ސިއްރު
ދުނިޔެއަށް ފުރަތަމަ ނޭވާލައެވެ. ދެން މަޑުމަޑުން މައިން ބަފައިންގެ ބެލުމުގެ ދަށުން ބޮޑުވަންފަށައެވެ. ދުވަސްކޮޅެއް ފަހުން ވާހަކަދައްކަން ފެށެއެވެ. ފިރުކުނު ދުވަސް ފަހަނަޅާ ގޮސް ހިނގަން ފެށެއެވެ. ދުވަސްތައް ފާއިތުވަމުން ދާ ވަރަކަށް ދުނިޔެއަށް ލޯހުޅުވެއެވެ. މަޑުމަޑުން ކުޑަކުއްޖެއްގެ ޙަޔާތް ފަހަނަޅާގޮސް ބޮޑު މީހަކަށް ވުމުގެ މަރުޙަލާއާއި ކުރިމަތިލައެވެ.
ތަޢުލީމީ ޙަޔާތް ނިންމުމަށްފަހު ދިރިއުޅުމުގެ މައިދާނާއި ނިކުމެއެވެ. ދެން އަންނަނީ ލޯބީގެ މޫސުމްވެ. ރައްޓެހިވާނެ ކުއްޖަކު ހޯދަން އެބަޖެހެއެވެ. އަތުގައި ހިފައިގެން މުޅި ޢުމުރު ހޭދަކުރާނެ ޙަޔާތުގެ ބައިވެރިޔަކު ހުރުން މުޙިއްމު ވެދެއެވެ. ހަރުދަނާ ހެޔޮލަފާގޮތުގައި ދަރިން ތަރުބިއްޔަތުކުރާނެ ބައިވެރިޔަކަށް ބޭނުންވެދެއެވެ. ހިތްހަމަނުޖެހުމާއި ނުތަނަވަސްކަމުގެ ވަގުތުތަކުގައި ހިތްހަމަޖައްސައިދީ އުފާކޮށްދޭނެ ލޯބިވެރިޔަކަށް ހިތްއެދެއެވެ.
މިކަންތައްތައް ޙާޞިލްކުރުމަށްޓަކައި، އަހަރެންގެ ޙަޔާތުގެ ބައިވެރިޔަކަށް އަހަރެން ހެދީ ނުހާއެވެ. ނުހާއާއި އަހަންނާއި ދިމާވީ ފިހާރައެއްގެ ތެރެއިންނެވެ. އަހަންނަށް ނުހާ ފެނުނު ފުރަތަމަ ފަހަރުގައިވެސް ހިތްކިޔާ ގޮތެއް ހުއްޓެވެ. ނުހާގެ މަޑުމައިތިރިކަމާއި ހިތްތިރިކަން ފެނިފައި އަހަރެންގެ ހިތް ނުހާއަށް ހަދިޔާކުރެވުނު ކަހަލައެވެ.
” އެއީ ރަނގަޅު އަންހެންކުދިންނަކީ.. މިޒަމާނުގައި އެއީ ރަން…” ނުހާ ދައްކާލަމުން ޚަލީމް އަހަރެންގެ ކޮނޑުގައި ޖަހާލިއެވެ.
” އެހެންވިއްޔާ އެރަންގަނޑު އަހަރެން ބޭނުން..” ނުހާއަށް އަޑުއިވޭވަރަށް ކައިރިވެލަމުން އަހަރެން ބުނީމެވެ. ރަކިގޮތަކަށް ނުހާ ހިނިތުންވެލިއެވެ.
