ތި ސޫރަ ނޫން 1
ހަވީރުގެ ހިތްގައިމު ވަގުތު ނިމި އިރުއޮއްސެން ފެށި ވަގުތެވެ. އުޑުމަތި ހީވަނީ ރަތާއި ރީނދޫ ކުލައިން ފަވާލާފައި ވާހެންނެވެ. އިރުގެ އެއްބައި ފެނުން މަތީގައި ފެންނަން ހުރިއިރު ހީވަނީ އޮރެންޖް ކުލައިގެ ކްރިސްޓަލް ބޯޅައެއް ދިއްލިފައި ހުރިހެންނެވެ. ފަޒާގައި ތެތްފިނިކަން ފެތުރެން ފެށިއިރު އެ ޖެހިލާ ހަމަހިމޭން ވައިރޯޅިއަށް ގަސްތައްވެސް އިޖާބަ ދެމުން ދިޔައެވެ. ހަވީރުގެ ފިންޏަށް އަތިރިމައްޗަށް ނުކުމެ އުޅުން މީހުންނާއި ކުދިންތައް މަދުވާން ފަށައިފިއެވެ. ގަޑިއަށް ބަލާލާފައި ބެލެނިވެރިންވެސް އެމީހުންގެ ކުދިން ގޮވައިގެން ރަށުތެރެ ދާން މިސްރާބު ޖަހައިފިއެވެ. ހިތްހަމަޖައްސާލާ އެކީގައި ވަގުތު ހޭދަ ކުރުމުގެ ނިޔަތުގައި އެކުއެކީ ނުކުތް ރައްޓެހިން ވެސް ގެއަށް ދާން ހިނގައިގަނެފިއެވެ. ރަށުތެރެއަށް އަރަންދާ ކޮންމެ މީހަކުވެސް ގަސްތަކުގެ ތެރޭ އެލުވާފައި ހުރި އުނދޯލީގައި އިށީނދެލައިގެން އިން އެ ސަތާރަވަރަކަށް އަހަރުގެ އަންހެން ކުއްޖާއާއި ދިމާލަށް ބަލާލަނީ ހަމްދަރުދީގެ ނަޒަރަކުންނެވެ. ނަމަވެސް އެ އަންހެންކުއްޖާ ހުރިތަނުން ގުޑިވެސް ނުލައެވެ.
އެންމެ ދެމީހުންނަށް އިށީނދެވޭވަރުގެ ކުޑަ އުނދޯލީގައި މިއަލް އިށީނދެލައިގެން އިނީ އޭނާގެ ގިޓާރ އުނގުމައްޗަށް ލައިގެންނެވެ. އުނަގަނޑާއި ހަމައަށް ފޯރާވަރުގެ ރާޅުބާނި އިސްތަށިގަނޑު ވިހުރުވާލާފައި ހުރުމުން މޫނުން އެއްބައި ވަނީ ކޮންމެވެސް ވަރަކަށް ނިވާވެފައެވެ. ޖެހުނު ލުއި ވައިރޯޅިއަށް ނިތް މައްޗަށް ވެއްޓުނު އިސްތަށިކޮޅު ރަނގަޅުކޮށްލަމުން މިއަލް އުޑުމައްޗަށް ބަލާލިއެވެ. ކަނު އަނދިރިކަން ފެތުރެމުން ދިޔަ އުޑުމަތި އެ ރަމްޒު ކޮށްދެނީ އޭނާގެ ބަނަވެފައިވާ ހަޔާތް ނޫންކަމެއް ވެސް ނޭނގެއެވެ.
މިއަލް ފުންނޭވާއެއް ބޭރު ކޮށްލާފައި މަޑުމަޑުން ގިޓާރގެ ނަރުތަކާއި ކުޅެން ފެށިއެވެ. ދެން އިވެންފެށި ރީތި ރާގުން އެތަނުގެ ހަމަ ހިމޭންކަން ފޫދުއްވާލިއެވެ. މިއަލް އެ ރާގާއި އެއްވަރަކަށް ލަވަ ކިޔަން ފެށިއެވެ. މިއަލްގެ ޖާދުވީ އަޑުގައި ފޮރުވިފައިވީ ވޭން އިހުސާސްވީ މީހެއްގެ ހިތް ޒަޚަމް ކޮށްލާނެއެވެ. މިއަލްގެ އެ އަންހެންވަންތަ އަޑުން ކުދިކުދި ކޮށްނުލާނެ ހިތެއް މިއާލަމުގައި ލައްވާފައިވާނެކަމެއް ނޭނގެއެވެ. ލަވަ ކިޔަމުން ކުރިއަށް ދިޔަވަރަކަށް ވަރަކަށް މިއަލްގެ އެ ރީތި ދެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ކިޔަމުން ގެންދިޔަ ލަވައިންވެސް މިއަލް ގެ ހަޔާތަށް އައިސްފައިވާ ތޫފާން ބަޔާން ކޮށްދެއެވެ.
