Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

މާތް ރަސޫލާގެ ދުނިޔެއާއި އާޚިރަތުގެ އަނބިއަނބަލުން ޢާއިޝަތުގެފާނުގެ ސީރަތު: 01

Ali Ihsaan Level 210 Stories100 Login
August 5, 2021 6 Mins Read
0 Comments

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއަކީ، މުސްލުމުންގެ ފުރަތަމަ ޚަލީފާ އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު ގެ ދަރިކަނބަލެކެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ލޮބުވެތި އަނބިކަނބަލުންނެވެ. އެކަލޭގެފާނުގެ ދުނިޔެ އާއި އާޚިރަތުގެވެސް އަނބިކަނބަލުންނެވެ. މާތް ރަސޫލާގެ ޠާހިރު ސުންނަތުގެ އަގުބޮޑެތި މުތީތައް އިސްލާމީ އުއްމަތަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެއްވި ބޭކަނބަލަކީ އެކަމަނާއެވެ.

ނަންފުޅާއި ނަސަބުފުޅު

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއަކީ، ޞަޙާބީ ބޭކައުކަނބަލުންގެ ތެރެއިން ވަރަށް ޚާއްޞަ މަޤާމެއް ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. އެކަމަނާގެ ބައްޕާޅު ފަރާތުގެ ކާފާފުޅު އަބޫ ޤުޙާފަތު ޢުޘްމާނު ބިން ޢާމިރަކީ ޞަޙާބީ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވީ މައްކާ ފަތަޙަ ކުރެއްވި ދުވަހުއެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވިއިރު، ވަނީ ވަރަށް ބޮޑަށް މުސްކުޅިފުޅުވެފައެވެ. އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ބަފައިކަލުންގެ އިސްލާމަކަން މާތް ރަސޫލާގެ އަރިހުގައި ފާޅުކުރެއްވުމަށްޓަކައި ބަފައިކަލުން ގޮވައިގެން މާތް ރަސޫލާގެ އަރިހަށް ވަޑައިގެންނެވިއެވެ. އެހިނދު މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ.

[އޭ އަބޫބަކުރެވެ. ކަލޭގެފާނުގެ ބަފައިކަލުން އެ ހުންނެވިތަނެއްގައި ބެހެއްޓެވިނަމަ، ތިމަންކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް ހިނގައްޖައީމުހެވެ.] އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [ކަލޭގެފާނު، އަޅުގަނޑުގެ ބައްޕަގެ ގާތަށް ވަޑައިގެންނެވުމަށްވުރެ، ބައްޕަ ކަލޭގެފާނުގެ އަރިހަށް ވަޑައިގަތުން މާ އައުލާކަން ބޮޑެވެ.]

އެއަށްފަހު، އަބޫ ޤުޙާފަތު އޭނާގެ އިސްލާމްކަން މާތް ރަސޫލާގެ ކުރިފުޅުމަތީގައި އިޢުލާން ކުރެއްވިއެވެ. މާތް ރަސޫލާގެ އަތްޕުޅު މައްޗަށް އިސްލާމްކަމުގެ ބައިޢަތު ހިއްޕެވިއެވެ. ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން، އޭރު އަބޫ ޤުޙާފާ ރަޟިޔަﷲ ޢަންހަކީ ވަރަށް މުސްކުޅިފުޅު ބޭކަލެކެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގެ އިސްތަށިކޮޅުތައްވަނީ މުޅިން ހުދުވެފައެވެ. އެހެންކަމުން މާތް ރަސޫލާ އެކަލޭގެފާނުގެ އިސްތަށިކޮޅުތަކުގައި ކުލަޖެއްސެވުމަށް އެންގެވިއެވެ. އައްސައްޔިދާ ޢާއިޝާ ގެ ބައްޕާފުޅު ފަރާތުގެ މާމާފުޅު އުއްމުލް ޚައިރު ސަލްމާ ބިންތު ޞަޚްރު ރަޟިޔަﷲ ޢަންހާއަކީވެސް  ޞަޙާބީންގެ މަތިވެރި ދަރަޖަ ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. އެކަމަނާއަކީ އިސްލާމްދީނުގެ ނުހަނު ކުރީކޮޅުގައި އިސްލާމްވެވަޑައިގެން އިންނެވި ޞަޙާބިއްޔާއެކެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 33}

ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ލޮބުވެތި ބަފައިކަލުންނަކީ އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހެވެ. އެކަލޭގެފާނަކީ ކައުއިތުރު ނަބިއްޔާ صلّى اللّـه عليه وسلّم  ގެ ރިސާލަތަށް ބޮޑެތި ފިރިހެނުންކުރެ، އެންމެ ފުރަތަމަ އިޖާބަދެއްވި ފަރާތެވެ. އެކަލޭގެފާނުގެ މާތްކަމާއި މަތިވެރިކަމުގެ މައުޟޫގައި ބަޔާންވެގެންވާ ޙަދީޘްތަކާއި އާޔަތްތަކަކީ ތާރީޚު ދިރާސާ ކުރާފަރާތަކަށް ވަންހަނާ ވެގެންވާނެކަމެއް ނޫނެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ މައިކަނބަލުންނަކީ އުއްމު ރޫމާން ރަޟިޔަﷲ ޢަންހާ އެވެ. އެކަމަނާގެ އަސްލުނަންފުޅަކީ ޒައިނަބެވެ. އެކަމަނާއަކީ އިސްލާމްދީނުގެ އެންމެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ބޭކަނބަލެއްކަމުގައި އިބްނު ސަޢުދު ބަޔާން ކުރައްވައިފައިވެއެވެ. އެކަމަނާ އަވަހާރަވީ ހިޖުރައިން ހަވަނަ އަހަރުގެ ތެރޭގައެވެ. އެކަމަނާއާމެދު މާތް ރަސޫލާ ޙަދީޘް ކުރައްވައިފައިވެއެވެ.

[ސުވަރުގޭގެ ހޫރުލްއީނަކު ދެކޭން ބޭނުން މީހަކު އުއްމު ރޫމާން ދެކޭހުށިކަމެވެ.]

އައްސައްޔިދާ އުއްމު ރޫމާންވަނީ، އެކަމަނާގެ ދަރިކަނބަލުން  އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ޙަޔާތްޕުޅުގައި ހިނގައިދިޔަ ހިތާމަވެރި އިފްކުގެ ޙާދިޘާގައި މުހިއްމު ރޯލެއް އަދާ ކުރައްވައިފައެވެ. {މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 172-176}

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އެއްބަނޑުއެއްބައްޕާފުޅު ހުންނެވީ އެންމެ ބޭކަލެކެވެ. އެއީ ޢަބްދުއް ރަޙްމާން ބިން އަބީބަކުރު ރަޟިޔަﷲ ޢަންހެވެ. ޢާއިޝަތުގެފާނުގެ އެއްބައްޕާފުޅު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ޢަބްދުﷲ ބިން އަބީބަކުރު ރަޟިޔަﷲ ޢަންހާއި، މުޙައްމަދު އަބީބަކުރު ރަޟިޔަﷲ ޢަންހާއި، އަސްމާ ބިންތު އަބީބަކުރު ރަޟިޔަﷲ ޢަންހާ އާއި އުއްމު ކުލްޘޫމު ބިންތު އަބީބަކުރު ރަޟިޔަﷲ ޢަންހާއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އެއްބަނޑުއެއްބައްޕާފުޅު އަޚު ޢަބްދުއް ރަޙްމާން ބިން އަބީބަކުރު ރަޟިޔަﷲ ޢަންހަކީ، ޙުދައިބިއްޔާގެ ދުވަހުގައި އިސްލާމްވެވަޑައިގެންނެވި ބޭކަލެކެވެ. އޭގެ ކުރީން އެކަލޭގެފާނުވަނީ މުސްލިމުންނާ ދެކޮޅަށް ކުރެވުނު ބޮޑެތި ބޮޑެތި ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމަށްފަހު ވެވަޑައިގެންނެވީ ވަރަށް ހިތްވަރުގަދަ އިސްލާމީ މުޖާހިދަކަށެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 36}

