Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

މާތް ރަސޫލާގެ ދުނިޔެއާއި އާޚިރަތުގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ ސީރަތު: 04

Ali Ihsaan Level 210 Stories100 Login
August 15, 2021 7 Mins Read
0 Comments

މާތް ރަސޫލާގެ އަރިހުގައި ޢާއިޝަތުގެފާނުގެ މަޤާމު

ޢާއިޝަތުގެފާނަކީ މާތް ރަސޫލާ އެންމެ ލޯބިފުޅުވެވަޑައިގަންނަވާ އަނބިކަނބަލުންނެވެ. އެކަމަނާގެ މާތްކަމާއި، މާތް ރަސޫލާގެ އަރިހުގައި އެކަމަނާގެ މަޤާމުގެ މަތިވެރިކަން ހާމަވެގެންދާ ވަރަށް ގިނަ ޙަދީޘްތައް ރިވާވެގެންވެއެވެ.

ޢާއިޝަތުގެފާނުގެ މާތްކަމުގެ ތެރޭގައި އެކަމަނާއަށް ވަޙީގެ މަލާއިކަތާ ޖިބުރީލުގެފާނު ސަލާމް ވިދާޅުވުން ހިމެނެއެވެ. ޞަޙީޙުލް ބުޚާރީގައި ރިވާވެގެންވެއެވެ. އެއްފަހަރަކު މާތް ރަސޫލާ ޢާއިޝަތުގެފާނާ މުޚާތަބު ކުރައްވައި ޙަދީޘު ކުރެއްވިއެވެ. [ يَا عَائِشَ، هَذَا جِبْرِيلُ يُقْرِئُكِ السَّلاَمَ ‏] އޭ ޢާއިޝް އެވެ. މިހުންނެވީ ޖިބުރީލުގެފާނެވެއެވެ. އެކަލޭގެފާނު ކަމަނާއަށް ސަލާމް ވިދާޅުވިއެވެ. އެހިނދު ޢާއިޝަތުގެފާނު وَعَلَيْهِ السَّلاَمُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ އޭ ވިދާޅުވެ ޖިބްރީލުގެފާނަށް ސަލާމުގެ ރައްދު ދެއްވިއެވެ. {صحيح البخاري،كتاب فضائل أصحاب النبى صلى الله عليه وسلم،باب فَضْلِ عَائِشَةَ رضى الله عنها، ޙަދީޘް ނަނަބަރު3768،}

ޢާއިޝްއަކީ، މާތް ރަސޫލާ ޢާއިޝަތުގެފާނަށް ލޯބިން ވިދާޅުވާ ނަންފުޅެކެވެ.

އަދިވެސް އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އަބޫ މޫސަލް އަޝްއަރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެއްފަހަރަކު މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. [وَإِنَّ فَضْلَ عَائِشَةَ عَلَى النِّسَاءِ كَفَضْلِ الثَّرِيدِ عَلَى سَائِرِ الطَّعَامِ] އެހެން އަންހެންތަކުންގެ މައްޗަށް ޢާއިޝަތުގެފާނުގެ މާތްވެގެންވަނީ އެހެން ކާތަކެތީގެ މައްޗަށް ޘަރީދު މާތްވެގެންވާ ފަދައިންނެވެ.]{صحيح البخاري كتاب أحاديث الأنبياء،بَابُ قَوْلِ اللَّهِ تَعَالَى: {وَضَرَبَ اللَّهُ مَثَلاً لِلَّذِينَ آمَنُوا امْرَأَةَ فِرْعَوْنَ} إِلَى قَوْلِهِ: {وَكَانَتْ مِنَ الْقَانِتِينَ}، ޙަދީޘް3411}

ޞަޙީހުލް ބުޚާރީގެ ކިތާބުލް މަޣާޒީގައި ރިވާވެގެންވެއެވެ. މާތް ރަސޫލާ އެއްފަހަރަކު ޢަމްރު ބުނުލް ޢާޞް ރަޟިޔަﷲ ޢަންހު ޒާތުއްސަލާސިލު އޭ ކިޔުނު ހަނގުރާމައިގެ ކޮމާންޑަރަކަށް ޢައްޔަން ކުރައްވައިފައި ފޮނުއްވިއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު އެ ހަނގުރާމަ ނިންމައިފައި އައިސް މާތް ރަސޫލާއަށް ދެންނެވީމެވެ. [ކަލޭގެފާނު އެންމެ ލޯބިފުޅުވެވަޑައިގަންނަވަނީ ކާކު ދެކެތޯއެވެ] މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ޢާއިޝާދެކެއެވެ.] ދެން ތިމަން ދެންނެވީމެވެ. [ފިރިހެނުންގެ ތެރެއިން ކަލޭގެފާނު އެންމެ ލޯބިފުޅުވަނީ ކާކުދެކެތޯއެވެ؟] މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ޢާއިޝާގެ ބައްޕަ އަބޫބަކުރުގެފާނު ދެކެއެވެ.] ދެން ތިމަން ދެންނެވީމެވެ. [ދެން ކާކުދެކެ ތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [ޢުމަރުގެފާނު ދެކެއެވެ.]  {صحيح البخاري، كتاب المغازى، باب غَزْوَةُ ذَاتِ السَّلاَسِلِ وَهْيَ غَزْوَةُ لَخْمٍ وَجُذَامَ، ޙަދީޘް 4358}

