Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުރާނައިގެ ބައިވެރިޔާ

Aarsh Level 110 Stories
February 3, 2022 12 Mins Read
1 Comment

ދުވަހަކީ އުޑުމަތި ބަނަ ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ވާރޭ ނުވެހުނެއްކަމަކު އުޑުމަތި ބަނަކަމުން ހަމަ ހިނދުކޮޅެއްގެ ތެރޭގައި ވާރޭ ވެހިގެން ފާނެހެން ހީވާތީ މާލޭގެ މަގުތައްވަނީ ހަލަބޮލިވެފައެވެ. ވާރޭ ވެހުމުގެ ކުރިން އެކި މިސްރާބުތަކަށް ދަތުރު ކުރަމުން ދިޔަ މީހުންގެ ވެހިކަލްތަކުގެ އިންޖީނުގެ އަޑުންނާއި ބަރުގޮނުތަކުގެ އަޑުން މީހެއްގެ ކަންފަތް ބައްވާވަރު ފަހަރު ވެސް އާދެއެވެ. ނަމަވެސް ހުޅުމާލޭ ފެރީ ޓާމިނަލްގެ ޓިކެޓް ކައުންޓަރ ދޮށުގައި ހުރި ރަފްހާންއަށް މިއިން އެއްވެސް ކަމަކުން އުނދަގޫ ވާހެނެއް ހިޔެއްނުވެއެވެ. ކަނޑުން ނަގާ ބިންދަމުން ދިޔަ ބޮޑެތި ރާޅުތަކަށް ބަލަހައްޓައިގެން ހިޔާލެއްގެ ތެރެއަށް އޭނަ ގެއްލިފައި ހުރީ އޭނަ މިދުނިޔޭގައި ނެތް މީހެއް ފަދައިންނެވެ.

” އެންމެ ޓިކެޓް އެކޭ ދެއްތޯ ވިދާޅުވީ؟ ” ކައުންޓަރ ދޮށުގައި އިން އަންހެންކުއްޖާ ހިނިތުންވަމުން އެހެން ބުނެލި އިރު އޭނަގެ ނަޒަރު ހުއްޓިފައިވަނީ މުޅިން ވެސް ރަފްހާންއަށެވެ. ރަފްހާންގެ ޖަވާބު ލިބެންދެން ވެސް އެސްފިޔަ ޖަހާނުލާ އެހެން ހުރުމުން ދެން ގާތުގައި ހުރި އެހެން މީހަކަށް އެއަންހެންކުއްޖާގެ އަސްލު މަޤްސަދުވެސް އެނގޭނެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ރަފްހާންއަކީ ހަމުން އަލި ދިގު އިސްކޮޅަކާއި ބާމަތި ފުޅާ ބިޔަ ހަށިގަނޑެއްގެވެރި ޒުވާނެކެވެ. މޫނުމަތީގައިވާ ސިފަތަކުން އެކަނި ވެސް އޭނައަށް ފަސޭހައިން އަންހެންކުއްޖެއް ކާމިޔާބުކުރެވޭއެވެ. ނުވިތާކަށް ޕޮލިސްގެ އެސް.އޯ ޔުނީފޯމުގައި ހުރުމުން އެހިތްހައިމުކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ނަމަވެސް އޭނަގެ ރީތިކަމަށް ކުޑަކޮށް ފަނޑުކަމެއް ވެރިވެފައިވަނީ މޫނުމަތީގައިވި މާޔޫސްކަމާއި ވައަތު އަތް ބިނދި ޕުލާސްޓަރ އަޅާފައި އޮތުމުންނެވެ.

” ލައްބަ… ” ސިހިފައި ރަފްހާން އެއަންހެންކުއްޖާއަށް ޖަވާބުދެމުން ޔުނީފޯމްގެ އެއްއަރިމަތީގައިވި ޖީބުން ރުފިޔާ ނަގާ އަންހެންކުއްޖައަށް ދިނެވެ. އަދި އަންހެންކުއްޖާއަށް ބަލާލުމެއްވެސް ނެތި އަންހެންކުއްޖާ ދިން ޓިކެޓްކޮޅު ހިފައިގެން އޭނަ ދުރަށް ހިނގައިގަތުމުން އަންހެންކުއްޖާ ތުންއަނބުރާލީ އޭނައަށް ރަފްހާންގެ ފަރާތުން އެއްވެސް އިޝާރާތެއް ނުފެނުމުންނެވެ. ރަފްހާން ޓިކެޓް ކޮޅަށް ބަލާލަމުން ގޮސް ފެރީ އަންނަ ޓާރމިނަލް ތެރެއަށް ވަދެ އެތަނުން ގޮނޑިއެއްގައި އިށީނދެލިއެވެ. އަދި ފުންނޭވާއެއް ދޫކޮއްލުމަށްފަހު ޓިކެޓްކޮޅު ވައަތުގެ އިނގިލިތަކުގެ ތެރެއަށް ލައި ޖީބުން ފޯނު ނެގުމަށްފަހު އޭނަ މެސެޖް އެޕް ހުޅުވާލިއެވެ.

” ފޮގެޓް އެބައުޓް މީ… ” މީގެ އެއްމަސްކުރިން މައި ލަވް ޖަހާފައިވާ ނަންބަރަކުން އައިސްފައިވާ އެމެސެޖް ކިޔާލުމާއެކު އެދެލޯ ވަގުތުން ފެންކަޅިވެއްޖެއެވެ. އެމީހުން ގިނަ މާހައުލު ތެރޭގައި އޭނައަށް ރޮވިދާނެހެން ހީވުމުން މެސެޖު ޑިލީޓްކޮއްލުމަށްފަހު ފޯނު އަލުން ޖީބު ތެރެއަށްލިއެވެ. އަދި އަލުން ޓިކެޓްކޮޅު ކަނާތަށް ނެގުމަށް ތިރިވެލި ވަގުތު އަރައިގެން ހުރި އޮޕްރޭޝަން ޔުނީފޯމްގެ ބޫޓުގެ ނާޑުވާ މޮހިފައިވުމުން އޭނަ ހާސްވިއެވެ. ހަމަ ގައިމުވެސް އެއްއަތުން އޭނަޔަށް އެނާޑުވާ ނޭއްސޭނެކަން އެނގެއެވެ. ފުންނޭވާއެއް ދޫކޮއްލަމުން އޭނަ އެމީހުން ގިނަ މާހައުލަށް ނަޒަރު ހިންގާލީ ދަންނަ މީހަކު ފެނޭތޯއެވެ. އަވަސް އަވަހަށް ފަރާތް ފަރާތަށް ބަލަމުން ދަނިކޮށް ފެރީއަށް އަރަންދާ ދޮރު ހުޅުވާލުމާއެކު އޭނަ އިތުރަށް ހާސްވިއެވެ. މީހުންތައް އަވަހަށް ބޭރަށް ނިކުންނަން ހިނގައިގަތުމުން އޭނަ ކުރިމަތީގައި ފާރުގައި ހަރުކޮއްފައިވާ ގަޑިޔަށް ބަލާލިއެވެ. މިފެރީއަށް އޭނަޔަށް ނޭރިއްޖެނަމަ ދެން ކުރަން ހުރި ކަންތަކަށް ބުރޫ އަރާނެކަން އޭނައަށް އިނގެއެވެ.

ކުއްލިއަކަށް އޭނަ ސިހުނީ ކުއްލިއަކަށް އޭނަގެ ފައި ކައިރިއަށް މީހަކު ތިރިވުމުންނެވެ. މަޑު މުށިކުލައިގެ ގަޔަށްދޫ ދިގު އަބާޔާއެއް ލައިގެން ކުރީމްކުލައިގެ ބުރުގަލެއް އަޅައިގެން އިން އަންހެންކުއްޖާ އިސްދަށަށް ޖަހައިގެން ރަފްހާންގެ ބޫޓުގެ ނާޑުވާ އައްސައިދެމުން ދިޔައެވެ. މަޑުމަޑު ދޮންދޮން އަތުގައި އާދަޔާ ހިލާފު ނުފެންނަ ކަހަލަ ނޫކުލައިގެ ކެވެލި ކޮޅެއް އަޅާފައިވާ އެއަންހެންކުއްޖެއްގެ މޫނު ބަލާލުމަށް ކެތްތެރިކަމެއްނެތި ރަފްހާން ހުރީ އެއަންހެންކުއްޖާ އިސްއުފުލާލާނެ އިރަކަށެވެ.