ޢާއިޝަތުގެފާނުގެ އަނެއް އަޚު ޢަބްދުﷲ ބިން އަބީބަކުރު ރަޟިޔަﷲ ޢަންހަކީ އިސްލާމްދީނުގެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ބޭކަލެކެވެ. މާތް ރަސޫލާ އާއި އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު މަދީނާއަށް ކުރެއްވި ހިޖުރައިގެ ދަތުރުފުޅުގައި، އެކަލޭގެފާނުވަނީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރައްވައިފައެވެ. އެކަލޭގެފާނު ދުވާލުގަޑީގައި މައްކާގެ މުޝްރިކުން ރާވާރޭވުންތަކަށް ފާރަލައްވައި، ރޭނގަޑުވުމުން ފަރުބަދައިގެ ހޮހޮޅައަށް ވަޑައިގެން، އެބައިމީހުންގެ ރޭވުންތަކުގެ ޚަބަރު މާތް ރަސޫލާ އާއި އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހަށް ދެއްވައެވެ. މާތް ރަސޫލާގެ ޙަޔާތްޕުޅުގައި ކުރެވުނު ޠާއިފުގެ ހަނގުރާމައިގައި، ދުޝްމިނަކު އެއްލި ތީރަކުން އެކަލޭގެފާނު ޒަޚަމްވެވަޑައިގަތެވެ. އެކަލޭގެފާނު އަވަހާރަވީ އެ އާލާސްކަންފުޅުން ފަސޭހަފުޅުނުވެ އޮންނަވައި، އެކަލޭގެފާނުގެ ބަފައިކަލުންގެ ޚިލާފަތުގައެވެ.{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 37}

މުޙައްމަދު ބިން އަބީބަކުރު އުފަވެވަޑައިގަތީ ޙައްޖަތުލް ވަދާޢުގެ އަހަރުގައެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ، އަސްމާ ބިންތު ޢުމައިސެވެ. އެކަލޭގެފާނު ބޮޑުފުޅުވެވަޑައިގަތީ އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު ބެއްލެވުމުގެ ދަށުންނެވެ. ޢަލީގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނަށް މިޞްރުގެ ގަވަރުނަރުކަން ދެއްވިއެވެ. އެކަލޭގެފާނު ޤަތުލު ކުރެވުނީ އެގޮތުގައި މިޞްރުގައި ހުންނަވަނިކޮށެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 37}

ޢާއިޝަތުގެފާނުގެ ދޮށީ ދައިތާފުޅަކީ، އަސްމާ ބިންތު އަބީބަކުރު ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާއަކީވެސް އިސްލާމްދީނުގެ ނުހަނު ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ބޭކަނބަލެކެވެ. މާތް ރަސޫލާގެ ހިޖުރައިގެ ދަތުރުފުޅުގައި ކާބޯތަކެތި ފޯރުކޮށްދެއްވުމަށް ވަޑައިގެންނެވީ އެކަމަނާއެވެ. އަސްމާގެފާނު ކާވެނީގެ ގޮތުން ގުޅުވަޑައިގެންނެވީ މަޝްހޫރު ޞަޙާބީ ބޭކަލެއްކަމުގައިވާ  އައްޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހުއާއެވެ. އަސްމާގެފާނު މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއިރު އެކަމަނާ އިންނެވީ ޢަބްދުﷲ ބިން ޒުބައިރު ރަޟިޔަﷲ ޢަންހު އާގެން އާލާސްވެއެވެ. ހިޖުރައަށްފަހުން އެންމެ ފުރަތަމަ އުފަންވެވަޑައިގެންނެވި ބޭފުޅަކީ ޢަބްދުﷲ ބިން ޒުބައިރެވެ. އަސްމާ އަވަހާރަވީ ހިޖުރައިން 73 ވަނަ އަހަރުގައެވެ. އޭރު އެކަމަނާގެ ޢުމުރުފުޅުން ސަތޭކަ އަހަރަށްވުރެ މަތިވެއްޖެއެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 37-38}

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ދެން ހުންނެވި އުޚުތަކީ، އުއްމު ކުލްޘޫމު ބިންތު އަބީބަކުރު ރަޟިޔަﷲ ޢަންހާއެވެ. އަމީރުލް މުއުމިނީން އަބޫ ބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު އަވަހާރަވީއިރު، އެކަމަނާގެ މައިކަނބަލުން އިންނެވީ އެކަމަނާއާގެން އާލާސްވެއެވެ. އެކަމަނާ ރައްކައުވީ އަބޫބަކުރު ރަޟިޔަﷲ ޢަންހު އަވަހާރަ ވުމަށްފަހުގައެވެ.

