Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

މާތް ރަސޫލާގެ ދުނިޔެއާއި އާޚިރަތުގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ ސީރަތު: 02

Ali Ihsaan Level 210 Stories100 Login
August 7, 2021 6 Mins Read
0 Comments

ބައްޕާފުޅާއި ފިރިކަލުން ހިޖުރަކުރެއްވުން

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. އަހަރެންގެ މައިންބަފައިން އިސްލާމްދީންނޫން އެހެން ދީނެއްގައި އުޅުނު ހަނދާނެއް އަހަރެންގެ ނުހުރެއެވެ. ހަމައެހެންމެ ކައުއިތުރު ރަސޫލާ އަހަރެމެންގެ ގެއަށް ފައިންޕުޅު ނުބީއްސަވާ އެއްވެސް ދުވަހެއް ފާއިތުވެގެން ދިޔަ ހަނދާނެއްވެސް އަހަރެންގެ ނުހުރެއެވެ. ދެންފަހެ، މައްކާގެ މުޝްރިކުންގެ އަނިޔާވެރިކަން އޭގެ އިންތިހާއަށް ދިޔުމުން އަހަރެންގެ ބައްޕާފުޅު އަބޫބަކުރުގެފާނު މައްކާއިން ނުކުމެވަޑައިގެން ޙަބަޝާއަށް ހިޖުރައަށް ވަޑައިގެންނެވުމަށް ދަތުރުފުޅު ފެއްޓެވިއެވެ. އެކަލޭގެފާނު [ބިރުކުލް ޣިމާދު] އާ ހަމައަށް ވަޑައިގެންނެވިތަނާ އެތަނުން قَارَة ގެ ސަރުދާރު އިބްނުއް ދަޣުނާއާ ބައްދަލުވެވަޑައިގެންނެވިއެވެ. އޭނާ އަބޫބަކުރުގެފާނަށް ދެންނެވިއެވެ.

“އޭ އަބޫބަކުރެވެ. ކަލޭގެފާނު ތިޔަވަޑައިގަންނަވަނީ ކޮންތަނަކަށްތޯއެވެ؟”

އަބޫބަކުރެގެފާނު ޖަވާބު ދެއްވިއެވެ. [އަޅުގަނޑުގެ ޤައުމުގެ މީސްތަކުން އަޅުގަނޑުގެ ދީނާހުރެ، އަޅުގަނޑު ރަށުން ނެރެ ބޭރުކޮށްލައިފިއެވެ. އެހެންކަމުން އަޅުގަނޑުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރެވޭނެ ފަދަ ތަނަކަށް ދެވެންދެން ބިމުގައި ދަތުރުފަތުރު ކުރަންކަމަށެވެ.]

އިބްނުއް ދަޣުނާ  ވިދާޅުވިއެވެ. [އޭ އަބޫބަކުރެވެ. ކަލޭގެފާނުފަދަ މީހަކު އޭނާގެ ޤައުމުން ބޭރުކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ ކަލޭގެފާނަކީ މުހުތާދުވެރިންނަށް އެހީތެރިވެވަޑައިގަންނަވާ ބޭކަލެކެވެ. ކަލޭގެފާނު އެބައިމީހުންގެ ދިރިއުޅުން ހަމަޖައްސަވައިދެއްވައި ހައްދަވަމުއެވެ. އަވައްޓެރިންނާއި ގާތްތިމާގެ މީހުންގެ ގުޅުން ޤާއިމުކުރައްވައި އެބައިމީހުންނަށް ހެޔޮ ފޯރުކޮށްދެއްވައި އުޅުއްވަމުއެވެ. ނިކަމެތި ފަޤީރުންނަށް އެހީތެރިވެދެއްވައި، މެހެމާނުންނަށް ކަމޭހިއްތަވައި، މުސީބާތްޖެހުފައިވާ ފަރާތްތަކަށް އެހީފޯރުކޮށްދެއްވައި އުޅުއްމުއެވެ. އެހެންކަމުން އަޅުގަނޑު ކަލޭގެފާނަށް ޙިމާޔަތްދީފީމުއެވެ. ކަލޭގެފާނު ކަލޭގެފާނުގެ ޤައުމަށް އެނބުރި ވަޑައިގެން ކަލޭގެފާނުގެ ގެކޮޅުގައި އަޅުކަން ކުރައްވާށެވެ.]

ދެން އަބޫބަކުރެގެފާނު، އިބްނުއް ދަޣުނާ  އާއިއެކުގައި މައްކާއަށް އަރާވަޑައިގެންނެވިއެވެ. ދެން އެދުވަހުގެ ހަވީރުގެ ވަޤުތުގައި އިބްނުއް ދަޣުނާ  މައްކާގެ ޤުރައިޝުންގެ ޤަބީލާތަކުގެ މަޖްލީސްތަކަށްގޮސް ދެންނެވިއެވެ.

