“ހާދަ ހެނދުނާ.. ނިޝް ރޮނީތަ ޒިއާ ގެންދަން..” ނަވްޔާ ހެމުން އެހިއެވެ.”ނޯ.. ނަވް.. ނިޝް.. ނިޝް ދެކުނިންތަ މަގުމަތިން..” ނުކްޝާން ކުރެހިފައިވާ އަޑަކުން އެހިއެވެ.”އަހަރެމެން ނުނިކުންނަން ގެއަކުން އިއްޔަ ހަވީރަށް ފަހަކު.. ނުކް؟؟..” ނަވްޔާ ދެލޯ ކައިރި ކޮށްލިއެވެ.”ނިޝް ގެއްލިގެންނޭ މިއުޅެނީ.. އެހާ ޖެއްސުން ކުރިޔަސް ދުވަހަކު ވެސް އޭނަ ނުފިލާނެ.. އޭނަ..” އަޑު ތުރުތުރު އަޅަން ފެށުމުން ނުކްޝާން ވާހަކަ މެދު ކަނޑާލިއެވެ. ނަވްޔާ އަށް ވެސް ލިބުނީ ހައިރާންކަމެކެވެ. ނުކްޝާން ޔަމްހާއަށް ފޯނު ދީފައި ދެވަނަ ފަހަރަށް ގެއިން ނިކުތީ ނިޝްކާ ފެންނާނެ ކަމުގެ އުންމީދުގައެވެ.”އެ ތެދެއްތަ؟؟..” ޔަމްހާ ކަން އިނގުމުން ނަވްޔާ އެހިއެވެ.”ހްހްމްމް..” ޔަމްހާ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. ޔޫޝައު ގެއަށް ވަނީ އެވަގުތެވެ.”ޔޫޝައު.. ނިޝް ފެނުންތަ..” ޔޫޝައު ގެއަށް ވަދުމުން ނީކިޔާ ތެދުވިއެވެ. ވަގުތު ޔޫޝައު ދެ ފަރާތަށް ބޯ ހޫރާލިއެވެ.”ޔަމް.. މި ދަނީ..” ނަވްޔާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. ޔަމްހާއަށް ސޯފާގައި އިށީނދެވުނެވެ.

 

**34 ވަނަ ޕާޓު**

 

އެ ދުވަހު އޮތީ ނިޝްކާ ހޯދުމެވެ. ޒިއަންގެ އުފަންދުވަސް އެކަށް ފަނިވީއެވެ. ނިޝްކާ ނުފެނިގެން ފުލުހުންނަށް އަންގައިގެން ނުކްޝާން އާއި ނީކިޔާ އަދި ނަވްޔާ ދިޔައީ ނިޝްކާ ހޯދަން މަސައްކަތް ކުރަމުންނެވެ. ޒިއަން ގޮވައިގެން ޔަމްހާ ގޭގައި އިން އިރު ނުރޯ ވަގުތެއް ނުދާނެއެވެ. އިރުކޯކޮޅާ ނުކްޝާން އަށް ގުޅައިގެން ފެނިއްޖެތޯ އަހާއިރު ނުކްޝާން އަށް ދޭން އޮންނަނީ އެންމެ ޖަވާބެކެވެ. ޒިއަން ނިދުމުން ޔަމްހާ ބޭރަށް ނިކުތެވެ. ނިޝްކާއާއި ނުލާ ހޭދަވާ ކޮންމެ ވަގުތަކީ ޔަމްހާއަށް ގަރުނެއް ފަދައެވެ.”އަޅޭ ޔަމްހާ ރޮނީތަ ކްރައި ބޭބީ..” ޔަމްހާ ސިހުނީ ޔޫޝައުގެ އަޑަށެވެ. ކަރުނަތައް ފުހެލަމުން ޔަމްހާ ދުރު ބަލާލިއެވެ. ހެމުން ޔޫޝައު ޔަމްހާ އާއި ކައިރިވާން އުޅުނު ވަގުތު ނުކްޝާން އަންނަތަން ފެނުނެވެ.”ބަލާއެއްކަހަލަ ކަމެކޭ..” ދެބުމަ ގޮށްޖަހާލަމުން ޔޫޝައު ނޭނގޭ ކަމަށް ހެދުނެވެ. ނުކްޝާން އައިގޮތަށް އައިސް ޔަމްހާ ގޮވައިގެން ގޮސް ވަނީ ކޮޓަރިއަށެވެ.

