Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

މާތް ރަސޫލާގެ ދުނިޔެއާއި އާޚިރަތުގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ ސީރަތު 06

Ali Ihsaan Level 210 Stories100 Login
August 19, 2021 6 Mins Read
0 Comments

ޢުމަރުގެފާނުގެ ޚިލާފަތުގައި ޢާއިޝަތުގެފާނު

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހަކީ، އުއްމުލް މުއުމިނީން ޢާއިޝަތުގެފާނާ އެންމެ އެކުވެރިކޮށް އުޅުއްވި އެއްބޭކަނބަލެއްކަމުގައިވާ އުއްމުލް މުއުމިނީން ޙަފްޞަތުގެފާނުގެ ބައްފާޕުޅެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނު މާތް ރަސޫލާގެ އަނބިއަނބިކަނބަލުންނަށް ވަރަށް ކަމޭހިއްތެވިއެވެ. ޚާއްޞަ ގޮތެއްގައި ޢާއިޝަތުގެފާނަށް ހެޔޮފުޅުކޮށް ހިއްތެވިއެވެ.

ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ އޭނާ ލިޔުއްވި عُمَرُ ގެފާނުގެ ސީރަތުގައި ލިޔުއްވައިފައިވެއެވެ. އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ބަރާބަރަށް މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ހުވަފަތް އަނބިއަނބިކަނބަލުންގެ ޙާލުކޮޅު ބައްލަވަމުން ގެންދެވިއެވެ. އެބޭކަނބަލުންނަށް ވަރަށް ދީލަތިފުޅުވެވަޑައިގެން ހޭދަކުރައްވަމުން ގެންދެވިއެވެ. ރަނގަޅު ކާއެއްޗެއް ނުވަތަ މޭވާއެއް ލިބިވަޑައިގަތަސް އެއިން އެއްބައި މާތް ރަސޫލާގެ ހުވަފަތް އަނބިއަނބިކަނބަލުންނަށް ފޮނުއްވައިފައި ނޫނީ އެކަލޭގެފާނު ފަރީއްއެއް ނުކުޅުއްވައެވެ. އެބޭކަނބަލުންގެ ތެރެއިން އެންމެ ފަހުން ތަކެތި ފޮނުއްވަނީ އެކަލޭގެފާނުގެ ދަރިކަނބަލުން އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ އަށެވެ.

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ބަރާބަރަށް އެބޭކަނބަލުނަށް ބޭނުންފުޅުވާނެ ޚަރަދުބަރަދު ފޮނުއްވައި ހައްދަވައެވެ. އެއްފަހަރަކު ދިމާވި ޙާދިޘާއެކެވެ. عُمَرُ ގެފާނު، އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޖަޙުޝް އަށް އެކަމަނާގެ ޚަރަދު ބަރަދަށްވާ ފައިސާ ފޮނުއްވިއެވެ. އެ އެއްޗެތިކޮޅު ލިބިވަޑައިގެންނެވުމުން އެކަމަނާ ހީފުޅު ކުރެއްވީ އެއީ މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އެހެން އަނބިއަނބިކަނބަލުންނާ ލައިގެން ފޮނުއްވި އެއްޗެއް ކަމަށެވެ. ނަމަވެސް އެ ހިފައިގެން އައި ބޭކަލުން އެއީ ހަމައެކަނި އެކަމަނާގެ ޚަރަދަށް ފޮނުއްވި އެއްޗެއްކަމަށް ވިދާޅުވިއެވެ. އެހިނދު އެކަމަނާ ވިދާޅުވިއެވެ.

[ޞުބްޙާނަﷲ އެވެ. ތިޔަ އެއްޗެހި ތަކުގެ މަތީން ފޮތިގަނޑެއް އަޅައި ނިވާކޮށްލައްވާށެވެ.]