” ތެން…. ” ރަނގަޅަށް ޝުކުރުވެސް އަދާނުކުރެވެނީސް އެއަންހެންކުއްޖާ އޭނަޔަށް ބަލާވެސް ނުލާ ނާޑުވާ އައްސަދީފައި އެދިޔައީއެވެ. މާޔޫސްވެ ރަފްހާންއަށް ފުރަގަސްދީ އެދިޔަ އަންހެންކުއްޖާއަށް ރަފްހާން ފުންކޮށް ބަލާލިއެވެ. އަދި ދެވަނަ ސިކުންތުގައި އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ބޭއިޙްތިޔާރުގައެވެ. ހަމަ ގައިމުވެސް މިއަދު އޭނަގެ އެހިތުގައި އާވިންދެއް ޖަހަން ފަށައިފިއެވެ. ނޫކުލައިގެ ކެވެލިކޮޅުގެވެރި ކަމަނާއަށެވެ.

އެއްމަސްފަސް

” ކޮބާ ރަފްހާން… މިއަދު އެންމެ ފަހު ދުވަސްދޯ؟ ” ޓުރީ ޓޮޕް ހޮސްޕިޓަލަށް ވަތް ވަގުތު ރަފްހާން ފެނިގެން އޭނައާއެކު ޕޮލިހުގައި އުޅޭ ގާތްއެކުވެރިޔާ ދާއިން ސުވާލުކޮއްލިއެވެ.

” އާންޏޭ… ހާދަ ދުވަހެއް ވެއްޖެއޭ މި ޕުލާސްޓަރުގަނޑު ނުނެއްޓިގެން އުޅޭތާ… ” ހީގަނެފައި ރަފްހާން ދާއިންއާ ސަލާންކޮއްލިއެވެ.

” އޭތް… ދިމްނާ ބުނި ރަފްހާން ކައިރި ބުނެބަލާށޯ އީޝާ އޭނަގެ ހަޒް ކައިރިން ވަރިވެއްޖެޔޭ… ” ދާއިން ފާޑަކަށް އަނގަ ހަދާލަމުން އެހެން ބުނެލީ ރަފްހާންއަށް ދެން ވާނެ ގޮތް އޭނަޔަށް އެނގޭތީއެވެ.

” ސޯ…؟ ” ރަފްހާން ނިއްއަރުވާލަމުން ސުވާލުކޮއްލިއެވެ.

” ޔޫ ޑޯންޓް ވޯންޓް ހާ އެނީމޯރ؟ ” ދާއިން ހައިރާންވެފައި ސުވާލުކޮއްލިއެވެ.

” ޔާ…. އީޝާއެއްނު ބުނީ އީޝާ އަހަރެން ބޭނުމެއްނޫނޭ… ސޯ ކީއްކުރަން ރޮއެގެން އާދޭސްކޮއްގެން މީހެއްގެ ލޯބި ހޯދަނީކީ؟ އެއީ ހަމަ ބޭކާރު ކަމެއް… އެމީހަކު އަހަރެން ބޭނުމިއްޔާ އިތުރު މީހެއްގެ ކައިރިއަށް ނުގޮސް އަހަރެންގެ ގާތަށް އަންނާނެ. ދެން އަހަރެންނަށް ހެޔޮ.. ދިމްގެ ކައިރި ބުނޭ ދެން އީޝާގެ ވާހަކަ ދެން ނުދައްކާށޭ… ދެން އަހަރެން ދިޔައިއްޔޭ އިނގޭ… ދިމްއާ މަންމައަށް ސަލާމް ބުނައްޗޭ.. އޯ އެން ބައިދަވޭ ބޭބީ ވިހެއީމަ މަށަށް ގުޅައްޗޭ.. ހޮސްޕިޓަލް ނިންމާފަ މާލެ ދާން ޖެހޭ އެބަ. އެހެންވެ މަޑުކުރެވޭކަށްވެސް ނެތް. ދިމްއަށް ސޭފް ޑެލިވަރީއަކަށް އެދޭ ވާހަކަ ވެސް ބުނައްޗޭ… އިން ޝާ ﷲ ރަނގަޅުވާނެ ހުރިހާ ކަމެއްވެސް. ” ރަފްހާން ހީލަމުން އެތެރެއަށް ހިނގައިގަތެވެ.

” މުހައްމަދު ރަޕްހާން؟ ” ބޭސް އަޅާ ކޮޓަރިއަށް ވަދެ އެތަނުން އެނދެއްގައި އިށީނުމާއެކު ރަފްހާންގެ މެޑިކަލް ރިޕޯޓް ލިޔެފައިވާ ގަނޑު ހިފައިގެން ނަރުސް ޔުނީފޯމުގައި ހުރި އަންހެންކުއްޖަކު އައިސް އޭނަގެ ކުރިމަތީގައި މަޑުކޮއްލިއެވެ.

” ޔެސް… ” ރަފްހާން ޖަވާބުދެމުން އިސްޖަހައިގެން ގަނޑަށް ބަލަން ހުރި އަންހެންކުއްޖާއަށް ބަލާލިއެވެ.

” ޕުލާސްޓަރ ނަގަން ދޯ… ” އަންހެންކުއްޖާ ރަފްހާންއަށް ބަލާލާ ހިނިތުންވެލިއެވެ. މޭކަޕެއް ކޮއްފައިވާ ނުވާ އަންހެންކުއްޖާގެ މޫނުމަތިން ފެންނަމުން ދިޔައީ ޤުދުރަތީ ރީތިކަމެވެ. ދޮން އޮމާން އެހަންގަނޑުގައި އެއްވެސް ލަކުނެއް ނެތެވެ. އެސްފިޔަތައް ދިގު މަޑުމުށިކުލައިގެ އެދެލޮލުގައިވަނީ އިންތިހާ މައުސޫމްކަމެވެ. ހިމަ ނޭފަތަކާއި ހިތުގެ ބައްޓަމަކަށް ހުރި އެތުންފަތް އޮމާންވެފައި ހުރީ ވެސް މަޑު ފިޔާތޮށިކުލައެއްގައެވެ. ހެޔޮވަރެއްގެ އިސްކޮޅެއް ހުރި އެއަންހެންކުއްޖާގެ  އެހިމަ ހިމަ އެލޫޅާފަތި ހަށިގަނޑަށް ފިޓްވެފައިވާ ޢަޒާ ނަންކޮޅު ޖަހާފައިވާ އޭނަ ލައިގެން ހުރި ނަރުސް ޔުނީފޯމް ނުހަނު ގުޅެއެވެ.

” ހައި ރަފްހާން… ” އަންހެންކުއްޖާގެ ރީތިކަމަށް ގެއްލިފައި ހުރި ރަފްހާން ސިހުނީ ފަހަތުގައި ހުރި ދޮރުން ޑޮކްޓަރ ވަނުމުންނެވެ. ޑޮކްޓަރ އޭނަގެ އަތުގައިވި ޕުލާސްޓަރު ނެގުމަށްފަހު ރަފްހާންގެ އަތް ރަނގަޅުތޯ ޗެކްކޮށް ބަލާފައި ދިއުމުން އޭނަގެ ގަމީސް ރަނގަޅު ކުރަމުން ދަނިކޮށް ޢަޒާ އަޅައިގެން ހުރި އަންގި ނައްޓާލި ވަގުތު އެދެއަތަށް އޭނަގެ ނަޒަރު ހުއްޓުނެވެ. އަތުގެ ކުޑަ ހުޅަށް ދޫ ނޫކުލައިގެ ކެވެލިކޮޅު ޔުނީފޯމް އަތުކުރީގެ ދަށުން އެވަގުތު ފޭބުމާއެކު ރަފްހާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި އިންތަނުން ތެދުވެގެން އަވަސް އަވަހަށް ގޮސް ޢަޒާ ކުރިމަތީގައި ހުއްޓުނެވެ. ޢަޒާ ދެލޯ ބޮޑުކޮށް ހައިރާންވެފައި އޭނައަށް ބަލާލުމުން ރަފްހާން ޢަޒާގެ ކެވެލި އަޅާފައިވާ އަތުގައި ހިފާ އެކެވި ފަށަށް ރަނގަޅަށް ބަލާލިއެވެ.

