Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެދުވަސް އަންނަންދެން….

DESTINY2020
July 29, 2015
3 Mins Read
1 Comment

ދިރިއުޅުމުގައި ޙާޞިލްކުރަން ބޭނުންވަނީ ކޮން ކާމިޔާބީއެއް ހެއްޔެވެ؟ މީހަކު އަހަންނާއި ސުވާލުކޮށްފާނެއެވެ. އަހަރެން ބުނާނީ ހަމަ އެހެންނެވެ. ދިރިއުޅުމުގައި އަހަންނަށް ކާމިޔާބެއް ނުލިބުނެވެ. ހިތްހަމަޖެހުމެއް ނުލިބުނެވެ. ދާން ބޭނުންވި މަންޒިލަކަށް ނުދެވުނެވެ. ތެދެކެވެ. އަހަރެންވެސް އަޑުއަހަމެވެ. އެއް ދޮރު ބަންދުވިއްޔާ އަނެއް ދޮރު ހުޅުވޭނެ ވާހަކައެވެ. އެއް ގޮތެއް ނެތިއްޔާ އަނެއް ގޮތެއް އޮންނާނެކަމެވެ. އެކަމަކު އެބުނާ ދޮރެއް އަހަންނަކަށް ނުފެނުނެވެ. ކީއްވެގެން ހެއްޔެވެ؟ ވިސްނުން ހަނިކަމުން ހެއްޔެވެ؟

އަހަރެން ހުރީ ޑިއުޓީ ޕޮއިންޓްގައެވެ. އަހަންނަށް ފެނެއެވެ. ދެކޮޅަށް ޙަރަކާތްތެރިވާ މީހުންނެވެ. އެންމެ ފާހަގަކުރެވެނީ ފޮތްތައް ހިފައިގެން ކިޔަވަންދާ ކުދިންނެވެ. ހިތަށް އަރައެވެ. އަހަންނަކީވެސް އެފަދަ ކުއްޖެއް ނަމައެވެ. އޭރުން މިހެން ހުންނާކަށް ނުޖެހޭނެއެވެ. އަހަންނަށް ހަމަ ވިސްނެނީއެވެ. ދެން ބަލާލެވުނީ ލައިގެން ހުރި ޔުނީފޯރމަށެވެ. ހިތަށް އަރައެވެ. މިއީ ވަޒީފާއެއް ބާވައެވެ؟ ނޫނީ ޢަޒާބެއް ބާވައެވެ؟ ޤަބޫލުކުރަމެވެ. އަދާކުރަމުން މިގެންދަނީ ދަށް ފެންވަރުގެ ވަޒީފާއެކެވެ. ކޮއްކޮ ބުނިހެން މިއީ މުސްކުޅިވެ ގައި ބާރުދެރަވެފައިވާ މީހުންގެ ވަޒީފާއެކެވެ. ބައްޕަވެސް އަހަރެންގެ މިވަޒީފާއާއިމެދު ހިތްހަމައެއް ނުޖެހެއެވެ. ރަށްޓެހިންވެސް ބުނާނީ ކީކޭބާވައެވެ؟ ބައެއްފަހަރު ވިސްނަވިސްނާ ބޯގޮވާހާ ވެއެވެ. އެކަމަކު، އެހެން ގޮތެއް ނެތެވެ. އަހަންނަކީ ކިޔަވައިގެން ހުރި މީހެއް ނޫނެވެ. ފެންވަރަކީ ގްރޭޑް ހަތެއްގެ ފެންވަރެވެ. ބޭނުންހާ ފެންވަރެއްގެ ވަޒީފާއެއް ނުލިބޭނެއެވެ. ރުހިގެން ޖެހޭނީ ހުންނާށެވެ. އަނެއްކޮޅުން އަހަރެން މިހުންނަންޖެހެނީ ރޭގަނޑުގެ އަރާމް ނިދިން މަޙްރޫމްވެގެނެވެ. ރޭގަނޑުގެ އަރާމް ނިންޖަކީ ކިހާ މުޙިންމު އެއްޗެއް ހެއްޔެވެ؟ އެކަން އިނގޭނީ ހަމަ އަހަރެން ފަދަ ނިދިން މަޙްރޫމްވެގެން ހުންނަންޖެހޭ މީހަކަށެވެ. އަޅެ، އެންމެ ރެއަކު ނުނިދާ ހޭލާ ހުރެ ބަލާށެވެ. ރޭގަނޑުގެ އަރާމް ނިދި ލިބުމަކީވެސް ކިހާ ބޮޑު ނިޢުމަތެއް ހެއްޔެވެ؟ އަހަންނަށް އޭގެ އަގު ވަޒަން ކުރެވެއެވެ. އަނެއްކޮޅުން ކަމެއް ދިމާވެއްޖެނަމަ، ޒިންމާވާންޖެހޭނީ ހަމަ އަހަންނެވެ. ކަމެއް ވާނީ ބުނެފައެއް ނޫނެވެ. އަހަންނަކީ ކަންކަމާއި އެހާ ޒިންމާދާރުވާން އިނގޭ މީހެއްވެސް ނޫނެވެ.

