Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވީމޭ ތިޔަ ލޯބީގައި- 3

Mohamed Naafiz Level 1
August 10, 2021 5 Mins Read
1 Comment

އެކަމަށް ނުވިސްނާ ހުރި ޒައިނާންގެ ހަށިގަނޑު މޫދުގެ ފިނިފިނި ލޮނުގަނޑުގައި ޖެހުނެވެ. ޔޫނީންއަށް ހޭންފެށުނެވެ، ހެނމުން ހެނމުން ގޮސް އޭނާއަށް ބިންމައްޗަށް ތިރިވެވުނެވެ. ލޮނުގަނޑުގެ ތެރެއިން ތެދުވެވުމާއެކު ޒައިނާންއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. “ޔޫ..ނީ..ން..” އަކުރުތަކަށް ބާރުލަމުން ޒައިނާން ގޮވާލިއެވެ. އޭރު އޭނާގެ ދޮން މޫނުމަތި ވަނީ ރުޅިއައުމުގެ ސަބަބުން ރަތްވެފައެވެ. “ކިހާ ދެރަކަމެއް ޔޫނީންއާއި ހެދި.. ކޮފީތަށި ގަސްތުގައި ފޮނިގަދަ ކޮށްލީމަވެސް އެއްޗެއް ނުބުނެ ހުރީ.. އަނެއްކާ އަހަރެންނަށް މަލާމާތް ކުރީމަވެސް ކެތްކޮށްގެން ހުރީ ޔޫނީންއާއި ދިމާލަށް އެއްޗެއް ނުބުނެ.. އެކަމަކު ޔޫނީނެއް ކަމަކު މިހާރު ކަންތައް މާ މައްޗަށް ތިދަނީ… ޖެއްސުން ކުރިޔަސް ދެން ތީ ބޮޑުވަރެއް ދޯ..” ޒައިނާން ނުރުހިފައި ބުންޏެވެ.

ޒައިނާން އެހުރިހާ އެއްޗެއް ކީއިރުވެސް ޔޫނީންއަށް ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރެވުނީއެވެ. “އަހަރެންނަށް މިއަދު ތިޔަ ކޮށްދިން ކަންކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ..” މަލާމާތުގެ ރާގަކަށް ޒައިނާން އެހެން ބުނެލުމަށްފަހު އެތަނުން ދުރަށް ހިނގައިގަތެވެ. “ޒައިނާން މަޑުކޮށްބަލަ..” ޔޫނީންއަށް އެހެން ބުނެވުމުގެ ކުރިން ޒައިނާން އެއްގަމަށް އަރައިގެން ގޮސްފިއެވެ. ޔޫނީންއަށް އަނގަމަތީ އަތްއަޅާލެވުނެވެ. އޭނާއަށް ކުރެވުނު ކަންތަކުން ޒައިނާން އެހާ ރުޅިއައިސްފާނޭ އޭނާގެ ހިތަކު ނެތެވެ. ޔޫނީންދެކެ އެގޮތަށް ރުޅިއައިސްފައި ހުރެ ޒައިނާން ދިޔުމުން ނޭނގޭ ގޮތަކަށް ޔޫނީންގެ ހިތުގައި ރިއްސާލައިފިއެވެ.

ޔޫނީންއަށް ގެއަށް ގޮސްފައިވެސް އެކަމާއި ވިސްނަން އޮވެވުނީއެވެ. އޭނާއަށް ކުރެވުނު ކަންތަކާއިމެދު ފުރަތަމަ ފަހަރަށް ދެރަވެއްޖެއެވެ. “ކިހިނެއް ތިވަނީ ޔޫނީންއަށް.. އޭނނ.. ތިއީ އެހެންޏާވެސް ތިޔަހެން އުޅުނު ކުއްޖެއް ނޫން.. އޭނަ ރުޅިއައިސްފައި ހުންނަންޏާ ހުރެދާނޭނުން.. ޔޫނީންއާއި ކޮން ބެހޭ ކަމެއްތަ؟ އެހެންނޫނަސް ޔޫނީން އުފަލެއްނު ވާންވީ އެފޮނި މީހާގަނޑަށް ލަނޑެއް ދެވުނީމަ..” ޔޫނީންގެ ހިތަށް ވަމުން ދިޔަ ގޮތާއިމެދު ހައިރާންވެފައި ހުރެ އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައެވެ.