އެއަށްފަހު އެކަމަނާ ޚާދިމު ބަރުޒާ ބިންތު ރާފިޢުއަށް އެންގެވިއެވެ. [މީގެ ތެރެއަށް އަތްލައިފައި މުއްފުރެންދެން ނައިގެން ގޮސް އެވެނި މިވެނި ބަޔަކަށް ދީފައި އަންނާށެވެ.] މިގޮތުގެ މަތީން ވަރަށް ގިނަ މީސްތަކުންނަށް އެ ތަކެތި ބެއްސެވިއެވެ. އެއަށްފަހު ބަރުޒާ ބިންތު ރާފިޢު ދެންނެވިއެވެ.

[އޭ މުއުމިނުތަކުންގެ މަންމާފުޅާއެވެ. މާތްﷲ ގަންދެމެވެ. ދެން ބާކީ ހުރިބައި ޙައްޤުވަނީ އަޅުގަނޑުމެންނަށެވެ.] އުއްމުލް މުއުމިނީން ވިދާޅުވިއެވެ. [ދެން ބާކީ ހުރި އެއްޗެއް ކަމަނާ ބޭނުންކޮށްލާށެވެ.] ދެން ބަރުޒާ އެ ބެއްލެވިރު ފެނިވަޑައިގެންނެވީ އެންމެ އަށްޑިހަ ފަސް ދިރުހަމެވެ. އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޖަޙުޝް އަތްޕުޅު މައްޗަށް ނަންގަވައި ދުޢާފުޅު ކުރެއްވިއެވެ.

[ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. ދެން ފަހަރަކުން އަޅުގަނޑުގެ ޚަރަދު ޢުމަރުގެފާނު  ފޮނުއްވަންދެން އަޅުގަނޑު ދިރިދުނިޔޭގައި ނުލަހައްޓަވާންދޭވެ.]

އެއަށްފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޖަޙުޝް ރަޟިޔަﷲ ޢަންހާ މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ވިދާޅުވެއްޖެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ހުވަފަތް އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ ފުރަތަމަ އަވަހާރަވީ އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޖަޙުޝް ރަޟިޔަﷲ ޢަންހާއެވެ.

އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވާ ގޮތުގައި، އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު  އެބޭކަނބަލުން ފަރީއްކުޅުއްވުމަށް ޖަނަވާރުގެ ބޮލާއި ފައި ފޮނުއްވައި ހައްދަވައެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 255}

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ގެ ޚިލާފަތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަނބިއަނބިކަނބަލުން ޙައްޖަށް ވަޑައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގަންނަވަމުން ގެންދެވިއެވެ. ފުރަތަމަ ކޮޅު ޢުމަރުގެފާނު އެކަމާ ދެކޮޅު ހެއްދެވިއެވެ. ނަމަވެސް ފަހުން އެކަލޭގެފާނު އެބޭކަނބަލުން ޙައްޖަށް ވަޑައިގެންނެވުމުގެ އިޒުނަ ދެއްވިއެވެ. އެބޭކަނބަލުންގެ ޙަވާލުގައި ފޮނުއްވެވީ ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހު އާއި ޢަބްދުއް ރަޙްމާނު ބުން ޢައުފު ރަޟިޔަﷲ ޢަންހު އެވެ. އޭގެ ތެރެއިން އެބޭކަލަކު، އެބޭކަނބަލުންގެ ސަވާރީތަކުގެ ކުރިމަތީން، އަނެއް ބޭކަލަކު އެބޭކަނބަލުންގެ ސަވާރީތަކުގެ ފަހަތްޕުޅުން ދަތުރު ކުރެއްވުމަށް އަމުރުކުރެއްވިއެވެ.

