ވާލޯބި އެނގޭނަމަ..1
ފަތިހުގެ ހަމަހިމޭންކަން މުޅި މާހައުލަށް ވެރިވެފައިވާއިރު ހާލާއި ކޮވެލީގެ އަޑު ދޭތެރެއަކުން އިވިލައެވެ. ގަސްތަކާއި ރުއްތައް ދެއަތަށް ހެލިލާއިރު ޖެހޭ މަޑު ވައިރޯޅިތަކުން ސިކުނޑިތަކާއި ނަފްސުތަކަށް ފިނިކަން ލިބޭހާވެއެވެ. އިރު ދުނިޔެ މައްޗަށް ފައުޅުވުމުގެ ވަގުތު ކުޑަތަން ވެފައިވާކަމުގެ ހެކިތައް އުޑުމަތިން ފެނި ބިންގަނޑު އަލިވަމުން ދިޔައެވެ. ވިސްނާފިކުރު ކުރާ މީހަކަށް ޤުދުރަތުގެ އަޖާއިބުތަކާއި މެދު ފިކުރުކުރެވޭނެއެވެ. ކުޅަދުންވަންތަކަމުގެ ހެކިތަކާއި ޢަޒަލިއްޔަ ޤާނޫނުގެ ފުރިހަމަކަމެވެ. އާދުވަހަކަށް އިރުއަރައި އެއިރުއޮއްސި އެދުވަސް މާޒީއާއި އެކުވެދެއެވެ. ބައެއްގެ ހިތްތަކަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭއިރު، އަނެއް ބައެއްގެ ހިތްތަކުގައި މޮޅިވެރިކަމުގެ ސާލު ފަތުރައި ހިތާމަތަކުން ވަށައިލައެވެ.
ހިޔާދޭ ބޮޑު ބަބުކެޔޮ ގަސް ބަރާވެފައިވަނީ އެކި ސައިޒުތަކުގެ ބަބުކެޔޮތަކުންނެވެ. މުޅި ބިންމަތި އެގަހުގެ ފަތްތަކުން ފޮރުވާލެވިފައިވާއިރު އެއީ މިއިންޒަމާނަކު ސާފުކޮށްފައި އޮތްތަނެކޭ ނުބުނާނެއެވެ. މުރަނަވެފައިވާ ފަތްތަކުގެ މަތިން ހިނގަމުންދިޔަ ފަރީދާގެ ފިޔަވަޅުތަކުގެ ސަބަބުން ފަތްތައް ހިމުންވެގެންދާ އަޑު އިވިގެންދިޔައެވެ. އެއް ދިމާލަކަށް ހުއްޓި މުޅި ތަނަށް ނަޒަރު ހިންގާލުމަށްފަހު އަތުގައި އޮތް އިލޮށިފަތި ބިމުގައި ކާއްތަމުން ކުނިކަހަން ފެށިއެވެ.
ފަރީދާ ހިންދެމިންލަން ތެދުވެގެންހާއިރުން އޭނާގެ 8 އަހަރުގެ މާމާދަރިފުޅު އައިސް ހެދުމުގެ ފަސްބައިގައި ހިފަންފެށިއެވެ.
“ކީކޭ ކައިރާ ؟ ” ލޯތްބާއެކު ކައިރާގެ ބޮލުގައި ފިރުމާލަމުން ފަރީދާ އަހާލިއެވެ. އެކުއްޖާ އަތުން އިޝާރާތްކުރީ ތަންކޮޅެއް ދުރުގައި ހުރި ހަމަ އެފުރައިގެ ފިރިހެން ކުއްޖާއާއި ދިމާލަށެވެ.
” ދުރަށް ނުދާތި އިނގޭ.” އެބުނަނީ ކީކޭކަން ނަގައިގަނެވުމާއެކު ފަރީދާ ވާހަކަދެއްކިއެވެ. ކައިރާ ބޯޖަހާލަމުން ދިޔައީ އެފިރިހެން ކުއްޖާގެ ގާތަށެވެ.
” އާދެބަލަ. މިތާ ކައިރީ ހުރި އެއްކަލަ ގަހުގަ އެބަހުރި ދޮންވެފައިވާ ޖަންބުތަކެއް ބައިވަރު. ޖަބުރޯލަވެސް އެބަހުރި .”
