Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވީމޭ ތިޔަ ލޯބީގައި-2

Mohamed Naafiz Level 1
August 1, 2021 5 Mins Read
3 Comments

“އޭއި ކޮބާތަ މިހާރު އަނެއް ދެމީހުން؟ ހާދަ ނުފެނެޔޭ” ޔޫނީން އަހާލިއެވެ. “ލައިރާ ބުނީ ތަންކޮޅެއް އޮފީހުގައި ބިޒީއޯ.. އިއާން މިދުވަސްކޮޅު ޕްރޮޖެކްޓެއްގައި އުޅެނީ..” އެ ގްރޫޕުގައި ތިބޭ އަނެއް ދެކުދިންގެ ވާހަކަ އަރްސަލާން އޮޅުން ފިލުވައިދިނެވެ. “އެންމެން އެއްވާ ދުވަހަކުން ވާނެ ކަމެއް ކުރަން.. މިހާރު ކިހާ ދުވަހެއް އެންމެން އެކީގައި ކަމެއް ކޮށްނުލެވޭތާ ވެސް..” ޔޫނީން ބުނެލިއެވެ. “ހޫމް..” ޔޫނީންގެ މޫނަށް ބަލަހައްޓާއިގެން އިނދެ ހުވަފެނީ ގޮތަކަށް އަރްސަލާން ބުނެލިއެވެ. “އޭއި.. މި ބުނި އެއްޗެއް އިވުނުތަ؟” ޔޫނީން އަރްސަލާންގެ މޫނުމަތީ އަތް ހުރަސް ކޮށްލަމުން އަހާލިއެވެ. “އާނ އާނ.. އިވުނޭ.. ދެން ހިނގާ ގެއަށްދާން..” އަރްސަލާން ބުނެލިއެވެ.

“އޭއި.. ކީއްވެފަ މިއަދު ތިޔަ ހުރީ.. އެހެންޏާވެސް އިރުއޮއްސޭ މަންޒަރު ފޮޓޯ ނުނަގާ އަހަރެމެން ގެއަށް ދަންތަ؟” ޔޫނީން ފާޑަކަށް އަހާލިއެވެ. “މި..މިއަދު ކުޑަކޮށް ބޮލުގައި ރިއްސާތި..” ގަދަކަމުން ހިނިތުންވެލަމުން އަރްސަލާން ބުނެލިއެވެ. “އޯކޭ.. ޔޫ ބެޓާރ ރެސްޓް..” ޔޫނީން ބުނެލިއެވެ.

