Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާކުރިންނެވެ.

DESTINY2020 Level 210 Stories
July 29, 2015 3 Mins Read
1 Comment

މިއަދަކީ އޮފީހުގައި ވަރަށް ބުރަ ދުވަހެކެވެ. ދުވަސް ނިމުނުއިރު، ނިންމަން ހުރި މަސައްކަތްތައް ނުވެސް ނިންމުނެވެ. އަހަރެން ހުރީ ވަރަށް ހިތްހަމަވެސް ނުޖެހިފައެވެ. ކުރަން ބޭނުން ކަންތައްތައް ވަގުތުން ވަގުތަށް ނުނިމުމަކީ އަހަރެންގެ ބޮލުގައި ރިހޭކަމެކެވެ. ދެން ޖެހޭނީ އެހެން ވަގުތަކުން އެކަންތައްތައް ކުރާށެވެ. މިހާ ބިޒީކޮށް އުޅޭ ޒަމާނެއްގައި އެންމެ ސިކުންތެއްވެސް ގެއްލުމަކީ ވަރަށް ދެރަކަމެވެ. އެހެން ކަންތައްތަކަށް ހުންނަ ވަގުތުތައް ބޭކާރުވާނެތީއެވެ.

އަހަންނަށް ފޯނާ ހަމައަށް ދެވުނީވެސް އޮފީސް ނިމުމުންނެވެ. އޮފީހަށް އައިގޮތަށް ފޯން އޮންނާނީ ޗާރޖަށް ޖަހާފައެވެ. ވަރަށް ގިނަ ފަހަރަށް ފޯން ރިންގްވެސް ވިއެވެ. އެއްވެސް ފޯނަކަށް ޖަވާބެއް ނުދެމެވެ. ފޯން ބަލާލިއިރު އެކާވީސް މިސްކޯލް އައިސްފައި އޮތެވެ. ގިނައިން ހުރީ ރައްޓެހިން ގުޅާފައެވެ. އެކަމަކު ނުދަންނަ ނަންބަރަކުން ހަތް ފަހަރަށް މިސްކޯލްދީފައި އޮތެވެ. އެ ނަންބަރަށް ގުޅާ ހިތެއް ނުވިއެވެ. ނުދަންނަ ނަންބަރުން އަންނަ ފޯން ނެގުމާއި ގުޅުމަކީ އަހަރެންގެ އާދައެއް ނޫނެވެ. ދެން ބަލާލީއިރު، އެ ނަންބަރުން މެސެޖެއް ކޮށްފައިއޮތެވެ. ބިޒީ ނޫނިއްޔާ މިރޭ ބައްދަލުކުރަން ބޭނުންވާ ވާހަކައާއި ބައްދަލުކޮށްދީފިއްޔާ ވަރަށް ރަނގަޅު ކަމަށް ބުނެފައި އޮތެވެ. ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި އޮތްކަމާއި ކޮންމެހެންވެސް ބައްދަލުކޮށްދިނުމަށް އެދިފައިއޮތެވެ. އެ މެސެޖްގެ ތިރީގައި ނަން ޖަހާފައި އޮތެވެ. އެއީ ސަނާ ފޮނުވި މެސެޖެކެވެ.

ސަނާ އަހަންނަށް މިހާރު މެސެޖް ކުރަން ޖެހޭބާވައެވެ؟ ސަނާއަކީ ތަންކޮޅެއް ކުރިން ވަރަށް މުޙިންމު މީހެކެވެ. އެކަމަކު ސަނާ އެކަން ނުދަތުމުން މިހާރު އަހަރެންގެ ހިތުން އެނަންވެސް ވަނީ ފިލައިގެން ގޮސްފައެވެ. އެހެން ނަމަވެސް މެސެޖްކުރުމުން އަހަރެން ޙައިރާންވެސް ވިއެވެ. ސަނާ އަކީ މިހާރު މީހެއްގެ އަންބެކެވެ. ވީއިރު، ފަސް އަހަރުފަހުން އަހަންނާއި ބައްދަލުކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަނެއްކާ މައްސަލައެއް ޖެހުނީ ހެއްޔެވެ؟