ހެވިދިލިފައި ހުރެ ވާހަކަދައްކަމުން އަޔާން ކައިރާގެ އަތުގައި ހިފައިލިއެވެ. ދެކުދިން އެކީގައި ހިނގާފައި ދިޔައީ އެތަނާ މާދުރުނޫން ހިސާބެއްގައި ހުރި ޖަންބު ގަހާއި ދިމާލަށެވެ. ދޮންވެ ފައްކާވެފައިވާ ޖަންބުތަކުން ބަރާވެފައިިވާ އެގަސް ފެނުމާއެކު މީހަކު ކުޅުދިޔާހާވެއެވެ. މަތީގައި ތިބި ޖަންބުތައް ބިނދެލުމަށް އަޔާން ގަހަށް އެރީ ކައިރާގާތު އެތާ މަޑުކުރުމަށް ބުނަމުންނެވެ. އަތް ފޯރާ ފަށުގައި ތިބި ޖަންބުތައް ބިނދެ އަތަށް އަޅަމުން ކައިރާ އެއްކުރަމުން ދިޔައީ ދެމީހުން އެކީގައި ހަމަޖެހިލައިގެން ތިބެ ކެއުމުގެ ބޭނުމުގައެވެ. އިރުއަރައި އޭގެ ކުލަވަރު ދުނިޔެ މައްޗަށް ފައުޅުވަމުން ދިޔަ ވަގުތު ކަމުން ކުދިން ފިލާ ހިފައިގެން ޤުރުއާން ކުލާހަށް ދިޔުމަށް އަންނަތަން ކައިރާއަށް ފެނުނެވެ. އޭގެ ތެރެއިން ސަމާސާގޮތަކަށް ހީނލަމުން އަންނަ ނަވާރު އޭނާގެ ލޮލުގައި އަޅައިގަތެވެ. ޔަޤީނެވެ. އޭނާ އެގޮތަށް ބަލަމުން އެއަންނަނީ ކައިރާއާއި ދިމާކުރާށެވެ. ނުފެންނަ ކަމަށް ހަދައިގެން ކައިރާ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. ކުއްލިއަކަށް މީހަކު އޭނާގެ އަތުގެ އުޅަބޮށީގައި ޖެހިގަތުމާއެކު އަތުގައި ތިބި ޖަންބުތައް ބިންމައްޗަށް ވެރުނެވެ.
” ޤުރުއާން ކިލާހަށް ނުގޮަސް މިދެމީހުންގެ ކަމަކީ އަބަދު ކުޅުންދޯ. އޯ ހަނދާންނެތުނީއޭ. ވާހަކަ ނުދެއްކޭ މީހަކަށް ކިހިނެއް ކިޔެވޭނީ. ”
ނަވާރު ބިންމައްޗަށް ވެރިފައިވާ ޖަންބުތައް ފައިން ޗިސްކުރަމުން ދިމާކުރިއެވެ. އޭނާއާއެކު އައި ކުދިންތަކަށް އެކަންވީ މަޖާކަމަކަށެވެ.
” ނަވާރުއަކަށް ނޭނގޭނެ އަހަންނަށް ކިޔެވޭވަރަށް ކިޔަވާކަށްވެސް. އަބަދު މުދައްރިސާ ޖެހެނީ ނަވާރުއަށް އަދަބުދޭން. ނުކިޔަވާތީވެ. ސަކަރާތްޖަހާތީވެ. އަދި ޢާއްމާ ފޮތުގެ ސޫރަތްތަކާ ހިސާބަށް ނުދެޔޭ ނަވާރު. މީހުންގެ ވާހަކަ ދައްކަން ނަވާރު މާމޮޅެއްނޫނޭ. ކައިރާ ކިޔަވަނީ ގޭގަ މާމައާއެކުދޯ. ”
ކައިރާއާ ދިމާކުރަމުން ދިޔައިރު އަޔާންއަށް ހަނުހުރުންވީ އުނދަގޫ ކަމަކަށެވެ. ގަހުން ފުންމާލަމުން ގޮސް އޭނާ ކައިރާ ކައިރީ ހުއްޓިލިއެވެ. އިތުރު އެއްޗެއް ނުބުނެ ނަވާރު ދޫ ދިއްކޮށްލުމަށްފަހު ހިނގައިގަތެވެ.
އަޔާން ބަލައިލީ ކައިރާއަށެވެ. އޭނާގެ ދެލޯ ފެންކަޅިވެފައިވާތަން ފެނުމުން އަޔާންއަށް ހިންދިރުވާލެވުނެވެ.
” އަޅާނުލާ ކައިރާ. އަހަރެމެން އެމީހުނާ ވާހަކަ ނުދައްކާނީ ދޯ.”
ކައިރާ ހިތްހަމަޖައްސަދޭންވެގެން އަޔާން ބުނެލިއެވެ. ނަމަވެސް އަދިވެސް އެމޫނުން ފެންނަނީ މާޔޫސީކަމެވެ.
” އަތް ދިއްކޮށްލަބަލަ. ”
އަޔާން އެހެން ބުނެލުމާއެކު ކައިރާ މަޑުމަޑުން އަތްދިއްކޮށްލިއެވެ. އެއާކު އޭނާއަށް ހީނގަނެވުނީ އަޔާން ގިލިގިލިކޮށްޓަން ފެށުމުންނެވެ. އެކަން ހުއްޓުމާއެކު ކައިރާ އަޔާން ފަހައި ދުއްވައިގަތެވެ. ދެކުދިން ދުއްވައިގަންނަނިކޮށް ކައިރާ މީހެއްގެ ގައިގައި ލައިގަނެފައި ހުއްޓުނެވެ.