ޙައްޖަތުލް ވަދާޢުގައި ބައިވެރިވެވަޑައިގަތުން

މާތް ރަސޫލާގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ކުރެއްވި އެންމެ ފުރަތަމަ އަދި އެންމެ ފަހު ޙައްޖު ކަމުގައިވާ ޙައްޖަތުލް ވަދާޢުގައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ބައިވެރިވެވަޑައިގަތެވެ. އެ ދަތުރުފުޅުގައި މާތް ރަސޫލާގެ ބަރަކާތްތެރި ހަށިކޮޅުގައި ހުވަނދު ތުރުކޮށްދެއްވި ޚުދު އުއްމުލް މުއުމިނީންގެ އަތްޕުޅުންނެވެ. އެކަމަނާ އެކަލޭގެފާނުގައި ހުވަނދު ތުރުކޮށްދެއްވީ އެކަމަނާއަށް ލިބިވަޑައިގެންނެވި އެންމެ ރަނގަޅު ހުވަނދަކުންނެވެ. {ޞަޙީޙު މުސްލިމު، ކިތާބުލް ޙައްޖު، ޙަދީޘް 1189}

މާތް ރަސޫލާގެ މި މުހިއްމު ޙައްޖުގެ އަޅުކަމުގެ މުހިއްމު ރަސްމުތައް އިސްލާމީ އުއްމަތަށް ޙިއްޞާކޮށްދެއްވި އެއްބޭކަނބަލަކީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. [ހައްޖަތުލް ވަދާޢުގައި މާތް ރަސޫލާ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ފަރާތްޕުޅުން ޤުރްބާން ކުރެއްވީ އެންމެ ގެރިއެކެވެ. {ސުނަނު އަބީދާވުދު،ކިޔާބުލް މަނާސިކު، ހަދްޔުގެ ގޮތުގައި ގެރި ޤުރްބާން ކުރުމާބެހޭ ބާބު، ޙަދީޘް ނަންބަރު 1750}

ޙައްޖުގެ އަޅުކަމުގެ ތެރޭގައި ޢާއިޝަތުގެފާނަށް މައްސަރުގެ ކަންތައް ޖެހިވަޑައިގެންނެވިއެވެ. އެކަމާ ޢާއިޝަތުގެފާނު ވަރަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. އެއީ އެކަމަނާއަށް ޙައްޖުގެ އަޅުކަން އަދާނުކުރެވިދާނެ ކަމަށްޓަކައެވެ. މާތް ރަސޫލާ އެކަމަނާގެ އަރިހަށް ވަޑައިގެންނެވިއިރު އެކަމަނާ އިންނެވީ ކީރިތި ކުރައްވާށެވެ. އެހިނދު މާތް ރަސޫލާ ވެގެންއުޅޭ ގޮތް އޮޅުން ފިލުއްވެވުމަށްފަހު ޙަދީޘު ކުރެއްވިއެވެ. [އެހެންމީހުން ޙައްޖުގެ މަނާސިކުތައް އަދާކުރާފަދައިން ކަމަނާވެސް އެކަންތައް ފުރިހަމަ ކުރައްވާށެވެ. ނަމަވެސް ކަޢުބާގެ އަރިހަށް ވަޑައިގެން ޠަވާފު ނުކުރައްވާށެވެ.] {ޞަޙީޙު ބުޚާރީ، كتاب الأضاحي،باب مَنْ ذَبَحَ ضَحِيَّةَ غَيْرِهِ، ޙަދީޘް ނަންބަރު 5559}

މާތް ރަސޫލާ ޙައްޖަތުލް ވަދާޢުން ނިމިވަޑައިގެން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ނަޞޭހަތްޕުޅު ދެއްވައި ވަޞިއްޔަކުރެއްވިއެވެ. އެކަލޭގެފާނަށްފަހު އެބޭކަނބަލުން އެއްގޮތަކަށްވެސް ގެކޮޅުން ނިކުމެވަޑައިގެން ނޫޅުއްވުމަށް އެންގެވިއެވެ. އެއީ އަރަހުށި މާތްﷲ ޤުރްއާނުގައި އަންގަވައިފައިވާ ފަދައިންނެވެ. އަޙްޒާބު ސޫރަތުގެ 33 ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.

وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّـهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّـهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ﴿٣٣﴾

މާނައީ: [އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيت ންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައިމީހުން طاهر ކުރެއްވުމަށެވެ.]

މާތް ރަސޫލާގެ އަނބިއަނބިކަނބަލުންގެ ތެރެއިން އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާ އާއި އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތު ޖަޙުޝް ރަޟިޔަﷲ ޢަންހާ އޭގެ ފަހުން ޙައްޖަކަށްވެސް ވަޑައެއްނުގަންނަވައެވެ. އެބޭކަނބަލުން ވިދާޅުވަމުން ގެންދެވީ މާތް ރަސޫލާއާއެކު ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރައްވައިފައިވާ ކަމަށެވެ. ދެން މާތް ރަސޫލާ އެންގެވި ގޮތަށް ތިއްބަވާނީ ގެކޮޅުގައި ކަމަށެވެ.] {މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 38}

ނަމަވެސް މާތް ރަސޫލާގެ ދެންތިއްބެވި އަނބިއަނބިކަނބަލުން ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ވަޑައިގެންނެވިއެވެ. އެއީ ޢުމަރުގެފާނުގެ ޚިލާފަތުގައި އެބޭކަނބަލުން ޙައްޖަށް ވަޑައިގެންނެވުމުގެ ހުއްދައަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ގެންދަވާތީއެވެ.

މާތް ރަސޫލާގެ އަރިހުގައި ޢާއިޝަތުގެފާނު ޒާހިދު ދިރިއުޅުއްވުން

މާތް ރަސޫލާގެ ޙަޔާތްޕުޅުގައި ޢާއިޝަތުގެފާނު އުޅުއްވީ ވަރަށް ތަޤުވާވެރި ޒާހިދު ދިރިއުޅުއްވުމެކެވެ. ގެކޮޅުގެ އިންތިޒާމުތައް ހަމެޖެހިފައިވާ ސާދާކަމުންނާއި، ދީލަތިފުޅުކަމުގެ ބޮޑުކަމުން އުނދުނަށް އަލިފާންނުލައި ދެމަސްތިންމަސްދަނީ މަދެއްކޮށެއްނޫނެވެ. ލިބިވަޑައިގަންނަވާހާ އެއްޗެއް މުހުތާދުވެރިންނަށް ޞަދަޤާތްކުރައްވައި ހައްދަވައެވެ.

އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. [މާތް ނަބިއްޔާގެ ޢާއިލާގެ ބޭފުޅުން ޖެހިޖެހިގެން ތިންދުވަސްވަންދެން ބަނޑުފުރައި ފަރީއްކުޅުއްވައެއް ނޫޅެއެވެ.] {ޞަޙީޙު މުސްލިމު، كتاب الزهد والرقائق، 2970}

އަދިވެސް އެކަމަނާ ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ ސުވަރުގެވަޑައިގެންނެވިއިރު ރައްފެއްގެ މަތީގައި ހުރި ހިމަގޮދަންކޮޅެއްނޫނީ، ތިމަންކަމަނާގެ ގޭގައި އިންސާނަކު މޭހޫނު ފިލުވައިލާނެ ހަމައެކައްޗެއްވެސްތެވެ. އެއިން ތިމަންކަމަނާ ވަރަށް ގިނަދުވަސްތަކެއް ވަންދެން ކައިއުޅުނީނެވެ. އެއްދުވަހަކު އެނަގައި މިނެލައިފީމެވެ. އެއަށްފަހު ކުޑަ ދުވަސްކޮޅެއް ނުވަނީސް އެ ހުސްވެއްޖެއެވެ. {ޞަޙީޙު ބުޚާރީ، كتاب فرض الخمس، باب نَفَقَةِ نِسَاءِ النَّبِيِّ صلى الله عليه وسلم بَعْدَ وَفَاتِهِ، ޙަދީޘް 3097}

