Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

ޔޫސުފުގެފާނު ވާހަކަ: ޤުރްއާނުގައިވާ އެންމެ ރީތި ވާހަކަ 06

Ali Ihsaan Level 210 Stories100 Login
July 14, 2021 5 Mins Read
0 Comments

ތިންވަނަ ފަހަރު މިޞްރަށް

ޔަޢުޤޫބުގެފާނު އެދިވަޑައިގަތުމުގެ ދަށުން، އެކަލޭގެފާނުގެ ދަރިދަރިކަލުން، ޔޫސުފުގެފާނާއި، ބިންޔާމީންގެ ޚަބަރެއްވޭތޯ ބެއްލެވުމަށް ތިންވަނަ ފަހަރަށް މިޞްރަށް ވަޑައިގެންނެވިއެވެ. މި ފަހަރުވެސް އެބައިމީހުން ވަޑައިގެންނެވީ ތަދުމަޑުކަމުގެ ސަބަބުން ގޮވާމުގެ ބާވަތްތައް ގަތުމުގެ ބޭނުމުގައިވެސް މެއެވެ. އެބޭކަލުން މިޞްރަށް ވަޑައިގެން، މިޞްރުގެ މާލީވަޒީރު ޔޫސުފުގެފާނާ މުޚާތަބު ކުރައްވައި ދެންނެވިއެވެ. [އޭ އަލްޢަޒީޒު އެވެ! ތިމަންމެންނަށާއި، ތިމަންމެންގެ އަހުލު ވެރިންނަށް ތަދުމަޑުކަން ޖެހިއްޖެއެވެ. ތިމަންމެންއައީ، ދެރަ މުދަލަކާއިގެންނެވެ. ފަހެ، ތިމަންމެންނަށް ފުރިހަމަގޮތުގައި މިނެދެއްވައި، ތިމަންމެންނަށް ޞަދަޤާތް ކުރައްވާށެވެ! ހަމަކަށަވަރުން، ޞަދަޤާތް ކުރާ މީހުންނަށް اللَّه (ހެޔޮ) ޖަޒާދެއްވާނެތެވެ.]

ޔޫސުފުގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުންނަށް ނޭނގިތިބި ޙާލު ، ޔޫސުފު ގެފާނަށާއި، އެކަލޭގެފާނުގެ އަޚާ އަށް ތިޔަބައިމީހުން ކުރިކަންތައް ތިޔަބައިމީހުން ދެނެތިބީމުހެއްޔެވެ؟] ޔޫސުފުގެފާނު މިހެން ވިދާޅުވުމުން އެބައިމީހުންނަށް ކުއްލި ޙައިރާންކަމަކާއި، ސިހުމެއް ލިބިވަޑައިގެން ދެންނެވިއެވެ. [ހަމަކަށަވަރުން، ތިޔައީ ޔޫސުފުގެފާނު ތޯއެވެ؟] ޔޫސުފުގެފާނު ވިދާޅުވިއެވެ. [އަހުރެންނަކީ، ޔޫސުފުގެފާނީމެވެ. އަދި މިއީ ތިމަންކަލޭގެފާނުގެ އަޚާއެވެ. ހަމަކަށަވަރުން، اللَّه ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންފިއެވެ. ހަމަކަށަވަރުން، ތަޤުވާ ވެރިވެ ކެތްތެރިވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިޙްސާންތެރިންގެ ދަރުމަ، اللَّه ގެއްލެނި ނުކުރައްވާނެތެވެ.]