” މިމީހުން ދުވެ ނަގާއިރު ތަނެއްދޮރެއް ނުބަލައި ދުވަން ލޮލެއްނެތީތަ؟.. މިއެއްޗެހިތަކާހުރެ މަގުމަތީގައި ހިނގޭވަރެއްނުވެޔޭ. ބޮޑު ކަމެއްނު.” ހަށިގަނޑުން ބިޔަ އެއަންހެންމީހާގެ އަޑުގައި ނުރުހުންތެރިކަމެއް ހުއްޓެވެ. އަޑުގަދަކޮށް ވާހަކަ މިދެއްކުނީ ކުޑަކުދިންނާ ކަމެއް އޭނާއަކަށް ނުވިސްނެެއެވެ.
” މާފްކުރޭ ދައްތާ” އަޔާން އަވަސްއަވަހަށް ބުނެލިއެވެ.
” ހާދަ ރުޅި އައިސްފައި ހުރި މީހެކޭ ދޯ. އެ ދައްތައަށް ކަމެއްވީތަ؟. ބީރައްޓެއްސެއް ކަންނޭނގެ. ކުރިން ނުވެސް ފެނެއެއްނު މިރަށުން. ”
އެއަންހެން މީހާ ހިނގައިގަތުމުން އަޔާން ވާހަކަދެއްކިއެވެ.
***** *******
” މަންމާ.މަންމާ. އަހަރެން…. ވާހަކައެއް ބުނެ… ލަންވެފަ އެ..ބައޮތް. ”
ދަތި ގޮތަކަށް ވާހަކަދައްކަމުން ގޭގެ ދިމާ އެނދުގައި އޮތް އަފީފު އޭނާގެ މަންމަ ފަރީދާއާއި ވާހަކަދެއްކިއެވެ. ފަރީދާ މަޢުނަވީ ބެލުމަކުން އޭނާގެ ދަރިފުޅު އަފީފަށް ބަލާލީ ފެންކަޅިވެފައި ހުރެއެވެ. އެދަރިފުޅުގެ އަޑުގައި ހުރި ވޭނާއި ރިހުން އިހުސާސްކުރެވި އޭނާގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރުކުރުވިއެވެ.
” މަންމާ ކައިރާ ކޮބާ؟ އޭނާ ގެނެސްދީ. އަހަންނަށް ހީވަނީ އަހަރެންގެ ވަގުތު ހަމަވަނީހެން. އެންމެ ފަހުފަހަރަށް ނަމަވެސް އެދަރިފުޅުގެ ސޫރަ ބަލާލަން ބޭނުންވޭ. އެހެންނޫނީ އަހަރެންގެ ފުރާނައަށް ހަމަޖެހުމެއް ނުލިބޭނެ.”
އަފީފުގެ ލޮލުން ވެއްޓުނު ކަރުނަތިކި އޭގެ މަގާމުދޫކޮށް ދިޔައީ އޭނާ އޮށޯވެގެން އޮތް ބާލިހަށެވެ.
” ދަރިފުޅާ އަފީފް ހެޔޮނުވާނެ. ތިކަހަލަ މޮޔަ ވާހަކަ ނުދައްކާ.” ފަރީދާ އެނދުގެ މަގަތުގައި އިށީނދެލިއެވެ. ބައެއް ފަހަރު ހަޤީޤަތަކީ ނިކަން ހިތި އެއްޗެކެވެ. ހަބަރަށްވުރެ ހިތިވެ އިންސާނާގެ ހިތުގައި އެހިތި ކަމުގެ ސަބަބުން އެޅޭ ކޫރުތައް ގިނަވެގެންދާ ފަހަރުއާދެއެވެ.