އެހިނދުން ފެށިގެން އަހަރެން ނުހާއާއި ދިމާކުރަމެވެ. ތިންމަސްފަހުން ނުހާގެ ނަމްބަރު ނުހާގެ އަތުން އަހަރެން ހޯދީމެވެ. ދެން މަޑުމަޑުން ނުހާއަށް ގުޅަމުން ގެންދިޔައީމެވެ. އަހަރެންގެ ހުރިހާ ފޯންކޯލެއްގައިވެސް ދައްކާފައި ހުންނާނީ އަހަރެންގެ އަނބެއްގެ ގައިގައި ހުންނަންޖެހޭ ސިފަތަކުގެ ވާހަކައެވެ. ހަރުދަނާ ދިރިއުޅުމަށްޓަކައި މަސައްކަތްކުރަންޖެހޭނެ ގޮތުގެ ވާހަކައެވެ. އެންމެ ފަހުން އަހަރެން ނުހާއާއި ރައްޓެހިވީމެވެ.
” ތިއޮތީ ތި ރަންގަނޑުވެސް ލިބިފައި.. ވަރަށް ބަލައިގެން ގެންގުޅެއްޗޭ! ނޫނީ ވަރަށް އަވަހަށް އޮފްކެނޑިދާނެ..” ކައިވެނީގެ ޕާރޓީގެ ތެރެއިން ޚަލީމް ދިމާކޮށްލިއެވެ.
” ވަރަށް ބަލައިގެން ގެންގުޅޭނީ.. އަހަރެންގެ ފަރާތުން ނުހާގެ އޮފް ކެނޑޭވަރުގެ ކަމެއް ނުކުރާނަން..” ނުހާގެ އަތުގައި ހިފަމުން އަހަރެން ބުނީމެވެ. ނުހާ ހިނިތުންވެލިއެވެ.
އަހަރެމެންގެ ކައިވެންޏަށް ދެއަހަރު ވިތަނާހެން، ލޯބިލޯބި އަންހެންކުއްޖަކު ލިބިއްޖެއެވެ. މަޑުމަޑުން އަހަރެމެންގެ ލޯބި ދަރިފުޅު ބޮޑުވަމުން އާދެއެވެ. އަހަރެމެން ދެމީހުންގެ ލޯބި ލިބިގެން ވަރަށް ފުރިހަމަޔަށް ބޮޑުވާ ކުއްޖަކަށް ހެދުމަށް އަހަރެން ވަރަށް މަސައްކަތްކުރަމެވެ.
އޮފީސް ދަތުރެއްގައި އަހަރެން ރާއްޖޭން ބޭރަށް ދިޔައީ ނުހާގެ ޙާލުއަޙުވާލު ބެލުމަށް ޚަލީމްއާއި ޙަވާލުކޮށްފައެވެ. އަހަރެންގެ ގާތް އެކުވެރިޔަކަށް ވާތީއެވެ. ނުހާއަށްވެސް އިތުބާރުކޮށްފައެވެ. އަހަރެން ފުރުމުގެ ކުރިން މިވާހަކަވެސް ނުހާގެ ގާތުގައި ބުނީމެވެ. ނުހާ އެއްވެސް މައްސަލައެއް ނުޖައްސައެވެ.
ތިން މަސް ފަހުން އަހަރެން އެބުރި މާލެއައީމެވެ. ފުރަތަމަވެސް ދިޔަގޮތަށް ނުހާގެ ގައިގައި ބައްދާލީމެވެ. ދެން ދަރިފުޅު އުރާލީމެވެ. ދެންވެސް ބަލާލެވުނީ ނުހާގެގެ މޫނަށެވެ. މާބޮޑު ބަދަލެއް ފާހަގައެއް ނުކުރެވުނެއެވެ. އެކަމަކު ދުވަސްކޮޅެއް ފަހުން އެހެން މައްސަލައެއް ދިމާވާން ފެށިއެވެ. ނުހާގެ ފަރާތުން ލޯބީގެ އެއްވެސް އުފަލެއް އަހަންނަށް ނުލިބެއެވެ. އެކަމާއި އަހަރެން ޝަކުވާކުރަމެވެ. ނުހާ ބުނަނީ އެހެން ވާހަކައެކެވެ. މައްސަރުކަންތައް ރަނގަޅު ނުވާވާހަކައެވެ. އެއީ ކުރިން އެއްގޮތަކަށްވެސް ނުހާއަށް ދިމާވިކަމެއްނޫނެވެ. އެކަމަށް ޙައްލެއް ހޯދުމަށް ޑޮކްޓަރަށް އެތައް ފަހަރަކު ދިޔައީމެވެ.
