Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

މާތް ރަސޫލާގެ ދުނިޔޭއާއި އާޚިރަތުގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ ސީރަތު 03

Ali Ihsaan Level 210 Stories100 Login
August 9, 2021 10 Mins Read
0 Comments

އިފްކުގެ ޙާދިޘާ

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ޙަޔާތްޕުޅުގައި ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއް ޙާދިޘާއަކީ ޔަހޫދީންނާއި މުނާފިޤުން އެކަމަނާ އިސްތަށިފުޅުގައި ޒިނޭގެ ދޮގު ތުހުމަތު އެޅުވި ޙާދިޘާއެވެ. މި ވާހަކައަކީ، ޞަޙީޙު ޙަދީޘް ފޮތްފޮތުގައި އުއްމުލް މުއުމިނީންގެ ދޫފުޅުން ނުހަނު ތަފްސީލުކޮށް ވާރިދުވެގެން އައިސްފައިވާ ވާހަކައެކެވެ.  އެކަމަނާގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ.

މާތް ރަސޫލާ ދަތުރަކުވަޑައިގަންނަވަން ޤަޞްދުކުރައްވައިފިއްޔާ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ މެދުގައި ޤުރްޢަތު ލައްވައެވެ. އެކަލޭގެފާނު އެ ދަތުރެއްގައި ގެންދަވަނީ ޤުރްޢަތުން ހޮވިވަޑައިގަންނަވާ ބޭކަނބަލެކެވެ. އެއްފަހަރު އެގޮތަށް އެކަލޭގެފާނު ޣަޒުވާއަކަށް ނުކުމެވަޑައިގަންނަވަންވެގެން ޤުރްޢަތު ލެއްވިފަރަކު ހޮވުނީ އަހަރެންނެވެ. އެހެންކަމުން އަހަރެން އެ ދަތުރުގައި މާތް ރަސޫލާގެ އަރިހުގައި ހިނގައްޖައީމެވެ. އޭރު ފަރުދާގެ އާޔަތްތައްވަނީ ބާވައިލައްވައިފައެވެ. އެހެންކަމުން އަހަރެން ދަތުރުކުރަމުން ގެންދިޔައީ ހައުދަޖުގެ ތެރޭގައި އިނދެގެންނެވެ.

މި ޣަޒުވާ ނިމިވަޑައިގެން މާތް ރަސޫލާ އެނބުރި މަދީނާއަށް ވަޑައިގަންނަވާ ދަތުރުފުޅު ފެއްޓެވިއެވެ. މަދީނާއާ ދާދި ކައިރިފަހުން އެއް ރެޔަކު މަންޒިލު ކުރައްވައިފައި ކުއްލި ގޮތަކަށް އަލުން ޤާފިލާ ދަތުރަށް ފެއްޓެވުމަށް އެންގެވިއެވެ. އޭރު އަހަރެން ހުރީ ޤާފިލާއާ މާދުރުގައެވެ. ޤަޟާހާޖަތަކަށް ދާންވެގެން ގޮހެވެ. އެކަންތަކުން އަވަދިވެގެން އައި މަގުމަތީގައި ކަރުގައި އޮތް ހާރު ކަނޑިގެން ގޮސް ވެއްޓިއްޖެކަން އެނގުނެވެ. އެއީ ޡިފާރުން ހެދިފައިވާ ހާރެކެވެ. އެ ހާރު ހޯދައިގެން އައިއިރު ޤާލިފާގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ހައުދަޖު އުފުލާމީހުންވެސް އަހަރެން އޭގެ ތެރޭގައި އިންކަމަށް ހިތައި އެ ޖަމަލުގެ ބުރިކަށި މައްޗަށް ލައިގެން ދަތުރުކޮށްފައި ގޮއްސިއެވެ. އޭރުގެ އަންހެނުންނަކީ މައްޖަހައި ފަލަވެފައި ތިބޭ ބައެއް ނޫނެވެ. އަދި އޭރު އަހަރެންނަކީ ޒުވާން ޢުމުރުގެ އަންހެންކުއްޖެވެ. އެހެންކަމުން އަހަރެން ހައުދަޖުގައި ނެތްކަން އެބައިމީހުންނަށް ނޭނގުނީއެވެ.

އެއްވެސް މީހަކު ފެންނާން ނެތުމުން އަހަރެން އެތަނުގައި އިށީންދެގެން އިނީމެވެ. އަހަރެން ނެތްކަން އެނގުމުން ހޯދަން އަންނާނެކަން އެނގޭތީއެވެ. އެ ގޮތުގައި އަހަރެން އިންދާ ނިދި އައިސްގެން އަހަރެންނަށް ނިދިއްޖެއެވެ.

ޞަފްވާނު ބިން މުޢައްޠިލުއް ސުލަމީއަކީ ލަޝްކަރުގެ ފަސްފަހަތުން ވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނު ރޭގަނޑުގެ ދަންބައިގައި ދަތުރުކުރައްވައި އަހަރެން އިން ހިސާބާ އަރައި ހަމަކުރެއްވީ ހެނދުނުގެ ވަގުތުގައެވެ. އެކަލޭގެފާނަށް އަހަރެން ފެނިވަޑައިގެން ލިބުނު ޙައިރާންކަމެއްގެ ސަބަބުން ވިދާޅުވިއެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون އެވެ.  އެއަޑަށް ކުއްލިއަކަށް އަހަރެންނަށް ހޭލެވިއްޖެއެވެ. ދެން އަވަސްއަވަހަށް އަހަރެން އަހަރެންގެ މޫނު ނިވާކޮށްލީމެވެ. މާތްﷲ ގަންދީ ބުނަމެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون ނޫނީ އެކަލޭގެފާނު އަހަރެންނާ އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.

ދެން، އެކަލޭގެފާނު ޖަމަލުގެންނަވައި، އޭތި ބަނޑުޖައްސަވުމުން އަހަރެން އެއަށް ސަވާރު ވެއްޖައީމެވެ. އެއަށްފަހު އެކަލޭގެފާނު ޖަމަލުގެ ލަގަނުގައި ހިއްޕަވައިގެން ދަތުރުކުރައްވައި ޤާފިލާއާ ހަމަކުރެއްވީ މެންދުރެއް ހާއިރުއެވެ. ދެން ހަލާކުގެންތެރެއަށް ވެއްޓެން މިވަރުކުރައްވައިފައިވާ މީހަކު ހަލާކުގެ ތެރެއަށް ވެއްޓިއްޖެއެވެ. ދޮގުވާހަކަ ފެތުރުމުގައި އެންމެ އިސްކޮށް އުޅުނު އެކަކީ ޢަބްދުﷲ ބުން އުބައްޔު ބުން ސަލޫލެވެ.

