ޖީޒާ ފަޑު ހިނިތުންވުމަކާއި އެކު އެފޮތް ހިފިއެވެ. އެވަގުތު އޮޕަރޭޝަމް ތިއޭޓަރގެ ދޮރު ހުޅުވާލުމަށްފަހު ޑޮކްޓަރ ނިކުންތަން ފެނުނެވެ. ޑޮކްޓަރގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމާއި އެކު ކަންބޮޑުވުމުގެ އަސަރެވެ.
“ކިހިނެއްތަ މިހާރު ޖަނާން” އަރުޖުން ޑޮކްޓަރ ފެނުމާއި އެކު ސުވާލު ކޮށްލިއެވެ. “އޮޕަރޭޝަންގެ ތެރޭގައި ކުޑަކޮށް މައްސަލަތަކެއް ދިމާވި.. ހަށިގަނޑުން ވަރަށް ލޭ މަދުވެފައި ހުރުމުން ލޭވެސް އެޅިން.. އޮޕަރޭޝަން ތެރޭގައި ކޮންޕްލިކޭޝަންތަކެއް އައި ނަމަވެސް މިހާރު ރަނގަޅު.” ޑޮކްޓަރ ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ. އެވަގުތު އެތަނުގައި ތިބި އެންމެންނަށް ކަހަލައިން މައިނޭވާއެއް ލެވުނެވެ. “ކޮން އިރަކުންތޯ އަޅުގަނޑަށް ބައްދަލު ކޮށްލެވޭނީ” ޖީޒާ ތެދުވެލަމުން ވާހަކަ ދެއްކިއެވެ. “ހޭ އަރާނީ އިރުކޮޅަކުން.. އެކަމަކު އަހަރެން އެޑްވައިސް ކުރާނީ އަދި އޭނައަށް އަރާމު ދިނުމަށް..” ޑޮކްޓަރ ހިނިތުންވެލަމުން އެހެން ބުނުމަށްފަހު އެތެރެއަށް ހިގައިގަތެވެ. ގިނަ ވަގުތެއް ނުވެ ޖަނާން ނެރުނެވެ. އޭރު އެއްއަތަށް އައިވީ ގުޅާފައި ހުރި އިރު އަނެއް އަތަށްވަނީ އޭރުވެސް ލޭ ގުޅާފައެވެ. މޫނުމަތިން މާބޮޑު އަނިޔާއެއް ފެންނަން ނެތަސް އެމޫނު މަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ދެލޯމެރިފައި އޮތަސް އެ މޫނުމަތިން އެތައް ކަމެއް ބުނެދޭކަހަލައެވެ.
************
ޖަނާން ބަދަލު ކުރެވުނީ ޕްރައިވެޓް ރޫމްއަކަށެވެ. ހުރިހާ ހަރަދެއް ބަލަމުން ދިޔައީ އިންޑިއަގެ އާމީގެ ބެލުމުގެ ދަށުންނެވެ. އެތަނުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައި އޮތުމުން ބޭނުން މީހަކަށް ބޭނުން ވަގުތެއް ވަދެ ނިކުމެއެއް ނެހެދެއެވެ. ޑޮކްޓަރގެ ލަފާމަތިން ޖަނާން ކައިރިއަށް ވަދެވޭ ގޮތަށް ހެދީ ފަހަރަކު މީހަކަށެވެ. ޑޮކްޓަރުންވެސް ޖަނާންގެ ކަންތައްތައް ބަލަމުން ދިޔައީ ނުލާހިކު ރަނގަޅަށެވެ. ޖީޒާއާއި ޖަނާންގެ ގްރޫޕް މީހުންނަށް ހުންނާނެ ތަނެއް ހަމަޖައްސައި ދިނީ އަރުޖުންނެވެ. ނަމަވެސް އެއްވެސް މީހަކު ޖަނާން ލޯ ނުހުޅުވަނީސް އެތަނުން ދާކަށް ބޭނުމެއް ނުވިއެވެ.
********
އަހަރެން މަޑުމަޑުން ދެލޯ ހުޅުވާލީމެވެ. ކިތައްމެ ނުސާފުކޮށް ތަންތައް ފެނުނު ނަމަވެސް އަހަރެންގެ ކުރިމަތީގައި ހިނިތުންވެލައިގެން ހުރި އަހަރެންގެ ކޮއްކޮ އަހަރެންނަށް ފެނުނެވެ. އަހަރެން މަޑުމަޑުން ހިނިތުންވުމެއް ރައްދުކޮށްލެވޭތޯ މަސައްކަތް ކުރީމެވެ. އެވަގުތު ކުއްލިއަކަށް ކޮއްކޮ އަހަރެންގެ ގައިގައި ބައްދާލިއެވެ. “އޯހް’ އަހަރެންނަށް ބޭއިހްތިޔާރުގައި އެހެން ބުނެވުނީ ވީތަދަކުން ނޫނެކެވެ. ނަމަވެސް ލިބުނު އުފަލުންނެވެ. “ކިހިނެއްތަ” ދެލޯ ފުހެލަމުން ޖީޒާ އެހިއެވެ. އަހަރެން ކުޑަކޮށް ވިސްނާލީމެވެ. އަހަރެންނަށް އޮވެވުނު ތަނާއި މެދުގައެވެ. އަހަރެންގެ ހާލާއި މެދުގައެވެ. އަހަރެންނަށް އެންމެ ފަހުން ފެނުނު ގޮތުގައި އަހަރެންގެ ގަޔަށް ތިން ވަޒަން އެރިއެވެ. އަހަރެން ސަލާމަތްވީ ކިހިނެއް ހެއްޔެވެ. އަހަރެންނަށް ތަދެއް އިހްސާސް ނުވަނީ ކީއްވެ ހެއްޔެވެ. އަހަރެންގެ ހަށިގަނޑު ބަރުހެލި ވެފައި ހުންނަ ކަހަލަ ގޮތެއް ހީވަނީ ކީއްވެ ހެއްޔެވެ. “އޯކޭ” މަޑުމަޑުން އަހަރެންގެ އަޑު އަހަރެންގެ ކަންފަތުގައިވެސް ޖެހުނެވެ. “އަހަރެން ހީކުރީ ދެން ދުވަހަކުވެސް ދޮންބެ އަހަރެންނަކަށް ނުފެންނާނެކަމަށް.. ދުވަހަކުވެސް ދެން ތިކަހަލަ މޮޔަކަމެއް ނުކުރާތި.. ޕްރޮމިސް މީ” އަތް ހިއްލާލަމުން ކޮއްކޮ ވާހަކަ ދެއްކި ގޮތުން އަހަރެންނަށް ކުޑަކޮށް ހެވުނެވެ. އެމައުސޫމް އަޑު އަހާލާހިތް ވި ވަރެއް އަހަރެން ބުނެދޭނީ ކިހިނެއް ހެއްޔެވެ. “އައި .. މިސްޑް.. ޔޫ.. ޓޫ.. ސޯ މަޗް” އަހަރެން އަތް މަޑުމަޑުން ހިއްލާލަމުން ކޮއްކޮގެ އަތުގައި ހިފާލީމެވެ. އަދި މަޑުމަޑުން އެ އަތައް ދަމާލީ ކުޑަކޮށް ތިރިވެލާށޭ ބުނެލާ ގޮތަކަށެވެ. އެވަގުތު ކޮއްކޮ ތިރިވެލުމުން މަޑުމަޑުން ބޯ ހިއްލާލާފައި ކޮއްކޮގެ ނިއްކުރިއަށް ބޮސް ދިނީމެވެ. “އަހަރެން ބޭރުގައި މަޑުކޮށްލާނަން އިނގޭ.. ވަރަށް ގިނަ މީހުން އެބަ ތިބި ދޮންބެއާއި މީޓް ކުރަން..” ކޮއްކޮ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.
އެހެން ބުނުމަށްފަހު ކޮއްކޮ އެބުރެލި ގަޑީގައި އަހަރެންގެ ލޮލުގައި އަޅައިގަތީ ކޮއްކޮގެ އަތުގައި އޮތް ފޮތެވެ. “ކޮއްކޮ” އަހަރެން ގޮވާލީމެވެ. ކޮއްކޮ އެބުރެލާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ކާކު.. ދިން ފޮތެއް ތީ” އަހަރެން އެ ފޮތް ދައްކާލަމުން ބުނެލީމެވެ. “ދޮންބެގެ ފްރެންޑް.. އޭނަ ބުނީ ދޮންބެގެ އެއްޗެހި ތެރެއިން ނޭ މި ފޮތް ފެނުނީ..” ފޮތް ނަގާ ބަލާލަމުން ކޮއްކޮ ބުނެލިއެވެ. “އަނެއްކާ ތި ފޮތް ކިންތަ” އަހަރެން ހާސްކަމާއި އެކު އަހާލީމެވެ. ކޮއްކޮ އެ ފޮތް ކިޔައިފިނަމަ އަހަރެންނަށް ދިމާވި ހުރިހާ ކަމެއް ކޮއްކޮއަށް ހުންނާނީ އެގިފައެވެ. އެއީ އަހަރެން ބޭނުންވި ގޮތެއް ނޫނެކެވެ. “ނޫން.. ނުކިޔަން.. އަހަރެން ހާސްވެފައި އިނުމުން މި ފޮތް މަތިން ހަނދާންނެތުނީ” އެފޮތް ހުޅުވާލަމުން ކޮއްކޮ ބުނެލިއެވެ. “ނޫން… ނޫން.. ތި ފޮތް ކިޔާނެ ކަމެއްނެތް.. ދީ” އަހަރެން އަވަސްކަމާއި އެކު ބުނެލީމެވެ. ކޮއްކޮ ހައިރާން ކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ހިނިތުންވެލަމުން އަތް ދިއްކޮށްލީމެވެ. ކޮއްކޮވެސް ހިނިތުންވުމެއް ރައްދުކޮށްލަމުން އެފޮތް އަހަރެންގެ އަތަށް ދިނެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
**********
އެތައް ދުވަހެއްފަހުން އަހަރެންނަށް އަރާމު އެނދެއްގައި އޮށޯވެލެވުމުން އެތައް ކަހަލަ އިހްސާސްއެއް އަހަރެންގެ ހިތައް އަރާފައިބަމުން ދިޔައެވެ. އަހަރެން އޮތް ކޮޓަރި ތެރެއަށް ބަލާލިމެވެ. އައިވީ ސްޑޭޓް އެނދުގެ އެއްފަރާތެއްގައި ބެހެއްޓިފައި ހުއްޓެވެ. ކައިރީގައި ބެހެއްޓިފައި ހުރި ކުޑަ މޭޒުމަތީގައި ބޮޑު މާ ޓުކުރިއެއް ބެހެއްޓިފައި ހުއްޓެވެ. އެއްފަރާތުގައި އައިސް އަލަމާރިއެއް ބެހެއްޓިފައި ހުރި އިރު އޭގެ މަތިން ވާގޮތަށް ފާރުގައި ފަތި ޓީވީ އެއް ހުއްޓެވެ. އޭސީ އެތަނުގައި ޖައްސާފައި ހުރުމުން އެތަނުގައި ވަނީ ފުދޭވަރަކަށް ފިނި ހިފާފައެވެ. “ހޭ މޭން” އަރުޖުންގެ އަޑު އިވުމުން އަހަރެން ބަލާލީމެވެ. “ކޮބާ ކިހިނެއްވަނީ” އަރުޖުން އައިސް އަހަރެންގެ ކައިރިއަށް ހުއްޓުނެވެ. “އެއްވެސް ވަރަކަށް އަހަރެންނަކަށް ތަދެއް ނުވޭ” އަހަރެން މަޑުމަޑުން ތެދުވުމަށް މަސައްކަތް ކުރަމުން ވާހަކަ ދެއްކީމެވެ. “ނޫން.. ނުތެދުވޭ.. އަދި ތަދުވާނެ.. ވަރަށް” އަރުޖުން ހިނިތުންވެލަމުން އަހަރެން ހުއްޓުވަމުން ބުނެލިއެވެ. “އަހަރެންގެ ފުރާނަ ސަލާމަތް ކުރީތީ ޝުކުރިއްޔާ” އަރުޖުން އެތަނުގެ ގޮޑިއެއް ނަގާ އިށީނަމުން ވާހަކަ ދެއްކިއެވެ. “އަހަރެން ގެ ފުރާނަ ވެސް ސަލާމަތް ކުރީތީ ޝުކުރިއްޔާ” އަހަރެންވެސް ބުނެލީމެވެ. “އައި އޭމް ސޮރީ.. އަހަރެންނަށް ރީޝާގެ ހަށިގަނޑު ސަލާމަތެއް ނުކުރެވުނު” އަރުޖުން އަހަރެން އެންމެ ފަހު ވަގުތު ބުނަން އުޅުނު ޖުމްލަ ނަގައިގަނެވުނު ކަން އަންގާލަމުން ބުނެލިއެވެ. އަހަރެން އިސްޖަހާލީމެވެ.