” ވަޓްސް ރޯންގް ވިތް ޔޫ… ” ޢަޒާ ސިހިފައި ދުރަށް ޖެހިލަން އުޅުމުން ރަފްހާން އެއަތުގައި ބާރަށް ހިފެހެއްޓުމުން ޢަޒާގެ ހިތަށް ފާޑު ފާޑުގެ ހިޔާލުތައް ވެރިވެ ބިރުގަންނަން ފެށިއެވެ. އެކޮޓަރީގައި އެދެމިހުން ފިޔަވާ އިތުރު މީހަކުވެސް ނެތުމުން ވަގުތުން ޢަޒާގެ ދޮން މޫނުގައި ދާތިކިތައް ފާޅުވިއެވެ.

” ދެޓް ވޯޒް ޔޫ ދޯ؟ ފެރީ ޓާރމިނަލް ތެރެއިން؟ ” ރަފްހާން ކެތްތެރިކަމެއްނެތި ސުވާލުކޮއްލަމުން ޢަޒާގެ ދެލޮލަށް ބަލާލިއެވެ.

” ވަޓް؟ ކީކޭ ތިކިޔަނީ؟ ” ޢަޒާގެ އަތުގައި ރަފްހާން ހިފައިގެން ހުރުމުން އޭނަ ނުރުހިފައި ރުޅިއައިސް ސުވާލުކޮއްލި އިރު އަޑުގައި ކުޑަ ތުރުތުރު އެޅުމެއް ހުއްޓެވެ.

” އަހަރެން އަތް ބިނދިފައި އިންދާ ބޫޓުގެ ނާޑުވާ އައްސައިދިނީމެއްނު…؟ ލައިކް މަންތެއް ވަރު ކުރިން..؟ ” ރަފްހާން ޢަޒާގެ ފަރާތުން އުއްމީދުކޮއްގެން ހުރީ އޭނަ ބޭނުންވާ ޖަވާބު ލިބޭނެކަމަށެވެ.

” އޯހް… އެހެންތަ؟ އެއީ ރަފްހާންތަ؟ ” ޢަޒާގެ މޫނުމަތީގައިވި ނުރުހުން ކޮންމެވެސް ވަރަކަށް ފިލައިގެން ދިޔައެވެ. ރަފްހާން ހީލަމުން ބޯޖަހާލިއެވެ. ޢަޒާގެ މޫނުމަތީގައިވި ނުރުހުން ފިލައި މޫނުމައްޗަށް އަނެއްކާވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

” ޔެއަރ… އަހަރެން އެދުވަހު ތެންކިޔު ވެސް ނުބުނެވެނީސް ނިކުމެގެން ދިޔައީ ވިއްޔާ.. އަހަރެންދެކެ ބިރުންތަ އަނެއްކާ؟ ” ރަފްހާން ހިނިތުންވެލަމުން އެއަތުން ދޫކޮއްލިއެވެ.

” އުހުން ބިރަކުން ނޫން… ނުދަންނަ މީހެއްވީމައި ވާހަކަދައްކަން ބޭނުންނުވެގެން… ” ހީލަމުން މަޑުމައިތިރިކަމާއެކު ޢަޒާ ބުނެލިއެވެ.

” މިހާރުވެސް އަހަރެން ނުދަންނަމެއްނު ތިވާހަކަ ދެއްކިއްޔޯ؟ ބައިދަވޭ އަހަރެން އެބަ އޮތް ވަރަށް ބޮޑު ކަމަކު އެދެން.. ” ރަފްހާން އިސްތަށިގަނޑުގައި އަތް ހިންގާލަމުން ހިނިތުންވެލިއެވެ.

” ކޮންކަމެއް އަނެއްކާ؟ ” ޢަޒާ ނިއްއަރުވާލަމުން ސުވާލުކޮއްލި އިރު ދެލޮލުން ފެނިގެން ދިޔައީ އެސުވާލެއް އަހަން ކެތްމަދުވެފައިވާ ވަރެވެ.

” ކޭން ޔޫ ބީ މައި ފުރެންޑް؟ ” ރަފްހާން އެކްސްޕެކްޓް ކުރާ ކަހަލަ ގޮތަކަށް ޢަޒާއަށް ބަލާލިއެވެ. ވަގުތުން ޢަޒާ ރަފްހާންގެ ދެލޮލަށް ބަލާލަމުން ހީގަތެވެ.

” ހިހިހި… ކިހިނެތްވީ؟ ” ރަފްހާން ވާނުވާ ނޭނގިފައި އަހާލިއެވެ.

” ހީކުރީ ވަރަށް ބޮޑު ކަމަކު ކިޔަން ކަމަށޭ ރަފްހާން ތިއުޅުނީ… އޮފް ކޯޒް ވީ ކޭން ބީ ފުރެންޑްސް… ” ޢަޒާ ފުންކޮށް ހިނިތުންވެލުމާއެކު ދެކޮލަށް އަޑިކޮޅު އެޅިގެން ދިޔައެވެ.

” އަލްޙަމްދުލިﷲ… ނަންބަރ؟ ” ރަފްހާން ހިނިތުންވެލަމުން އޭނަގެ ފޯނު ދިއްކޮއްލިއެވެ. ޢަޒާ ރަކި ހީލުމަކާއެކު ބޯޖަހާލަމުން ފޯނުގައި ހިފައި އޭނަގެ ނަންބަރ ލިޔެ ދިނެވެ.

” ދަނީ އިނގޭ… އިން ޝާ ﷲ ފަހުން މެސެޖު ކޮއްލާނަން… ” ރަފްހާން ޢަޒާއަށް ހަނާ އަޅާލަމުން ބޭރަށް ނިކުތެވެ.

—

” ދަރިފުޅު… މިއަދު ހާދަ އަވަހަށް ނިމުނީ؟ ” ޖުވޭދާ ރޭގަނޑަށް ކެއްކުމުގައި އަވަދިނެތި އުޅެމުން ދަނިކޮށް އެޕާޓްމެންޓްގެ ދޮރުން ޢަޒާ ވަތްތަން ފެނިގެން ސުވާލުކުރިއެވެ.

” ލައްބަ… މިއަދު ދަސްކުރާ ކުދިން އައީމަ މަސައްކަތް ކުޑަކޮށް ލުއިވީ… ބައްޕައާއި ދޮންބެ ކޮބާތޯ؟ ” ޢަޒާ އޭނަ އަރައިގެން ހުރި ބޫޓު ހަރުގެ ތެރެއަށް ލަމުން ދެކޮޅު ހޯދާލީ އޭނަގެ ބައްޕަ ހުސެން ފެނޭތޯއެވެ. އަދި ދެއަތް ސިންކުން ރަނގަޅަށް ދޮވެލުމަށްފަހު އަތްފުހެލާ ޖުވޭދާގެ ގައިގައި ބައްދާލިއެވެ.

” ބައްޕައާ ދޮންބެ އެދިޔައީ ދެންމެ ބޭރަށް. ދެން ދޭ އިހަށް ފެންވަރަށް ދަރިފުޅާ… މަންމަ ބުނަމެއްނު އަބަދުވެސް ހޮސްޕިޓަލުން އައިސް އަވަހަށް ފެންވަރާ އެއްޗެހި ބަދަލުކުރަންވާނޭ… ” ޖުވޭދާ ޢަޒާގެ ދެކޮލުގައި ހިލާފަމުން ހީލިއެވެ.