އަހަރެން މަދީނާއަށް އައިތަނުން ވަރަށް ބޮޑަށް ބަލިވެގެން އޮންނަން ޖެހިއްޖެއެވެ. އޭރު ދޮގުވާހަކަތައް ދައްކަމުން ގެންދާ މީސްތަކުން އެ ވާހަކަތައް ދައްކަމުން ގެންދެއެވެ. އޭގެއިން އެއްވެސް ކަމެއްގެ ޚަބަރެއް އަހަރެންނަކަށް އެނގިފައެއްނެތެވެ. ނަމަވެސް އެއްކަމެއް ފާހަގަކުރެވުނެވެ. އެއީ އެހެންޏާވެސް އަހަރެން ބަލިވެއުޅޭއިރު މާތް ރަސޫލާގެ އަރިހުން ލިބޭ އަޅާލުން މިފަހަރު ނުލިބޭކަމެވެ. މިފަހަރު އެކަލޭގެފާނު އަހަރެންގެ ގާތަށް ވަޑައިގެން ވިދާޅުވާހާވެސް ބަސްފުޅަކީ ހަމައެކަނި ޙާލުކޮޅުގެ ވާހަކައެވެ. އެއަށްފަހު އިތުރު އެއްޗެއް ވިދާޅުނުވެ ވަޑައިގަންނަވަނީއެވެ. މިހެންވެ އަހަރެންގެ ހިތުގައި ހިސާބެއްގެ ޝައްކުތަކެއް އުފެދެން ފެށިއެވެ.

އެއްރެއަކު އަހަރެން މިސްތަޙުގެފާނުގެ މައިކަނބަލުންނާއެކު އަލްމަނާސިޢު އޭ ކިޔުނުތަކަށް ދިޔާމެވެ. އެތަނީ އޭރު އަހަރެމެން ޤަޟާހާޖާ ކުރުމަށް ގޮސް އުޅޭތަނެވެ. އެއީ އަދި އެފަދަ ތަންތައް ގޭކައިރީގައި ހެދިފައިނުވާ ދުވަސްވަރެކެވެ. މިސްތަޙުގެފާނުގެ މައިކަނބަލުންނަކީ، އަބޫ ރުހުމް ބިން ޢަބްދު މަނާފުގެ ދަރިކަނބަލެކެވެ. އެކަމަނާގެ މައިކަނބަލުންނަކީ ޞަޚްރު ބިން ޢާމިރެވެ. އެއީ އަބޫބަކުރުގެފާނުގެ ބޮޑުދައިތާފުޅެކެވެ. އެކަމަނާގެ ދަރިކަލުންނަކީ މިސްތަޙު ބިން އުޘާޘާއެވެ.

ދެން އެކަމުން އަވަދިވެގެން އައި މަގުމަތީގައި މިސްތަޙުގެފާނުގެ މައިކަނބަލުންނަށް އެކަމަނާގެ ފަސްބަޔަށް އެރި ކުއްލި ސިހުމެއް ލިބިއްޖެއެވެ. އެއާ އެކު އެކަމަނާ ވިދާޅުވިއެވެ. [މިސްތަޙަށް ހަލާކު ހުއްޓެވެ.] އަހަރެން ދަންނަވައިފީމެވެ. [ތިޔަވިދާޅުވީ ހާދަ ދެރަބެކެވެ. ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ޞަޙާބީއަކާ ދިމާއަށް ހުރުބަސްފުޅެއް ވިދާޅުވީތާއެވެ.] ދެން އެކަމަނާ ވިދާޅުވެއްޖެއެވެ. [އޭނާ ކަމަނާއޭ ކިޔައިގެން އެ ދައްކާ ވާހަކައެއް ނާއްސަވަމުންތޯއެވެ؟] އަހަރެން ދަންނަވައިފީމެވެ. [އެއީ ކޮންވާހަކައެއް ހެއްޔެވެ؟] ދެން އެކަމަނާ މީސްތަކުން ދައްކަމުން ގެންދާ ވާހަކަތައް ކިޔައިދެއްވިއެވެ.

ދެން އަހަރެން ގެއަށް އަތުވެއްޖައީމެވެ. މާތް ރަސޫލާ ގެއަށް ވަޑައިގެން ޙާލުކިހިނެއްތޯ އެއްސެވުމުން އަހަރެން ދަންނަވައިފީމެވެ. [އަޅުގަނޑު މިހާލުކޮޅުގައި އޮތުމަށް މަންމާފުޅުގެ ގާތަށް ދިޔުމުގެ ހުއްދައަކަށް އެދެމެވެ.] ދެން މާތް ރަސޫލާ އަހަރެންނަށް އެ ހުއްދަ ދެއްވައިފިއެވެ.

އަހަރެން މަންމާފުޅުގެ އަރިހަށް ގޮސް ދެންނެވީމެވެ. [އޭ މަންމާފުޅާއެވެ. މީސްތަކުން ދައްކައި އެ އުޅެނީ ކޮން ވާހަކައެއް ހެއްޔެވެ؟] މަންމާފުޅު ވިދާޅުވިއެވެ. [އޭ ދަރިފުޅާއެވެ. ކަންބޮޑުނުވާށެވެ. މީހެއްގެ މާ ރީތި އަނތްބަކު އިނދެފައި، ދެން އެމީހެއްގެ އިތުރު އަނބިންތިބެއްޏާ ތިޔަ ފަދަ އަޑުއަޑު އިވޭނެއެވެ. އެއީ އެކަށީގެންވާ ކަމެކެވެ.] އަހަރެން ދެންނެވީމެވެ. [މީސްތަކުން ހަމަ އެވާހަކަ އެބަ އެގޮތަށް ދައްކާ ހެއްޔެވެ؟]

އެ ރެޔަކު އެއްގޮތަކަށްވެސް އަހަރެންނަކަށް ނުނިދެއެވެ. މުޅި ރޭނގަޑު އަހަރެން ހޭދަކުރީ ރުއިމުގައެވެ. މާތް ރަސޫލާ އެކަލޭގެފާނުގެ ގާތް ދެ ޞަޙާބީބޭކަލުންކަމުގައިވާ ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހާއި، އުސާމާ ބިން ޒައިދު ރަޟިޔަﷲ ޢަންހު އާ ދެބޭކަލުންނާ މި މައްސަލައާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އުސާމާ ދެންނެވިއެވެ.

[އޭ މާތްﷲ ގެ ރަސޫލާއެވެ. އެކަމަނާއަކީ ކަލޭގެފާނުގެ އަނބިކަނބަލުންނެވެ. އެކަމަނާއާ ބެހޭގޮތުން ރަނގަޅު ވާހަކައެއް މެނުވީ އަޅުގަނޑު ނާހަމެވެ.]