ހެނދުނު ސައިބޯން އިން އިރުވެސް ޔޫނީންއާއި ދިމާލަށް ޒައިނާން އޮޅިގެންވެސް ބަލައިނުލައެވެ. އެކަމުގެ ސަބަބުން ބުނެދޭން ނޭނގޭ އުނދަގުލެއް އޭނާގެ ހިތަށް ކުރަމުން ގެންދިޔައެވެ. ސައިބޮއެ ނިންމައިގެން ޔޫނީން ކޮޓަރިއަށް ދިޔައީ ޒައިނާންގެ ކިބައިން މައާފަށް އެދެން ނިންމަމުންނެވެ.

އެއްވެސް މީހަކު ގޭގައި ނޫޅޭ ވަގުތެއް ބަލާފައި ޒައިނާންގެ ކޮޓަރީގައި ޔޫނީން ޓަކި ޖަހާލިއެވެ. އިރުކޮޅެއްގެ ތެރޭ ޒައިނާން ދޮރު ހުޅުވާލިއެވެ. “އަހަރެން ވާހަކައެއް ބުނަން..” ޔޫނީންއަށް ބުނެވުނީ އެހިސާބަށެވެ. “އަހަރެމެން ދޭތެރޭގައި ދައްކަންޖެހޭ ވާހަކައެއް އެބައޮތްތަ؟” ފޫހި ގޮތަކަށް ޒައިނާން ބުނެލައިފިއެވެ. “ޒައިނާން.. އައިމް ސޮރީ..” ޔޫނީން އިސްޖަހައިގެން ހުރެ ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ ޔޫނީންގެ މޫނުމައްޗަށް ޒައިނާން ދޮރު ޖެހީއެވެ.

“ވަޓް؟ ކޮންކަހަލަ މީހެއް އެއީ.. ހާދަ ފޮންޏޭ.. މައާފަށް އެދުނީމަ މައާފްވެސް ނުކުރި..” ޔޫނީން ޒައިނާންއާއި ދިމާލަށް އެއްޗެހި ގޮވަމުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ޒައިނާންގެ އެއަމަލުން ޔޫނީންގެ ހިތުގައި ޒައިނާންއާއި ދޭތެރޭ އޮތް ފޫހިކަން އިތުރު ވެއްޖެއެވެ.

ރީތިވެލައިގެން ކޮޓަރިން ނުކުތް ޔޫނީންއަށް އެރުނީ ހަސްނާގެ ކުރިމައްޗަށެވެ. “ކޮންތާކަށް ތިޔަދަނީ.. ތިޔަ ދާތާކަށް ޒައިނާންވެސް ގޮވައިގެން ދޭބަލަ.. އެސޮރުވެސް ފޫހިވާނެ ދޯ އަބަދު އެހެން އޮންނަން..” ހަސްނާ ބުނެލިއެވެ. “އަހަރެންނަށް ކީއްތަ؟ މަންމަ ތިހާ އަހަރެންނާއި އެކީ އޭނަ ފޮނުވަން ބޭނުމިއްޔާ ބުނެބަލަ އޭނަ ކައިރި އަހަރެންނާއި އެކީ އަންނާށޭ.. އޭނަޔާއި އަނގައިން ބުނެލަންވެސް އަހަންނަކަށް ނޭނގޭ ވިއްޔާ..” ޔޫނީން ބުނެލިއެވެ. ހަސްނާ އެއްޗެއް ނުބުނެ މައްޗަށް އަރާފައި އިރުކޮޅެއްފަހުން އައީ ޒައިނާންވެސް ގޮވައިގެންނެވެ. “ދައްތާ އަހަރެން ބޭނުމެއް ނޫނޭ ދާކަށް..” ޒައިނާން ބުނެލިއެވެ. “ތިހާ ބީރައްޓެހިކޮށް ނޫޅެބަލަ.. އަވަހަށް ދޭ ޔޫނީންއާއި އެކީ..” ހަސްނާ ބުނެލިއެވެ. ޒައިނާންގެ ބުރަކަށީ އަޅާ ކުރިއަށް ކޮށްޕާލަމުން ހަސްނާ ބުނެލިއެވެ. ހަސްނާ އެދުމުން ނޫނެކޭ ބުނާކަށް ޒައިނާންއަކަށް ނުކެރުނެވެ. އެހެންކަމުން އޭނާއަށް ޖެހުނީ ޔޫނީންއާއި އެކީ ދާށެވެ.