“ކުއްލިއަކަށް މީޓްވާން ބުނީ ކީއްވެ؟” ކައިނާ އަހާލިއެވެ. ޒައިނާން ބަހެއް ނުބުންޏެވެ. އެއްދިމާލަކަށް ގެއްލިފައި އިނީއެވެ. “އޭއި.. ކީއްވީހޭ؟” ކައިނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. ޒައިނާން ސިހުނެވެ. “ކައި.. އަހަރެންނަކަށްވެސް މިއީ އެހާ ފަސޭހަ ޑިސިޝަނެއް ނޫން.. އެކަމަކު އަހަރެން ދާން އެބަޖެހޭ ކުޅުދުއްފުއްޓަށް ހަމަސް ދުވަހަށް..” ޒައިނާން ބުނެލިއެވެ. “ހަހަހަ.. ދޮގު ހަދަނީ ދޯ” ހެނމުން ހެނމުން ކައިނާ ބުނެލިއެވެ. “އޭއި.. ސީރިޔަސް ކޮށް އިނގޭ.. ގެސްޓްހައުސް ޕްރޮޖެކްޓަކަށް..” ޒައިނާން ސީރިޔަސް ގޮތަކަށް ބުނެލިއެވެ. “އޭނނނ.. ނާނުއަށް އުޅެވޭނެ އެކަހަލަ ކަޓު ރާއްޖެތެރެ ރަށްގަނޑެއްގައި ހަމަސް ދުވަސް ވަންދެން؟؟” ކައިނާ ރުޅިއައިސްގެން ތެދުވިއެވެ. “އަނެއްކާ އެންމެ މަހެއް ނޫން.. ހަ މަސް.. ދެން އޭގެ މާނައަކީ އެ ހަމަސް ދުވަހު އަހަރެމެންނަށް މީޓެއް ނުވެވޭނެޔޭ ދޯ؟” ކައިނާގެ އަޑު ދިޔައީ ބާރުވަމުންނެވެ. “ކައި ޕްލީސް އަންޑަސްޓޭންޑް..” ޒައިނާން ބުނެލިއެވެ. “ދެން އެރަށަށް ގޮއްސަ އެހެން އަންހެން ކުއްޖަކާ މެރީކޮށްގެން ނާނު އަންނާނީ.. އޭރުން އަހަރެންނަށް ނާނު އެއްކޮށް ގެއްލުނީ..” އޭނާގެ ހިތުގައި އޮތް ބިރު ކައިނާ ހާމަކޮށްލިއެވެ. ޒައިނާނަށް ހެވުނެވެ. “އަހަރެން ވައުދުވަން.. އެއްވެސް އަންހެންކުއްޖަކާ ދިމާލަށް އެގޮތަށް ބަލައިވެސް ނުލާނަން.. ޔޫ އަރ އޮންލީ މައިން.. އެންޑް އައިމް އޮންލީ ޔުއަރސް.. ޕްރޮމިސް..” ކައިނާގެ އަތާއި އަތް ޖަހާލަމުން ޒައިނާން ބުނެލިއެވެ. ފަނޑު ހިނިތުންވުމެއް ކައިނާގެ ތުންފަތަށް ވެރިވިއިރު އެދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. “ވަރަށް މިސްވާނެ.. ގިނަގިނައިން ގުޅައްޗެ..” ކައިނާ ބުނެލިއެވެ. “އާނ.. ދެވުނީމަ ގުޅާނަން..” ޒައިނާން ކައިނާގެ ގައިގައި ބައްދާލަމުން ބުންޏެވެ.

ފަހަރަކު އެއްޗެއް ދަބަހަށް ލަމުން ގެންދިޔަ ޒައިނާންގެ މޫނުމަތިން ފާޅުވަމުންދިޔައީ ފޫހިކަމެވެ. ހުރިހާ އެއްޗެއް ދަބަހަށް އަޅާ ނިންމުމަށްފަހު ގަޑި ބަލާލިއިރު ދިހައެއް ޖަހަން ފަނަރަ މިނެޓެވެ. އޭނާ މަންމައާއި ބައްޕައާއި ސަލާމްކޮށްފައި ނުކުތްއިރު ކާރު ބޭރުގައި މަޑުކޮށްގެން އޮތެވެ.

ފަސް ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ކުޅުދުއްފުށި ބަނދަރަށް ލޯންޗް ގާތް ކުރިއެވެ. އެއާއެކު ޒައިނާންގެ މޫނުގައި ބީހިލީ ފިނި ވައިރޯޅިއެކެވެ. އޭނާއަށް ވީ އަރާމަކުން ދެލޯ މަރާލެވުނެވެ. އަބަދުހެން ކަންފަތް ކައިރީ އިވެމުންދާ ވެހިކަލްގެ އަޑުތައް މާހައުލުން ކެނޑިފައިވާތީ އާދަޔާއި ހިލާފު ހަމަޖެހުމެއް އެހިތަށްވެސް ލިބިފައިވެއެވެ. ޒައިނާން ހީކުރިހާ ‘ކަޓެއް’ އެރަށް ނުވިއެވެ. “އައްސަލާމް އަލައިކުމް.. ޒައިނާން ދޯ؟” ޒައިނާންގެ ކައިރީ ހުއްޓިލި މެދު  އުމުރުގެ ފިރިހެން މީހާ އަހާލިއެވެ. ވަށައިގެންވާ މާހައުލުގައި ހިނގަމުންދިޔަ ކަންތައްތަކަށް ގެއްލިފައިހުރި ޒައިނާންއަށް ލިބުނީ ސިހުމެކެވެ. “ލައްބަ..” ޒައިނާން ބުނެލިއެވެ. “އާދޭ ބޭބެއާއިއެކީ. ބޭބެއަކީ އާމިރު.. ޒައިނާން ބައްޕަގެ ރައްޓެއްސެއް” އާމިރު ބުނެލިއެވެ. “މިއޮއް ގަދަ ހޫނުގައި ހިނގާފަ؟” ޒައިނާންއަށް މަޑުމަޑުން ބުނެލެވުނެވެ. “އެއްޗެއް ބުނިންތަ؟” އާމިރު އަހާލިއެވެ. “ނޫން.. ނުބުނަން..” ޒައިނާން ބުނެލިއެވެ. “މިތާ ވަރަށް ކައިރިވާނެ ގެ.. އެހެންވެ ހިނގާލާފަ މިދަނީ..” އާމިރު ބުނެލިއެވެ. ޒައިނާން ހޫމްއެއް ލައްވާލިއެވެ.

