ހަސަދަ
ގާޒީ ހުކުމް އިއްވި އަޑާއެކު ހުރިތަނަށް ގަނޑުވިކަހަލަ އިހްސާސެއް ކުރެވުނެވެ. ކުށްވެރިކަމުގެ އިހްސާސްތައް މުޅި މީހާ ވަށާލިއެވެ. ފެންކަޅިވެފައިވާ ދެލޮލުން ބަލާލެވުނީ ކުރިމަތީގައިން ހަހުރަވެތި މައިމީހާއާ ދިމާލަށެވެ. އިސްޖެހިފައި އިންއިރު އެމޫނުމަތިން ފެންނަމުންދިޔައީ މޮޅިވެރިކަމެވެ. ވިހިއަހަރު ދުވަހު އެކަނިމާއެކަނި ބަލާބޮޑުކުރި ދަރިފުޅާއި ހުރެ ދުނިޔެއާ ކުރިމަތިލާން ލަދުގަނެފައިވާ ކަހަލައެވެ. އަހަރެން ހިފަހަށްޓަމުން ދިޔަ ކަރުނަތައް އޭގެ މަގާމުން ދޫވެގެން ފައިބައިގަތެވެ. އެއާއެކު އަހަރެންގެ ޚިޔާލުތަކުގެ ނަވު ދަތުރުކުރީ އަހަރެންގެ މާޒީއަށެވެ.
އަހަރެންނަކީ މަންމަގެ ހަމައެކަނި ހުރި ދަރިފުޅެވެ. ބައްޕައެއް އަހަރެންނަކަށް ނުފެނެއެވެ. ބައްޕަގެ އާއިލާ މީހަކުވެސް ނުދެކެމެވެ. މަންމަ ބުނި ގޮތުގައި އަހަރެން ކުޑައިރު ބޯޓުދަތުރުކުރަން ދިޔަފަހުން ބައްޕައެއް ނާދެއެވެ. މަންމައަކީ ކުޑައިރުވެސް ނިކަމެއްޗެކެވެ. މަންމައާއި ބައްޕަ މަރުވެފަވާ ޔަތީމެކެވެ. ކުޑައިރު ބޮޑުދައިތައާއެކު އުޅުމަށްފަހު ބޮޑުދައިތަ ނިޔާވިއިރު މަންމަގެ އުމުރުން ބާރަ އަހަރެވެ. އެއާއެކު މަންމަ އުޅުނީ ވަރަށް ހާލުގައެވެ. އެއްގެއިން އަނެއްގެއިން ގުލާނުކޮށްދެމުން ދަނިކޮށް ބައްޕައާއި ދިމާވެ ކައިވެނި ކުރީއެވެ. ބައްޕައަކީ ރަށަށް ދަތުރުވަރެއްގައި އައި މީހެކެވެ. ކައިވެންޏަށް އަހަރެއްވީފަހުން އަހަރެން ލިބުނީއެވެ. އެއާއެކު އިތުރު ފައިސާ ހޯދުމަށްޓަކާއި ބޯޓު ދަތުރު ކުރަން ދިޔައީއެވެ.
މަންމަ އަހަރެން ބަލާ ބޮޑު ކުރަމުން އައީ ވަރަށް ހާލުގައެވެ. އެތަށް މަސައްކަތެއް ކުރެއެވެ. ހެދިކާ ހަދައެވެ. ފަންވިދެއެވެ. ފަހައެވެ. ހަށިގަނޑަށް އަރާމެއް ދޭނެ ވަގުތެއް ނުވެއެވެ. ފަތިސް ނަމާދު ބަންގިއަށް ތެދުވާ ގޮތަށް މަސައްކަތް ނިންމާފަ ހަމަޖެހިލެވޭއިރު ބާރަ ނުވަތަ އެކެއް ޖަހާނެއެވެ.