ތިން މިނެޓް ވަރުގެ އެ ދިގު ލަވަ ކިޔާ ނިންމާލާފައި މިއަލް އަނެއްކާ ވެސް ގިޓާރ އިން ލުއި ރާގެއް ކުޅެން ފެށިއެވެ. އޭރު ހަޔެއް ޖަހަން ހަވަރަކަށް މިނެޓަށް ވީއެވެ. “އައުޗް..” މިއަލް ސިހުނީ އޭނާގެ އަތުގައި މީހަކު ގާކޮޅަކުން ޖެހުމުންނެވެ. “އެހުރީ އެއްކަލަ މިއަލް… މަންމަ ނެތް މިއަލް..” ފަހަތުގައި ހުރީ ރަށުގެ ކޮންމެވެސް ފިރިހެން ގްރޫޕްގަނޑެކެވެ. ކޮންމެ މީހެއްވެސް އަތާއި ކަރުގައި ވަރުނެތްކޮޅަށް ރޮދިން ގަތާފައިވާ އެތިއެތިކޮޅުތަކާއި ރިހިކުލައިގެ ޗޭނުފަށްތައް އަޅާފައިވެއެވެ. ކަންފަތާއި ބުމައަށް ދާންދެން ތޮރުފާފައިވާއިރު އެތަންތަނަށް ރިހި ކުލައިގެ ބޮޅުތައް ލައްވާފައިވެއެވެ. ޕާޓޭއިންގެ ތެރޭގައި މަޝްހޫރުވެފައިވާ ސްޓައިލެކެވެ. މިއަލްއަށް އަމާޒުކޮށް އެ ގާކޮޅު އެއްލި ޒުވާނާ ހީނގަތެވެ. މިއަލްއަށް ތުން ފިއްތާލެވުނެވެ. ނަމަވެސް އެއިން މީހަކަށް ފެނުމުގެ ކުރިން މިއަލް އަވަހަށް ލޮލުން ފައިބާފައިވާ ކަރުނަތައް ފޮހެލިއެވެ.
“އެލްބޭބީ.. މިއަދުވެސް ބޭބީގެ ގިޓާރ ޓޯއީ ހިފައިގެން މިތަނުގައި..؟ އަނެއްކާ އަހަރެމެންނާއި ބައްދަލު ކުރަން ވެގެންތަ ކޮންމެ ދުވަހަކުވެސް މިތަނުގައި ތި އިންނަނީ..؟” މިއަލް އާއި މިއަލްގެ ގިޓާރއަށް އިޝާރާތް ކޮށްފައި އެތަނުގައި ހުރި އަށްވަރަކަށް ޒުވާނުންގެ ތެރޭގައި ހުރި ސިޔާމް އެއްސެވެ. އާންމު ނަމުން ނަމަ ސިޔައްޓެއެވެ. ސިޔައްޓެ މިއަލްގެ ގާތަށް ޖެހިލި ވަގުތު މިއަލް އޯކަށް ދަމައިނުގަތީ ކިރިޔާއެވެ. އެރި ސިނގިރޭޓް ވަހުން މިއަލްއަށް ނޭވާ ލާން އުނދަގޫވާގޮތްވިއެވެ. ސިޔައްޓެ ކުރި ސުވާލަށް ޖަވާބު ނުދީ މިއަލް ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ. އެ ފިރިހެން ގްރޫޕް ގަނޑަކީ ރޭގަނޑުވެ އަނދިރިކަން ފެތުރޭއިރަށް މުޅި ރަށުތެރޭގައި ރަސްކަން ކުރާ ބަޔެކެވެ. ހެނދުނު ނިދާފައިވާ ރޭގަނޑުވުމުން ހޭލައި އުޅޭ ބުޅާ ތަކެކޭ އެ ނުލަފާ ގްރޫޕްގަނޑެކޭ ތަފާތެއްވެސް ނެތެވެ. މަގުމަތިން ދާހާ މީހަކަށް ފޮށިނުލާ އެމީހުންގެ ގައިން ބަޔެއް މަދުވާ ކަހަލައެވެ. މަގުމަތިން ދާ އަންހެން ކުދިންނަށް ވެސް އެކި ގޮތްގޮތަށް އެމީހުން ފޮށިއުޅެއެވެ.
“ޖަވާބެއް ދީބަލަ..!!” މިއަލް ހަނުހުރުމުން އެތަނުން އެކަކަށް އެކަން ބަރުދާސްތުނުވީ ކަންނޭނގެއެވެ. ބިންމަތިން ވެލިމުށްވަރެއް ނަގާ މިއަލްގެ ގަޔަށް އުކާލީ ލަހެއް ފަހެއް ނުކޮށެވެ. މިއަލްގެ މުޅި ގަޔަށް ވެލިތައް ބުރައިގެންދިޔައެވެ. ލޮލަށް ވެލި އެޅިގެން ދިއުމުން މިއަލްއަށް ވަގުތުން ދެ ލޮލުގައި އަތް އުނގުޅާލެވުނެވެ. “އަޅެ އަޅެ ކަލޭ ކީއްތަ ތިކުރީ..؟ އެލް ބޭބީ ރޮއްވާލީއެއްނު..؟” މަލާމާތުގެ ރާގަކަށް ސިޔައްޓެ ބުނެލިއެވެ. “ހެހެ އަޅެ ބޭބީ ރޮނީތަ…؟ އުމުރުން އަށާރަ އަހަރު ވަނިއްޔޯ.. އެކަމަކު މަށަށް ހީވަނީ އަދިވެސް ބޮޑު ނުވާހެން.. މިއަލް ނިކަން ސަޅިކޮށް ހުންނައިރު ސިކުނޑި އަދިވެސް ތިހާ ބޭބީ ވީތީ މަ ހައިރާންވަން..” މިއަލްގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ނުރަނގަޅުހެން ހީވާ ނަޒަރަކުން ބަލާލަމުން އެތަނުގައި ހުރި މީހުންގެ ތެރެއިން އެކަކު ބުނެލައިފިއެވެ. މިއަލް އިން ތަނުން ތެދުވީ އަވަހަށް ގެއަށް ދާށެވެ. އެ ފޮށުންތަކަށް އާދަވެފައި ހުއްޓަސް މިއަލްގެ ހިތުގައި ބިރުވެރިކަންވެއެވެ.