“އެމީހުންނަށް އެއްވެސް އެއްޗެއް ފެނުނުތަ” އަހަރެން އަހާލީމެވެ. “އެތައް ގޮއްވާލީ އަހަރެން ޖަނާން ހަމަ ނެރުނުތަނާ.. ހުރިހާ އެއްޗެއް ހުރީ އެއްސިފައެއްގައި.. އަހަރެންނަށް ހިޔެއްނުވޭ..” އަރުޖުން މާޔޫސްކަމާއި އެކު ބުނެލިއެވެ. އަހަރެން ނޭވާއެއް ދޫކޮށްލީމެވެ. “ކޮބާ އަހަރެންގެ އެއްޗެހި” އަހަރެން ހަމަޖެހިލަމުން އަހާލީމެވެ. އަރުޖުން އަހަރެންނާއި ދިމާލަމުން ތަންކޮޅެއް ދުރުގައި ހުރި ކޮތަޅެއް ނަގާ އަހަރެންނަށް ދިއްކޮށްލިއެވެ. “މި އޮތީ އަރުޖުންގެ ޕެންޑްރައިވް” އަހަރެން އޭގެ ތެރެއިން ޕެންޑްރައިވް ނަގަމުން ދިއްކޮށްލީމެވެ. “މީގެ އެތެރޭގައި ހުރި އެއްޗެއް ބެލިންތަ” އަރުޖުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ނޫން.. އަހަރެން ނުބަލަން..” އަހަރެން ބުނެލީމެވެ. “މީގެ ހުރީ އަހަރެންގެ ޤައުމުގެ ކޮރަޕްޓް މީހުންގެ މައުލޫމާތު.. އަހަރުމެން މަރުވެގެންވެސް މިކަހަލަ އެއްޗެހި ސަލާމަތް ކުރަންޖެހޭ.. އެމީހުން އެތިބެނީ ލާރިގަނޑު ކައިލަ ކައިލާ” އަރުޖުން ހިތްހަމަނުޖެހިފައި ވާހަކަ ދެއްކިއެވެ. “ކީއްކުރަން ކޮއްކޮއަށް ފޮތް ދިނީ” އަހަރެން ފޮތް ދައްކާލަމުން އަހާލީމެވެ. “އަހަރެން ކުޑަކޮށް މަތި މަތިން ބަލާލިއިރު ‘ސިސްޓަރ’ ޖަހާފައި އިން ދެތިން ތަނެއް ފެނުނު.. އަހަރެން ހީކުރީ ކޮއްކޮއަށް ޙާއްސަ އެއްޗެއް ކަމަށް އެއީ” އަރުޖުން ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ. “އެއީ ކޮއްކޮއަށް ލިޔެފައި ހުރި އެއްޗެއް ނޫން ދޯ” އަރުޖުން އަހަރެންގެ މޫނުމަތިން ފެނުނު ކުލަވަރު ދެނެގަނެވުނެވެ. “އެއީ އެތަނުގައި އަހަރެން ކުރިމަތިލާން ޖެހުނު ހުރިހާ އަނިޔާއެއްގެ ވާހަކަ.. ” އަހަރެން ބުނެލީމެވެ. “އަހަރެންނަކަށް ނޭނގެ.. ތި މީހުންގެ ބަހުން ލިޔެފަ ހުރީމަ..” އަރުޖުން ބުނެލިއެވެ. އަހަރެން ހިނިތުންވުމެއް ރައްދުކޮށްލީމެވެ.
“ދެން.. މިހާ ހިސާބުން ނިމުނީތަ..” އަހަރެން އަހާލީމެވެ. “ނޫނޭ.. އަދި މިފެށުނީ.. ޖަނާންއާއި ބެހޭގޮތުން އަހަރެން ވަރަށް ވާހަކަ އަޑު އަހައިފިން.. ބޭނުން ވެއްޖެނަމަ އަހަރުމެންގެ ގައުމުން ޖަނާންއަށް ކޯސްލިބިދާނެ.. އޭރުން އަހަރެންނަށް ދަސްވެފައި ހުރި ހުރިހާ އެއްޗެއް ދަސްކޮށްދެވޭނެ.. ބަޑިޖަހަންވެސް” އަރުޖުން އަކީ އޭނަގެ މިޒާޖުގައި މަޖާގޮތެއް ހުންނަ މީހެކެވެ. “އަހަރެންނަށް ބަޑި ޖަހަން އެނގޭ..” އަހަރެން ބުނެލީމެވެ. “އާ.. އެނގޭ.. ކޮމްޕިއުޓަރ އަށާއި މީހުން ނެތް ހުސްތަންތަނަށް ބަޑިޖަހަން” އަރުޖުން އެހެން ބުނަމުން ހިނިގަނޑެއް ޖަހާލިއެވެ. އަހަރެންވެސް އެ ހިނިގަނޑުގައި ބައިވެރިވީމެވެ. އެވަގުތު ބަނޑުގައި ރިއްސާލިއެވެ. އަހަރެން މަޑުމަޑުން ބަނޑުގައި އަތް ޖައްސާލީމެވެ. “ހާސްނުވޭ.. އަދި ތަދުބޮޑުވާނެ.. ތި ތަދުކަޑުވާ އިންޖެކްޝަންގެ އަސަރު ފިލާ ވަރަކަށް ތަދު ބޮޑުވާނެ.. އަހަރެން އަމިއްލަ ތަޖުރިބާއަށް ބަލާފައި މި ބުނަނީ” އަރުޖުން ބުނެލިއެވެ. “އަދި އެއްފަހަރު ޝުކުރިއްޔާ އިނގޭ.. އަހަރެންނަށް ހަމަ ޔަގީނުންވެސް އެތަނުން ސަލާމަތް ވެވުނީ ޖަނާންގެ ހިތްވަރުވެސް ގަދަވީމަ.. ފަހުން ވާހަކަ ދައްކަން ވާނެ.. މިގަޑީގައި އަރާމުކޮށްލާ” އަހަރެންގެ އަތުގައި ހިފަހައްޓާލަމުން އަރުޖުން އެހެން ބުނެލަމުން ބޭރަށް ނިކުތެވެ.
**********
“ޖަނާން” އަހަރެން ދެލޯ ހުޅުވާލީ ރޭޝަމްގެ އަޑު އިވުމުންނެވެ. އެރީތި މޫނުމަތިންވެސް ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ދެލޮލުން ކަރުނައިގެ އަސަރު އޭރުވެސް ފާހަގަވާން ހުއްޓެވެ. ރޭޝަމް އިރުކޮޅަކު ދުރުގައި ހުރުމަށްފަހު ކުއްލިއަކަށް ދުވެފައި އައިސް އަހަރެންގެ ގައިގައި ބައްދައިގަތެވެ. އެވަގުތު އަހަރެންނަށް ހީވީ އަނެއްކާވެސް މީހަކު އަހަރެންގެ ގަޔަށް ބަޑި ޖެހިންނެވެ. ބޭއިހްތިޔާރުގައި އަނގައިން ވޭނުގެ އަޑެއް ނިކުތެވެ. “ސޮރީ.. ސޮރީ” އަހަރެންގެ ގައިން ކުއްލިއަކަށް ދޫކޮށްލަމުން ރޭޝަމް ބުނެލިއެވެ. “އަހަރެންނަށް ޖަނާން ހާޓްއެޓޭކެއް ތި ދިނީ.. އެނގޭތަ އަހަރެން ހާސްވި ވަރު.. ޖަނާންގެ ހަބަރެއް ނުލިބި މިދިޔަ ހަފްތާ އަހަރެންނަށް ނޭނގެ ދިޔަ ގޮތެއްވެސް.. އޭރުވެސް އަހަރެން ބުނީމެއްނުން މިއީ ނުރައްކާތެރި މަސައްކަތެކޭ.. ކީއްވެތަ އަމިއްލައަށް ވިސްނާނުލީ.. ކީއްވެތަ” ރޭޝަމް ވާހަކަ ދައްކަމުން ދިޔައިރު އެ ރީތި ދެލޯ ފުރިގެން ކަރުނަތައް މަޑުމަޑުން ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. “ރޭޝަމް ހަމަ ހުރިހާ ޕޭޝަންޓުންނާއި ދޭތެރޭވެސް އެހާ ކެއަރ ކުރަންތަ..” އަހަރެން ސުވާލު ކޮށްލީމެވެ. އަހަރެން ރޭޝަމް ކައިރީގައި ލޯބި ވާ ވާހަކަ ބުނުމުން އޭނައަކީ އަހަރެންގެ ތެރަޕިސްޓަށް ވުމުން އަދި އަހަރެންނަކީ އޭނަގެ ޕޭޝަންޓްއަށް ވުމުން އެގުޅުން ކުރިއަށް ނުގެންދެވޭނެކަމަށް ރޭޝަމް ވަނީ ކުރިން ބުނެފައެވެ. އަހަރެން އެހެން ބުނުމާއި އެކު ހާއިރާންކަމާއި އެކު ރޭޝަމް އަހަރެންގެ މޫނަށް ބަލާލިއެވެ. އަދި ވަގުތުން ދެލޯ ފުހެލިއެވެ. “އިޓް.. ގުޑް ޓު ސީ ޔޯ” ރޭޝަމް އެހެން ބުނެލަމުން އެތަނުން ދާން އެބުރެލިއެވެ. އަހަރެން ހިނި އަންނަ ގޮތްވިއެވެ. އަދި އޭނަ ހިގައިގަތުމުގެ ކުރިން އޭނަގެ އަތުގައި ހިފެހެއްޓީމެވެ. “އަހަރެންވެސް ރޭޝަމް މަތިން ވަރަށް މިސްވި.. ވަރަށް ބޮޑަށް” އަހަރެން ބުނެލީމެވެ. ރޭޝަމް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އޭރުވެސް އެދެލޯ ވަނީ ކަރުނުން ފުރިފައެވެ.