ޅަފަތުގެ ދުވަސްތައް ފާއިތުވެގެންދިޔައީ އުފަލާއި ހިތްހަމަޖެހުމާއި އެކުގައެވެ. އެންމެ މުއްސަނދި ދިރިއުޅުން ނޫންކަމުގައި ވިޔަސް ބޭނުންވާ އެއްޗެހި އަހަރެންނަށް ލިބެއެވެ. ނަމަވެސް މަންމަވީ ގުރުބާނީގެ އަގު އަހަރެންނަށް އަދާ ކުރެވުނީ އެންމެ ނުބައި ގޮތަށެވެ.
އަހަރެން ކިޔަވާ ނިންމީ އެންމެމަތީ ވަނަތަކާއި އެކުގައެވެ. އޯލެވެލް ނިންމުމަށްފަހު އޭލެވެލް ހެދުމަށްޓަކާއި މަންމަ އަހަރެން ފޮނުވީ މާލެއަށެވެ. އޭރު މަންމަގެ ހެދިކާ ހެދުމާއި ފެހުމުގެ ވިޔަފާރި ފުޅާވެފައި ވުމާއެކު ދިރިއުޅުން ވަރަށް ތަނަވަހެވެ.
ދުވަސްތައް އަމާންކަމާއެކު ދިޔައެވެ. އަހަރެންގެ ދިރިއުޅުމަށް އައި އެންމެ ބޮޑުރާޅު ބިންދާލީ ނަރުހަކަށްވުމަށްޓަކައި އަހަރެން ދެކުން ހުވަފެނުގައި ކުލަޖެއްސުމަށްޓަކައި ކިޔަވަމުން ދަނިކޮށެވެ. ފަރަޝްއާއި އަހަރެން ދިމާވީ ކޮލެޖަށްދާ މަގުމަތިންނެވެ. ކޮންމެ ދުވަހަކު ފެންނާތީވެ ރަހުމަތްތެރިކަން އުފެދޭކަށް މާގިނަ ދުވަހެއް ނުނެގިއެވެ.
ދުވަސްތައް ހަލުވިކަމާއެކު ދައުރުވަމުންގޮސް ފަރަޝްއާއި އަހަރެންގެ ގުޅުން އިތުރު ހަރުފަތަކަށް ގޮއްސިއެވެ. ލޯބީގެ ގުޅުމުން ދެމީހުން ގުޅުނުއިރު އަހަރެންނަށް ފަރަޝްއާއި ބެހޭ މާބޮޑު މައުލޫމާތެއް ނޭންގެއެވެ. އެނގޭހާވެސް އެއްޗަކީ ފަރަޝް ނިސްބަތްވަނީ މާލެއަށްކަމަށާއި ވަޒީފާއަދާ ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައިކަމެވެ. އާއިލާއާއި ބެހޭގޮތުން ސުވާލުކުރުމުން ފަރަޝްދިން ޖަވާބަކީ ވަގުތުޖެހުނީމަ ހުރިހާކަމެއްވެސް އިނގޭނެކަމަށެވެ. ފަރަޝްގެ ލޯބީގާ ދީވާނަވެފާހުރި އަހަރެން އެކަންކަންބަލާކަށް ފަހުން އެހާ މަސައްކަތެއްވެސް ނުކުރަމެވެ.
އެއްދުވަހެއްގެ ހަވީރު އަހަރެން ނުކުތީ އެކުގައި ކިޔަވަމުންދިޔަ ކުއްޖަކާއެކު ހިނގާލާށެވެ. އެކި ވާހަކަ ދައްކަމުންގޮސް ލޯބީގެ މައުލޫއަށް ވާހަކަ ދައްކަން ފެށުނެވެ. ރީނާ އަހަރެންގެ ލޯބިވެރިޔަކު ހުރޭތޯ އެހުމާއެކު އާނއެކޭ ބުނެވުނީ ބޭއިހްތިޔާރުގައެވެ. އަހަރެން ފަރަޝްއާއި ރަށްޓެހިވެގެންއުޅޭ ވާހަކަ އެކަކު ގާތުވެސް ނުބުނަމެވެ. އަހަރެންނަށް އަށާރަ އަހަރުވެފައިވީ ނަމަވެސް މަންމަ އަދި އަހަރެން ލޯބީގެ ގޮތުން ކުއްޖަކާ ގުޅެން ގަބޫލެއްނޫނެވެ. ފަރަޝްވެސް އެދިފައިވަނީ ދެމީހުންގެ ގުޅުން އަދި ސިއްރެއްގެ ގޮތުގައި ބޭއްވުމަށެވެ. އަހަރެންވެސް ބޭނުންވަނީ އެގޮތްކަމުގައިވާތީވެ އަޅައެއް ނުލަމެވެ. ބައެއް ފަހަރަށް ފަރަޝްގެ ސިއްރުވެރި ދިރިއުޅުމާމެދު ސުވާލު އުފެދެއެވެ. ނަމަވެސް ފަރަޝްއަށް އަހަރެންކުރާ ކަނުއިތުބާރުގެ ސަބަބުން އެހާ އަޅައެއް ނުލަމެވެ.