[އަބޫބަކުރުގެފާނު ފަދަ މީހަކު ޤައުމުން ބޭރުވެގެން ދިޔުމަކީ ކިހާ ގެއްލުން ބޮޑު ކަމެއްތޯއެވެ.؟ މުޙުތާދުވެރިންނަށް އެހީތެރިވެވަޑައިގަންނަވާ، އެބައިމީހުންގެ ދިރިއުޅުން ހަމަޖައްސަވައިދެއްވައި، އަވައްޓެރިންނާއި ގާތްތިމާގެ މީހުންގެ ގުޅުން ޤާއިމުކުރައްވައި އެބައިމީހުންނަށް ހެޔޮ ފޯރުކޮށްދެއްވައި، ނިކަމެތި ފަޤީރުންނަށް އެހީތެރިވެދެއްވައި، މެހެމާނުންނަށް ކަމޭހިއްތަވައި، މުސީބާތްޖެހުފައިވާ ފަރާތްތަކަށް އެހީފޯރުކޮށްދެއްވައި ބޭކަލަކު، ތިޔަބައިމީހުން ރަށުން ބޭރުކުރަނީ ހެއްޔެވެ؟ އަހަރެން އެކަލޭގެފާނަށް ޙިމާޔަތްދީފީމުއެވެ. މިއަޑުއަހައި ޤުރައިޝުންގެ ތެރެއިން އެއްވެސް މީހަކަށް އިބްނުއް ދަޣުނާ  ގެ ރައްކާތެރިކަން ބޮލާލައި ޖަހާކަށް ނުކެރުނެވެ. އެބައިމީހުން އޭނާއަށް ދެންނެވިއެވެ.

[އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރަންޖެހޭނީ އެކަލޭގެފާނުގެ ގެކޮޅުގައެވެ. އެކަލޭގެފާނު ގެކޮޅުގައި ނަމާދުފުޅުކުރައްވައި އެކިޔަވާ ވިދާޅުވާ އެއްޗެއް ކިޔެވިޔަކަސް އެންމެ ރަނގަޅެއެވެ. ނަމަވެސް އެކަލޭގެފާނު އެތަކެތި އާއްމު ތަންތަނުގައި ކިޔަވައި ވިދާޅުވެގެން ނުވާނެއެވެ. އެހެނީ އެކަމުން އަހަރެމެންގެ ކުދީންނާއި އަންހެނުންތައް ފިތުނަވެރި ވެދާނެކަމުގެ ބިރު އަހަރެމެންނަށް އެބައޮތެވެ.]

ދެން އިބްނުއް ދަޣުނާ  އެ ހުރިހާ ވާހަކަތެކެއް އަބޫބަކުރުގެފާނަށް ވިދާޅުވެދެއްވިއެވެ. ދެން އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ގެކޮޅުގައި ނަމާދުކުރުން މަތީ ދުވަސްކޮޅެއް ވަންދެން ދެމިހުންނެވިއެވެ. އޭގެ ދުވަސްކޮޅެއްފަހުން އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ގެކޮޅުގެ ކުރިމަތީގައި ކުޑަ މިސްކިތެއް ބިނާކުރައްވައިގެ އެތަނުގައި ނަމާދުފުޅު ކުރައްވައި ޤުރްއާން ކިޔަވާ ވިދާޅުވާން ފައްޓަވައިފިއެވެ. އެކަލޭގެފާނުގެ ނަމާދުފުޅު ކުރައްވާތަން ބެލުމަށާއި އެކަލޭގެފާނު ކިޔަވާ ވިދާޅުވާ އެއްޗެއް އަޑު އެއްސެވުމަށް މުޝްރިކުންގެ އަންހެނުންނާއި ކުޑަކުދީން ޖަމާވާން ފަށައިފިއެވެ. އެބައިމީހުން އެމަންޒަރު ދެކެ އަޖާއިބުވެގެން އުޅެތެވެ.

އަބޫބަކުރުގެފާނަކީ އެކަލޭގެފާނު ޤުރްއާން ކިޔަވައި ވިދާޅުވާއިރު ކީރިތި ކުރައްވައި އުޅުއްވާ ބޭކަލެކެވެ. މިކަންތައް ފެންނަން ފެށުމުން މައްކާގެ ކާފަރުންނަށް އެކަންތައް ބޮޑުވެއްޖެއެވެ. ދެން އިބްނުއް ދަޣުނާ  ބަލައިފޮނުއްވައިގެން ގެންވައި ދެންނެވިއެވެ.