“ހެހެހެ…” ސިޔައްޓެ ދަމައިގަތީ މިއަލްގެ ގިޓާރ ކޭހެވެ. “މިއޮތީ އެލްގެ ބޭބީ ޓޯއީ.. ދެން ރުއިން ހުއްޓާލަބަލަ ދޯ…” އެތަނުން އެކަކު ގޮވާލައިފިއެވެ. “މަންމައަށް ގޮވަންވީތަ..؟ އޫޕްސް..! މަ ހަނދާން ނެތުނީ.. މިއަލްގެ މަންމައެއް ނުހުރެއެއްނު ދޯ…؟؟” ސިޔައްޓެ މަލާމާތުގެ ރާގެއްގައި ގިޓާރ ކޭސް ދެ ފަރާތަށް ތަޅުވާލާފައި ބާރު ހިނިގަނޑެއް ޖަހާލިއެވެ. ދެ ފަޔަށް ބާރުލާފައި ދުއްވައިގަންނަން ބޭނުން ވިޔަސް ގިޓާރ ކޭސްއާއި ނުލާ މިއަލް ހުރި ތަނުން ހިރުވާލަންވެސް ބޭނުމެއް ނުވިއެވެ. މިއީ ރަށުން ފެންނަ ކޮންމެ މީހަކަށް އުނދަގޫކޮށް ފޮށިނުލާ ނުހުރެވޭ އިންސާނުން ތަކެކޭ މިއަލްގެ ހިތަށް އެރިއެވެ. “ތި ދޭންވީ..” މިއަލް ވާހަކަ ދެއްކުމުން ސިޔައްޓެއަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ. އެ ގިޓާރ ކޭސް ހިފައިގެން ފަހަތަށް ފިޔަވަޅެއް އެޅިއެވެ.
އެއާއެކީގައި ފަހަތުގައި ތިބި އެހެން ފިރިހެން ކުދިންތައް ހޭންފެށިއެވެ. އަދި ސިޔައްޓެއަށް ސާބަސް ދިނުމުގެ ގޮތުން އަތްވެސް ޖަހަން ފެށިއެވެ. މިއަލް ކުރިއަށް ނަގާ ކޮންމެ ފިޔަވަޅަކާއި އެކީގައި އެ ސިޔައްޓެ ފަހަތަށް ފިޔަވަޅެއް ނަގައެވެ. ޖެއްސުން ބޮޑު ބައެކެވެ. ދެން ސިޔައްޓެ އަންނަން ފެށީ މިއަލް އާއި ދިމާލަށެވެ. “ޕްލީޒް.. ތި.. ތި.. ތި ދީބަލަ..” މިއަލްގެ އަޑު ނުކުތީ ކެނޑި ކެނޑިގެންނެވެ. ބިރު އިހުސާސް ވުމުންނެވެ. “އޭތް ސިޔައްޓެ…” ކުއްލިއަކަށް ހާސްވެފައިވާ އަޑަކުން ފަހަތުގައި ތިބި ފިރިހެން ކުދިންގެ ތެރެއިން އެކަކު ގޮވާލުމުން ސިޔައްޓެ ބަލާލިއެވެ. އަދި އަތަށް ބިޗުލެއް ކަށިޖެހި ފަދައިން މިއަލްގެ އަތަށް ގިޓާރކޭސް ލައިދިނެވެ. މިއަލް ސިޔައްޓެ ބިރުގަންނަން މެދުވެރިވީ ސަބަބު ހޯދުމަށްޓަކައި ބޯ އަރިކޮށް ބަލާލިއެވެ. އޭރު އެރަށުގެ އަންހެން ކޮމިޓީގެ އިސްވެރިޔާ ފާއިޒާ އެ ދިމާލަށް އަންނަނީއެވެ. “ނަސީބެއްނު..” މިއަލްއަށް ބުނެވުނެވެ. މިވަގުތު ފާއިޒާ މިތަނުން ފެނުނުކަންވެސް ނަސީބެވެ. “ރިޒޭ ހުރިނަމަ މިއަލް ކަލެއަށް މިއަދު އެހާ ފަސޭހައިން ސަލާމަތެއް ނުވެވުނީސް އިނގޭ…” ލޯ އަޅާލަމުން ސިޔައްޓެ އެ ބުނެލީ އެމީހުންގެ “ބޮސް” ގެ ނަމެވެ. ދެފަހަރެއްގެ މަތިން ވައްކަން ކޮށްގެން ހައްޔަރު ކޮށްފައިވާ ރިޒްވާން ހާމިދުގެ ނަން އިވުމުން މިއަލް ފިނިވާގޮތްވިއެވެ. ރިޒްވާން މިއަލްދެކެ ލޯބިވާކަމަށް ތުންތުން މަތިން މިއަލްއަށްވެސް ވަނީ އިވިފައެވެ. އެފަދަ ކަންކަމަށް ޝައުގުވެރިކަން ނުހުންނާތީ މިއަލް އެއާއި އެހާވަރަކަށް އަޅައެއްނުލައެވެ. އެބޮޑު ގްރޫޕްގެ އެންމެން ތެރެއިންވެސް ފާއިޒާއްތަދެކެ ބިރު ނުގަންނަނީ ރިޒްވާން އެކަންޏެވެ. މިވަގުތު ރިޒްވާން ވީ ވައްކަމެއްގެ މައްސަލައިގައި ގޭ ބަންދުގައިކަން ހަނދާން ވުމުން މިއަލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
