ޖަހާލައިގެންނެވެ.
” ކޮބާތަ ލުބާ؟ ކީއްވެތަ އޭނަ ނުގެނައީ؟” އަހަރެން ފުރަތަމަވެސް ލުބާގެ ސުވާލުކުރީމެވެ.
” އޭނާ ރޮނީ.. އޭނާ މިތަނަށް ގެނައުމުން އިތުރަށް ރޯނެތީ ނުގެނައީ؟” ފަރުޒާނާ ބުނެލިއެވެ.
” އަދި ކިރިޔާތަ އޭނަގެ ރޮއިމުގެ އަޑު ތިއިވުނީ.. ވީއިރު އަހަންނަށް ކެތްވާނެތަ އޭނާއަށް ބޮޑު އަނިޔާއެއް ލިބިގެން ތަންތަންގަ ރިއްސާ ރޯއިރު ބަލަން ހުންނަން.” އަހަރެން ބާރަށް ބުނީމެވެ.
” ކީއްވެތަ ބައްޕަ މަރާލީ؟ އެއީ ވާހަކަ ދައްކައިގެންވެސް ޙައްލުކުރެވޭނެ ކަމެއްނޫންތަ؟ އެހާ އަވަހަށް އަތް އިސްކުރީމަ ކިހާ ދެރަކަމެއް މިދިމާވީ؟” އިސްދަށަށް ޖަހާލައިގެން އިނދެ ފަރުޒާނާ ސުވާލުކުރިއެވެ.
” ވާހަކަ ދައްކައިގެން ޙައްލެއް ނުފެނުނު. އަހަރެންގެ ލޮލުން ދެކުނިން ފަރުޒާނާގެ ބައްޕަ އެ ހަޑި ޢަމަލު ކުރަނިކޮށް. އަނެއްކޮޅުން ގޮސް މެޑިކަލް ރިޕޯރޓްތައް ބަލާލަބަލަ. އެއީ ތެދުކަން އެނގޭނެ. އަހަންނަށް ވާނަމަ އެކަހަލަ އެއްވެސް މީހަކު މިދުނިޔޭގަ ނުބަހައްޓާނަން. އަހަންނަކަށް ކެތެއްނުވާނެ އަހަރެންގެ ދަރިއަކަށް އެހާ ބޮޑު އަނިޔާއެއް ލިބޭއިރު އެއީ ކުޑަ ކަމެއްކަމަށް ހަދައިގެން ހުންނާކަށް. ޝާނާ ޝައުކަތާއި ޢިއްޒަތާއި ގަދަރާއި ޚާންދާނަށްވުރެ، އިންސާނީ ކަރާމާތާއި ޙުރުމަތްތެރިކަން އަހަންނަށް މާ މުހިއްމު. ޔަޤީނުންވެސް ދެން އެހެން ކުއްޖަކަށް އެފަދަ ކަމެއް ކުރާކަށް އޭނައެއް ނުހުންނާނެ. އަނެއްކޮޅުން ދެން ތިވާހަކަ ނުދައްކާ. އަހަރެންގެ ކުށަށް އަހަރެން އިޢުތިރާފްވަން. އަހަންނަށް ކަމެއް ކޮށްދެނިއްޔާ ވަރަށް ލޯބިން ލުބާ ބޮޑުކުރާތި. އެއީ އަހަރެންގެ އެންމެ ފަހު ވަޞިއްޔަތް.” އަހަރެން ބުނީމެވެ.
” އިރާދަ ކުރެއްވިއްޔާ ތިކަން ކުރެވޭތޯ ބަލާނަން.” ފަރުޒާނާ މަޑުމަޑުން ބުނެލިއެވެ.
ފަރުޒާނާ އެހެން ބުނާއިރަށް ބައްދަލު ކުރާ ގަޑި ހަމަވެއްޖެއެވެ. އެހެންވެ އަހަންނާއި ވަދާޢީ ސަލާމް ކޮށްފައި އޭނާ ދިޔައީއެވެ. ފަރުޒާނާ ލޮލުކޮޅަށް ގެއްލެންދެން އަހަރެން ބަލަހައްޓައިގެން އަހަރެން ހުރީމެވެ. ފަރުޒާނާ އެހާ ދެރައެއް ނުވާނެއެވެ. އޭނާގެ އަތުގައި މުއްސަނދިކަން އެބައޮތެވެ. މާދަމާވެސް ބޭނުން މީހަކާއި އިންނަންވީއެވެ. އެކަމަކު، އަހަރެންގެ ކުޑަކުޑަ ލުބާގެ ދެން އޮތީ ކޮން މުސްތަޤްބަލެއް ހެއްޔެވެ؟ އެވިސްނުމުގައި ހުއްޓާ ފަވާލުދާރު އައިސް އަހަރެންގެ ގޮޅިއަށް ގެންދިޔައެވެ.