[އަހަރެންމެން ކަލޭގެފާނުގެ ކިބައިން އަބޫބަކުރުގެ ޙިމާޔަތް ޤަބޫލުކުރީ އެކަލޭގެފާނު އެކަލޭގެފާނުގެ ގެކޮޅުގައި އެކުރައްވާ އަޅުކަމެއް ކުރައްވައި، އެކިޔަވާ އެއްޗެއް ގޭގައި އިންނަވައިގެން ކިޔެވުމަށް އެއްބަސްވެގެންނެވެ. މިހާރު އެކަލޭގެފާނު އެކަންތައް ހަނދާންނައްތާލައި ގެކޮޅުގެ ކުރިމަތީގައި މިސްކިތެއް ބިނާކޮށްފިއެވެ. އެތަނުގައި އެކަލޭގެފާނު ނަމާދުފުޅު ކުރައްވައި އަޑު ހަރުކޮށް ޤުރްއާން ކިޔަވައި ވިދާޅުވެއެވެ. މިހާރު އަހަރެމެންގެ އަންހެނުންނާއި ކުޑަކުދީން ފިތުނަ ވެރިވެދާނެ ކަމުގެ ބިރު ވަރަށްވެސް ބޮޑުވެއްޖެއެވެ. ކަލޭގެފާނު ވަޑައިގެން އެކަން މަނާކުރައްވާށެވެ. އެކަލޭގެފާނު ގެކޮޅުގައި ހުންނަވައިގެ އަޅުކަން ކުރައްވަން އެއްބަސްވެވަޑައިގެންފިނަމަ އެކަން ޤަބޫލުފުޅު ކުރައްވާށެވެ. ޙިމާޔަތް ދަމަހައްޓާށެވެ. އެކަލޭގެފާނު އެގޮތާއި އެއްބަސްވެވަޑައި ނުގެންނެވިނަމަ ކަލޭގެފާނުގެ ޒިންމާއި ބަރީއަވެގަންނާށެވެ. އަހަރެމެން ކަލޭގެފާނު ޙިމާޔަތްދީފައިވާ މީހަކުގެ ޙިމާޔަތް އުވާލާކަށް ނޭދެމެވެ. ނަމަވެސް އަބޫބަކުރުގެފާނު ފާޅުގައި އެކުރައްވާ ކަންތައްތަކަށް އަހަރެމެންނަކަށް ނުރުހެވޭނެއެވެ.

ދެން އިބްނުއް ދަޣުނާ،  އަބޫބަކުރެގެފާނުގެ އަރިހަށް ވަޑައިގެން އެވާހަކަފުޅު ދެންނެވުމުން އެކަލޭގެފާނު ޖަވާބުދެއްވިއެވެ.

[އަޅުގަނޑު ކަލޭގެފާނުގެ ޒިންމާއިން ބަރީއަވެއްޖައީމުއެވެ. މާތްﷲ ގެ ރައްކާތެރިކަމާއި ޙިމާޔަތުގެ ދަށުގައި ހުރުމަށް އަޅުގަނޑު މާބޮޑަށް ރުހެމެވެ.]

ކައުއިތުރު ރަސޫލާ މައްކާގައި ހުންނެވި ދުވަސްވަރު އެކަލޭގެފާނު މުސްލިމުންނާއި މުޚާތަބު ކުރައްވައި ވިދާޅުވެއެވެ. [ތިމަންކަލޭގެފާނަށް ހުވަފެނުގައި ތިޔަބައިމީހުން ހިޖުރައަށް ވަޑައިގަންނަވާނެ ބިން ދައްކަވައިފިއެވެ. އެތަނަކީ ކަދުރު ރުއް ގިނައިން ހެދޭ ބިމެކެވެ. ދެފަރުބަދަ ދެމެދުގައިވާ ތަނެކެވެ.] ދެން މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވުމުގެ ހުއްދަ ދެއްވުމުން ބައެއް ބޭކަލުން މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއެވެ. ޙަބަޝާއަށް ހިޖުރައަށް ވަޑައިގެން ތިއްބެވި ބޭކަލުންވެސް އެނބުރި މަދީނާއާށް ހިޖުރައަށް ވަޑައިގެންނެވިއެވެ.