އެފިރިހެންކުދިންތައް އަވަހަށް މަގޫގަސްތައް ދޮށުން ލާފައި އަތިރިމައްޗަށް ފައިބައިގެން ދިޔައީ މިއަލް އާއި ފާއިޒާއަށް ކުދިކިޔަމުންނެވެ. ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ ފާއިޒާއަކީ ޓީވީއިންވެސް ޚަބަރު ކިޔުމުގެ ކުރިން މުޅި ރަށުތެރޭ ހިނގާ އެންމެންނަށް އާ ޚަބަރުތައްދީ ހަދާ އަންހެނެކެވެ. ރަށުތެރެއިން ފެންނަ ކަމެއް ވެސް ވަގުތުކޮޅެއްގެ ތެރޭ ރަށުތެރެއަށް ފަތުރާ ހަދާ ދެފައިލީ ނޫހެއް ފަދަ އަންހެން މީހެކެވެ. އެ ފިރިހެން ކުދިންތައް އަވަހަށް އެތަނުން ދުރަށް ދިޔައީ އެމީހުން މިއަލް އާއި ބެހެނިކޮށް ފާއިޒާގެ ލޮލަށް ފެނިއްޖެނަމަ މާދަމާ އިރު އަރަން ވާއިރަށް އެވާހަކަ މުޅި ރަށުތެރޭ ފެތުރިފައި އޮންނާނެކަން އެނގޭތީއެވެ. އެމީހުން މީހަކާއި ބެހެންޏާވެސް ފާއިޒާ ހުރިތޯ ނުވަތަ ނުހުރޭތޯ ބަލައެވެ. ރަށުތެރޭގައި ގަދަރު ލިބިފައިވާ ފާއިޒާ ދެކެ އެ ފިރިހެން ކުދިންތައްވެސް ޖެހިލުންވެއެވެ. ހިތާހިތުން ފާއިޒާއަށް ޝުކުރުވެރިވަމުން މިއަލް ކުރިއަށް ހިނގައިގަތެވެ.
ނެގޭ ކޮންމެ ފިޔަވަޅަކާއެކީގައި މިއަލްގެ ހިތުގައި ފުނި ޖެހެމުން ދިޔައީައި މިއަލްގެ ހިތުގައި ފުނި ޖެހެމުން ދިޔަ ޝަކުވާ ތަކެކެވެ. ނަވާލް މިޝްލާ ވަރިކުރީ މިއަލްގެ އުމުރުން އެންމެ ހަ އަހަރުގައެވެ. މިޝްލާ އާއި ވަކިވިފަހުން މިއަލް އާއި ދޮށްޓަށް ހުރި ރީއަލްގެ ހުރިހާ ބޭނުންތަކެއް ފުއްދައިދެމުން ގެންދިޔައީ ސަފީނާއެވެ. މިއަލްގެ މާމައެވެ. އެފަހުން މިއަލްގެ އާއިލާގައި ހިމެނެނީ ނަވާލް އާއި ސަފީނާގެ އިތުރުން ރީއަލްއެވެ. ރީއަލް މިއަލްއަށް ވުރެ ހަތަރު އަހަރު ދޮށިވާނެއެވެ. ރީއަލްއަށް ތޭވީސް އަހަރެވެ. ސަފީނާ މިދުނިޔެއަށް އަލްވަދާއު ކީ މިއަލްގެ އުމުރުން އެންމެ ތޭރަ އަހަރުގައެވެ. ދެހާސް ސޯޅަވަނަ އަހަރުގެ މެއިމަހުގައި ސަފީނާ ވަކިވެ ދިޔަފަހުން މިހާރު އެ ފަސް އަހަރު ވަނީއެވެ. މިއަލް ގިޓާރކޭސް ކޮނޑުގައި އަޅުވާލިއެވެ. މިއަލް އެ ގިޓާރދެކެ ލޯބިވަނީ ވަކި ސަބަބެއް ނެތިއެއް ނޫނެވެ. ކަޅުކުލައިގެ އެ ގިޓާރ އާއި ގިޓާރ ކޭހަކީ މިޝްލާ އާއި މިއަލް ވަކިވުމުގެ ކުރިން މިއަލްއަށް މިޝްލާގެ ފަރާތުން ލިބުނު ހަމައެކަނި ހަދިޔާއެވެ. މުސްކުޅިވާ ދުވަހުން ވެސް އެ ގިޓާރއާއި ވަކިވާކަށް މިއަލް ނޭދެއެވެ. ބަންގި ނުގޮވާތީ މިއަލް އަނެއްކާވެސް އިށީނީ ޖޯއްޔެއްގައެވެ. ގިޓާރ އަކީ މިއަލްގެ ހިތްހަމަ ޖެހުމެވެ. އުފަލެވެ. އެ ގިޓާރ އަކީ މިއަލްގެ ހިމޭންވެފައިވާ ފަޅު ހަޔާތަށް ދިރުމެއް ގެނެސްދޭ ބައިވެރިޔާއަށް ވީތީއެވެ.
