ކޮފީ ޓޭބަލް
ރައްޓެހިންނާއިއެކު ކޮފީއަށް ދިއުމަކީ އަހަރެންގެ އާދައެކެވެ. ފިލުވާލަން މަސައްކަތްކުރި ނަމަވެސް، އަހަންނަށް ނުފިލުވުނު އާދައަކީ ކޮފީ ބުއިމެވެ. މިއަދުވެސް މިޖެހުނީ ކޮފީއަކަށް ދާށެވެ. ނުގޮސްފިއްޔާ ދެން ދިމާވާނީ އެހެން ކަމެކެވެ. ކޮންމެ ގޮތެއް ވިޔަސް ރައްޓެހިން ދޫކުރެވޭކަށް ނެތެވެ. ދިރިއުޅުމުގައި އަހަންނަށް މިހުރި ހިސާބަށް އާދެވުމުގައި އެމީހުންގެ ހިއްސާވެސް ވަކި ކުޑައެއް ނޫނެވެ. މިއަދާއި ހަމައަށް އައިއިރު ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އެމީހުން ދީފައިވާ އެއްބާރުލުމަށް ދުވަހަކުވެސް ޝުކުރު އަދާކުރެވޭނެހެއްޔެވެ؟ ދުވަހަކުވެސް ނުކުރެވޭނެކަން ނޭނގެއެވެ. ދިރިއުޅުމުގައި ރައްޓެހިންނަކީ ވަރަށް މުޙިއްމު ބައެކެވެ. އެކަމަކު ރަނގަޅު ރައްޓެހިންނެވެ. އަހަރެންގެ ރައްޓެހިންގެ ތެރޭގައި މިހާރު ގޯސް މީހަކު ނުހުންނާނެއެވެ. ތަންކޮޅެއް ކުރިން އެކަހަލަ މީހަކާއި ދިމާވިއެވެ. ޙަޤީޤަތް އެނގުނު ވަގުތުން ފެށިގެން، އަހަރެން ވާނީ އޭނާ ދުރަށްލާފައެވެ. އަހަރެންގެ ޙަޔާތުގެ ޞަފްހާގެ ހަވާސާއިންވެސް އޭނާއަށް ދެން ދުވަހަކުވެސް ޖާގައެއް ނުލިބޭނެއެވެ.
އިރުކޮޅެއް ފަހެވެ. އަހަރެން އިނީ ސަލްސާ ކެފޭގައެވެ. އަހަރެންގެ އެންމެ ހިތްގައިމު ކޮފީ ޝޮޕެވެ. ނޫނެކެވެ. އަހަރެންގެ ރައްޓެހިންވެސް އެންމެ ގަޔާވާ ތަނަކީ އެއީއެވެ.
” އޭ! ހާދަ ބިޒީއޭދޯ މިހާރު. އާނ! ދެން މުއްސަނދިވާން ފެށުމުން ވާނީވެސް ތިހެން. އަހަރެމެން މަތިންވެސް ހަނދާން ނެތެން ފެށީދޯ!” އަހަރެން ގޮޑީގައި އިށީނުމުން އަޒުހަމް ދިމާކޮށްލިއެވެ.
” ތިހެން ނުބުނޭ. ތިކަހަލަ ރައްޓެހިން މަތިން ކިހިނެއް ހަނދާން ނައްތާލާނީ. އެހެނެއް ނޫން ވަނީ. މިދުވަސްކޮޅު ވަރަށް ބުރަކޮށް މިއުޅެނީ. މަންމަ ބަލިކޮށް އުޅެނީ. އަދި އަންހެނުންނާއި ކުޑަ ދަރިފުޅުވެސް މިދޭތެރެއިން ވަރަށް ބަލިވި. އެހެންވެ، ދިމާކޮށްނުލެވުނީ.” އަހަރެން ބުނީމެވެ.
” ކީއްވެތަ އަންގާނުލީ؟ އިނގޭނެ ވަގުތުން އެހީތެރިވެދޭނެކަން.” ޝާވިން ބުނެލިއެވެ.
” ހިތަށް އެރީ ދެން މިފަހަރު އަމިއްލަ އަށް ހުރިހާ ކަމެއް ކޮށްލާނީއޭ. ރައްޓެހިންނަށްވެސް އަބަދު އުދަނގޫކުރާކަށް ނުވާނެއެއްނު. ކިތައްމެ ކިތައްމެ ކަމެއްގައި އެހީވެއްޖައީމެއްނު. ޝުކުރުކުރަންވެސް އަހަންނަށް އެނގެންޖެހޭނެއެއްނު.” އަހަރެން ކިޔައިދިނީމެވެ.
