Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެއެވެ.

DESTINY2020 Level 210 Stories
July 29, 2015 4 Mins Read
9 Comments

ލެވޭ ކޮންމެ ނޭވާޔަކާއިއެކު އެނަން ކިޔޭނެއެވެ. އަޅާ ކޮންމެ ފިޔަވަޅަކާއިއެކު، އޭނާގެ ހަނދާންތައް އާވާނެއެވެ. ޙަޔާތަށް އިރުއަރާ ކޮންމެ ދުވަހަކު އެނަން ކިޔާލެވޭނެއެވެ. އެއީ އޭނާއެވެ. ޙަޔާތުގެ ދަތުރުގައި އަހަންނަށް ވިސްނައިދިން މީހާއެވެ. މަގުދައްކައިދިން މީހާއެވެ. މާޔޫސްވެގެންގޮސް ގޮތް ހުސްވުމަކީ އެއްވެސް މީހަކަށް އޮތްގޮތް ނޫންކަން އަހަންނަށް ވިސްނައިދިން މީހާއެވެ. އަމިއްލަޔަށް މަރުވުމަކީ މާމޮޅު ކަމެއްނޫންކަން ހާމަކޮށްދިން މީހާއެވެ. ދިރިއުޅުމުގެ މައިދާނުގައި ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެކަން ޤަބޫލުކުރި މީހާއެވެ. ކުށެއް ކުރެވުމުން، އެކުށަށް ތަޢުބާވުމަށް އަހަންނަށް ބުނެދިން މީހާއެވެ. އިޞްލާޙްވުމަކީ ނެތްކަމެއް ނޫންކަން އަހަންނަށް ހަރު އަޑުން ބުނެދިން މީހާއެވެ. އެއް ދޮރު ބަންދުވާއިރު، ހުޅުވިފައިވާ އެހެން ދޮރެއްވެސް ވާނެކަން ބުނެ ހިތްވަރުދިން މީހާއެވެ. އަޅާ ކޮންމެ ފިޔަވަޅެއްވެސް ޘާބިތުކަމާއިއެކު، އެޅުމަށް ބުނެ، އަހަރެންގެ އަތުގައިހިފާ އަހަރެން ހަމަ މަގަށް އެޅުވި މީހާއެވެ. ކަރުނައިގެ ފުރަގަހުގައި އުފާވެރިކަންވެޔޭ ބުނެ، އަހަންނަށް ހިނިތުންވާން ދަސްކޮށްދިން މީހާއެވެ. ކޮންމެ ކަޅު ވިލާގަނޑެއްގެ ފުރަގަހުގައިވެސް ފޮރުވިފައިވާ އަލިކަމެއް ވާފަދައިންނެވެ.

ތެދެކެވެ. އެވަރުގެ މީހަކު އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އެފަދަ ދެވަނަ މިސާލެއް ދުވަހަކުވެސް ނުފެންނާނެ ކަންނޭނގެއެވެ. ދުނިޔޭގެ ހަތަރު އުދަރެހުގައި އަތްފުނާ އެޅިޔަސްވެހެވެ. އެހާވެސް އޯގާތެރިއެވެ. ތެދުވެރިއެވެ. ވަފާތެރިއެވެ. އަހަރެން ހަމަ ޙައިރާންވެއެވެ. އަންތަރީސްވެގެން ބައެއް ފަހަރު އިނގިލީގައި ދައިވެސް ގަނެވެއެވެ. އަހަރެންގެ އޭނާގެ އެދުމަށް ފުރަގަސް ދިނުމުންވެސް ލޯބި ދިނީތީއެވެ ދިރިއުޅުމުގެ ހުރިހާ އަޑިގުޑަން ތަކެއްގައި އަހަންނަށް ހިތްވަރުދިނީތީއެވެ. ވާނެޔޭ، ކުރެވޭނެޔޭ، ބުނެ ހިނިތުންވެލީތީއެވެ.