“ޕިސްޕިސްޕިސް… އެލް މިއަދު ވެސްތަ..؟” ދާދިގާތުން މީހެއްގެ އަޑު އިވުމުން މިއަލްއަށް ގިޓާރ ކުޅުން ހުއްޓާލެވުނެވެ. “އާނާ…” ގާތުގައި ހަށަން ބަނދެލައިގެން ހުރި ކިއަނާ ފެނިފައި މިއަލްގެ ދުލުން ބޭރުވިއެވެ.
ކިއަނާއަކީ ކުޑައިރުއްސުރެ ފެށިގެންވެސް މިއަލްގެ އެންމެ ގާތް އެކުވެރިޔާއެވެ. ހުސް ވަގުތުތައް ފުރާލަދޭ ބައިވެރިޔާއެވެ. “ފާއިޒާއްތަ ގުޅާފައި އެއްކަލަ ރިޒޭގެ ގްރޫޕް ގަނޑު އެލްގެ ކައިރީ މެހިތަކެއް ހެން އެނބުރޭ ހަބަރު ދިނީމައި އަހަރެން މިއައީ.. މަޣްރިބަށް ގޮވަން އުޅޭއިރުވެސް އެލް ތި އިންނަނީ ފޯރީގައި ގިޓާރ ކުޅެން.. ތިހެން އިންދާ ހަންޑިއެއް އައިސް އެލްއާއި ގިޓާރ ހިފައިގެން ހިނގައިދާނެ… ދެންވެސް އާދޭ ގެއަށް ދާން..” ކުޑަކުއްޖެއް ބަސްނާހައިގެން ބިރު ގަންނަވަން އުޅޭ މައެއް ފަދައިން މިއަލް ބިރުގަންނަވާލާފައި ކިއަނާ މިއަލްގެ އަތުގައި ހިފިއެވެ. “އާނާ އަހަރެން…..” މިއަލްއަށް ބަހެއް ބުނަން ކުޑަވެސް ފުރުސަތެއް ނުދީ ކިއަނާ މިއަލްގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ.
**********
ލޯގަނޑު ކުރިމަތީ ރީތިވާން ހުރި މިލީން ފަހު ފަހަރަށް އޭނާގެ ސޫރައަށް ބަލާލިއެވެ. ރަން ކުލައިގެ މަރމެއިޑްކޮށް ފަހާފައިވާ ހެދުމުގެ ތިރީބައިން އެ ހުރީ މަލެއްގެ ފިޔަތަކެއްހެން ފޮޅިފައިހެން ހީވެއެވެ. އުނަގަނޑާއި ވީ ދިމާލުގައި މިނާތަކެއް ހަރުކޮށްލާފައިވެއެވެ. މޭމައްޗާއި ވީ ދިމާލުގައިވެސް ވަރަށް ރީތި ޑިޒައިނަކަށް ޑައިމެންޑްތަކެއް ބައްޓަމަށް ހުރި ވިދާ އެއްޗެހިތަކެއް ހަރުކޮށްލާފައިވާތީ އެ ހެދުން ނުހަނު ރީއްޗެވެ. ހެދުމުގެ ފަސްބައިހެން ހެދުމުގެ އަތްވެސް ހަދާފައި ހުރުމުން ނުހަނު ރީއްޗެވެ. އެ ހެދުން ލައިގެން ހުރިއިރު މިލީން ހީވަނީ ޖަވާހިރެއް ހެންނެވެ. އުނަގަނޑާއި ހަމައަށް އަރާވަރުގެ ފަންފަން އިސްތަށިގަނޑު ދޫކޮށްލާފައި ހެދުމާއި ގުޅޭގޮތަށް އިސްތަށިގަނޑުގައި ހަރުކޮށްލާފައިވާ ރަން ކުލައިގެ މާތައްވެސް ވެސް ވަރަށް ނަލައެވެ. މިލީންގެ ދެކަންފަތުގައިވާ ކަންފަތުލާއެތީގައި ވަނީ ކުދިކުދި ރަންކުލައިގެ އެތިކޮޅުތަކެއް އެލުވާފައެވެ. އެ ކުދިކުދި އެތިކޮޅުތަކާއި އެކީ އެންމެ ތިރީގައި އެލުވާފައިވާ ދަޅައަޅައަޅާއޮތް ރަންކުލައިގެ ކުނޑިތަކެއް ހުރި ބޮޑު ޑައިމެންޑް މިލީންގެ ރީތިކަމަށް އެތައް ގުނައެއް އިތުރުކޮށްދެއެވެ.