 

“ޔަމް ދެން ނިދާލާ..” ނުކްޝާން ކޮޓަރިއަށް ވަދެފައި އެދުނެވެ.”ނުނިދޭނެ.. އޭނަ ކޮބާތަ އަޅެ.. ނިޝްކާ ދާން އޮންނާނީ ވަކި ކޮންތަނެއްތަ؟؟..” ޔަމްހާ އިސްޖަހާލިއެވެ.”ޔަމް އޭނަ އަދި ފެންނާނެ އިންޝާ ﷲ.. އިރާދަކުރެއްވިޔާ ޔަމް ކައިރިއަށް ނިޝް އަންނާނެ ވަރަށް އަވަހަށް.. އެހަށް ނިދާލާ އިނގޭ..” ނުކްޝާން ޔަމްހާގެ ކޮނޑުގައި ހިފާލިއެވެ. ބޯ ޖަހާލަމުން ޔަމްހާ އޮށޯތެވެ. ޔޫޝައު އައުމާއިއެކު ކުއްލިއަކަށް ނިޝްކާ ގެއްލުމުން ޔަމްހާ ހިތުގައި ޝައްކު އުފެދެން ފަށައިފިއެވެ. އަބަދު ވެސް ޔަމްހާދެކެ ރުޅި އައިސްގެން އުޅެނީވެސް ޔޫޝައުއެވެ. މިކަމުގައި ޔޫޝައުގެ އަތެއް ވާނެއޭ ޔަމްހާގެ ހިތް ބުނަން ފަށައިފިއެވެ. އިރުކޮޅެއް ނުވެ ނުކްޝާން ވެސް އައިސް ޔަމްހާގެ ކައިރީގައި އޮށޯތެވެ.

 

އަނެއް ދުވަހު ވެސް ނިޝްކާ ހޯދަން ކުރަމުން ދިޔަ މަސައްކަތް ވީ ބޭކާރެވެ. ޔަމްހާ މާޔޫސްވިއެވެ.”ޔަމް..” ނިޝްކާ ހޯދަން އުޅެފައި ނުކްޝާން ގެއަށް އައެވެ. ކައިރި ރަށްތަކަށް ވެސް ބައެއް ފުލުހުން މިހާރު ގޮސްފިއެވެ.”ޔަމް ހަމަޖެހިބަލަ.. އެހާ އަވަހަށް އުންމީދު ކަނޑާލާކަށް ނުވާނެއޭ..” ނުކްޝާން ޔަމްހާގެ އަތް މަތީގައި އަތް ބާއްވާލިއެވެ. އޭރު ވާރޭ ވެސް ވެހެމުން ދިޔައެވެ. ނިޝްކާ އަކީ ކިރިޔާ ފިނި ވިޔަސް ރޯގާޖެހޭ ކުއްޖެއް ކަމުން ޔަމްހާ ހިތް ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ހާސްވަމުންނެވެ. އެކުއްޖާ އުޅޭނެ ހާލެއް އިނގޭނީކީ ނޫނެވެ.”ނުކް.. އަ.. އަހަރެންނަށް ހީވާ އެއްޗެއް ބުނަންތަ؟؟..” ޔަމްހާ ދެލޯ މަރާލިއެވެ.”ހްމްމް ބުނެބަލަ..” ނުކްޝާން ލޯބިން ޔަމްހާގެ އިސްތަށިކޮޅު ކަންފަތުގައި އަޅުވާލިއެވެ.”ނިޝް ގެންދިޔައީ ޔޫ.. ޔޫޝައުހެން އަހަންނަށް ހީވަނީ..” ޔަމްހާ އެހެން ބުނި އިރު ހިތް ދިޔައީ އޮބި ނޯންނަވަރަށް ތެޅެމުންނެވެ.”ޔޫޝައު؟؟ އޭނަ ނިޝް ދެކެ ކިހާ ލޯބި ވޭތަ؟؟..” ހައިރާންކަމާއިއެކު ނުކްޝާން އެހިއެވެ.”ނުކް.. ނުކް އަކަށް ނޭނގޭނެ ކަންނޭނގެ އަދި.. އެކަމް ޔޫޝައު އަކީ ނިޝް ދެކެ ލޯބިން އުޅޭ މީހެއް ނޫން.. ވަރަށް ޔަޤީން ވޭ..” ޔަމްހާ ފެންކަޅިވާން ފެށިއެވެ.