” ލައްބަ މަންމާ.. އަންނާނަން ފެންވަރާ އަސްރު ނަމާދުކޮއްލައިގެން… ” ޢަޒާ އޭނަގެ ދަބަސް ކޮނޑުން ނަގަމުން ކޮޓަރިއާ ދިމާއަށް ހިނގައިގަތް ވަގުތު ޢަޒާގެ ފޯނަށް މެސެޖެއް އައި އަޑު އިވިގެން އޭނަ ޖީބުން ފޯނު ނެގުމަށްފަހު ފޯނު ހުޅުވާލިއެވެ. ސޭވްކޮއްފައި ނެތް ނަންބަރަކުން ހައި ޖަހާފައިވާތަން ފެނުމުން އޭނަޔަށް އެއީ ކާކުކަން އެނގިއްޖެއެވެ. ކޮޓަރިއަށްވަދެ ލިޔާ މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ.

” ހެއި… ” ޢަޒާ ރަފްހާންއަށް ރިޕްލައިއެއް ފޮނުވާލިއެވެ.

” ކިހިނެތްތަ؟ ” ރަފްހާން އެނދުގައި އޮށޯވެ އޮވެގެން ޢަޒާކުރެ ހާލު އަހާލިއެވެ.

” އަލްޙަމްދުލިﷲ. ވަޓް އެބައުޓް ޔޫ؟ ” ޢަޒާ ވެސް ރަފްހާންގެ ހާލު އަހާލިއެވެ.

…

އެދުވަހުން ފެށިގެން ދެމިހުން ވާހަކަ ދައްކަން ފެށިގޮތަށް އެގުޅުން ފުރެންޑްސް އިން ބެސްޓްފުރެންޑްސްއަށް ބަދަލުވާކަށް މާކަ ގިނަދުވަހެއް ނުނެގިއެވެ. ޢަޒާގެ އެހުންނަ މަޑުމައިިތިކަމާއި އެހިނިތުންވުމާއި ވާހަކަ ދައްކާ ރާގުން ރަފްހާންގެ ހިތުގައި ކުރިޔަށްވުރެ ވެސް ބޮޑަށް ޢަޒާދެކެ ލޯބިވެވެމުން ދިޔައެވެ. ނަމަވެސް ޢަޒާ ހީކުރާނެ އެއްޗަކާމެދު އޭނަ ކުޑަކޮށް ހާސްވެ އެވާހަކަ ދައްކަން އޭނަ ލަސްކޮށްލިނަމަ ވެސް ދޭތެރެ ދޭތެރެއިން ޢަޒާއަށް ގުޅާ ފުލާޓްކޮށް ހަދައެވެ. ޢަޒާވެސް އެކަމާ ވަކި އެއްޗެކޭ ނުބުނާތީ އޭނަވެސް އެކަމާ ރުހޭކަން ރަފްހާންއަށް އެނގެޔެވެ. ނަމަވެސް ލޯބި ހުށައަޅައިފިނަމަ ދެން ވާނެ ގޮތަކާމެދު އޭނަ ޖެހިލުންވަނީއެވެ.

—

” ހިނގާ އެއްދުވަހުން ބޭރުން މީޓްވެލަން…؟ ” ޢަޒާއަށް ގުޅައިގެން އިން ދުވަހަކު ރަފްހާން ސުވާލުކޮއްލިއެވެ.

” ޝުއަރ… ” ޢަޒާ ލުއި ހީލުމުގެ އަޑާއެކު އެކަމަށް އޭނަ އެއްބަސްވާކަން ބުނެދިނެވެ.

” އެހެންވީ އިރު މާދަން ހަވީރު ސެންޓްރަލް ޕާރކް އިން…” ރަފްހާން ވިސްނާލުމަށްފަހު ތަނެއް ބުނެލިއެވެ.

—

ޖެހިގެން އައި ދުވަސްވެގެން ދިޔައީ އެންމެ ފުރަތަމަ ރަފްހާންއާއި ޢަޒާ ބައްދަލުވި ކަހަލަ ދުވަހަކަށެވެ. އުޑުމަތި ބަނަވެފައި ވާއިރު މާލެޔާ ތަފާތުކޮށް ހުޅުމާލޭ މަގުމަތިން މީހުން މަދެވެ. ވުމާއެކު މިއަދުވީ ރަފްހާންއާއި ޢަޒާ ބައްދަލުކުރަން އެންމެ ރަނގަޅު ދުވަހަކަށެވެ.

” ކޮބާ؟ ” ރަފްހާން ކީ ގަޑި ޖެހުނު އިރު ޢަޒާގެ ޙަބަރެއް ނުވެގެން ޢަޒާއަށް ގުޅާލިއެވެ.

” މިހިރީނުން ” ލައިގެން ހުރި ވައިލެޓް އަބާޔާގެ ފަސްބައި ކޮށިކޮއްގެން ސިޑިން ފައިބައި ބޭރަށް ނިކުތް ޢަޒާ ހީލަމުން ރަފްހާންއަށް ބަލާލިއެވެ. ރަފްހާން އާޝޯހުވެފައި އެސްފިޔަ ވެސް ޖަހާ ނުލާ ޢަޒާއަށް ބަލަން ހުރެވުނީ ޢަޒާގެ ރީތިކަމުންނެވެ. ހެދުމާއި ނުހަނު ގުޅޭ ވައިލެޓްއާއި ހުދުކުލައިގެ ޑިޒައިން ޖެހި ސޯލްއާއި މޭކަޕެއް ނެތް އެމޫނުމަތީގައިވި ރީތި ހިނިތުންވުމުން ރަފްހާންގެ ތުންފަތް މައްޗަށް ވެސް ބޭއިޙްތިޔާރުގައި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

” ޔޫ ލުކް ބިއުޓިފުލް… މާޝާﷲ. ބާރަކަށްﷲ ފީކް… ” ރަފްހާން ފޯނު ނަގައި ޢަޒާގެ ފޮޓޯގަނޑެއް ވަގުތުން ނަގާލިއެވެ.

” ދެން ޒެލް… ” ޢަޒާ ލަދުން ދެއަތުން މޫނު ފޮރުވާލިއެވެ. އެގޮތަށް ޢަޒާ ހުއްޓާ ވެސް ރަފްހާން ފޮޓޯގަނޑެއް ނެގިއެވެ.

” ޔޫލުކް ހޭންޑްސަމް ޓޫ… މާޝާﷲ. ބާރަކަށްﷲ ފީކް… ” ރަފްހާން ލައިގެން ހުރި އަތްދިގު ކަޅު ގަމީސް އަތުގެ އުޅަނބޯއްޓާ ހަމަޔަށް އޮޅާފައިވާއިރު ތިރިއަށް ލައިގެން ހުރީވެސް ކަޅު ޖިންސެކެވެ. ކުރުކޮށް ކޮށާފައިވާ ކަޅުކުލައިގެ ފަން އިސްތަށިގަނޑު މައްޗަށް ނަގައިފައި ހުރުމުން އެހިތްގައިމުކަން އިންތިހާއެވެ.

” ދެން ޢަޒާ… ” ރަފްހާން އެގޮތަށް ސައިކަލުގައި އިންދާ ޢަޒާ ފޮޓޯއެއް ނެގިތަން ފެނުމުން ރަފްހާން ލަދުގަންނަ ކަމަށް ހަދަމުން މޫނު ފޮރުވާލިއެވެ.

” ހިނގާ ދާން… އަރާ ސައިކަށް… ” ރަފްހާން ފޯނު ޖީބަށް ސައިކަލުގައި ހަމަޖެހިލުމުން ޢަޒާ އޭނަގެ ހެދުން ކޮށިކޮއްލުމަށްފަހު ރަފްހާންގެ ފަހަތަށް ސައިކަލަށް އެރިއެވެ.