ނަމަވެސް ޢަލީގެފާނު މަޝްވަރާ ދެއްވީ ތަފާތުކޮށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. މާތްﷲ ކަލޭގެފާނުގެ މައްޗަކަށް އެއްވެސް ދަތިކަމެއް ނުވަތަ އުނދަގުލެއް ނުލައްވައެވެ. އަންހެނުންނަކީ ގިނަ ބައެކެވެ. ކަލޭގެފާނު އެކަމަނާގެ އަޅުއަންހެންކުއްޖާކުރެން ސުވާލުކޮށްފިނަމަ ތެދަށް ބުނެފާނެއެވެ.]

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. ދެން މާތް ރަސޫލާ ބަރީރާ ގެންނަވައި އެކަމަނާއާ ސުވާލުކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ ބަރީރާއެވެ. ކަމަނާއަށް އެއްވެސް ކަހަލަ ޝައްކުވާފަދަ ކަމެއް ފެނިފައިވޭ ހެއްޔެވެ؟] ބަރީރާ ވިދާޅުވިއެވެ. [ޙައްޤު މަގާއިގެން ކަލޭގެފާނު ފޮނުއްވި ފަރާތްގަންދީ ބުނަމެވެ. އެފަދަ އެއްވެސް ކަމެއް އަޅުގަނޑު ނުދެކެމެވެ. ނަމަވެސް އެކަމަނާއަކީ ވަރަށް ޒުވާން ޢުމުރުފުޅެއްގެ ބޭކަނބަލެކެވެ. ބައެއް ފަހަރު ފުށްމޮޑުވައިފައި އެކަމަނާ އަވަހާރަފުޅުވެސް ލައްޕަވަފާނެއެވެ. ބައެއް ފަހަރު ބަކަރި ގެއަށް ވަދެގެން އައިސް ފުށްގަނޑު ކައިލައިގެންދެއެވެ.]

އެއަށްފަހު މާތް ނަބިއްޔާ މިސްކިތްކޮޅަށް ވަޑައިގެން މިންބަރަށް އަރާ ވަޑައިގެން ޞަޙާބީންނާ މުޚާތަބު ކުރައްވައި ޙަދީޘު ކުރެއްވިއެވެ. [އޭ މުސްލިމުންނޭވެ. އަހަރެންގެ ޢާއިލާއާ ބެހޭގޮތުން އަހަރެންނަށް އުނދަގޫ ދޭ މީހާއާ ދެކޮޅަށް އަހަރެންނަށް ވާގިވެރިވާނީ ތިޔަބައިމީހުންގެ ތެރެއިން ކާކު ހެއްޔެވެ؟. އަހަރެންގެ ޢާއިލާއާމެދު ރަނގަޅު އެއްޗެއް މެނުވީ އަހަރެންނަކަށް ނޭނގެއެވެ. އެބައިމީހުން އެ ތުހުމަތު އަޅުވާ ފިރިހެންމީހާއާ ބެހޭ ގޮތުންވެސް ރަނގަޅު އެއްޗެއް މެނުވީ އަހަރެންނަކަށް ނޭނގެއެވެ. އަހަރެންގެ ޙާޒިރުގައި މެނުވީ އޭނާ އަހަރެންގެ ގެއަށް ވެދެއެއް ނޫޅެއެވެ.]

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. [އަހަރެން ގޭގައި އޮވެގެން ރޮމުން ގެންދިޔާމެވެ. އަހަރެން ރޯވަރުން އަހަރެންގެ ހިތް ފަޅައިގެން ގޮސްދާނެ ކަމަށް މަންމާފުޅުމެން ހީފުޅު ކުރެއްވިއެވެ. މި ޙާލެއްގައި ހުޅެނިކޮށް މާތް ރަސޫލާ ވަޑައިގެން އަހަރެންގެ މަގަތުގައި އިށީންދެވަޑައިގަތެވެ. އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ.

[އޭ ޢާއިޝާއެވެ. ކަމަނާއަށް ކުށެއް ކުރެއްވިފައިވާނަމަ އަވަހަށް އެކަމަށް ތައުބާވެވަޑައިގަންނަވާށެވެ. ކަމަނާ އެކަމުން ބަރީއަވެގެންވާނަމަ، އަރަހުށި މާތްﷲ އެކަން އަންގަވައި ކަމަނާގެ ކުށެއްނެތްކަން ބަޔާން ކުރައްވާނެއެވެ. އެކަލާނގެ އަޅުތަކުންގެ ތެރެއިން އަޅަކު ކުށެއްކޮށް އެކަމަށް އިއުތިރާފުވެ، ތައުބާވެއްޖެނަމަ، މާތްﷲ އެ ތައުބާ ޤަބޫލުފުޅު ކުރައްވާނެއެވެ.]

މާތް ރަސޫލާ ވާހަކަފުޅު ހުއްޓަވައިލެއްވުމާއެކު އަހަރެންގެ ލޮލުން ކަރުނަ ހިކުނެވެ. އަހަރެން ބައްޕާފުޅަށް ދެންނެވީމެވެ. މާތް ރަސޫލާއަށް ޖަވާބު އަރުއްވާށެވެ. ބައްޕާފުޅު ވިދާޅުވިއެވެ. [އެކަލޭގެފާނަށް ދެއްވާނެ ޖަވާބެއް ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ.] މަންމާފުޅުވެސް ދެއްވީ ހަމަ އެ ޖަވާބެވެ. އަހަރެންނަކީ އޭރު ވަރަށް ޒުވާން ޢުމުރެއްގެ ކުއްޖެކެވެ. ޤުރްއާނުގެ މާ ބޮޑު ޢިލްމެއް އެނގިފައެއްނެތެވެ. އަހަރެން ދެންނެވީމެވެ.

[މާތްﷲ ގަންދެމެވެ. ތިޔަބޭކަލުންނަށް ވާހަކައެއް އަޑު އިވިވަޑައިގަތީއެވެ. އަދި އެވާހަކަ ތިޔަބޭކަލުންގެ ހިތްޕުޅުތަކުގައި ހަރުލީއެވެ. އެކަން ޤަބޫލުފުޅު ކުރެވުނީއެވެ. އަޅުގަނޑު އެކަމުން ބަރީއަވެގެންވާކަން ހާމަކުރިއަސް ތިޔަބޭކަލުން އެކަން ޤަބޫލުފުޅެއް ނުކުރައްވާނެއެވެ. އަޅުގަނޑު ބުނާނީ ޔޫސުފުގެފާނުގެ ބައްޕާފުޅު ވިދާޅުވި ފަދައިންނެވެ.]

