Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޓައިޕިސްޓް

DESTINY2020 Level 210 Stories
July 29, 2015 3 Mins Read
3 Comments

ޒަރީރު ދިޔައީ ނޫސްތައް ހާވަމުންނެވެ. ޒަރީރު ބަލަމުން ގެންދިޔައީ ނޫހުގައި ޖަހާފައިވާ ހުސް ވަޒީފާތަކަށެވެ. ޒަރީރު އަށް ކަމުދާ ކަހަލަ އެއްވެސް ވަޒީފާއެއް ނެތެވެ. އެހެނެއްނޫނެވެ. ޒަރީރުގެ ސެޓްފިކެޓްގައި އެ ފެންވަރު ނެތީއެވެ. ރަނގަޅީ އެހެން ބުނިއްޔާއެވެ. ޒަރީރު ވެސް ޖީ.ސީ އޯ.ލެވެލް ހެދިއެވެ. ނަމަކަށް ހެދީޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަމަށް ހެކިދެނީ ޒަރީރު ހޯދި ސެޓްފިކެޓެވެ. ޒަރީރު ހެދީވެސް އެންމެ ތިން މާއްދާއެވެ. ފާސްވީ އެއް ނޫނެވެ. ހަފޮޅުން އެތެރެވީ ހަމަ ކިރިޔާއެވެ.

އާފަތިސް ނޫސް ބަލާ ނިންމުމަށްފަހު، ހަވީރު ނޫސް ބަލަން ޒަރީރު ފެށިއެވެ. ޒަރީރު ލޮލުގައި އަޅައިގަތީ އެނޫހުގައި ޖަހާފައިވާ ވަޒީފާއެކެވެ. ނިއުސްރޫމެއްގައި މަސައްކަތް ކުރުމުގެ ވަޒީފާއެވެ. މާބޮޑު ޝަރުތެއްވެސް ނެތެވެ. އިގިރޭސިން ލިޔަން ކިޔަން އިނގުމެވެ. ކޮމްޕިއުޓަރ މަސައްކަތްކުރަން އިނގޭނަމަ، އެއީ ޕްލަސް ޕޮއިންޓެކެވެ. ސްކޫލު ދައުރުގައި ސްކޫލުން ހިންގި އެކަހަލަ ކޯހެއް ޒަރީރު ފުރިހަމަ ކުރިއެވެ. ކޮންމެ ގޮތެއްވިޔަސް، ޓައިޕްކުރުމަށް ޒަރީރު ފުދޭވަރެއް ވާނެއެވެ. އަމިއްލަ ޚިޔާލަށް ލިޔަން ނޭގުނަސް، މީހުން ލިޔެފައި ދޭ އެއްޗެހި ވަރަށް އަވަހަށް ޓައިޕްކޮށް ނިންމާލާނެއެވެ. އެހެންވެ، އެވަޒީފާ ލިބޭނެކަމަށް ޒަރީރު ވަރަށް އުންމީދު ކުރިއެވެ.

ޒަރީރު އުންމީދުކުރިހާ އަވަހަށް ވަޒީފާގެ ކަންތައްތައް ހަމަޖެހުނެވެ. އެކަން އެހާ އަވަހަށް ވީވެސް، ޒަރީރުގެ ޖެހިލުން ކުޑަކަމުންނެވެ. ޒަރީރުއަކީ ބަލަން ބަލަން ހުންނަ މީހެއް ނޫނެވެ. ހިތަށް އަރާ ކޮންމެ އެއްޗެއް ދުލަށް ގެންނަ މީހެކެވެ. ބަހެއް ބުނާއިރު، ތިމާއަށް މިބުނެވެނީ ކީކޭކަން ނޭގުނަސް އެއީ ޒަރީރު އަޅާލާ ކަންތައްތަކެއް ނޫނެވެ. މީހުން ކުރާ މޮޅެތި ކަންތައްތަކަށް ފާޑުކިޔުމަކީ ޒަރީރުގެ ހޮބީއެކެވެ. އެކަމުގައި ގިނަ ފަހަރަށް ނާކާމިޔާބު ލިބުނަސް، ކޮޅެއް ދުލެއް ނުކުރާނެއެވެ. ޒަރީރު ދެކޭގޮތުގައި އަނގައިން ބަލިވެގެން ނުވާނެއެވެ. އެއްޗެއް ނޭގުނަސް ކޮންމެވެސް އަނގައެއް ތަޅަން ވާނެއެވެ.