މަސްރޫޤު ވިދާޅުވެފައިވެއެވެ. އެއްދުވަހަކު އަހަރެން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހަށް ދިޔާމެވެ. ދިޔުމުން އެކަމަނާ އަހަރެންނަށް ކެއުކަމަށް ދަޢުވަތު ދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. [ތިމަންކަމަނާ ބަނޑުފުރައި ކައިފިނަމަ ރޮވެން ފަށައެވެ.] މަސްރޫޤޫ ވިދާޅުވިއެވެ. [އަހަރެން ދަންނަވައިފީމެވެ. އެއީ ކީއްވެގެންތޯއެވެ؟] އެކަމަނާ ވިދާޅުވިއެވެ. [މާތް ރަސޫލާ ދުނިޔޭގައި އުޅުއްވައި ސުވަރުގެވަޑައިގެންނެވި ޙާލުކޮޅު ތިމަންކަމަނާ ރަނގަޅަށް ހަނދާން ހުރެއެވެ. މާތްﷲ ގަންދެމެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވުމާ ހަމައަށް ދުވާލު ދެ އިރު ބަނޑުފުޅު ބޮޑުވަންދެން ފަރީއެއް ނުކުޅުއްވައެވެ.] {ތިރުމިޒީ، كتاب الزهد عن رسول الله صلى الله عليه وسلم، باب مَا جَاءَ فِي مَعِيشَةِ النَّبِيِّ صلى الله عليه وسلم وَأَهْلِهِ، ޙަދީޘް 2356}

މާތް ރަސޫލާ ސުވަރުގެވަޑައިގަތުން

ހިޖުރައިން 11 ވަނަ އަހަރުގެ ޞަފަރުމަހުގެ 29 ވީ ހޯމަވިލޭރޭ މާތް ރަސޫލާ މާތް ރަސޫލާ ޖަނާޒާއެއްގެ ކަންތައްތަކަށް ޖަންނަތުލް ބަޤީޢުއަށް ވަޑައިގެންނެވިއެވެ. މިކަންތަކުން އެނބުރި ވަޑައިގެން މަގުމަތީގައި އެކަލޭގެފާނުގެ އިސްތަށިފުޅުގައި ރިއްސަން ފަށައިފިއެވެ. އެއާއެކު ވަރަށް ވަރުގަދަ ހުންފުޅެއް އަތުވެއްޖެއެވެ. އެކަލޭގެފާނުގެ އާލާސްކަންކަންފުޅުގެ އަސަރުތައް އެކަލޭގެފާނުގެ އިސްތަށިފުޅުގައި އައްސަވައިލައްވައިފައިވާ ފޮތިކޮޅުން ޞަޙާބީންނަށް އެނގިވަޑައިގެންނެވިއެވެ.

އެފަދަ އާލާސްކަންފުޅާ އުޅުއްވަމުންވެސް މާތް ރަސޫލާ އެކަލޭގެފާނުގެ އަޞްޙާބުންނާގެން އިމާމުވެވަޑައިގެން ނަމާދުފުޅު ކުރައްވައި އުޅުއްވިއެވެ. އެގޮތުގައި 11 ދުވަސްވަންދެން އިމާމުވެވަޑައިގެން ނަމާދުފުޅު ކުރެއްވިކަމަށްވެއެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވުމުގެ އާލާސްކަންފުޅާ އުޅުއްވީ 13 ނުވަތަ 14 ދުވަސްވަންދެނެވެ.

މާތް ރަސޫލާ އެކަލޭގެފާނުގެ ސުވަރުގެވަޑައިގެންނެވުމުގެ އާލާސްކަންފުޅު ބޮޑުވުމުން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން އެއްކުރައްވައި ޙަދީޘު ކުރެއްވިއެވެ. [ތިމަންކަލޭގެފާނު މާދަން އޮންނަވާނީ ކޮންގެއެއްގައިތޯއެވެ؟] މާތް ރަސޫލާގެ މި ސުވާލުން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް އެކަލޭގެފާނު ބޭނުންފުޅުވަނީ ޢާއިޝަތުގެފާނުގެ ގެކޮޅުގައޮ އޮންނެވުމަށްކަމުގައި އެނގިވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނުގެ އެންމެހައި އަނބިއަނބިކަނބަލުން އެކަމަށް ހުއްދަ ދެއްވިއެވެ.

މާތް ރަސޫލާ ޢާއިޝަތުގެފާނުގެ ގެކޮޅަށް ވަޑައިގެންނެވީ އަލްފަޟުލު ބިން ޢައްބާސް ރަޟިޔަﷲ ޢަންހާއި، ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުގެ އެހީފުޅުގައެވެ. އިސްތަށިފުޅުގައި ރިއްސާވަޑައިގަންނަވާތީ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ފޮތިގަނޑެއް އައްސަވައިލައްވައިފައިވެއެވެ. އެދެބޭކަލުންގެ އެހީގައި ފައިންޕުޅުދަންމަވަމުން މާތް ރަސޫލާ ޢާއިޝަތުގެފާނުގެ ގެކޮޅަށް ވަޑައިގެންނެވިއެވެ.