 

“ޔަމް ކީކޭތަ ތި ކިޔަނީ؟؟.. ސާފުކޮށް ބުނެބަލަ..” ނުކްޝާން ދެބުމަ ކައިރިކޮށްލިއެވެ.”ނުކްއަށް ނޭނގުނަސް މަށަށް އިނގޭ ނިޝް ގެންދިޔައީ އަހަރެންނާ ހެދި ކަން.. ނުކް އަހަރެންނަށް މަޢާފު ކުރޭ..” ޔަމްހާ ރޯންފެށިއެވެ. ކުރިން ނުކިޔާ އެއްޗެއް ކިޔަން ފެށުމުން ނުކްޝާން ޔަމްހާގެ ނިއްކުރީގައި އަތް ޖައްސާލާ ހުން ހުރިތޯ ބަލާލިއެވެ.”އަހަރެން ރަނގަޅޭ ނުކްޝާން.. ނުކް އަހަރެން.. އަހަރެން ދޫކޮށްލާނަންތަ އަހަރެން މީ ކިހާ ގޯސް މީހެއްކަން އިނގިއްޖެއްޔާ؟؟..” ކަރުނަވީ ލޮލަކާއި އެކު ޔަމްހާ ނުކްޝާން އާއި ދިމަ ބަލާލިއެވެ. އެވަގުތު ނުކްޝާންގެ ފޯނަށް މެސެޖެއް އައެވެ.”ނިޝްކާ ބޭނުމިއްޔާ ޔަމްހާ ގޮވައިގެން މިހާރުން މިހާރަށް އަހަރެން މިބުނާ ތާކަށް އާދޭ..” ނުދަންނަ ނަންބަރަކުން އައިސްފައި އިން މެސެޖް ނުކްޝާން ކިޔާލިއެވެ. ދާންވީ ގޭގެ ނަން ބުނެފައި އިނެވެ.”ޔަމް އާދެބަލަ..” ނުކްޝާން ޔަމްހާ ގޮވައިގެން ގެއިން ނިކުމެ އެމީހުން ބުނި ގެއަށް ދިޔައެވެ. އޭރު މޫނު ފޮރުވައިގެން ތިބި ބަޔަކު އެގެ ކައިރީގައި ތިއްބެވެ. އެމީހުންނަށް ނުކްޝާން މެން ފެނުމާއިއެކު އިތުރު ބަޔަކު ނެތްކަން ޔަޤީން ކޮށްފައި ޔަމްހާ އައީ ނުކްޝާން ގޮވައިގެން އެތެރެއަށް ވަނެވެ. އޭރު ނިޝްކާ ބިންމަތީގައި އޮތެވެ. އަނގަ މަތީގައި ޓޭޕްކޮޅެއް އަޅާފައި އޮތް އިރު އަތާއި ފައި ވަނީ ނުދެވޭ ވަރަށް އައްސާފައެވެ. ނިޝްކާ ހޭ ހުރި ހެނެއް ހިއެއް ނުވެއެވެ. ޔަމްހާ އަށް ދުއްވައިގަނެގެން އުޅުނެވެ. ނަމަވެސް އެތާ ތިބި މީހުންތައް ކުރިމައްޗަށް އެރުމުން ނުކްޝާން ޔަމްހާގެ އަތުގައި ހިފެހެއްޓިއެވެ.