ހިނގަމުންދިޔަ އާމިރުއަށް ފޯނެއް އައުމުން އޭނާ މަޑުޖެހިލިއެވެ. “ޒައިނާން ދޭ އިނގޭ ގެއަށް..ހުރި ސީދަލަށް ދާއިރު ހުންނާނެ ދެބުރިއަށް ނަގާފަ ފެހި ކުލަ ލާފައި ހުރި ގެއެއް.. އެގެއަށް ދާންވީ އިނގޭ.. ބޭބެއަށް ދެން ހުރެވޭކަށްނެތް މިވަގުތު.. ކަމެއް ޖެހިގެން މިދަނީ.. މައްސަލައެއް ނެތް ދޯ؟” އާމިރު އަހާލިއެވެ. ޒައިނާން ބޯ ޖަހާލިއެވެ. މަޑުމަޑުން ހިނގާލާފައި ޒައިނާންއަށް އެގެއާއި ހިސާބަށް ދެވުނެވެ.

ޔޫނީން ފެންވަރާލައިގެން ނުކުމެ ރީތިވެލީ ލައިރާ އެގެއަށް އަންނާށޭ ބުނީތީއެވެ. “ކޮންތާކަށް މިހާރު ތިޔަދަނީ.. ގެއަށް މެހެމާނެއް އަންނައިރު ގޭގައި މަޑުވެލިއްޔާ ކީއްތަ ވާނީ؟” ހަސްނާ ޔޫނީންއާއި ދިމާލަށް ލޯއަޅާލަމުން ބުނެލިއެވެ. “މަންމާ ލައި ގުޅާފައި ބުނީމައޭ.. ދެން މެހެމާނެއް އައިއްޔާ އަހަރެންނަށް ކީއްތަ؟” ތުންދަމާލަމުން ޔޫނީން ބުނެލިއެވެ. “ހޫން.. މިހާރު ތިނެއް އިނގޭ އެޖެހީ.. ލަސްނުވެ އަންނާތި ގެއަށް..” ހަސްނާ މިހެން ބުނެ އެތެރެއަށް ވަނެވެ. “ޕިސްޕިސް.. ވަރުގަދަ މަންމައެއް މީ.. އަހަރެން ކުރާ ހުރިހާ ކަމަކަށް ގޮތް ކިޔާނެ..” ކުދިކިޔާލަމުން ޔޫނީން ފައިވާނަށް އެރިއެވެ. ދުވެލާފައި ގޮސް ދޮރޯށި ހުޅުވާލި ޔޫނީން މަތަވީ މީހެއްގެ ގައިގައި ޖެހިފައެވެ.

ގޭގެ ދޮރޯށި ހުޅުވާލިތަނާ ޒައިނާންގެ ގައިގައި ލައިގަތީ ކޮންމެވެސް މީހެކެވެ. އެކުއްޖާ ވެއްޓެން ދިޔަ ވަގުތު ޒައިނާނަށް އެކުއްޖާގެ ގައިގައި ހިފަހައްޓާލެވުނެވެ. އެކުއްޖާގެ ފުންކަނޑެއްފަދަ ދެލޮލަށް ގެއްލިފައި ޒައިނާންއަށް އޮވެވުނީއެވެ. އޭގެ ދެވަނަ ސިކުންތުގައި ކަމެއް ހަނދާންވީ ފަދައަކުން އެކުއްޖާގެ ގައިގައި ވަށާލެވިފައިވި އޭނާގެ އަތް ދޫކޮށްލެވުނެވެ.