މި ދުވަސްތަކުގެ ތެރޭގައި، އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އެކަމަނާ މާތް ރަސޫލާގެ އަރިހުން ދަސްފުޅު ކުރެއްވި މުޢައްވިޒަތު ކިޔަވައި ވިދާޅުވެ ދެއްވައި އެކަލޭގެފާނަށް ފަރުވާ ކުރައްވައެވެ. އެއީ ސުރަތުލް ފަލަޤު އާއި ސޫރަތުލް ނާސިއެވެ. އެކަމަނާ މި ދުޢާތަށް ވިދާޅުވެ އެކަމަނާގެ އަތްޕުޅަށް ފުމެލައްވައި އެކަލޭގެފާނުގެ ގައިކޮޅުގައި އުނގުޅުއްވައެވެ. މިއީ އެކަމަނާ މާތް ރަސޫލާގެ އަރިހުން ދަސްފުޅު ކުރައްވައިފައިވާ ފަރުވާކެވެ. {މުސްލިމު 2192}

މާތް ރަސޫލާގެ އާލާސްކަންފުޅު ބޮޑުވެފައިވުމާއެކުވެސް އެކަލޭގެފާނު މީސްތަކުންނާގެ އިމާމުވެވަޑައިގެން ނަމާދުފުޅު ކުރައްވައި ހައްދަވައެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވުމުގެ ހަތަރު ދުވަސްކުރީން އައި ބުރާސްފަތި ދުވަހުގެ މަޢްރިބު ނަމާދާ ހަމައަށް އެކަލޭގެފާނު ޖަމާޢަތުގައި ނަމާދުފުޅު ކުރެއްވިއެވެ. އެ ނަމާދުގައި އެކަލޭގެފާނު ވިދާޅުވީ وَالْمُرْسَلَاتِ عُرْفًا ސޫރަތެވެ.

އެރޭ މާތް ރަސޫލާގެ ޙާލުކޮޅު ވަކީ ބޮޑުވިއެވެ. ޙާލުކޮޅު ބޮޑުކަމުން މިސްކިތަށް ވަޑައިގަންނަވާކަށެއްވެސް ކެރިވަޑައެއް ނުގެންނެވިއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [މީސްތަކުން ނަމާދުކޮށްފި ހެއްޔެވެ؟] ތިމަންކަމަނާ ދެންނެވީމެވެ. [ނޫނެކެވެ. އެބައިމީހުން ކަލޭގެފާނުގެ އިންތިޒާރުގައި އެބަ ތިއްބެވިއެވެ. ޙަދީޘު ކުރެއްވިއެވެ. [ތިމަންކަލޭގެފާނަށްޓަކައި ބިލިގާއަށް ފެންއަޅުއްވައިދޭށެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު ވިދާޅުވި ފަދައިން ތިމަންމެން ކަންތައް ކުރީމެވެ. ދެން އެކަލޭގެފާނު ގައިކޮޅު ދޮންނަވައިގެން ތެދުވެވަޑައިގަންނަވާއިރަށް ހޭފުޅު ނެތިއްޖެއެވެ.

އެއަށްފަހު އެކަލޭގެފާނު ހޭފުޅު އެރުމުން ޙަދީޘު ކުރެއްވިއެވެ. [މީސްތަކުން ނަމާދުކޮށްފި ހެއްޔެވެ؟] ދެން އަލުން ހަށިކޮޅު ދޮންނަވައިގެން މިސްކިތަށް ވަޑައިގަންނަވަން ތެދުވެވަޑައިގެންނަވާ އިރަށް ހޭފުޅު ނެތިއްޖެއެވެ. މިފަދައިން ތިންފަހަރު ވުމުން މީސްތަކުންނާގެ އިމާމުވެވަޑައިގެން ނަމާދުފުޅު ކުރެއްވުމަށް އަބޫބަކުރުގެފާނަށް އެންގެވުމަށް އަމުރު ކުރައްވައިފިއެވެ. މާތް ރަސޫލާގެ ޙަޔާތްޕުޅުގައި އަބޫބަކުރުގެފާނު އިމާމުވެވަޑައިގެން ނަމާދުފުޅު ކުރެއްވީ 17 ފަހަރުއެވެ.

އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ތިންފަހަރު ނުވަތަ ހަތަރު ފަހަރު މީސްތަކުންނާގެން އިމާމުވެވަޑައިގެން ނަމާދުކުރެއްވުން އެހެން ބޭކަލަކާ ޙަވާލުކުރެއްވުމަށް މާތް ރަސޫލާގެ އަރިހުގައި އެދިވަޑައިގެންނެވިއެވެ. އެއީ އަބޫބަކުރުގެފާނަކީ ހިތްޕުޅުމަޑު ޤުރްއާން ކިޔަވާ ވިދާޅުވާއިރު ކީރިތު ކުރައްވާ ބޭކަލަކަށްވާތީއެވެ. އެކަމުގެ ސަބަބުން މީސްތަކުންނަށް އުނދަގުލެއް ފޯރަފާނެތީއެވެ. ނަމަވެސް މާތް ރަސޫލާ އެގޮތް ޤަބޫލުފުޅެއް ނުކުރެއްވިއެވެ.