މަގުމަތީގައި ދެމީހުން ހިނގާފައި ދިޔައިރު ދެމެދުގައި ވެސް ވަނީ އުނދަގޫ ކުރުވާފަދަ ހިމޭން ކަމެކެވެ. ދެމީހުންކުރެ އެކަކުވެސް ބަހެއް ނުކިޔާ ތިބީއެވެ. މަގުމަތިން ދާއިރު ބައެއް އަންހެން ކުދިން ޒައިނާންއަށް ކަޅިޖަހާނުލާ ބަލަހައްޓައިގެން ތިބެއެވެ. އެހެން ހިނގާފައި ދާ މުސްކުޅި ފުރައިގެ މީހުންވެސް އެ ދެޒުވާނުންނަށް ބަލާލާފައި ސިއްރު ސިއްރުން ކޮންމެވެސް އެއްޗެއް ކިޔާލައެވެ. ހަވީރުގެ އެ ހިތްގައިމު ވަގުތު ރަށުތެރެވެސް ފެންނަނީ ފުދޭވަރަކަށް ހަލަބޮލިކޮށެވެ. ޔޫނީންމެން ދިޔައީ އެމީހުން އަބަދުވެސް ބައްދަލުކުރާ ތަނަށެވެ. ޔޫނީންއާއި އެކީ ހިނގާފައި އަންނަ ޒައިނާން ފެނުމުން ލައިރާ ކައިރިއަށް ހިނިއަންނަ ގޮތްވިއެވެ. ހަސްނާ އެއްޗެހި ކިޔާލީމައި ނޫނީ ޒައިނާން އެތަނަށް ނުގެންނާނެކަން ލައިރާއަށް ކަށަވަރެވެ. “ބޮޑީގާޑުވެސް ގޮވައިގެން ދޯ ތިޔައީ..” ޔޫނީން ގޮސް ހުއްޓިލުމާއެކު ލައިރާ ބުނެލައިފިއެވެ. އަތުގެ އިޝާރާތުން މަޑުން ހުރުމަށް ޔޫނީން ބުނެލިއެވެ. އަރްސަލާންއަށް އެދެމީހުން އެކުގައި ފެނުމުން އުނދަގޫ އިހްސާސެއް ކުރެވުނެވެ. މިހާރަކަށް އައިސް އޭނާ ވިސްނަމުންދާ ކަންކަމަށް ބޮޅެއް އިތުރުވީ ފަދައެވެ.