އަހަރެން މަޑުމަޑުން ރޭޝަމްގެ އަތަށް ދަމާލީމެވެ. އޭނަ އަހަރެންނާއި ކައިރިއަށް ޖެހިލުމުން އަހަރެން މަޑުމަޑުން ކަރުނަތައް ފުހެލީމެވެ. “އަހަރެން އަދިވެސް ރޭޝަމް ދެކެ ލޯބިވޭ” މަޑުމަޑުން އަހަރެންގެ އަތުން ރޭޝަމްގެ ކަރުދަށުން އިސްތަށިގަނޑުގައި ހިފަހައްޓާލަމުން ބުނެލީމެވެ. ރޭޝަމް އެއްވެސް އެއްޗެއް ނުބުންޏެވެ. އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތުން އަހަރެންނަށް ނަގާނެ މާނައެއް ނޭނގުނެވެ. އެހެންކަމުން އަހަރެން އަތް ދުރުކޮށްލީމެވެ. ރޭޝަމް އަހަރެންނާއި ދުރަށް ޖެހިލިއެވެ. “އަހަރެންނަށް އެނގޭ ރޭޝަމްވެސް އަހަރެން ދެކެ ލައިކް ވާކަން.. އެކަމަކުވެސް.. ކިތައްމެ ވަރަކަށް ސިއްރު ކުރިޔަސް ރޭޝަމްގެ ލޮލުން ހުރިހާ ވާހަކައެއް އަހަރެން ކައިރީގައި އެބަ ބުނޭ.. ރޭޝަމް އޭރުވެސް އަހަރެންގެ ދެކެ ލައިކްވޭ.. އަދި މިހާރުވެސް” އަހަރެން ބުނެލީ ރޭޝަމްގެ މޫނައް ބަލަހައްޓައިގެން ހުރެއެވެ. “ޖަނާން.. އަރާމުކޮށްލާ.. އަހަރެން މިވަގުތު ގޮސްލާނަން” އިތުރު އެއްޗެއް ނުބުނެ ރޭޝަމް އެތަނުން ބޭރަށް ނިކުތެވެ. އަހަރެން އިރުކޮޅެއް ވަންދެން ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރީމެވެ.
***********
ދެން އެތަނަށް ވަނީ ނިހާންއާއި ފައިސަލްއެވެ. މާގިނަ ވާހަކައެއް ނިހާންވެސް ނުދައްކައެވެ. ފައިސަލްގެ މޫނުމަތިން ނުތަނަވަސްކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އަހަރެން ފެނުމުން އުފާވެފައިވާ މިންވަރު އަހަރެންނަށް އިހްސާސް ކުރެވުނެވެ. އެތަނުގައި އަހަރެން އެއްގޮތަކަށްވެސް އަހަރެންނަށް ވެގެން ދިޔަ އެއްވެސް ގޮތެއްގެ ވާހަކައެއް ނުދައްކަމެވެ. ނާޝިދުގެ ވާހަކައެއް، އަހަރެން ރަހީނު ކުރި މީހުންގެ ވާހަކައެއް، ހިލްމީގެ ވާހަކައެއް ނުދައްކަމެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުން ދިޔައީ އެއީ ނުވާ ކަމަކަށް ހަދަން ތޯއްޗެކެވެ. އަހަރެންވެސް އެމީހުން ކުޅެމުން ދިޔަ ޑްރާމާ ކުޅެމުން ދިޔައީމެވެ. އަރުޖުން ބުނިހެން ތަދުވާންފެށި ޖަހާފައިވާ އިންޖެކްޝަންގެ އަސަރު ފިލަން ފެށުމުންނެވެ. މުޅިގައިގައި ހީވަނީ ދަގަނޑު ޗޭނު ތަކަކުން ތަޅަމުން ދިޔަހެންނެވެ. ފަރީޤްމެން އަނިޔާ ކުރަމުން ދިޔައިރުގެ އަނިޔާތައްވެސް އަހަރެންގެ ހިތަށް ފެންނަމުން ދިޔައެވެ. އެހެންކަމުން އަހަރެންގެ އަނިޔާ ހަތަރު ގުނަ ބޮޑުވަމުން ދިޔަކަން އަހަރެންނަށް އިހްސާސް ކުރެވެމުން ދިޔައެވެ. އެތަނުގެ ޑޮކްޓަރުންނާއި ނަރުހުން ވަރަށް ރަނގަޅެވެ. އަހަރެންނަށް ވަމުން ދިޔަ ތަދު ކުޑަކުރުމުގެ ގޮތުން އެމީހުން އެތައް އެއްޗެއް ބޭނުން ކުރަމުން ދިޔައެވެ. ނަމަވެސް އޭގެން އެއްވެސް ފައިދާއެއް އަހަރެންނަކަށް ނުކުރިއެވެ. ވަމުން ދިޔަ ތަދަކަށް ބަދަލެއް ނާދެއެވެ.
އަހަރެން އެވޭނުގައި އެތައް ދުވަހަކު އުޅެން ޖެހޭނެކަމަށް ޑޮކްޓަރުން ބުންޏެވެ. އަރުޖުންގެ ވާހަކަ ތަކުންވެސް އަހަރެންނަށް އެކަން އެގިގެން ދިޔައެވެ. އަރުޖުންވީ އަހަރެން ހީކުރި ވަރަށް ވުރެއް ރަނގަޅު އެކުވެރިއަކަށެވެ. އަހަރެން ހޮސްޕިޓަލްގައި އޮތް ދުވަސްތަކުގައި އެތައް ގޮތަކުން އަހަރެންނަށް އެހީވަމުން ދިޔައެވެ. އޭނަގެ އާއިލާގެ ފަރާތުންވެސް އަހަރެންނަށް އެތައް އެހީތެރިކަމެއް ލިބެމުން ދިޔައެވެ. ކޮއްކޮވެސް އަހަރެން ކައިރީގައި އިންޑިއާ ގައި މަޑުކުރީ އަހަރެން ދޫކޮށްލަންދެންނެވެ. ނަމަވެސް މަންމައާއި ބައްޕަ ކައިރީގައި މީގެން އެއްވެސް ވާހަކައެއް ނުބުނުމަށް ކޮއްކޮ ކައިރީގައި އެދުނީމެވެ.
**************
އެއްމަސް ފަސް
ނިހާން އަހަރެންގެ އަތުގައި ހިފައިގެން އައިސް މަޑުމަޑުން ގޮޑީގައި ބެއިންދިއެވެ. އެއްމަސް ވަންދެން އިންޑިއާ ގައި ހުރުމަށްފަހު އަހަރެން ގޮވައިގެން މިއަދު ނިހާންއާއި ރޭޝަމް މާލެއައީމެވެ. ފައިސަލް އާއި ވާހަކަ ދެއްކުމަށްފަހު އެމީހުން އަހަރެން ގޮވައިގެން އައީ އަހަރެން ޓްރެއިން ކުރުވަން ވެގެން ބަހައްޓާފައި ހުރި ތަނަށެވެ. އެތަނަށް ވަތްތާ މާކަ ގިނައިރެއްނުވެ ފައިސަލްއާއި ވަހީދުވެސް އެތަނަށް އައެވެ. “ކޮބާ ކިހިނެއް” މިވީ އެއްމަސް ތެރޭގައި އަހަރެންނަށްވަނީ ވަހީދުވެސް ފެނި އެގިފައެވެ. އެހެންކަމުން އަހަރެން ފެނުމާއި އެކު ވަހީދު އަހާލިއެވެ. “އަހަރެން އޯކޭ.. ތި މީހުން ހީކުރާހާ” އަހަރެން އިން ގޮޑިން ތެދުވަމުން އެތަނުގައި ހިގާލީ އެމީހުންނަށް އަހަރެން ރަނގަޅުކަން ދެއްކުމުގެ ބޭނުމުގައެވެ. “އޯކޭ.. އެހެންވީމަ ޖަނާން އަރާމު ކުރޭ.. އަހަރުމެން އަންނާނަން ފަހުން” ފައިސަލް އެތަނުން ބޭރަށް ނިކުންނަން ދަމުން ވާހަކަ ދެއްކިއެވެ. “ފައިސަލް.. ކިހާ ދުވަހެއް ވަންދެން ތަ އަހަރުމެން މިހެން އުޅެން ޖެހޭނީ” އަހަރެން އަޑަށް ބާރުލަމުން އަހާލީމެވެ. ފައިސަލް އަހަރެންނާއި ދިމާލަށް ބަލާލީ ކޮންހެނެއްހޭ އަހާލާ ފަދަ ގޮތަކަށެވެ. ވަހީދުވެސް އަހަރެންނާއި ދިމާލަށް ބަލާލިއެވެ.