މާތް ރަސޫލާ ސުވަރުގެވަޑައިގެންނެވުމުގެ އެއްދުވަސްކުރީން އައި އާދިއްތަ ދުވަހު އެކަލޭގެފާނު އެކަލޭގެފާނުގެ ހުރިހާ އަޅުންނެއް މިނިވަން ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް ހަތްދީނާރު ޞަދަޤާތް ކުރެއްވިއެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި ހުރި ހަނގުރާމައިގެ ހަތިޔާރު މުސްލިމުންނަށް ހިބަކޮށްދެއްވިއެވެ. އެރޭ އަނދިރި ވުމުން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކޮޓަރިކޮޅުގައި ބައްތި ދިއްލަން ތެޔޮ އަވައްޓެރިއެއްގެ ގެއިން ހޯއްދަވަން ޖެހިވަޑައިގަތެވެ. އޭރު މާތް ރަސޫލާގެ ދަހަނާކޮޅު އޮތީ ޔަހޫދީއެއްގެ އަތުގައި ރަހުނު ކުރެވިފައެވެ. އެއީ އެކަލޭގެފާނުގެ އަހުލުވެރިން މޭހޫނު ފިލުވުމަށްޓަކައި  ނެންގެވި ތިން ސާއުގެ ގޮދަނުގެ މައްޗަށެވެ.

މާތް ރަސޫލާގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސްކަމުގައިވާ ހޯމަދުވަހުގެ އަލިވިލުމުން އެކަލޭގެފާނު އެކަލޭގެފާނުގެ އިންނެވި އެންމެ ދަރިކަނބަލުން އައްސައްޔިދާ ފާޠިމަތުއް ޒަހުރާއު ބަލައިފޮނުއްވައިގެން ގެންނެވިއެވެ. އަދި އެކަމަނާގެ ކަންފަތްޕުޅުދޮށުގައި ސިއްރުން ވާހަކަފުޅެއް ވިދާޅުވިއެވެ. އެއާއެކު އެކަމަނާ ކީރިތި ކުރެއްވިއެވެ. އެއަށްފަހު އަނެއްކާވެސް އެކަމަނާގެ ކަންފަތްޕުޅު ދޮށުގައި ސިއްރުން ވާހަކަފުޅެއް ވިދާޅުވުމުން އެކަމަނާ ހިނިފުޅު ވެޑުވިއެވެ.

މާތް ރަސޫލާ ސުވަރުގެވަޑައިގެންނެވުމަށްފަހު އެއްފަހަރަކު އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެކަމަނާއާ ސުވާލު ކުރެއްވިއެވެ. [އެ ދުވަހު އެކަމަނާ ކީރިތި ކުރެއްވުމާ ހިނިފުޅުވެޑުއްވެމުގެ ސިއްރަކީ ކޮބައިތޯއެވެ؟]

ފާޠިމަތުގެފާނު ޖަވާބު ދެއްވިއެވެ.

[ފުރަތަމަ ބައްޕާފުޅު ޙަދީޘު ކުރެއްވީ އެ އާލާސްކަންފުޅުން ބައްޕާފުޅު ފަސޭހަފުޅު ނުވާނެ ކަމަށެވެ. އެހެން ޙަދީޘު ކުރެއްވުމުން އަހަރެންނަށް ރޮވުނީއެވެ. ދެވަނައަށް ޙަދީޘު ކުރެއްވީ އެކަލޭގެފާނުގެ އަހުލުބައިތުންގެ ތެރެއިން އެންމެ ފުރަތަމަ އެކަލޭގެފާނާ ބައްދަލު ކުރައްވާނީ އަހަރެން ކަމުގައެވެ. އެހެން ޙަދީޘު ކުރެއްވުމުން ރޮވުނީއެވެ.]

ފާޠިމަތުގެފާނަކީ ސުވަރުގޭގެ އަންހެންތަކުންގެ ސާހިބާކަމުގައި ވެވަޑައިގަންނަވާނެ ކަމުގެ އުފާވެރިކަމުގެ ޚަބަރުވެސް މާތް ރަސޫލާ އެކަމަނާއަށް ދެއްވިއެވެ.

ފާޠިމަތުގެފާނަށް އެކަމަނާގެ ބައްޕާފުޅަށް ލިބިވަޑައިގަންނަވާ ވޭތަން ފެނިވަޑައިގެންނެވުމުން އެކަމަނާ ވަރަށް ދެރަފުޅުވިއެވެ. ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. [ބައްޕާފުޅަށް ލިބިވަޑައިގަންނަވާ ވޭނެއްގެ ބޮޑުކަމާއެވެ] މިއަޑު އައްސަވައި މާތް ރަސޫލާ ޙަދީޘު ކުރެއްވިއެވެ. [މިއަދަށްފަހުން ދަރިފުޅުގެ ބައްޕައަކަށް އެއްވެސް ވޭނެއް ތަހައްމަލު ކުރާކަށް ނުޖެހޭނެއެވެ.]