ޔޫނީންމެން އެކި ވާހަކަ ދެއްކިއިރުވެސް ޒައިނާން ބަހެއް ނުކިއެވެ. “ކަމް އޯން ޒައިނާން.. މިއީ ހަމަ ޒައިނާންގެ ރައްޓެހިން ކަމުގައިވެސް ދެކިގެން އުޅެބަލަ.. ހާދަ މަޑުން ތިޔަ އިންނަނީ..” އިއާން ބުނެލިއެވެ. ޒައިނާން ހީނލިއެވެ. ތުން އަނބުރާލާފައި ޔޫނީން ދުރު ބަލާލިއެވެ. “ޒައިނާން ދާނަންތަ މާދަން އަހަރެމެންނާއި އެކީ ރަށަކަށް؟ މިތާ ކައިރި ރަށަކަށް ދަނީ..” އަރްސަލާންވެސް ޒައިނާންއާއި ވާހަކަ ދެއްކިއެވެ. ޔޫނީންއަށް ބޯ ހޫރުވާލެވުނެވެ. ލައިރާ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ލައިރާގެ އަނގަމަތީ ޔޫނީން އަތް އަޅައިފިއެވެ. ލައިރާ އެހެން އިނދެފައި ހެޔޮ އެއްޗެއް ނުބުނާނެކަން އޭނާއަށް ޔަގީންވީއެވެ. “ޒައިނާންވެސް ދާނެ ދޯ އަހަރެމެންނާއި އެކީ..” ގަދަ ކަމުން ހީނލަމުން ޔޫނީން ބުނެލިއެވެ. އޭނާ ދާތަނަކަށް ޒައިނާން ނުގެންގޮސްފިނަމަ ހަސްނާ އޭނާއަށް ދުނިޔެ ދައްކާލާނެކަން ކަށަވަރެވެ. “ކޮން އިރަކުން ވޯކްއަށް ނުކުންނަނީ؟” އިއާން އަހާލިއެވެ. “ތަނުގެ ކުރެހުން ލިބުނީމަ.. ހީވަނީ ދެތިން ދުވަސް ފަހުންހެން..” ޒައިނާން ބުނެލިއެވެ.

“މަންމާ މާދަން ދަތުރު ދެވިދާނެތަ؟” ހަސްނާ ކައިރި ޔޫނީން އަހާލީ ރޭގަނޑުގެ ކެއުމުގެ ތެރެއިންނެވެ. “ކިތައް ދުވަހަށް؟ ކޮންބަޔަކާއި އެކީ؟ ކޮން އިރަކުން ފުރަނީ؟” ހަސްނާ އޭނާގެ ރާގުގައި އަހާލިއެވެ. “މަންމާ.. ދެދުވަހަށް ދަނީ.. އަހަރެންނާއި އަރްސަލާންއާއި ލައިރާއާއި އިއާން..” ޒައިނާންގެ ނަން އޭނާ ގަސްދުގައި ނުބުނީ އޭނާގެ މަންމަ ބުނާ އެއްޗެއް ބަލާލުމަށެވެ. “ޒައިނާން ނުގެންދަން؟ ޒައިނާން ނުދަންޏާ އޭގެ މާނައަކީ ޔޫނީންއަކަށްވެސް ނުދެވޭނެޔޭ.. މެހެމާނުންނަށް ހެޔޮކޮށް ހިތަން ޖެހޭނެ.. ކުޑަ ދުވަސްކޮޅަކަށް ޒައިނާން މިގެއަށް އައީމަވެސް އޭނަ އެކަނި ބަހައްޓާފައި ޔޫނީންއަށް ދާން ކެރޭކަން..” ހަސްނާ ކިޔާލިއެވެ. “އޭނަ ގޮވައިގެންނޭ އަހަރެން ދާނީ.. އަދި ދުނިޔޭގައި ހުންނަން ބޭނުން އަހަރެންވެސް” މޫނުމައްޗަށް ފޫހި ވައްތަރެއް ޖައްސާލަމުން ފަހު ޖުމްލަ ޔޫނީން ބުނެލީ މަޑުމަޑުންނެވެ.

ފަތިހުގެ އަރާމު ވަގުތުކޮޅު ޔޫނީންއާއި ޒައިނާން ގޮސް ތިބީ ބަނދަރުގައި ހަދާފައި ހުރި ހިލަ ގޮނޑިއެއްގައިއެވެ. ހުރިހާ އެންމެން ހަމަވޭތޯ ދުއާކޮށްލަ ކޮށްލާ ޔޫނީން އިނެވެ. ޔޫނީންގެ މޫނަށް ސިއްރު ގޮތަކަށް ޒައިނާންއަށް ބަލާލެވުނެވެ. ފޯނު ނަގައި ފަހަރަކު މީހަކަށް ގުޅަމުން ޔޫނީން ދިޔައެވެ. ގޮނޑިން ތެދުވެގެން ޔޫނީން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ކުރިމަތިން ފެންނަން ހުރި ޔޫނީންގެ ހަށިގަނޑު މަތިން ތިރިއަށް ޒައިނާން ‘ސްކޭން’ ކޮށްލިއެވެ. މޭކަޕަކާވެސް ނުލައި އެމޫނުގެ ރީތިކަން ފުރަތަމަ ފަހަރަށް ޒައިނާންއަށް ފާހަގަވެލިއެވެ. އޭނާގެ ހިތުގައި ޔޫނީންއާއި ދޭތެރޭ ކޮންމެވެސް އިހުސާސްތަކެއް އުފެދިއްޖެކަން އޭނާއަށް ޔަގީންވެއްޖެއެވެ.