ދުވަސްކޮޅެއް ފަހުން ޒަރީރުގެ ވަޒީފާ ދާޢިމީ ވިއެވެ. ޓައިޕިސްޓަކަށް ވިޔަސް ޒަރީރުވެސް ވަރަށް ވާހަކަ ލިޔަން ބޭނުންވެއެވެ. ބައެއް ފަހަރު އަންހެން ކުދިންނަށް ގުޅާފައި ތިމަންނައަކީވެސް ވާހަކަ ލިޔާ މީހެކޭ ބުނެ ހަދައެވެ. އެހާވެސް ޒަރީރު ވާހަކަ ލިޔާ ހިތްވެއެވެ. މީގެ އިތުރުން ނޫހުގެ އިސްމީހުންނާއި ގުޅައިގެން ވާހަކަ ޞަފްޙާ ހޯދަން ޒަރީރު ވަރަށް މަސައްކަތް ކުރެއެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އެހެންވެ، ދެން ޒަރީރު ދިމާކުރީ ވާހަކަ ލިޔާ މީހާ އާއި ވާހަކަދައްކައިގެން ނަމަވެސް، އެންމެ ޞަފްޙާއެއްވެސް ނޫހުގައި ޝާޢިއުކުރެވޭތޯއެވެ. އެކަންވެސް ކާމިޔާބެއް ނުވިއެވެ. އެކަމާއި ޒަރީރު ވަރަށް ހިތްހަމަނުޖެހުނެވެ. ދެން ޒަރީރުގެ ހިތުގައި އުފެދުނީ ބަދަލު ހިފުމުގެ ޝުއޫރެވެ. އެހެންވެ، ވާހަކަތައް ޓައިޕްކުރާއިރު، އެންމެ މުޙިއްމު ތަންތަންކޮޅު، ނުލިޔެ، ޒަރީރު ބޭނުންގޮތަކަށް ލިޔަންފެށިއެވެ. އެމައްސަލަ ފެންމަތިވެގެން ނޫހުގެ އިދާރާއިން ޒަރީރުއާއި ސުވާލުކުރިއެވެ. ބަލިވެ އުޅޭތީ ދިމާވި މައްސަލައެއްކަމަށް ބުނެ، އެކަން ޒަރީރު އޮއްބާލިއެވެ. ޒަރީރުގެ ނަޞީބުގަދަކަމުން، އެފަދަ ކަންތައް ތަކުރާރު ނުކުރުމަށް އެދި ޒަރީރު ވަޒީފާގައި ބެހެއްޓިއެވެ. އެއްވެސް ކޮޅަކުން ކާމިޔާބު ނުވުމުން ދެން ޒަރީރު ނިންމީ ވާހަކަ ލިޔާ މީހާއާއި ދިމާވުމުން، ކޮންމެވެސް މޮޅު އެއްޗެއް ބުނުމަށެވެ.

ރޭގަނޑުގެ ވަގުތެކެވެ. ވާހަކަ ލިޔާ މީހާ އޮފީހަށް އައިއިރު، ޒަރީރު ހުރީ އޮފީހުގައެވެ. ކަން ދިމާކުރިގޮތުން އެވަގުތު ޒަރީރު ނޫން އެހެން މީހަކު، އޮފީހުގައި ނެތެވެ. ނޫނަސް ވާހަކަ ލިޔާ މީހާ ވާހަކަ ހިފައިގެން އަންނާނީ ވަރަށް މަދުންނެވެ. ވާހަކަ ގެނެސްދޭނެ އެހެން މީހަކު ނެތުމުންނެވެ.