އަބޫބަކުރުގެފާނުވެސް މަދީނާއަށް ވަޑައިގެންނެވުމަށް ދަތުރުފުޅު ހެއްދެވިއެވެ. ނަމަވެސް ކައުއިތުރު ރަސޫލާ އެކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ. [ކުޑަ ހިނދުކޮޅަކަށް ލަސްކޮށްލައްވާށެވެ. އެހެނީ އަހަރެންނަށްވެސް ހިޖުރައަށް ވަޑައިގެނެވުމަށް ހުއްދަލިބިވަޑައިގަންނަވާނެކަމަށް އަހަރެން އުއްމީދު ކުރައްވަމެވެ.] އަބަކުރުގެފާނު ވިދާޅުވިއެވެ. [ކަލޭގެފާނު މިކަމަށް އުއްމީދު ކުރައްވަންތޯއެވެ. ކަލޭގެފާނަށް އަޅުގަނޑުގެ މައިން ބަފައިން ޤުރުބާނެވެ.] ޙަދީޘް ކުރެއްވިއެވެ. [އާއެކެވެ.] ދެން އަބޫބަކުރުގެފާނު ހިޖުރައަށް ވަޑައިނުގެން، ރަސޫލާއަށްޓަކައި މަޑުކުރެއްވިއެވެ. އެކަލޭގެފާނާއިއެކުގައި ހިޖުރަކުރެއްވުމަށް އެދިވަޑައިގެން އެކަމުގެ އުއްމީދުގައެވެ. އެކަލޭގެފާނު ދެ ޖަމަލު ބައްލަވައިގެން އެ ދެ ޖަމަލަށް ރަނގަޅަށް ހުއިކާންދެމުން ގެންދެވިއެވެ. އެގޮތުގައި ހަތަރު މަސްދުވަސް ވޭތުކުރެއްވިއެވެ.

ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. އެއްދުވަހަކު އަހަރެމެން އަބޫބަކުރުގެފާނުގެ ގެކޮޅުގައި ތިއްބައި މީހަކު އައިސް ބައްޕާފުޅަށް ދެންނެވިއެވެ. [މިހުންނެވީ މާތްﷲ ގެ ރަސޫލާއެވެ. އެކަލޭގެފާނު އެހުންނެވީ އިސްތަށިފުޅު ނިވާކުރައްވައިގެންނެވެ. އެކަލޭގެފާނު އެވަޑައިގެންވީ އެހެންޏާ މިގެއަށް ވަޑައިގަންނަވާ ވަގުތަކުނޫނެވެ.” އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [ތިމަންކަލޭގެފާނުގެ މައިންބަފައިން އެކަލޭގެފާނަށްޓަކައި ޤުރުބާނެވެ. މާތްﷲ ގަންދެމެވެ. އެކަލޭގެފާނު މިގަޑީގައި މިގެއަށް އެވަޑައިގެންނެވީ ކޮންމެވެސް ބޮޑުކަމެއް ޖެހިވަޑައިގެންނެވެ.]

ދެން ރަސޫލާ ވަޑައިގެން ގެކޮޅަށް ވަދެވަޑައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނަށް ހުއްދަ ލިބިލެއްވުމުން ގެކޮޅަށް ވަޑައިގެން އަބޫބަކުރުގެފާނަށް ވިދާޅުވިއެވެ. [މިގޭގައި މިވަގުތު ތިބި އެންމެހައި މީސްތަކުން އަޅުގަނޑުމެން މިދައްކާން އުޅޭ ވާހަކަ ނީވޭނެ ފަދަ ތަނަކަށް ފޮނުވައިލައްވަ ދެއްވާށެވެ.] އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [އެބައިމީހުންނަކީ ހަމަ ކަލޭގެފާނުގެވެސް އަހުލުވެރިންނެވެ. އަޅުގަނޑުގެ ބައްޕަ ކަލޭގެފާނަށްޓަކައި ޤުރުބާނެވެ. އޭ މާތްﷲ ގެ ރަސޫލާއެވެ.]

ދެން ކައުއިތުރު ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ތިމަންކަލޭގެފާނަށް ހިޖުރައަށް ވަޑައިގެންނެވުމުގެ ހުއްދަ ލިބިވަޑައިގެންފިއެވެ.] އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [ކަލޭގެފާނާއެކު އަޅުގަނޑު ބައިވެރި ކުރައްވާނުތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [އާއެކެވެ.] އަބޫބަކުރުގެފާނު ދެންނެވިއެވެ. [ކަލޭގެފާނު އަޅުގަނޑުގެ ދެ ޖަމަލުގެ ތެރެއިން އެއްޖަމަލު ޚިޔާރު ކުރައްވާށެވެ.] ޙަދީޘް ކުރެއްވިއެވެ. [ތިމަންކަލޭގެފާނު އެޖަމަލުތަކުގެ ތެރެއިން ޖަމަލެއް ޤަބޫލުކުރާނީ އުޖޫރައާއެކުގައެވެ.]

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. ދެން ތިމަންބޭކަނބަލުން އަވަހަށް އެ ދެބޭކަލުންގެ ދަތުރަށް ތައްޔާރުކޮށްދެއްވަން ފެއްޓެވީމައެވެ. ދަތުރުމައްޗަށް ބޭނުންވާނެ ކާނާ ހަމުން ހަދާފައިވާ ކޮތަޅަކަށް އެޅީމެވެ. އެކޮތަޅު ބަންދުކުރުމަށްޓަކައި އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާގެ އުނަގަނޑުގައިވާ ނިތާޤުން އެއްބައި ކަނޑާލައިގެން އެ ކޮތަޅުގެ އަނގަ ބަންދުކޮށް އެއްސީމެވެ. އެހެންކަމުން އެކަމަނާއަށް ޛާތުއް ނިތާޤައިން އޭ ކިޔުނެވެ.