އެންމެން ހަމަވީ ޔޫނީންމެން އެތަނުގައި ތިބޭތާ ފަނަރަ ވަރަކަށް މިނެޓް ހިނގި ފަހުންނެވެ. އޭރު އިރު ފެނުން ތޮޅިލައިފިއެވެ. ދަތުރު ގެންދަން ބޭނުންވާ ތަކެތި ދޯންޏަށް އެރުވިއެވެ. ޔޫނީން ދޯންޏަށް އަރަންވެގެން ހުއްޓާ އަރްސަލާންގެ އަތް ޔޫނީންއަށް ދިއްކޮށްލިއެވެ. ޝުކުރު އަދާކުރަމުން ޔޫނީން އެއަތުގައި ހިފާލިއެވެ. ދޯނީގައި އިށީނދެލައިގެން އިން ޒައިނާންއަށް އެމަންޒަރު ފެނުމުން އުނދަގޫ އިހްސާސެއް ކުރެވުނެވެ. ހިތުގައި ހިނގާލި ހަސަދައިގެ އޮއެވަރާއެކު އޭނާއަށް ދުރު ބަލައިލެވިއްޖެއެވެ.

ޔޫނީންމެން ދިޔައީ ކޭލަކުނަށެވެ. އެރަށަށް ދެވުނުއިރު ހަތެއް ޖަހައިފިއެވެ. ހުރިހާ ފިރިހެންކުދިން ޓެންޓުތައް ޖެހުމުގެ މަސައްކަތުގައި އުޅުނުއިރު އަންހެންކުދިން ގެންދިޔައީ ހެނދުނުގެ ސައި ތައްޔާރު ކުރަމުންނެވެ.

ޓެންޓް ޖަހަން ހުއްޓާ ޒައިނާންގެ ފޯނަށް ގުޅަން ފެށީ ކައިނާއެވެ. އެންމެންނާއި އެކަހެރި ވެލިއިރު އެމޫނުން ފޫހިކަން ފާޅުވެއްޖެއެވެ. “ޒައިނާންއަށް މިހާރު އަހަރެންނަށް އެއްވެސް ވަގުތެއް ނުދެވޭ ދޯ.. މިހާރު ކޮންމެވެސް އަންހެން ކުއްޖަކާއި ރައްޓެހި ވެލީނުން.. އަހަރެންނަށް އޭރުވެސް އެނގޭ.. އަހަރެންނާއި ދުރަށް ދެވުނީމަ އަހަރެން މަތިން ހަނދާން ނައްތާލިލެއް ލަހެއް ނުވިޔެއްނު.. އޭރުވެސް އަހަންނަށް އެނގޭ މިކަން މިހެން ވާނެކަން..” ފޯނު ނެގިގޮތަށް ޒައިނާންއަށް އަޑުއަހަން ޖެހުނީ ކައިނާގެ ޝަކުވާތަކެވެ

“ހުއްޓާލާ ކައިނާ.. އިނަފް އިޒް އިނަފް.. އަހަރެން ވަރަށް ކެތްކޮށްފިން.. އެކަމަކު ދެން ނުވާނެ.. އަހަރެމެން ދެމެދުގައި މީގެ ފަހުން އެއްވެސް ގުޅުމެއް ނޯންނާނެ.. އަހަރެންނަށް އުނދަގޫ ކުރަން ގުޅައިގެން ނުވާނެ..” ރުޅިއައިސް ހުރެ ޒައިނާން ބުނެލިއެވެ. އެއަށްފަހު ކައިނާއަށް އެއްޗެއް ބުނެވުމުގެ ކުރިން ފޯނު ކަނޑާލައި އެ ނަންބަރު ބްލޮކް ކޮށްލިއެވެ.