—

” އެބަ އަންނަން އިނގޭ… ދޭ އެހެރަ ބެންޗުގައި އިށީންނަން… ” ސެންޓްރަލް ޕާރކު ކައިރިއަށް ޢަޒާ ބޭލުމަށްފަހު ރަފްހާން ދިޔައީ ސައިކަލު ޕާރކުކުރާށެވެ. ޢަޒާ އެފެހިކަންގަދަ ގަސްތައް ގިނަ ސެންޓްރަލް ޕާކުގެ ތެރެއަށް ވަތް އިރު މީހުން މަދުވުމުން އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މީހުން ގިނަ ތަންތަނަަށް އޭނަ ގޮސް އުޅުމަކީ ކުރާ ހިތްވާކަމަށް ނުވާތީއެވެ.

ބެންޗުގައި އިށީނދެ ވަށައިގެން ފެންނަ މަންޒަރު ރީތިކަމުން ފޯނަށް ރައްކާކުރަމުން ދަނިކޮށް ރަތްކުލައިގެ ހުއްޕާހަންތަކެއް އޭނަގެ ލޮލުގައި އަޅައިގަތެވެ. އަދި ‘ވިލް ޔޫ ބީ މައި ގާރލް’ ޖަހާފައިވާ ބެނާއެއްގައި ހުއްޕާހަންތައް ހަރުކޮށް އެބެނާ ހިފައިގެން ހަވަރަކަށް ޒުވާނުން ހިނގާފައި އޭނަޔާ ދިމާއަށް އަންނަމުން ދިޔައެވެ. ކުއްލިއަކަށް އެމިހުންގެ ފަހަތުން އައިސް ކުރިމައްޗަށް އަރައި ޢަޒާގެ ގާތަށް ހުއްޓުނު ރަތް ފިނިފެންމާ މާބޮނޑިއެއް ހިފައިގެން ހުރި ރަފްހާން ފެނިފައި ޢަޒާއަށް ސިހިފައި ކޮޅަށް ތެދުވެވުނެވެ. އަދި ޤަބޫލު ނުކުރެވޭ ފަދަ ގޮތަކަށް ބަލަހައްޓައިގެން ހުއްޓާ ރަފްހާން އެއްފައި މައްޗަށް ތިރިވެ އެމާބޮނޑި ދިއްކޮއްލިއެވެ.

” އައި ފެލް ފޯރ ޔޫ ލަވް އެޓް ފަސްޓް ސައިޓް ޢަޒާ… އަހަރެންނަށް ޢަޒާގެ ސޫރަ ނުފެނުނަސް ތި ހެޔޮ ހިތް އެނގުމުން އަހަރެންނަށް ޢަޒާދެކެ ލޯބިވެވުނީ… އަސްލު ބޭނުންވެގެނެއް ނޫން… އެކަމަކު ނޭނގި ހުއްޓާ.. އެހެންވެ އަސްލު އަހަރެން ފުރަތަމަ ޢަޒާއާ ފުރެންޑްވާން ބޭނުންވީ ވެސް.. އެފަހުން އަދި ޢަޒާގެ ގޮތް މާބޮޑަށް އެނގެން ފެށުނީމައި ޢަޒާދެކެ މާބޮޑަށް ލޯބިވެވުނީ… އައި ކާންޓް ލިވް ވިތައުޓް ޔޫ ނައު ޢަޒާ… ވިލް ޔޫ ބީ މައި ގާރލް ޕުލީޒް…؟ ” ރަފްހާން ހިނިތުންވެލަމުން ޢަޒާއަށް ބަލާލިއެވެ

” އައި ޑޯން ނޯ ޒެލް… ” ޢަޒާގެ ޖަވާބު އަޑު އިވުމާއެކު ރަފްހާން ސިހިގެން ގޮސް އަތުގައި އޮތް މާބޮނޑި ވެއްޓުނު އިރުވެސް އޭނަޔަށް ނޭނގުނެވެ.

” އައި ކާންޓް ޑޫ ދިސް… ” ޢަޒާ ދެއަތުން ހެދުމުގައި ފަސްބައިގައި ހިފާ ހިއްލަމުން އޭނަ އެތަނުން ދުއްވައިގަތީ ރަފްހާންގެ އެމާޔޫސީ މޫނަށް ބަލަން ބޭނުންނުވެގެންނެވެ.

” ރަފްހާން… ހިނގާ ދެން ދަމާ… ” ހަރަކާތް ހުއްޓިފައިވި ރަފްހާންއަަށް ސިހުމެއް ލިބުނީ ދާއިން އޭނަގެ ކޮނޑުގައި ކޮއްޓާލުމުންނެވެ. ވަގުތުން ދެލޮލަށް ކަރުނަ ޖަމާވެ ބަންޑުން ވަމުން ދިޔައީ ފެން އިސްކުރެއް ދޫކުރާ އުސޫލުންނެވެ. ފިރިހެނަކަށް ވިޔަސް އޭނައަށް އެވަގުތު ވަމުން ދިޔަ އިހުސާސް ހިތުގެ އެންމެ ފުންމިނަށްވެސް އަސަރުކޮއްފިއެވެ.

ދެދުވަސް ފަސް

” ޢަޒާ… ދަރިފުޅާ… ” ޖުވޭދާ ޢަޒާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. އެނދުގައި ދެކަކޫ މަތީގައި އަތްވަށާލައި ބޯޖަހައިގެން އިން ޢަޒާ ސިހިފައި ދޮރާ ދިމާއަށް ބަލާލުމަށްފަހު އޭނަގެ އަމިއްލަ މޯބައިލް ފޯނަށް ބަލާލިއެވެ. ދެދުވަސް ފާއިތުވެގެން ދިޔައިރު ރަފްހާންގެ ފަރާތުން ކޯލެއް ކީއްކުރަން އެންމެ މެސެޖެއްވެސް އައިސްފައިނެތެވެ. ވައިބަރ އިން އޮންލައިންގައި އިންކަމަށް ވެސް އެންމެ ފަހު ދެކިފައި އިނީ އޭނަޔަށް ޕުރޮޕޯޒް ކުރި ދުވަހު އެކަންޏެވެ. ރަފްހާންއަށް އޭނަ މެސެޖުކޮށް ގުޅިއެއްކަމަކު އެފޯނަށް މެސެޖެއްވެސް އަދި ކޯލްއެއްވެސް ނުދެއެވެ. ކޮންމެ ފަހަރަކު ލިބެނީ ފޯނު ނިއްވާލައިފައިވާކަމުގެ މެސެޖެވެ.

” ޢަޒާ… ދަރިފުޅު ކީއްތަ ތިކުރަނީ؟ މިދެދުވަހު ފާއިތުވެގެން ދިޔައިރު ދަރިފުޅު ތިކޮޓަރިއަކުން ނުނިކުމޭ… ހޮސްޕިޓަލުން ލީވް ނަގައިގެން އިނަސް ކޮންމެވެސް އެއްޗެއް ކާލަންވާނެ އެއްނު. މަންމައަކަށް ނޭނގޭ އެންމެ ފަހު ދުވަހު ދަރިފުޅު ބޭރަށް ގޮސްފައި އައި ފަހުން ނުވެސް ކައި ރަނގަޅަށް. ދަރިފުޅު ހުރިހާ ކަމެއް ރަނގަޅުތަ؟ މަންމައަށް ނޭނގި ކަމެއް ހިނގީތަ އަނެއްކާ؟ ” ޖުވޭދާ ތަޅުނުލައި ހުރި ކޮޓަރި ދޮރުން އެތެރެއަށް ވަތް ގޮތަށް ގޮސް ޢަޒާގެ ގާތުގައި އިށީނދެލިއެވެ. ލޯބިވާ އަންހެންދަރިފުޅުގެ ދެލޯ ރޮއެ ރޮއެ ރަތްވެފައިވާއިރު މީހާވަނީ ކުރިޔަށްވުރެ ވެސް ހިކިފައެވެ.