ދެން އަބޫބަކުރުގެފާނާއި ކައުއިތުރު ރަސޫލާ ދަތުރު ކުރައްވަމުން ވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި ތިންރޭ ވަންދެން މަޑުކުރެއްވިއެވެ. އަބޫބަކުރުގެފާނުގެ ދަރިކަލުން ޢަބްދުﷲ އަކީ ވަރަށް ވިސްނުންފުޅު ތޫނު ހުޝިޔާރު ބޭކަލެކެވެ. އެކަލޭގެފާނު ކައުއިތުރު ރަސޫލާއާއި އަބޫބަކުރުގެފާނުގެ އަރިހުގައި ރޭގަނޑު ހޭދަކުރެއްވުމަށްފަހު ފަތިސްވުމުގެ ކުރިން އެނބުރި މައްކާއަށް ވަޑައިގަންނަވައެވެ. އޭރު މައްކާގެ މުޝްރިކުން ހީކުރަނީ ޢަބްދުﷲ އޭނާ ގެ މުޅިދުވަސް ހޭދަކުރީ މައްކާގައި ކަމަށެވެ. ދުވާލުގަޑީގައި މައްކާގެ މުޝްރިކުން ރާވައި ނުބައި ރޭވުންތަކުގެ ޚަބަރު އެކަލޭގެފާނު ވަޑައިގެން ރަސޫލާގެ ދެކަލުންނަށް ދެއްވައެވެ.

އަބޫބަކުރުގެފާނު މިނިވަންކުރެއްވި އަޅެއްކަމުގައިވާ ޢާމިރު ބުން ފުހައިރާ، އަބޫބަކުރުގެފާނުގެ ބަކަރިތަކުގެ ތެރެއިން ކިރު އެރިފައިވާ ބަކަރިއެއް ރޭގަނޑުވުމުން އެދެބޭކަލުންގެ ގާތަށް ގެންދަވައެވެ. އެގޮތުން ތާޒާ ކިރު އަބަދުވެސް އޭގެ ދެކަލުންނަށް ލިބިވަޑައިގަންނަވައެވެ. އެއިން ކިރުފެއްލަވައިގެ އެކިރުފޮދު ހޫނު ކުރައްވަނީ އެއަށް ދޮންވެފައިވާ ހޫނު ހިލަކޮޅުކޮޅު އަޅުއްވައިގެންނެވެ.

ތިން ދުވަހުގެ ތެރޭގައި އަބޫބަކުރުގެފާނު މީހަކު ކުއްޔަށް ހިއްޕަވައިގެން މަދީނާއަށް ދަތުރުފުޅު ފެއްޓެވިއެވެ. އޭރު އޭނާ ހުރީ އޭނާގެ ދީނުގެ މަތީގައެވެ. ދެން އޭނާއަށް އަމުރުކުރައްވައިގެ އޭގެ ދެކަލުންގެ ޖަމަލުގެންނަވައިގެން ތިން ރެއަށްފަހު ދަތުރުފުޅު ފެއްޓެވިއެވެ. {ޞަޙީޙު ބުޚާރީ، ކިތާބު މަނާޤިބުލް އަންޞާރު، ބާބު ހިޖުރަތުއް ނަބިއްޔި ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަ އަޞްޙާބިހީ އިލަލް މަދީނަތި، ޙަދީޘް ނަންބަރު 3905}

ހިޖުރައަށް ވަޑައިގަތުން

މާތް ރަސޫލާ މަދީނާއަށް ހިޖުރައަށް ވަޑައިގަތުމަށްފަހު ކުޑަ ދުވަސްކޮޅެއްފަހު، އެކަލޭގެފާނުގެ އަނބިކަނބަލުން އުއްމުލް މުއުމިނީން ސައުދާ ރަޟިޔަﷲ ޢަންހާއި، ދެ ދަރިކަނބަލުން ފާޠިމަތުގެފާނާއި އުއްމު ކުލްޘޫމުގެފާނު މަދީނާއަށް ގެންނެވިއެވެ. އުސާމާ ބިން ޒައިދާއި އުއްމު އައިމަންވެސް އެބޭފުޅުންނާއެކު ހިޖުރައަށް ވަޑައިގެންނެވިއެވެ. ހަމައެހެންމެ، ޢަބްދުﷲ ބިން އަބީބަކުރު ރަޟިޔަﷲ ޢަންހު އަބޫބަކުރުގެފާނުގެ އާލުވެރިންނާއެކު މަދީނާއަށް ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ހިމެނިވަޑައިގަންނަވައެވެ.

