Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ދުލުން ބަޔާން ކުރަން ދަތިވެއްޖޭ…

Elyy Level 1
July 28, 2021 2 Mins Read
0 Comments

ގިނަ ރޭރޭ އޮފީހުން ނިމިގެން އީނާއަށް ގެއަށް އާދެވެނީ އިޝާނަމާދުގެ ފަހުންނެވެ. މިރޭވެސް އޭނާއަށް ގެއަށް އާދެވުނީ އާދައިގެމަތީން ވަރަށް ލަސްވީ ފަހުންނެވެ. ވަރުބަލިވެފައި ހުރިވަރުން އަވަހަށް އޮށޯތި ފަތިހު ހޭލުމަށް ނިޔަތްގަނެގެންނެވެ. ނަމަވެސް ކުއްލިއަކަށް ކުރެވެން ފެށި ހިޔާލުތަކެއް ނިދި މާ ދުރަށް ފޮނުވައިލިއެވެ. ހިތަށް ސިފަވީ އައި މަގުމަތީގައި ފެނުނު މަންޒަރެވެ. އަޅާލާނެ ޔާރެއް އިޔާރެއްނެތި މުޅި ދުނިޔެއަށް ބާކީވެ ގިނަވުމަކީ ދުނިޔެ މަތީގައި އިންސާނަކަށް ކުރިމަތިވެދާނެ އެންމެ ބޮޑު އެއް ހިތާމައެވެ. އީނާގެ ހިތުގައި ރަސްކަން ކުރަމުންދިޔަ ހިޔާލުގެ މިސްރާބު އަނބުރާލީ އެ ރީތި ޒުވާނާއަށެވެ. މާޒީގެ ހަނދާންތައް އީނާގެ ލޯމަތީ ސިފަވާން ފެށިއެވެ.

އިޒާނަކީ  ޒުވާން ސަފުގައި އެންމެ ކުރީގަ އުޅުނު މީހެކެވެ. އީނާ އަކީ އިޒާންގެ ލޮލުގައިވާ ފެހިކުލައިގެ ވިދުމުގައި ޖެހުނު ޒުވާން އަންހެން ކުއްޖެކެވެ. އީނާ އާ އިޒާން ކައިވެންޏަށް އެދުންވީ އީނާއަށް ދުނިޔޭގައި އިވޭނެ ކަމަށް ކުރި އުންމީދުގެ ނިމުމެވެ. ވިސްނުމާ ހިޔާލުތައް އެއްކައިރި ކޮށްލުމަށްފަހު ކައިވެންޏަށް އާބަސް ބުންޏެވެ. އަލަތު ކައިވެނި އިޒާން އާ ކުރުންވީ އީނާގެ ހަޔާތުގެ އުއްބައްތީގެ ހުޅުކޮޅު ރޯވިކަމަކަށެވެ. ދުނިޔެ ހިނގާނީ ތޮށަލި ދުޅަޔަށޭ ބުނާ ބީދައިން ދިރިއުޅުމަށް އައި ގުޑުންތަކެއް އަންނަންފެށީ ކައިވެންޏަށް ދެތިން މަސް ވީފަހުންނެވެ. އިޒާން ގެ ދިރިއުޅުމަށް ތަފާތު ބަދަލުތައް އަންނަން ފެށި ހިސާބުންނެވެ. އިޒާން ވަޒީފާއަށް ދާންފެށި ހިސާބުންނެވެ.

އިޒާންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ އިތުރުން އޭނާގެ އަމިއްލަ ނަފްސުވެސް އީނާ އަށް އޮޅުވާލީއެވެ. އޭނާ ކުރާ މަސައްކަތެއް ބުނެ ނުލައެވެ. އީނާއަށް އިޒާން ބޭވަފާތެރިނުވާނެކަން ޔަގީން ކުރެވުންވީ އީނާއަށް ކުރެވުނު އެންމެ ބޮޑު ކުށެވެ. އިޒާން މަސައްކަތް ކުރާ އޮފީހުގެ ‘ ކެބިން’ ގެ ތެރޭގައި އުޅޭ އަންހެން ކުއްޖާގެ ގުޅުން ބާއްވަންޖެހޭ ވަރަށްވުރެ ވަރުގަދަ ގުޅުމެއް އޮންނަކަން އެނގުނު ވަގުތުވީ އީނާގެ ދިރިއުޅުމަށް އައި ބޮޑު ޒަލްޒަލާއަކަށެވެ. ބަގީޗާ އެއްގައި ފޮޅިފައިވާނީ އެންމެ މަލެއް ނޫނެވެ. އެހެނަސް ފެންނަ ކޮންމެ މަލަކުން ފޮނި ބޯކަށް ނުޖެހެއެވެ. މަދުމަދުން ނަމަވެސް ގެވެށި އަނިޔާ ކުރުމުގެ ސަބަބުން އީނާއަށް ވަނީ ފިލައިގެންނުދާފަދަ ތަދުތަކާއި ލަކުނުތައް ހަށިގަނޑުން ފިލާނުގޮއްސައެވެ.