 

“ވަރަށް އުނދަގޫވޭ ދޯ އެކުއްޖާ އެހެން އޮންނަތަން ބަލަން..” ފަހަތުން އިވުނީ ޔޫޝައުގެ އަޑެވެ. ނުކްޝާން ދެލޯ ބޮޑުކޮށްލިއެވެ. ޔަމްހާ އެހާ ތެދުތެދަށް ޔޫޝައުގެ ކަމެކޭ ބުނެފައި އެކަން ހަޤީގަތަކަށް ވީމައެވެ.”ކުޑަ ކުޑަ ކަމެއް ކޮށްލާއިރަށް ނިޝްކާ ލިބޭނެ.. ހަމަ އެކަނި ކަލޭގެ އަންހެނުން މަށާ ހަވާލު ކުރަންވީ އެންމެ ރެއަކަށް..” ޔޫޝައު ޖީބަށް އަތް ޖަހާލިއެވެ. ނުކްޝާން ހައިރާންވީ ވަރުން އެއްޗެއް ނުބުނެ ހުރެވުނެވެ.”ދުނިޔޭގަ އެބަ ހުރިންތަ އަނެއްކާ؟؟..” ނުކްޝާން އެއްޗެއް ނުބުނެ ހުންނަން ފެށުމުން ޔޫޝައު ފާޑަކަށް ބަލާލިއެވެ.”ނޫން ޔަމްއެއް ނުލިބޭނެ.. ނިޝް ގެނޭ..” ނުކްޝާން ރުޅި އައިސްފައި ޔޫޝައުއަށް ބަލާލިއެވެ.”ހޫމް ކީއްވެ އޯ ނުދޭންވީ؟؟…” ޔޫޝައު ނުލަފާ ގޮތަކަށް ހީލިއެވެ.”އޭނާ ދެކެ މަ ލޯބިވާތީ.. އޭނަ ވެސް މަ ދެކެ ލޯބި ވާތީ..” ދަތްކުނޑި ވިކާލަމުން ނުކްޝާން ކުރިއަށް ޖެހިލިއެވެ.

 

“ލޯތްބަކީ ކޮން އެއްޗެއްކަން ނޭނގޭ މީހުންނަށް ލޯބިވެވޭނީ ކިހިނެއް؟ ޔަމްހާގެ ގޮތް ރަނގަޅަށް އިނގޭ މީހެއްގެ ހައިސިއްޔަތުން މި ބުނަނީ ، އޭނައާ އެކު ނޫޅޭ. އުޅުމަކުން ނުކްޝާން އަށް ފައިދާ ކުރާނެއޭ އަހަރެން ނުބުނާނަން. ދަރިއެއް ހޯދި އިރު ވެސް އޭނަގެ ހަޤީޤީ ސިފަ ނުދައްކާ އެހުރީ ތެދުވެރި ވީމަ؟އެއަށް ކިޔަނީ އޮޅުވާލުން. ދެންވެސް ހުރޭ ތި ޔަމްހާ ދައްކާ ދަޅައަކަށް ހެއްލިގެން.” ޔޫޝައު ސީދާ ޔަމްހާ އާއި ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. ދެބުމަ ކައިރިކޮށްލަމުން ނުކްޝާން ޔަމްހާއަށް ބަލާލީ ހައިރާންވެފައެވެ.”އަދިވެސް ބަލަން ދޯ ހުންނަނީ.. ދެންވެސް ކިޔާދީބަލަ މަށާ މަގޭ އާއިލާއަށް ކަލޭ ކުރި ކަންތައް.. ހިތަށް އަރާ ތީ އިންސާނެއް ބާއޭ ވެސް..” ޔޫޝައުގެ އަޑުން މަޑުމަޑުން ރުޅިވެރިކަން ކެނޑުނެވެ.”ނުކް އައިމް ސޮރީ.. ޔޫޝައު އެބުނީ ތެދެއް.. އަހަރެންނާ އެކީ ނޫޅުން ރަނގަޅު ވާނީ..” ޔަމްހާ ރޯންފެށިއެވެ. ވާނުވާ ނޭނގިފައި ނުކްޝާން ހުއްޓެވެ. އެވަގުތު ޔަމްހާ ކިޔާދޭން ފެށިއެވެ.