ރީނާގާތު އަހަރެން އުޅެނީ ކުއްޖަކާ ރަށްޓެހިވެގެން ކަމަށް ބުނުމާއެކު ވަރަށްދިމާ ކުރިއެވެ. ކާކުތޯވެސް އެހިއެވެ. އަހަރެން ނަން ނުބުނެ ދެރަނުވާންވެގެން ރީނާއާއި ކުރީ ސުވާލެކެވެ. ރީނާގެ ބިޓު ކޮބައިތޯ އެހުމާއެކު ވަރަށް ވިސްނަން އިނދެފައި ބުނީ ރީނާގެ ބިޓު ދެއްކޭނީ އެކަކު ގާތުވެސް ނުބުނާމަތިން ކަމަށެވެ. އަހަރެން ވަގުތުން އާނއެކޭ ބުނީމެވެ.
އެއާއެކު ރީނާ އަހަރެންނަށް ދައްކާލި ފޮޓޯއިން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލަ އިހްސާސެއް ކުރެވުނެވެ. ރީނާއާއި އެކުހެވި ދިލިފާ އޭނީ ފަރަޝްއެވެ. ރީނާ ވަރަށް އުފަލާއެކު ދެމީހުން ރަށްޓެހިވެގެންއުޅޭތާ ހަތްއަހަރު ވެއްޖެކަމަށާއި ވަރަށް އަވަހަށް ކައިވެނި ކުރާނެކަންވެސް ބުންޏެވެ. އަހަރެން އަމިއްލަ އިހްސާސްތައް ހިފަހައްޓައިގެން އިންނަމަވެސް ހިތް ދިޔައީ ރޮމުންނެވެ. ނޭނގިނަމަވެސް އަހަރެންނަށް ރުޅިއާދެވުނީ ރީނާދެކެއެވެ. ފަރަޝްގެ ބޮލަށް ވަދެގެން އަހަރެންގެ އަތުން ފަރަޝް ޖަހައިގަތީކަމަށް ހީކުރެވުނެވެ.
އިރުއޮއްސުމާއެކު ގެއަށް އައީމެވެ. ގެއަށް އައުމަށްފަހުވެސް އަހަރެންނަށް ވިސްނެނީ ރީނާ އަހަރެމެންގެ ދިރިއުޅުމުން ބޭރުކުރާނެ ގޮތަކާއި ދޭތެރޭއެވެ. ވަރަށްވިސްނުމަށްފަހު އަހަރެން ނިންމީ ކިތަންމެ ބޮޑުފާފައެއް ކޮށްގެން ނަމަވެސް ފަރަޝްގެ ލޯބިހޯދާށެވެ. އަހަރެންނަށް ނުލިބުނު ލޯތްބެއް ރީނާއަށް ނުދިނުމަށެވެ. ހަސަދައިން އަހަރެންގެ ހިތްވަނީ ފޯވެފައެވެ.