ޤަބޫލުކުރަމެވެ. ނުކިޔެވުނީއެއް ނޫނެވެ. މައިންބަފައިން ކިޔަވައިނުދިނީ އެއްވެސް ނޫނެވެ. އެކަމުގައި ކުށްވެރިއަކީ އަހަންނެވެ. އެހެން މީހަކާއި ދިމާލަށް އިނގިލި ދިއްކުރެވޭކަށް ނޯންނާނެއެވެ. ޝަކުވާއެއްވެސް ކުރެވޭކަށް ނޯންނާނެއެވެ. ހިތަށް އަރައެވެ. އެދުވަހު އަހަންނަށް އެގޮތަށް ވިސްނުނީ ކީއްވެގެން ހެއްޔެވެ؟ ރައްޓެހިންގެ ސަބަބުން ހެއްޔެވެ؟ އަހަރެން ޅަ ކަމުން ހެއްޔެވެ؟ ނުވަތަ ވަގުތުގެ ސަބަބުން ހެއްޔެވެ؟ ޖަވާބަކީ ކޮބައިކަން ޚުދު އަހަންނަށްވެސް ނޭގެއެވެ.

ސިގިރޭޓެއް ރޯކޮށްލީ ދެނެވެ. އަހަރެން ބަލާލީމެވެ. ސިގިރޭޓްގެ ދުންތައް ދޫކޮށްލުމުން ތަރުތީބެއްނެތި މޫނުމަތީގައި ފެތުރިގެން ދިޔައެވެ. ބައެއްފަހަރު، އަހަންނަކީވެސް އެފަދަ މީހެކޭ ހިތަށް އަރައެވެ. އެ ދުންތައް ފަދައިން އެއްވެސް އަމާޒެއް ނެތެވެ. މަންޒިލެއް ނެތެވެ. ދާން ބޭނުންވަނީ ކޮން މިސްރާބަކަށް ކަންވެސް އަހަންނަކަށް ނޭގެއެވެ. އަހަރެންގެ މަންޒިލްވަނީ ކޮންތާކުގައި ބާވައެވެ؟ މަހެފިޟްވަނީ ކިހާ ހިސާބެއްގައި ބާވައެވެ؟ ހިތަށް އަރައެވެ. މިހެން މުޅި ޢުމުރު މިވަޒީފާގައި ހުރެ ނިމިގެން ދާންވީ ބާވައެވެ؟