އެބޭކަނބަލުން ދަތުރު ކުރައްވަމުން ވަޑައިގެން މަންޒިލު ކުރައްވަން ބޭނުންފުޅު ވެއްޖެނަމަ ދެ ފަރުބަދައެއްގެ ދެމެދަށްވާނެހެން މަންޒިލު ކުރެއްވުމަށް އެންގެވިއެވެ. އަދި ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހު އާއި ޢަބްދުއް ރަޙްމާނު ބުން ޢައުފު ރަޟިޔަﷲ ޢަންހު ފަރުބަދައިގެން ދެފަރާތުގައި ތިއްބަވައިގެން ހިލޭ މީހުން އެބޭކަނބަލުންނާ ގާތްވިޔަ ނުދިނުމަށް އެންގެވިއެވެ. ހަމައެހެންމެ އެބޭކަނބަލުން ކަޢުބާގެ އަރިހުގައި ޠަވާފު ކުރައްވާއިރު އެއްވެސް ފިރިހެނަކު ޠަވާފު ކުރިޔަ ނުދިނުމަށްވެސް އެންގެވިއެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 256}

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެއްފަހަރު އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހަށް ވަޑައިގެން އެކަމަނާގެ ކޮއްކޯފުޅު އުއްމު ކުލްޘޫމު ގެ ކާވެނިފުޅަށް އެދިވަޑައިގެންނެވިއެވެ. ޢާއިޝަތުގެފާނު އެކަމަނާގެ ކޮއްކޯފުޅަށް އެ ޚަބަރު ދެއްވުމުން އޭނާ  ވިދާޅުވިއެވެ. [އަޅުގަނޑު ތިޔަ ކާވެނި ކުރާކަށް ބޭނުމެއްނޫނެވެ.] އުއްމުލް މުއުމިނީން ވިދާޅުވިއެވެ. [ކަމަނާ އަމީރުލް މުއުމިނީންގެ ކާވެނީގެ ހުށައެޅުއްވުން ރައްދު ކުރައްވަނީތޯއެވެ.؟] އެކަމަނާ ޖަވާބު ދެއްވިއެވެ. [ޢުމަރުގެފާނަކީ ވަރަށް އުނދަގޫ ދިރިއުޅުއްވުމެއް އުޅުއްވާ ބޭކަލެކެވެ. އަންހެނުންގެ ކަންތައްތަކުގައި އެކަލޭގެފާނަކީ ވަރަށް ހަރުކަށި ބޭފުޅެކެވެ.]

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އަށް ސީދާ މިވާހަކަ އަމީރުލް މުއުމިނީންގެ އަރިހުގައި ދަންނަވާކަށް ކެރިވަޑައެއް ނުގެންނެވިއެވެ. ދެން އެކަމަނާ މިވާހަކަ ޢަމްރޫ ބުނުލް ޢާޞް ރަޟިޔަﷲ ޢަންހު އަށް ޚަބަރު ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ މުއުމިނުތަކުންގެ މަންމާއެވެ. އަޅުގަނޑު ތިޔަ މައްސަލަ ހަމައަކަށް އަޅުވާނަމެވެ.] މިހެން ވިދާޅުވެ އެކަލޭގެފާނު ޢުމަރުގެފާނު  އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. [އަޅުގަނޑު ވާހަކައެއް އަޑު އަހައިފީމެވެ. ކަލޭގެފާނު އެއްޗެކޭ ހީފުޅު ނުކުރައްވާނަމަ ދަންނަވާލަންކަމަށެވެ.] ޢުމަރުގެފާނު ވިދާޅުވިއެވެ. [އެއީ އަނެއްކާ ކޮންވާހަކައެއް ހެއްޔެވެ؟]