އަބޫބަކުރުގެފާނު އަވަހާރަވީ އާލާސްކަންފުޅުގައި، އެކަލޭގެފާނު ޢާއިޝަތުގެފާނަށް މުޚާތަބުކުރައްވައި ވިދާޅުވިއެވެ. [(މިހާރު) ކަމަނާގެ ދެއަޚުންނާއި، ދެ އުޚްތުން ތިއްބަވާނެއެވެ،] މި ވާހަކަފުޅު އަޑުއިވިވަޑައިގަތުމުން ޢާއިޝަތުގެފާނު ވަރަށް ޙައިރާންފުޅުވެވަޑައިގެން ދެންނެވިއެވެ. [އަޅުގަނޑުގެ އުޚުތު އަސްމާ މިހުންނެވީއެވެ. އެކަމަކު ބައްޕާފުޅު ތިޔަ ވިދާޅުވާ އަނެއް އުޚުތު ވީ ކޮންތާކު ހެއްޔެވެ؟] އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [އެކަމަނާވަނީ ޙަބީބާ ބިންތު ޚާރިޖަތުގެ ބަނޑުފުޅުގައެވެ. އަހަރެންގެ ހިތް ބުނަނީ އޭނާ ވިހާނީ އަންހެން ކުއްޖެކަމަށެވެ.]

އަބޫބަކުރުގެފާނު ހީފުޅު ކުރެއްވި ގޮތް ވަރަށް ސީދަލެވެ. އެކަލޭގެފާނު އަވަހާރަވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ޙަބީބާ ބިންތު ޚާރިޖަތު އަންހެން ބޭފުޅަކާގެން ރައްކައުވެއްޖެއެވެ. އެއީ އުއްމު ކުލްޘޫމެވެ. އެކަމަނާއާ ކާވެނި ބެއްލެވީ މަޝްހޫރު ޞަޙާބީ ޠަލްޙަތު ބިން ޢުބައިދުﷲ ރަޟިޔަﷲ ޢަންހެވެ. ޠަލްޙަތުގެފާނު ޝަހީދުވީ ޖަމަލު ހަނގުރާމައިގައެވެ.{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 39-40}

އުފަންވެވަޑައިގަތުން

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އުފަންވެވަޑައިގެންނެވި ތާރީޚަކާމެދު މުއައްރިޚުންގެ މެދުގައި ހިސާބެއްގެ ޚިލާފެއް ހިނގައިފައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢާއިޝަތުގެފާނު އުފަންވެވަޑައިގަތީ މާތް ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވުމުގެ ހަތަރެއް ނުވަތަ ފަސް އަހަރު ފަހުންނެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަމަނާ އުފަންވެވަޑައިގަތީ މާތް ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރީންނެވެ.

އަލް އިމާމު އިބްނު ޖަރީރުއް ޠަބަރީ ލިޔުއްވައިފައިވާ ގޮތުގައި އަބޫބަކުރުގެފާނުގެ ހަތަރު ބޭފުޅުން ލިބިވަޑައިގަތީ މާތް ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރީންނެވެ. ޖާހިލިއްޔަ ޒަމާނުގައެވެ.