” އޭ. ކަލޭ މިހާރު ތި ލިޔާ ވާހަކަ ވަރަށް ހަޑި. އެއްގޮތަކަށްވެސް ކަމަކު ނުދޭ. ކޮންމެހެން ލިޔަން ނުޖެހޭ ބައިވަރު އެއްޗެހި އެބަހުރި ލިޔެފަ. މޮޔައިންވެސް ލިޔާނެ އެކަހަލަ ވާހަކަ.” ފުރުޞަތުގެ ބޭނުން ހިފަމުން، ދިމާކުރުމުގެ ރާގަށް ޒަރީރު ބުނެލިއެވެ.

” އެހެންވެދާނެ. އެކަމަކު އެއީ މަގޭ ޚިޔާލަށް އަންނަ ވާހަކަތައް. ބައެއް މީހުންނަށް ކަމުދާނެ. އަނެއް ބަޔަކަށް ކަމުނުދާނެ. އެކަމަށް އިންސާފް ކުރާނީ ކިޔާމީހުން.” ވާހަކަ ލިޔާ މީހާ އާދައިގެ ގޮތަކަށް ބުނެލިއެވެ.

ޒަރީރު އެއްޗެއް ބުނުމުގެ ކުރިން ވާހަކަ ލިޔާ މީހާ އޮފީހުން ނިކުމެގެން ގޮސްފިއެވެ. ޒަރީރު ގާތަކަށް ރުޅިވެސް އައެވެ. އެހެންވެ، ވާހަކަ އެއް ލިޔެވޭތޯ ޒަރީރުވެސް މަސައްކަތް ކުރިއެވެ. ޒަރީރަށް ލިޔެވުނީ އެންމެ ފަސް ޞަފްޙާއެކެވެ. ދެންހަމަ ކުރިއަށްދާގޮތެއް ނުވިއެވެ. ޒަރީރަށް ވިސްނުނީ އެހިސާބުންނެވެ. ކޮންމެ ކޮންމެ ކަމަކީ ކޮންމެ މީހަކަށް، ބޭނުންހާ ވަގުތެއްގައި ވާނެކަމެއް ނޫނެވެ.

ތެދެކެވެ. އަހަރެމެންގެ ތެރޭގައި މީހުން ކުރާ ރަނގަޅު މޮޅެތި ކަންތައްތަކަށް ފާޑުކިޔާ މީހުން ވަރަށް ގިނައެވެ. ގިނައިން ފާޑުކިޔާނީވެސް މަލާމާތުގެ ރާގެއްގައެވެ. ފާޑު ކިޔުމުގައި ބިނާކުރަނިވި، ފާޑު ކިޔުން މުޙިންމެވެ. ކުރި މަރާލާ އުޞޫލުން ފާޑުކިޔުމަކީ ބޭނުން ކަމެއް ނޫނެވެ. އަނެއްކޮޅުން ވާހަކަ ލިޔާ މީހާ ވާހަކަ ލިޔާނީވެސް ވަރަށް ވިސްނައިގެނެވެ. ސިކުނޑިން ދިޔަ ފެލައިގެން، ޚިޔާލުކޮށްގެނެވެ. އެޚިޔާލުތައް އަކުރުތަކެއްގައި އެމުނިގެން ޖުމްލަތަކެއްގެ ސިފައިގައި ގެނައުމަކީ ވަރަށް އުދަނގޫ ކަމެކެވެ. ފުން ވިސްނުންތަކާއި ބުރަ މަސައްކަތް ތަކެއް އެކުލެވޭ ކަމެކެވެ. މީގެ އިތުރުން ވާހަކަ ލިޔާ މީހާ އެހިސާބަށް ދިއުމަށް ކިހާ ދަލެއް އޮހޮރުވާފައި ހުންނާނެކަން ވިސްނާލަނީ ކިތައް މީހުން ބާވައެވެ؟