ޢަމްރޫ ބުނުލް ޢާޞް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [ކަލޭގެފާނު އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އުއްމު ކުލްޘޫމަށް ކާވެނި ހުށައެޅުއްވިން ތޯއެވެ؟] ޢުމަރުގެފާނު ވިދާޅުވިއެވެ. [އާދޭހެވެ. އެކަމަނާ އަޅުގަނޑަށް އެކަށީގެން ނުވަނީތޯއެވެ. ނުވަތަ އަޅުގަނޑު އެކަމަނާއަށް އެކަށީގެން ނުވަނީ ތޯއެވެ.؟] ޢަމްރޫ ބުނުލް ޢާޞް ރަޟިޔަﷲ ޢަންހު ޖަވާބު ދެއްވިއެވެ. [ނޫނެކެވެ. ނަމަވެސް އެކަމަނާއަކީ އުއްމުލް މުއުމިނީން ޢާއިޝާގެ އޯގާވެރިކަމުގެ ހިޔާވަހިކަމުގައި ބޮޑުފުޅުވެވަޑައިގެންނެވި ބޭކަނބަލެކެވެ. އެހެންކަމުން އެކަމަނާގެ ގައިކޮޅުގައި މަޑުމައިތިކަމާއި، ލަޠީފީކަން ހަރުލައިފައިވެއެވެ. ކަލޭގެފާނަކީ މިޒާޖުފުޅު ހަރުކަށި ބޭފުޅެކެވެ. ކަލޭގެފާނު ދެކެ އެންމެން ބިރުގަނެއެވެ. ފަހަރެއްގައި އެކަމަނާ ކަލޭގެފާނާ ދެކޮޅަށް ކަމެއް ކުރައްވަފާނެއެވެ. އެއާއެކު ކަލޭގެފާނު އެކަމަނާއާމެދު ހަރުކަށިވެވަޑައިގެންފާނެއެވެ. އަބޫބަކުރުގެފާނުގެ ދަރިކަނބަލަކަށް އެފަދައިން ހަރުކަށިވެވަޑައިގެންނެވުމަކީ ރަނގަޅުކަމެއް ނޫނެއްނޫންތޯއެވެ؟.] ޢުމަރުގެފާނު ވިދާޅުވިއެވެ. [އަޅުގަނޑު މިހާރު އެކަމަނާގެ ކާވެނިފުޅާ ބެހޭގޮތުން ޢާއިޝާއާ ވާހަކަ ދައްކައިފީމެވެ.] ޢަމްރޫ ބުނުލް ޢާޞް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [ތިޔަކަންތައް އަޅުގަނޑު ހަމަޖައްސައިފާނަމެވެ.]{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 267-268}

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ގެ ޚިލާފަތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަނބިއަނބިކަނބަލުންނަށް އަހަރެއްގެ މައްޗަށް ދިހަ ހާސް ދިރުހަމު ފޮނުއްވަމުން ގެންދެވިއެވެ. ނަމަވެސް އުއްމުލް މުއުމިނީން ޞަފިއްޔާ ބިންތު ޙުޔައްޔު ރަޟިޔަﷲ ޢަންހާ އަށާއި އުއްމުލް މުއުމިނީން ޖުވައިރިއްޔާ ރަޟިޔަﷲ ޢަންހާ އަށް ދެއްވީ އެއަށްވުރެ މަދުންނެވެ. އޭގެ ދުވަސްކޮޅެއްފަހުން އެކަނބަލުންގެ އަހަރީ ޚަރަދަށްވާ ފައިސާ ބާރަ ހާސް ދިރުހަމަށް ބަދަލުކޮށްލެއްވިއެވެ. މިފަހަރުވެސް ޞަފިއްޔަތުގެފާނަށާއި، ޖުވައިރިއްޔަތުގެފާނަށް ދެއްވީ މަދުންނެވެ. ހަ ހާސް ދިރުހަމެވެ. މި ޚަބަރު އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް  ލިބިވަޑައިގަތުމުން ހުރިހާ ބޭކަނބަލުންނަށް ހަމަހަމައަށް އިންޞާފުން ފައިސާ ބެއްސެވުމަށް އެދިވަޑައިގެންނެވިއެވެ. ޢުމަރުގެފާނު އެއްވެސް އިޢުތިރާޟެއް ނެތި ޢާއިޝަތުގެފާނު އެދިވަޑައިގެންނެވި ގޮތަށް ހަމަހަމައަށް އެބޭކަނބަލުންގެ މުސާރަފުޅު ހަމަޖެއްސެވިއެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 486}