 

***

 

ރާއްޖެއިން ގްރޭޑް ދިހައެއް ނިންމިގޮތަށް ޔަމްހާ އިތުރަށް ކިޔަވަން ދިޔައީ ރަޝިޔާ އަށެވެ. ޔަމްހާ އަކީ މަޑުމައިތިރި ކަމަށް ލޯބިކުރާ ހިތްހެޔޮ މިޒާޖެއްގެ ކުއްޖެއް ނަމަވެސް ރަޝިޔާއަށް ދެވުމުން ޔަމްހާއަށް ހީވީ ދުނިޔެ ހިތަކަށް ލިބުނީ ހެންނެވެ. މައިންބަފައިންނާއި ދުރުގައި ގިނައިން އުޅެން ޖެހުމުން އެހެން ކުދިންނާ ޚިލާފަށް ދެރަވުމުގެ ބަދަލުގައި ޔަމްހާ ވީ އުފަލެވެ. ހީވީ ކުޑަ ކޮށްޓަކުން ދޫންޏެއް މިނިވަންވީ ހެންނެވެ. ކިޔެވުމުގެ ބަދަލުގައި ގިނައިން ރުފިޔާ ބޭނުން ކުރެވެނީ ބޭކާރު ކަންތަކުގައެވެ. ޔަމްހާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނީޝާ ވެސް ބޮޑުވަމުން އައީ މިފަދަ ގޮތަކަށެވެ.

 

“ހޭ އިނގޭތަ މިދިޔަ ހަފްތާ މި ކްލާހަށް އައޭ ފިރިހެން ކުއްޖެއް.. އިނގޭތަ އެކުއްޖާ އަކީ ވަރަށް ރީތި ކުއްޖެއް..ނަމަކީ ޔަޝާން..” ވަރަށް ދުވަސް ކޮށްފައި ޔަމްހާ ކޮލެޖަށް ދިޔަ ދުވަހެއްގައި ކުއްޖެއްގެ ފަރާތުން އަޑު އިވުނެވެ. އެކުއްޖާ ބުނިހެން އެ ޔަޝާން އަކީ ހިތްކިޔާ ފަދަ ގޮތެއް ހުންނަ ކުއްޖެކެވެ. ޔަޝާން އަކީ މާ ގިނައިން ވާހަކަ ދައްކާ ކުއްޖަކަށް ނުވާތީ ޔަމްހާ އާއި ޔާޝާންއާއި އެކުވެރިއެއް ނުވެވުނެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ޔަޝާން ހާސިލްކުރުމަށް ޔަމްހާގެ ހިތް ބާރު އަޅަން ފެށުމުން އަބަދާއި އަބަދުމެ ޔަޝާން އާއި ވާހަކަ ދައްކައެވެ.

 

ޔަމްހާ ބޭނުންވި ގޮތަށް ޔަޝާން އާއި ޔަމްހާ ރައްޓެހިވިއެވެ. މިކަން ނީޝާއަށް އިނގުމުން ނީޝާ ވެސް ރަށުން މީހަކާ ރައްޓެހިވިއެވެ. ޔަމްހާ އާއި ޔަޝާންގެ ގުޅުން ރަނގަޅަށް ކުރިއަށް ދިޔައެވެ. ނަމަވެސް ޗުއްޓީއަށް ނީޝާ ކިޔާ ވަރުން ޔަމްހާ ރާއްޖެ އައި ފަހަރު ނުކްޝާން އާއި ޔަމްހާ ބައްދަލު ވިއެވެ. ޔަޝާންއަށް ވުރެ ހުރިހާ ގޮތަކުން ނުކްޝާން ޔަމްހާއަށް ކަމުދިޔައެވެ. ވަގުތުން ޔަޝާން އާއި މެދު ހިތުގައި ފޫހިކަން އުފެދެން ފެށިއެވެ. ކޮންމެ ގޮތެއް ވިޔަސް މިހާރު ޔަމްހާ ބޭނުން ގޮތަކަށް އުޅެމުން އަންނަނީ ޔަޝާންގެ ފައިސާ އިންނެވެ. ޔަޝާންގެ ބައްޕަ އަކީ ފައިސާވެރިއެއްކަމުން ބޭނުން ވަރަކަށް ޔަމްހާއަށް ފައިސާ ލިބެއެވެ. އެހެންކަމުން ޔަޝާން އާއި ރުޅިވާން ޔަމްހާގެ ހިތް ދެކޮޅު ހެދިއެވެ.