ހިތުގެ އަޑިން އެއްބަހެވެ. އޭނާއަށް އަދާކުރަންޖެހޭ ޝުކުރު ދުވަހަކުވެސް އަދާކުރެވޭނެހެނެއް ހީއެއްނުވެއެވެ. މުޅި ޢުމުރުގައި އޭނާޔަށް ގުލާމްކޮށްދޭން އުޅުނަސް އެކަން ވާނެހެނެއް ހީއެއްނުވެއެވެ. މީ ހަމަ ޙަޤީޤަތެކެވެ. އަހަރެންގެ މުޅި މިޙަޔާތް މިކަމަށް ހެކިވާނެއެވެ. އަމިއްލަ ނަފްސުވެސް މެއެވެ. ދެވަނަ ފަރާތަކަށް ސަޖިދަޖެހޭނެނަމަ، އަހަރެން އޭނާއަށް ސަޖިދަ ޖަހާނަމެވެ. އެހާވެސް އަހަރެން އޭނާއަށް އަދާކުރަންޖެހޭ ޤަދަރު ބޮޑެވެ. އިޙްތިރާމް މަތިވެރިއެވެ.

ދުނިޔެއިން އަހަންނަށް ކުރެވުނީ އެންމެ ކުށެކެވެ. އެކުށަށް މަޢާފްކުރިއެވެ. ހަމަ އެކަނި އަހަންނަށްޓަކައި، އެނާ އެކަންތައް ފޮރުވައިދިނެވެ. އޭނާ ބޭނުންނަމަ، މުޅި ދުނިޔެއަށް އަހަރެން ބަދުނާމްކޮށް، ފަޟީޙަތްކުރެވުނީހެވެ. އެކަމަކު، އޭގެ ބަދަލުގައި އޭނާ އަހަންނަށް ވިސްނައިދިނެވެ. އިޞްލާޙްކުރުމަށް އުޅުނެވެ. އެކަން އޭނާ ކުރިއެވެ. އޭނާގެ ހުރިހާ އަގުހުރި ވަޤުތުތައް އަހަންނަށްޓަކައި ހޭދަކުރިއެވެ. އޭގެ ބަދަލުގައި އަހަންނަށް އޭނާއަށް ދެވޭނެ އެއްޗެއް ނެތެވެ. އެކަމަކު، އަހަރެން ވަރަށް އުފާކުރީމެވެ. ހެޔޮއެދޭ މީހުން އަހަންނަށް ދަސްވީ ދެނެވެ. އަމިއްލަ އެދުމުން ތެމި ފޯވެފައިވާ މީހުން އަހަރެން ދެނެގަތީ އެހާ ހިސާބުންނެވެ.

އަހަރެންގެ ޙަޔާތަށް ދިމާވި ހުރިހާ ކަމަކަށް ފަހުގައިވެސް އަހަންނާއި ކައިވެނިކުރުމަށް ނިންމިއެވެ. އެކަން ކޮށްދިނުމަށް އެދި އަހަރެންގެ ގާތުގައި އެދުނެވެ. އަހަރެން އެކަމަށް ފުރަގަސް ދިނީމެވެ. ފަހުން ދެރަވާނެކަން އިނގިހުރެއެވެ. އެންމެ ސަބަބަކަށްޓަކައެވެ. އަހަރެންގެ ޙަޔާތުގައި ޖެހިފައިވާ ލައްތަކުގެ ސަބަބުންނެވެ. އެޅިފައިވާ ބޮޑެތި ކޫރުން ތަކުގެ ސަބަބުންނެވެ. މިހުރިހާ ކަމަކަށްޓަކައި އަހަރެން އެކަމަށް ނުރުހުން ވީއެވެ. ދުނިޔޭގެ ލަދަށްޓަކައެއް ނޫނެވެ. އެފަދަ މާތް މީހެއްގެ ޙަޔާތުގައި އަހަރެންގެ ކުލަ ޖެހުމަށް ބޭނުން ނުވީތީއެވެ. އަހަރެން ފަދަ ބަރުބާދުވެފައިވާ މީހެއްގެ ޙަޔާތަށް އެފަދަ މާތް މީހަކު ގެންނަން ބޭނުން ނުވީއެވެ. އޭނާގެ ޙަޔާތް ބާއްޖަވެރިވުމަށް އެދޭތީއެވެ. އަހަރެންގެ ހިތް ރޯނެކަން އިނގޭ އިރުވެސް އަހަރެން އެހެން ހެދީއެވެ. އެކަމާއި އެއްބަސް ނުވީއެވެ. ފުރަގަސް ދިނީއެވެ. އަހަންނަށްވުރެން، މާރަނގަޅު ކުދިން ވާނެޔޭ ބުނެ، އަހަރެން އެކަމަށް ސަލާމް ބުނީމެވެ. ހިތުގައި އަޅާ ވޭނާއި ރިހުން އެއްކިބާ ކޮށްލަމުންނެވެ.