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ގެ ޚިލާފަތުގައި ޞަޙާބީންގެ ތެރޭގައި ތިއްބެވި ޢިލްމުވެރި ބޭކަލުންނަށް ޚާއްޞަ ގާތްކަމެއް އެކަލޭގެފާނު ބެހެއްޓެވިއެވެ. އެކަލޭގެފާނު އަބަދުވެސް ކަންތައްތަކުގައި ގޮތް ނިންމަވާއިރު އެބޭކައުކަނބަލުންގެ ޚިޔާލުފުޅުތައް ހޯއްދަވައި ހައްދައެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި ފަތުވާ ދެއްވައި އުޅުއްވުމުގައި އެންމެ މަޝްހޫރު ހަތް ބޭފުޅުންގެ ތެރޭގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ހިމެނިވަޑައިގަންނަވައެވެ. އެ ހަތްބޭފުޅުންނަކީ،

  1. އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު
  2. އަމީރުލް މުއުމިނީން ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހު
  3. ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު
  4. އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ
  5. ޒައިދު ބިން ޘާބިތު ރަޟިޔަﷲ ޢަންހު
  6. ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު
  7. ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، މިދެންނެވި ބޭކައުކަނބަލުންގެ ތެރެއިން ކޮންމެ ބޭފުޅެއްގެ ފަތުވާތައް ވަކިވަކީން އެއްކޮށްފިނަމަ، ބޮޑު ފޮތެއް ތައްޔާރު ކުރެވިދާނެއެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 341}

އަދިވެސް ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ ލިޔުއްވައިފައިވެއެވެ. ޚުލަފާއު ރާޝިދޫންގެ ދައުރުގައި އަންހެނުންގެ ކުރިއެރުމަށްޓަކައި މަގު ފަހިކޮށްދެއްވައިފައިވެއެވެ. ޚަލީފާއިންގެ ދައުރުގައި މުސްލިމުން ކަނބަލުން ތަފާތު ދާއިރާތަކުގައި ހަރަކާތްތެރިވަމުން ކުރިއަށް ވަޑައިގެންފައިވެއެވެ. އެގޮތުން ޙަދީޘާއި ފިޤުހާއި އަދަބިއްޔާތުގައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި އުއްމުލް މުއުމިނީން އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ އާއި ޙަބީބާ ބިންތު އުއްމު ޙަބީބާ އާއި އަރްވާ ބިންތު ކުރައިޒު އާއި އަސްމާ ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެވިފައިވެއެވެ.

އަންހެން ބޭފުޅުންގެ ތެރެއިން ޅެންވެރިކަމުގައި ފާހަގަކޮށްލެވޭ ބޭކަނބަލުންގެ ތެރޭގައި ޚަންސާއު ރަޟިޔަﷲ ޢަންހާ އާއި ހިންދު ބިންތު ޢުތުބާ ރަޟިޔަﷲ ޢަންހާ ފާހަގަކުރެވިފައިވެއެވެ. ފިރިހެން ބޭފުޅުންނާ މަޝްވަރާކުރައްވައި ޚިޔާލުފުޅު ހޯއްދަވާހެން އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އަންހެން ބޭފުޅުންނާ މަޝްވަރާ ކުރައްވައި އެބޭކަނބަލުންގެ ޚިޔާލުފުޅު ހޯއްދަވައެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 271}

ޢުމަރުގެފާނުގެ ޚިލާފަތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަނބިކަނބަލުން އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާވެސް އަވަހާރަވިއެވެ. އެކަމަނާއަކީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާއާ ވަރަށް ޚާއްޞަ ގުޅުމެއް އޮތް ބޭކަނބަލެކެވެ. އެކަމަނާ މުސްކުޅިފުޅުވުމުން އެކަމަނާ ގާތުގައި މާތް ރަސޫލާ ރޭ ކުރައްވަން ހަމަޖައްސަވައިފައިވާ ރޭތައް ޢާއިޝަތުގެފާނަށް ދެއްވިއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާއާ ބެހޭ ގޮތުން އްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. [ސައުދާއަށްވުރެ ތިމަންކަމަނާ ލޯބިފުޅުވާ އެހެން އަންހެނަކުނުވެއެވެ. އެކަމަނާގެ ހަށިކޮޅުގައި ތިމަންކަމަނާގެ ފުރާނަ ވާނެނަމައޭ ހިތަށް އަރާ ބޭކަނބަލަކީ ސައުދާއެވެ.] {މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް}