އަލް ޙާފިޡު އިބްނު ޙަޖަރު ލިޔުއްވައިފައިވަނީ، ފާޠިމަތުގެފާނު ޢާއިޝަތުގެފާނަށްވުރެ ފަސް އަހަރުފުޅު ދޮށިފުޅު ކަމަށެވެ. ފާޠިމަތުގެފާނު އުފަންވެވަޑައިގަތީ މާތް ރަސޫލާގެ ޢުމުރުފުޅުން 35 އަހަރުފުޅުގައެވެ. އެހެންވެއްޖެނަމަ، ޢާއިޝަތުގެފާނު އުފަންވެވަޑައިގެންފައިވާނީ، އެކަލޭގެފާނުގެ ޢުމުރުފުޅުން 40 އަހަރުފުޅުގައެވެ. އެކަމަނާއާ އެކަލޭގެފާނު ކާވެނި ބައްލަވައިގަތީ އެކަމަނާގެ ޢުމުރުފުޅުން 12 އަހަރުފުޅުގައެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅުން 52 އަހަރުފުޅެވެ.

އިމާމު ބުޚާރީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ފަރާތްޕުޅުން ރިވާކުރައްވައިފައިވަނީ، އެކަމަނާ މާތް ރަސޫލާއާ ކާވެނިބެއްލެވިއިރު ޢުމުރުފުޅަކީ، 6 އަހަރުފުޅު ކަމަށެވެ. އަދި އެކަލޭގެފާނު އެކަމަނާއާ އެކު ރޭކުރެއްވި އިރު ޢުމުރުފުޅަކީ ނުވަ އަހަރު ކަމަށެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވިއިރު އެކަމަނާގެ ޢުމުރުފުޅަކީ 18 އަހަރުފުޅު ކަމަށެވެ. ކޮންމެއަކަސް، މި މައްސަލައިގެ ތަފްސީލުގެ ތެރެއަށް އަޅުގަނޑު ވަންނާކަށް ނެތީމެވެ. މި ދެގޮތްވެސް ޢިލްމުވެރިން ލިޔުއްވައިފައިވާތީ ބަޔާންކޮށް މިވަރުން ފުއްދައިލަމެވެ.

ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އުފަންވެވަޑައިގެންފައިވަނީ މާތްވެގެންވާ މައްކާގައެވެ. އަބޫބަކުރުއް ޞިއްދީޤުގެ ގަނޑުވަރުގައެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ލަޤަބުފުޅަކީ އައްޞިއްދީޤާއެވެ. އެކަމަނާއަށް އައްޞިއްދީޤާ ބިންތު އައްޞިއްދީޤު އޭވެސް ކިޔައެވެ. އެކަމަނާގެ ކުންނިއްޔަތުގެ ނަންފުޅަކީ އުއްމު ޢަބްދުﷲ އެވެ. މި ނަންފުޅުން އެކަމަނާއަށް ނަންދެވިގެންވަނީ، އެކަމަނާގެ ދައިތާފުޅު އަސްމާގެފާނުގެ ދޮށީ ދަރިކަލުން ޢަބްދުﷲ ބިން ޒުބައިރު ރަޟިޔަﷲ ޢަންހުގެ ނަންފުޅަށް ނިސްބަތްކޮށެވެ.

ތުއްޕުޅުއިރު

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެންމެ ތުއްޕުޅުއިރުން ފެށިގެންވެސް ދެކެވަޑައިގަންނަވަމުން ގެންދެވީ ނުހަނު ޠާހިރު ވެއްޓެކެވެ. އެހެނީ މާތް ރަސޫލާ އެކަލޭގެފާނުގެ ރަސޫލުކަން އިޢުލާން ކުރައްވާ އިރަށް އެކަމަނާގެ ބަފައިކަލުން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު އިސްލާމްވެވަޑައިގެންފިއެވެ. އެޔާއެކު، އެކަލޭގެފާނުގެ އަނބިކަނބަލުން އުއްމު ރޫމާން ރަޟިޔަﷲ ޢަންހާވެސް އިސްލާމްވެވަޑައިގެންފިއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވައިފައިވެއެވެ.

لَمْ أَعْقِلْ أَبَوَىَّ إِلاَّ وَهُمَا يَدِينَانِ الدِّينَ، وَلَمْ يَمُرَّ عَلَيْهِمَا يَوْمٌ إِلاَّ يَأْتِينَا فِيهِ رَسُولُ اللَّهِ صلى الله عليه وسلم طَرَفَىِ النَّهَارِ بُكْرَةً وَعَشِيَّةً {ޞަޙީޙު ބުޚާރީ، ކިތާބުލް އަދަބު، ޙަދީޘް 6079}

މާނައީ: [އިސްލާމްދީން ފިޔަވައި އެހެންދީނަކަށް އަހަރެންގެ މައިންބަފައިން އުޅުނު ހަނދާނެއް އަހަރެންގެ ނުހުރެއެވެ. ހެނދުނާއި ހަވީރު މާތް ރަސޫލާ އަހަރެމެންގެ ގެއަށް ވަޑައިނުގަންނަވާ ދުވަހެއްވެސް އަހަރެން ހަނދާނެއް ނުހުރެއެވެ.]

އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ތުއްޕުޅުއިރުގެ ޙާދިޘާއެކެވެ. އެއްފަހަރު އެކަމަނާ ގެކޮޅުގައި ކުޅުއްވަން އުޅުއްވަނިކޮށް އެތަނަށް މާތް ރަސޫލާ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެން އެކަމަނާގެ ގާތުގައި މަޑުކޮށްލެއްވިއެވެ. އޭރު އެކަމަނާ އިންނެވީ ދެފިޔަގަނޑުލާފައިވާ އަހެއްގެ ސޫރައިގައި ހެދިފައިވާ ކުޅޭ އެއްޗަކަށް ކުޅުއްވަންށެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ ގާތްގަނޑަކަށް ފަސް އަހަރުފުޅެވެ. މާތް ރަސޫލާ އެކަމަނާއާ މުޚާޠަބުކުރައްވައި ޙަދީޘު ކުރެއްވިއެވެ. [ތިޔައީ ކޮން އެއްޗެއް ހެއްޔެވެ؟] އެކަމަނާ ޖަވާބު ދެއްވިއެވެ. [މިއީ އަހެކެވެ.] މާތް ރަސޫލާ ހިނިވަރުނަ ކުރައްވައި ޙަދީޘް ކުރެއްވިއެވެ. [އަހުގައިވެސް ފިޔަ ހުރޭ ހެއްޔެވެ؟] އެކަމަނާ ޖަވާބު ދެއްވިއެވެ. [ސުލައިމާނުގެފާނު ގެންގުޅުއްވި އަސްތަކުގައިވެސް ފިޔަ ހުރެއެވެ.]

މިދެންނެވި ޙާދިޘާއިންވެސް އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ބުއްދިފުޅު ފުރިހަމަކަން ހާމަވެގެންދެއެވެ. އެހާ ތުއްޕުޅު ޢުމުރުފުޅެއްގައި ދީނުގެ ކަންތައްތަކުގައިވެސް އެކަމަނާގެ ލޯފުޅު ހުޅުއްވިފައިވާކަން ދޭހަވެއެވެ. {މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 45}

ކާވެނިފުޅު

އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާ އަވަހާރަވުމަށްފަހު އެއްފަހަރު، މާތް ރަސޫލާގެ އަރިސް ޞަޙާބީއެއްކަމުގައިވާ ޢުޘްމާން ބިން މަޡްޢޫނުގެ އަނބިކަނބަލުން ޚައުލާ ބިންތު ޚަކީމް މާތް ރަސޫލާގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. ކަލޭގެފާނު އިތުރު ކާވެނިފުޅެއް ނުކުރައްވައި ހުންނަވަނީ ކީއްވެތޯއެވެ؟] މާތް ރަސޫލާ ޙަދީޘު ކުރެއްވިއެވެ. [ކާވެނިކުރާނީ ކޮންބޭކަނބަލަކާތޯއެވެ؟] ޚައުލާ ދެންނެވިއެވެ. [ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ ބިކުރުވެރި ބޭކަނބަލަކާއެވެ. ނޫންނަމަ ޘައްޔިބު ބޭކަނބަލަކާއެވެ.] ޙަދީޘް ކުރެއްވިއެވެ. [ބިކުރުވެރި ބޭކަނބަލަކީ ކޮބައިތޯއެވެ؟] ހައުލާ ދެންނެވިއެވެ. [ޚަލްޤުތަކުންގެ ތެރެއިން ކަލޭގެފާނު އެންމެ ލޯބިފުޅުވެވަޑައިގަންނަވާ ފަރާތުގެ ދަރިކަނބަލުން ޢާއިޝާ ބިންތު އަބީބަކުރެވެ.] ޙަދީޘް ކުރެއްވިއެވެ. [ބިކުރުވެރިނޫން ބޭކަނބަލަކީ ކޮބައިހެއްޔެވެ؟] ޚައުލާ ދެންނެވިއެވެ. [ޒަމްޢަތުގެ ދަރިކަނބަލުން ސައުދާއެވެ]