” މަންމާ! އަހަރެން ނެތް ދުނިޔެއެއްގައި އެދަރިފުޅު ބަލާތި. ކައިރާ އަހަންނަށް އެންމެ ބޭނުންވާ ދުވަހު އަހަންނަށް އޭނާގާތުގައި ހުރުމުގެ ނަސީބެއް ނުލިބުނު. އޭނާ އުޅޭނޫޅޭގޮތް ބަލައި ހާލުބަލަން އޭނާގެ މަންމަ އަންނާނެކަމަށް އުއްމީދުނުކުރާތި. އެއަށްވުރެ ނުބައި ނުލަފާ ހިތުގައި އެއްވެސް ކުލުނެތް ރަހުމެއް ނެތް އަންހެނެއް އެއީ. އަހަރެންގެ ދުޢާއަކީ ކައިރާ ފުރާފުރިހަމަވުމަށް ދާންދެން މަންމައަށް ކައިރާއެކު އުޅެވުމުގެ ނަސީބު ދެއްވުން. އަދި ކޮއްކޮ ރަމީޒްގެ އެހީތެރިކަންވެސް މަންމަމެނަށް ލިބުން. މަންމާ! އަހަރެން ކައިރާގެ މުސްތަޤުބަލާމެދު ވަރަށް ވިސްނިން. އަހަރެން ދެކުނުގޮތުގައި އެންމެ ރަނގަޅުގޮތަކީ ކައިރާއާއި އަޔާން ކައިވެނިކުރުވުން. ވަރަށް ވިސްނާފަ މިހެން މިބުނީ. އެއީ އަހަރެންގެ އެދުމެއް. ވަސިއްޔަތެއް ކަމަށް ދެކިލާ. ”
އެއް ދިމާލަކަށް ނަޒަރު ހުއްޓާލައިގެން އަފީފް ވާހަކަދައްކަމުން ދިޔައީ ލަސްލަހުންނެވެ.
” ނޫން އަފީފް. ތިބުނި ބަސް އަނބުރާ ގެންދޭ. އަފީފް ތިހާ ދުރަށް ވިސްނަފާނެކަމަށް މަންމަ ހިއެއް ނުކުރަން. ކިހާ ވަރެއްގެ އިތުބާރެއް އަޔާންއަށް ތިކުރީ. އެއީ އަދި ކުޑަދެކުދިންނޭ. މިއަދު ކޮންމެގޮތަކަށް ކަންތައްވަމުން ދިޔަޔަސް މާދަމާ ހާލަތު ބަދަލުވެދާނެ. އަނެއްކޮޅުން އަޔާންގެ ޢާއިލާ ތިކަމަށް ރުހޭނެހެން ހީވޭތަ؟”
އަފީފް އެންމެ ފަހުން ދެއްކި ވާހަކައާއިމެދު ފަރީދާގެ ހިތުގައި ނުތަނަވަސްކަން ވެރިވިއެވެ. އަމިއްލަ ދަރިފުޅުގެ ވަސިއްޔަތް ފުރިހަމަ ނުކުރެވިދާނެކަމުގެ ބިރު އޭނާގެ ހިތުގައި އުފެދުނެވެ. ކައިރާއާއި އަޔާން މިއަދު އެކީގައި އުޅުނަސް މުސްތަޤުބަލުގައި އެދެމީހުން ދެދުޝްމިނުންނަށް ނުވާނެކަމުގެ ޔަޤީންކަން އެބައޮތް ހެއްޔެވެ؟ ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ މީހުން ބުނެއުޅެއެވެ. އަބަދާއަބަދު ހާލަތު އެއްގޮތަކަށް ނޯންނާނެއެވެ. ހިތްއެދޭ ގޮތް ނޫން އެހެން ގޮތަކަށް ނުވަތަ ހިތްއެދޭ ގޮތަށް އުފަލާއި ހިތާމަތަކާއެކު ހާލަތު ބަދަލުވެދެއެވެ.
” އާ މަންމާ! އަހަރެން އަޔާންގެ ބައްޕަ ހަމީދަށް އިތުބާރުކުރަން. މަންމަ ހާސްނުވޭ.. އެއީ އަހަރެންގެ އެންމެ ދުވަސްވީ ގާތް ރަޙުމަތްތެރިޔާ. އޭނާއާއި ދެމީހުން މަޝްވަރާކުރެވިފަވަނީ. އޭނަވެސް ބޭނުންވަނީ އެގޮތް.”
އަފީފް ބެލީ އޭނާގެ މަންމަ އެކަމަށް ރުހި ޤަބޫލުވޭތޯއެވެ. ނަމަވެސް އޭނާ ދެއްކި ވާހަކަތަކަކީ ތެދުވާހަކަތަކެކެވެ.