ހިޖުރައިން 23 ވަނަ އަހަރުގެ ތެރޭގައި އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ފަތިސް ނަމާދުފުޅަށް ހުންނަވަނިކޮށް އެކަލޭގެފާނުގެ ހަށިކޮޅަށް އަބޫ ލުއުލުއު އޭ ކިޔުނު މީހަކު ޚަންޖަރެއް ހަރައި ވަރަށް ބޮޑަށް ޒަޚަމްކޮށްލިއެވެ. އެކަލޭގެފާނު ގެކޮޅަށް ގެންދަވައި، ކިރުފޮދެއް ހިއްޕެވުމަށް އެރުވުމުން އެތަކެތިވެސް އެ ޒަޚަމުގެ ތެރެއިން ލައިފައި ބޭރަށް ފޭބިއެވެ. އެކަލޭގެފާނު ގަދަވެވަޑައި ނުގަންނަވާނެކަން އެނގިވަޑައިގެންނެވުމުން ދަރިކަލުން ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހަށް ވިދާޅުވިއެވެ.

[ދަރިފުޅު އުއްމުލް މުއުމިނީން ޢާއިޝާގެ އަރިހަށް ގޮސް ދަންނަވާށެވެ. ޢުމަރު ކަމަނާއަށް ސަލާމް ދެންނެވިއެވެ. އަމީރުލް މުއުމިނީން އޭ ނުދަންނަވާށެވެ. އެހެނީ މިއަދަށްފަހު އަހަރެންނަކީ މުއުމިނުންތަކުންގެ އަމީރެއް ނޫނެވެ. އެއަށްފަހު ދަންނަވާށެވެ. ޢުމަރު ބުނުލް ޚައްޠާބު އެދިވަޑައިގަންނަވަނީ އެކަލޭގެފާނުގެ ދެ އެކުވެރިންނާއެކު ކަމަނާގެ ކޮޓަރިކޮޅުގައި ފަސްދާނުވެޑުވުމަށެވެ.]

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު، އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހަށް ވަޑައިގެން އެކަމަނާއަށް ސަލާމް ވިދާޅުވެ އެތެރެއަށް ވަދެވަޑައިގެންނެވުމުގެ ހުއްދައަކަށް އެދިލެއްވިއެވެ. އޭރު އެކަމަނާ އިންނެވީ ކީރިތި ކުރައްވާށެވެ. އެކަލޭގެފާނު ވަޑައިގެން ވިދާޅުވިއެވެ.

[ޢުމަރު ބުނުލް ޚައްޠާބު ކަމަނާއަށް ސަލާމް ދެންނެވިއެވެ. އެކަލޭގެފާނު އެދިވަޑައިގަންނަވަނީ އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ދެ އެކުވެރިންނާއެކު ފަސްދާނުލުމަށެވެ. އެކަމުގެ އިޒުނަ ދެއްވާތޯ އައީމެވެ.]

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. [އެތަންކޮޅަކީ ތިމަންކަމަނާ ތިމަންކަމަނާގެ އަމިއްލަށް ނަފުސަށްޓަކައި އިންތިޚާބު ކޮށްފައިވާ ތަންކޮޅެކެވެ. ނަމަވެސް މިއަދު އެތަންކޮޅު އެކަލޭގެފާނަށް ދެއްވައިފީމެވެ.]

