ބޭވަފާތެރިއެއް ނުވަމެވެ.
ކޮންމެ އިންސާނަކީވެސް މިދުނިޔެމަތީގައި ކުށްކުރެވޭނެ އިންސާނެކެވެ. އަހަރެންއަށް ވެސް ކުށްކުރެވެއެވެ. ނަމަވެސް އަހަރެންނަށް ކުރެވުނީ ކޮން ކުށެއްބާއޭ އަހަރެންގެ ހިތަށް އަރައެވެ. އަހަރެންދެކެ ލޯބިނުވާ މީހަކަށްޓަކައި އިންތިޒާރުކުރެވުން ހެއްޔެވެ. ނޫނީ މާ ބޮޑަށް ލޯބިވެވުން ހެއްޔެވެ. އާއެކެވެ. ލޯބިވުމަކީ ކުށަކަށް ވާނަމަ މިއަދު އަހަރެންނަށް އެކުށް ކުރެވިއްޖެއެވެ. ނަމަވެސް އަހަރެން އިޔާން ދެކެވީ ސާފުތެދުވެރި ލޯތްބެވެ.
އިޔާން އަހަރެންގެ ހަޔާތަށް އައީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭރު އަހަރެންނަކީ ދާނެ މިސްރާބެއް މަންޒިލެއް ނެތް އެކަނިވެރިއެކެވެ. އާއިލާއާއި ރައްޓެހިން ނެތީ އެއް ނޫނެވެ. ނަމަވެސް އަހަރެންގެ އިހުސާސްތައް ދެނެގަނެ ހިތްވަރު ދޭނެ މިތުރެއް ނެތެވެ. ރައްޓެހިންގެ ގޮތުގައި ތިއްބަސް އެމީހުންގެ ހިތުގައި ހަމްދަރުދީއެއް ނެތީއެވެ. އުޅޭ ހާލެއް ތަހައްމަލު ކުރާ ވޭނެއް އަހާލާނެ ދުލެއް ނެތެވެ. އެ ހިތްދަތި ވަގުތުގައި އަހަރެންގެ މިތުރަކަށް ވީ އިޔާންއެވެ. އަހަރެންގެ ހާލު ބަލަމުން ގެންދިޔައެވެ. ވިސްނައިދިނެވެ. އަބަދު ފިކުރުނު ކުރުމަށް ބުންޏެވެ. ދުނިޔެއަކީ ކެހިވެރިން ގިނަ ތަނެއްކަން ހަނދާން ކޮށްދިނީވެސް ހުދު އިޔާންއެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔައީ އިޔާން އޯގާތެރިކަމާއި ހަމްދަރުދީން އަހަރެންގެ ހިތް ފުރަމުންނެވެ. އަހަރެންގެ ހިތް މަޑުމަޑުން އިޔާންއަށް ލެނބެން ފެށީ ކީތްވެ ކިހިނެތްކަމެއްވެސް ނޭނގެއެވެ. އިޔާންގެ ހިތުގައި އޮތް އެއްޗެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އަަހަރެންނާއި އިޔާންގެ ގުޅުން ބަދަހިވަމުން ދިޔައިރު އަހަރެންނަށް އިޔާންއާއި ނުލައި ދިރިނޫޅެވޭނެ ވަރަށް ލޯބިވެވިއްޖެއެވެ.
އިޔާން ދެކެ ލޯބިވާކަން ހާމަ ކުރި ދުވަހަކީ ދެވަނަފަހަރަށް އަހަރެންގެ ހަޔާތަށް ބަހާރުމޫސުމެއް އައި ދުވަހެވެ. މަޑުމަޑުން މާޒީގެ ހަނދާންތައް ފިލައި ގޮސް އިޔާންއަށްޓަކައި އަހަރެންގެ ހިތް ހުޅުވާލީމެވެ. ކުރީ ފަހަރު ލިބުންފަދަ ކެހިވަރިކަމެއް ނުލިބޭނެ ކަމުގެ އުންމީދުގައެވެ. މާއިޝްވެސް އަހަރެންގެ ހަޔާތަށް އައީ އަހަރެންގެ ހަޔާތް އެފުށް މިފުށަށް ޖެހިފައިވާ ދުވަސްވަރެއްގައެވެ. ކުލައެއްނެތް ލޯބިން އަހަރެންގެ ހިތް ފަތަހަ ކުރަމުން ދިޔައެވެ. އަހަރެންދެކެ އިންތިހާއަށް ލޯބިވާ ކަމާއި ދޫ ކޮށްނުލާނެ ކަމަށް ވައުދުވިއެވެ. އަހަރެންވެސް މާއިޝްގެ ލޯބީގައި ކޮޅުފައިން ނުޖަހާ މާއިޝްދެކެ ލޯބިވީމެވެ. ނަމަވެސް ދޫ ކޮށްދިޔައީ އަހަރެންނަށް އެނގުމަކާނުލައެވެ. ރޮއެ އާދޭސް ކުރީމެވެ. ދޫކޮށްލާފަ ނުދިއުމަށް ބުނީމެވެ. ނަމަވެސް ކަރުނަތަށްވީ ބޭކާރެވެ. މާއިޝް އަހަރެން ދޫކޮށްލާފައި ދިޔައީއެވެ.
