Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޯންކޯލް

DESTINY2020 Level 210 Stories
July 29, 2015 3 Mins Read
4 Comments

އެއީ ކާކުހެއްޔެވެ؟ ކިޔަނީ ކޮން ނަމެއް ހެއްޔެވެ؟ ހުންނަނީ ކިހިނެއް ހެއްޔެވެ؟ ދިރިއުޅެނީ ކޮންތަނެއްގައި ހެއްޔެވެ؟ މިއިން އެއްވެސް މަޢުލޫމާތެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު، އޭނާއަށް އަހަރެންގެ ހުރިހާ މަޢުލޫމާތެއް އިނގެއެވެ. ދިރިއުޅެނީ ކިހިނެއްކަމެވެ. ރައްޓެހިވި ހުރިހާ ކުދިންގެ ނަމެވެ. އެކުދިންނާއި ރުޅިވިގޮތްވެސް އިނގެއެވެ. ނުވިތާކަށް މިހާރު އަހަރެންގެ ދިރިއުޅުން މިހުރި ހިސާބުވެސް ރަނގަޅަށް ދަނެއެވެ. އަހަރެންގެ ބޮލުގައި ރިއްސަނީ މިކަންކަމާއިއެވެ. ނުވެސް ދަންނަ މީހަކަށް އަހަރެންގެ ޙަޤީޤަތް އިނގޭތީއެވެ. އަޅަމުންދާ ފިޔަވަޅުތައް ފެންނަކަމަށްޓަކައެވެ. އެއީ ވަރަށް ބިރުހުރި ކަމެކެވެ. ދުރުގަ، މާދުރުގައި ހުންނަ މީހަކަށް ތިމާގެ ހުރިހާ ޙަޤީޤަތެއް ސާފްކޮށް އިނގުމަކީ ވަރަށް ޖެހިލުންވާންޖެހޭ ކަމެކެވެ. އެފަދަ މީހަކަށް، ތިމާޔަށް ކޮންމެ ގެއްލުމެއްވެސް ދެވިދާނެއެވެ. އަހަންނަށް މައްސަލައަކީ އެންމެ މައްސަލައެކެވެ. ދުވަހަކުވެސް އޭނާ އަހަންނާއި ބައްދަލުނުކުރާތީއެވެ. އޭނާގެ ނަންވެސް އަހަންނަށް ބުނެދިނުމަށް އޭނާ އެއްބަހެއް ނުވިއެވެ. ހަމަ އެކަނި އިވެނީ އޭނާގެ އަޑެވެ. އެވެސް ކުރާ ފޯންކޯލް ތަކުންނެވެ. އެކަމަކު، ދުވަހަކުވެސް އަހަރެންގެ ފަރާތުން ފައިދާއެއް ނަގާކަށް އޭނާ ނޭދެއެވެ. އޭނާ ބޭނުންވަނީ އެންމެ ކަމެކެވެ. އަހަރެންގެ އުޅުން ބަދަލުކުރުމަށެވެ. އިޞްލާޙްވެ، އުފާވެރި ޙަޔާތެއް ފެށުމަށެވެ. ގުޅާ ކޮންމެ ފަހަރަކުވެސް ދައްކާނީ މިވާހަކައެވެ. ބައްޕައަކު ދަރިއަކަށްދޭ ވަރަށް ނަޞޭޙަތްވެސް އޭނާ އަހަންނަށް ދެއެވެ.