ގެއަށް އައިސް ފެންވަރާލައިގެން ދަރިފުޅު ގޮވައިގެން ސައިކަލް ދުއްވާލަން ނިކުތީމެވެ. އަހަރެންގެ ދިރިއުޅުމުގައި އަނބިދަރިންނަކީ ވަރަށް މުޙިންމު ބައެކެވެ. ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް އެމީހުންނާއި އެކު ވަގުތު ހޭދަކުރަންޖެހޭނެއެވެ. އާއިލާގެ އެކުވެރިކަމަކީ އަހަރެން އެންމެ ސަމާލްކަންދޭ ކަމެވެ. އެހެންވެ މަދުވެގެން ހަފްތާއަކު އެއްދުވަހަކު ދަރިފުޅު ގޮވައިގެން ދުއްވާލަން ދިއުމަކީ އަހަރެންގެ އާދައެކެވެ. ދަރިފުޅު ގޮވައިގެންގޮސް ފިޒަސްކައިރީގައި ސައިކަލް ޕާރކް ކޮށްލީމެވެ. ދެން ދަރިފުޅަށް އައިސްކްރީމް ދިނުމަށްޓަކައި އަހަރެން ވަނީ ފިޒަސްއަށެވެ. ފޯން ރިންގްވާންފެށީ އެތަނުގައި ހުއްޓައެވެ. އަހަރެން ފޯނަށް ބަލާލީމެވެ. ގުޅަނީ ސަނާއެވެ.

” ފަސް އަހަރުފަހުން އަހަންނަށް ގުޅުމުގެ ބޭނުމަކީ ކޮބާ؟” ފޯނު ނެގުމަށްފަހު ފުރަތަމަވެސް އަހަރެން ކޮށްލީ ސުވާލެވެ.
” ފަހެއް ނޫން، ފަނަރަ އަހަރުފަހުންވެސް މީހަކު ގުޅައިދާނެ. ބޮޑު ކަމެއް ޖެހިގެނޭ މިގުޅަނީ. އަހަރެން ވަރަށް ބޭނުން މިރޭ ބައްދަލުކުރަން. އައްގަޑި ބަޔަށް ރާނބާއަށް އަންނައްޗޭ.” ސަނާ ބޭނުންވަނީ އަހަންނާއި ބައްދަލުކުރުމަށެވެ.
” ބަލާނަން ދެވޭތޯ. ކިހިނެއްތަ ވެގެންތަ ތިއުޅެނީ؟” އަހަރެން އަނހާލީމެވެ.
” ބައްދަލުވުމުން ކިޔައިދޭނަން. އަންނައްޗޭ.” ސަނާގެ އަޑުގައި ވަނީ އާދޭހެވެ.

އެހެން ބުނުމަށްފަހު ސަނާ ފޯން ބޭއްވިއެވެ. ސަނާ އެއުޅެނީ ބޮޑު ކަމެއް ޖެހިގެނެވެ. އަހަންނަށް އެކަންތައް ނުވިޔަސް ބައްދަލުކޮށްލުން މުހިންމު ކަންނޭގެއެވެ. އެހީއެއް ނުވެވުނަސް ކޮންމެވެސް ޚިޔާލެއް ދެވިދާނެ ނޫންހެއްޔެވެ؟ ޙަޤީޤަތުގައި ސަނާގެ ކުރިމައްޗަށް އަރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު، އެވަރަށް ކިޔުމުން ދިއުމަކީ މައްސަލައެއް ނޫންކަން ނޭނގެއެވެ. ވެގެން އުޅޭގޮތެއް އިނގުމުން ކޮންމެވެސް އެއްޗެއް އަހަންނަށް ބުނެވިދާނެއެވެ.

އައްގަޑިބައިވުމުން ސަނާ އަހަންނަށް ގުޅިއެވެ. އެހެންވެ، އަހަރެން ރާނބާއަށް ދިޔައީމެވެ.