އެއަށްފަހު އެކަލޭގެފާނު ޙަސަންގެފާނާއި ޙުސައިންގެފާނު ގެންނެވުމަށް އެންގެވިއެވެ. އެދެބޭފުޅުން ގެންނެވުމުން އެދެބޭފުޅުންގެ ގައިކޮޅުގައި ބޮސްދެއްވައި އެދެބޭފުޅުން ރަނގަޅަށް ބެލެހެއްޓެވުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ އެންމެހައި އަނބިއަނބިކަނބަލުން ހާޒިރުކުރައްވައި އެބޭކަނބަލުންނަށް ނަޞޭހަތްފުޅު ދެއްވައި، މާތްﷲ ހަނދުމަކުރުންމަތީ ދެމިތިއްބެވުމަށް އެންގެވިއެވެ.

އެއަށްފަހު މާތް ރަސޫލާގެ އާލާސްކަންފުޅު ވަކީން ބޮޑުވެއްޖެއެވެ. ޚައިބަރުން އެކަލޭގެފާނަށް ފަރީއްކުޅުއްވުނު ވިހައިގެ އަސަރުތައް ގައިކޮޅުގެ ތެރޭގައި ހިލިގެންފިއެވެ. އެކަލޭގެފާނު ޢާއިޝަތުގެފާނަށް ޙަދީޘު ކުރެއްވިއެވެ. [ޚައިބަރުން ތިމަންކަލޭގެފާނަށް އެރުވުނު ވިހަލައިފައިވާ ކާނާގެ ވިހައިގެ އަސަރު ތިމަންކަލޭގެފާނުގެ ހަށިކޮޅަށް އެބަކުރެއެވެ. ތިމަންކަލޭގެފާނަށް ހީފުޅުވަނީ ތިމަންކަލޭގެފާނު އަޖަލު ގާތްވެއްޖެކަމަށެވެ.]

އެއަށްފަހު އެކަލޭގެފާނު މީސްތަކުންނަށް ނަމާދު ބަރާބަރަށް އޭގެ ވަގުތުގައި އަދާކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ތިމާމެންގެ ބާރުގެ ދަށުގައި ގެންގުޅޭ އަޅުންނާމެދު ހެޔޮކޮށް ކަންތައް ކުރުމަށްވެސް އެންގެވިއެވެ.

އެއަށްފަހު، މާތް ރަސޫލާއަށް މަރަށް ހާޒިރުވެވައިގެންފިއެވެ. އެވަގުތު ޢާއިޝަތުގެފާނު އެކަލޭގެފާނުގެ ގައިކޮޅުގައި ހިއްޕަވައި އެކަމަނާގެ ގައިކޮޅުގައި ލައްކޮށްލިއެވެ. ޢާއިޝަތުގެފާނު ވިދާޅުވެއެވެ. މާތް ރަސޫލާ ތިމަންކަމަނާގެ ގެކޮޅުގައި ސުވަރުގެވަޑައިގެންނެވުނުން އެއީ ތިމަންކަމަނާއަށް މާތްﷲ ދެއްވި ރަޙްމަތެކެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގަތީ ތިމަންކަމަނާގެ މެޔާއި ކަރާ ދެމެދުގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވަނިކޮށެވެ. އެކަލޭގެފާނުގެ ކުޅުފޮދާއި ތިމަންކަމަނާގެ ކުޅުއެއްވެފައިވަނިކޮށެވެ.

މާތް ރަސޫލާ، ތިމަންކަމަނާގެ ގައިކޮޅުގައި ލައްކޮށްލައްވައިގެން އިންނަވަނިކޮށް ޢަބްދުއްރަޙްމާނު ބިން އަބީބަކުރު ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަތުގައި މިސްވާކު ދަނޑިކޮޅެއް އޮތެވެ. މާތް ރަސޫލާ އެ ދަނޑިކޮޅާ ދިމާއަށް ބައްލަވާކަން އެނގިވަޑައިގެންނެވުމުން ތިމަންކަމަނާ ދެންނެވީމެވެ. [އެކަލޭގެފާނަށްޓަކައި އެ ސިވާކު ދަނޑިކޮޅު އަޅުގަނޑު ގެނެސްދެންތޯއެވެ؟] އެކަލޭގެފާނު އިޝާރާތުން އާދޭހޭ ވިދާޅުވިއެވެ. ދެން ތިމަންކަމަނާ ސިވާކު ގެނެސް އެކަލޭގެފާނަށް ދެއްވީމެވެ. އޭގެ ހަރުކަން އެނގުމުން އޭތި މަޑުކޮށްލަދެންތޯ ދެންނެވުމުން އެކަލޭގެފާނު އިޝާރާތުން އާދޭހޭ ދެންނެވިއެވެ. ދެން ތިމަންކަމަނާ އަނގައަށް ލައްވައި އޭތިމަޑުކޮށްލައްވައި އެކަލޭގެފާނަށް ދެއްވީމެވެ.