މިލީންއަކީ އުމުރުން އަށާރަ އަހަރުގެ އަންހެން ކުއްޖެކެވެ. މިލީންގެ ފަންކޮށްލާފައިވާ ކަޅުކަން ގަދަ އިސްތަށިގަނޑާއި ކަޅު އެންދެރިކޮޅެއް ފަދަ ދެލޮލުގެ ސަބަބުން މިލީން ވެފައިވަނީ ފިރިހެން ކުދިންގެ ތެރޭގައިވެސް މަޝްހޫރު ކުއްޖަކަށެވެ. ގުދުރަތުން ލިބިފައިވާ ދޮން މޫނު އޮމާންކަމުން ދަޅަ އަޅައެވެ. ބޮޑު ދެލޮލުގެ އެސްފިޔަތައް ދިގުކަމުން ކޯތާފަތް މައްޗަށް ހިޔަނި އެޅޭހާވެއެވެ. މަޑު ފިޔާތޮށި ކުލައެއްގެ ރީތި ތުންފަތަކާއި ވަށްމޫނެއް ލިބިފައިވާ މިލީންއަކީ ރީތިކަމުގެ މިސާލެކެވެ.
“ދަރިފުޅާ މިލީން..” ޒައިހާން ގޮވާލިއެވެ. “ލައްބަ…” މިލީން ރީތި ހިނިތުންވުމަކާއެކީގައި ޒައިހާން އާއި ކުރިމަތިލިއެވެ. “ބައްޕަގެ ދަރިފުޅު ހާދަ ބޮޑުވެއްޖެޔޭ…” ތައްޔާރުވެ ނިމިގެން ހުރި މިލީންއާއި ދިމާލަށް ބަލާލާފައި ޒައިހާން އެހެން ބުނެލީ ނިކަން ބޮޑަށް ހީލައިގެން ހުރެއެވެ. “ލައްބަ އެކަމަކުވެސް ބައްޕާ.. އަޅުގަނޑު ދުވަހަކުވެސް ބައްޕައަށްވުރެ ބޮޑެއް ނުވާނެ..” މިލީން މައުސޫމް ހިނިތުންވުމަކާއި އެކީގައި ބުނެލި ވާހަކައިން ޒައިހާން ހިތް ލޯބިން ފުރިގެން ބަންޑުންވާވަރުވިއެވެ. “އަވަހަށް ހިނގާ ދާން… މަންމަ އެބަހުރި ދަރިފުޅުގެ އިންތިޒާރުގައި..” ޒައިހާންވެސް ހުރީ ރަނގަޅަށް ތައްޔާރު ވެގެންނެވެ. ރަންރީނދޫ ކުލަ އަކަށްދާ ޓަކްސީޑޯއެއް ލައިގެން ހުރިއިރު މީހަކު ޒައިހާން އަކީ ސާޅީހުގެ އަހަރުތައް ގުނަމުން ގެންދާ މީހެކޭ ނުވެސް ބުނާނެއެވެ. އެހާވަރަށް ސްމާރޓް ވެފައި ޝަޚުސިއްޔަތު ވަރުގަދަހެން ހީވާ އެ ތޫނު ދެލޮލުން ހަދިޔާ ކޮއްލާ އެންމެ ބެލުމަކުން އެކަނިވެސް މީހުންގެ އިހްތިރާމް ހޯދުމުގައި ޒައިހާން ކާމިޔާބު ކުރެއެވެ. އަދި ޒައިހާން އަކީ ރަށުގައި ހުރި އެންމެ މުއްސަނދި އެކަކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރަށުގައި އެންމެ ނަން މަޝްހޫރު ފިހާރައިގެ ވެރިޔަކީ ޒައިހާންއެވެ. އެ ރަށުގައި އެ ފިހާރައިގެ އެހެން ގޮތްޕެއްވެސް ހުރެއެވެ. އަދި އިތުރުން އެ ފިހާރައިގެ ގޮތްޕެއް އެ ރަށާއި ޖެހިގެން އެންމެ ކައިރީގައި ހުރި ރަށުގައި ވެސް ހުންނާނެއެވެ. އެ ދެ ފިހާރައިން ޒައިހާންއަށް ލިބޭ ފައިދާތައް ދުވަހަކަށް ވުރެ ދުވަހަކުން ދަނީ އިތުރު ވަމުންނެވެ.