“މިގޮތަށް.. އެކްޓް ކުރާނީ.. އެއްވެސް ކަމެއް ނުވާކަމަށް ހެދިގެން.. މިހެން އުޅޭނީ.. އަހަރެން ރަހީނުވެސް ނުވާ ކަމަށާއި އަހަރެންނަށް އެއްވެސް އަނިޔާ އެއްވެސް ނުލިބޭކަމަށް ހެދިގެން އުޅޭނީ.. ހިލްމީ އާއި ބެހޭގޮތުން ސުވާލު ނުކޮށް ތިބޭނީ.. ” އަހަރެން ފަހަރަކު މީހެއްގެ މޫނަށް ބަލާލީމެވެ. “ޖަނާން.. މިހާރު ތި ވާހަކަ ދައްކާނެ ކަމެއްނެތް.. ކުޑަކޮށް އަރާމުކޮށްލާ..” ފައިސަލް ބޭނުންވަނީ އެވާހަކަ ނުދައްކަންކަން އަހަރެންނަށް އެނގެއެވެ. “އެއްމަސް ދުވަސް.. އެއްމަސްދުވަސް މިދިޔައީ އަހަރެން އަރާމު ކުރާތާ.. އަހަރެންގެ ހިތުގައި ބައިވެރި ސުވާލު އެބަހުރި އުފެދިފަ.. އަހަރެންނަށް ޔަގީން ތި އެންމެންގެ ހިތުގައި ސުވާލު އުފެދިފައި ހުރިކަން” އަހަރެން ވާހަކަ ދެއްކީ ކުރިން ވާހަކަ ދައްކާ ގޮތާއި މުޅިން ތަފާތު ކޮށެވެ. ކުރިން އަޅުގަނޑު ކިޔައިގެން ވާހަކަ ދެއްކި ނަމަވެސް އަހަރެން މިހާރު އެހާ ބޮޑަށް އެކަމަކަށް ނުބަލަމެވެ. “ޖަނާން..” “އެނގޭތަ ތީގެން އެއްވެސް މީހަކަށް ހިލްމީ މަރުވިކަން” އަހަރެން ފައިސަލްގެ ޖުމްލަ މެދުކަނޑާލަމުން ވާހަކަ ދެއްކީމެވެ. އެވަގުތު އެންމެންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ހައިރާންކަމެވެ. “ވަޓް.. ކިހިނެއް.. ކޮންއިރަކު” ނިހާން ހައިރާން ކަމާއި އެކު ސުވާލު ކުރިއެވެ. “ތިއީ އަދި ކުޑަ އެއްޗެއް.. އެގޭތަ މިކަމުގެ ތެރޭގައި އުޅެނީ ކާކުކަން” އަހަރެން ނިހާންގެ ސުވާލު ތަކަށް ޖަވާބު ނުދީ އަނެއް ސުވާލު ކޮށްލީމެވެ. އަދި އަހަރެން އެތަނުގައި ބަހައްޓާފައި ހުރި ކޮންޕިއުޓަރ ކައިރިއަށް ޖެހިލީމެވެ. އަދި އެތަނުން ގެނައި ހާޑް ޖަހާލުމަށްފަހު ފޯލްޑަރ ހުޅުވާލީމެވެ.
އަދި ވީޑިއޯ އެއް ޕްލޭ ކޮށްލީމެވެ. އެންމެންގެ މޫނު މަތިން ފެނުނު ކުލަވަރުން އެމީހުންނަށް އޭގެ ފަހަތުގައި ހުރި މީހަކީ އެއީކަން އެނގޭކަން އަހަރެންނަށް ނަގައިގަނެވުނެވެ. “ތި އެންމެންނަށް އެނގޭތަ..” އަހަރެން ހައިރާން ކަމާއި އެކު އަހާލީމެވެ. “އެހެންވީމަ އޭނަ ހުރީ ހައްޔަރު ކުރެވިފައިތަ..” އަހަރެން އަހާލީމެވެ. އެވަގުތު ނިހާން ބަލާލީ ވަހީދުގެ މޫނަށާއި ފައިސަލްގެ މޫނަށެވެ. “ސަރ..” އަހަރެން ގޮވާލީމެވެ. “ނިހާން.. އޭނަގެ ފޯނުން ހުރިހާ މައުލޫމާތެއް ހޯދީ.. އެކަމަކު ޗިޓަކާއި ނުލާ.. އެހެންވީމަ އަހަރުމެންނަށް ކޭސްއެއް ނުހިންގޭނެ އެއްނުން” ވަހީދު ބުނެލިއެވެ. “ޔޫ ގޮޓް ޓު ބީ ކިޑިން” އަހަރެން ހައިރާންވި ވަރުން ބުނެލެވުނެވެ. “މިހާރު އެ އޮތީ އެމީހާ ގަނޑުގެ ނުލަފާކަން ވީޑިއޯއިން ފެނިފަ” ނިހާން ބުނެލިއެވެ. “އަހަރުމެންނަށް މިހާރު އޭނަ ހައްޔަރު ކުރެވިދާނެއެއްނުން” ރޭޝަމް ވާހަކަ ދެއްކިއެވެ. “ތި ވީޑިއޯ ތިއީ ހަދާފަ ހުރި އެއްޗެކޭވެސް ބުނެވިދާނެ” ވަހީދު ބުނެލިއެވެ. އަހަރެން ކައިރިއަށް ވަގުތުން ހިނިއައެވެ. “މާނައަކީ އޭނަ އެކުރި ކަންތައްތަކުގެ އެއްވެސް ކަހަލަ ގެއްލުމެއް އޭނައަކަށް ނުލިބޭނެއޭ.. މިކަމުގެވެސް” އަހަރެން އެހެން ބުނެލަމުން އަޅުވާލީ ހިލްމީއަށް އަނިޔާކޮށްފައިވާ ވީޑިއޯއެވެ. ފަރީޤްމެން ވަނީ ހުރިހާ އެއްޗެއް ވީޑީއޯ ކޮށްފައެވެ. އެމީހުން ބައްދަލު ކުރަންދާ މީހުންނާއި ކުރާ ހުރިހާ ކަމެވެ. އަހަރެންނަށް އަނިޔާ ކުރި ވީޑީއޯތައްވެސް އޭގެ ހުއްޓެވެ. އޭގެން ފެންނަ ގޮތުން ހިލްމީގެ ގައިގައި އެމީހުން އެތައް އެއްޗަކުން ތަޅަމުން ދިޔައެވެ. ޗާބޫކުންނާއި ޗޭކުންނެވެ. ލަޓި ބުރި ތަކުންނާއި ދަގަނޑު ބުރި ތަކުންނެވެ. އެމީހުން ބޭނުން ވާރަށް އަނިޔާ ކުރެވުމުން އެންމެ ފަހުން ބަނޑަށް ހަރާލަނީ ފުދޭވަރެއްގެ ބޮޑު ވަޅިއެކެވެ. އަހަރެން އެހުރިހާ މަންޒަރެއް ބެލުމަށްފަހު އެންމެންގެ މޫނަށް ބަލާލީމެވެ. ވަހީދުގެ ދެލޯ ބޮޑުވެފައި ވާއިރު ފައިސަލްގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ރޭޝަމްއަށް ބަލަން ނުކެރިގެން އަނެއް ފަރާތަށް އެބުރިގެން ހުރި އިރު ނިހާން ހުރީ އަނގަމަތީގައި އަތް އަޅައިގެންނެވެ.
“އެމީހުން އެވަރު ކޮށްފައިވެސް ހިލްމީ މަރާލީކީ ނޫން.. ހިލްމީ މަރުވީ އަހަރެންގެ އަތްމަތިގައި.. އެ ވޭނަށް ކެތް ނުވެގެން.. ފަރުވާއެއް ނުލިބި.. އެމީހުން އަނިޔާ ކުރުމަށްފަހު އަހަރެން އިން ތަނަށް ގެނެސް ހިލްމީ ލީ.. ތި ސަލާމަތްވުމަށް ފުރުސަތު ދެނީ މިކަމަށް މަގުފަހި ކޮށްދިން މީހާގެ” އަހަރެންގެ އަޑު ކުރަވިކަން އަހަރެންނަށް ފާހަގަ ވިއެވެ. “އެމީހުންނަކީ އަނިޔާވެރިބައެއް.. އެކަމަކު އެމީހުންނަށް ވުރެއް އެމީހާ މާ އަނިޔާވެރި” އަހަރެން ބުނީމެވެ. “އެކަމަކުވެސް.. ތީގެން އެއްވެސް އެއްޗެއް ސާބިތެއް ނުވޭ” ފައިސަލް އަހަރެންނަށް ފުރަގަސްދެމުން ބުނެލިއެވެ. “މައްސަލައެއް ނެތް.. އަހަރެން ހަމަ ބުނެލީމި” އަހަރެން ބުނެލީމެވެ. ފައިސަލް އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުން ވެލަމުން އެތަނުން ނިކުމެގެން ދިޔައެވެ. ވަހީދު އެއްވެސް އެއްޗެއް ނުބުނެ އެތަނުން ނިކުތެވެ.
**********
“އާ ޔޫ އޯކޭ..” ނިހާން އަހާލިއެވެ. “އަހަރެން ނިހާން އެހީ ބޭނުންވޭ” އަހަރެންގެ މޫނު މައްޗަށް ފަޑު ހިނިތުންވުމެއް މެދުވެރިކޮށްލަމުން ބުނެލީމެވެ. “އަހަރެން ބޭނުން ނިހާން އެމީހާގެ ފޯނުން ހުރިހާ އެއްޗެއް ހޯދުމަށް އެހީވި ކުއްޖާއާއި ވާހަކަ ދައްކަން.. ” އަހަރެން ބުނެލީމެވެ. “ކިހިނެއް އެނގުނީ” “އަހަރެންނަށް އެނގޭ ނިހާންއަކީ އެހާ މޮޅަށް ކޮންޕިއުޓަރގެ މަސައްކަތް އެގޭ މީހެއް ނޫންކަން.. ސޯ ޕްލީޒް.. މިއީ ވަރަށް މުހިއްމުކަމެއް” އަހަރެން އެދުނީމެވެ. ނިހާން ބަލާލަމުން ފޯނު ނަގާ ރައުޝާއަށް ގުޅާލިއެވެ. އަދި އަހަރެންނަށް ފޯނު ދިއްކޮށްލިއެވެ. “އަހަރެންނަށް ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ” އަހަރެން ވާހަކަ ދެއްކީމެވެ.