ނުހާގެ އެބަލި ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވާހެން އަހަންނަށް ހީވާންފެށިއެވެ. އެހެންވެ އަހަރެން ނުހާ ގޮވައިގެން ލަންކާއަށް ބޭސްފަރުވާއަށް ދިޔައީމެވެ. އަހަރެންގެ އަންހެނުން، އަދި ލޯބިވާ ދަރިފުޅުގެ މަންމަކަމަށްވުމުން، އަހަރެންގެ ފަރާތުން އަޅާލުންނުލިބިގެން ނުހާއަށް ދެރައެއްލިބުމަކީ އަހަރެން އެދޭގޮތަކަށްނުވިއެވެ.
ލަންކާއަށް އައިއްސުރެން، ނުހާގެ މޫނުމަތިން އިތުރު ކަންބޮޑުވުން އަހަންނަށް ފާހަގަކުރެވުނެވެ. އަހަރެން ހީކުރީ ބަލިވުމުން ވާކަމެއްކަމުގައެވެ. އެހެންވެ، ޑޮކްޓަރަށް ދެއްކުންވެސް ވަރަށް އަވަސްކުރީމެވެ. ޑޮކްޓަރުގެ ރޫމަށް ވަނީ އަހަންނާއި ނުހާއާއި އެކަންޏެވެ. ޑޮކްޓަރ ސުވާލުކުރުމުން ޖެހިގެން އުޅޭ މައްސަލަ ނުހާ ކިޔައިދިނެވެ.
” ދާދިފަހުން އެބޯޝަން ހައްދާފައިވާތީ، އެހާ އަވަހަކަށް ތިކަން ރަނގަޅެއް ނުވާނެ!” ޑޮކްޓަރ އެހެން ބުނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަންނަށް ހުރެވުނު ތަންވެސް ބުނަން ނޭނގުނުކަހަލައެވެ.
” އޭނ.. ކީކޭ..؟” އަހަރެން ކުއްލިއަކަށް ބުނީމެވެ.
” އާނ. މިބުނީ އެކަންތައް ދިމާވާ ސަބަބަކީ.. މީގެ މަހެއްކުރިން ނުހާ މިހޮސްޕިޓަލަށްއައި.. އެބޯޝަން ހައްދައިދިނުމުގައި އެހީތެރިވެދިނީ އަހަރެން.. އޭރުވެސް މިހުރިހާ ކަމެއް ދިމާވެދާނެ ކަމަށްބުނެފަ އޮންނާނީ.. ތީ އަނެއްކާ ނުހާގެ ކާކުބާ؟” އަހަންނާއި ނުހާއާއި ދެމީހުންނާއި ދިމާލަށް ބަލާލަމުން ޑޮކްޓަރ ބުނެލިއެވެ.
އިތުރު އެއްވެސް ވާހަކައެއް ނުދައްކާ އަހަރެން ނުހާ ގޮވައިގެން އެތަނުން ނިކުތީމެވެ. އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އަހަރެން އެކަމާއި ނުހާއާއި ސުވާލުކުރީވެސް އޭގެ ހަތަރު ގަޑިއިރު ފަހުންނެވެ. ނުހާ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަހަރެން ރަށުން ބޭރުގައިވީ ދުވަސްވަރުގައި ނުހާ ވަނީ ޚަލީމްއާއިއެކު ލޯބީގެ ގުޅުން ބާއްވާފައެވެ. އެގުޅުން ބަދަހިވެގެން އެންމެ ފަހުން ދެމީހުން ސަލާމަތްނުވާ ހިސާބަށްދިޔައީއެވެ. ދުނިޔޭގެ ލޯތަކަށް ފޮރުވަންވެގެން ޚަލީމްއާއި ނުހާވެގެން ލަންކާއަށް ގޮސް އެބޯޝަން ހެއްދީއެވެ. އެހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން އަހަރެންގެ ލޮލުން ކަރުނަ ފާއްދާލިއެވެ.