ކުއްލިއަކަށް މަޑު ވައިރޯޅިއެއް ޖެހިލިއެވެ. އަހަރެން ހަނދާންވީ ރަށުގެ މަތިންނެވެ. އެއީ ކިހާ މަޖާ ދުވަސްވަރެއް ހެއްޔެވެ؟ ރައްޓެހިންނާއިއެކު ކިހާ މަޖާކުރެވުނު ހެއްޔެވެ؟ އަދިވެސް ހަނދާން އެބަހުއްޓެވެ. ޕަޓާސްޖެހުމެވެ. ދަތުރު ދިއުމެވެ. ވަގު ރުކު އެޅުމެވެ. ގޭގެއިން ވަގަށް ކެޔޮ ކެނޑުމެވެ. ރޭގަނޑު ދަންވަރު ގޭގޭ ފުރާޅަށް އޮށްގާ އުކުމެވެ. މީހުންނަށް ޖެއްސުން ކުރުމެވެ. މީހަކު ބުނެގެން ސަތޭކަ ރުފިޔާއަށް ޕިކަޕެއްގެ ބިއްލޫރި ގަނޑު ތަޅާލި ރެއަކީ އެންމެ މަޖާވި ރެއެވެ. އެކަމަކު، އެންމެ ހިތްހަމަޖެހުނީ ޓީޗަރދެކެ ހިތްހަމަނުޖެހިގެން ޓީޗަރ ގަޔަށް ކުލަ ޖެހި ދުވަހުއެވެ. އެވަރު މަޖާ ދުވަހެއް ޙަޔާތުގައި ދެން އަންނާނެހެނެއް ހިއެއް ނުވެއެވެ. އަހަރެން ދެކެ މުޅި ސުލޫކްގެ ހުރިހާ ކުދިންވެސް ޖެހިލުންވާނެއެވެ. އެއީ ހަމަ ވާނޭ ގޮތެވެ. ހުރިހާ ކަމެއްގެ އަޑީގައި ހުންނާނީ އަހަންނެވެ. ހުރިހާ ކަމެއް ކޮށް ރާވާ، ހިންގާނީ އަހަންނެވެ. އަހަންނަކީ ގުރޫޕްގެ ބޮހެވެ. ދާދާއެވެ.

އެކަމަކު، މިރޭ އަހަރެންގެ ހިތް ރޮނީއެވެ. ކީއްވެގެން ހެއްޔެވެ؟ ކުރެވުނު ފައިދާއެއްނެތް ބޭކާރު ކަންތައްތަކެއްގެ ސަބަބުނެވެ. ހިތަށް އަރައެވެ. މީހަކު އައިސް އަހަރެން ނިދާފައި އޮތްވާ ފުރާޅަށް އޮށްގާ އުކުމުން އަހަންނަށްވެސް އުދަނގޫވާނެއެވެ. ގޭގައި އޮތް ކެޔޮގަނޑު ގެންދިއުމުން އަހަރެންވެސް ދެރަވާނެއެވެ. އަހަރެންގެ ޕިކަޕަށް ގެއްލުމެއް ލިބިއްޖެނަމަ އަހަންނަށްވެސް ބޮޑު ގެއްލުމެއް ލިބުނީއެވެ. އެ އުދަނގޫ ހަމަ އެމީހުނަށްވެސް ވާނެއެވެ. އެދުވަހު އެކަން ނުވިސްނުނީ ކީއްވެގެން ބާވައެވެ؟

ފުން ނޭވާއެއްލުމަށްފަހު، އަހަރެންގެ ނަފްސަށް ނަޒަރެއް ހިންގާލީމެވެ. އަހަންނަކީ ކުށްވެރިއެކެވެ. އެކަމަކު، ދެން އެމާޒީ ޢިއާދައެއް ނުވާނެއެވެ. އަދި ތަކުރާރެއްވެސް ނުކުރާނަމެވެ. އަހަރެން ޢަޒްމު ކަނޑައެޅީމެވެ. ހުރިހާ އެންމެންގެ ފަރާތުން މަޢާފް ހޯދުމަށެވެ. އެކަމަކު މަޢާފް ލިބޭނެބާވައެވެ؟ އަހަރެން ދިއުމުން އެމީހުން މަލާމާތް ނުކުރާނެ ބާވައޭ ހިތަށް އަރައެވެ؟ މައްސަލައެއް ނެތެވެ. އަހަރެން ދާނަމެވެ. މަޢާފްވެސް ހޯދާނަމެވެ. މިއީ މިހާރު މުޅިން އެހެން މީހެކެވެ. އަހަރެން މިހިރީ މުޅިން ބަދަލުވެފައެވެ. އަހަރެން ދެން ހުންނާނީ ގޮތުގައެވެ. އަހަންނަކީވެސް މީހެއްކަން އެހެން މީހުންނަށް ދައްކާލާނަމެވެ.

