ެދަތުރު
އިރުއޮއްސެމުން ދިޔަ ހިތްގައިމު ވަގުތު އަހަރެން ދިޔައީ ނުތަނަވަސްވަމުންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ފަޅު ރަށެއްގައި އެއްވެސް ތައްޔާރީއެއްނުވެ މަޑުކުރަން ޖެހުމުންނެވެ. އަހަރެންނާއި އަހަރެންގެ ކިލާހުގައި ތިބޭ ފަސް ކުދިން ކަމަށްވާ ނަވީން، ނިޒާމް، ޝާވިން، އައިމާ އަދި ނިހާ މިދަތުރަށް ފުރީ ފަޅު ރަށެއްގައި ރޭކުރަން އެއްވެސް ވަރަކަށް ވިސްނައިގެނެއް ނޫނެވެ. އިރުއޮއްސެންވާއިރަށް ރަށަށް ދިޔުމުގެ އުންމީދުގައި ފުރި ދަތުރު މިވީ އަހަރެމެން އެންމެން އުންމީދު ކުރި ކަހަލަ ދަތުރަކަށް ނޫނެވެ.
އަހަރެމެންނަކީ އަބަދުވެސް އަމިއްލައަށް ކަންކަން ކުރާ ހިތްވާ ބައެއް ކަމުން އަހަރެމެން އެއްވެސް މީހަކާ އެއްކޮށް ދަތުރު ކުރަން ބޭނުންނުވީއެވެ. އެހެންކަމުން އަހަރެމެން އައި ނަވީންގެ ބައްޕަގެ ދޯނި ދުއްވީ ނަވީނެވެ. މަޖާކުރަން އައުމުން އަހަރެމެން އައި ރަށެއްވެސް އެއްވެސް ބަޔަކު ގާތު ނުބުނަމެވެ. ދަތުރު ފަނި ކުރަން އަހަރެމެން ފަަހަތުން ބައްޕަމެން އައިސްދާނެ ކަމުގެ ބިރަށް ޓަކައެވެ.
ކޮންމެއަކަސް ވާނެ ގޮތެއްވެ ނިމިއްޖެއެވެ. ދޯނީގެ އިންޖީނު ހަލާކު ނުވާކަމަށްވެސް ނުވާނެއެވެ. އަހަރެން ފަހަތައް އެނބުރިލިއިރު އައިމާ އާއި ނިހާގެ މޫނުމަތި މިލާފައިވަ މަންޒަރު ފެނުނެވެ. އަހަރެމެން މިއަދު ހެނދުނު ހެދި ދަނޑިފަނުގެ ގެ ކައިރި ނަވީނާއި ނާޒިމް އަދި ޝާވިން ހުއްޓެވެ. ކިތަންމެ ބިރުނުގަންނަ ކަމަށް ދައްކައިގެން އުޅުނަސް އަހަރެމެން ހަތަރު ފިރިހެނުންނަކީ ބިރުގަންނަ ބައެކެވެ. ނަމަވެސް އަހަރެމެން ބިރުގަންނަކަން ދައްކައިފި ނަމަ އަންހެންކުދިން މާ ހާސްވާނެތީ އަހަރެން ބެލީ ވީހާވެސް ހަމަޖެހޭ ގޮތް ދެއްކޭތޯއެވެ.
އިރުއޮއްސެން މާގިނައިރެއް ނެތުމުން އަހަރެން ފިރިހެން ކުދިންތައް ގާތަށް ޖެހިލުމަށްފަހު އަލިފާން ރޯކުރަން އުޅޭށޭ ބުނެލީމެވެ. އެއްގޮތަކަށްވެސް ހިތްވަރުއެލުވާލާކަށް އަހަރެމެން ބޭނުމެއް ނޫނެވެ. ވީހާވެސް ބޮޑަށް ހަމަޖެހޭގޮތް ދައްކަމުން އަހަރެން ހުރިހާކުދިންނާއެކު އަހަރެމެން ހެނދުނުހެދި ގެއަށް ވަނީމެވެ. ހިތަށް ފާޑުފާޑުގެ ވަސްވާސް ވަންނަމުން ދިޔަ ނަމަވެސް ހަމަޖެހޭގޮތް ދައްކަމުން އަހަރެން މަޖާ ވާހަކައެއް ފެށްޓީ އެހެން މީހުންވެސް ހަމައަކަށް އަޅުވާލުމަށެވެ. އެކަން އަހަރެންނަށް ކާމިޔާބުވެސްވިއެވެ.
މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަމާއި ނުތަނަވަސްކަން ފިލާގޮސް މަޖާ މާހައުލަކަށް މާހައުލު ބަދަލުވިއެވެ. އިރުކޮޅެއްނުވެ ނަވީން އޭނާ ގެންގުޅޭ ސްޕީކަރަށް ޕެން ޖަހާލުމަށްފަހު ލަވައެއް ޖަހާ ނަށަންފެށިއެވެ. މަގްރިބް ނަމާދަށް ބަންގި ގޮވި އަޑު ޖެހިގެން އޮތް ރަށުން ފަނޑުކޮށް އިވުން ނަމަވެސް އަހަރެމެން އެކަކުވެސް ނަމާދުކުރާކަށް ހިތަށް ނޭރިއެވެ. އިޝާ ނަމާދަށް ބަންގި ގޮވީވެސް އެހާލެއްގައި އަހަރެމެން ތިއްބައެވެ.
ސަކަރާތް ޖަހަން ތިބެ ވަގުތު ފާއިތުވި ގޮތެއްވެސް ނޭނގުނެވެ. ބަނޑުހައިވެފައިވާކަން އިހުސާސްވީވެސް ނިޒާމް އެހެން ބުނުމުންނެވެ. އެއާއެކު ފާޑަކަށް އަހަރެންގެ ބޮލުގައި ރިއްސާލިއެވެ. ކާއެއްޗެއް ހޯދަންޏާ ދާން ޖެހޭނީ ބޭރަށެވެ. ހިތަށް ފާޑުފާޑުގެ ވަހުމްތައް ވަންނަމުން ދިޔަ ނަމަވެސް އަހަރެން އެންމެން ކުރިމަތީގައި ކެރޭގޮތް ދައްކަމުން މަސްބާނަން ދިޔުމުގެ ޚިޔާލު ދިނީމެވެ. އަހަރެންގެ ޚިޔާލަށް ތާއީދުކޮށް އެންމެންވެސް މަސްބާނަން ދާން ތައްޔާރުވާން ފެށިއެވެ.
ނަނުތަކާއި އެއްޗިހި ތައްޔާރުކޮށްގެން ބޭރަށް ނުކުތީ އެންމެން އެކީގައެވެ. ދަތުރު ގެނައި ތަނުން ތެއްޔަކާއި ވަޅިއަކާ އަދި މިނޫންވެސް ބޭނުންވާނެ ފަދަ ހުރިހާ އާލާތެއް ހިފައިގެން އަހަރެމެން މިސްރާބުޖެހީ ތުނޑިއަށެވެ. އޭރުވެސް ނަވީންގެ ސްޕީކަރުން ހުރީ ލަވައެއް ޖަހާފައެވެ.
ހަނދުވަރުދޭ ރެއެއް ކަމުން ބިންމަތި ވަރަށް އައްޔެވެ. ތުނޑިއަށް ދެވުން އިރުވެސް އަހަރެމެން ޖަހަމުންދިޔަ ސަކަރާތް މަޑެއް ނުވެއެވެ. ތުނޑިއަށް ދެވުމާއެކު ފުރަތަމަވެސް އަލިފާންގަނޑެއް ރޯކުރަން އަހަރެން މަސައްކަތް ފެށީމެވެ. ނިހާއާއި ޝާވިން ކައިރި ހިސާބުން ފަންކޮޅެއް ހޯދޭތޯ ބަލަން ފެށިއެވެ. ބާކީ ތިބި މީހުން އުޅުނީ މަސް ބޭނޭތޯއެވެ. ރަނގަޅަށް އަލިފާންގަނޑު ރޯކުރެވުމާއެކު އަހަރެންވެސް މަސް ބޭނުމުގައި ޝާމިލްވީމެވެ.