ވެއްޓެން ދިޔަ ވަގުތު މީހަކު ޔޫނީންގެ ގައިގައި ހިފަހައްޓާލިކަން އެނގުނެވެ. އެ ފިރިހެން ކުއްޖާގެ އާންމުކޮށް ނުފެންނަ ފެހި ކުލައިގެ ދެލޮލަށް ގެއްލިފައި ޔޫނީނަށްވެސް އޮވެވުނީއެވެ. “އައްދިއްޔޯއި..” ބިންމައްޗަށް ވެއްޓުމާއެކު ޔޫނީންއަށް ބުނެލެވުނެވެ. ހަމަ ރަނގަޅަށްވެސް އޭނަގެ ބުރަކަށްޓަށް ތަދުވެއްޖެއެވެ. “އޭއި.. އަހަރެންގެ ގާލް ފްރެންޑެއް ހުރޭ އިނގޭ..” ޒައިނާންއަށް އެންމެ ފުރަތަމަވެސް ބުނެލެވުނީ އެހެންނެވެ. “ދެން އަހަރެންނަށް ކީއްތަ؟ ދެލޯ ނިތްކުރިއަށް ލައިގެންތަ ތިޔަ ހިނގަނީ.. ތަނެއް ބަލާލުމެއްވެސް ނޯވޭ ދޯ..” ޔޫނީންވެސް ޒައިނާން ބުނި ރާގުގައި ބުނެލިއެވެ. “އޭއި.. އަހަރެން އެކަންޏެއް ނޫން.. ތިކުއްޖާއަށް ލޮލެއް ދެއްވާފައި އިންނަނީ ތަންތަން ބަލާކަށް ނޫންތަ؟”ޒައިނާން ރުންކުރު ގޮތަކަށް ބުނެލިއެވެ. “ނޫން.. އަހަރެންނަށް ލޮލެއް ދެއްވާފައި ވަނީ ފެންނަހާ އެއްޗަކަށް ބަލާކަށް ނޫން..” ޔޫނީން ބުނެލިއެވެ. ޔޫނީން ބުނެލި އެތިން ޒައިނާން ކުޑަކޮށް ރަކިވާގޮތް ވިއެވެ. “ތަން ދައްކާ.. އަހަރެން ދާންވެއްޖެ.” މޫނުމަތިން ފޫހިކަން ދައްކާލަމުން ޔޫނީން ބުނެލިއެވެ. ޒައިނާން ދޮރުމަތިން ދުރުވުމުން ޔޫނީން ބޭރަށް ނުކުތެވެ.

“ޔަގީނޭ އެއީ މާލޭ މީހެއްކަން.. ހާދަ ފޮނި މީހެކޭ..” ޔޫނީން ބުނެލިއެވެ. ކަމެއް ހަނދާންވީ ފަދައަކުން ޔޫނީންގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. “ނޫން.. އެއީބާ މަންމަ އެބުނި މެހެމާނަކީ.. އޮހް ނޯ.. ސިކްސް މަންތް ވަންދެން ހުންނާނީ އަހަރެމެން ގޭގަޔޯ” ޔޫނީންއަށް އޭނާގެ ބޮލުގައި އަތުން ޖަހާލެވުނެވެ.