 

ޗުއްޓީ ނިމުމުން ޔަމްހާ އަލުން އަނބުރާ ރަޝިޔާ ދިޔައެވެ. ކުރިއާ ޚިލާފަށް މިފަހަރު ޔަމްހާ ޔަޝާން ކައިރިއަށް ދިޔަޔަސް ހުންނަނީ ފޫހިވެފަ އެވެ. ކުރިން ވާހަކަދެއްކިހެން ވާހަކަ ދައްކާލަނީ ވެސް މަދު ފަހަރަކުއެވެ. އެކަމާ ޔަޝާން ކިތަންމެ ޝަކުވާ ކުރިނަމަވެސް ޔަމްހާ އަޅާ ނުލައެވެ. ވަރަށް ގިނަ ދުވަސް ކޮށްފައި ޔަޝާން ބޭނުންވީ އޭނާގެ އާއިލާއަށް ޔަމްހާ ތަޢާރަފް ކޮށްދޭންށެވެ. ޔަމްހާ ދެކޮޅު ހެދުމެއްނެތި ފައިސާގެ ދަހިވެތިކަމުގައި އެކަމަށް އެއްބަސްވީއެވެ.

 

ޔަޝާންގެ އާއިލާ އާއި ބައްދަލު ވީ ދުވަހު ޔަމްހާގެ ހިތުގައި ހަސަދައިގެ ހުޅުކޮޅު ރޯވިއެވެ. ޔަޝާންގެ ފިރިހެން ކޮއްކޮ، ޔޫޝައު އޭނަ އެންމެ ލޯބިވާ މީހާ އާއި ރައްޓެހިވެގެން އުޅުން އިރު އަންހެން ކޮއްކޮ، ޔާޝާ ޔަމްހާއަށްވުރެ ރީތި ވުމުންނެވެ. އެ އާއިލާގެ ފައިސާތައް ހޯދުމަށް ހިތުގެ އެދުން އިތުރަށް ބޮޑުވީ އެ ސަބަބާ ހުރެއެވެ. ޔަޝާންގެ މަންމަގެ އެދުމަށް ޔަމްހާ އެގޭގައި ހުރި ހުސް ކޮޓަރިއަކަށް ބަދަލު ވިއެވެ. ޔަމްހާގެ ނުލަފާކަން ހިތްހެޔޮ ހިނިތުންވުމެއްގެ ދަށުގައި ފޮރުވައިގެން އިން އިރު ޔަޝާން އާއި އޭނާގެ އާއިލާ ހުންނަނީ ރަނގަޅަށް ވެސް އެ މަޅީގައި ޖެހިފައެވެ. އެކަމަކީ ޔަމްހާގެ ހިތަށް ލިބޭ އިތުރު ހަމަޖެހުމެކެވެ.

 