މިހާރު މިޞްރުގެ ޢަޒީޒަކަށް ވެވަޑައިގެން ހުންނެވީ، މީގެ އެތައް ޒަމާނެއް ކުރީން، އެބައިމީހުން ވަޅެއްގެ ތެރެއަށް އެއްލައިލެއްވި އެބައިމީހުންގެ އަޚު ޔޫސުފުގެފާނުކަން އެނގިވަޑައިގެން އެބައިމީހުން ވަރަށް ލަދުފުޅުގެން ވަޑައިގެންނެވިއެވެ. ހަމައެހެންމެ، އެބައިމީހުންނަށް ކުރެވުނު ކުށުގެ ބޮޑުކަން އިހުސާސުވެވަޑައިގެން ދެންނެވިއެވެ. [ اللَّه ގަންދީ ބުނަމުއެވެ. ހަމަކަށަވަރުން، اللَّه ތިމަންމެންގެ މައްޗަށް ކަލޭގެފާނު މަތިވެރިކުރައްވައި، މާތްކުރެއްވިއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވަނީ، ކުށްވެރިން ކަމުގައެވެ.]

ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނާ ނުހަނު ތަނަވަސް ހިތްޕުޅަކާއިގެން ކުރިމަތިލައްވައި ވިދާޅުވިއެވެ. [މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް اللَّه ފާފަފުއްސަވާށިއެވެ! އަދި އެކަލާނގެއީ، ރަޙްމަތް ލައްވާ އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މި ގަމީސްކޮޅާއިގެން ދާށެވެ! އަދި ތިމަންކަލޭގެފާނުގެ ބައްޕާގެ މޫނުފުޅުމައްޗަށް އެ ގަމީސްކޮޅު އެއްލާށެވެ! އޭރުން ލޮލަށް ފެންނަމީހަކު ކަމުގައި އެކަލޭގެފާނު އަލުން ވެވަޑައިގެންފާނެތެވެ. އަދި ތިޔަބައިމީހުންގެ އަހުލު ވެރިންގެ އެންމެން ގޮވައިގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!]

ދެން އެބައިމީހުން، މިޞްރުގެ ޢަޒީޒު ސަލާމްލެއްވި ޔޫސުފުގެފާނު ދެއްވި ގަމީސްކޮޅު ހިއްޕަވައިގެން، ކަންޢާނުގެ ބިމަށް ދަތުރުފުޅު ފެއްޓެވިއެވެ. ހަމައެވަގުތުމެ، އަރަހުށި މާތްﷲ ގެ ކަށަކުޅަދުންވަންތަކަމުގެ ސަބަބުން، ޖެހިގެން ދިޔަ ވައިރޯޅިއަކުން ޔަޢުޤޫބުގެފާނަށް ޔޫސުފުގެފާނުގެ ވަސްފުޅު ދުވިއެވެ. ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އަހުލުވެރިންނަށް ވިދާޅުވިއެވެ. [ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ޔޫސުފުގެފާނުގެ ވަސް އެބަދުވައެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނު މޮޔައަކަށް ނަހަދާނެނަމައެވެ.]

ކޮންމެއަކަސް ސަލާމްލެއްވި ޔަޢުޤޫބުގެފާނުގެ މިދެންނެވި އަޖާއިބު ކުރުވަނިވި، ބަސްފުޅުތައް އިވިވަޑައިގަތުމުން، އެކަލޭގެފާނުގެ އަހުލުވެރިން ހީފުޅު ކުރެއްވީ އެކަލޭގެފާނުގެ މުސްކުޅިފުޅުކަމުގެ ސަބަބުން ބުއްދިފަސްވެ ދިޔައީ ކަމަށެވެ. އެބައިމީހުން ދެންނެވިއެވެ. [اللَّه ގަންދީ ބުނަމުއެވެ. ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ކުރިންވެސް ކަލޭގެފާނު ހުންނެވި ކުށް ޚިޔާލުގައިކަން ކަށަވަރެވެ.]

ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [ޤާފިލާ މިޞްރުން ފުރިތަނާ ޖެހުނު ވައިރޯޅިއެއް، ސަލާމްލެއްވި ޔޫސުފުގެފާނުގެ ވަސްފުޅު ޔަޢުޤޫބުގެފާނުގެ އަރިހަށް ގެންގޮސް ދިނެވެ. އޭރު ސަލާމްލެއްވި ޔަޢުޤޫބުގެފާނު އުޅުއްވަމުން ގެންދެވީ މިޞްރާއި އަށްދުވަހުގެ ރާސްތާގެ ދުރުމިނުގައެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،201 ޞަފްޙާ}

ޤާފިލާ ދަތުރު ކުރަމުން އައިސް، ޔަޢުޤޫބުގެފާނު ދިރިއުޅުއްވަމުން ގެންދެވި، ގެކޮޅާ ހަމައަށް ފޯރުމުން އެތަނުން އެކަކު އައިސް ޔަޢުޤޫބުގެފާނު މޫނުފުޅުގެ މައްޗަށް ގަމީސްކޮޅު އެއްލަވައިލެއްވިއެވެ. އެ ގަމީސްކޮޅުގެ ބަރަކާތުން އަރަހުށި މާތްﷲ ޔަޢުޤޫބުގެފާނު ލޯފުޅުގެ ފެނުން ރައްދުކޮށް ދެއްވިއެވެ. އެހިނދު އެކަލޭގެފާނު ދަރިދަރިކަލުންނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. [ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް ހަމަކަށަވަރުން، اللَّه ގެ ޙަޟްރަތުން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާކަމަށް، ތިމަންކަލޭގެފާނު ވިދާޅެއް ނުވަންހެއްޔެވެ؟]

ދެން، ޔަޢުޤޫބުގެފާނު ދަރިދަރިކަލުން އެކަލޭގެފާނަށް ދެންނެވިއެވެ. [އޭ އަހުރެމެންގެ ބައްޕާއެވެ! ތިމަންމެންނަށް ތިމަންމެންގެ ފާފަތައް ފުއްސެވުމަށް، ކަލޭގެފާނު ދުޢާ ކޮށްދެއްވާށެވެ! ހަމަކަށަވަރުން، ތިމަންމެންވީ ކުށްވެރިން ކަމުގައެވެ.] ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށްއެދި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކުރައްވާހުށީމެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެއެވެ.]

ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގަތުން

ޔޫސުފުގެފާނުގެ އެދިވަޑައިގަތުމުގެ މަތީން، އެކަލޭގެފާނުގެ އަޚުން އެބޭކަލުންގެ ޢިއްޒަތްތެރި ބައްޕާފުޅާއި، އެބޭފުޅުންގެ ޢާއިލާއާގެން ކަންޢާނުގެ ބިން ދޫކުރައްވައި މިޞްރަށް ވަޑައިގަތުމަށްޓަކައި ދަތުރުފުޅު ފެއްޓެވިއެވެ. ޔޫސުފުގެފާނަށް އެކަލޭގެފާނުގެ އަހުލުވެރިން ވަޑައިގަންނަވާ ޚަބަރު ލިބިވަޑައިގަތުމުން އެބޭފުޅުންނާ އިސްތިޤުބާލު ކުރެއްވުމަށްޓަކައި، މިޞްރުގެ ރައްބޭރަށް ނުކުމެވަޑައިގަތެވެ.

މިޞްރުގެ ރަސްގެފާނު، ދައުލަތުގެ އެންމެހައި އަމީރުންނާއި، ކަމުވޮށިގެންވާ އެންމެހައި، މީސްތަކުން ޔޫސުފުގެފާނާއެކު، މާތްﷲ ގެ ނަބިއްޔާ ޔަޢުޤޫބުގެފާނަށް އިސްތިޤުބާލު ކުރެއްވުމަށްޓަކައި، ވަޑައިގަތުމަށް އެންގެވިއެވެ. ބުނެވޭ ގޮތުގައި، ޚުދު ރަސްގެފާނު އަމިއްލަފުޅަށް ޔަޢުޤޫބުގެފާނަށް އިސްތިޤުބާލު ކުރެއްވުމަށްޓަކައި، މިޞްރުގެ ރައްބޭރަށް ނުކުމެވަޑައިގެންނެވިއެވެ. އެބޭކަލުން މިޞްރަށް އާދެވުމާއެކު ޔޫސުފުގެފާނު ވިދާޅުވިއެވެ.