“ހުހް.. މިރާއްޖެތެރެ ކުދިންގެ ފޮނިކަން.. ކިރިޔާ މުއްސަނދި ކަމެއް ލިބޭއިރަށް ތިބޭނީ ފޮނިވެފަ..” ޒައިނާން ކިޔާލިއެވެ. ޒައިނާން ސަލާން ގޮވާލުމުން އެތެރެއިން ހަސްނާ ސަލާން ބަލައިގަތެވެ. “ތިޔަ އައީ ދޯ.. ވަދޭ އެތެރެއަށް.. މިގޭގައި ނޫޅޭނެ މާ ގިނަ މީހުންނެއް..ދައްތަ އާއި ބޭބެއާއި ދެން ދައްތަގެ ތިން ދަރިން ތެރެއިން ދެކުދިން އުޅޭނީ މިގޭގައި.. އަނެއްކުއްޖާ ވީ ބޭރަށް ކިޔަވަން ގޮސް.. ދިމާވިތަ ދެންމެ ކުއްޖަކާ؟ އެއީ ދައްތަގެ ދެވަނަ ދަރިފުޅު..” ހަސްނާ ހުރިހާ އެއްޗެއް ކިޔައިދިނެވެ. “އާނ.. ދިމާވި.. ވަރެއްގެ ކުއްޖެއްތާ ދޯ ތިޔައީ.. ފޮނިކަމުގެ އިންތިހާ..” ޒައިނާން ހިތާހިތާ ކިޔާލިއެވެ. “ޒައިނާން..” ހަސްނާ ގޮވާލިއެވެ. “އާނ އާނ.. ދިމާވިއޭ..” ޒައިނާން ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ގެނުވަމުން ބުނެލިއެވެ. “ދެން ހިނގާ ކޮޓަރި ދައްކާލާނަން..” ހަސްނާ މިހެން ބުނެ އެރީ މައްޗަށެވެ.

“ލައީ.. އޭނަ ދެން ހަމަސް ވަންދެން އުޅޭނީ އަހަރެމެން ގޭގައޭ.. އަހަރެން ކިހިނެއް އެކަހަލަ ފޫހިގަނޑަކާއި އެކީ އުޅޭނީ.. އަނެއްކާ އޭނައަށް ދިނީވެސް އަހަރެމެން ކޮޓަރީގެ ކުރިމައްޗަށް ހުންނަ ކޮޓަރި..” ޔޫނީން އެއްނޭވާއިން އެހުރިހާ އެއްޗެއް ކިޔާލިއެވެ. ލައިރާ ފާޑަކަށް ހިނި އައިސްފައި ޔޫނީންއާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. “އޭއި ކާމް ޑައުން.. ހިނގާބަލަ އޭނައަށް ލަނޑެއް ދޭން.. އޭރަށް އެނގިދާނޭނުން ޔޫންގެ ވަރެއްވެސް.. މާލޭ މީހުންނާއި ބަލާފަ ރާއްޖެތެރެ މީހުންވެސް ވަކި ދެރައެއް ނުވާނެކަން އަންގާލަބަލަ ދޯ..” ލައިރާ ބުނެލިއެވެ. އެތައް އިރަކު ޒައިނާންއަށް ދޭނެ ލަނޑަކާއިމެދު މަޝްވަރާކުރަން ދެއެކުވެރިން ތިއްބެވެ.

މެންދުރުފަހު ތިނެއް ޖަހަނިކޮށް އޮށޯތް ޒައިނާންއަށް ހޭލެވުނީ ރޭގަނޑު އަށެއްވެސް ޖެހިފަހުންނެވެ. ފޯނަށް ކައިނާގެ ވިއްސަކަށް ކޯލް އައިސްފައި އިންތަން ފެނި ޒައިނާންއަށް ބޯ ހޫރުވާލެވުނެވެ. ޒައިނާން ކައިނާއަށް ގުޅުމުން ކައިނާ ފޯނު ނެގިއެވެ. “މިހާ އަވަހަށް އަހަރެން މަތިން ހަނދާން ނައްތާލީނު ދޯ.. އަހަރެންނަށް އެނގެޔޭ ތިކަހަލަ މީހުންގެ ގޮތް..” ކައިނާ ބުނެލިއެވެ. “ހަނދާން ނައްތާލީކީ ނޫން.. ރޭގައިވެސް އޮފީސް ވޯކެއް ހަދަން އިނދެފައި ނިދުން އިރު ފަތިސް ވެއްޖެ.. އަނެއްކަ މިއަދު އެހާ ހެނދުނާ ދަތުރަށްދާން ތެދުވިން.. ދަތުރު ވަރުބަލިވެފައި ހުރީމަ ޖައްސާލިތަނާ ނިދުނީ.. ކައިނާވެސް ތަންކޮޅެއް އަންޑަސްޓޭންޑް ވާން ވެއްޖެ ކަންނޭނގެ.. ޓްރަސްޓެއް ނުކުރެވެންޏާ އަހަރެންނަށް ކިހިނެއް ދެން ކައިނާއާއި އެކީ އުޅޭނީ..” ރުޅިއައިސްފައި ޒައިނާން ވާހަކަ ދެއްކިއެވެ. “ސޮރީ.. ވަރަށް ވޮރިޑް ވެފައި ހުރީ.. އެހެންވެ މާބޮޑަށް ރުޅިއާދެވުނީ.. އައި ޕްރޮމިސް އިޓް ވިލް ނޮޓް ހެޕެން އަގެއިން..” ކައިނާ ބުނެލިއެވެ. ދެމީހުން އެތަކެއް ވާހަކަތަކެއް ދެއްކުމަށްފަހު ފޯނު ބޭއްވިއެވެ.