ކޮފީގައި ތިބެގެން ވަރަށް ވާހަކަ ދެކެވުނެވެ. ދިރިއުޅުމުގެ ވާހަކަތަކެވެ. އަދިވެސް އެހެނިހެން ވާހަކަތަކެވެ. ކޮފީގައި އަންހެން ކުދިންގެ ވާހަކަ ކޮންމެހެންވެސް ގެންނަންޖެހޭނެއެވެ. އެބައި ނެތިއްޔާ ކޮފީގެ ފުރިހަމަ ރަހައެއް ނުލާނެއެވެ. އެހެންވެ، ކޮފީގައި އެންްމެ ބޮޑަށް މަޝްވަރާކުރެވުނީ އެމަޢުޟޫއަށެވެ. މައްސަލައަކީ ޝާވިންއަށް ދިމާވެގެން އުޅޭ ކަމެކެވެ. ޝާވިން އުޅެނީ އޭނަ ރައްޓެހިވެގެން އުޅޭ ފަޒްލާއާއި މައްސަލަޖެހިގެންނެވެ. އެއީ ދޭތެރެއަކުންހެން އަބަދުވެސް ޖެހޭ މައްސަލައެކެވެ. އަހަރެން ގާތަށް ބައެއް ފަހަރު ހިނިވެސް އާދެއެވެ. އަހަރެމެންނަކީ ރައްޓެހިންކަމުން އެފަދަ ކަންތައްތައް ހިއްސާކުރުމަކީ އާދައެކެވެ. އެކަމުގައި ޝާވިންއަށް އަހަރެމެންގެ އެހީތެރިކަން ކޮންމެހެންވެސް ބޭނުންވެއެވެ. އެންމެ ބޮޑަށް ޝާވިން ބޭނުންވަނީ އަހަރެންގެ އެހީތެރިކަމެވެ. ވާހަކަ ދައްކައިގެން ކަންތައްތައް ޙައްލުކުރަންޖެހޭ ޙާލަތްތަކުގައި އެންމެ މުޙިއްމު ރޯލެއް އަދާކުރަންޖެހެނީ އަހަންނަށެވެ. އެެހެންވެ، އެކަން ކޮށްދިނުމަށް އަހަރެން އެއްބަސްވީމެވެ. ގާތް ރައްޓެއްސަކަށްވާތީއެވެ.
” ޝާވިން އަބަދުވެސް ޝަކުވާ ކުރާނީ އަހަންނަށް. ދުވަހަކުވެސް ޝާވިން އަކަށް ޝާވިންގެ މައްސަލައެއް ނުފެންނާނެ. ދުވަހަކުވެސް އަހަރެން ބުނާ ގަޑީގައި ބައްދަލުކުރެވޭ ކަމަކަށްނުވާނެ. ކަމަކަށް އޮންނާނީ ރައްޓެހިންނާއިއެކު ކޮފީ ބުއިން. އަސްލު ބޮޑު މައްސަލައަކީ އެއީ. އެކަމަކު ޝާވިން ބުނާ ގަޑީގައި ކޮންމެހެންވެސް ޖެހޭނެ ދިމާކުރަން. ނޫނިއްޔާ ހަވަރު އެއްކޮށްލާހާ ވަރުކުރާނެ.” ފަޒްލާއާއި ދިމާވުމުން ކިޔައިދިނެވެ.
” ރައްޓެހިވެގެން އުޅޭއިރު މައްސަލަޖެހޭނެ. އެކަމަކު ވާހަކަ ދައްކައިގެން ޙައްލުކުރުން ބުއްދިވެރިވާނީ. ނޫނީ ތިރޫޅޭގޮތްވެދާނެ.” އަހަރެން ބުނީމެވެ.
” ކިހާވަރަކަށް މަސައްކަތް ކުރަންވީ. އިލްހާމް އާއި ދިމާނުވިނަމަ، މީތި އެއްކޮށް ރޫޅުނީސްކަން ނޭނގެ. ނަޞީބެއްކަން ނޭނގޭ ވަގުތުގެ ކުރިން ދިމާވިކަންވެސް.” އަހަރެން ވަރަށް ވާހަކަދެއްކުމުން ފަޒްލާ ބުނެލިއެވެ.