ޖެހިގެންއައި ދުވަހު އަހަރެން ރީނާއަށް ގުޅީ ކުރިއަށް އޮތީ ބަންދު ދެދުވަސްކަމުން ދެދުވަހު ހުރެލަންއަންނާށޭ ބުނެއެވެ. ރީނާވެސް އުފަލާއެކު ދައުވަތު ގަބޫލުކޮށްއައީ އޭނާގެ ދިރިއުޅުމަށް އަންނަންއުޅޭ ތޫފާނުގެ ހިލަމެއްވެސް ނުވާހާލުއެވެ. އަހަރެންނަށް ކުރެވެމުން ދިޔަކަމުގެ ބޮޑު ކަމެއް އިހްސާސެއްވެސް ނުވެއެވެ. ސުބްހާނަﷲއެވެ. އަހަރެންމީކޮންފަދަ ނުބައި އިންސާނެއް ހެއްޔެވެ؟
ރީނާ އަންނަންވާއިރަށް އަހަރެންހުރީ ތައްޔާރުވެއެވެ. އަހަރެންކުރަން އުޅުނު މަސައްކަތާއިގެނެވެ. ރީނާއައުމާއެކު އެއްވެސް ކަމެއް ނުދައްކާ އަހަރެންފެށީ ރީނާއާ ދެމީހުން ސަކަރާތްޖަހާ މަޖާކުރުމަށެވެ.
ދެމީހުން އެހެންއުޅެފައި ބެލްކަންޏަށް ނުކުތީ ވައިޖައްސަންކަމަށެވެ. އަހަރެންގެ ވަގުތުޖެހުނީއެވެ. މަޖަލަކަށް ކަމަށްހަދާ ރީނާ ކޮށްޕާލީ ބެލްކަނީގާ ރީނާ ވަށްޓާލުމަށް އަހަރެން ރޭވުމަށްފަހު އަޅާފާހުރި ތެޔޮތައް މައްޗަށެވެ. ތެޔޮތައް މައްޗަށް ވެއްޓި ރީނާ ކަހާލައިގެން ވެއްޓުނީ އެއުސްއިމާރާތުންނެވެ. އެވަގުތަކީ ތިންދުވަހަށްފަހު ފަރަޝް އަހަރެންނާއި ބައްދަލު ކުރުމަށްޓަކައި ގެއަށްވަދެގެން އައިވަގުތެވެ. ފަރަޝްއަށް އަހަރެންކުރި ކަންތައްފެނުނެވެ. ފަރަޝް ހަޅޭއްލަވައިގަތީ ނިއްކޮއޭ ކިޔާފައެވެ. އެއާއެކު އަހަރެންގެ ހައިރާންކަންވީ އިތުރެވެ.
ފަރަޝް ބަލާކަށް ނުހުރެއެވެ. އަހަރެން އަތުގަ ހިފާ ދަމަމުން ފައިބަން ހިނގައިގަތީ މީހަކަށް ގުޅަމުންނެވެ. ގުޅުމަށްފަހު ވަރަށް އަވަހަށް އަހަރެން އުޅޭ ހިސާބު ކިޔާދިނުމަށްފަހު ވަރަށް އަވަހަށް އައުމަށް ބުންޏެވެ.އަހަރެން ބޮލުގައި ސުވާލުމާކު ޖެހިގެން ހުރެ ދިޔައީމެވެ.
ތިރީގައި މީހުންތައްވަނީ އެއްވެފައެވެ. ރީނާގެ ހަށިގަނޑުން ބޭރުވަމުންދިޔަ ލޭތައް ފެނިފާ އަހަރެންނަށް ހަމަހޭ ލިބުންކަހަލައެވެ. އަހަރެންގެ ބޮލުގެ ރިހުންއިތުރަށް ގަދަވެގެން ދިޔައީ އެތަނަށް އައިސް ރީނާގެ ހަށިގަނޑުގައި އޮޅުލައިގެން ޒުވާނާ ފެނިފައެވެ. އެއީ ފަރަޝްއެވެ. ތަފާތެއްވެސް ނެތެވެ. އެއީ ފަރަޝްކަމަށްވަންޏާ އަހަރެންގާތުގައި މިހުރީ ކާކު ހެއްޔެވެ؟
އެވަގުތު އެމްބިޔުލައިންސްގެ އަޑު އިވުނެވެ. އަހަރެންހުރީ ވާނުވާނޭނގި މޮޔަވާވަރުވެފައެވެ. ރީނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ރީނާގެ ފުރާނައެއްނެތެވެ. އަހަރެންގެ ހިތުގައިހުރި ސުވާލުތައް ފަރަޝްއަށް ފެނުނުކަހަލައެވެ.