” ދަރިފުޅު މަންމައާ ވާހަކަ ދައްކަބަލަ… ” ޖުވޭދާ ޢަޒާގެ ބޮލުގައި ފިރުމާލަމުން އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ.

ކުއްލިއަކަށް ގޭގެ ލައިން ފޯން ރިންގުވި އަޑު އިވުމުން ޢަޒާގެ ގަޔަށް ކައްޓެއް ހެރިހެން އެނދުން ތެދުވެގެން ކޮޓަރިން ނިކުތެވެ. އަދި އަވަސް އަވަަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލީ ރަފްހާންއަށް ވެދާނެތީއެވެ. މޯބައިލް ނަންބަރުގެ އިތުރުން ފަހުން ރަފްހާންއަށް އޭނަ ވާނީ ގޭގެ ލައިން ފޯން ނަންބަރ ވެސް ދީފައެވެ.

“ހެއި ޢަޒާ… މިއީ ދާއިން އިނގޭ… ރަފްހާންގެ ރައްޓެއްސެއް. އެނގޭ ޢަޒާއަށް ރަފްހާން އެއީ ހަމައެކަނި ފުރެންޑެއްކަން ވެސް. އެކަމަކު އަހަރެން ބޭނުމެއް ނޫން މިކަން ޢަޒާއަށް ނާންގަ ހުންނާކަށް. ޢަޒާއަށް ޕުރޮޕޯޒް ކުރި ދުވަހު ރަފްހާންއާއި ޖޮބްގެ އެހެން ދެތިން ކުއްޖަކު ބޭރު އޮޕްރޭޝަނެއްގައި އެމަޖެންސީކޮށް މާލޭން ބޭރުން ދިޔަ ގޮތަށް އެމިހުންގެ ޙަބަރެއް ނުވެގެން މިއުޅެނީ… އެކޮޅު ހެޑުން އެބަ ބުނޭ އެމިހުން ދެން ނާންނާނެކަމަށް… ” ދާއިން ދިން ޙަބަރަކުން ޢަޒާ ވެއްޓެން ދަނިކޮށް އޭނަގެ ދޮންބެ އަރީންއަށް ޢަޒާ ހިފަހައްޓާލެވުނީ ހަމަ ކިރިޔާއެވެ.

—

” ޑޮކްޓަރ ބުނީ ޢަޒާ މިދެތިން ދުވަހު ނުކާތިވެޔޯ އެހެން އެވީ… ޖުވޭދާ ކީއްތަ ކުރަނީ ޢަޒާގެ ހާލު ބަލާ ނުލާ… ގޭގައި ގިނަ ވަގުތު ޢަޒާ ގާތުގައި އުޅޭ މީހަކަށް ވާނެ ޖުވޭދާ…” ޢަޒާގެ ބައްޕަ ހުސެން ނުރުހުންވެފައި ޖުވޭދާގެ ގާތުގައި ކިޔަމުން ދިޔައެވެ.

” ނޫނެކޭ ހުސެން.. ޢަޒާއަށް ކޮންމެވެސް ބޮޑުކަމެއް ވެއްޖެ… އަހަރެންނަށް އެނގޭ އެހެންވެކަން ޢަޒާއަށް އެހެން އެވީ.. ” ޖުވޭދާގެ ކަރުނައިން ފުރެމުން ދިޔަ ދެލޯ ފޮރުވުމަށް މޫނުމަތީގައި ދެއަތް އަޅާލަމުން ގޮނޑިއެއްގައި އިށީނެވެ. ހުސެން ފުންނޭވާއެއް ދޫކޮއްލަމުން ދުރުގައި ހުރި ދޮށީ ދަރިފުޅު އަރީންއަށް ބަލާލުމަށްފަހު ކުރިމަތީގައި އޮތް އެނދުގައި އޮތް ޢަޒާއަށް ބަލާލިއެވެ. ވޯރޑުގައި އައިވީ ގުޅާ އެނދުމަތި ކޮއްފައިވާ ޢަޒާ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ވަރުދެރަކަމެވެ.

—

” އައްސަލާމް ޢަލައިކުމް ދޮންބެދައްތާ… ދޮންބެދައްތަ ކިހިނެތްތަ؟ ކޮބާ ޢަޒާ؟ ” އެޕާޓްމެންޓްގެ ބެލް ޖެހުމުން ދޮރު ހުޅުވަން ޖުވޭދާ ދިއުމާއެކު ކުރިމަތީގައި ހުރި ނޫރާން ފެނިފައި އެމޫނުމަތި ކުޑަކޮށް އުޖާލާވެގެން ދިޔައެވެ.

” ވަޢަލައިކުމުސަލާމް ނޫރާން… އަލްޙަމްދުލިﷲ ދޮންބެދައްތަ ހަމަ ރަނގަޅު.. ޢަޒާ ބަލިވެ އުޅޭތީވެ ދޮންބެދައްތަ މިއަދު ނޫރާންއަށް ގުޅަންވެގެންނޭ މިއުޅުނީ ވެސް… ވަދޭ އެތެރެއަށް… މަންމަމެން ރަނގަޅުދޯ؟ ” ޖުވޭދާ ނޫރާންގެ ބޮލުގައި ފިރުމާލަމުން އޭނަ އެތެރެއަށް ވަންނަން ތަން ދެއްކިއެވެ.

” އަލްޙަމްދުލިﷲ މަންމަމެން ހަމަ ރަނގަޅު… ޢަޒާއަށް ކިހިނެތްވީ ދޮންބެދައްތާ؟ ގުޅީމަ ފޯނު ނުނަގާތި މިއައީ ވެސް… ” ނޫރާން ސިންކުން ދެއަތް ދޮވެލަމުން ޖުވޭދާކުރެ ކަންބޮޑުވެފައި ސުވާލުކުރިއެވެ.

” ދޮންބެދައްތައަކަށް ނޭނގޭ ނޫރާން.. ދޮންބެދައްތަ އެހީމަ ޖަވާބެއް ނުދޭ… މިފަހަކަށް އައިސް ވަރަށް ގިނައިން ފޯނުގައި އިނދެ ހީހަދާތަން ދޮންބެދައްތަ ދެކެން. ހީވީ ކަމުދާ ކުއްޖަކާ ވާހަކަދައްކާހެން… ދެން ނޭނގެ މީގެ ހަތަރު ވަރަކަށް ދުވަސްކުރިން ކޮންމެވެސް ފިރިހެންކުއްޖަކާއެކު ބޭރުގައި ދިޔަތަން ދޮންބެދައްތަ ދުށިން. އެދުވަހު ގެޔަށް އައި ގޮތަށް ބޭރަކަށް ނުނިކުމެ ދެލޯ ހުންނަނީ އަބަދު ރަތްވެފައި. އެއްޗެއް ނުވެސް ކައި ރަނގަޅަށް. ދެވަނައަށް ވީ ދުވަހު ކޮންމެވެސް ފޯނު ކޯލެއް ނެގި ފަހުން މީހާ އަނބުރައިގަނެގެން ވެއްޓުނީ. އެފަހުން އައިވީ ގުޅާފަ ބޭއްވީ އެއްދުވަސް ވަންދެން. މިއަދު އައިވީ ނައްޓާލާފަ ގެޔަށް އެދޫކޮއްލީ. އެކަމަކުވެސް ދޮންބެދައްތަ ހަމަ ކަންބޮޑުވަނީ.. ދޮންބެދައްތައަށް ހީވަނީ އެފިރިހެންކުއްޖައާ ޢަޒާއާ ކޮންމެވެސް މައްސަލައެއް ޖެހުނީހެން. ދަރިފުޅާ ނޫރާން އަޅެ ޢަޒާއާ ވާހަކަދައްކަބަލަ… ” ޖުވޭދާގެ ނުތަވަސްކަން ވެރިވަމުން ދިޔަ މޫނަށް ބަލަހައްޓައިގެން ނޫރާން ޖުވޭދާ ކިޔަމުން ދިޔަ ވާހަކަތައް އަޑު އަހަން އިނެވެ.