ފަޒްލާއާއި ބައްދަލުކޮށް ނިމިގެން އަހަރެން ދިޔައީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. ޝާވިންއަށް ރަނގަޅަށް ކަމެއްކޮށްދެވުނު ކަމުގެ ހިތްހަމަޖެހުމާއިއެކުގައެވެ. ކުޑައިރުކޮޅެއްފަހުން ޝާވިން ގުޅިއެވެ. ހުރިހާ ކަމެއް ހަމަޔަކަށް އެޅުނުކަމަށް ބުނެލިއެވެ. އަހަރެން ހިތްހަމަ ޖެހުނެވެ. ޝާވިން ބުނި ކުޑަކުޑަކަމެއް ނަމަވެސް ކޮށްދެވުމުންނެވެ. ދިރިއުޅުމަކީ މިކަހަލަ ކަމެކެވެ. މައްސަލަޖެހެއެވެ. ޙައްލުވެސް ހޯދަންޖެހެއެވެ. ބައެއް ފަހަރު ރައްޓެހިންގެ ބޭނުންޖެހެނީވެސް އެހެން ވެގެނެވެ. ތިމާ ބުނެގެން ޤަބޫލުނުކުރާ ބައެއް ވާހަކަތައް އިތުބާރު ކުރެވޭ އެހެން މީހުން ބުނުމުން ޤަބޫލުކުރެވެއެވެ. ދިރިއުޅުމުގައި ރިވެތިކޮށް މުޢާމަލާތްކުރުން މުޙިއްމުވަނީ އެހެންވެގެނެވެ.
އެހެން ދުވަހެކެވެ. އޮފީހުގައި ހުއްޓާ އަހަންނަށް އެސް.އެމް.އެސްއެއް އައެވެ. އަހަރެން ކިޔާލީމެވެ. ފޮނުވާފައިވަނީ ފަޒްލާއެވެ. ވަރަށް އަވަހަށް ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނެފައި އޮތެވެ. ދައްކަން ޖެހޭ ވާހަކަ ފޯނުން ދެއްކެންނެތް ކަމަށްވެސް ލިޔެފައި އޮތެވެ.
” ކިހިނެއްތަ ވީ އަނެއްކާ؟” އަވަހަށް ގުޅާލުމަށްފަހު އަހަރެން އަނހާލީމެވެ.
” ދިމާވުމުން ކިޔައިދޭނަން.” ފަޒްލާ ކުރު ޖަވާބަކުން ނިންމާލިއެވެ.
ކުޑަ ވަގުތުކޮޅެއް ފަހުން އަހަރެން ފަޒްލާއާއި ބައްދަލުކުރީމެވެ. ފަޒްލާ ވަރަށް ވާހަކަ ދެއްކިއެވެ. ޝާވިން އާއި މުޅިން ގުޅުން ކެނޑިވާހަކަވެސް ބުނެލިއެވެ. އޭނާގެ ރާގުގައި ވަނީ މޮޅިވެރިކަމެވެ. އަނެއްކޮޅުން ފަޒްލާ ދެއްކީ އަހަރެން އެހާ ހިތްހަމަޖެހޭ ވާހަކަތެއް ނޫނެވެ. އަހަންނަކީ މީހެއްގެ ފިރިއެކެވެ. ވަރަށް ރީތި ދިރިއުޅުމެއް އުޅެން ވިސްނާ މީހެކެވެ. ދެވަނަ މީހަކަށް ޙަޔާތުން ޖާގައެއް ދެވެން ނޯންނާނެކަންވެސް ފަޒްލާއަށް އިނގެންޖެހޭނެއެވެ. ކިތަންމެ ވަރަށް އާދޭސްކުރިޔަސް ދެވަނަ އަންބަކަށް އަހަރެން ޙަޔާތުން ދުވަހަކުވެސް ޖާގައެއް ނުދެވޭނެއެވެ. ވީއިރު، ފަޒްލާ އެހެން ބުނީ ކީއްވެގެން ހެއްޔެވެ؟ ޝާވިން އަށް މިކަން މިހެން ވާކަން އިނގުމުން މަންޒަރުވެސް މާރީއްޗެއް ނުވާނެއެވެ.
” ވަރަށް ބޮޑަށް ސޮރީ. ތިކަން ވާކަށްނެތް.” އެހެން ބުނުމަށްފަހު އަަހަރެން ދިޔައީއެވެ.
ދެވަނަ ސިކުންތުގައި އަހަރެން ޝާވިން އަށް ގުޅީމެވެ. ހުރިހާ ވާހަކައެއް ތަފްޞީލްކޮށް ކިޔައިދިނީމެވެ. ފަހުން އިނގުމުން މާގޯސް ވާނެތީއެވެ. އަނެއްކޮޅުން، އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހަކަށް ވާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ދިރިއުޅެނީ އެހެން މީހުންނަށްވެސް ބަލައިގެންނެވެ. ނަމަވެސް، ހުރިހާ މީހުން ހިތްހަމަޖެއްސުމަކީ އަހަންނަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް މަސައްކަތްކުރުން ވާނީވެސް މޮޔަކަމަކަށެވެ.