” މަންމާ ކައިރާ ގެނެސްދީ. ”
**** *****
ކައިރާ އޭނާގެ މާމައާއެކު ގޭތެރެއަށް ވަންއިރު ފެނުނު މަންޒަރުން ހިތް ހުއްޓުނު ކަހަލައެވެ. މަރަށް ތެޅިތެޅު އެއޮތީ އޭނާގެ ލޯބިވާ ބައްޕައެވެ. އޭރު އެގޭތެރޭގައި އެކިއެކި މީހުން ހަރަކާތްތެރިވަމުން ގެންދަނީއެވެ. މުދިންބެ ފެންތަށްޓެއް ކިޔަވައިފައި މޫނަށް ފެންއުކަނީއެވެ. އަނެއް ބަޔަކު އަފީފްގެ މޭގައި އަތްއަޅައި އެހަދާ އެއްޗެއް ހަދަނީއެވެ. ކައިރާ ގޮސް އޭނާގެ ބައްޕަގެ ކުރިމަތީގައި ހުއްޓިލިއެވެ. ރޮވިފައިވާއިރު ގިސްލެވެމުންދަނީއެވެ. އަތްފައި ފިނިވެ ތުރުތުރު އަޅަނީއެވެ. ހިތުގެ ތެޅުން އަވަސްވެފައިވާއިރު ހީވަނީ ހިތް އޭގެ ޖަގަހައިން ނުކުންނަން އުޅޭ ހެނެވެ. ވާން މިއުޅެނީ ކީއްކަން އޭނާގެ ޅަސިކުނޑިއަށް ނަގައިގަނެވުނެވެ. ދިގު ނޭވާއެއްލުމަށްފަހު އަފީފް މިފަނާވަނިވި ދުނިޔާއި ޢަލްވަދާއު ކިޔައިފިއެވެ. ހުރިހާ ކަމެއްވެ ނިމިދިޔައީ މަދު ވަގުތުކޮޅެއްގެ ތެރޭގެއަވެ.
އަފީފަށް ގަދަ ހުމެއް ޖެހިގެން އުޅޭތާ ހަފްތާއެއްވަރު ވެދާނެއެވެ. ރަށުގެ ސިއްޚީ މަރުކަޒަށް ދެއްކުމުން އެއީ ސީދާ ކޮންކަމަކާއި ގުޅިގެން އަންނަ ހުމެއް ކަމެއް ދެނެނުގަނެވުނެވެ. އިތުރު ފަރުވާއެއް ކުރަން އަފީފް ބޭނުންނުވީއެވެ. ހުން ރަނގަޅުވެދާނެ ކަމަށް ހީކޮށްލައިގެން ހުއްޓަސް އެންމެ ފަހުން ނޭވާ ހާސްވާން ފެށި ހާލަތު ގޯސްވެގެން ދިޔައީ މާއަވަހަށެވެ.
އަފީފްގެ ޖަނާޒާގެ ކަންތައް ނިމުނުއިރު ޢަސުރު ވެއްޖެއެވެ. ގިނަ ބައެއްގެ ލޯ ކަރުނުން ތެންމާލައި ހިތާމަތަކުން ވަށާލެވިފައިވެއެވެ. ކައިރާގެ ހާލަކީތޯއެވެ. މުޅި މީހާ ގަބުކައިފައި އިންއިރު އެއްޗެއް އަރުން ދިރުވޭ ގޮތެއް ނުވެއެވެ. ކަށުކަމާކެމީގެ ކަންތައް ނިންމުމަށްފަހު ކައިރާ ގަބުރުސްތާނުން ދުރަށް ދިޔުމަށް ބޭނުމެއް ނުވެއެވެ. ބައްޕާ މަހާނަތެރެއިން ނެގުމަށް އެދެމުން ދަނީއެވެ. ވާހަކަ ދެއްކުމުގެ ހިއްސުން މަޙުރޫމް ވެފައިވާ މިކުއްޖާ އަތުން އެއިޝާރާތްކުރަމުން ގެންދަނީ އެކަމަށެވެ. ފަރީދާއަށް ހަދާނެގޮތް ހުސްވިއެވެ. ކޮންމެއަކަސް އަވަށްޓެރިންނާއި ރަޙުމަތްތެތިންގެ ނަސޭހަތާއެކު ކައިރާ ހަމައަކަށް އެޅުނެވެ.
***** *****
” ނާހިދާ! ކާކު މަރުވެގެންނޯ އެއުޅެނީ؟ އަހަންނަށް އަދި ސާފެއް ނުވި. ” ދުންޔާ ސުވާލްކުރީ ޖޯލިފަތީގައި އިން ނާހިދާއަށެވެ.
” ސާބަސް ދުންޔާ. މިއަދު ބޮޑުފަތިހާ ތެދުވެގެން ރަށުތެރެއަށް ނުކުތްމީހާ ތީ. ފަހުން އަހަރެން ބަލާލިއިރު ނިދައިފަ އޮތީ . އޭގެ ފަހުން ހިއްލާވެސް ނުލާ. މަރުވެގެން އެއުޅެނީ ދުންޔާގެ ކުރީގެ ފިރިމީހާ އަފީފް. އެހެންވެ ގޮވީ. އެކަމް ދުންޔާއަށް ތެދުވެވުނު ކަމަކަށް ނުވިއެއްނު. ”
” ދުންޔާއަށް އިނގޭތަ ދުންޔާގެ ދަރިއަކު ހުންނަކަން؟ އިއްޔެ އަދި މިރަށަށް ތިޔައީ. އޭނާ ދެކުނިންތަ؟ ފިރިމީހާ ގާތުން ވަރިވެގެން ދަރި އެއްލާލާފަ ދިޔައިރު ދުންޔާއަށް ހަމަ އެއްވެސް އަސަރެއް ނުކުރަނީތަ؟. އެކުއްޖާފުޅަކީ ވާހަކަ ނުދެއްކޭ ކުއްޖެއް.” ނާހިދާ ވާހަކަދައްކަމުން ދިޔައިރު ދުންޔާއާއިމެދު ނުރުހުންވެފައި ހުރި މިންވަރު ހާމަވެއެވެ.