އަހަންނަކީވެސް ހުތުރު އަންހެން ކުއްޖަކަށް ނުކިޔާނެއެވެ. އަހަރެން ރައްޓެހިވި ފިރިހެން ކުދިންނަށް މިކަން ރަނގަޅަށް އިނގޭނެއެވެ. އެއްވެސް މީހަކު އަހަރެން ދޫކޮށްލާފައި ނުދެއެވެ. އެކަމަކު، އެހުރިހާ އެންމެންވެސް އަހަރެން ދޫކޮށްލީއެވެ. ހިތް ފުރުމުން، އާކޮށްލަން އަހަރެން ބޭނުންވަނީއެވެ. މިއީ އަހަރެންގެ ބަލިފައިކަމަށް ވެސް ވެދާނެއެވެ. އެކަމަކު، ހޯދޭނީ މިއަދު ހޯދި އުފަލެކެވެ. އަހަރެން ދެކޭގޮތުގައި މާދަމާ އުފަލެއް ހޯދަން މަޑުކުރުމަކީ މޮޔަކަމެކެވެ. ސަބަބަކީ އެ އުފާވެރި ވަގުތުކޮޅު މާދަމާ، ނުލިބިދާނެކަމަށްޓަކައެވެ. އަހަންނަކީ ފުރުޞަތުގެ ބޭނުން ހިފަން ވަރަށް ބޭނުން މީހެކެވެ. ލޯބީގައި އަހަންނަށް ނުލިބު އެއްވެސް އުފަލެއް އެހެން މީހަކަށް ލިބުމަކީ އަހަރެން އެދޭ ގޮތެއް ނޫނެވެ. އަހަންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު އަންހެން ކުއްޖެކޭ މީހުން ބުނެދާނެއެވެ. އަހަންނަށް ވަރިހަމައެވެ.

” އަހަރެންނަށް ތިހާ ހެޔޮއެދޭ މީހަކަށް ވާނަމަ، މިހާރު އަހަންނާއި ބައްދަލުކޮށްފީސް.” އޭނާ ފޯން ކުރުމުން އަހަރެން ބުނީމެވެ.
” ހެޔޮ އެދޭ ކޮންމެ މީހަކީ، ތިމާޔާއި ބައްދަލުކުރަން އެދޭނެ މީހެއްނޫން. ނުފެނުނަސް، އަހަރެން ދައްކާ ވާހަކަ ޤަބޫލުކުރުމުން ފައިދާވާނީ ތިކޮޅަށް. އަހަރެން އެއްވެސް ކަމެއް ބޭނުމެއް ނޫން. އެކަމަކު، ތިކަހަލަ ފުރިހަމަ ރީތި އަންހެން ކުއްޖަކު ހަލާކުވާކަށް އަހަރެން ބޭނުމެއް ނޫން. ތިއުޅުން ބަދަލުކޮށްފިއްޔާ އަހަންނަށް ވަރަށް ރަނގަޅު. ކިތަންމެ ރީއްޗަސް އަގެއްނެތިއްޔާ ބޭނުމެއް ނުހިފޭނެ. ދުނިޔެއަށް ގިނަވެ، ބަދުނާމްވުމުން ދެން ހެދޭނެ ގޮތެއް ނޯންނާނެ. މިއަދު ރީތިކަން ދައްކައިގެން މީހުން ހެއްލަމުން އުފާ ހޯދިދާނެ. އެކަމަކު މާދަމާ ދައްކާނީ ކޮން އެއްޗެއް؟ ވިސްނާލަބަލަ މިނޫން އެހެން ދުވަހެއްވެސް އޮތްކަން. އޭރުން އަހަންނަށް ހީވަނީ ތިހެނެއް ނޫޅޭނެހެން؟” އަހަންނަށް ހީވަނީ އޭނާ، އަހަންނަށް ތަޤްރީރެއް ދެނީހެންނެވެ.
” ތިވެސް ދޮގު ވާހަކައެއް ނޫން. އެކަމަކު މިއީ އަހަރެންގެ އަމިއްލަ ދިރިއުޅުން. މިދިރިއުޅުން ކުރިއަށް ގެންދާނީ އަހަރެން. ދުރުގަ ހުންނަ މީހަކު ފާޑުކިޔާކަށް އަހަރެން ބޭނުމެއް ނޫން.” އެހާ ފަސޭހައިން ގޮތްދޫކުރުމަކީ އަހަރެންގެ ގޮތެއް ނޫނެވެ.
” މިއުޅެނީ ފާޑުކިޔާކަށް ނޫން. ތިނުވިސްނޭ ސިކުނޑިއަށް ވިސްނަދެވޭތޯ. އެންމެ ފަހުންވެސް ކުޑަ ބަނޑޮހުގައި ޝަޒްނާ އުޅުނުގޮތް އަހަރެން ދުށީމޭ. ހިތަށްއެރި ތީ ހަމަ ދިވެއްސެއްގެ ދަރިއެއް ބާވައޭ؟ ލަދުރަކިކަން ހުންނަ އަންހެން ކުއްޖެއްވިއްޔާ ތިހެނެއް ނޫޅޭނެ. ވިސްނާލަބަލަ! ތިމާގެ ދިރިއުޅުން. އެދިރިއުޅުން ހަލާކުގެ ތެރެއަށް އެއްލާލާކަށް ނުވާނެ. ކިތަންމެ އުފަލެއް ލިބުނަސް ފަހުން ލިބޭނެ ވޭނަށްވެސް ވިސްނަންޖެހޭނެ. އަނެއްކޮޅުން، ތިމާގެ ސަބަބުން ދެން ތިބި އެހެން މީހުން ހަލާކުވުމަކީވެސް ވަރަށް ދެރަކަމެއް. އެކަމުގެ ޒިންމާވެސް ހަމަ ނަޖަންޖެހޭނީ ޝަޒްނާ.” އޭނާ އަކީ ވާހަކަ ދައްކަން މޮޅު މީހެކެވެ.
” ބައްދަލުކޮށްލަފާނަންތަ ތިހާ ވަރަށް އަހަންނަށް ވިސްނަދެން ބޭނުމިއްޔާ؟” އަހަރެން އެހީމެވެ.
” ކޮންމެވެސް އެއްދުވަހަކުން ތިކަންވެސް ވާނެ.” އޭނާ ބައްދަލުކުރާ ޚިޔާލެއް ނުކުރެއެވެ.