ތެދެކެވެ. އަހަރެންގެ ޙަޔާތުގައި ކުރިން ދިމާވި ހުރިހާ ކަމެއްވެސް ދިމާވީ އަހަރެންގެ ސަބަބުންނެވެ. އެހެން މީހުންނަށް މާބޮޑަށް އިތުބާރުކުރެވުމުންނެވެ. އަހަންނަށް އޮޅުނު ތަންކޮޅަކީ އެއީއެވެ. ދިރިއުޅުމަކީ ކޮބައިކަން ނުވިސްނުނީއެވެ. އެހެން ނޫނަސް، ދިރިއުޅުމަކީ އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލާ ވަރަށްވުރެ، އަގު ބޮޑު އެއްޗެކެވެ. އެ ދޫކޮށްލަންޖެހޭނީ އޭގެ އަގު ވަޒަން ކުރަން އިނގޭ މީހެއްގެ އަތްމައްޗަށެވެ. އެހެން ނޫންނަމަ، އަހަންނަށް ވީގޮތް ދިމާވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. މިކަން އެންމެންވެސް ޤަބޫލުކުރާނެއެވެ. އަހަންނަށް ބެލުނީ މޫނަށެވެ. ބޭރު ފުށުގެ ރީތި ކަމަށެވެ. ރިވެތި އަޚްލާޤްގެ މަތިން ހަނދާންނެތުނީއެވެ.

އަހަންނާއި ރައްޓެހިވި އެންމެންގެވެސް ބޭނުމަކީ އެންމެ ބޭނުމެކެވެ. އެމީހުންގެ އުފާވެރިކަމެވެ. އަހަރެންގެ ހިތްހަމަޖެހުމެއް ނޫނެވެ. އެމީހުންގެ ކަރުހިއްކުން ފިލުމުން އަހަރެން ދޫކޮށްލަނީއެވެ. އަހަރެންވެސް ފުރަތަމަ ހީކުރަނީ އެންމެންވެސް އަހަރެންދެކެ ލޯބިވާކަމަށެވެ. އެހެނެއް ނުވިއެވެ. އަހަރެންގެ އެންމެ ބޮޑު ބަދުނަޞީބަކީ ގައިގެ ކުލަ ދޮންވެފައި ރީތި ވުމެވެ. ގިނަ މީހުން އަޅައިގަންނަނީ އެހެންވެގެންނެވެ. ތެދެކެވެ. އެއީ ހަމަ ވާނެގޮތެވެ. ރަނުގެވެސް އަގު ހުންނަނީ އޭގެ އޮފްކަމާއި ވިދުމަށެވެ. އޭގެ މައުދަނަކަށް ނޫންނެވެ.

އަހަންނަށް ދިމާވީ އެފަދަ ގޮތެކެވެ. މިހުރިހާ ކަމަކުން ސަލާމާތްވުމަށް އަހަރެން ނިންމީމެވެ. އެކަމަކު ނުވެނުނެވެ. އަހަރެންގެ އުޅުންވެސް މުޅިން ބަދަލުވީއެވެ. މީހުން ކިޔާ ‘ ކޫޑި ‘ އަންހެން ކުއްޖަކަށް އަހަރެން ވީއެވެ. އެންމެ ފަހުން އަހަންނަށް އެންމެ ބޮޑު ގޯސްވެސް ހެދުނީއެވެ. އެކަމުން ސަލާމާތްވާނެ އެއްގޮތެއްވެސް އަހަންނަކަށް ނުފެނުނެވެ. އެންމެ ފަހުން އަހަރެން ނިންމީ އެންމެ ފަހުގެ ޙައްލެވެ. އަމިއްލަ އަތުން ޙަޔާތުގައި ފުލުސްޓޮޕް ޖެހުމެވެ. އެއަށްވުރެ، ރަނގަޅު އެހެންގޮތެއް ނުފެނުމުންނެވެ.