މަސްބާނަން ތިއްބަ ޝާވިންއާއި ނިހާ ދުވަމުން ދުވަމުން އައެވެ. އެމީހުން ބުނީ ކައިރި ހިސާބެއްގައި ވެލާ ބިސްވަޅެއް އެބައޮތް ކަމުގައެވެ. މަސްބާނަން އައިމާއާއި ނިޒާމާއި ހަވާލު ކުރުމަށްފަހު އަހަރެންނާއި ނަވީން ދިޔައީ ނިހާމެން އެކީގައެވެ. ހިނގާ ހިނގާ ވަރުބަލި ވީއިރުވެސް ނިހާމެނަށް އެހިސާބަށް ދެވުން ކަމަކަށް ނުވިއެވެ. އެހެންކަމުން ނިހާއާއި ޝާވިނަށް އޮޅުނީ ކަމަށް ބަަލާފަ އަހަރެމެން އަނބުރާ މަސްބާނަންދާން ހިނގައިގަތީ ނިހާމެނާއި ދިމާކުރަމުންނެވެ. ހިނގަމުން ހިނގަމުން އަހަރެމެން ތިބި ހިސާބަށް ދެވުނު އިރު އައިމާއާއި ނިޒާމް ފުދޭ ވަރަކަށް މަސްބާނާފައި ހުއްޓެވެ. ނިހާމެނަށް ވީގޮތް ކިޔައިދީފައި ހެމުން ހެމުން އަހަރެމެންވެސް މަހެއް ބެވޭތޯ އުޅެން ފެށީމެވެ.
އިރުކޮޅެއް ފަހުން ފަރުހަކިވަސް ކަހަލަ ފާޑެއްގެ ވަހެއް އަހަރެންގެ ނޭފަތުގައި ޖެހުނެވެ. އެވަސް ދުވަނީ އަހަރެންނަށް އެކަނި ނޫންކަން އިނގުނީ ނިޒާމް އެއީ ކޮން ވަހެއްހޭ އަހާލުމުންނެވެ. ޖަވާބު ނޭނގޭ ފަދަ ނަޒަރަކުން އެކަކު އަނެކަކަށް ބަލަމުން ދިޔައިރު އަހަރެންގެ ލޮލުގައި ދެން އަޅައިގަތީ މާދުރުނޫން ހިސާބެއްގައި ހުރި ކަޅުއެއްޗެކެވެ. އަހަރެން އެހެން މީހުނަށް އޭތި ދައްކާލީމެވެ. މަޑުމަޑު އެކަކު ގާތުވެސް ހަޅޭއް ނުލެވުމަށް އަހަރެން ބުނީމެވެ. ނަވީން ގާތު ޤުރުއާން ޖަހާބަލާށޭ ބުނެވުނީ ބިރުން ތުރުތުރު އަޅާ ހާލުގައެވެ. ނަވީން ނީންނާނޭ ބުނުމާއެކު ކިޔުނުހާ ހެޔޮ އެއްޗެށް ކިޔަމުން އެންމެން ދުއްވައިގަތީ ސަލާމަތުން ގެއިންނަ ހިސާބަށް ދެވޭތޯއެވެ. ބާރުބާރަށް ދުވަމުން ގޮސް އަހަރެމެން އެންމެން ގެޔަށް ވަދެ ދޮރު ލެއްޕީމެވެ. އަަދި އެމީހަކަށް އިނގޭހާ ހެޔޮ އެއްޗެށް ކިޔަން ފެށީމެވެ.