” ނާހިދާ ހުއްޓާލާ… ނާހިދާއަށް އެނގޭނެ އަފީފްއާއި އަހަރެން ކައިވެނިކުރީ ބޭނުންވެގެން ނޫންކަން. އޭނަ އަހަރެންގެ މައިންބަފައިން ހައްދާލައިގެން އެމީހުންގެ ނުފޫޒުގެ ސަބަބުން ކުރި ކައިވެންޏެއް އެއީ. އޭނާ އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލައިފި. ދެކުނު ހުވަފެންތައް ވިއްސިވިހާލެވިގެން ދިޔައީ އަހަރެންގެ އުމުރުން 16 އަހަރުގަ ކުރެވުނު ކައިވެންޏެއްގެ ސަބަބުންނޭ. އޭނާގެ ދަރިފުޅު ބަލަންށޭ ކިޔާފައި އަހަންނަށް އުމުރު ބޭކާރުކޮށެއްނުލެވޭނެ.” ދުންޔާގެ އަޑު ބާރުވެފައި މޫނުމަތިން ރުޅިވެރިކަމުގެ ކުލަތައް ފެންނަންފެށިއެވެ.
” ބަލަ އެއީ ދުންޔާގެވެސް ދަރިއެކޭ. ރަށު މީހުން ދުންޔާއޭ ކިޔާފައި ދައްކާ ވާހަކަތައް އަޑުނީވެނީތަ؟” ނާހިދާއަށް ހިމޭނަކުން ނީދެވުނެވެ.
” ފުރަތަމަ ކަމަކަށް އަހަރެންނަކީ މީހުން ދައްކާހާ ވާހަކަތައް އަޑުއަހާނެ މީހެއްނޫން. އެގޮތަށް ޢަމަލުކުރި ދުވަސްތައް މާޒީވެއްޖެ. މިހާރު މިރަށަށް އާދެވުނު ކަމުގެ މޮޔަހީވޭ. މާދަމާ އަހަރެން މިއުޅެނީ މާލެ ފުރަން. މާލޭގެ މުއްސަނޖަކާއި ކައިވެނިކުރަން. ވަރަށް ސާފުކޮށް މިބުނަނީ އަހަރެން ބޭނުންވަނީ މުއްސަނދި ތަނަވަސް ދިރިއުޅުމެއް. ” ދުންޔާ އޭނާގެ އެންމެ ފަހުގެ ނިންމުން އިއްވާލަމުން ގޭތެރެއަށް ވަދެގެން ދިޔައެވެ. ނާހިދާ ދެފަރާތަށް ބޯހުރާލީ ދުންޔާގެ ހުންނަ އެވިސްނުމުގެ ސަބަބުންނެވެ. ނާހިދާއަކީ ދުންޔާގެ ގާތް ރަޙުމަތްތެރިއެކެވެ. ކައިރާއަށް ދެމަސްވީތަނާ ދުންޔާވަނީ އަފީފްގާތުން ވަރިވެގެން އެހެން ރަށަކަށް ބަދަލުވެފައެވެ. އޭގެ ފަހުން އޭނާ މިރަށަށް އައީ އިއްޔެގައެވެ.
****** *****
ބައްޕަގެ ކުއްލިވަކިވުމާއެކު ކައިރާއަށް ކޮށްފައިވަނީ ފުން އަސަރެކެވެ. ގާތުގައި ހުރީ ލޯބިވާ މާމައެވެ. ދެން އޭނާގެ ” ބެސްޓް ފްރެންޑް” އަޔާނެވެ. އަޔާނުގެ މައިންބަފައިންނަކީ ކައިރާގެ ބައްޕަގެ ރަޙުމަތްތެރިންކަމުން އެމީހުންގެ ފަރާތުންވެސް ކައިރާއަށް ލޯތްބާއި ހަމްދަރުދީ ލިބުނެވެ. ނަމަވެސް އޭނާ އެދެމުންދަނީ މަންމައެއްގެ ލޯތްބަށެވެ. އެހެން ކުދީންވެސް އެކުދިންގެ މަންމައާއެކު އުޅޭތީ އޭނާއަށް ފެނެއެވެ. އޭނާގެ މަންމަ ކޮބައިބާވައެވެ؟ މަންމަ އޭނާ ގާތަށް ނާންނަނީ ކީއްވެގެން ހެއްޔެވެ؟ ބައްޕަ ބުނާ ގޮތުން ވިއްޔާ މަންމަ އުޅެނީ ވަރަށް ދުރުގައި އޮތް ރަށެއްގައެވެ. އަދި ފަހުން މަންމައާއި ބައްދަލުވާނެކަމަށް ބައްޕަ ބުނެފައިވެއެވެ. މަންމަ ހުންނަ ގޮތެއްވެސް އޭނާއަށް އެނގެނީކީ ނޫނެވެ. ފަރީދާއާއި އަފީފްގެ ހިތްވަރުން ކައިރާއަށް މަންމައެއް ނެތުމުގެ އިހުސާސްކޮށްދީފައި ނުވެއެވެ. ނަމަވެސް ދޭތެރެއަކުން އޭނާއަށް އެކަމާއިމެދު ވިސްނައިލެވެއެވެ.