“ޔޫނީން.. ޔޫނީން.. އަދި އަޑު އިވޭކަމަށްވެސް ނުހަދާނެ..” ހަސްނާ މޭޒު މައްޗަށް ކާތަށިތައް އަރުވަމުން ބުނެލިއެވެ. “ކީކޭ މަންމާ.؟” ތިރިއަށް ފައިބަމުން ޔޫނީން ބުނެލިއެވެ. “ޒައިނާން ކޮބައިތޯ ބަލާލަބަލަ.. ކާން އަންނާށޭ ބުނޭ..” ހަސްނާ ބުނެލިއެވެ. ބިންމަތީގައި ފައި ގާނަމުން އަރިއަކަށް ހިނގާފައި ޔޫނީން ގޮސް ޒައިނާންގެ ކޮޓަރީގައި ޓަކި ދިނެވެ.

ޒައިނާން ދޮރު ހުޅުވާލުމުން ޒައިނާންގެ މޫނަށް ފާޑެއްގެ ގޮތަކަށް ޔޫނީން ބަލައިލިއެވެ. އަދި ކުއްލިއަކަށް ހޭން ފެށިއެވެ. “އަހަރެން މިއީ ޖޯކެއްތަ؟” ޒައިނާން އަހާލިއެވެ. “އެހެންތާ އެވީ ދޯ..” ހިނިގަނޑު މަތަ ކޮށްލަމުން ޔޫނީން ބުނެލިއެވެ. “ކާން ދާށޯ މަންމަ ބުނީ.. އެހެން ބުނަން މިއައީ.. އެހެން ނަމަ ނުވެސް އައީމުސް..” އެންމެ ފަހު ޖުމްލަ އަޑު ނީވޭވަރަށް ޔޫނީން ބުނެލިއެވެ. “ހޫމް މިދަނީ..” ޒައިނާން ބުނެލިއެވެ.

ހެނދުނު ތަންކޮޅެއް އަވަހަށް ތެދުވަން ބައްޕަ ބުނެފައި އޮތުމުން ޔޫނީން ހެނދުނު 6 ޖެހިއިރު މިއަދު ހުރީ ހޭލައެވެ. ކޮފީ ތައްޓެއް ބޯން ހުއްޓާ ޒައިނާން އެތަނަށް އައެވެ. “ކޮފީއެއް ބޭނުން؟” ޔޫނީން އަހާލިއެވެ. ޒައިނާންއަށް ހައިރާންވެފައި ޔޫނީންއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. “އާނ ބޭނުން..” ޒައިނާން ބުނެލިއެވެ. ޔޫނީންގެ ތުންފަތަށް ވެރިވި ކާމިޔާބީގެ ހިނިތުންވުން ޒައިނާންއަށް ނުފެނުނެވެ. ކޮފީތައްޓެއް ހަދައިގެން އައިސް ޒައިނާންގެ ކުރިމަތީ ޔޫނީން ބެހެއްޓިއެވެ. ކޮފީތަށިން އެތިކޮޅެއް ބޯލެވުމާއެކު އެހާ އަވަހަށް އެ މޭޒުމަތީ ބެހެއްޓިއެވެ. އޭގައި ލީ ގަދަ ފޮނި ރަހައަކުން ޒައިނާންއަށް އޯކާ ދެމެވުނެވެ. “ކިހިނެއްވީ؟ ނުބައީތަ؟” ޔޫނީން ކަންބޮޑުވުމުގެ އަސަރުތައް މޫނުމައްޗަށް ވެރިކުރުވަމުން އަހާލިއެވެ. “ނޫނޭ.. ވަރަށް މީރު.. ތެންކްސް ފޯ ދި ކޮފީ..” ޒައިނާން ބުނެލިއެވެ.