” ހާދަ މާޔޫސްވެފަ ތިހުންނަނީ؟ ކޮބާތަ މައްސަލައަކީ؟” ސަނާގެ މޫނުމަތީގައި އުފާވެރިކަމެއް ނެތެވެ.
” ފިރިމީހާ. ފިރިމީހާ ހުރިހާވެސް މައްސަލައަކީ. އޭނާ އަހަންނަށް އަނިޔާކުރަނީ. އެއްވެސް ލޯތްބެއް ނުދޭ. އަހަންނާއި އަޅައެއްނުލާ. އެއްވެސް ކަމެއް ނުކޮށްދޭ. އެންމެ ފަހުން ކުރި އަނިޔާގެ ނިޝާންވެސް މިހުރީ ބަލާބަލަ.” ސަނާގެ އަތުން، ލައިގެން ހުރި ޓޮޕްގެ ކަނާތުއަށް ހިއްލާލަމުން އަހަންނަށް ދައްކާލިއެވެ. އެތަން ހުރީ ނޫފައިގެންފައެވެ.
” ތީ އަމިއްލަ މައްސަލައެއް. ތިކަން ޙައްލުކުރެވޭތޯ ބަލާ.” އަހަންނަށް އެހީއެއް ވެވޭކަށް ނެތެވެ.
” މިހާރު އަހަރެން ވަރަށް ލޯބިވޭ ނިހާންދެކެ. ހިތަށް އަރާ އިނދެވުނު ނަމައޭ. ނިހާން ބޭނުމިއްޔާ ދެއަންބަށްވެސް މިހުރީ އިންނަން ތައްޔާރަށް.” ސަނާ ބޭނުންވާ ގޮތް ހާމަކުރިއެވެ.
” ތިބުނީ ފަހުވަގުތުގައި ހުރިހާ އަންހެނުންވެސް ބުނާއެތި. ޙަޤީޤަތުގައި ސަނާ ލަދުވެސް ގަންނަންޖެހޭނެ އަހަރެންގެ ކުރިމައްޗަށް އަރަން. އަހަރެން ކޮންކަމެއް ސަނާއަށް ނުކޮށްދެނީ. ކޮން އުފަލެއް ނުދެނީ. އަހަންނާއި އިންނަން ނިންމާފައި ރަންކިއުވާ ހުރިހާ ކަމެއްކޮށްފައި ގޮސް އަހަންނަށް ކެހިދިނީ. އެންމެ ފަހުން ގޮސް އިނީވެސް އުޅުމެއް ނެތް މީހަކާއި. އާނ. ސަނާ ބޭނުމީ ފައިސާ. އޭނަ އަތުގައި އެ އެބަހުރި. އަހަންނަކަށް އެއެއް ނުދެވޭނެ.” އަހަރެންނަށް މިއަދު ވާހަކަ ދެއްކޭނެއެވެ.
” އެކަމަކުވެސް އަހަރެން ވަރަށް ބޭނުން ނިހާން. ޕްލީސް މިކަމުގައި އަހަންނަށް އެހީވެދީ.” ސަނާގެ ލޮލުން ކަރުނަ ފާއްދާލިތަން އަހަންނަށް ފެނުނެވެ.
” އަހަންނަކީ ޢާއިލާއެއް ބަލަހައްޓަމުން އަންނަ މީހެއް. މިޢާއިލާއަށް އެހެން މީހަކު އިތުރުކުރެވޭކަށް ނެތް. އަދި މިހާރު ތީ އެސަނާއެއްވެސް ނޫން. ވަރަށް ބޮޑަށް ސޮރީ.” އަހަންނަށް ސަނާ އެބުނި ކަންތައް ކޮށްދެވޭކަށް ނެތެވެ.