އަހަރެން ވިސްނާލީމެވެ. އަހަރެންގެ ދިރިއުޅުން ހުރި ހިސާބެވެ. ދާން ބޭނުންވާ ހިސާބެވެ. ވާޞިލްވާން އެދޭ މަންޒިލެވެ. އެކަމަށް އެޅިފައިވާ ހުރަސްތަކެވެ. ތެދެކެވެ. އޭނާ އެދެއްކީވެސް ގޯސް ވާހަކަތަކެއް ނޫނެވެ. އެކަމާއި ދެކޮޅުހެދޭކަށް ނެތެވެ. ކުރިން އަހަންނާއި ވާހަކަދައްކާ ހުރިހާ ފިރިހެނުންވެސް އަހަންނަށް ތަޢުރީފް ކުރާނެއެވެ. ވަރަށް އަވަހަށް ބައްދަލުވެސް ކުރާނެއެވެ. ނުވިތާކަށް ދެން މަސައްކަތްކުރާނީ ނެގެން އޮތް ފައިދާއެއް ނެގުމަށެވެ. އެ ހުރިހާ އެންމެންނަށް އެކަން އެހާ ފަސޭހަ ވަނީވެސް އަހަރެންގެ ސަބަބުންނެވެ. އަހަންނަކީވެސް އެފަދަ ކަންކަމަށް ވަރަށް ބޭނުންވެފައި ހުންނަ މީހަކަށް ވާތީއެވެ. އެކަމަކު، އޭނާގެ ވާހަކަތަކުން އަހަންނަށް ވަރަށް ބޮޑު އެއްޗެއް ވިސްނުނެވެ. ހެޔޮއެދޭ މީހުންގެ ގޮތެވެ. ދިރިއުޅުމުގެ ފަލްސަފާއެވެ. ހިތްހަމަ ޖެހުމުގެ ތަޅުދަނޑި ހޯދާނެ ގޮތެވެ.