އަނެއްކޮޅުން، މޮޅަށް ކުރަހާ މީހަކު ނަމަވެސް، އޭނާ އެކުރަހާ ފިހި ހިފައިގެން ކިތައް ގަޑިއިރު ހޭދާކުރާކަން އިނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޕީ.އެޗް.ޑީ. ނުވަތަ ޕްރޮފެސަރަކަށް ވާ މީހާ ކިތައް ފޮތް ލިޔަން، ކިތައް ފޮތް ކިޔާކަން ދެނެގަންނަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ ޒަރީރުއަށް ވެސް ކުރިން ނުވިސްނުނީ މިކަންތައް ތަކެވެ. އެހެނަސް ފަހުން ޒަރީރަށް މިހުރިހާ ކަމެއް އިނގުނެވެ. އެކަން ޚުދު ޤަބޫލުވެސް ކުރިއެވެ. އަދި އެގޮތަށް މަސައްކަތް ފެށުމަށް ނިޔަތްގަތެވެ. ދިރިއުޅުމުގައި ބޭނުންވަނީ މޮޅު އަގައެއް ނޫނެވެ. މޮޅު އަނގައަކާއި އެއްވަރަށް ޙަރަކާތްތެރިވާނެ އަތެއްވެސް ބޭނުންވާނެއެވެ. ކާމިޔާބީއާއި ހަމައަށް އިންސާނާ ވާޞިލްވަނީ އެއް ދުވަހުގެ މަސައްކަތުންނެއް ނޫނެވެ. ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތުންނެވެ. މިދަތުރުގައި ބައެއް ފަހަރަށް މާޔޫސްކަމާއި ހިތްދަތިކަމާއިވެސް ކުރިމަތިލާން ޖެހޭނެއެވެ. ނަމަވެސް ދެންވެސް ކުރިމަތީލާށެވެ. ކާމިޔާބު އެމީހަކަށް ލިބޭނެއެވެ.

އެހެނަސް، ކާމިޔާބީ އައިސް ތިމާގެ ދޮރުގައި ޓަކިދޭނެކަމަށް ހުންނަ މީހާއަށް މިދުނިޔޭގައި އެއްވެސް ކާމިޔާބީއެއް ނެތެވެ. އެއީ ޒަރީރުވެސް ޤަބޫލުކުރާކަމެކެވެ. މީގެ އިތުރުން، ހިތަށް އަރާހާ އަވަހަށް ވާހަކަ އެއް ނުލިޔެވޭނެއެވެ. އެކަން ޒަރީރަށް އިނގުނީ ވާހަކަ ލިޔަން މަސައްކަތް ކުރުމުންނެވެ. ނަމަވެސް، ޒަރީރުވެސް ވާހަކަ ލިޔާނެއެވެ. މިފަހަރު ޒަރީރު ކުރިމަތި ލާނީ ކެރިގެންނެވެ. ނޫނީ އެއްގޮތަކަށްވެސް އެފަދަ ކަމަކަށް ދެން ކުރިމައްޗެއް ނުލާނެއެވެ. ޓައިޕިސްޓެއްގެ ގޮތުގައި ހުރެ، އެހެން މީހުންގެ މޮޅެތި ވާހަކަތައް ލިޔަމުން ގެންދާނީއެވެ. ޓައިޕިސްޓެއްގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުންނެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

އެދުވަސް އަންނަންދެން….

Next

ދުވަހަކުވެސް މަޢާފެއް ނުކުރާނަމެވެ.

Next
July 29, 2015

ދުވަހަކުވެސް މަޢާފެއް ނުކުރާނަމެވެ.

Previews
July 29, 2015

އެދުވަސް އަންނަންދެން….

3 Comments!

  1. suray says:
    July 29, 2015 at 5:13 pm

    Maanayakee thibaage vaahakha ah faadu nukiyashey tha?

  2. rish says:
    July 30, 2015 at 11:35 am

    V v reethi iburatheh haasilvey

  3. Smile says:
    July 30, 2015 at 12:41 pm

    Reethi dho dhen. Ekam mi storys thah eba huri ehen siteh ga… Kurin kiyaafa huri storys thakeh me.. Shudhoo up kohdheyn v nu? Nd amaaz thy kuda kujjeh tha? Pic akah laafa iny kudakujjeh hen heevany

Comments are closed.



All Right Reserved!