**********
“ބުނަން.. އަހަރެން އެކަމާއި ދެކޮޅު ހެދިޔަސް އޭގެ މާނައެއްނޫން އިނގޭ އަހަރެން މިކަމާއި އެއްބަހޭ” ބޭރަށް ނިކުމެ ރުޅިވެރިކަމާއި އެކު ވަހީދުއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ފައިސަލް ބުނެލިއެވެ. “އެކަމަކު ކުރެވޭނެކަމެއް ބުނެބަލަ.. ހީކުރަނީތަ އަހަރެން ހިތްހަމަޖެހެއޭ މިހެން ނިންމަން.. އެކަމަކު ފައިސަލްއަށް ރަނގަޅަށް އެނގޭނެ މިކަމާއި ކުރިމަތި ލައިފިނަމަ އަހަރުމެންނަށް ވާނެ ގޮތް.. ނިހާންއަށް އަދި ޖަނާންއަށް.. ކިހިނެއް އެނގެނީ” “އަހަރެންނަށް އެނގެއޭ.. އެކަމަކު އެއީ އެއްވެސް ހައްލެން ނޫން.. އަހަރެންނަށް ވާނަމަ މިހާރުވެސް އޭނަ ތިރިކޮށްލާނަން” ރުޅި ގަދަވެފައި ހުރުމުން ފައިސަލްއަށް ވާހަކަ ދެއްކުނީ ފުދޭވަރަކަށް ބާރަށެވެ. “ކޮންމެ ގޮތެއްވިޔަސް އަދި އަހަރުމެންނަށް މިކަން އެހެން މީހަކަށް އެންގޭކަން ނުއޮންނާނެ..” ވަހީދު ފައިސަލްގެ ކޮޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ.
***********
އަހަރެން އެތަނުގައި ހުރި އެނދާއި ދިމާލަށް މިސްރާބު ޖެހީމެވެ. ފަރުވާތެރިކަމާއި އެކު ހިގާލާފައި ގޮސް އަހަރެން އެނދުގައި އިށީދެލީމެވެ. އެވަގުތު އެތަނުގެ ސަތަރިގަނޑު ތެޅިލި އަޑު އިވުމުން އަހަރެން ބަލާލީމެވެ. އޭރު ރޭޝަމް އެތެރެއަށް ވަންނަނީއެވެ. “އަހަރެން ހީކުރީ ނިހާންއާއި އެކު ދިޔައީކަމަށް.” ރޭޝަމްއާއި ދިމާލަށް ބަލާލަމުން އަހަރެން ބުނެލީމެވެ. “ހީވޭތަ ތި ޕްލޭން ވޯކް ކުރާނެހެން” ރޭޝަމް އައިސް އަހަރެންގެ ކައިރީގައި އިށީދެލަމުން ރޭޝަމް އަހާލިއެވެ. “ވޯކް ނުކޮށްފިއްޔާވެސް ބެދޭނީ އަހަރެންނެއްނުން.. ކޮބާ މައްސަލައަކީ” އަހަރެން ފަރުވާކުޑަ ރާގެއްގައި ބުނެލީމެވެ. ރޭޝަމް އަހަރެންނާއި ދިމާލަށް ފާޑަކަށް ބަލާލިއެވެ. “ހީވަނީ ރޭޝަމް ކެއަރ ކުރާ ވާހަކަ ބުނަން އުޅޭހެން” އަހަރެން ރޭޝަމްގެ މޫނަށް ބަލަހައްޓައިގެން އިދެ އަހާލީމެވެ. “އެއީ މައްސަލައެއްތަ” ރޭޝަމް ރަކިފާޑަކަށް ބުނެލިއެވެ. “ހޫމް… ތިހެން އުޅެނިކޮށް ލޯބި ވެވިދާނެ” އަހަރެން ކުޑަކޮށް ރޭޝަމްއާއި ކައިރިވެލީމެވެ. “އަހަރެން ހަނދާން ނެތިފައޭ މިހުރީ.. ރީޝާ” “ރީޝާ.. އާއި ދިމާވި.. އެކަމަކު ސަލާމަތެއް ނުކުރެވުނު” އަހަރެން އިސްޖަހާލަމުން ރޭޝަމްގެ ޖުމްލަ ފުރިހަމަ ކޮށްލީމެވެ. “އައި އޭމް ސޮރީ.. އަހަރެންނަށް އެނގޭ ޖަނާންއަށް ކިހާ މުހިއްމު މީހެއްކަން އެއީ” ރޭޝަމް ބުނެލިއެވެ. “އަހަރެންނަށް އޭނަ ވަރަށް މުހިއްމު.. ސަބަބަކީ އެއީ އަހަރެންގެ ކޮއްކޮއެއް ހެން ދެކުނު ކުއްޖަކަށްވާތީ.. ޖީޒާ މަތިން ވަރަށް މިސްވޭ އޭނަ ފެންނަ ކޮންމެ ފަހަރަކު.. ލޯތްބަކީވެސް ފާޑެއްގެ އެއްޗެއް..” އަހަރެން ބުނެލީމެވެ. “ރީޝާއަށް ވުރެއް އަހަރެންނަށް އެހެން މީހަކު މުހިއްމުކަމެއް ރޭޝަމްއަކަށް ނޭނގޭ” ރޭޝަމްގެ މޫނަށް އަހަރެން ބަލާލީމެވެ
ރޭޝަމް އިސްޖަހާލީ ލަދުވެތިކަމާއި އެކުގައެވެ. އެހެންކަމުން އަހަރެންނަށް އާ ހިތްވަރެއް ލިބުނެވެ. އަހަރެން މަޑުމަޑުން ރޭޝަމްގެ މޫނުގައި ހިފަހައްޓާލީމެވެ. “އަހަރެން ރީޝާ ދެކުނީ ކޮއްކޮއެއް ގޮތަށް.. އެކަމަކ ތެދައް ބުނަންޏާމު ރީޝާގެ ލޮލަކީ އަހަރެންނަށް އެންމެ ކަމުދިޔަ އެއްލޯ.. އެކަމަކު އަހަރެންނަށް ރޭޝަމްގެ ހުރިހާ ކަމެއް ކަމުދޭ.. ހުރިހާ ކަމެއް.. ބަލާލާ ގޮތް.. ރީތި ހީލުން.. ތި ރީތި މޫނު.. ރުޅި އައީމަ ހުންނަ ގޮތް.. ހުރިހާ ގޮތެއް” އަހަރެން ބުނެލީމެވެ. ރޭޝަމް ހިނިތުންވެލިއެވެ. “އަހަރެންނަށް އެނގޭ އަހަރެން ނުބުންޏަސް ޖަނާންއަށް އެނގެކަން އަހަރެން ފީލްވާ ގޮތް” ރޭޝަމް ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. “އެކަމަކުވެސް ބުނެލީމަ ހިތްހަމަޖެހޭނެ” އަހަރެން ރޭޝަމް ކުޑަކޮށް އަހަރެންނާއި ކައިރިކޮށްލީމެވެ. “އަހަރެންވެސް.. ލައިކް.. ވޭ” ލަދުން ވިރެމުން ރޭޝަމް ބުނެލިއެވެ. އެހެން ބުނުމާއި އެކު އަހަރެން ރޭޝަމްގެ މޫނު އަހަރެންގެ މޫނާއި ކައިރިކޮށްލީމެވެ.
***********
ދަންވަރުގެ ވަގުތެވެ. އެކޮނޮމިކްސް މިނިސްޓްރީގެ އިމާރާތުގެ ހުރިހާ ލައިޓްއެއް ކަހަލައިން ވަނީ ނިއްވާލެވިފައެވެ. އިބްރާހިމް ހަސަން (މިނިސްޓަރ) އޭނަގެ ރޫމްގައި ލެޕްއިން ކުޑަކަމެއް ކުރަން އިނެވެ. ކުއްލިއަކަށް އެތަނުގައި ދިއްލާފައި ހުރި ލައިޓް ނިވުނެވެ. ސިހިފައި ބަލާލިއިރު ކުރިމަތިން ފެންނަން ހުރީ ހިޔައްޏެއް ކަހަލަ މީހެކެވެ. “ކާކު.. ކިހިނެއް މިތަނަށް ވަނީ” އިބްރާހިމް ހަސަން ވާހަކަ ދެއްކިއިރު އެއަޑުގައި ބިރުވެރިކަމެއް އުފެދިފައިވާކަން އަޑު އަހާލާ މީހަކަށް ވެއްޖެ ނަމަ އެނގޭނެއެވެ. “އަހަރެންނެއް ނޭނގުނުތަ” އަޑު އިވިގެން ދިޔައެވެ. “ޖަނާން” އިބްރާހިމް ސިހިފައި ބުނެލިއެވެ. “އެނގޭދޯ.. ހާދަ ހާސްވީ.. އަހަރެން ދުނިޔޭގަ ހުރީމަތަ” ޖަނާންގެ އަޑު އެ ހަމަހިމޭން ތަނުގައި އިވެމުން ދިޔައީ ބިރުވެރި ގޮތަކަށެވެ. “ނޫން.. އަހަރެންނަށް ޖަނާން އެނގޭނެއެއްނުން.. ވަރަށް ބޮޑަށް މަރުހަބާ.. ޖަނާންގެ މަސައްކަތް ފުރިހަމަ ވީތީ.. ” އިބްރާހީމް އޭނަގެ އަޑު ހަމައަކަށް އަޅުވަމުން ވާހަކަ ދެއްކިއެވެ. “ބުނަން.. ކޮންމެހެން މާ މޮޅު އެކްޓަރ އަކަށް ވާނެ ކަމެއް ނެތް.. އަހަރެން އތުގައި ދޭނެ އެވޯޑެއް ނެތް.. އެހެން ނޫނަސް ކަލޭގެ ތި އިނޮސެންޓް މޫނު އަހަރެންނަށް ދައްކައިގެން ވާނެ ފައިދާއެއް ނެތް.. އަހަރެންނަށް ކަލޭގެ ނުލަފާކަން ވަނީ ފެނިފަ..” ޖަނާން އެހުރި ފިޔަވަޅުވަތީގައި ހުރެ އަޑު ބާރުކޮށްލިއެވެ. “ކީކޭތަ ތިކިޔަނީ.. ކަލެއޭ.. އަހަރެންނަކީ” “ކަލޭ ތިއީ ކާކުކަން އަހަރެންނަށް ރަނގަޅަށް އެނގޭ.. ފަރީޤްވަނީ އަހަރެންނަށް ކަލެއާއި ބެހޭގޮތުން ހުރިހާ އެއްޗެއް ކިޔައިދީފަ” އަހަރެން ބުނެލީމެވެ.