ދެން އަހަރެން އެނދުގެ އަނެއް ފަރާތަށް އެނބުރިގެން އޮވެއްޖައީމެވެ. އަހަރެން އެކަމުން ބަރީއަވެގެންވާކަން އަހަރެން ދަންނަމެވެ. އަދި މާތްﷲ އަހަރެންގެ ކުށެއްނެތްކަން ބަޔާން ކުރައްވާނެ ކަމަށްވެސް އަހަރެން ޔަޤީން ކުރީމެވެ. ނަމަވެސް އަހަރެންނާ ބެހޭ ގޮތުން ޤުރްއާނުގެ އާޔަތްތަކެއް ބާވައިލައްވާނެއެކޭ އަހަރެން ހިޔެއް ނުކުރަމެވެ. އަހަރެން އަހަރެންގެ އަމިއްލަ ނަފްސާމެދު ދެކެނީ އެއަށްވުރެ މާ ނިކަމެތިކޮށެވެ.

މާތް ރަސޫލާ އެކަލޭގެފާނު އިށީންދެ ވަޑައިގެން އިންނެވި ތަނުގައި އިށީންދެވަޑައިގެން އިންނަވަނިކޮށް އެކަލޭގެފާނަށް ވަޙީ ބާވައިލެއްވުނެވެ. ވަޙީ ބާވައިލައްވާ ނިމުނު އެކަލޭގެފާނު ހިނިވަރުނަ ކުރައްވައި ވިދާޅުވިއެވެ. [އޭ ޢާއިޝާއެވެ. މާތްﷲ ކަމަނާގެ ކުށެއްނެތަކަން ބަޔާން ކުރައްވައިފިއެވެ. ދެން އަހަރެންގެ މަންމާފުޅު ވިދާޅުވިއެވެ. [އަވަހަށް މާތް ރަސޫލާއަށް ޝުކުރު އަދާކުރާށެވެ.] އަހަރެން ދެންނެވީމެވެ. [ޝުކުރު އަދާ ކުރާނީ ހަމައެކަނި މާތްﷲ އަށެވެ.]…….) {ޞަޙީޙު ބުޚާރީ، ކިތާބުއް ތަފްސީރު، ޙަދީޘް ނަންބަރު 4740}

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ  ގެ ކުށެއްނެތްކަން ބަޔާން ކުރައްވައި ނޫރޫ ސޫރަތުގެ މިދަންނަވާ އާޔަތްތައް ބާވައިލެއްވިއެވެ.

إِنَّ الَّذِينَ جَاءُوا بِالْإِفْكِ عُصْبَةٌ مِّنكُمْ ۚ لَا تَحْسَبُوهُ شَرًّا لَّكُم ۖ بَلْ هُوَ خَيْرٌ لَّكُمْ ۚ لِكُلِّ امْرِئٍ مِّنْهُم مَّا اكْتَسَبَ مِنَ الْإِثْمِ ۚ وَالَّذِي تَوَلَّىٰ كِبْرَهُ مِنْهُمْ لَهُ عَذَابٌ عَظِيمٌ ﴿١١﴾ لَّوْلَا إِذْ سَمِعْتُمُوهُ ظَنَّ الْمُؤْمِنُونَ وَالْمُؤْمِنَاتُ بِأَنفُسِهِمْ خَيْرًا وَقَالُوا هَـٰذَا إِفْكٌ مُّبِينٌ ﴿١٢﴾ لَّوْلَا جَاءُوا عَلَيْهِ بِأَرْبَعَةِ شُهَدَاءَ ۚ فَإِذْ لَمْ يَأْتُوا بِالشُّهَدَاءِ فَأُولَـٰئِكَ عِندَ اللَّـهِ هُمُ الْكَاذِبُونَ ﴿١٣﴾ وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ فِي الدُّنْيَا وَالْآخِرَةِ لَمَسَّكُمْ فِي مَا أَفَضْتُمْ فِيهِ عَذَابٌ عَظِيمٌ ﴿١٤﴾ إِذْ تَلَقَّوْنَهُ بِأَلْسِنَتِكُمْ وَتَقُولُونَ بِأَفْوَاهِكُم مَّا لَيْسَ لَكُم بِهِ عِلْمٌ وَتَحْسَبُونَهُ هَيِّنًا وَهُوَ عِندَ اللَّـهِ عَظِيمٌ ﴿١٥﴾ وَلَوْلَا إِذْ سَمِعْتُمُوهُ قُلْتُم مَّا يَكُونُ لَنَا أَن نَّتَكَلَّمَ بِهَـٰذَا سُبْحَانَكَ هَـٰذَا بُهْتَانٌ عَظِيمٌ ﴿١٦﴾ يَعِظُكُمُ اللَّـهُ أَن تَعُودُوا لِمِثْلِهِ أَبَدًا إِن كُنتُم مُّؤْمِنِينَ ﴿١٧﴾ وَيُبَيِّنُ اللَّـهُ لَكُمُ الْآيَاتِ ۚ وَاللَّـهُ عَلِيمٌ حَكِيمٌ ﴿١٨﴾ إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿١٩﴾ وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ وَأَنَّ اللَّـهَ رَءُوفٌ رَّحِيمٌ ﴿٢٠﴾

މާނައީ: [ހަމަކަށަވަރުން، ބޮޑުވެގެންވާ ދޮގުވާހަކައާއިގެން އައި މީހުންނަކީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު މީހުންނެވެ. އެއީ ތިޔަބައިމީހުންނަށްހުރި ނުބައެއްކަމުގައި ތިޔަބައިމީހުން ހީނުކުރާށެވެ! އަދި ކިއެއްތަ! އެއީ ތިޔަބައިމީހުންނަށްހުރި ހެވެކެވެ. އެއުރެންކުރެ ކޮންމެމީހަކަށްމެ، ފާފައިގެ ތެރެއިން އެމީހަކު ހޯދައިގަތްކަމެއް ވެއެވެ. އަދި އެއުރެންގެ ތެރެއިން އެކަމުގެ ބޮޑުބައި ލިބިގަތްމީހާ (ދަންނާށެވެ!) އޭނާއަށް ބޮޑުވެގެންވާ عذاب ހުށްޓެވެ. އެވާހަކަ އިވުނުހިނދު، مؤمن ފިރިހެނުންނާއި، مؤمن އަންހެނުން އެއުރެންގެ އަމިއްލަ نفس ތަކާމެދުގައި ހެޔޮކޮށް ހީނުކުޅައީ ކީއްވެގެން ބާވައެވެ؟ އަދި މިއީ، بيان ވެ ފާޅުވެގެންހުރި ބޮޑުދޮގެކޭ ނުބުނީ ކީއްވެގެން ބާވައެވެ؟ އެކަމުގެ މައްޗަށް އެއުރެން ހަތަރުހެކިން ނުގެނައީ ކީއްވެގެން ހެއްޔެވެ؟ ފަހެ، އެއުރެން (އެކަން ދެނެހުރި) ހެކިން ނުގެނައިހިނދު، ފަހެ، اللَّه ގެ حضرة ގައި އެއުރެންނީ ހަމަ ދޮގުހަދާ މީހުންނެވެ. ދުނިޔެއާއި، آخرة ގައި ތިޔަބައިމީހުންގެ މައްޗަށް اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ނެތްނަމަ، ތިޔަބައިމީހުން ދައްކަމުން ގެންދިޔަ ވާހަކަތަކާމެދު، ބޮޑުވެގެންވާ عذاب އެއް، ތިޔަބައިމީހުންގައި ބީހިއްޖައީސްކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި اللَّه ގެ حضرة ގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ حال، އެއީ ކުޑަ ކަމެއްކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ. ތިޔަބައިމީހުންނަށް އެވާހަކަ އަޑުއިވުނުހިނދު (މިހެން) ތިޔަބައިމީހުން ނުބުނީ ކީއްވެގެން ހެއްޔެވެ؟ މިވާހަކަ ދެއްކުމަކީ ތިމަންމެން ކޮށްގެންވާނެ ކަމެއްނޫނެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! މިއީ ބޮޑުވެގެންވާ بهتان ދޮގެކެވެ. ތިޔަބައިމީހުންނީ مؤمن ން ކަމުގައިވާނަމަ، އެފަދަކަމަކަށް ދުވަހަކުވެސް އެނބުރި ނުދިއުމަށް اللَّه ތިޔަބައިމީހުންނަށް وعظ އިއްވަވަތެވެ. އަދި اللَّه ތިޔަބައިމީހުންނަށްޓަކައި آية ތައް بيان ކޮށްދެއްވަތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ. ތިޔަބައިމީހުންގެ މައްޗަށް اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ނުވާނަމަ، އަދި ހަމަކަށަވަރުން، اللَّه އީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ކަލާނގެކަމުގައި ނުވާނަމަ (ތިޔަބައިމީހުންގެ މައްޗަށް ވަގުތުން ކޯފާ ފޮނުއްވައިފީހެވެ.)]