” އަހަރެން ވަރަށް ބޭނުން ބައްދަލުކޮށްލަން” އޭނާ ގުޅުމުން އަހަރެން އެދުނީމެވެ.
” މުޙިއްމީ ބައްދަލުކުރުމެއް ނޫން. ޝަޒްނާގެ ދިރިއުޅުމަށް ތި ގެންނަ ރަނގަޅު ބަދަލުގެ ސަބަބުން އަހަރެން ވަރަށް އުފާކުރަން. މުސްތަޤްބަލުގައި ތިއަށްވުރެވެސް ރަނގަޅު، ފުރިހަމަ އަންހެން ކުއްޖަކަށް ވާނެކަމަށް ހީކުރަން. ތީ ކިހީ ރީތި އަންހެން ކުއްޖެއް. ތިހާ ރީތި ކުދިން ނުވާނެ އެހާ ޗީޕްވާކަށް. މިހާރު މިކަންވެސް ޝަޒްނާއަށް ވިސްނެމުންދާތީ އަހަރެން ވަރަށް ހިތްހަމަޖެހޭ.” އޭނާގެ ބޭނުމަކީ އަހަރެން އިޞްލާޙްކުރުމެވެ.
” ކުރިން އެގޮތަށް ކަންތައްވީ އަހަރެންވެސް އެގޮތަށް އުޅެން ބޭނުންވެގެން. މިހާރު މިއެހާ ޗީޕެއް ނުވާނެ. އަގު ބޮޑުވެގެން އެންމެ އަގު ބޮޑު އަންހެން ކުދިންގެ ތެރޭގައި އަހަރެންވެސް ހިމެނޭނެ. އެކަމަކު، ހިތަށް އަރާ ތިފަދަ ހެޔޮލަފާ ރައްޓެއްސަކާއި ބައްދަލުވުމުގެ ނަޞީބު ޙަޔާތުގައި ނެތީ ކީއްވެގެން ބާވައޭ؟” އަހަރެން އޭނާއާއި ބައްދަލުކުރަން ވަރަށް ބޭނުމެވެ.
” ބައްދަލު ނުވިޔަސް އަހަރެންގެ ހެޔޮ ދުޢާ އަބަދުވެސް ވަނީ ޝަޒްނާ އާއި އެކުގަ؟” އެހެން ބުނުމަށްފަހު އޭނާ ފޯން ބޭއްވިއެވެ.

އޭގެ ފަހުން މިހާރު ހަތް އަހަރުވީއެވެ. އަހަރެންގެ ދިރިއުޅުންވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެވެ. މިހާރު އަހަރެންގެ ދިރިއުޅުމަކީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. ފިރިމީހާއާއި ދެކުދިންނަށް ދޭންޖެހޭ އަޅާލުމާއި ލޯބިދެމުން މިގެންދަނީ ވަރަށް ހިތްހަމަޖެހިގެންނެވެ. މިހާރުވެސް ވަރަށް މަދުމަދުން އޭނާ އަހަންނަށް ގުޅައެވެ. ޙާލު އަނހާ އޮޅުން ފިލުވައެވެ. ދިމާވާ މައްސަލަތަކުގައި ޙައްލު ހޯދައިދެއެވެ. އެހެނަސް މިއަދާއި ހަމައަށް އައިރުވެސް އަހަންނަށް އޭނާ ފެނުމުގެ ނަޞީބެއް ނުލިބުނެވެ. ބައްދަލެއްވެސް ނުވެއެވެ. އެއީ މައްސަލައެއް ނޫނެވެ. އަހަރެން ތެދެއް ބުނަން ހެއްޔެވެ؟ އަހަރެންގެ އުފާވެރި ޙަޔާތުގެ ސިއްރަކީ އޭނާގެ ފޯންކޯލްތަކެވެ. އޭނާގެ ފޯންކޯލަށް އަބަދުވެސް އަހަންނަށް އިންތިޒާރުކުރެވޭނެއެވެ.
(ނިމުނީ)

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

މާކުރިންނެވެ.

Next

އެހީ…

Next
July 29, 2015

އެހީ…

Previews
July 29, 2015

މާކުރިންނެވެ.

4 Comments!

  1. rish says:
    August 5, 2015 at 9:43 pm

    hama hus summary…

    1. Anonymous says:
      September 30, 2015 at 8:29 pm

      then u dhan v nu summary nuhunna sitakah hmmm varah foohi vey hate u

  2. shikaa says:
    August 7, 2015 at 11:28 pm

    Salhi….

  3. ThoO says:
    October 8, 2015 at 8:57 pm

    V reethi vees aee firimeehakan engunama. Miee Thoo ge idea eh. ?

Comments are closed.


All Right Reserved!