ދެބަފައިން އެކީގައި އެލެވޭޓަރާއި ދިމާލަށް މިސްރާބު ޖެހިއިރު ފެންނަ ކޮންމެ މީހަކު ޒައިހާންއަށާއި މިލީންއަށް ހިނިތުންވުމެއް ހަދިޔާ ކުރެއެވެ. ރައްދުގައި އެމީހުންނަށްވެސް ހިނިތުންވަމުން ޒައިހާންއާއި މިލީންއަށް އެލެވޭޓަރާއި ހަމައަށް ދެވުނުއިރު މިޝްލާ އިންތިޒާރުގައި މަޑުކޮށްގެން ހުއްޓެވެ. “ވާއު.. މަންމަގެ ޕްރިންސެސް މިއަދު ހާދަ ރީއްޗޭ..” މިލީން ފެނުމާއެކީ މިޝްލާއަށް ބުނެވުނެވެ. މިޝްލާވެސް ހުރީ ރަންކުލައިގެ ފައިތިލަ އާއި ހަމައަށް އަންނަވަރުގެ ވިދާ ހެދުމެއް ލައިގެންނެވެ. މަޑު ރީނދޫ ކުލައެއްގެ ޝޯލްއަކުން މިޝްލާގެ އިސްތަށިގަނޑު ނިވާ ކޮށްލާފައި ވާއިރު ވައްތަރީ ރަންޏަކާއެވެ.
“ދެން މަންމާ..” މިލީން ރަކިގޮތަކަށް ހީނލަމުން ބުނެލިއެވެ. ތިންމީހުން އެކީގައި ތިރިއަށް ފޭބިއިރު ބޭރުގައި އެ އާއިލާގެ ކާރު ޑްރައިވަރު ޒާމިން އިންތިޒާރުގައި ހުއްޓެވެ. ތިން މީހުން ކާރަށް އެރުމާއެކީ ޒާމިން ހީނލިއެވެ. އޭރު ކާރުގެ ކުރީ ސީޓްގައި ޒާމިންގެ ދޮށީ ދަރިފުޅު ޔައުލާން އިށީނދެލައިގެން އިނެވެ. މިލީން ފެނުމުން ޔައުލާން މިލީންއަށް ހިނިތުންވެލިއެވެ. ރައްދުގައި މިލީން ވެސް ދަތްތައް ދައްކާލާފައި ޔައުލާންއަށް ނުހަނު ރީތި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ. މިލީން އާއި ޔައުލާންއަކީ ކުޑައިރުއްސުރެ އެންމެ ގާތް ދެއެކުވެރިންނެވެ. ޒާމިންއާއި އޭނާގެ އާއިލާވެސް އުޅެނީ ޒައިހާންގެ ގޭގައެވެ. ޒައިހާންގެ ގެ ނުވަ ފްލޯރއަށް ހިއްލާލާފައި ވާއިރު ނުވަވަނަ ފްލޯރ އަކީ ޒައިހާންގެ ކުޑަ އާއިލާ ދިރިއުޅޭ ފްލޯރއެވެ. އަށްވަނަ ފްލޯރއަކީ ޒާމިންގެ އާއިލާ ދިރިއުޅެން ޒައިހާން ހަމަޖެއްސި ފްލޯރއެވެ. ގޭގެ އެހެން ފްލޯރތައް ހުންނަނީ ކުއްޔަށް ދީފައެވެ. އެކަމުންވެސް ޒައިހާންއަށް މާލީގޮތުން އެތަކެއް ފައިދާއެއް ކުރަމުން ދެއެވެ.
ޒާމިން އަކީ މިލީން ހަނދާން ހުންނަން ފެށީއްސުރެ އެއާއިލާ އާއި އެންމެ ގާތް މީހާއެވެ. އުމުރުގެ ގޮތުން ޒައިހާންއަށް ވުރެ ތޭރަ އަހަރު ދޮށީ ޒާމިން ވަނީ އެތަކެއް އަހަރެއް ވަންދެން އެ އާއިލާއަށް ޚިދުމަތް ކޮށްދީފައެވެ. އަދި އިތުރުން ޒާމިން އަކީ އާއިލާގެ ޕްރައިވެޓް ޑްރައިވަރުގެ އިތުރުން ޒައިހާން އެންމެ އިތުބާރުކުރާ ފަރާތޭ ބުންޏަސް ވާނީ ތެދަށެވެ. ކުރިއްސުރެ ފެށިގެން މިލީންއާއި އެންމެ ގާތްކޮށް އުޅުނީ ޔައުލާން ކަމަށްވާތީ އެދެމެދުގައިވަނީ ނުލާހިކު ގާތް ގުޅުމެކެވެ. ޒާމިންގެ އަންހެނުން އަދި ޔައުލާންގެ މަންމަކަމަށްވާ އަލީސާ އަކީ އެރަށުގެ ޕްރީ ސްކޫލްގެ ގުރުއާން މުދައްރިސެކެވެ. ޒާމިންއާއި އަލީސާގެ މިންނެތް މަސައްކަތުން ޔައުލާންއާއި އޭނާގެ ހަގަށް ހުރި ދެކޮއްކޮމެން ވެސް އުޅެނީ ނުހަނު އުފަލުގައެވެ.