“ސިސް ބަލާބަލަ މި.. ސަޅިތަ؟؟..” ފިހާރައަށް ވަދެފައި ޔާޝާ ޔަމްހާއަށް ހެދުންތަކެއް ދެއްކިއެވެ. ޔާޝާ ދެކޭ ގޮތުގައި ޔަމްހާ އަކީ ޔާޝާގެ އެންމެ ގާތް އެކުވެރިޔާއެވެ.”ހްމްމް ރީތި..” ޔަމްހާ ޖަވާބު ދީފައި އެހެން އެއްޗެއްހި ތައް ބަލަން ފެށިއެވެ.”ޔާޝާ ހިނގާ ގެއަށް ދާން.. މިހާރު މާ ލަސްވެއްޖެ..” އެވަގުތު ފިހާރައަށް ވަދުނީ ޔޫޝައު އެވެ.”ނޫނޭ ކުޑަބޭ ފަހުން ދާނީ.. ދޯ؟؟..” ޔާޝާ އުންމީދާއި އެކީ ޔަމްހާއަށް ބަލާލިއެވެ.”މިހާރު އެބުނާހެން މާ ލަސްވެއްޖެ ކަންނޭނގެ.. ހިނގާ ދެން..” ޔޫޝައު އާއި ދިމަ ބަލާލަމުން ޔަމްހާ ބުންޏެވެ. ޔޫޝައު ހިނިތުންވަމުން ޔާޝާ ގޮވައިގެން ފިހާރައިން ނިކުތެވެ. އަނގަ ހަދާލާފައި ޔަމްހާ ވެސް އެމީހުން ފަހަތުން ގެއަށް ދިޔައެވެ.

 

ނުކްޝާންގެ ސޫރަ ޔަމްހާގެ ހިތުގައި މާ ބޮޑަށް ކުރެހެންފެށީ އެރެއެވެ. އެއީ ޔޫޝައު އާއި އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ އެހާ ގާތްކޮށް އުޅޭތަން ފެނުމުންނެވެ. ހަމަގައިމުވެސް ނުކްޝާން ލިބިއްޖެއްޔާ އޭނާއަށް ހަމަ މިހެން އުޅެވޭނެއެވެ. އެންމެ ފަސޭހަ ގޮތަކަށް ޔަމްހާއަށް ފެނުނީ އެ އާއިލާގެ ހަމަޖެހުން ނަގާލާ އެމީހުންގެ ބޮލަށް ވަސްވާސް ދީގެން އެ ފައިސާކޮޅު ހޯދުމެވެ. އެކަން ކުރަން ޔަމްހާގެ ބޮލަށް ޝައިތާނާ ސަވާރުވިއެވެ.

 

އެރޭ ޔޫޝައު އެކުއްޖާ ގެއަށް ލާފައި އައިސް ވަތް އިރު ޔަމްހާ ނަލަހެދިލައިގެން އިނެވެ. ޔަޝާން ވެސް ފެންނާކަށް ނެތެވެ.”ހާދަ ވަރަކަށް ރީތި ވެގެން..” ސަމާސާއަކަށް ހަދާލާފައި ޔޫޝައު އެހިއެވެ. ޔަމްހާ އެއްޗެއް ނުބުނެ ޔޫޝައު އާއި ކައިރިވާން ފެށުމުން ދެބުމަ ގޮށްޖަހާލިއެވެ. ޔަމްހާ ޔޫޝައު ގޮވައިގެން ޔަމްހާގެ ކޮޓަރިއަށް ވަނެވެ. އަދި ބިތުގައި ލެނގިލަމުން ޔޫޝައުގެ އަތުގައި ހިފާފައި ގެނެސް ޔަމްހާގެ ކުރިމަތީގައި ބަހައްޓާ ދެ އަތް ބިތުގައި ޖެއްސިއެވެ. މިހުރިހާކަމެއް ކުރިއިރު ވެސް ޔޫޝައު ވާނުވާގައި ހަރަކާތެއް ކޮށްލަން ވެސް ނޭނގިފައި ހުއްޓެވެ. އިރުކޮޅެއް ނުވެ ޔަޝާން ޔޫޝައުގެ ކޮޓަރިއަށް ވަނެވެ. އެދެމީހުން އެހެން ހުރި މަންޒަރު ފެނުމުން ޔަޝާން އަނގަ ހުޅުވުނެވެ.”މަށެއް ނޫން.. އޭނަ މަގޭ ކޮޓަރިއަށް އައިސް އެހެން ހެދީ..” ޔަމްހާ ގަދަކަމުން ކަރުނަ ގެންނަމުން ރޯންފެށިއެވެ. ޔޫޝައު ދެލޯ ބޮޑުވިއެވެ.”ޔޫޝައު ނިކުމޭ..” ހަޤީގަތް ބަލާ ނުލައި ޔަޝާން ހަޅޭއްލަވައި ގަތީ ޔޫޝައު އާއި ދިމާއަށެވެ. ހައިރާންވެ ދެރަވެފައި ޔޫޝައު އެކޮޓަރިން ނިކުތެވެ.