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. އަބޫބަކުރުގެފާނަކީ މިސްތަޙުގެފާނާ ތިމާގެފުޅު ބޭކަލެކެވެ. އެނާއަކީ ވަރަށް ފަޤީރު ބޭކަލެކެވެ. ދޮގުވާހަކަ ދެއްކި މީސްތަކުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ.

[މާތްﷲ ގަންދެމެވެ. މީގެ ފަހުން ދެން ދުވަހަކުވެސް މިސްތަޙަކަށް އަހަރެން އެއްވެސް ހޭދައެއް ނުކުރާނަމެވެ.]

މި ކަމާ ވިދިގެން ނޫރު ސޫރަތުގެ 24 ވަނަ އާޔަތް ބާވައިލެއްވިއެވެ. އެ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ وَالسَّعَةِ أَن يُؤْتُوا أُولِي الْقُرْبَىٰ وَالْمَسَاكِينَ وَالْمُهَاجِرِينَ فِي سَبِيلِ اللَّـهِ ۖ وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّـهُ لَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ﴿٢٢﴾

މާނައީ: [ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، مسكين ންނަށާއި، اللَّه ގެ މަގުގައި هجرة ކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން عفو ކޮށް މާފުކުރާހުށިކަމެވެ! اللَّه ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.]

މި އާޔަތް ބާވައިލެއްވުމުން އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [އަހަރެން އެދެނީ މާތްﷲ އަހަރެންގެ ފާފަތައް ފުއްސެވުމަށެވެ. މިސްތަޙަށް ހޭދަކުރާ ހޭދަކުރުންތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނަމެވެ.] {ޞަޙީޙު ބުޚާރީ، ކިތާބުއް ތަފްސީރު، ޙަދީޘް ނަންބަރު 4740}

އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތު ޖަޙުޝަކީ، ޢާއިޝަތުގެފާނާ އަބަދުވެސް ވާދަކުރައްވާ ބޭކަނބަލެކެވެ. މީސްތަކުން ޢާއިޝަތުގެފާނާ ބެހޭ ގޮތުން ދައްކަމުން ގެންދިޔަ ދޮގުވާހަކަތަކާ ބެހޭ ގޮތުން މާތް ރަސޫލާ ޒައިނަބުގެފާނާވެސް ސުވާލުކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ.

[އަޅުގަނޑުގެ އިވުމާއި ފެނުން ނުބައިކަންތައްތަކުން އަޅުގަނޑު ރައްކާތެރި ކުރަމެވެ. ޢާއިޝާއާ ބެހޭ ގޮތުން ރަނގަޅު ކަމެއް މެނުވީ އަޅުގަނޑު ނުދެކެވެ.]

އަރަހުށި މާތްﷲ، ޒައިނަބުގެފާނު މި ފިތުނަވެރިކަމުން ރައްކާތެރިކޮށްދެއްވިއެވެ. އެކަމަނާގެ ވަރައަވެރިކަމާއި ތަޤުވާވެރިކަމުގެ ސަބަބުންނެވެ. ނަމަވެސް އެކަމަނާ އުޚުތު ޙަމްނާ ބިންތު ޖަޙުޝް ވެވަޑައިގެންނެވީ އެ ވާހަކަތައް ދެއްކި މީސްތަކުންގެ ތެރޭގައެވެ. އެކަމަނާ އެ ވާހަކަތައް ދެއްކެވީ ޒައިނަބުގެފާނަށްޓަކައެވެ. {ޞަޙީޙު ބުޚާރީ، ކިތާބުއް ތަފްސީރު، ޙަދީޘް ނަންބަރު 4740}

ތަޔައްމަމުގެ އާޔަތްތައް ބާވައިލެއްވުން

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. ތިމަންމެން މާތް ރަސޫލާގެ އަރިހުގައި އެއްފަހަރަކު ދަތުރަކު ނުކުތީމެވެ. ދަތުރު ކުރަމުން ގޮސް ބައިދާ ނުވަތަ ޒާތުލްޖައިޝް އާ ހަމަވިތަނާ ތިމަންކަމަނާގެ ކަރުގައި އޮތް ހާރު ކަނޑައިގެން ގޮއްސިއެވެ. ދެން މާތް ރަސޫލާ އާއި އެކަލޭގެފާނުގެ އަޞްޙާބުން އެ ހާރު ފެނޭތޯ އެތަނުގައި މަޑުކުރެއްވިއެވެ.

އެތަނަކީ ފެންނެތްތަނެކެވެ. އެހެންވެ، ބައެއް ބޭކަލުން އަބޫބަކުރުގެފާނުގެ އަރިހަށް ވަޑައިގެން ޝަކުވާ ދެންނެވިއެވެ.

[ޢާއިޝާ ކުރައްވައިގެން އެ އުޅުއްވާ ކަމެއް ކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވާތޯއެވެ؟ އެކަމަނާގެ ސަބަބުން މާތް ރަސޫލާ އާއި ލަޝްކަރުގެ މީސްތަކުންނަށް އެއްވެސް ފެންފޮދެއް ނެތްތަނެއްގައި މަޑުކުރަން ޖެހިއްޖެއެވެ.]