ޒާމިން ހުރީ ރީނދޫ ގަމީހަކާއި ކަޅު ފަޓްލޫނެއް ލައިގެންނެވެ. ބޮލުގެ ގިނަ އިސްތަށިތައް ނުރަވެފައި ވާއިރު އެ އިސްތަށިގަނޑު މިއަދު ވަނީ އެހެން ދުވަސް ދުވަހާއި ޚިލާފަށް އަރިއަކަށް އަޅާފައެވެ. ރަން ކުލައިގެ ގަޑިއެއް ޒާމިންގެ ރޫޖެހެން ފަށާފައިވާ އަތް ފަޅުފިލުވާލާފައިވެއެވެ. ޔައުލާން އިނީ ރަންކުލައިގެ ޑިޒައިންތަކެއް އަޅާފައިވާ ކަޅުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެންނެވެ. އާދައިގެ ވަރަކަށް ދިގު ކޮށްފައި ހުރި އިސްތަށިގަނޑު ވަނީ ރީތިގޮތަކަށް ހަދާފައެވެ. ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައި ވީއިރު ނާރުތައް ފުފިފައިވާ އެ ބާރުގަދަ އަތް ވަނީ ހާމައަށެވެ. އަތުގައި އަޅާފައި ވަނީ މިލީންވެސް އަޅައިގެން އިން ފަދަ ކަޅުކުލައިގެ އަތުގައި އަޅާ އެތިކޮޅެކެވެ. އެއީ އެދެމީހުންގެ މެދުގައިވާ ގާތް އެކުވެރިކަމަށް ސަތާރަ އަހަރުވީ ދުވަހު މިލީން ޔައުލާންއަށް ހަދިޔާ ކުރި އެއްޗެކެވެ.
“ގޯލްޑްރޯޒް ރެސްޓޯރެންޓްއަށް..” ޒައިހާން އެހެން ބުނެލުމުން ޒާމިން ހިނިތުންވެލާފައި ކިޔަމަންތެރިކަމާއެކީ ކާރުގައި ގޯލްޑް ރޯޒް ރެސްޓޯރެންޓަށް ދިޔުމުގެ ދަތުރު ފެށިއެވެ. މިލީންގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ ފޯނަށެވެ. ހުއްޓުމެއް ނެތި މިލީންގެ ހިމަހޯލި އިނގިލިތަކުން ޓައިޕް ކުރަމުން ދިޔައިރު މިލީންގެ ތުންފަތްމަތީ ވަނީ އެންމެ ރީތި ހިނިތުންވުމެވެ. ދޭތެރެދޭތެރެއިން މިލީން މަޑުމަޑުން ހީނލައެވެ. ފެންނަމުން ގެންދިޔަ މިލީންގެ މޫނަށް ޔައުލާންގެ ދެލޯ ހުއްޓެމުން ދިޔައެވެ. ޖަންބެއް ފަދައިން ރަތްވެފައިވާ އެރީތި މޫނު ފެންނަލެއް ނުހަނު ހިތްގައިމެވެ. ފިޔާތޮށި ކުލައިގެ އެ ރީތި ދެ ތުންފަތް ފޭކޮށްލާފައި އެހީލާ ހީލުންތައް ޔައުލާންގެ ހިތް ފޫދުއްވަމުން ގެންދިޔައެވެ. ޔައުލާންގެ ހިތުގައި މިލީންއަށް ދެވިފައި ވަނީ އާދައިގެ ދަރަޖައެއް ނޫންކަން ދައްކުވާދެނީ ރިއަރވިއު ލޯގަނޑު ކޮޅުން ފެންނަމުން ދިޔަ މިލީންގެ މޫނަށް ހުއްޓިފައިވާ ޔައުލާންގެ ދެ ލޮލެވެ. ޒައިހާން، މިޝްލާ އަދި ޒާމިން އިނުމުން ޔައުލާން އެއްޗެކޭ ނުބުނެ އިން ކަމުގައި ވިޔަސް ދެލޯ މިލީންގެ މޫނުން ދުރެއް ނުވެއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.





Varah reethi. 2 vana bayah inthizaaru kuran
Thank you so much Shamma Mohamed ?? Insha allah dhevana part tmrw, 3rd August ga..
Hi yooooony ❤️ happy to see u again ?? vaahaka hama best masha allah ???
Heii Rooya Xek ? Missed u and everyone else too.. Thankiu so so much that means a lot ??
Heyyyy yooon❤️
Masha Allah vrh Sali 1st part vxx ❤️❤️
Keep it up Yoon❤️❤️
Hama Yoon ge kuree strys hen mi stry vxx vrh ❤️❤️reethi vaanekama Ril unmeedukuran ❤️❤️. Ik it’s gonna be awesome by reading 1st part ❤️❤️❤️
Anyways waiting for the next part .❤️
Vrh kiyaahie vehje hehhe. ❤️❤️Curious vrh . ❤️❤️
Stay safe and tvgc❤️❤️
Lyssssmmm❤️❤️
Heii lwbss ? Thankiu so much glad to knw u enjoyed it ? Hehe will try my best ingeii my stry ga vxx.. Insha allah nxt maadhan 😀 U stay sage and tgc too lovely.. Love u more nd more ??
Insha allah this stry will b uploaded daily 😀 Dhedhuvahun ehdhuvahun hn.. Hope all my dearest readers are healthy and safe ?? Ly all vvv much.. Stay safe and tgc