އަހަންނަށް ހޭލެވުނީ ފަތިސް ނަމާދު ބަންގިއަށެވެ. އަވަސް އަވަހަށް ވުޟޫކޮށްލައިގެން ނަމާދުކޮށްލީމެވެ. ދެން ތައުބާގެ ދެރަކްޢަތް ނަމާދެއް ކުރީމެވެ. ދެންވެސް ދެޢަތްމައްޗަށް ނަގާ ދުޢާކުރީމެވެ. ދައްޖައްސާ މެރުމުގެ ސަޒާއަކީ އަހަރެންގެ އަދަބުކަމުގައިވާނަމަ އެކަން ހިނގާވަގުތު އަހަންނަށް ލުއި ފަސޭހަކޮށްދިނުމަށް ދުޢާކުރީމެވެ. އަދި އަހަރެންގެ ދުލުން ކިޔާ އެންމެ ފަހު ކަލިމަޔަކީ ޝަހާދަތުގެ ދެކަލިމަ ކަމުގައި ލެއްވުން އެދި ދުޢާކުރީމެވެ.
ގަޑިން ހަތެއް ޖެހިއިރު އަހަރެން ގޮޅުން ނެރެގެން ގެންދިޔައެވެ. ޑޮކްޓަރ އައިސް އަހަރެން ޓެސްޓް ކުރިއެވެ. އެއަށް ފަހު ދެން އަހަރެން ގެންދިޔައީ ދަންޖައްސާ މަރަން ހަމަޖެހިފައިވާ މައިދާނަށެވެ. އަހަންނަށް ވިސްނުނެވެ. މިއީ ދެން އަހަރެންގެ އެންމެ ފަހު ސިކުންތު ކަމަށެވެ. އެހެންވެ މަޑުމަޑުން ދަން ޖައްސާ މައިދާނަށް ބަލާލީމެވެ. އެތަން އޮތީ މީހުންނާއިގެން ތޮއްޖެހިފައެވެ. އަހަރެން ލުބާ ފެނޭތޯ ވަރަށް ބެލީމެވެ. އެކަމަކު ލުބާއެއްވެސް އަދި ފަރުޒާނާއެއްވެސް ނުފެނުނެވެ.
އަހަރެން ދަންޖައްސާ ތަނަށް އެރުވިއެވެ. އަހަރެންގެ ފަހު ވަޞިއްޔަތަކީ ކޮބައިތޯ އެނހިއެވެ. އަހަރެން ބުނީ ދަންޖައްސާ މެރުމަށްފަހު އަވަހަށް ފަސްދާނު ކުމަށެވެ. ދެން މަރުމަތީގައި ޝަހާދަތުގެ ދެކަލިމަ ފުރިހަމަޔަށް ކިޔުމުގެ ފުރުޞަތު ހޯދައިދިނުމަށެވެ. އެމީހުން އެކަމަށް އެއްބަސްވިއެވެ. ދެން މަޑުމަޑުން އަހަރެންގެ ކަނު ބަނެވެ. ކަރަށް މަޅި މަހާލިއެވެ. އަހަރެން ޝަހާދަތުގެ ދެކަލިމަ ކިޔާލީމެވެ. އަހަރެންގެ ކުށަށް އިޢުތިރާފްވަމެވެ. ފަހު ނޭވާލެމެމުންދާއިރު ކުރެވޭ ދުޢާއަކީ އަހަރެންގެ ލުބާއަށް ބާއްޖަވެރި މުސްތަޤްބަލެކެވެ. ހުރިހާ ކުޑަކުދިން އެފަދަ ނުބައި ޢަމަލު ތަކުން ރައްކާތެރިކޮށްދެއްވުމެވެ. އަހަރެންގެ ފުރާނަޔަށް ރަޙްމަތްލެއްވުމެވެ.
=ނިމުނީ=
13 Comments!
Comments are closed.
So touching
You wont say it if you know who wrote it….. thanks
Amaaz ge va ahaka eh varah reechey mi bunany alah.. Vv reethi
V reethi rovihje rangalhah ves
varah salhi
alhe hama rovijje
stranger, what does that suppose to mean ?
explain it . . .
its a reply to shudhoo. ok.
you think i didn’t know that ?
Vrh asarugadha vaahakaeh…
Subhanallah, Varah reethi
V touching… but 5 yrs varu kuda kudhinnaa vrx ekahala ggoeh goeh hadhaatha? Bodu singaa firiheneh thelhey vahtharu… ahcheedi ladheh nuganeytha alhe eyna eh 5yrs ge kujjakaa ehkoh
Complete nukurevenees post v ingey..hehee 😛 i was gonna say “kujjakaa ehkoh evatharah ulheykah” eyee baakee bai… 🙂