 

“ޔަމް އޭނަ ކީއްކުރީ.. ބުނެބަލަ..” ޔަމްހާ ރުއިން ހުއްޓާ ނުލުމުން ޔަޝާން ޔަމްހާގެ އަތުގައި ހިފައިގެން އެނދުގައި ބޭންދިއެވެ.”އަހަރެން ރީއްޗަށް އިށީނދެ އިންދަ އޭނަ އައިސް.. އަހަރެންނާ ކައިރިވާން މަސައްކަތް ކުރީ..” ޔަމްހާ ދޮގު ހެދިއެވެ. ޔަމްހާއަށް އިތުބާރު ކުރާ ވަރުން ޔަޝާންގެ ހިތުގައި ޔޫޝައު އާއި މެދު ރުޅިވެރިކަން އުފެދުނެވެ.”ޔަމް.. ކޮޓަރި ތަޅުލައިގެން އިންނާތި ދެން.. އިނގޭ.. އޭނަ ކަމެއް ކުރަންޏާ އަހަރެންނަށް ގޮވާލާ..” ޔަޝާން ލޯބިން އެހެން ބުނުމަށްފަހު ކޮޓަރިން ނުކުމެގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. ޔަމްހާ ހެމުން ކޮޓަރި ދޮރު ތަޅުލިއެވެ.

 

“ޔޫޝައު ކީކޭ ހިތަށް އަރައިގެން އޭނައާ ކައިރިވީ..” ޔަޝާން ރުޅިއައިސްފައި އެހިއެވެ.”ދޮންބޭ މަށެއް ނުހަދަމޭ އެހެނެއް.. ޤަބޫލު ކޮށްބަލަ..” ޔަޝާން އާއި ދިމާއަށް ބަލަން ހުރެގެން ޔޫޝައު ބުންޏެވެ.”ނުކުރާނަން ޤަބޫލެއް..” މޭޒުގައި ދެ އަތުން ޖަހަމުން ޔަޝާން ރުޅިވެރިކަމާއި އެކު ޔޫޝައު އަށް ބަލާލިއެވެ.”އިތުބާރު ކުރަން ވެސް ވަކި ހައްދެއް އޮންނަން ޖެހޭނެއޭ ދޮންބޭ..އޭނަ އެ ހަދަނީ ދޮގު..” ޔޫޝައު ޔަޝާންއަށް ވިސްނައިދެވޭތޯ އުޅުނެވެ.”އޭނަ ނުހަދާނެ މަށަކަށް ދޮގެއް.. ހަނދާން ކުރާތި.. ދެން ދުވަހަކު ވެސް އޭނާއާ ކައިރިވެގެން ނުވާނެ.. ވެއްޖެއްޔާ މަގޭ ނުލަފާކަން ދައްކާލާނަން..” ޝަހާދަތް އިނގިލި ޔޫޝައުގެ ގައިގައި ބާރަށް ޖައްސާލަމުން ޔަޝާން ނުކުމެގެން ދިޔައެވެ. ދެރަވެފައި ޔޫޝައު އިސްޖަހާލިއެވެ. ފެށިގެން އަބަދު އެކީގައި އުޅޭ ދޮންބެ ފުރަތަަމަ ފަހަރަށް ރުޅިއައިސްގެން ހަޅޭއްލެވުމުން ޔޫޝައު ހިތުގައި ޒަޚަމެއް އުފެދުނެވެ. ހަމަ އެވަގުތު ސުވާލެއް ވެސް އުފެދުނެވެ. ޔަމްހާ އެހެން ހަދަންވީ ކީއްވެ ހެއްޔެވެ؟

– ނުނިމޭ –

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!