ދުވަސްތައް މާޒީއާއެކުވެ ނިމިގެން ދިޔައެވެ. އަފީފް މަރުވިތާ ހަމަސްފުރިގެން ދިޔައިރު ގޭތެރޭގައި ހަރުލެވިފައިވާ ހިތާމަތައް ނެތެމުން ދިޔައެވެ. ކައިރާ މަޑުމަޑުން އަފީފްގެ އެހަނދާންތަކާ ދުރަށްދެވެމުން ދިޔައެވެ.
” ކައިރާ! އަހަރެން މިއުޅެނީ މާލެދާން. ބައްޕަ ބުނީ އެއްކޮށް މާލެ ބަދަލުވަނީޔޯ. އަހަރެންވެސް ބޭނުންވޭ
މާލެ ދާން. އެކަމް ކައިރާ މަތިން ހާދަ ހަނދާންވާނެއޭ. ބައްޕަ ބުނި ޗުއްޓީއަށް ރަށަށް އަންނާނަމޭވެސް. ”
ގޮނޑުދޮށުގެ ދޮންވެލިގަނޑާ ކުޅެލަމުން އަޔާން ބުނެލިއެވެ. ދެކުދިން ތިބީ ފަރީދާއާއެކު އެތަނަށް އައިހެވެ. ފަރީދާ އެދިމާލުގައި ރުއްފާލު ތެރެއިން ކާށި ނަގަމުން ގެންދަނީއެވެ. އިރުކޮޅެއް ފަހުން ދެކުދިން އެތާނތިބެ ދުވެ ކުޅެން ފެށިއެވެ. ފަރީދާއަށް އެމަންޒަރު ބަލަންހުރެވުނެވެ.
އަޔާން މާލެ ދިޔަ ދުވަހަކީ ކައިރާ އެކަނިވެރިކަމުން ވަށައިލި ދުވަހެކެވެ. އޭނާގެ އުމުރުފުރާ ކުދިންގެ ތެރެއިން އެންމެ ބޮޑަށް އެކުވެރިކަން ބާއްވަނީ އަޔާންއާއެވެ. ސަބަބުތައް ބައިވަރެވެ. ވާހަކަ ދައްކަން ނުކުޅެދިފައިވުމުގެ ސަބަބުން އޭނާވަނީ ހަނގާގެ ޝިކާރައަކަށްވެފައެވެ. ގިނަ ކުދިން އޭނާ ހިތުގަ ޖެހޭފަދަ ބަސްތައް ބުނެލާތީވެ އެކުދިންނާއެކު ކައިރާ ނޫޅެއެވެ. ނަމަވެސް އަޔާން ތަފާތެވެ. އޭނާގެ ހުންނަ އުނިކަމަކަށް ސަމާސާއަކަށް ނަމަވެސް ފާޑެއްނުކިޔާނެއެވެ. ކައިރާގެ ދިފާޢުގައި ބަސްބުނާނެއެވެ.
**** ****** *********
10 އަހަރު ފަހުން.
އިރުގ މެދުއުޑުގައި ހުރެ އޭގެ ވާޖިބު އަދާކުރަމުން ދިޔައީ ހޫނުކަން އިހުސާސްކޮށްދެމުންނެވެ. ރަތް ދަކަ އަވިން ބިންމަތިވެސް ހީވަނީ ފިހިދާނެހެންނެވެ.