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ މަދީނާއަށް ހިޖުރަށް ކުރެއްވިތާ ކުޑަދުވަސްކޮޅެއްގެ ތޭގައި، އަބޫބަކުރުގެފާނާއި، ބިލާލުގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވިއެވެ. ތިމަންކަމަނާ ބައެއްފަހަރު އެބޭކަލުންގެ ބޭނުންތައް ފުއްދައިދެއްވުމަށް ވަޑައިގެން އުޅުއްވަމެވެ. އެ އާލާސްކަންފުޅުގެ ހުންފުޅު ބޮޑުވުމުން އަބޫބަކުރުގެފާނު ޒާތެއްގެ ޅެމެއް ވިދާޅާން ފައްޓަވައެވެ.

ދެން ތިމަންކަމަނާ މާތް ރަސޫލާގެ އަރިހަށްވަޑައިގެން އެކަމުގެ ޚަބަރުތައް ދެއްވީމެވެ. އެ ވަގުތު އެކަލޭގެފާނު ދުޢާފުޅު ކުރައްވައި ވިދާޅުވިއެވެ.

[އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. މަދީނާގެ މައްޗަށް އަޅަމެންގެ ހިތްތަކުގައި ވަރުގަދަ ލޯތްބެއް ޖައްސަވައި ދެއްވާންދޭވެ. މައްކާގެ މައްޗަށް އަޅަމެންގެ ހިތްތަކުގައި ލޯބި ޖައްސަވައިދެއްވި ފަދައިންނެވެ. ނުވަތަ އެއަށްވުރެވެސް ބޮޑަށެވެ. މަދީނާގެ މުދަލުގައި ބަރަކާތް ލައްވާންދޭވެ.]{ޞަފިޔުއްރަޙްމާން މުބާރަކުޕޫރީ، އައްރަޙީޤުލް މަޚްތޫމު، ޞަފްޙާ 177}

 

މާތް ރަސޫލާގެ އަރިހުގައި ޢާއިޝަތުގެފާނުގެ ދިރިއުޅުއްވުން

ފިރިކަލުންގެ ގެކޮޅަށް ބަދުލުވެވަޑައިގަތުން

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ.

މާތް ރަސޫލާ ތިމަންކަމަނާއާ ކާވެނިފުޅު ބެއްލެވިއިރު ތިމަންކަމަނާގެ ޢުމުރަކީ، ހަ އަހަރެވެ. އަހަރެމެން މަދީނާއަށް ގޮސް ފޭބީ ބަނީ ޙާރިޘް ބިން ޚާރިޖާގެ ގެތަކުގެ ތެރެއިން ގެއަކަށެވެ. މަދީނާއަށް އައިތާ މާގިނަ ދުވަސްތަކެއް ނުވަނީ އަހަރެންގެ ބޮލުގެ އެންމެހައި އިސްތަށިތަކެއް ފައިބައިފިއެވެ. އޭގެ ފަހުން ދުވަސްކޮޅެއްވިތަނާ އަލުން އިސްތަށިފަޅަން ފަށައިފިއެވެ. އެއްދުވަހަކު އަހަރެން އަހަރެންގެ ރައްޓެހި ކުދީންކޮޅަކާއެކު ކުޅެން އުޅެނިކޮށް އަހަރެންގެ މަންމާފުޅު އަތުވެއްޖެއެވެ.

އެއަށްފަހު އަހަރެންނަށް ބާރު އަޑުފުޅުން ގޮވައިލައްވައިފިއެވެ. އަހަރެން މަންމާފުޅުގެ ގާތަށް ދިޔުމުން އަހަރެންގެ އަތުގައި ހިއްޕަވައިގެ ގެކޮޅުގެ ދޮރުކޮޅާ ހިސާބަށް ވަޑައިގެން، ވަރުބަލިފިލާ އަހަރެންގެ ނޭވާ ހަމަޖެހުމުން މަންމާފުޅު އަހަރެންގެ މޫނާއި، ބޮލުގައި ފެންފޮދެއް ހާއްކަވައިލައްވައި ދޮންނެވިއެވެ. އެއަށްފަހު ގެކޮޅުގެ ތެރެއަށް ވަޑައިގެންނެވިއެވެ. އޭރު ގެކޮޅުގައި އަންޞާރުންގެ އަންހެންނުންތަކެއް ތިއްބެވެ. އަހެރެން ފެނުމުން އެބޭކަނބަލުން ވިދާޅުވިއެވެ. [ހެޔޮކަމާއި ބަރަކާތުގެ މަތީގައެވެ. އެންމެ ހެޔޮ ރަނގަޅުފާލުގައެވެ.]