” ތީ ވަރަށް ހަރުދަނާ މީހެއް. ތިކަހަލަ މީހުން މިހާރު މިދުނިޔޭގައި ވަރަށް މަދުވާނެ.” ދުވަސްކޮޅެއް ފަހުން ކޮފީއަކުން ދިމާވުމުން، ޝާވިން ބުނެލިއެވެ.
” އެއީ ހަމަ ތެދެއް؟” ފަޒްލާ އައިސް އިށީންނަމުން އެއްބަސް ވެލިއެވެ.
” އޭ! ގުޅުނީތަ އަނެއްކާ!؟” އަހަންނަށް ލިބުނީ ޙައިރާންކަމެކެވެ.
” ކޮންދުވަހަކުތަ އަހަރެމެން ރުޅިވީ؟” ޝާވިން އާއި ފަޒްލާ ދާދި އެއްފަހަރާއި ކަހަލަ ގޮތަކަށް ބުނެލިއެވެ.
ވީގޮތް އަހަންނަށް އިނގުނީ ދުވަސްކޮޅެއް ފަހުންނެވެ. އަހަރެންގެ އަންހެނުން ބުނެގެން އަހަރެންގެ ރައްޓެހިން ޑްރާމާއެއް ކުޅެލީއެވެ. އަހަރެންގެ ގޮތް ބަލަން ވެގެނެވެ. ނަޞީބަކުން މިފަހަރު އަހަރެން ޓެސްޓުން ފާސްވިއެވެ. އެކަމަކު، އަހަރެންގެ އަންހެނުން ބުނެގެން ރައްޓެހިން އެފަދަ ކަމެއް ކުރާނެކަމަކަށް ދުވަހަކު ޚިޔާލަށްވެސް ނުގެނެވެއެވެ. ކޮންމެ ގޮތެއްވިޔަސް އެމީހުން އެކަންތައް ކުރީ އަހަންނަށް ރަނގަޅަށެވެ. އަހަރެންގެ ފައިދާއަށެވެ. އެކަމަކުގައި އެއްވެސް މީހަކަށް ޝަކުވާ ކުރެވޭކަށް ނޯންނާނެއެވެ. ކުރާކަށް ނުވެސްޖެހޭނެއެވެ. މިއަދު އަހަރެންގެ އަންހެނުން އަހަންނަށް ވަރަށް އިތުބާރުކުރެއެވެ. ކިތަންމެ ތަނަވަސް ވިޔަސް، އިތުރު އަންހެނެއްގެ ފަރާތުން ހިތްހަމަޖެހުމެއް ނުހޯދާނެކަމުގެ ޔަޤީންކަން އޭނާ އަށް ވަނީ ލިބިފައެވެ. މިކަމާއި މިއަދު އަހަރެން ވަރަށް ހިތްހަމަޖެހެއެވެ. އަނެއްކޮޅުން، އަހަރެންގެ ދިރިއުޅުމުގައި ނިންމަންޖެހޭ މުޙިއްމު ގިނަ ނިންމުންތައް ނިންމާފައިވާނީ ކޮފީ ޓޭބަލް މަތީގައެވެ. އެކަމަކު، އަހަންނަށް އެންމެ ފައިދާކުރާ ނިންމުމެއް ނިންމުނީ މިފަހަރުގައެވެ. ވީއިރު، ދުވަހަކުވެސް އަހަންނަށް ކޮފީޓޭބަލް ދޫކޮށްލެވޭނެހެއްޔެވެ؟
(ނިމުނީ)
7 Comments!
Comments are closed.


Hahahaaaa
V salhi
I hate kofee……..miulheny firihenkudhin kamaky thy…….coffee gathibegen ahen kudhin gevaahaka dhekun…..liby laarieh dhany kofee bunimah
Dho panpi shabee vexx vrh foohivey… haassakoh coffee ahvure boys dheke…thanakun fennairah fosheyne dhen maa thui dhekken…girls ahvure boys maa thui vaane…. v foohi vey…
Vaahaka salhi ekam mee kurinves kiyaafa in vaahaka eh
ekam ekahala test kurun mashah varah vai
We are brave and girls are frightened
we are not lazy and girls are lazy
we are friendly and girls are not
we are more neater and stronger than girls
we are nicely dressed and girls dress naked
we spend money good and girls waste them
we are more handsome
we are not shy to do good things and girls are shy to do all