އެބައިމީހުން އެހެން ދެންނެވުމުން އަބޫބަކުރުގެފާނު ތިމަންކަމަނާގެ އަރިހަށް ވަޑައިގެންފިއެވެ. އޭރު މާތް ރަސޫލާ އޮންނެނެވީ ތިމަންކަމަނާގެ އުނގުފުޅުގައި އިސްތަށިފުޅު އަޅުއްވައިގެ އަވަހާރަފުޅު ލައްޕަވައިފައެވެ. އެކަލޭގެފާނު ވަޑައިގެން ވިދާޅުވިއެވެ. [މާތް ރަސޫލާ އާއި މީސްތަކުން އެއްވެސް ފެންފޮދެއް ނެތްތަނެއްގައި ކަމަނާގެ ސަބަބުން މަޑުކުރަންޖެހިއްޖެއެވެ.] އެކަލޭގެފާނު މާތްﷲ އިރާދަކުރެއްވި މިންވަރަކަށް ތިމަންކަމަނާއާ ދިމާއަށް އެއްޗެހި ވިދާޅުވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ އަތްޕުޅުން ތިމަންކަމަނާގެ ގައިކޮޅުގައި ޖެއްސެވިއެވެ. ނަމަވެސް މާތް ރަސޫލާ ތިމަންކަމަނާގެ އުނގުފުޅުގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅަށް އޮންނެވުމުން ކިތަންމެ ތަދުވިތަސް ގުޑިލަންވެސް ނުކުރިފައި އިނީމެވެ.

މާތް ރަސޫލާ ތެދުވެވަޑައިގެންނެވީ ފަތިސްވިފަހުންނެވެ. އެތަނުގައި ފެނެއްނެތެވެ. އެ ވަގުތު މާތްﷲ ތަޔައްމުމުގެ އާޔަތްތައް ބާވައިލެއްވިއެވެ. ދެން އެހުރިހާ ބޭކަލުން ތަޔައްމުމު ކުރެއްވިއެވެ. އުސައިދު ބުން ޚުޟައިރު ވިދާޅުވިއެވެ. [އޭ އަބޫބަކުރުގެފާނުގެ އާލުވެރިންނޭވެ. މިއީ ތިޔަބައިމީހުންގެ ފަރާތުން ލިބުނު ފުރަތަމަ ބަރަކާތެއް ނޫނެވެ.] ދެން ތިމަންކަމަނާ ސަވާރުވެވަޑައިގެން އިންނެވި ޖަމަލު ބަނޑުޖެހިތަނުން ހާރު ފެނިއްޖެއެވެ. {ޞަޙީޙު ބުޚާރީ،ކިތާބުއް ތަޔައްމުމު، ޙަދީޘް ނަންބަރު 334}

ޖިހާދުގެ މައިދާނުގައި

ޖިހާދުގެ މައިދާނުގައި ހަތިޔާރު ހިފައިގެން ހަނގުރާމަ ކުރުމަކީ މުސްލިމު ފިރިހެނުންނަށް ފަރުޟު ކުރައްވައިފައިވާ ކަމެކެވެ. އެހެންކަމުން މުސްލިމުން އަންހެނުން މުސްލިމު މުޖާހިދުންނަށް ޚިދުމަތް ކުރެއްވުމަށްޓަކައި ޖިހާދުގެ މައިދާނަށް ވަޑައިގެން އުޅުއްވައެވެ. އެ ގޮތުން ފާހަގަކޮށްލެވޭ ބައެއް ބޭކަނބަލުންގެ ތެރޭގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާ ހިމެނިވަޑައިގަންނަވައެވެ.

އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. [އުޙުދު ހަނގުރާމައިގެ ދުވަހުގައި ބައެއް މީހުން މާތް ރަސޫލާ ދޫކޮށް ޖިހާދުގެ މައިދާނުން ފިލަން ދުވުނެވެ. އެދުވަހު ޢާއިޝަތުގެފާނާއި، އުއްމު ސުލައިމު މުސްލިމު މުޖާހިދުންނަށް ފެންހަންތައް އުފުއްލަވައި ދެއްވަނިކޮށް އަހަރެން ދުށީމެވެ. އެބޭކަނބަލުން ފެންހަންތައް ހިއްޕަވައިގެން ވަޑައިގެން މުޖާހިދުންނަށް ބޯންދެއްވައެވެ.] {ބުޚާރީ، كتاب الجهاد والسير، باب غَزْوِ النِّسَاءِ وَقِتَالِهِنَّ مَعَ الرِّجَالِ، ޙަދީޘް 2880}

މާތް ރަސޫލާގެ އެހެން އަނބިއަނބިކަނބަލުންނާ އޮތް ގުޅުން

މާތް ރަސޫލާގެ އެހެނިހެން އަނބިއަނބިކަނބަލުންނާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވަރަށް ޚާއްޞަ ގުޅުމެއް ބޭއްވެވިއެވެ. އެބޭކަނބަލުންނަށް އެކަމަނާ އިޙްތިރާމު ކުރައްވައެވެ. އެބޭކަނބަލުންވެސް ޢާއިޝަތުގެފާނަށް އިހްތިރާމު ކުރައްވައި ހެޔޮފުޅުކޮށް ހިއްތަވައި ހައްދަވައެވެ. މާތް ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހުވެސް އެބޭކަނބަލުންގެ މެދުގައި އޮތީ ވަރަށް ބަދަހި ގުޅުމެކެވެ. އެބޭކަނބަލުންނަކީވެސް އިންސާނުންކަމުގައިވުމުން ބައެއް ފަހަރު ކުދިކުދި ޚިޔާލު ތަފާތުވުންތައް އުފެދެއެވެ. ނަމަވެސް އެއްބޭކަނބަލަކު އަނެއް ބޭކަނބަލެއްގެ ޙިމާޔަތުގައި ތިއްބަވަނީ ނުހަނު އެކުވެރިވެވަޑައިގެންނެވެ. ހިތްޕުޅު ސާފު ކުރައްވައިގެންނެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާއަކީ ވަރަށް ދޮށީ ޢުމުރުފުޅެއްގެ ބޭކަނބަލެކެވެ. އެކަމަނާ މުސްކުޅިފުޅުވުމުން މާތް ރަސޫލާ އެކަމަނާ ވަރިކުރައްވަފާނެ ކަމަށް ހީފުޅު ކުރެއްވިއެވެ. އެކަމަނާ އެންމެ ބޮޑު އެދުމަކީ ޤިޔާމަތްދުވަހު މާތް ރަސޫލާގެ އަނބިކަނބަލެއްގެ ގޮތުގައި މަހުޝަރު ކުރެއްވުމެވެ. އެހެންކަމުން އެކަމަނާގެ އަރިހުގައި މާތް ރަސޫލާ ހުންނަވާ ދުވަސް ޢާއިޝަތުގެފާނަށް ހަދިޔާ ކުރެއްވިއެވެ. އެކަމާ ގުޅިގެން ނިސާ ސޫރަތުގެ 128 ވަނަ އާޔަތް ބާވައިލެއްވިއެވެ.