ދެން ޚައުލާ އަބޫބަކުރުގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [އަޅުގަނޑު މި އައީ މާތް ރަސޫލާ ފޮނުއްވައިގެންނެވެ. އެކަލޭގެފާނު ބޭނުންފުޅުވެވަޑައިގަންނަވަނީ ކަލޭގެފާނުގެ ދަރިކަނބަލުން ޢާއިޝާއާ ކާވެނިފުޅު ބެއްލެވުމަށެވެ.] އަބޫބަކުރުގެފާނު ވިދާޅުވީ އިހަށް މަޑުކޮށް ލުމަށެވެ. އެއަށްފަހު އެކަލޭގެފާނު ގެކޮޅުން ނިކުމެވަޑައިގެންނެވިއެވެ.

ޢާއިޝަތުގެފާނުގެ މައިކަނބަލުން އުއްމު ރޫމާން ރަޟިޔަﷲ ޢަންހާ ޚައުލާއަށް ދެންނެވިއެވެ. [މުތުޢިމު ބިން އަދިއްޔު ވަނީ އޭނާގެ ދަރިފުޅާއި، ޢާއިޝާ ކާވެނިކޮށްދޭން އެދި ހުށައަޅާފައެވެ. އަބޫބަކުރުގެފާނަކީ، އެކަލޭގެފާނު ވެވަޑައިގަންނަވާ ވަޢުދަކާ ޚިލާފުވެވަޑައިގަންނަވާނެ ބޭކަލެއް ނޫނެވެ.]

އަބޫބަކުރުގެފާނު މުތުޢިމު ބިން އަދިއްޔުގެ ގެއަށް ވަޑައިގެންނެވިއެވެ. އޭރު އޭނާގެ އަންހެނުން އެތަނުގައި ހުއްޓެވެ. އޭނާ އަބޫބަކުރުގެފާނަށް ދެންނެވިއެވެ. [އޭ ޤުހާފާގެ ދަރިކަލުންނޭވެ. އަހަރެމެންގެ ދަރިފުޅު ކަލޭގެފާނުގެ ދަރިކަނބަލުންނާ ކާވެނީގެ ގޮތުން ގުޅިއްޖެނަމަ، ފަހަރެއްގައި އޭނާ ކާބަފައިންގެ ދީން ދޫކޮށް ހިނގައިދާނެއެވެ.] ކޮންމެއަކަސް ޢާއިޝަތުގެފާނާއި މުޠުޢިމުގެ ދަރިފުޅާ ވެފައިވާ ކާވެނީގެ އެންގޭޖުމަންޓް އެމީހުން އަމިއްލައަށް ރޫޅައިލިކަމަށްޓަކައި ޝުކުރު ކުރައްވަމުން އަބޫބަކުރުގެފާނު އެކަލޭގެފާނު ގެކޮޅަށް ވަޑައިގެންނެވިއެވެ.

ކޮންމެއަކަސް މިދެންނެވި ކަންތަކަށްފަހު މާތް ރަސޫލާ އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާ އާއި، އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ކާވެނިފުޅު ބައްލަވައިގެންނެވިއެވެ. ނަމަވެސް ޢާއިޝަތުގެފާނު މާތް ރަސޫލާގެ ގަނޑުވަރަށް ވަޑައިގެންނެވީ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވުމަށްފަހުގައެވެ..ނުނިމޭ

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ތި ސޫރަ ނޫން 3

Next

ތި ސޫރަ ނޫން 4

Next
August 7, 2021

ތި ސޫރަ ނޫން 4

Previews
August 5, 2021

ތި ސޫރަ ނޫން 3



All Right Reserved!