” ތިއިނީ ވަރިކޮށްފައި! ތިކުރީ މަޢާފްކުރެވޭ ވަރުގެ ކުށެއްނޫން! ހަމަ މިހާރު މިގެއިން ނިކުމޭ! ފިރިއެއްގެ ފަރާތުން މިކަމުގައި ލިބެންޖެހޭ މަޢާފެއް ދުވަހަކުވެސް ނުހާއަކަށް އަހަންނެއް ނުދޭނަން! މިއަދުގެ ފަހުން ނުހާއަށް މިދަރިފުޅުގެ މޫނެއްވެސް ނުފެންނާނެ! ނުވެސް ދައްކާނަން!.” މާލެއައިގޮތަށް ފުރަތަމަވެސް އަހަރެން ކުރިކަމަކީ އެއީއެވެ.
ކުށްވެރިޔަކު ކުށަށް އިޢުތިރާފް ވާހެން އިސްދަށަށްޖަހާލައިގެން ނުހާ އިނެވެ. ދެން މަޑުމަޑުން އަހަރެމެންގެ ދަރިފުޅުގެ މޫނަށް ބަލާލިއެވެ. އެއަށް ފަހު ގެއިން ނިކުމެގެން ދިޔައީއެވެ. އޭގެ ފަހުން މިހާރު ވިހި އަހަރުވީއެވެ. ދޭތެރެ ދޭތެރެއިން އަހަންނަށް ނުހާ ފެނެއެވެ. ޚަލީމްވެސް ފެނެއެވެ. އަހަރެން ފެންނަކަމަށް ނަހަދަމެވެ. އަހަރެންގެ ދަރިފުޅަކަށްވެސް އޭނަގެ މަންމައެއް ނުފެނެއެވެ. ދުވަހަކުވެސް ނުފެންނާނެއެވެ. ނުވެސް ދައްކާނަން މެއެވެ.
ތެދެކެވެ. ދިރިއުޅުމުގައި އިންސާނުން ކުށްކުރެއެވެ. ބައެއް މީހުންގެ ނަޞީބު ގަދަކަމުން އެމީހުން ކުރާ ކުށްތައް ފަޅާނާރަނީއެވެ. ދެން ތިބި ބައެއް މީހުންކުރާ ކުށްތައް ފަޅާއަރާ ބަދުނާމުވާލެއް އަވަހެވެ. ނުހާއާއި ޚަލީމް ހިތުން އެމީހުން އެކުރި ކަންތައް މުޅި ޢުމުރަށް އޮންނާނީ ސިއްރުވެ، ސިއްރަކަށްވެފައެވެ. އެކަމަކު އެހެނެއް ނުވިއެވެ. ކޮންމެ ސިއްރެއްވެސް، ކޮންމެވެސް އެއް ދުވަހަކުން ފަޅާއަރާނެއެވެ. ތިމާ ކުށެއް ކުރާއިރު، މިކަން ހަނދާނުގައި ބަހައްޓާނަމަ، ކިހާ ރަނގަޅުހެއްޔެވެ؟ ސިއްރުން ކޮންމެ ކަމެއްކުރިޔަސް، ސިއްރު ފަޅާއަރާނެ ދުވަހެއްވާކަން ހަނދާން ކުރާށެވެ. އެދުވަހަކުން މިފަދަ މީހުން، ހަދާނީ ކިހިނެއް ބާވައެވެ؟
(ނިމުނީ)
2 Comments!
Comments are closed.
Salhi
pis pis…bodu hulaasaaeh mee…