” މޯލް މާޓް” ފިހާރައަކީ ކުޑަ އެހެންނަމަވެސް ރީތި ޒަމާނީ ފިހާރައެކެވެ. ފިހާރައިގައ ސޭޓެއްގެ ގޮތުގައި އިން ރީހާން އިނީ ޖެހިގެން ހުރި ގޮނޑީގައި އިން އޭނާގެ ގާތް ރަޚުމަތްތެރިޔާ ނާއިކްއާއި ވާހަކަދައްކާށެވެ. ދެމީހުންގެ އޮލަ ވާހަކަ ހުއްޓުމަކަށް އައީ އަންހެން ކުއްޖަކު ފިހާރައިގެ ކައުންޓަރު މަތީގައި އެއްޗެހިތަކެއް ބެހެއްޓުމުންނެވެ. ރީހާން އަވަސްއަވަހަށް އެސާމާނުތަކުގެ ޖުމުލަ އަދަދު ބުނުމުން އެއަންހެންކުއްޖާ ފައިސާ ދެއްކިއެވެ. ނާއިކްގެ ނަޒަރު ހުއްޓިފައިވަނީ އޭނާއަށެވެ. ފަން ދިގު އިސްތަށިގަނޑަކާއި ވަށް މޫނެކެވެ. ފުންކަނޑެއްފަދަ ބޮޑު ދެލޮލާއި އެއްވަރަށް އެލޮލުގެ ތާޒާކަމެވެ. ބޮޑު ފިޔާތޮށި ތުންފަތާއި އެހާމެ ދޮން އޮމާން ހަންގަނޑެކެވެ.
” އޭތް. ކޮންތަނެއް ތިބަލަނީ؟ ” އެއަންހެންކުއްޖާ ފިހާރައިން ނުކުތުމުންވެސް ނާއިކް އޭނާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރުމުން ރީހާން ސުވާލުކޮށްލިއެވެ.
” އެއީ ކޮންކުއްޖެއް؟ ” ނާއިކް އެއިންގޮތަށް އިނދެ އަހައިލިއެވެ.
” ޔަޤީން ހިތްކީދޯ. ދެންމަވީ އޭނާގެ ވަނަވަރު ކަލެއަށް ކިޔައިދޭންތަ؟ އޭނާ ސައިކޯވާނެ. އޯހް ނޮޓް ސައިކޯ. މިބުނީ މިއުޓްވާނެއޭ. ދައްކާވާހަކަ އަޑު އިވޭނެ. ބަޓް ޝީ ކާންޓް ޓޯކް. ދެން ފެމެލީ. ބައްޕަ މަރުވެފަ. މަންމައެއް ނޭނގެ. މީހުން ކިޔާތީ އިވޭ ކޮންމެވެސް ދު.. ދުން.. ދެން ނޭނގެ. އޭނާގެ މާމަ އޭނާ ބަލައިބޮޑުކުރީ. މާމައަށް ކިޔަނީ ފަރީދާ. އޭލެވެލްއާ ހަމަޔަށް ކިޔަވާފަ އެހެރީ. ދެން ފްރެންޑްސް ދޯ. މަގޭ ކޮއްކޮ އީނާއާއެކު އުޅޭނީ. އޯހް. އެންމެ މުހިއްމު ތަންކޮޅުދޯ. ޝީއިސް ސިންގަލް. ފުރިހަމަ ނަމަކީ އާމިނަތު ކައިރާ އަފީފް. އުޅޭނީ ހޮސްޕިޓަލްގެ ވައަތްފަރާތު ހުންނަ ގޭގަ. ދެން ފޯން ނަންބަރ..”
” ހޯހޯހޯ. ކާމް ޑައުން ބުރޯ. ބްރީތް. ބްރީތް. ތިހާވަރު ވާކަށް އަދި ނުވެޔޭ.” ރީހާން އެއްނޭވާއިން ހުރިހާ ވާހަކަތަކެއް ދައްކަންފެށުމުން ނާއިކް ހިނިއަންނަ ގޮތްވިއެވެ.
” ހުއް. ކިޔައިދޭންޖެހޭނެނު. ތިއޮތީ ހިތްކިޔައިފަ ވިއްޔާ” ރީހާން އަދިވެސް ބެލީ ނާއިކްއާ ދިމާކުރެވޭތޯއެވެ.
” މަށެއް ނޫޅެން. އެއީ ކާކުތޯ ދެންހަމަ އަހާލީނު” ނާއިކް އޭނާގެ ދިފާޢުގައި ވާހަކަ ދެއްކިއެވެ.
” މިތަނަށް އެހެންމީހުންވެސް ވަދޭ. އެކަމަކު އެއީ ކާކުތޯ މިއީ ކާކުތޯ ނުބަލަމެއްނު.” ރީހާން އެހެން ބުނެލުމުން ނާއިކް އިސްތަށިގަނޑުގައި އަތް ހާކާލުމަށްފަހު އިސްޖަހާލީ ހިނިތުންވެ ހުރެއެވެ.
(ނުނިމޭ..)
ދެވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!
4 Comments!
Comments are closed.

Vara reethi…. one of my favourite writer❤?
Koniraku next
Thankx haxu. ?❤. Next part insha Allah soon.
Masha Allah… Naseebehnu mi site ah up kuran feshikan mi story… THANK YOU… ❤️❤️
Thank you.?. Yh! Mi site in up kuran feshy mi story. Oh! Welcome dear..?❤