ދެން އަހަރެންގެ މަންމާފުޅު އަހަރެން އެބޭކަނބަލުންނާ ޙަވާލު ކުރައްވައިފިއެވެ. ދެން އެބޭކަނބަލުން އަހަރެން މާތް ރަސޫލާއަށްޓަކައި ތައްޔާރުކޮށްދެއްވަން ފެއްޓެވިއެވެ. މާތް ރަސޫލާ އަހަރެމެންގެ ގެއަށް ޟުޙާ ވަގުތުގައި ވަޑައިގެންނެވިއެވެ. ދެން އަހަރެންގެ މަންމާފުޅު އަހަރެން މާތް ރަސޫލާއާ ޙަވާލު ކުރެއްވިއެވެ. އޭރު އަހަރެންގެ ޢުމުރަކީ ނުވަ އަހަރެވެ. {ޞަޙީޙު ބުޚާރީ، ކިތާބު މަނާޤިބުލް އަންޞާރު، ބާބު މާތް ރަސޫލާ ޢާއިޝަތުގެފާނާ ކާވެނިފުޅު ބެއްލެވުން، ޙަދީޘް ނަންބަރު 3894}

ކުރިންވެސް ދެންނެވިފައިވާ ފަދައިން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ޢުމުރުފުޅަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ މާތް ރަސޫލާގެ އަރިހަށް އެކަމަނާ ވަޑައިގެންނެވިރު އެކަމަނާގެ ޢުމުރުފުޅަކީ 19 އަހަރުފުޅު ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ 9 އަހަރުފުޅު ކަމަށެވެ. މި ޚިލާފުތަކުގެ ތެރެއަށްވަދެ ގޮތެއް ނިންމުމުގެ ލަޔާޤާތްތެރިކަމެއް އަޅުގަނޑުގެ ނެތްކަމަށް އިއުތިރާފުވަމުން އެ މައުޟޫ އިހަށް ކުރުކޮށްލަމެވެ.

ސުނަނު އަބޫ ދާވުދުގެ ކިތާބުއް ޠިއްބުގައި، އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. [މާތް ރަސޫލާގެ ގެކޮޅަށް އަހަރެން ފޮނުއްވުމުގެ ކުރީން އަހަރެން ހަށިގަނޑު ތަންކޮޅެއް ސަމައްތަރު ހެޔޮކޮށްލުމަށް މަންމާފުޅު ބޭނުންފުޅުވިއެވެ. މަންމާފުޅު މަސައްކަތްކުރައްވަ ކުރައްވައިވެސް އަހަރެން ފަލަވާ ގޮތެއް ނުވިއެވެ. އެންމެފަހުން މަންމާފުޅު އަހަރެންނަށް ޤިއްޘާ އާއި ރޯކަދު ކާންދެއްވިއެވެ. އެތަކެތި ކާން ފެށުމުން އެސާހިތު މަންމާފުޅު އެދިވަޑައިގެންނެވި ވަރަށް އަހަރެން ފަލަވެއްޖެއެވެ.] {ސުނަނު އަބީދާވުދު، كتاب الطب، باب فِي السُّمْنَةِ، ޙަދީޘް 3903}

މާތް ރަސޫލާގެ އަރިހުގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ދިރިއުޅުއްވަމުން ގެންދެވީ ނުހަނު ސާދާ ދިރިއުޅުއްވުމެވެ. މާތް ރަސޫލާ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ހައްދަވައި ދެއްވައިފައިވާ ކުދިކުދި ކޮޓަރިކޮޅުތަކުގެ ތެރެއިން ކޮޓަރިކޮޅެއްގައެވެ. އެކޮޓަރިކޮޅުތައް ބިނާކުރައްވައިފައިވަނީ، ނައްޖާރުވަންހައިގެ މީސްތަކުންގެ އަވަށުގައެވެ. މަސްޖިދުއްނަބަވިއްޔާ އިންވެގެންނެވެ.

އެއިން ކޮޓަރިކޮޅެއްގެ ބޮޑު މިނަކީ ހަ ފޫޓެވެ. ފާރުތައް ހަދައިފައިވަނީ އުވަޖަހައިގެންނެވެ. ފުރާޅުކޮޅުތައް ހަދައިފައިވަނީ ކަދުރުރުކުގެ ފަނުންނެވެ. މީހަކު ކޮޅަށް ތެދުވެއްޖެނަމަ އެ ކޮޓަރިކޮޅުތަކުގެ ފުރާޅުގައި ބޯޖެހޭވަރުވެއެވެ. އެއާވެސް ތިރިއެވެ. ކޮޓަރިކޮޅުގެ ދޮރުކޮޅަކަށް ދަންމަވައިފައިވަނީ ފަރުދާއެކެވެ. އެކޮޓަރިކޮޅުތަކުގެ އެނދުދާންކޮޅުގައި އަޅުއްވައިފައިވަނީ ޒާތެއްގެ ތުނި ރަޖައެކެވެ. ބާލިސްތކޮޅުތައް ހައްދަވައިފައި ހުންނަނީ އެތެރެއަށް ގަސްގަހުގެ ފަތްލައްވައިގެންނެވެ. ފެންއަޅުއްވަން ގެންގުޅުއްވަނީ ހަމުން ހަދައިފައިވާ ކަންވާރެވެ.