އަހަރެން އެކަން ވަރަށް ރަނގަޅަށް ރޭވީމެވެ. ގެއިން ބެޑްޝީޓެއް ނަގައިގެން ދަންވަރު އަހަރެން ނުކުތީމެވެ. ދެން މިސްރާބްޖެހީ ވަލުތެރެއަށެވެ. އަހަރެންގެ ފަސްފަހަތުން މީހަކު އަންނަހެންވެސް ބައެއްފަހަރު ހީވެއެވެ. އެކަމަކު، އަހަރެން އެކަމާއި އަޅައެއްނުލަމެވެ. މަޑުމަޑުން ހިނގަމުން ކުރިއަށް ދިޔައީމެވެ. އަހަރެން ގޮސް ހުއްޓުނީ ބޮޑު ގަހެއްގެ ކައިރިއަށެވެ. އެއީ ތަންކޮޅެއް ކުރިން އަހަރެން ފާހަގަކޮށްފައިވާ ގަހެކެވެ.

މަޑުމަޑުން ދެފަރާތަށް ބަލާލުމަށްފަހު، އަހަރެން އެގަހަށް އެރީމެވެ. އެއަށްފަހު އަތުގައިވާ ބެޑްޝީޓް ނަގާ، އޭގެ އެއްކޮޅު ގަހުގެ ގޮފިގަނޑެއްގައި އައްސާލީމެވެ. އަދި މަޑުމަޑުން އޭގެ އަނެއްކޮޅު ގެނެސް އަހަރެންގެ ކަރަށް ހެޔޮވަރުގެ މަޅިއެއް ޖަހާލީމެވެ. އެއަށްފަހު އަހަރެން ދެފަރާތަށް ބަލާލީމެވެ. އެންމެ ފަހު ފަހަރު މިދުނިޔެ ދެކިލުމުގެ ބޭނުމުގައެވެ.

މަޑުމަޑުން އަހަރެންގެ އަތުގައިވާ މަޅި އަހަރެންގެ ކަރަށް ކޮށްޕާލީމެވެ. ދެން ގަހުގެ ގޮފި ގަނޑުގައި ފައިވިއްދާލުމަށްފަހު، ގަހުން ފުންމާލީމެވެ. އަހަރެންގެ މޫނު މައްޗަށް ކުއްލިއަކަށް އަނދިރިވެގެން ދިޔައެވެ. މުޅި މީހާ ހާސްވެ، އަޑުބެދުނެވެ. އަހަރެންގެ ދެފައި ބިމުގައި ޖެހޭތޯ ވަރަށް މަސައްކަތްކުރީމެވެ. އެކަމަކު ނުފޯރިއެވެ. ސަލާމަތްކޮށްދިނުމަށްއެދި ގޮވަންވެސް ބޭނުންވިއެވެ. އެކަމަކު އަޑުވަނީ ބެދިފައެވެ. ބެޑްޝީޓްވަނީ އެއަށްވުރެން ބާރަށް ކަރުގައި އެއްސިފައެވެ. ދެއަތުން ބެޑްޝީޓް ދޫކުރެވޭތޯ އަހަރެން މަސައްކަތްކުރީމެވެ. އެކަން ކާމިޔާބެއް ނުވިއެވެ. މަޑުމަޑުން އަހަރެންގެ ދެލޯ މެރެމުން ދިޔައީ ދެނެވެ. އޭގެ ކުރިން ކޮންމެވެސް މީހަކު އައިސް އަހަރެން އުފުއްލާލިހެން އަހަންނަށް އިޙްޞާޞްކުރެވުނެވެ.

ހޭވެރިކަންވީއިރު، އަހަންނަށް އޮވެވުނީ ފަންގެއެއްގެ ތެރޭގައެވެ. ކައިރީގައި ފިރިހެނަކު ހުއްޓެވެ. އަހަރެން ކުރަން އުޅުނު މޮޔަކަންތަކުގެ ވާހަކަ ބުނެދިނެވެ. އަހަރެން ސަލާމަތްކުރީ ކީއްވެގެންކަމާއި އަހަރެންގެ ޙަޔާތުގައި ޖެހުނު ލައްގަނޑުގެ ވާހަކަވެސް ބުނެދިނެވެ. އަހަރެން ޙައިރާންވިއެވެ. މާކުރިން ފެށިގެން އޭނާ އަހަރެންގެ ކަންތައްތައް ބަލަމުން ގެންދިއުމުގެ ސަބަބުންނެވެ. އަހަރެން ހިތްހަމަޖެހުނީ އެކަން ސިއްރުކޮށްދީ، އަހަރެން އެކަމުން ސަލާމަތްކޮށްދޭނެކަމުގެ އިތުބާރު އޭނާ ދިނުމުންނެވެ.