“ދެން ހިނގާ ދޯ ތަންތަން ބަލާލަން ދާން..” ޔޫނީން ބުނެލިއެވެ. ޔޫނީން ބުނުމުން ދެކޮޅު ހަދަން ނުކެރިފައި ހުރެ ޒައިނާން ޔޫނީންއާއިއެކު ގެއިން ނުކުތީ އެހާ ދާހިތް ނުވެފައި ހުރެއެވެ. ޔޫނީން އެންމެ ފުރަތަމަވެސް ދިޔައީ ފުއްޓަރު ފަރާތަށެވެ. “އެއޮތީ ކޯއްޗެއްކަން އެނގޭތަ؟ އެއީ މޫދު އިނގޭ.. ދެން މިއުޅެނީ ބަރަވެލި.. މަތީގައި އުދުހިފައި އެއުޅެނީ ކާޅު.. ފެހި ކުލައިގައިގައި މިހުރި އެއްޗިއްސަކީ ގަސް..” ޔޫނީން ބުނެލިއެވެ. ޔޫނީންގެ އަޑުގައިވީ މަލާމާތް ޒައިނާންއަށް އެނގުނެވެ. ޔޫނީން އެއުޅެނީ ޖެއްސުމަށްކަން އެނގި ޒައިނާން އަޅައިވެސް ނުލާ ހުއްޓެވެ. މާ ނޫންކަމަށްހުރެ މާލޭ މީހުންނަށް އެކޮށްލީ މަލާމާތެއްކަން ޒައިނާނަށް އެނގުނެވެ. “ބިންމަތީގައި މިހިރީ ވެލި.. ދެން މިތާ އެހެރީ ގާ.. އެނގިއްޖެ ދޯ؟” ހިނިތުންވުމަކާއެކު ޔޫނީން ބުނެލިއެވެ. “ވަރަށް ބޮޑަށް އެނގިއްޖެ.. ޔޫނީން ނުބުނެދިން ނަމަ ނުވެސް އެނގުނީސް..” ހިނިތުންވެލަމުން ޔޫނީން ބުނި ރާގުގައި ޒައިނާންވެސް ބުނެލިއެވެ. ޒައިނާންއަށް މޫދު ކައިރި ރީތިވެގެން އެތަން ބަލާލަން ކައިރި ވެލިއެވެ. ޔޫނީން އޭނާގެ ފަހަތުން އަންނަމުންދާ ކަމެއް އޭނާ ނުދެނަ ހުއްޓެވެ. ޒައިނާން މޫދާއި ކައިރިވީ ވަގުތު ބަލައި ގައިހުރި ބާރެއްލާ ޒައިނާން މޫދަށް ވައްޓާލިއެވެ. އެކަމަށް ނުވިސްނާ ހުރި ޒައިނާންގެ ހަށިގަނޑު މޫދުގެ ފިނިފިނި ލޮނުގަނޑުގައި ޖެހުނެވެ.

Share Article

Follow Me Written By

Mohamed Naafiz

Level 1

Other Articles

Previous

ލޯބި_20

Next

ތިޔަ ލޯތްބަށް އެދެމޭ 2 – 25 (ފަހުބައި)

Next
August 1, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 25 (ފަހުބައި)

Previews
August 1, 2021

ލޯބި_20

3 Comments!

  1. Ryyn says:
    August 2, 2021 at 12:20 am

    Wow its so goodie ? Masha allah..

  2. Mohamed Naafiz says:
    August 2, 2021 at 2:14 pm

    Awww thankyou so much reenn ❤?

  3. Mal says:
    August 3, 2021 at 12:06 am

    Wow nice

Comments are closed.



All Right Reserved!