“ފަރީޤް އޭ… އެއީ.. ކާކު” ހުއްޓުން އަރަމުން އިބްރާހީމް ވާހަކަ ދެއްކިއެވެ. “އަހަރެންނަށް ހީވިއޭ ކަލޭ ތި ސުވާލު ކޮށްފާނެއޭ” ޖަނާން ބުނެލިއެވެ. “ބަލާބަލަ ކަލޭގެ ލެޕް” އެހެން ބުނުމާއި އެކު އިބްރާހީމް ބަލާލީ އޭނަގެ ލެޕް އަށެވެ. އޭގެން އޭރު ފެންނަން ހުރީ އޭނައާއި ފަރީޤް ސަލާމް ކުރަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއާއި ޖެހިގެން ދެން ފެނިގެން ދިޔައީ އެމީހުންނާއި އެކު ކޮންމެވެސް އެއްޗެއް ބޯން އިންދައެވެ. ފެނިގެން ދިޔައީ ކަޅުކުލައިގެ ކުޑަ ދަބަހެއް އެމީހުންނަށް ދިއްކޮށްލާ މަންޒަރެވެ. “މިއީ އަސްލެއްނޫން.. ހަނދާފަ.. ” އިބްރާހީމް ހާސްވި ނަމަވެސް އެކަން ފޮރުވަމުން ވާހަކަ ދެއްކިއެވެ. “އަދިވެސް ބަލާ..” ޖަނާން ބުނެލިއެވެ. އެވަގުތު އެ ލެޕް އިން ފެނިގެން ދިޔައީ ނިހާން ބުނެގެން ރައުޝާ ހޯދި މެސެޖްތަކެވެ. ޖަނާން ރަހީނު ކުރުމަށާއި ހިލްމީ ރަހީނު ކުރުމަށް ކޮށްފައިވާ މެސެޖްތަކެވެ. ދެން ފެނިގެން ދިޔައީ ހިލްމީއަށް އަނިޔާ ކޮށްފައިވާ ފޮޓޯތަކެވެ. “މިއީ.. ކިހިނެއް.. ކަލޭ..” “އަޑުމަޑުކުރޭ.. އަހަރެން ދައްކާ ވާހަކަ އަޑުއަހާ.. އަހަރެން މިހުރީ ފަރީޤްމެންގެ އަތްދަށުންވެސް ސަލާމަތްވެގެން އައިސް.. ހީކުރީތަ މިވަރުގެ އެއްޗެއް އަހަރެންނަށް ނުހޯދޭނެއޭ.. މިހާރު ކަލެއަށް އޮތީ ދެގޮތުން ކުރެ އެއްގޮތް އިޙްތިޔާރު ކުރުން.. ފުރަތަމަ ގޮތަކީ މާދަން ހެނދުނު ވުމުގެ ކުރިން ކަލޭގެ ކުރި މި ކަންތަކަށް އަމިއްލައަށް އެއްބަސްވޭ.. ދެވަނަ ގޮތަކީ ކަލޭ އަމިއްލައަށް ތި ހުރި މަޤާމުން އިސްތިއުފާ ދީ.. ހެނދުނުވުމުގެ ކުރިން.. އެހެން ނޫނީ.. މާދަން ހެނދުނުގެ ހަބަރުން މި ދިވެހި ރާއްޖޭގެ އެންމެންނަށް ކަލޭގެ މުޑުދާރު އަމަލު ފަޅާއަރާނެ” ޖަނާން އިންޒާރު ދިނެވެ.
“ހީނުކުރާތި އަހަރެންނަށް ނުކުރެއޭ.. ބައެއްގެ އަނިޔާވެރިކަމުން ސަލާމަތް ވެގެން މިހާ ހިސާބަށް އަންނާނީ ކިހާ ހިތްވަރެއް ހުރީމަކަން ކަލެއަށް އެނގޭނެ ކަމަށް އަހަރެން ހީކުރަން.. އެހެންވީމަ މިވަރުގެ އެއްޗެއް މި ރާއްޖެއަށް ފަޅާއަރުވާލާކަށް އެއީ އުދަގޫކަމެއްނޫން.. ” އަހަރެން ބުނެލީމެވެ. “ކަލޭ ހީކުރަނީ ކީކޭ ކަމަށްތަ.. ބޭނުންހާ އެއްޗެއް” އެހާ ހިސާބަށް އިބްރާހީމަށް ބުނެވުނު ތަނާއި ޖަނާން އަތް އުފުއްލާލިއެވެ. “މަށަން އިންޒާރު ދޭން ވިސްނާނެ ކަމެއްވެސް ނެތް.. ކަލޭގެ ހިތްހެޔޮކަމުން އަހަރެން ފޮނުވި ތަނެއްގެ ސަބަބުން އަހަރެންގެ ބިރުވަނީ ފިލާފައި.. ކަލޭގެ ލެޕް ހެކް ކޮށް.. ކަލޭގެ ފޯނުން ފޮނުވާހުރި މެސެޖްތައް ބަލާ.. މިކަހަލަ ދަންވަރެއްގައި މިކަހަލަ ގޮތަކަށް ވަދެވުނު މީހަކަށް މާލޭގައި އެންމެ މީޑިއަރ ސްޓޭޝަންއެއް ހެކްކޮށްލުމަކީ ފަސޭހަ ކަމެއްނޫން.. މި ފޮޓޯތައް އަހަރެންނަށް ބޭނުން ގޮތަކަށް ބަހާލެވިދާނެ..” ޖަނާން ބުނެލިއެވެ. “ކަލޭބޭނުންވަނީ ކޮން އެއްޗެއް.. ބުނި ވަރަކަށް ލާރި ދެވިދާނެ.. ބޭނުން ކަމެއް ބުނޭ” އިބްރާހީމް އަވަސް ކަމާއި އެކު ބުނެލިއެވެ. އެވަގުތު ޖަނާންގެ ހުނުމުގެ އަޑު އެތަނުގައި ގުގުމައިގެން ދިޔައެވެ. “އަހަރެން ބޭނުންވަނީ ކަލޭ ކީއްވެގެން ކުރި ކަމެއްތޯ ބަލަން..” ޖަނާން ބުނެލިއެވެ. “ކަލޭ ކީއްވެގެން ކުރި ކަމެއްކަން ބުނެދީ.. އޭރުން އަހަރެން މިކަން ހުއްޓާލާނަން” ޖަނާން ބުނެލިއެވެ. “ކޮންކަމެއް.. ކޮންކަމެއް ބުނެދެންވީ” އަވަސްކަމާއި އެކު އިބްރާހީމް އެހިއެވެ. “އަހަރެން ރަހީނު ކުރަން ލާރި ދިނީ ކީއްވެ.. ހިލްމީ މަރާލުމަށް ލާރި ދިނީ ކީއްވެ.. މި ސަރުކާރު ވައްޓާލުމަށް ނާޝިދުއާއި ގުޅި ފަރީޤްމެން މިގައުމަށް އެރުމައްޓަކައި ލާރި ދިނީ ކީއްވެ” ޖަނާން އަހާލިއެވެ.
“އަހަރެން އެއް އިރަކުވެސް މި ރައީސް ދެކެ ހިތްހަމައެއް ނުޖެހެ.. ކަލޭ ރަހީނު ކުރުމަށް އަހަރެން ލާރި ދިނީ ނާޝިދުއަށް ފާރަލަމުން ކަލޭ ދާތި.. ނާޝިދުއަށް ފާރަލާނަމަ އަހަރެންނާއި ހަމައަށް އަންނަން އުދަގޫ ނުވާނެކަން އަހަރެންނަށް އެނގޭ.. ހިލްމީ މަރާލުމަށް ލާރި ދިނީ އޭނައަށް މާގިނަ އެއްޗެހި އެނގުނީ.. އޭނަ އަހަރެންނަށް ފާރަލަން ފެއްޓީމަ.. ސަރުކާރު ވައްޓާލަން ބޭނުން ނުވާނީ ކާކު.. އެމީހަކަށް ވެރިކަން ލިބެން އޮތްވަ.. އެހެންވެ އަހަރެން ފަރީޤްއަށް ލާރި ދިނީ އަހަރެން ވެރިކަމަށް އަރަން ބޭނުންވާތީ” އިބްރާހީމް ބިރުގަނެފަ ހުރި ވަރުން ހުރިހާ އެއްޗެއް ކިޔާލިއެވެ. ޖަނާން މުއްމަޅާ ބާރުކޮށްލީ ރުޅިގަދަވިލެއް ބޮޑުކަމުންނެވެ. “އެކަމަކު އަހަރެން ކުރަމުން ދިޔައީ އަހަރެންގެ އަމިއްލަ މަސައްކަތެއް ނޫނޭ..” ޖަނާން ބުނެލިއެވެ. “ޕާސަނަލީ ނުނަގާ.. ޖަނާން އެމަސައްކަތަށް ނެގުން އެއީ ޖަނާންގެ ބަދުނަސީބުކަން.. ޖަނާން ނޫން އެހެން މީހަކު އެ މަސައްކަތަށް ނެގި ނަމަވެސް ވާނީ ހަމަ ތިހެން.. ޖަނާންވާ ސަލާމަތުން އާދެވިއްޖެތާ.. ” އިބްރާހީމް ބުނެލިއެވެ. “ޝުކުރިއްޔާ” ޖަނާން އެހެން ބުނުމާއި އެކު ކުއްލިއަކަށް އިވިގެން ދިޔައީ އިބްރާހީމް ހުރިހާކަމަކަށް އެއްބަސްވި ވީޑިއޯއެވެ. އޭނަ އަމިއްލައަށް ހުރިހާ އެއްޗެއް ކިޔަމުން ދިޔަތަނެވެ. “ކަލޭ ބުނީ..” “އަހަރެން ބުނީ އޭ ކިޔާނެ ކަމެއްނެތް.. ކަލެއަށް އޮތީ ކުރިންވެސް ބުނިހެން ދެ ގޮތް.. އޭގެން ކޮންމެވެސް އެއްގޮތެއް ހަނދާ.. އެހެން ނޫނީ ރަނގަޅެއް ނުވާނެ.. އާ އަދި އެއްވާހަކަ.. އަހަރެންގެ ވެރިއެއް އަދި ކީއްކުރަން.. އެންމެ ޕޮލިހެއް ކައިރީގައި އަހަރެން މިތަނަށް އައި ވާހަކަ ބުނެފިއްޔާ ރަނގަޅެއް ނުވާނެ.. އަހަރެންނަށް މިތަނަށް ވަދެވުނު މީހަކަށް މިތަނުގެ ކެމެރާތައްވެސް ބެލޭނެ.. އެކަން ހަނދާންކުރާތި.. އަހަރެން މިކަމުގައި އަޑިއަށް ދާނަމަ.. ދާނީ ކަލޭވެސް ގޮވައިގެން.. އޭރުން ނޭވާ ހާސްވާނީ ދެމީހުން” އެހެން ބުނެލިތަނާއި ކުއްލިއަކަށް ކްރަންޓް އައެވެ. ނަމަވެސް އެތަނުގައި އޭރު އެއްވެސް މީހަކު ނެތެވެ. އިބްރާހީމް ހާސްކަމާއި އެކު ލެޕްއާއި ދިމާލަށް ބަލާލިއެވެ. އޭރުވެސް އޭގެން ފެންނަނީ އޭނަ އަމިއްލައަށް އެއްބަސްވި ތަނެވެ.