ތެދެކެވެ. އޭނާ އެކަންތައް ކޮށްދިނެވެ. މިއަދު އަހަރެން ދުނިޔޭގައި ފިޔަވަޅު މިއަޅަނީ އޭނާގެ ސަބަބުންނެވެ. މިއަދު އަހަރެންގެ މޫނުމަތީގައިވާ ހިނިތުންވުމަކީ މީހެއްގެ ޤުރުބާނީއެވެ. ބުރަ ހިތްވަރާއި މަސައްކަތުގެ ނަތީޖާއެވެ. އަހަރެންގެ ހިތަށް އަރައެވެ. އޭނާ ބުނި އެންމެ ކަމަކަށް އަހަރެން ނުރުހުންވީ ކީއްވެގެން ބާވައެވެ؟ އަހަރެންގެ މޮޔަކަމުން ބާވައެވެ؟ ނޫނެކެވެ. އެހެނެއްނޫނެވެ. މާތް މީހަކަށް މާތްކޮށް ހިތަންވެގެނެވެ. ކާންދިން އަތުގައި ދަތް އެޅުމަކީ އަހަރެން ހިތްހަމަޖެހޭ ގޮތަކަށް ނުވީއެވެ.

އޭގެ ފަހުން ވަރަށް ގިނަ މީހުން އަހަންނަށް ގުޅިއެވެ. ކޫރުމެއް، ލަފެއް، ލަކުނެއް ނުޖައްސާ އަހަރެން ގެންގުޅެން ވަޢުދުވިއެވެ. ބުނިކަމެއް، ބުނި ވަޤުތަކު ކޮށްދިނުމަށް ތައްޔާރަށް ތިބި ކަމަށް އެންގިއެވެ. އަހަރެން އެއްވެސް މީހަކަށް ޖަވާބެއް ނުދެމެވެ. ހަމަ ޤަޞްދުގައެވެ. ޖަވާބުދޭން ބޭނުން ނުވީއެވެ. ލޯތްބަކީ ގަނެވިއްކޭނެ އެއްޗަކަށް ނުވާތީއެވެ. އެއީ ވިޔަފާރިއެއްކަމަށް އަހަންނަށް ޤަބޫލު ނުކުރެވުމުންނެވެ. އެކަމާއި އަހަރެންގެ ރައްޓެހިންވެސް ވަރަށް ހިތްހަމަ ނުޖެހުނެވެ. އަހަންނާއި ދިމާލަށް ފުރުޞަތުގެ ބޭނުން ކުރަންނޭނގޭ މީހެކޭ ބުނެ މަލާމާތްކުރިއެވެ. އެކަމަކު، އަހަރެން ހިނިތުންވެލަމެވެ. ފުރުޞަތުގެ ބޭނުންކުރަން އިނގުމުންނެވެ. އަހަންނަށް މިހިސާބަށް އާދެވުނީވެސް ފުރުޞަތުގެ ބޭނުން ހިފުމުންނެވެ. ނޫންނަމަ، އަހަރެން މިހާރު ހުންނާނީ މިތަނުގައެއް ނޫނެވެ. މީހުންގެ ލޯތަކާއި މާދުރުގައެވެ.

އެއްބަހެވެ. އެއްވެސް މީހަކަށް ހުރިހާ ކަމެއް ނުލިބޭނެއެވެ. އެކަމަކު، އަހަންނަށް ހުރިހާކަމެއް ލިބުނު ކަހަލައެވެ. އަހަންނަށް އަހަރެންގެ ދިރިއުޅުން ލިބުނެވެ. މިދުނިޔެއިން އެއަށްވުރެ އަގު ބޮޑު އެއްޗެއް އޮންނާނެ ހެއްޔެވެ؟ ނޯންނާނެއެވެ. ގިނަ މީހުން ބޭނުންވަނީ މުއްސަނދިކަމާއި ފައިސާއެވެ. ޤަދަރާއި މޮޅެވެ. ކާމިޔާބީއާއި މަޝްހޫރުކަމެވެ. ފަހުން އެހުރިހާ އެއްޗެއް އަހަންނަށްވެސް ލިބެން އޮތެވެ. އަހަރެން ފުރަގަސް ދިނީއެވެ. ފަހުން ވާނެގޮތް އިނގޭތީއެވެ. ކޮންމެ ވެދުމެއްގެ ފަހަތުގައިވެސް އެދުމެއް އޮންނާނެތީއެވެ.