ސައި ބުއިމަށްފަހު ހުރިހާ އެންމެންވެސް ދިޔައީ ރަށުތެރެ ބަލައިލުމަށެވެ. އެކި ތަންތަނުގައި ދަތުރުގެ ހަނދާންތައް ރައްކާ ކުރުމަށްފަހު އެމީހުންނަށް މޫދު އެރެން އާދެވުނުއިރު ބާރަ ޖަހައިފިއެވެ.

މޫދު ފެނުމާއިއެކު ޔޫނީންއަށް ހުރެވޭ ގޮތެއް ނުވިއެވެ. ދުވެފައި ގޮސް މޫދަށް ފުންމާލިއެވެ. ލައިރާ މޫދަށް އެރެން ބޭނުން ނޫންކަމުގައި ބުނުމުން އެހެން މީހުން މޫދަށް ފޭބިއެވެ. ސާފު ބިއްލޫރި ކޮޅެއްފަދަ މޫދު ފެނުމާއިއެކު ޒައިނާންގެ ހިތަށްވެސް ހިތްހަމަޖެހުމެއް އިހްސާސް ކުރެވިގެން ދިޔައެވެ.

ފަތަމުން ފަތަމުން ދިޔަ ޔޫނީންއަށް އިސްކޮޅު ނުޖެހޭ ހިސާބަށް ދެވުނު ކަމެއްވެސް ނޭނގުނެވެ. އިސްކޮޅު ޖެހޭނެ ކަމަށް ފައި ޖައްސާލި ޔޫނީން އަޑިއަށް ދާން ފެށިއެވެ. އެހީއަކަށް އެދި ޔޫނީންއަށް ހަޅޭލަވައިގަނެވުނެވެ. އޭރު ލޮނުބޮވި އޭނާ ކޮށި އަރައިފިއެވެ.

ޔޫނީން ހަޅޭލަވައިގަތް އަޑު އިވުނު ޒައިނާންއަށް އެދިމާލަށް ބަލައިލެވުނެވެ. ގެނބެމުންދިޔަ ޔޫނީން ފެނި ޒައިނާންގެ ދެލޯ ބޮޑުވިއެވެ. ގައިހުރި ބާރެއްލައި ފަތައި ގަންނަމުން ޔޫނީންއާއި ދިމާލަށް ޒައިނާން ދިޔައެވެ. ޔޫނީންއާއި ހިސާބަށް ދެވުނުއިރު އޭނާ ވަރުބަލި ވެއްޖެއެވެ.

ވަރުބަލި ވެގެންގޮސް ފައިގެ ހަރަކާތް ހުއްޓުނު ޔޫނީންއަށް މިއީ އޭނާގެ އެންމެ ފަހު ވަގުތުކޮޅޭ ހީވެލިއެވެ. އެހެނަސް މެރެމުންދިޔަ ދެލޮލުގެ ތެރެއިން ކޮންމެވެސް މީހެއްގެ ސޫރަ ޔޫނީންއަށް ފެނިލިއެވެ.

ޔޫނީން އަތްދަނޑި މައްޗަށް ލައިގެން ޒައިނާން އެއްގަމާއި ދިމާލަށް ފަތައިގަތެވެ. އޭރު ހުރިހާ އެންމެންވެސް ޔޫނީންއަށް ވީގޮތެއް ނޭނގިގެން ތިބީ ނުހަނު ކަންބޮޑުވެފައެވެ. ވަރުބަލިވެފައި ވީ ނަމަވެސް ހިތްވަރު ކޮށްލާފައި ޔޫނީން ގޮވައިގެން އޭނާ އެއްގަމަށް އެރިއެވެ. ދެލޯ މެރިފައިވީ  ޔޫނީންގެ މޫނަށް ބަލަހައްޓައިގެން ހުރެ ޒައިނާން ދުވަމުން ދިޔައެވެ. ކޯތާފަތަށް ރަތްކުލަ އަރާފައިވިއިރު އެމޫނު ނުހަނު ރީއްޗެވެ.