*************
“ކަލެއަށް ޔަގީންތަ މިތަނުންކަން އޭނަ މިސްކިތައް ދަނީ” ޖަނާން މަޑުކޮށްލައިގެން ހުރީ ނާޝިދު މިސްކިތަށް ދާ މަގުގައި ހުރި ގަހެއް ކައިރީގައެވެ. އޭރު ފަތސް ނަމާދު ގޮވަން ކައިރިވަނީއެވެ. “އާ އަހަރެންނަށްވެސް އަދި ރޭޝަމްއަށްވެސް ޔަގީން” ނިހާންގެ އަޑު އިވިގެން ދިޔައީ ޖަނާންގެ ކަންފަތަށް ޖަހާފައި ހުރި ހެޑްސެޓް ފޯނުންނެވެ. “އާ އެބަ އާދޭ” ތަންކޮޅެއް ދުރުން އަންނަ ނާޝިދު އެވަގުތު ޖަނާންގެ ލޮލުގައި އަޅައިގަތެވެ. ޖަނާން ހުރީ ގަސްކައިރީގައި މަޑުކޮށްލައިގެން ކަމުން ނާޝިދުއަކަށް ޖަނާންއެއް ނުފެނުނެވެ. އަނެއްކޮޅުން އެތަން ކުޑަކޮށް އަދިރިވުމުން މީހަކު ހުރިކަމެއް ނޭނގެއެވެ. “ކިހިނެއްތަ” ނާޝިދު އަރާ ހަމަވުމުން ޖަނާން ގޮވާލިއެވެ. އަދި މަޑުމަޑުން ނާޝިދު ކައިރިއަށް އައިސް ހުއްޓެލިއެވެ. ނާޝިދު ހައިރާންކަމާއި އެކު ޖަނާންގެ މޫނަށް ބަލަމުން ދިޔައެވެ. “ޖަނާން” ނާޝިދު ބުނެލިއެވެ. “ހަނދާން އެބަހުރިދޯ.. ރަނގަޅުތާ.. ނާޝިދުއަށް އެންމެ ފައިދާވި މުދާގަނޑު ހަނދާން ނައްތާލާކަށް ނުވާނެ” ޖަނާން ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. “ކި…ހިނެ..ތް..” ހާސްކަމާއި ބިރުވެރިކަމުގެ ސަބަބުން ނާޝިދުއަށް ވާހަކަވެސް ނުދެއްކުނެވެ. “ކަލޭގެ އެކުވެރިޔާ މަރުވެއްޖެ.. އަހަރެން މަރާލަން އެމީހުން ކުރި މަސައްކަތް ކާމިޔާބެއް ނުވި.. އަދި އެމީހުން ހީކުރި ގޮތަށް އަހަރެންގެ ފަރާތުން މައުލޫމާތެއް ނުހޯދުނު.. އެކަމަކު އެމީހުން އަހަރެންނަށް ކަލޭ އެމީހުންނާއި ގުޅުން އޮތް މިންވަރު ބުނެދިން..” ޖަނާން ނާޝިދުގެ ކުރިމައްޗަށް އެރިއެވެ.
“މިއީތަ ނާޝިދު ބޭނުންވި ގޮތަކީ.. އެތައް ބައެއްގެ ފުރާނަ ދުއްވާލުންތަ.. އަހަރެންގެ އެކުވެރި ހިލްމީގެވެސް.. ނާޝިދު ދީނުގަ އޮންނަނީ ހަމަ މިހެންތަ” އަހަރެން ސުވާލު ކޮށްލީމެވެ. ނާޝިދު ޖަވާބު ނުދީ އިސްޖަހާލިއެވެ. “އަހަރެން ނާޝިދުއަށް އިތުރު ފުރުސަތެއް ދޭން ބޭނުން ރަނގަޅަށް ކަންތައް ކުރުމުގެ.. މާދަން ހެނދުނު އަށެއް ޖެހުމުގެ ކުރިން ނާޝިދު ކުރި ހުރިހާ ކަމަކަށް އެއްބަސްވޭ.. އޭރުން އަހަރެން އަހަރެންގެ އަތުގައި ހުރި ނާޝިދުއާއި ދެކޮޅަށް ހުރި އެއްޗެހިތައް ނައްތާލާނަން..” އަހަރެން އެހެން ބުނުމާއި އެކު ނާޝިދު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އަހަރެންނަށް އެނގޭ ނާޝިދުއަކީ ރަނގަޅު މީހެއްކަން.. އެހެންވީމަ މިފަހަރު ރަނގަޅު ގޮތް އިހްތިޔާރު ކުރޭ..” ޖަނާން އެހެން ބުނުމަށްފަހު ދުރަށް ހިގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި އަލުން އެބުރި ނާޝިދުއާއި ދިމާލަށް ބަލާލިއެވެ. “ނާޝިދުގެ ދަރި.. ރީޝާ.. ފަރީޤް އޭނަ މަރާލީ.. އަހަރެންގެ ކުރިމަތީގައި.. ރީޝާ ބުނި ބައްޕަ ކައިރީގައި ބުނެދޭށޯ މާފު ކޮށްފީމޭ” ޖަނާން ބުނެލިއެވެ. އަދި އެތަނުން ދުރަށް ހިގައިގަތެވެ. ނާޝިދުއަށް ހުއްޓުން އަރާފައި ހުރެވުނެވެ.
********
ފަތިހުގެ އަލިކަމަށްފަހު ރީތި ހެނދުނަކަށް އިރު އެރިއެވެ. އަހަރެން ތެދުވެ އެތަނުގައި ހަނދާފައިވާ ޖިމްގައި ކުޑަކޮށް ކަސްރަތު ކޮށްލުމަށްފަހު ކޮފީ ތައްޓެއް ހިފައިގެން އައިސް މޭޒު ކައިރީގައި ޖައްސާލިތަނާ ކުއްލިއަކަށް ދޮރުހުޅުވުނު އަޑަށް އަހަރެން ބަލާލީމެވެ. އެތަނުގައި ހުރީ ނިހާންއާއި ފައިސަލްއެވެ. “އަހަރެން މިއައި ހުރިހާ ކަރުދާހެއްގެ މަސައްކަތް ނިންމާފައި.. އަހަރެން ވައުދު ވީގޮތަށް.. ޖަނާންގެ މައްސަލަ ފައިލް ވެފަ މި އޮތީ.. ޖަނާން ތިއީ މިހާރު މިނިވަނެއް” އަހަރެންގެ އަތަށް ފައިލްއެއް ދިއްކޮށްލަމުން ފައިސަލް ބުނެލިއެވެ. “އަސްލުތަ..” ވީ އުފަލުން އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. “އަސްލު.. އެހެންވީމަ ޖަނާންއަށް މިއަދު ގެއަށް ދެވިދާނެ އިނގޭ.. އަދި އެއްވާހަކަ.. ޖަނާން ބޭނުން ވެއްޖެނަމަ ޖަނާންގެ ކުރީގެ ވަޒީފާވެސް ލިބޭގޮތައް އޮތީ” ފައިސަލް ހިނިތުންވެލަމުން ބުނެލިއެވެ. “އެހެން ނޫނީ ޖަނާންއަށް އަހަރެން ކައިރިއަށް އިންޓެލް ބަޔަށް އާދެވިދާނެ.. ތިކަހަލަ ހުނަރުވެރި ކުދިން އަހަރެން ބޭނުންވޭ” ފައިސަލް ވާހަކަ ދެއްކިއެވެ. އަހަރެން ހިނިތުންވެލީމެވެ. “އަޅުގަނޑު ވަރަށް ބޭނުން.. ސަރގެ ދަށުން މަސައްކަތް ކުރަން” އަހަރެން ބުނެލީމެވެ. “ސޯ.. ވެލްކަމް ޓު ދަ ޓީމް” އަތް ދިއްކޮށްލަމުން ފައިސަލް ބުނެލިއެވެ. އަހަރެން ސަލާމް ކޮށްލީމެވެ. “ކޮން އިރަކުން އަހަރެން ޖޮއިން ކުރަންވީ” އަހަރެން ސުވާލު ކޮށްލީމެވެ. “މިއަދު ލަސްވާނެތަ” ފައިސަލް ބުނެލިއެވެ. “ރެޑީވޭ.. ނިހާން އެއައީ ޖަނާން ގެއަށް ގެންދަން” ފައިސަލް އެހެން ބުނެލުމަށްފަހު ބޭރަށް ދިއުމަށް ހިގައިގަތެވެ.
“އާ އަދި ހަނދާން ނެތިފައޭ މިހުރީ.. ވަރަށް އެހެން ކަހަލަ ކަމެއް ވެއްޖެ ރޭގަ..” ފައިސަލް އެބުރި އަހަރެންނާއި ނިހާންއާއި ދެމީހުންނާއި ދިމާލަށް ބަލާލިއެވެ. “ކިހިނެއްވީ..” އަހަރެން އަހާލީމެވެ. “ރޭގެ ދަންވަރު.. އިކޮނޮމިކްސް މިނިސްޓަރ އިސްތިއުފާ ދީފ” ފައިސަލް ބުނެލިއެވެ. “އަސްލުތަ.. ހާދަ ދެރައޭ ދޯ..” އަހަރެން ދެރަވެލަމުން ބުނެލީމެވެ. “ހޫމް.. ވަރަށް ދެރަ..ދެން އަނެއްކާ މިއަދު ހެނދުނު އިރު އެރި އިރު ނާޝިދު ހުރީ ޕޮލިސް ސްޓޭޝަން ކުރިމަތީގަ.. އޭނަ އަމިއްލައަށް ހުރިހާ ކަމަކަށް އެއްބަސްވީ” ފައިސަލް ބުނެލިއެވެ. “މީގެ ޖަނާންގެ އަތެއް ނުވާނެ ދޯ” ފައިސަލް ބުނެލިއެވެ. “އަހަރެންގެ.. އަތެއް.. އަހަރެން އިއްޔައިން ސުރެއް ފެށިގެން މިތަނުގައި މި އިނީ ބަންދުވެފައި ދޯ” ނިހާންއަށް އެއްލޯ މަރާލަމުން އަހަރެން ބުނެލީމެވެ. “ގުޑް” އެހެން ބުނެލަމުން ފައިސަލް ހިގައިގަތެވެ. “ސަރ.. މިހާރު އިބްރާހީމް ހަސަންއަކީ މިނިސްޓަރ އެއް ނޫން ވީމަ އޭނަގެ މައްޗަށް ދައުވާ އުފުލޭނެދޯ” ނިހާން ގޮވާލިއެވެ. ފައިސަލް އެއްވެސް އެއްޗެއް ނުބުނެ ބޭރަށް ނިކުތެވެ. އޭރު އެމޫނު މަތީގައި ވަނީ ހިނިތުންވުމެކެވެ.