އަހަރެންނަށް މާއިޝްދެކެ ވެވުނީ ހަގީގީ ލޯބިނޫންކަން އަހަރެންނަށް އެނގުނީ އިޔާން އަހަރެންގެ ހަޔާތަށް އައުމުންނެވެ. އިޔާންދެކެ އަހަރެން އިންތިހާއަށް ލޯބިވީމެވެ. އެތަށް ކަމެއް ގުރުބާން ކުރީމެވެ. ނަމަވެސް ކަންތައްތައް ބަދަލުވެގެން ދިޔައީ އަހަރެން އެކަމަށް އުންމީދު ނުކުރާ ގޮތަށެވެ. މާއިޝް ދެވަނަ ފަހަރަށް އަހަރެންގެ ހަޔާތަށް އައީއެވެ. މީހެއްގެ މުހިންމުކަން އެނގޭނީ އެމީހެއްވަކިވެދިއުމުންނޭ ބުނާ ބީދައިން މާއިޝްއަށްވެސް އަހަރެން މުހިންމު ވީ އަދި ކިރިޔާއެވެ. އޭގެ ފަހުން އަހަރެންގެ ސަމާލުކަން ހޯދަން މާއިޝް ވަރަށް މަސައްކަތް ކުރެއެވެ. ދެވަނަ ފުރުސަތެއް ދިނުމަށް އެދި ސަލާންޖެހިއެވެ. ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ. އަހަރެން މާއިޝްދެކެ ވީ ލޯބިވީ ކަފުން ކޮށްފައެވެ. އަހަރެން ލޯބިވަނީ ހަމައެކަނި އިޔާންދެކެއެވެ.
މީހުން ބުނެއުޅެއެވެ. މީހަކު ހުންނަގޮތަކުން އެއީ ކޮން ކަހަލަ މީހެއް ކަމެއް ނޭނގޭނެއެވެ. ވިދާހާ އެއްޗަކީ ރަނެއް ނޫނެވެ. މޫސުން ބަދަލުވުމުގެ ކޮޅުމަތި ފެންނަހެން އިޔާންވެސް މުޅިން ބަދަލުވާން ފެށިއެވެ. އަހަރެންނަށް އަހަރެންގެ ކުށް އަބަދު ހަނދާން ކޮށްދޭން ފެށިއެވެ. ތުންތުންމަތިން އިވެމުންދިޔަ އަހަރެންނާއި މާއިޝްގެ ހަގީގަތެއް ނެތް ވާހަކަތައް އިޔާންވެސް ގަބޫލު ކުރީއެވެ. އަހަރެން ދޫކޮށްލާފައި ދިޔައީއެވެ. އަހަރެންގެ ލޯބި އަގެއްނެތް އެއްޗަކަށް ހަދާލީއެވެ. އަހަރެންގެ ހިތަށް ކުރާނެ އަސަރު ހަމަ އިޔާންއަށް ނުވިސްނެނީ ހެއްޔެވެ. ހަލާކުވެފައިވާ ހިތެއްގައި މަލަން އަޅައިލުމަށްފަހު އަނެއް ކާހަލާކު ކޮށްލީއެވެ. އަހަރެންގެ ރޭގަނޑުގެ ނިދި ނަގާލީއެވެ. އަނެއްކާވެސް މިދުނިޔެއަށް އަހަރެން އެކަނިކޮށް ބާކީކޮށްލީއެވެ.
މިއަދު އެހެން އަންހެން ކުއްޖެއްދެކެ ލޯބިވާ ކަމަށް ބުނެ އެ ކުއްޖާއާ އެކީ އުޅޭއިރު އަހަރެންގެ ހިތަށް ވަކި ކެތްވާނެހެއްޔެވެ. ހާދަ އަވަހަކަށް އިޔާން އަހަރެންގެ މަތިން ހަނދާން ނައްތައިލައިފިއެވެ. ނަމަވެސް އަބަދުވެސް މި ހިތުގައި ވަނީ އިޔާންއެވެ. އެނޫން ހިޔާލެއް ނުކުރެވެއެވެ. ހީވާ ކަަހަލައެވެ. އިޔާން އަދި އެނބުރި އަންނާނެއެވެ.
ނަމަވެސް ދިއުމުގެ ކުރިން އިޔާން އެދިޔައީ ވަރަށް ރަނގަޅަށް އަހަރެންނަށް އަހަރެންގެ ހައިސިއްޔަތު ހަނދާން ކޮށްދީފައެވެ.މިއަދު އަހަރެންނަށް އެއްކަމެއް ދަސްވެއްޖެއެވެ. ކޮންމެ ކޮންމެ މީހަކަށް އިތުބާރު ކުރާކަށް ނުވާނެއެވެ. އަދި މާ ބޮޑަށް އުންމީދުނު ކުރުމަށެވެ. ބައެއްފަހަރު އެ އުންމީދު ނާއުންމީދަކަށް ވުމުން އެ ކުރާ އަސަރު މާބޮޑެވެ.އަހަރެންގެ ހިތަށް އަރައެވެ. މާއިޝްއަށް ދެވަނަ ފުރުސަތެއް ދޭނީތޯ ނޫނީ އިޔާންއަށް އިންތިޒާރު ކުރާނީތޯއެވެ. އަހަރެން މާއިޝްދެކެ ލޯބިނުވާއިރު މާއިޝްގެ ހިތް ހަލާކުކޮށްލާކަށް ބޭނުމެއް ނޫނެވެ.
އަހަރެން އިޔާންއަށް ބޭވަފާތެރިއެއް ނުވަމެވެ. އިޔާންދެކެވީ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އިޔާން އެނބުރި އަންނާނެ ދުވަހަކަށް އަހަރެން އަބަދުވެސް އިންތިޒާރު ކުރަމެވެ.
ނިމުނީ
One Comment
Comments are closed.

Masha Allah… Varah reethi ?♥️ keep going gurl♥️