ބިރުން ހިތް ނުކުންނަ ހާލުގައިވެސް އެއްވެސް މީހަކު ވަކި ނުވުމަށް ބުނުމަށްފަހު އައިސްދާނެ ހަމަލާއަކުން ސަލާމަތްވުމަށް ތައްޔާރުވެލީމެވެ. ނަވީންގާތު ލަވަ ނިއްވާލުމަށްވެސް ބުނީމެވެ. އޭތި އަހަރެމެން ހޯދަން އަންނާނެހެން ހީވަމުން ދާތީވެ ހިތް ޑިންޑިން ލާފަ ތެޅެމުންދިޔައެވެ.
އަމާންކަމާއެކު އިރުކޮޅަކު ތިބެވުނެވެ. ހިތަށް ހަމަޖެހުމެއް ވެރިވާން އުޅުން ހިނދު ފަރުހަކިވަސް ގަދަ ވާން ފެށިއެވެ. ނިހާއާއި އައިމާއަށް ރޮވިއްޖެއެވެ. އަހަރެމެން ފިރިހެނުންވެސް ތިބީ ފެންކަޅިވެފައެވެ. ސަލާމަތުން ރަށަށް ދިޔުމަކީ ދެން ނާދިރު ކަމެކެވެ. ގޭތެރޭ ތިބެގެންވެސް ފައިދާއެއް ވާނެ ހެން ހީނުވާތީ ނަވީންގާތު ނުކުމެ ފުރޭތޯ ބަލަން އުޅޭށޭ ބުނީމެވެ. އޭއްޗާއި ކުރިމަތި ނުލާ އަހަރެމެން ދެން ސަލާމަތެއް ނުވާނެއެވެ. ބިތަކުން ލޯ ޖަހާ ބަލާލުމަށްފަހު އަހަރެމެން ނުކުތީމެވެ. އަހަރެން އަތަށް ވަޅިއަކާއި ހެޔޮވަރުގެ ދަނޑިބުރިއެއް ހެޔޮވަރު ކޮއްލީމެވެ. ނިޒާމް އަތުގައި ކަތިވަޅިއެއް އޮތެވެ. ނަވީން އަތުގައި ބޯވަ ނަގަން ގެންގުޅުން ދަނގަޑުއޮތެވެ. ބިރުން ހިތް ނުކުންނަން އުޅޭހެން ހީވިނަމަވެސް އަހަރެމެން ނުކުތީ އެ ފުރޭތައާއި ކުރިމަތި ލުމަށެވެ. ޝާވިން އަންހެން ކުދިންނާއި އެކު ދޯންޏަށް ދިމާވި މައްސަލަ ރަނގަޅު ކުރެވޭތޯ ފޮނުވާލީމެވެ.
ބޭރަށް ނުކުމެ ދެކޮޅު ހޯދާ ބަލާލިއިރު އޭތި ފެނޭތޯ ބަލާލީމެވެ. މާ ދުރު ނޫން ހިސާބެއްގައި އެ ހުއްޓެވެ. ދިވެހި ރުކަކަށްވުރެ އިސްކޮޅުން ދިގެވެ. އެހާ ފުޅަލެވެ. އަހަރެމެންގެ ދެމީހުންގެ އިސްކޮޅު އޭގެ ފުޅާމިނުގައި ވެސް ހުންނާނެއެވެ. ކުޑަ ބޮލެއް އިންއިރު އަތެއް ނުވެސް ނެތެވެ. އަނދަ އަނދާހުރި އަލިފާން ގަނޑެއް ފަދަ ހަށިގަނޑެކެވެ.