ފަރަޝް ކިޔައިދޭންފެށިއެވެ. ރީނާއަކީ ފަރަޝްގެ އެއްމާބަނޑު ކޮއްކޮ ފިރާޝް ކައިވެނިކުރަންއުޅޭ ކުއްޖާއެވެ. އޭނާގެ އާއިލާގައި އޭނާގެ ބަލިހާލުގައި ހިނގައިނުލެވިފައި މަންމަނޫން މީހެއްނެތެވެ. ފަރަޝްގެ ބައްޕަ އޭނާ ދުނިޔެއަށް އައުމުގެ ކުރިން ނިޔާވެއްޖެއެވެ. ކުރިން އޭނާގެ އާއިލާއާއި ބެހޭގޮތުން ނުކިޔާދިނީ ކޮންމެ އަންހެނަކުވެސް އޭނާދޫކޮށްލާފަދަނީ މަންމަބަލަން ޖެހޭނެތީވެކަމަށްވާތީވެ، އަހަރެންވެސް އެމީހުން ފަދައިންގޮސްދާނެތީވެއެވެ. ގުޅުން ސިއްރުކުރީވެސް ހަމައެހެންވެއެވެ.
އަހަރެންނަށް ވީގޮތެއްވެސް ނޭނގުނެވެ. ހުރިތަނަށް ތިރިވެވުނެވެ. ދެފައިކޮޅުންވާގި ދޫވި ކަހަލައެވެ. ފުލުހުންއައި އިރުވެސް އަހަރެން އިނީއެގޮތުގެ މަތީގައެވެ. ފަރަޝްކަންވި ގޮތްކިޔާދިނުމާއެކު އަހަރެން ހައްޔަރުކޮށްގެން ގެންދިޔައިރުވެސް އަހަރެންހުރީ ގަބުކައިފައެވެ.
ފުލުހުން ބަޔާންދޭން އެދުމާއެކު އަހަރެން ހުރިހާކަމެއް އަލިފުންޔާއަށް ކިޔާދިނީމެވެ. އަހަރެން ކުށް ގަބޫލުކޮށް އެއްބަސްވީމެވެ.
“ޝާނީ” އަހަރެންނަށް މާޒީގެ ހިތާމަވެރި ހިޔާލުތަކުން ބޭރުވެވުނީ ފުލުހެއްއައިސް އަހަރެންނަށް ގޮވާލުމުންނެވެ. އޭރު އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަހަރެންގެ ކޯތާފަތުގައި ބޮސްދެމުންދިޔައެވެ. އަހަރެން މަންމައާ ދިމާލަށް ބަލާލީމެވެ. އެދެލޮލުން ބުނާ ކަހަލައެވެ. ދަރިފުޅާއެވެ. ތައުބާވާށެވެ. އަހަރެން ހަމަ އެވަގުތު މަންމަގެ ނިޔަނެތިމޫނަށް ބަލަންހުރެގެން އަޒުމް ކަނޑައެޅީމެވެ. އަހަރެންދެން ދުވަހަކުވެސް މިފަދަ ފާފައެއް ނުކުރާނަމެވެ. މަންމަ ފަޚުރުވެރިވާފަދަ ނަމޫނާ ދަރިއަކަށް އަދިވާނަމެވެ. އަހަރެންނަށް މިހެންމިވީ ވިސްނާނުލާ މީހަކާ ހަސަދަވެރި ވުމުންނެވެ.
One Comment
Comments are closed.

Mee alhugandu kurin vaahaka.com ga liyefa in vaahaka eh. Insha Allah vrh avahah new story eh liyaanan