***********
03 އަހަރު ފަސް..
ޖަނާން އޭނަގެ ޑައިރީ ލައްޕާލިއެވެ. އެދުވަސް ތަކުގެ ހުރިހާ ކަމެއްހެން އަދިވެސް ޖަނާންގެ ހިތުގައި ހަރުލާ އެބަހުއްޓެވެ. “އަނެއްކާ އެ ފޮތް ކިޔަނީތަ ލަވް” ރޭޝަމް އައިސް ފޮތް ދުރައްލަމުން އަހަރެންގެ އުގުމަތީގައި އިށީދެލިއެވެ. ރޭޝަމްއަކީ މިހާރު ޖަނާންގެ އަންހެނުންނެވެ. އަހަރެން ރޭޝަމްގެ ގައިގައި ބާރަށް ބައްދާލީމެވެ. ޖަނާންއަށް ގެއްލުނު ހުރިހާ އެއްޗެއް މިއަދު ވަނީ ލިބިފައެވެ. ޖަނާންގެ މަންމައާއި ބައްޕަގެ ލޯބި ވަނީ އަލުން ލިބެން ފަށާފައެވެ. ކޮއްކޮ ޖާނަލިސްޓްގެ ދާއިރާއިން ކުރިއަށް ދަމުން ދިޔައެވެ. ޖަނާންގެ އެކުވެރިންގެ ގޮތުގައި ނިހާން ފާހަގަ ކޮށްލެވެއެވެ. އޭނަ ރައުޝާއާއި ކައިވެނިކޮށްގެން މިހާރު ލޯބި ލޯބި ފިރިހެން ކުއްޖެއް ހުރެއެވެ. ފައިސަލްސަރގެ އެހިތެރިކަން އަބަދުވެސް ޖަނާންއަށް ލިބެއެވެ. ވަހީދުސަރ އާއި ޔާސިރުސަރގެ ވެސް އެއްބާރުލުން ލިބެއެވެ. އަރުޖުން ވީ ޖަނާންގެ އެންމެ ގާތް އެކުވެރިޔާއަށެވެ. ޖަނާން ދެއަހަރު ކުރިން އިންޑިއާއަށް ގޮސް އެމީހުންގެ އެންމެ މޮޅެތި މީހުންނާއި އެކު ޓްރެނިން ހެދި އަރުޖުން ހޯދައިދިން ފުރުސަތެއްގެ އެހީގައެވެ.
އިބްރާހީމް ހަސަން މަޤާމު ދޫކޮށްލިތާ ތިންވަނައަށް ވި ދުވަހު ހައްޔަރު ކުރީ ޕޮލިހުންނަށް ހެޔޮ އެެދޭ ފަރާތަކުން ދިން ހެކިތަކެއްގެ ސަބަބުންނެވެ. މިއަދު އިބްރާހީމް ހަސަން ދަނީ 25 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒް ކުރަމުންނެވެ. ނާޝިދު އަމިއްލަށް އޭނަ ކުރި ކަންތަކަށް އެއްބަސްވުމުން އިތުރަށް ދައްކާނެ ހެއްކެއް ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނަވެސް މިހާރު ދަނީ ޖަލުގެ ހުކުމެއް ތަންފީޒް ކުރަމުންނެވެ. މިއަދު ޖަނާންއަކީ ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާއޭވެސް ބުނެވިދާނެއެވެ. އެޅުނު ކަތި ފިޔަޅެއްގެ ސަބަބުން ކުރިމަތި ލާން ޖެހުނު އެތައް ދަތި ތަކާއި ވޭނަކާއި ކުރިމަތި ލައި ކާމިޔާބު ހޯދުމުން މިއަދު ޖަނާންއަށް އެވަނީ ދިރިއުޅުގައި ދެވަނަ ޗާންސްއެއް ލިބިފައެވެ. މިއަދުވެސް ޖަނާންއަށް އިތުބާރު ކުރާ މީހުން މަދެވެ. ލޯބިވާނެ މީހުން މަދެވެ. ނަމަވެސް ޖަނާންއަށް އެވަރުން ފުދެއެވެ. އޭނައަށް ކުރެވުނު ކުށެއްގެ ސަބަބުން އެހެން އެކަންތައް ވާނެކަން ޖަނާންއަށް އެނގެއެވެ. އެހެންކަމުން ޖަނާން މަސައްކުރަނީ ދެން އެކަހަލަ ކަމެއް ތަކުރާރު ނުކޮށް ވޭތޯއެވެ.
ކޮންމެ މީހަކީވެސް ދިރިއުޅުމުގައި އެތައް ވޭނަކާއި އެތައް ހިތްދަތިކަމެއް ކުރިމަތިލާން ޖެހިދާނެ މީހެކެވެ. ނަމަވެސް އެކަންތައްތަކުގެ ސަބަބުން ދިރިއުޅުންދެކެ ފޫހި ނުވާށެވެ. ތިމާއަށް ކުރެވޭ ކުށެއްގެ ސަބަބުން އަމިއްލަ ދިރިއުޅުން އަދަވަޅެއްގެ ތެރެއަށް އެއްލާނުލާށެވެ. ކޮންމެ މީހަކަށްވެސް ދެވަނަ ފުރުސަތެއް ލިބިދާނެއެވެ. ލިބިއްޖެނަމަ އަމިއްލަ އަތުން އެ އެއްލާނުލާށެވެ. ނަމަވެސް އިތުރު ހިތްވަރަކާއި އެކު ދިރިއުޅުމުގެން ކުރިއަށް ދާށެވެ. އަހަރުމެންގެ ދިރިއުޅުމުގައި ކުރިން ދިމާވެފައިވާ ކަންތައް އަހަރުމެންގެ ކުރިމަގު ބަނަކުރިޔަ ނުދޭށެވެ. ނަމަވެސް އޭގެން ފިލާވަޅު ދަސްކޮށް ކުރިމަގު އުޖާލާ ކުރާށެވެ.
ނިމުނީ
26 Comments
Comments are closed.
koba hurihaa kudin… mi vaahaka ves nimuny igey… mi baives hurihaa kudin nah kamudhaane kamah heekuran 🙂
dhimaavi massala aka hure cover pic uplord eh nukurevunu.. ekam pic up kurevunu haa avahah ragalhu kohlaanan igey 🙂
hurihaa kudinge faraathun fantasyge vaahaka thakah libunu tharuheebah varan bodah shukuriyya… adhives thigothah fantasyge vaahaka thakah tharuheeb dheyne kamah heekuran 🙂
alhe story ninmaaly dhw fantasy… faai v v miss waane mi story… ehen story eh warah awahah fennaane kamah unmydhu kuran… u r my favourite writer,,, luv u so much…
The story as awsome as always. But emiliyaa ah fenunu gothuga janaan ge love life thankolheh detail koh liyeli nama it would be better.. hope to see another story of yours.????????
ohhhh… thnk you so much faai… fantasy v bodah happy vejje.. 🙂
alheyy v v v rythi… kurin comment kury nuwes kiyaa… alhe fantasy faai beynumy dhen vx hama mikahala awesome story eh… u r the best… insha allah will wait for another beautiful story of u fantasy… i like ur stories.. really love all the stories… n will miss u much…
thnks bodukoh emiliyage lobi coment ah 🙂
varah reethi ingey vaahaka… i like you story…. waiting for another story….
Different and awesome story..enjoyed reading this story from the beginning to the end.great work fantasy!!may Allah bless you with same and better ability for the next story!! (Clap) (clap)
V.nice.. No superb! ?
Alhamdhulillaahu, Thafaathu reethi vaahakaeh kiyaalevijje . Liyuntheriyaage visnumah hama saabas
thnks hurihaa kudinge lobi coment thakah igey 🙂
Haadha dheraey mioh unique story nimunyma… ekam adhi vx fantasy fennaane kamah heekuran ehn unique vaahaka akaa eku.. story feshigen nimendhen vx hama vrh reethi…. 🙂 Good luck and hope to see you soon with an awesome and unique story just like this.. don’t take too much time for a break 😛 love you 🙂 ummmwah :-* :’-)
ninmaalee dw story… v miss vaane mi story mathin…..
v v v reethi mi part vs and this story too.. dhen kn irakun u ge ehn story eh kiyaalan libeynee..??? hope e story vs mihaaa intrestin vaane kmah..
🙂
Hmm heevejjey girl ekey. Kihineh tha thiha molhu ideas annany?? Seriously mihaathanah kiyaalewunu enmeshed thafaathu enme reethi ehvaahaka mee. Vara thafaathu vara touching.
V unique story eh… v v reethi.. fantasy tthee hama v molhu story writer eh…masha allah 🙂 jaanaan happy v ma readers vex happy vaaneyoa…heheee 😛
Varah reethi vaahaka. Varah thafaathu varah reethi vaahaka eh. Nimun ves varah Reethi. Hama perfect
thnks hurihaa kudin ge lobi coment thakah.. 🙂
Fantasy ge fb id libidhane tha?
Wow vaahaka varah salhi i like it????
VVVV thafaathu v reethi vaahaka eh….fantasy ge ithuru vaahaka thakah inthizaarukuran,,:)
mi hama number one ge story eh…… fantasy haadha molhey vaahaka liyan……. all i can say is you are the BEST <3<3<3….
އަހަރެން ހިތައް އަރާ ކިހިނެއް ބާއޭ ކިޑްނޭޕް ކޮށްގެން ގެންދަނީ ކިހިނެއް ބާަެެެއޭ އެކަންތއް ގަބޫލް ކުރަން ވަރަށް އުނދަގޫ !! މި ވާހަކަ ގޯހެއް ނޫން ރީތި >3
wow mi vaahaka vx varah varah reethi ingey Fantasy! 😀 Faxoo kurin baithakuga comment nukoh madu kury mi baiga comment kuran vegen. i hope u wil see my comment, Sofy 😉 and hope to see another story from u. and Fantasy ge “Aniya” vaahaka ves varah varah reeethi. 😀 thanks for the lovely stories 🙂
thnks dear … v vvvvvvvvv ufaa vejje faxoo ge omment thah fenunyma… realy v bodah happy vejje thihaa lobi coment kohlaathee igey.. 🙂
Haadha molhey…
Kiya kiyaa foossey nuvey…
Haadha reehchey..
Fantasy ulheny Hama aslah ves fantasy world eh ga dhw??☺️
v reethi story eh