ދާދި މިދާކަށް ދުވަހުވެސް އޭނާ އަހަންނަށް ގުޅިއެވެ. މީހަކާއި އިންވާހަކައާއި އެކަމަކު އަދިވެސް އަހަރެންގެ މަތިން ހަނދާންކުރާ ވާހަކަ ބުންޏެވެ. އަހަރެން އޭނާއަށް އުފާވެރި ދިރިއުޅުމެއް ދެއްވުން އެދި ދުޢާކުރާ ވާހަކަ ބުނެލަމުން، ވާހަކަ ކުރުކޮށްލީމެވެ. އެވަގުތު އަހަރެންގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އުފާވެރިކަމުގެ ކަރުނައެވެ. އެފަދަ މީހަކާއި ދިމާވުމުންނެވެ. އަހަރެންގެ ވީރާނާ ވަމުންދިޔަ ޙަޔާތް އާބާދުކޮށްދިން ކަމަށްޓަކައެވެ. ބެހި އޮޔާދިޔުމުގެ ކުރިން އަމާން އައްސޭރިއަކާއި ހަމަޔަށް އަހަރެން ފޯރުކޮށްދިން ކަމަށްޓަކައެވެ. ތޫފާން ތަކެއްގެ ތެރެއިން ނެރެދީ ދުނިޔޭގެ ފިނިވައިގެ ތެރެއަށް އަހަންނަށް ނޭވާލެވޭނެ ގޮތް ހަދައިދިން ކަމަށްޓަކައެވެ. ކަށިކުނބުރު ޖަންގައްޔެއްގެ ތެރެއިން މިދުނިޔޭގެ މާބަގީޗާގެ ތެރެއަށް އަހަރެން ނެރެދިން ކަމަށްޓަކައެވެ. ތެދެކެވެ. މިއަދު އަހަރެންގެ އުފާވެރި ޙަޔާތުގެ ސިއްރަކީ އޭނާއެވެ. އަހަރެންގެ ފިރިމީހާއާއި ދަރިންގެ މޫނުމަތީގައިވާ ހިނިތުންވުމުގެ އަސްލަކީވެސް ހަމަ އޭނާއެވެ. އެފަދަ ދެވަނައެއްނެތް، އަމިއްލަ އެދުމުން އެއްކިބާވެގެންވާ މައުޞޫމް އެހެން އިންސާނަކާއި އަހަންނަށް ދުވަހަކުވެސް ދިމާވާނެހެނެއް ހީއެއްނުވެއެވެ. އެއީ ނަމޫނާ އިންސާނެކެވެ. މަދުން ނޫނީ މިދުނިޔެއިން މިފަދަ ޒަމާނެއްގައި ނުފެންނާނެ ފަދަ މީހެކެވެ. އޭނާގެ ހަނދާންތައް އަބަދުވެސް އަހަރެންގެ ހިތުގެ އެންމެ ފުނުގައި ހަރުލައި ހުންނާނެއެވެ. ހިރި ގަލުގައި އަކުރު ކަނޑާ ނަގާފައި ހުންނަ ހެންނެވެ. ދުވަހަކުވެސް ހިތަކުން ނުފިލާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ކޮފީ ޓޭބަލް

Next

އެދުވަސް

Next
July 29, 2015

އެދުވަސް

Previews
July 29, 2015

ކޮފީ ޓޭބަލް

9 Comments!

  1. Fathun says:
    July 29, 2015 at 9:44 am

    It’s awesome I just love it!!!!

  2. maahy says:
    July 29, 2015 at 1:41 pm

    v reethi

  3. nash says:
    July 29, 2015 at 3:51 pm

    V hadi

  4. HAU says:
    July 29, 2015 at 3:53 pm

    V emotional. V reethi

  5. Hudhu says:
    July 29, 2015 at 7:45 pm

    Wow. V asaru gadha

  6. Shabee says:
    July 29, 2015 at 9:29 pm

    Sooo emotional…. haadha reehchey

  7. nathoo says:
    July 30, 2015 at 12:54 am

    Varah emotional.kureebai life aa v gulhey

  8. Yaanaa says:
    August 2, 2015 at 11:09 am

    It’s just awsome

  9. Aathy says:
    October 12, 2015 at 6:31 pm

    V habeys…

Comments are closed.



All Right Reserved!