ދޮންވެލިގަނޑު މަތީ ޔޫނީން ބާއްވާލުމާއެކު ލަސްނުކޮށް ޒައިނާން ސީޕީއާރު ދޭން ފެށިއެވެ. އޭރު ދުވެފައި ހުރިހާ އެންމެންވެސް އެދިމާލަށް އައިސްފިއެވެ. ބަނޑުގައި ހުރި ހުރިހާ ލޮނެއް ބޭރު ވުމާއެކު ޔޫނީން ވަރުބަލިކަމާއެކު ކެއްސާލިއެވެ. މަޑުމަޑުން ދެލޯ ހުޅުވާލެވުމާއެކު އޭނާއަށް ލަތްކަކަށް ތެދުވެވިއްޖެއެވެ. “ޔޫނީން.. އާ ޔޫ އޯކޭ؟” ލައިރާ ހާސްވެފައި އަހާލިއެވެ. ޔޫނީން ބޯޖަހާލިއެވެ. “ކީކޭ ހިތަށް އަރައިގެންތަ ފައި ނުޖެހޭ ހިސާބަށް ޔޫނީން ދިޔައީ؟ ނޭނގޭތަ ޔޫނީންގެ ސަބަބުން އަހަރެން ހާސްވި ވަރެއް؟ ޔޫނީންއަށް ގޮތެއް ވެދާނެތީ އަހަރެން ޖެހިލުންވި ވަރެއް؟ އެހެން މީހުން ޔޫނީންގެ ސަބަބުން ކަންބޮޑުވާނެ ވަރެއް ޔޫނީން ވިސްނާލިންތަ؟” ޒައިނާންއަށް އޭނާގެ ހިތުގައި ހުރި ހުރިހާ އެއްޗެއް ޖެހިލުމެއްނެތި ކިޔައިލެވުނެވެ.

އޭނާއަށް ކިޔުނު އެއްޗެހި ރޭކާލީ އެންމެން އޭނާއާއި ދިމާލަށް ފާޑަކަށް ބަލަހައްޓައިގެން ތިބުމުންނެވެ. “ޒައިނާންއަށް ކީއްތަ އަހަރެންނަށް ކޮންމެ ގޮތެއް ވިޔަސް؟ އެއް އިރަކުވެސް ތިއީ އަަހަރެންނަށް އަޅާލި މީހެއްތަ؟” ބަލި އަޑަކުން ޔޫނީން ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭނގުމުން ޒައިނާން އެންމެންނާއި އެކަހެރި ވެލިއެވެ.

=ނުނިމޭ=
މިއަދުން ފެށިގެން ވާހަކަ ގެނެސްދޭނީ ހޯމަ އަދި ބުރާސްފަތި ދުވަހު

Share Article

Follow Me Written By

Mohamed Naafiz

Level 1

Other Articles

Previous

ތިއަތުން ދޫކޮށްލާކަށް ހިތެއް ނޭދެމޭ – 3

Next

ގާތުގާވުމަށް ހިތް އެދެނީ (4)

Next
August 10, 2021

ގާތުގާވުމަށް ހިތް އެދެނީ (4)

Previews
August 10, 2021

ތިއަތުން ދޫކޮށްލާކަށް ހިތެއް ނޭދެމޭ – 3

One Comment

  1. Ryyn says:
    August 10, 2021 at 3:23 pm

    Vrh vrh vrh rythi mi prt vex ❤ masha allah.. awlhei.. xainaan n kaina broke up wee dhw.. sad ): xainaan ah lwbi vevunythr yoonyn dheke? Curious.. hehe ? waiting for the nxt prt ?

Comments are closed.



All Right Reserved!