ޢާއިޝަތުގެފާނު ވިދާޅުވެއެވެ. ދެން އެކަލޭގެފާނު އެކަލޭގެފާނަށް އުނގުޅެއްވުނު އެންމެ ރަނގަޅަކަށް ދަތްޕިލާފުޅު އުނގުޅުއްވައި ސާފު ކުރެއްވިއެވެ. އެއަށްފަހު ކައިރީގައި ފެންވަތްކޮށްފައިވާ އެއްޗަކަށް އަތްޕުޅު ލައްވައި މޫނުފުޅުގައި ފެންފޮދެއް އުނގުޅުއްވައިލެއްވިއެވެ. އަދި ޙަދީޘު ކުރެއްވިއެވެ.

[މާތްﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އެއްވެސް އިލާހަކު ނެތެވެ. ހަމަކަށަވަރުން މަރުގެ ސަކަރާތަކީ ވޭންހުރި ކަމަކެވެ.]

ދެން އެއަށްފަހު އެކަލޭގެފާނު އަތްޕުޅު މައްޗަށް ނަންގަވައި، އެއްޗެއް ވިދާޅުވާން ފެއްޓެވިއެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ދެން ތިމަންކަމަނާ އެކަލޭގެފާނު އެ ވިދާޅުވާ އެއްޗެއް އަޑުއިވޭތޯ ކުޑަކޮށް ކައިރިވެލީމެވެ. އޭރު އެކަލޭގެފާނު ޙަދީޘް ކުރައްވައެވެ.

[އިބަރަސްކަލާނގެ އެބޭކަލުންނަށް ނިޢުމަތްދެއްވި ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި ޞާލިހުންނާއެކުގައެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ. މިއަޅާގެ މައްޗަށް ރަޙްމަތްލައްވާންދޭވެ. މިއަޅާގެ ފާފަތައް ފުއްސަވާންދޭވެ. އައްރަފީޤުލް އަޢުލާގެ މަޤާމަށް މިއަޅާ ވާޞިލުކޮށްދެއްވާންދޭވެ.]

އެއަށްފަހު މާތް ރަސޫލާ ސުވަރުގެވަޑައިގެންފިއެވެ. މި ޙާދިޘާ ހިނގައިފައިވަނީ ހިޖުރައިން 11 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 12 ވީ ހޯމަދުވަހުގައެވެ. އޭރު މާތް ރަސޫލާގެ ޢުމުރުފުޅަކީ 63 އަހަރާއި ހަތަރު ދުވަހެވެ. {ޞަފިއްޔުއް ރަޙްމާން މުބާރަކުޕޫރީ، އައްރަޙީޤުލްމަޚްތޫމު، ޞަފްޙާ 472-478}

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. އެއްފަހަރަކު ހުވަފެނެއްގައި ތިމަންކަމަނާގެ ކޮޓަރިކޮޅަށް ތިން ހަނދު ވެއްޓުނީތީ ފެނުނެވެ. ދެން ތިމަންކަމަނާ އެވާހަކަ އަބޫބަކުރުގެފާނަށް ދެންނެވީމެވެ. އެއަށްފަހުން މާތް ރަސޫލާ ސުވަރުގެވަޑައިގެން ތިމަންކަމަނާގެ ކޮޓަރިކޮޅުގައި ފަސްދާނުވެޑުވުނެވެ. މިކަން މިހެން ހިނގައި ދިޔުމުން އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [މިއީ ދަރިފުޅަށް ފެނިވަޑައިގެންނެވި ތިން ހަނދުގެ ތެރެއިން އެއް ހަނދެވެ. އެ ހަނދުތަކުގެ ތެރެއިން އެންމެ ރަނގަޅު ހަނދަކީވެސް މިއީއެވެ.] {މާލިކު، މުވައްޠާ، ކިތާބުއް ޖަނާއިޒު، ޙަދީޘް ނަންބަރު 552}…ނުނިމޭ….

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ކައިޔޫން – 1

Next

ގާތުގާވުމަށް ހިތްއެދެނީ (7)

Next
August 16, 2021

ގާތުގާވުމަށް ހިތްއެދެނީ (7)

Previews
August 15, 2021

ކައިޔޫން – 1



All Right Reserved!