ފުން ނޭވާއެއް ލުމަށްފަހު ފުރޭތައަށް ހަމަލާ ދޭން ތައްޔާރުވީމެވެ. އޭރު ޝާވިން އާ ހިތްވަރަކާއި އެކު އިންޖީނު ރަނގަޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. މަޑުމަޑުން އަހަރެމެންނާއި ކައިރިވަމުން ދިޔަ ފުރޭތައިން އަހަރެންނަށް އެންމެ ފާހަގަވީ ކަމަކީ އޭގެ ލަސް ދުވެއްޔެވެ. އަހަރެމެންނަށް އެއާ ކުރިމަތި ލެވޭނެ ކަމުގެ އުންމީދު އެއާއެކު ބޮޑުވިއެވެ.
އޭތި އަހަރެމެންނާއި ކައިރިވުމާއެކު އަހަރެން އޭގެ ފަޔަށް ވަޅި ހަރާލީމެވެ. އެއާއެކު ފާޑެއްގެ އަޑެއް ކަރު ބުޑުން ނެރެ އޭތި ހަޅޭއް ލަވައިގަތެވެ. އަހަރެން އަވަސް އަވަހަށް ވަޅި ހިފައިގެން އެއާ ދުރަށް ޖެހުނީމެވެ. ދެވަނަ ހަމަލާ ދިނީ ނިޒާމެވެ. ފައިތިލައަށް ކަތިވަޅި ހަރާލީއެވެ. އެއާއެކު އަނެއްކާވެސް ބާރަށް އޭތި ހަޅޭއް ލަވައިގަތެވެ. އޭގެ އަޑު ޖެހިފަ އަހަރެންގެ ކަންފަތައް ފާޑަކަށް ތަދުވެސް ވިއެވެ. ތިންވަނަ ހަމަލާ ނަވީން ދިނީ އޭތީގެ ބުރަކަށްޓަށެވެ. ދަގަނޑު އިން ގޮތަށް އޭތީގެ ބުރަކަށްޓަށް ވައްދާލިއެވެ. ފުރޭތައިގެ ހަޅޭކުގެ އަޑު މުޅި ފަޒާގާ އޭރު ގުގުމަމުން ދިޔައެވެ. ހަތަރުވަނަ ހަމަލާއަށް ތައްޔާރުވި ތަނާ އަހަރެންގެ ފަޔަށް އަހަރެން ގެންގުޅުނު ވަޅި ވަނެވެ. އެއާއެކު އަހަރެންގެ ފަޔަށް ތަދުވާން ފެށިއެވެ. އޭރު ފުރޭތަ އަހަރެންނާއި ދިމާލަށް ގުދުވެގެން އޮތީ އަނގަ ތަންމިނަށް ހުޅުވައިގެންނެވެ. ދުވަމުން ދިޔަ ވަހުން އަހަރެންނަށް ހޮޑުލެވޭ ވަރުވިއެވެ. ނަމަވެސް އަހަރެންނަށް އެކަމަށް ވުރެ ބޮޑަށް ވިސްނެނީ ދެން ވާނެ ގޮތަކާއި މެދުގައެވެ. ފަހު ވަގުތުކޮޅޭ މީ ހިތާ އަހަރެންނަށް ރޮވެން ފެށިއެވެ. މަންމައާއި ބައްޕައާއި ކޮއްކޮމެންނާއި އެކު ހޭދަ ކުރެވުނު އުފާވެރި ވަގުތުތައް ހަނދާންވާން ފެށިއެވެ. ދަތުރުގެ އުފާވެރި ވަގުތުތަކާއި ހުރިހާ ވަގުތެއް ހަނދާންވާން ފެށިއެވެ.