ތަޢުލީމްގެ މުޙިންމުކަން އިނގޭނީ ނުކިޔަވައި ހުންނަ މީހަކަށެވެ. މުއްސަނދިކަމުގެ ބޭނުންތެރިކަން އިނގޭނީ ފަޤީރުންނަށެވެ. ދިރިއުޅުމުގެ ކާމިޔާބު ލިބޭނީ ޢިބްރަތް ހޯދާ މީހުންނަށެވެ. މިހާރު އަހަންނަށް ވިސްނިއްޖެއެވެ. ވިސްނުނީ ކުއްލިއަކަށެވެ. ދިމާވި ކަމެއްގެ ސަބަބުންނެވެ. ފެނުނު މަންޒަރެއްގެ ސަބަބުންނެވެ. ކަންފަތުގައި ޖެހުނު އަޑެއްގެ ސަބަބުންނެވެ. އެއީ އެންމެ ޖުމްލައެކެވެ. މަންމައަކު ދަރިއެއްގެ ގާތުގައި ބުނި ޖުމްލައެކެވެ.

” ދަރިފުޅާ! ކިޔަވާކަށް ވަކި ޢުމުރެއް ނޯންނާނެ!” ޑިއުޓީ ޕޮއިންޓް ކައިރިން ދަރިފުޅުގެ އަތުގައި ހިފައިގެންދަމުން އެ މަންމަ އެހެން ބުނެލިއެވެ. އެމީހުން ދައްކަމުން ގެންދިޔައީ ކިޔެވުމުގެ ވާހަކަ އެވެ.

އަހަރެންގެ ކަންފަތުގައި ޖެހުނީ އެއަޑެވެ. ހިތްވަރު ލިބުނީ އެޖުމްލައިންނެވެ. ދިރިއުޅުމުގައި އަހަރެންގެ މަޤްޞަދަކީ ކިޔަވައިގެން ހުރި މޮޅު މީހަކަށްވުމެވެ. ބޭކާރު ހުރިހާ ކަންތައްތަކާއި ދުރުވެ، ހަރުދަނާ މީހަކަށް ވުމެވެ. މައިންބަފައިންނާއި ޤައުމު ފަޚްރުވެރިވާ ފަދަ ދަރިއަކަށްވުމެވެ. އޭރުން އެންމެންވެސް ބުނާނެއެވެ.

” އޭ. އެއްކަލަ ރިމާލް، ކިޔައިވައިގެން މޮޅު މީހަކަށްވެގެން އައިސްފި. އަހަރެމެން ދުވަހަކުވެސް ހީއެއް ނުކުރަން އޭނާ ކިޔަވައިގެން ޕީ.އެޗް.ޑީ ނަގައިގެން އަންނާނެކަމަކަށް. އެއީ ކުރީގައި ކިހިނެއް އުޅުނު މީހެއްދޯ.” އަހަރެން ފަޚްރުވެރިކަމާއިއެކު ކޮނޑު ހިއްލާލާނަމެވެ. އަދި ހިނިތުންވެލާނަމެވެ. މިހާރު އަހަރެން އިންތިޒާރު މިކުރަނީ އެދުވަސް އަންނަންދެނެވެ.
(ނިމުނީ)

4
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

DESTINY2020

Other Articles

Previous

އެދަތުރަށްފަހު………

Next

ޓައިޕިސްޓް

Next
July 29, 2015

ޓައިޕިސްޓް

Previews
July 29, 2015

އެދަތުރަށްފަހު………

One Comment

  1. maahy says:
    July 29, 2015 at 1:54 pm

    nice

Comments are closed.

All Right Reserved!