” ލައްބަ… އިން ޝާ ﷲ މިއަދު ދައްކާނަން… މިދަނީ އިނގޭ ޢަޒާގެ ގާތަށް… ” ނޫރާން އުއްމީދީ ހިނިތުންވުމެއް ޖުވޭދާއަށް ދެމުން ޢަޒާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

” ޢަޒާ… ކިހިނެތްތަ؟ ” އެނދުގައި ނިދާފައި ނޫނަސް ނެގި މަޑުވެ ކުޑަދޮރުން އެޅެމުން ދިޔަ އައްޔަށް ބަލަހައްޓައިގެން އޮތް ޢަޒާއަށް ބަލާލައި ނޫރާން ކޮޓަރި ދޮރު ލައްޕާލަމުން ޢަޒާ ކުރެ އެހިއެވެ. އަދި ގޮސް ޢަޒާގެ ދާދި ގާތުގައި އިށީނދެ ޢަޒާގެ ދެއަތުގައި ހިފާލިއެވެ. ވަގުތުން އެނދުން ތެދުވި ޢަޒާ ރޮއެގަނެފައި ނޫރާންގެ ގައިގައި ހިފައިގަތެވެ.

” ވަޓްސް ރޯންގް ޢަޒާ؟ ޢަޒާ ބުނެދީބަލަ… އެހެންޏާ ވެސް ހުރިހާ ކަމެއް އަހަރެންނާ ހިއްސާ ކުރަނީނުން.. އަހަރެން މިހުރީ ޢަޒާގެ ހުރިހާ ވާހަކައެއް އަޑުއަހަންށޭ… ” ނޫރާން ޢަޒާ ދުރުކޮއްލަމުން ޢަޒާއަށް ބަލާލި އިރު އޭނަގެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެވެ. ޢަޒާއާއި ނޫރާންއަކީ ދެބެންދެދަރި ދެކުދިން ކަމުގައި ވިޔަސް ގިނަ ފަހަރު އެކު އުޅެވެނީ ގާތް ރަހުމަތްތެރިން ހެންނެވެ. ވުމާއެކު އެދެމެދުގައި ސިއްރެއް އޮތުމަކީ ނާދިރުކަމެވެ.

” ނޫރް… ” ޢަޒާއަށް އިތުރު ވާހަކައެއް ބުނުމުގެ ކުރިން އަނެއްކާވެސް ދެލޯ ކަރުނުން ފުރި އަޑުވެސް ބެދިގެން ދިޔައެވެ. ގިސްލަ ގިސްލާފައި ރޮމުން ދިޔަ ވަރުން އެންމެ ފަހުން ނޫރާންއަށް ވެސް ރޮވުނީއެވެ.

” ތިވާހަކަ ދެން ބާއްވަމާ ފަހަށް.. ހިނގާ އިހަށް ހިތްހަމަޖައްސާލަން ބޭރަށް ގޮސްލަން… ” ނޫރާން ދެލޯ ފުހެލަމުން ޢަޒާގެ ދެލޯވެސް ފުހެލަދީ އޭނަ ބެލީ ޢަޒާ ހިތްހަމަޖެއްސޭތޯއެވެ. ޢަޒާ މަޑުމަޑުން ބޯޖަހާލުމާއެކު ނޫރާން އޭނަ ގާތުގައި ރެޑީވާން ބުނެ ނުކުތީ ބޭރަށެވެ.

—

” މިތާ އިށީންނަންވީނުން… އެބަ އަންނަން އިނގޭ… ” ހުޅުމާލޭގެ ރެސްޓްރޯރެންޓްއެއް ކައިރިއަށް ޢަޒާއާއި އެއްކޮށް ނޫރާން އައިސް މަޑުކުރުމަށްފަހު ނޫރާން އޭނަގެ ސައިކަލު ޕާރކު ކުރުމަށް ދިއުމުން ޢަޒާ މަޑުކުރީ ރެސްޓްރޯރެންޓްގެ ބޭރުގައިވާ ބެންޗެއްގެ މަތީގައެވެ. ދެއަތުގެ އިނގިލިތަކާ ކުޅެން އިން އިރު އެމޫނުމަތިން އަދިވެސް ފެންނަމުން ދިޔައީ މާޔޫސްކަމާއި ވަރުދެރަކަމެވެ. ރީތި އޮލިވްކުލައިގެ ބުރުގަލަކާއި އަބާޔާ ކަޅު ހެދުމެއްގައި ޢަޒާ އިނެއްކަމަކު އެމޫނުމަތީގެ ރީތިކަންވަނީ ފަނޑުވެފައެވެ.

ކުއްލިއަކަށް އޭނަގެ ކުރިމައްޗަށް ތިރިވެ އޭނަ އަރައިގެން އިން ސުނީކާޒްގެ ނާޑުވާ އައްސައިދޭން އުޅުނު ޒުވާނާ ފެނިފައި އޭނަ ދިޔައީ ސިހިގެންނެވެ. ބާމަތިފުޅާ ބިޔަ ހަށިގަނޑެއްގެވެރި ޕޮލިސްގެ އެސް.އޯ ޔުނީފޯމް ލައިގެން އިން އެޒުވާނާގެ ފަން ކަޅުއިސްތަށިގަނޑާއި މޫނުގެ ބައްޓަން ފެނުމާއެކު ރަފްހާންއާއި ވައްތަރުވުމުން އޭނައަށް ވަގުތުން ކޮޅަށް ތެދުވެވިގެން ދިޔައީ ގަޔަށް ކައްޓެއް ހެރި ފަދައިންނެވެ.

” ޒެލް!!! ” ޢަޒާގެ ނާޑުވާ އައްސައިދީފައި ތެދުވި އެޒުވާނާގެ މޫނު ފެނުމާއެކު ރޮއެގަނެފައި ޢަޒާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ.

” ހެއި ޢަޒާ… ” ޒަޙަމް ލިބި ބެންޑޭޖު އަޅާފައިވާ ރަފްހާންގެ މޫނުމައްޗަށް ވެރިވެފައިވަނީ ފުން ހިނިތުންވުމެކެވެ.

” ވެއަރ ވާ ޔޫ؟ އައި މިސްޑް ޔޫ ސޯމަޗް ޒެލް… ކިހާ ވަރަކަށް އަހަރެން ޒެލް ހޯދަން މަސައްކަތްކުރާނީ!؟ ” ރުޅިއައިސް ރޮމުން ޢަޒާ ރަފްހާންގެ ދެކޮނޑުގައި އަތް އަޅުވާލުމަށްފަހު އެހަށިގަނޑުގައި ބައްދާލިއެވެ.

” ސޮރީ ފޯރ މޭކިން ޔޫ ވޮރިޑް ޢަޒާ… ޖޮބްގެ ކަމެއްގައި އައި ހެޑް ޓު ލީވް… އައި މިސްޑް ޔޫ ޓޫ ޢަޒާ… ” ރަފްހާން އޭނަގެ ދެއަތް ޢަޒާގެ ހަށިގަނޑުގައި ވަށާލަމުން ކިޔައިދިން އިރު އޭނަގެ ދެލޯ ވެސް ވަނީ ކަރުނުން ފުރިފައެވެ.

” ޢަޒާ ބަލީތަ؟ ” ރަފްހާން ޢަޒާއާ ދުރުވެލަމުން ޢަޒާގެ މޫނަށް ރީތިކޮށް ބަލާލާ ސުވާލުކޮއްލިއެވެ.

” ދެޓްސް ހައު މަޗް އައި މިސްޑް ޔޫ… ” ޢަޒާ އަނެއްކާވެސް ރަފްހާންގެ ގައިގައި ބައްދާލިއެވެ.