وَإِنِ امْرَأَةٌ خَافَتْ مِن بَعْلِهَا نُشُوزًا أَوْ إِعْرَاضًا فَلَا جُنَاحَ عَلَيْهِمَا أَن يُصْلِحَا بَيْنَهُمَا صُلْحًا ۚ وَالصُّلْحُ خَيْرٌ ۗ وَأُحْضِرَتِ الْأَنفُسُ الشُّحَّ ۚ وَإِن تُحْسِنُوا وَتَتَّقُوا فَإِنَّ اللَّـهَ كَانَ بِمَا تَعْمَلُونَ خَبِيرًا ﴿١٢٨﴾

މާނައީ: [ފިރިމީހާ ދުރުހެލިވެ، ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރު ހީވެއްޖެނަމަ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ صلح ވުމަކުން صلح ވުމާމެދު، އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. صلح ވުން ހެޔޮކަން ބޮޑެވެ. އަދި (ތިމާގެގާތުން ކުރަންޖެހޭ ހޭދަޔަކާމެދު، އަދި ތިމާޔަށް ލިބެންވީ ލިބުމަކާމެދު) ދަހިވެތިވުން ހިތްތަކުގައި ލައްވާފައިވެއެވެ. އަދި، ތިޔަބައިމީހުން إحسان ތެރިވެ އަދި تقوى ވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކަންތައްކުރާގޮތް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.]

ސައުދަތުގެފާނު އެކަމަނާގެ ޚާއްޞަ ދުވަސް ޢާއިޝަތުގެފާނަށް ދެއްވުމުން، ޢާއިޝަތުގެފާނު ވަރަށް އުފާފުޅު ކުރެއްވިއެވެ. އިހުނަށްވުރެވެސް ބޮޑަށް ޢާއިޝަތުގެފާނު އެކަމަނާއާ ގުޅުން ބާއްވަން ފެއްޓެވިއެވެ. ސައުދަތުގެފާނު ހިތްޕުޅަކީ އެންމެހައި ނިސްވާނީ ޣީރަތަކުން ސަލާމަތްވެގެންވާ ސާފު ޠާހިރު ހިތްޕުޅެކެވެ.

ސައުދަތުގެފާނަކީ، އިސްކޮޅުފުޅުން ދިގު ހަށިކޮޅުފަލަ ބޭކަނބަލެކެވެ. ޙައްޖަތުލް ވަދާޢުގައި މާތް ރަސޫލާ އެކަމަނާ މުޒްދަލިފާއިން އަވަހަށް ވަޑައިގެންނެވުމުގެ ޚާއްޞަ ހުއްދައެއް ދެއްވިއެވެ. އެއީ މީސްތަކުން ބައިބޯވުމުން އެކަމަނާއަށް ވަޑައިގެންނެވުމަށް އުނދަގޫފުޅު ވެދާނެތީއެވެ. އޭރު އެތަނުގައި ޢާއިޝަތުގެފާނުވެސް ހުންނެވިއެވެ. ސައުދަތުގެފާނު ވަޑައިގެންނެވުމުން އެކަމަނާއާ އެކު ކުރިން ދެވުނު ނަމައޭ ޢާއިޝަތުގެފާނު ހިތްޕުޅަށް އަރައިވަޑައިގަތެވެ. އެއީ އެކަމަނާ ވަޑައިގެންނެވުން ލިބިވަޑައިގެންނެވި ހުސްކަމުގެ ސަބަބުންނެވެ. އެހެނީ ސައުދަތުގެފާނަކީ ވަރަށް ސަމާސާ މިޒާޖުފުޅެއްގެ ބޭކަނބަލެކެވެ. {މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 36}

މާތް ރަސޫލާގެ ދޫފުޅުން ދައްޖާލުގެ ފިތުގައިގެ ވާހަކަ އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާވަނީ އަޑު އައްސަވައިފައެވެ. އޭގެ ފަހުން އެކަމަނާ ދައްޖާލުގެ ފިތުނައާމެދު ވަރަށް ބޮޑަށް ބިރުފުޅުގެން ވަޑައިގަންނަވައެވެ. ސައުދަތުގެފާނަކީ ވަރަށް ސާދާ މިޒާޖެއްގެ ބޭކަނބަލެކެވެ. އެހެންކަމުން މާތް ރަސޫލާގެ އެހެންބައެއް އަނބިއަނބިކަނބަލުން އެކަމަނާއާ ސަމާސާކުރައްވައި، ބިރުގެންނެވުމުގެ ގޮތުން ދައްޖާލުގެ ވާހަކަ ދައްކަވައި ހައްދަވައެވެ. އެއްފަހަރަކު އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ ދައްޖާލުގެ ވާހަކަ އެކަމަނާ އިންނެވި ތަނެއްގައި ދެއްކެވިއެވެ. ސައުދާ ރަޟިޔަﷲ ޢަންހާ މިއަޑު އައްސަވައި ވަރަށް ބިރުފުޅުގެންނެވިއެވެ. ދުވެވަޑައިގެންފައި ވަޑައިގެން ވަރަށް އަނދިރި ކޮޓަރިއަކަށް ވަދެއްވަޑައިގެންނެވިއެވެ. އެތަނަކީ ވަރަށް ގިނަ ވާމަކުނު ވާފުރައިފައިވާ ހުރި ތަނެއްވެސްމެއެވެ. ކަންދިމާކުރި ގޮތުން އެތަނަށް މާތް ރަސޫލާއަށް ވަޑައިގެންނެވިއްޖެއެވެ. ޙަފްޞަތުގެފާނާއި ޢާއިޝަތުގެފާނު ހިނިފުޅުވަޑުވާތަން ފެނިވަޑައިގެން ވީ ކީއްތޯ އެއްސެވުމުން އެދެބޭކަނބަލުން ކަންހިނގައި ދިޔަ ގޮތް މާތް ރަސޫލާއަށް ވިދާޅުވެދެއްވިއެވެ. ދެން މާތް ރަސޫލާ ސައުދަތުގެފާނަށް ގޮވައިލައްވައި ދައްޖާލު އަދި ފާޅުނުވާކަމަށް ވިދާޅުވިއެވެ. އެއަށްފަހު އިރުކޮޅަކުން އުއްމުލް މުއުމިނީން ސައުދާވެސް ހިނިފުޅުވަޑުވަމުން ނުކުމެވަޑައިގެންފިއެވެ. {މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 37}