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު އެނބުރި ވަޑައިގެންނެވުމުން އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިއެވެ. [ޚަބަރަކީ ކޮބައި ހެއްޔެވެ؟] އިބްނު ޢުމަރު ޖަވާބު އެރުވިއެވެ. [ކަންވީ ކަލޭގެފާނު ބޭނުންފުޅުވެވަޑައިގެންނެވި ގޮތަށެވެ. އެކަމަނާ، ކަލޭގެފާނު އެ ކޮޓަރިކޮޅުގައި ފަސްދާނު ވެޑުވުމަށް ހުއްދަ ދެއްވައިފިއެވެ.] ޢުމަރުގެފާނު ވިދާޅުވިއެވެ. [ޙަމްދު ހުރީ މާތްﷲ ޞުބްޙާނަހޫ ވަތަޢާލާއަށެވެ. އެކަންތަކަށް ވުރެ ބޮޑަށް ތިމަންކަލޭގެފާނު ކަންބޮޑުވި އެއްވެސް ކަމެއްނެތެވެ. ތިމަންކަލޭގެފާނު ނިޔާވުމުން އެ ކޮޓަރިކޮޅުގައި ކައިރިއަށް ގެންދިޔުމަށްފަހު އަދި އެއްފަހަރު އެކަމަނާގެ އަރިހުން އިޒުނަ އެދިވަޑައިގަންނަވާށެވެ. އެކަމަނާ އިޒުނަ ދެއްވައިފިނަމަ އެތަނުގައި ވަޅުލާށެވެ. އިޒުނަ ނުދެއްވައިފިނަމަ، މުސްލިމުން ވަޅުލާ ޤަބުރުސްތާނަށް ގެންގޮސް ވަޅުލާށެވެ.]

ދެން އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ޝަހީދުވުމުން އެކަލޭގެފާނު ހަށިކޮޅު ފަސްދާނު ލެއްވުމަށްޓަކައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކޮޓަރިކޮޅުގެ ކައިރިއަށް ގެންދެވުނެވެ. އެއަށްފަހު ދެވަނަ ފަހަރަށް އެކަމަނާގެ އަރިހުން ހުއްދަ އެދެވުނެވެ. އެކަމަނާ ވިދާޅުވިއެވެ. [އެކަލޭގެފާނުގެ ހަށިކޮޅު ވައްދައި ފަސްދާނު ވަޑުވާށެވެ.] އެއަށްފަހު އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ދެ އެކުވެރިންނާއެކު ފަސްދާނުވެޑުވުނެވެ.{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 382-383}

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. [މާތް ރަސޫލާ އާއި އަބޫބަކުރުގެފާނު ފަސްދާނުވެޑުވިފައިވާ ތަނަށް އަހަރެން އެއްވެސް ފަރުދާއަކާ ނުލައި ވަދެ އުޅެމެވެ. ނަމަވެސް ޢުމަރުގެފާނު އެތަނުގައި ފަސްދާނުވެޑުވުމުން އަހަރެން އެތަނަށް ވަންނަނީ ރަނގަޅަށް ނިވާކޮށްގެންނެވެ. އެއީ ޢުމަރުގެފާނު ދެކެ ގަންނަ ލަދެއްގެ ބޮޑުކަމުންނެވެ.]

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވަރަށް ގިނައިން އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހަށް ތާރީފު ކުރައްވައި ހައްދަވައެވެ. އެއްފަހަރު އެކަމަނާ ވިދާޅުވެފައިވެއެވެ.

[ޢުމަރުގެފާނު ދެކެފި ކޮންމެ މީހަކަށްވެސް އެކަލޭގެފާނު ހައްދަވައިފައިވަނީ އިސްލާމްދީނަށް ނަޞްރުދިނުމަށްޓަކައިކަން އެނގޭނެއެވެ. މާތްﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނަކީ ބުއްދިވެރި، ޙިކުމަތްތެރި، ތަފާތު ޝަޚްޞިއްޔަތެކެވެ.]

އެހެން ފަހަރަކު އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. [މަޖިލިސެއްގައި ޢުމަރުގެފާނުގެ ނަންފުޅު ގަނެވިއްޖެނަމަ، އެ މަޖިލިސަކަށް އުފާވެރިކަން ގެނެސްދެއެވެ.] {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 412-413}…ނުނިމޭ….

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

އަހަރެންނަށް ﷲ ފުދެއެވެ

Next

ހީވޭ ކަލާވާހެން-2

Next
August 20, 2021

ހީވޭ ކަލާވާހެން-2

Previews
August 19, 2021

އަހަރެންނަށް ﷲ ފުދެއެވެ



All Right Reserved!