” އައި އޭމް ސޮރީ… ” ރަފްހާން ޢަޒާގެ ބޮލުގައި ބުރުގާގެ މަތިން ފިރުމާލަމުން ދުރަށް ޖެހިލިއެވެ.

” އިޓްސް އޯކޭ ނައު… އެސް ލޯންގް އެސް ޔޫ އާރ ހިޔަރ ނައު… އަލްޙަމްދުލިﷲ ” ޢަޒާ ރަފްހާންގެ ކޯތާފަތަށް ބޮސްދިނެވެ.

” ވަޓް ޑޫ ޔޫ މީން؟ ” ރަފްހާން ޢަޒާގެ ހަރަކާތްތަކުން ހައިރާންވެފައި ސުވާލުކޮއްލިއެވެ. ހަމަ ގައިމުވެސް ބޭރު ޤައުމެއްގައި ނޫނީ އެގޮތަށް ދެރައްޓެހިން ދެމެދު ދޮނެއް ދިނުމެއް ނުހިމެނޭނެއެވެ.

” ޔޫ ޑޯންޓް ގެޓް އިޓް؟ އައި މިސް ޔޫ އޭ ބުނީމަ ވެސް ނޭނގުނު…؟ ” ޢަޒާ ނިއްއަރުވާލަމުން ސުވާލުކޮއްލިއެވެ.

” ޢަޒާ އަހަރެން މަތިން މިސްވަނީ ފުރެންޑްއެއް ގޮތަކަށްނު… ދެން އެހެން ކޮން ގޮތެއް ވާހަކަ ތިކިޔަނީ؟ ” ރަފްހާން އެއްބުމަ އަރުވާލަމުން ސުވާލުކޮއްލިއެވެ.

” ކޯޒް އައި ލަވް ޔޫ ޒެލް…. ” ޢަޒާ ރަފްހާންގެ ދެލޮލަށް ބަލާލަމުން ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ. ވަގުތުން ރަފްހާން ސިހިގެން ދިޔަ ވަގުތު ދެލޯ ބޮޑުވެގެން ދިޔައެވެ.

” އައި އޭމް ސޮރީ އެދުވަހު ނުބުނެވުނީމައި. އައި ރިއަލައިޒްޑް ލޭޓަރ ދެޓް އައި ލަވް ޔޫ… ” ޢަޒާ ރަފްހާންގެ އަތުގައި ހިފާލިއެވެ.

” ޔޫ ވިލް އޯލްވޭސް ބީ މައި ގާރލް… އިން ޝާ ﷲ ” ރަފްހާން ހީގަނެފައި ޢަޒާގެ މެދު ހަށީގައި ހިފާ އޭނަ އުފުއްލާލަމުން އެހަށިގަނޑުގައި ބައްދާލިއެވެ.

” އައްދޭ!!! ނުބައި ވަގުތެއްގައިތަ މިއާދެވުނީ؟ ” ނޫރާންއަށް ޢަޒާއާއި ރަފްހާން ފެނުމާއެކު ހީގަތެވެ. އަދި އަވަސް އަވަހަށް އެދެމިހުންގެ ފޮޓޯގަނޑެއް ނަގައި ފޯނުގައި ރައްކާކުރިއެވެ.

” ނޫން… ނޫރް ދިސް އިޒް ހިމް… ” ޢަޒާ ރަފްހާންގެ އަތާ ހޭންޑް ލޮކްކޮއްލަމުން ރަފްހާން ތައާރަފްކޮއްދިނެވެ.

ހަތްމަސް ފަސް

” މާޝާﷲ… ބާރަކަށްﷲ ފީކް މަންމަގެ ދަރިފުޅު ހާދަ ރީއްޗޭ މިރޭ… ” ކައިވެނީގެ ހުދު ހެދުމުގައި މީހާގެ އިސްކޮޅާ ހަމަޔަށް އަރާ ރޯޒް ގޯލްޑްކުލައިގެ ލޯގަނޑު ދޮށުގައި ހުއްޓިގެން ހުރި ޢަޒާގެ ކޯތާފަތަށް ޖުވޭދާ ބޮސްދެމުން ހިނިތުންވެލިއެވެ. އޭރު ދެމައިންނާ ދާދި ގާތުގައި ނޫރާންއާއި ތިމާގެ ދެތިން ކުދިން ތިއްބެވެ.

” ކޮބާ ނުނިމޭތަ އަދިވެސް…؟ ” ކޮޓަރި ދޮރުގައި ޓަކި ޖެހުމަށްފަހު ހުސެން އެތެރެއަށްވަނެވެ.

” މާޝާﷲ.. ބާރަކަށްﷲ ފީކް…. ޢަޒާ… ” ހުސެން ވެސް ޢަޒާގެ ރީތިކަމަށް ތައުރީފްކޮއްލިއެވެ.

” ހިނގާ އަވަހަށް. ޢާޒީން އައިއްސި މިހާރު.. ރަފްހާން ވެސް އެބަ އިން ޢަޒާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައި… ” ހުސެން ޢަޒާގެ ބޮލުގައި ފިރުމާލިއެވެ. ޢަޒާ އެކަމަށް އެއްބަސްވެ ބޯޖަހާލަމުން ހުސެންގެ ފަހަތުން ބޭރަށް ހިނގައިގަތެވެ.

ކައިވެނީގެ ހުދު ހެދުމުގައި ހުރި ޢަޒާ ފެނުމުން ރަފްހާންއަށް ހުރެވުނީ އެސްފިޔަ ޖަހާލަން ވެސް ނޭނގިފައެވެ. ރަފްހާންއެކޭ އެއްފަދައިން ޢަޒާއަށް ވެސް ރަފްހާންގެ ރީތިކަން ފެނުމުން ހިނިތުންވެވުނީ ބޭއިޙްތިޔާރުގައެވެ.

ކައިވެނީގެ ކަންކަން އަމާން އޮމާން ކަމާއެކު އާއިލާގެ މީހުންނަށް ކެއުމަށް ދައުވަތުދީ ނިމިގެން އެނބުރި ޢަޒާއާއި ރަފްހާން ދިރިއުޅޭ ގެޔަށް އައިސް އެންމެ ފުރަތަމަވެސް ރަފްހާން ހިފާލީ ޢަޒާގެ އަތުގައެވެ.

” ޔޫ ލުކް ސޯ ބިއުޓިފުލް ޓުޑޭ… މާޝާﷲ… ބާރަކަށްﷲ ފީކް… ” ރަފްހާން ޢަޒާގެ ނިތައް ބޮސްދެމުން ހީލިއެވެ.

” ޔޫ ލުކް ހޭންޑްސަމް ޓޫ މައި ލަވް… މާޝާﷲ… ބާރަކަށްﷲ ފީކް… ” ޢަޒާ ވެސް ކުޑަކޮަށް ފުންނާބު ހިއްލާލުމަށްފަހު ރަފްހާންގެ ނިތައް ބޮސްދިނެވެ.

” ވަރަށް ލޯބިވޭ…. ” ރަފްހާން ހިނިތުންވެލަމުން ޢަޒާއަށް ބަލާލިއެވެ.

” އަހަރެން ވެސް…. ” ޢަޒާ ރަފްހާންގެ ހަށިގަނޑުގައި ބައްދާލިއެވެ.

އިން ޝާ ﷲ

Share Article

Follow Me Written By

Aarsh

Level 110 Stories

I am a girl who loves to write stories alot.. I hope you all readers will love to read my stories just like how i love to write them. ?❤ ~Aarsh~

Other Articles

Previous

ވީމޭ އިންތިޒާރުގައި – 13

Next

ބުނެބަލާ ލޯބިވޭ 3

Next
February 3, 2022

ބުނެބަލާ ލޯބިވޭ 3

Previews
February 3, 2022

ވީމޭ އިންތިޒާރުގައި – 13

One Comment

  1. GUITAR LOVER says:
    February 3, 2022 at 6:45 pm

    nice story ❤️❤️❤️❤️❤️

Comments are closed.



All Right Reserved!