އެހެން ޙާދިޘާއެކެވެ. މާތް ރަސޫލާ އާއި ސައުދަތުގެފާނާއި ޢާއިޝަތުގެފާނު އެއްތަނެއްގައި ވާހަކަފުޅު ދައްކަވަން ތިއްބެވިއެވެ. އެތަށް ޢާއިޝަތުގެފާނު ވަރަށް ޚާއްޞަ ފަރީއްކޮޅެއް ތައްޔާރު ކުރައްވައިގެން ގެންނެވިއެވެ. ގެންނަވައި ސައުދަތުގެފާނު އެއިން ރަހަ ބެއްލެވުމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެކަމަނާ އެކަމަށް އިންކާރު ކުރެއްވިއެވެ. ޢާއިޝަތުގެފާނަކީ ވަރަށް ޅަޢުމުރުފުޅެއްގެ ބޭކަނބަލެކެވެ. އެހެންކަމުން، ސައުދަތުގެފާނު ތަކުރާރުކޮށް ފަރީއްކުޅުއްވަން އިންކާރު ކުރައްވަން ފެއްޓެވުމުން އެއިން ކާއެތިކޮޅެއް އެކަމަނާގެ މޫނުފުޅުގައި އުގުޅުއްވައިލެއްވިއެވެ. ކޮންމެއަކަސް މާތް ރަސޫލާގެ ގަނޑުވަރުގައި މިދެންނެވިފަދަ ސަމާސާކުރުންތައްވެސް އޮވެއެވެ. އެއިންވެސް އެބޭކައުކަނބަލުންގެ ތެރޭގައި އޮންނަ ހަމަޖެހުމާއި ޞުލްޙަ މަސްލަހަތު ދޭހަކޮށްދެއެވެ. {މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 37}

އުއްމުލް މުއުމިނީން ޖުވައިރިއްޔާ ރަޟިޔަﷲ ޢަންހާއަކީ، ބަނުލް މުޞްޠަލިޤު ވަހަންހައިގެ ރައީސްގެ ދަރިކަނބަލެކެވެ. މުސްލިމުންނާ މުޞްޠަލަޤުވަންހައާ ދެމެދުގައި ކުރެވުނު މުރައިސީޢު ހަނގުރާމައިގައި އެކަމަނާ މުސްލިމުގެ އަތްދަށުގައި ހައްޔަރުވެވަޑައިގެންނެވިއެވެ.

އުއްމުލް މުއުމިނީން ޖުވައިރިއްޔާ ރަޟިޔަﷲ ޢަންހާ ގެ ވާހަކަ އެންމެ ތަފްސީލީ ގޮތެއްގައި ބަޔާންކޮށްދެއްވައިފައިވަނީ އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ.

މާތް ރަސޫލާ މުސްޠަލިޤުވަންހައިގެ ހަނގުރާމައިން ލިބިވަޑައިގެންނެވި ޣަނީމާ މުދާ މުސްލިމުންގެ މެދުގައި ބެއްސެވިއެވެ. މި ބެއްސެވުމުގައި ޖުވައިރިއްޔާ ލިބިވަޑައިގަތީ ޘާބިތު ބިން ޤައިސަށެވެ، ނުވަތަ އޭނާގެ ބޮޑުބޭބެގެ ދަރިއަކަށެވެ. އެކަމަނާ އޭނާގެ ގާތުން މުކާތަބު އަޅަކަށް ވެވަޑައިގެންނެވިއެވެ. ޖުވައިރިއްޔާއަކީ މީސްތަކުންގެ ނަޒަރު ހުއްޓެވޭފަދަ ރިވެތި ބުރުސޫރަފުޅެއް ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. އެކަމަނާ މާތް ރަސޫލާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ.

[އޭ މާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑަކީ ޖުވައިރިއްޔާ ބިންތު އަލްޙާރިޘެވެ. އަޅުގަނޑަށް ޖެހިފައިމިވާ މުޞީބާތް ކަލޭގެފާނަށް ވަންހަނާވެވަޑައިގެން ނުވާނެއެވެ. އަޅުގަނޑު މިހާރު އިންނަން ޖެހިފައިމިވަނީ ޘާބިތު ބިން ޤައިސްގެ އަޅުވެތިކަމުގައެވެ. އޭނާއާ ވާހަކަ ދައްކައިގެން އަޅުގަނޑު މުކާތަބު އަޅަކަށްވެއްޖައީމެވެ. އަޅުވެތިކަމުން މިންޖުވާން އަޅުގަނޑަށް ފައިސާ ބޭނުންވެއެވެ. މިކަމުގައި ކަލޭގެފާނުގެ އެހީތެރިކަމަށް އެދިގެން އައީމެވެ.]

މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ތިޔަށްވުރެ މާ ރަނގަޅު ގޮތެއް އެބަ އޮތެވެ.] ޖުވައިރިއްޔާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. [އެއީ ކޮންގޮތެއްތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [ކަމަނާގެ އަޅުވެތިކަމުގެ އަގު ތިމަންކަލޭގެފާނު އަދާކުރައްވާނަމެވެ. އެއަށްފަހު ކަމަނާއާ ކާވެނިބައްލަވައިގަންނަވާން ކަމަށެވެ.] ޖުވައިރިއްޔަތުގެފާނު ވިދާޅުވިއެވެ. [އަޅުގަނޑު ތިޔަކަމާ އެއްބަހެވެ.]

ދެން މާތް ރަސޫލާ އެކަމަނާއާ ކާވެނި ބައްލަވައިގެންނެވުމުން، ޞަޙާބީބޭކަލުންގެ އަތްދަށުގައި ތިއްބެވި މުޞްތަލަޤުވަންހައިގެ އެންމެހައި މީސްތަކުން މިނިވަންކުރެއްވިއެވެ. އެއީ މާތް ރަސޫލާއާ އެބައިމީހުންނާ އޮތް ޅިޔަންފަރިކަމުގެ ގުޅުމަށް ރިޢާޔަތްކުރައްވައެވެ. ޢާއިޝަތުގެފާނު ވިދާޅުވެއެވެ. [ޖުވައިރިޔަތަށްވުރެ އެކަމަނާގެ ޤައުމަށް ބަރަކާތްތެރި ބޭކަނބަލަކު އަހަރެން ނުދެކެމެވެ.] {އިބްނު ސަޢުދު، ޠަބަޤާތު، އަށްވަނަ ޖިލްދު، ޞަފްޙާ 92}…ނުނިމޭ…

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ތިއަތުން ދޫކޮށްލާކަށް ހިތެއް ނޭދެމޭ – 2

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތޭވީސް ވަނަ ބައި)

Next
August 10, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތޭވީސް ވަނަ ބައި)

Previews
August 9, 2021

ތިއަތުން ދޫކޮށްލާކަށް ހިތެއް ނޭދެމޭ – 2



All Right Reserved!