ސަނާ އިނީ ވަރަށް ދެރަވެފައެވެ. އަހަންނަށް އެކަން އިނގެއެވެ. ކުރީގައި ސަނާއަކީ އަހަރެންގެ ހިތުގެ ރާނީއެވެ. ވަރަށް ރީތިވެސް ވާނެއެވެ. ފަސް އަހަރު ފަހުން ފެނުނު އިރު، އެމޫނުގައި އަލިކަމެއް ނެތެވެ. ދެލޯވެސް ވަނީ ވަޅު ވަދެފައެވެ. ތުންފަތް މަތީގައި ތާޒާކަމެއް ނެތެވެ. އަނެއްކޮޅުން އަހަރެންގެ ޢާއިލާ ރޫޅޭކަހަލަ ޅައެއްޗެއް އަޅާކަށް އަހަރެން ބޭނުމެއް ނޫނެވެ. ދިރިއުޅުމަކީ ކުޅިވަރެއް ނޫނެވެ. އެދުވަހު އެވާހަކަވެސް ސަނާގެ ގާތުގައި ބުނީމެވެ.

ދިރިއުޅުމުގައި ގިނަ މީހުންނަށް ވަނީ މިހެންނެވެ. ރަނގަޅު މީހާކަމަށް ހިތާ ނުބައި މީހާގެ އަތުގައި ހިފެނީއެވެ. ރަނގަޅު މީހާ ބާކީ ކޮށްލެވެނީއެވެ. އަތުގައި މިހިފުނީ ކިހާވަރެއްގެ މީހެއްކަން އިނގޭނީ ތަންކޮޅެއް ފަހުންނެވެ. އޭރު އޮންނަކީ ވާނެ ހައެއްޗެއް ވެފައެވެ. ވަގުތުވެސް ފާއިތުވެފައެވެ. ދެން ދުއްވައިގަނެވެނީ އެއްކަލަ ރަނގަޅު މީހާ ހޯދާށެވެ. އޭރު އެމީހާ ހުންނަނީ އަތުޖެހޭ ހިސާބެއްގައެއް ނޫނެވެ. ސަނާ އަށްވެސް މިވީ މިހެންނެވެ.

ސަނާއަށް ދިމާވިގޮތުން އަހަރެން ވަރަށް ދެރަވެސް ވިއެވެ. އެކަމަކު އެހީތެރިކަމުގެ އަތެއް ދިއްކުރެވޭކަށް މިއަދު އަހަންނަކަށް ނެތެވެ. ސަނާގެ އަތުގައި ހިފައިގެން އަންހެނުންނާއި ދަރިފުޅުގެ އަތުން ދޫކުރަންޖެހޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަންނަކީ މިހާރު ޢާއިލާއެއް ބަލަހައްޓަމުން އަންނަ މީހެކެވެ. އަހަރެންގެ އަންހެނުން ވަރަށްވެސް ރަނގަޅެވެ. އަހަރެންގެ ދަރިފުޅުވެސް ހުންނަނީ ވަރަށް ހިތްހަމަޖެހިގެންނެވެ. އާދައިގެ ދިރިއުޅުމެއް އުޅެންޖެހުނަސް އަހަރެންގެ އަންހެނުން ޝަކުވާއެއްވެސް ނުކުރެއެވެ. ޖެހޭ ކުދިކުދި މައްސަލަތައް އަހަރެމެން ވާހަކަދައްކައިގެން ޙައްލުކުރަމެވެ. އެހެންވެ، އިތުރު މީހަކު މިޢާއިލާއަށް ވައްދައިގެން ދިރިއުޅުން ހަލާކުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު، އަހަރެން ސަނާދެކެ ލޯބިވެސް ވީމެވެ. އެކަމަކު އެއީ މާކުރިންނެވެ.
(ނިމުނީ)

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

އިޙްސާސް

Next

ފޯންކޯލް

Next
July 29, 2015

ފޯންކޯލް

Previews
July 29, 2015

އިޙްސާސް

One Comment

  1. Hudhu says:
    July 29, 2015 at 2:21 am

    Vrh reethi

Comments are closed.



All Right Reserved!