ދެލޯމަރާ ތަގުޅިކޮށް ގެން އޮއްވަ އަހަރެން ސިހުނީ ބަންގީގެ މޫރިތި ކަލިމަތައް އަހަރެންގެ ކަންފަތުގައި ޖެހުމުންނެވެ. އޭރު އޭތީގެ އަނގަޔަށް އަހަރެން ނުވަދެ އޮތީ ކިރިޔާއެވެ. ބަންގީގެ އަޑުއިވެން ފެށުމާއެކު އޭތީގެ ހަރަކާތްތައް މަޑުމަޑުން ހުއްޓެން ފެށިއެވެ. އޭތީގެ އަނގައިން ދުވި ވަހުން ބޯއަނބުރަމުން ދިޔުމާއި ފަޔަށްވަމުންދިޔަ ތަދުން ނުތެދުވެވިފައި އޮތް އަހަރެންނަށް ފައިގަ ހިފާ ފުރޭތައާ ދުރަށް ދަމައިގެން ކަން އިނގުނެވެ. އަހަރެން ދިޔައީ އޭރު ހޭހުސްވަމުންނެވެ. ލޯމެރެމުން ދިޔައިރު ގަނޑުވަމުން ދިޔަ ފުރޭތައާއި އަހަރެންނާ ދިމާލަށް އައި އަހަރެންގެ ބައްޕަ ފެނުނެވެ.
ލޯ ހުޅުވުނުއިރު އަހަރެން އޮތީ ހޮސްޕިޓަލުގެ އެނދެއްގައެވެ. އަތަށް އައިވީއެއް ގުޅާފާ އޮތްއިރު ފައިގާ ބޭސް އަޅާފައި އޮތެވެ. މަންމައާއި ބައްޕަ އަހަރެންގެ ކައިރީގަ އިން އިރު މަންމައަށް އިނީ ރޮވިފައެވެ. އަހަރެން ހޭއެރުމާއެކު މަންމަ އަހަރެން ގާތު ވަރަށް ޝަކުވާ ކުރިއެވެ. މަންމަމެނަށް އޮޅުވާލާފަ ދިޔައީމައެވެ. ދިޔަ ރަށެއް ނުބުނީމައެވެ. އަހަރެމެން ކޮންމެ މީހަކުވެސް ހަޤީޤަތުގައި ދިޔައީ މަންމަމެނަށް ދޮގު ހަދާފައެވެ. ނަވީންގެ ބޭބެ ގެންދާކަމަށް ބުނެ އޮޅުވާލާފައެވެ. އެތަށް އިރެއް ވަންދެން އަހަރެން ގާތު މަންމަ ޝަކުވާ ކުރިއެވެ. ހަމައެހެންމެ ނަސޭޙަތްވެސް ދިނެވެ. އަހަރެން އަޑު އަހަން އޮތީމެވެ. ބައްޕަ ބުނި ގޮތުގައި އަހަރެމެން ހޯދަން ބައްޕަމެން އައީ އިރުއޮއްސުން އިރުވެސް ރަށަށް ނައުމުންނެވެ. އަހަރެމެން ތިބި ރަށާ ކައިރި ކުރަން އިނގުނީ ނަވީން ބައްޕަގެ ދޯނީގައި އިންނަ ބައްތީގަ އިން އަލިން ފާހަގަ ކޮށް ގެނެވެ.
އަނެއް ދުވަހު އަހަރެން ގެޔަށް ދޫކޮށްލި ތަނާހެން ނަވީންމެން އެންމެން އައެވެ. އެމީހުނާއިއެކު ނަވީންގެ ބޭބެވެސް އައިސް ހުއްޓެވެ. ހުރިހާ އެންމެންއެކީ އަހަރެން ގާތަށް އައުމުން ބަލި ފަސޭހަވި ކަހަލަ އިހްސާސެއްވެސް ވިއެވެ. އެކިއެކި ވާހަކަ ދައްކަމުންގޮސް ނަވީންގެ ބޭބެ އޯވަރނައިޓްއަކަށް ޖެހިގެން އޮތް ފަޅު ރަށަށްދާން އުޅޭށެވެ. އެއާއެކު ނަވީން ނޫނެކޭ ކިޔާ ނަވީން ބޭބެއާ ތޮޅެގަތެވެ. އެއާއެކު އެންމެންގެ ހުނުމުގެ އަޑުއިވިގެން ދިޔައެވެ.
~ ނިމުނީ ~