އެއިން އެއްވެސް ގެކޮޅަކުން ދުނިޔޭގެ އެއްވެސް މާއްދީ އުފާވެރިކަމުގެ ނިޝާނެއް ފެންނާކަށް ނުހުރެއެވެ. ދުނިޔެވީ ލައްޒަތާއި އަރާމާއި އުފަލުގައި ދިރިއުޅުއްވުމަކީ މާތް ރަސޫލާ އެއްގޮތަކަށްވެސް ރުއްސެވި ކަމެއް ނޫނެވެ. އެކަލޭގެފާނު ދުނިޔޭގައި ދިރިއުޅުއްވަން ބޭނުންފުޅުވެވަޑައިގެންނެވީ ފަޤީރުކަމުގައެވެ. އަވަހާރަވުމަށްވެސް އެދިވަޑައިގެންނެވީ ފަޤީރު ޙާލުކޮޅުގައެވެ. ޤިޔާމަތްދުވަހު މަހުޝަރު ކުރެއްވުމަށް ލޯބިފުޅު ކުރެއްވީވެސް ފަޤީރުންނާއެކުގައެވެ.{މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 45-46}

މާތް ރަސޫލާ އެކަލޭގެފާނުގެ އަހުލު އިޔާލުންގެ ޚަރަދުބަރަދު ބެލެހެއްޓެވުމުގެ ކަންތައްތައް ޙަވާލުކުރައްވައިފައިވަނީ، ބިލާލު ބިން ރަބާޙު ރަޟިޔަﷲ ޢަންހަށެވެ. އޭރު އެކަލޭގެފާނުގެ އާލުވެރިންނަށް ދެއްވަމުން ގެންދެވީ އަހަރެއްގެ މައްޗަށް ވަކިމިންވަރެއްގެ ގޮދަނެވެ. ބައެއް ފަހަރު މާތް ރަސޫލާއަށް އެކަލޭގެފާނު އަހުލުވެރިންގެ ޚަރަދުތައް ހަމަޖެއްސެވުމަށްޓަކައި ދަރަންޏަށް ތަކެތި ނަންގަވަން ޖެހިވަޑައިގަންނަވާ ފަހަރުވެސް އާދެއެވެ.

ޢަރަބިކަރަ ފަތަޙަވެ އިސްލާމީ ބާރުގެ ދަށަށް އައުމުން މުސްލިމުންގެ ބައިތުލްމާލު ތިޔާގިވެގެންދިޔައެވެ. ގޮދަނާއި ފައިސާ ސުމާރެއް ނެތްހައި މިންވަރަށް ލިބެންފެށިއެވެ. ނަމަވެސް އޭގެ ތިޔާގިކަމުގެ އެއްވެސް މިންވަރެއް މާތް ރަސޫލާ އާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ބޭނުންފުޅެއް ނުކުރައްވައެވެ. މާތް ރަސޫލާ ސުވަރުގެ ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ގަނޑުވަރުގައި މީހަކު މޭހޫނު ފިލުވައިލާނެ މިންވަރެއްވެސް ނެތެވެ.

މާތް ރަސޫލާގެ އަރިހުގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ދިރިއުޅުއްވި މިދެންނެވި ޒުހުދުވެރި ދިރިއުޅުއްވުން އެކަމަނާ ދުވަހަކުވެސް ހަނދުމަފުޅެއް ނައްތަވައެއް ނުލައްވައެވެ. މާތް ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހު މުސްލިމުން ޢަރަބިކަރައިގެ އެތަންމިތަން ފަތަޙަކޮށް ވަރަށް ބޮޑަށް ބައިތުލްމާލު ތިޔާގިވެގެންދިޔައެވެ. ނަމަވެސް ޢާއިޝަތުގެފާނަށް ހަމަ އެއްޗެއް ލިބިވަޑައިގަންނަވާ އިރަށް އެއެއްޗެއް ޞަދަޤާތް ކުރައްވައެވެ. ސަލާންޖަހަން އަންނަ މުހުދާތުވެރިއަކަށް ދުވަހުވެސް ޢާއިޝަތުގެފާނުގެ އަރިހުން ހުސްއަތާ ދާކަށް ޖެހިފައެއްނުވެއެވެ.{މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 46}…ނުނިމޭ….

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ތި ސޫރަ ނޫން 4

Next

ތި ސޫރަ ނޫން 5

Next
August 9, 2021

ތި ސޫރަ ނޫން 5

Previews
August 7, 2021

ތި ސޫރަ ނޫން 4



All Right Reserved!