އީނާ ވަރިއަށް އެދުނީ ސަބަބެއް ނެތި އެއް ނޫނެވެ. ނަމަވެސް އިޒާން މިކަމަށް ދިނީ ބީރު ކަންފަތެކެވެ. އޭގެ ބަދަލުގައި ދެން ކުރަންފެށި ކަމަކީ އެ އަންހެން ކުއްޖާ ގެއަށް ގެނައުމެވެ. އީނާގެ ހިތް ރޮއްވުމެވެ. މަސްތުގެ ހާލުގައި ހުރެއެވެ. މި ކަންތައް ތަކަށް ނިމުމެއް އައީ ފުލުހުން ކުރި ‘ އޮޕަރޭޝަނަނެއްގެ’ ސަބަބުންނެވެ. އީނާ ކޯޓަށް ގޮސް އަމިއްލައަށް ވަރިވީއެވެ. ދެ މަހުގެ ގޭ ބަންދު ކުރުންވީ އިޒާނަށް ގެއްލިފައިވާ ހިތައް އަލިކަން ލިބުނު ކަމަކަށެވެ. ކޯޓުގެ ފަރާތުން ދެވުނު ނަސޭހަތުގައި އޭނާ ހިފިއިރު އޭނާގެ އެތެރެހަށީގެ ހާލެއް ނޭނގެއެވެ. ކުށެއްގެ އަދަބު ދުނިޔެމަތީ ދައްކަވާނެކަން މިއަދު އިޒާނަށް ވިސްނުނެވެ. ‘ އެއިޑްސް’ ބަލީގެ ޝިކާރާގައި އިޒާން ހައްޔަރުވިއެވެ. ހަޔާތުގެ އެންމެ ފަހު ދުވަސްތައް ގުނަން ފަށަން ޖެހުނެވެ.

އޭގެ ފަހުން އިޒާން އުޅެމުން އައި ގެޔަކީ ވެސް ރައްޔިތުންގެ ހޮޅުއަށި ނޫނީ ދަތުރު ހިޔާއެވެ. އީނާ ގާތު މާފަށް އެދުނު ދުވަސް މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. މީހެއްގެ ހިތް މަރުވާ ވަރުވެއެވެ. އިޒާން ކުރި އަނިޔާ އާ ބުނި ކޮންމެ ލަފްޒެއްވީ އީނާގެ ހިތައް ހެރުނު ތޫނު ހަންޖަރެއް ކަމުގައި ބުންޏެވެ. އެހެން ނަމަވެސް އީނާ އިޒާނަށް މާފް ކުރިއެވެ. މާފު ކުރުމަކީ މާތް ސިފައެކެވެ. ކޮންމެ އިންސާނަކަށްވެސް ކުށް ކުރެވޭނެއެވެ. އެމީހަކު އެ ކުށަކުން ބަރީއަވެ އެހެން މީހުން ގާތު މާފަށް އެދެނީއެވެ. މިއީ އީނާ ލޯބިވި އިޒާނެވެ.

އިޒާންގެ ހަޔާތުގެ އެންމެ ފަހު ފަތް  ވެއްޓޭން އުޅޭކަމުގެ އިހުސާސް ކުރެވުނެވެ. އެންމެންގެ އެއްބާރުލުމާއި ލޯބި ބޭނުންވެއެވެ. އެ ފަކީރު ނިމިދަނީއެވެ. ކޮންމެ ނަމާދަކަށް ފަހު ކުރާ ދުޢާ ތަކާއި އޭނާގެ ލޮލުން އޮހޮރޭ ކަރުނަޔާއި ފުން އިހުސާސްތައް ދެނެ ވޮޑިގަންނަވާނީ މާތް ﷲ އެވެ. އީނާ ވެސް އިޒާނަށްޓަކައި ދުޢާ ކުރަނީ ކިހާ ހިތްތިރި ކުއްޖަކަށް ވީމަނޫން ހެއްޔެވެ؟ ދަމު ނަމާދަށް ތެދުވެ ވެސް ދުޢާ ދަންނަވައެވެ.

މާޒީގެ ދޮރުފަތް ލެއްޕުނީ ދަރިފުޅާ އޭ ކިޔާ ގޮވާލި އަޑަށެވެ. ލޮލުގައި ރަސްކަން ކުރަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު މަންމަ ގާތަށް އެނބުރުނީ ހިތްގައިމު ހިނިތުންވުމަކާ އެކުގައެވެ. މަންމަ ލޯބިން އައިސް ބައްދާލިއެވެ. ދަރިއެއްގެ ޝުޢޫރުތަކާ އިހުސާސްތައް އެނގޭ މަންމައެއް ހުރުމަކީ ހާދަ އުފާކުރާ ކަމެކެވެ. ލިބޭ ކޮންމެ ހިތްދަތި ކަމެއް ފޫބައްދައިދެނީވެސް  ހަމަ އެ މަންމަ އެވެ. މިއީ އިބުރަތްތެރި ހާދިޘާއެކެވެ. އިމްތިހާނުތަކަށް ކެތްތެރިވާށެވެ.

(ނިމުނީ )

Share Article

Follow Me Written By

Elyy

Level 1

Other Articles

Previous

ހިތުގެ ޝަކުވާ… 19

Next

ނަފްރަތުން ވެވުނު ލޯބި 2 – 1

Next
July 28, 2021

ނަފްރަތުން ވެވުނު ލޯބި 2 – 1

Previews
July 28, 2021

ހިތުގެ ޝަކުވާ… 19



All Right Reserved!