[اللَّه ގެ އިރާދަފުޅާއެކު، އަމާންކަން ލިބިގެންވާ حال ގައި، مصر އަށް ވެދެވަޑައިގަންނަވާށެވެ!]

އޭގެ އެތައް ޒަމާނެއް ކުރީން، ސަލާމްލެއްވި ޔޫސުފުގެފާނަށް ފެނިވަޑައިގެންނެވި ބަރަކާތްތެރި ހުވަފެންފުޅުގެ ތަޢުބީރު ފުރިހަމައަށް ތަމްސީލުވެވިގެން ދިޔައީ، މިޞްރުގެ ބިމުގައެވެ. މިކަން ބަޔާން ކުރައްވައި ޔޫސުފު ސޫރަތުގެ 100 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

وَرَفَعَ أَبَوَيْهِ عَلَى الْعَرْشِ وَخَرُّوا لَهُ سُجَّدًا ۖ وَقَالَ يَا أَبَتِ هَـٰذَا تَأْوِيلُ رُؤْيَايَ مِن قَبْلُ قَدْ جَعَلَهَا رَبِّي حَقًّا ۖ وَقَدْ أَحْسَنَ بِي إِذْ أَخْرَجَنِي مِنَ السِّجْنِ وَجَاءَ بِكُم مِّنَ الْبَدْوِ مِن بَعْدِ أَن نَّزَغَ الشَّيْطَانُ بَيْنِي وَبَيْنَ إِخْوَتِي ۚ إِنَّ رَبِّي لَطِيفٌ لِّمَا يَشَاءُ ۚ إِنَّهُ هُوَ الْعَلِيمُ الْحَكِيمُ ﴿١٠٠﴾

މާނައީ: [އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ މައިބަފައިކަލުން ތަޚްތަށް އުފުއްލެވިއެވެ. އަދި އެ އެންމެން އެކަލޭގެފާނަށް ކުރުނީސްކޮށް، ސަޖިދަ އަށް ތިރިވެގަތޫއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ބައްޕާއެވެ! ކުރިން ތިމަންނާއަށް ފެނިވަޑައިގަތް ހުވަފެނުގެ މާނައަކީ، މިއީއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، އެ ހުވަފެން ޙައްޤު ތެދެއް ކަމުގައި ލެއްވިއެވެ. އަދި ތިމަން ޖަލުން ނެރުއްވުމާއި، ތިމަންނާއާއި، ތިމަންގެ އަޚުން ންނާ ދެމެދު ޝައިޠާން އާ ނުބައިކޮށްފުމަށް ފަހުގައި، ބަދަވީން ދިރިއުޅުމުން ތިޔަބައިމީހުން ގެންނެވި ކަމާއި، މިހުރިހާ ކަމެއްގައި ތިމަންނާއަށް އެކަލާނގެ ރަނގަޅުގޮތް މެދުވެރިކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމަކަށް އޯގާވަންތަ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަންތަ ރަސްކަލާނގެއެވެ.]

މިދެންނެވި އާޔަތުގައި، ޔޫސުފުގެފާނުގެ މައިބަފައިންނޭ އޮތް ބަސްފުޅުގެ މުރާދަކީ އެކަލޭގެފާނުގެ ބަފައިކަލުންނާއި، މައިފުށުގެ ބޮޑުދައިތާފުޅު ކަމަށް ބައެއް މުފައްސިރުން ވިދާޅުވެފައިވެއެވެ. ނަމަވެސް، މުޙައްމަދު ބިން އިސްޙާޤާއި، އިބްނު ޖަރީރުއް ޠަބަރީ، ވިދާޅުވެފައިވަނީ އޭރު އެކަލޭގެފާނުގެ ޙަޤީޤީ މައިކަނބަލުންވެސް ދުނިޔޭގައި އިންނެވި ކަމަށެވެ. އަދި އިބްނު ޖަރީރު ވިދާޅުވެފައިވެއެވެ. [ޔޫސުފުގެފާނުގެ މައިކަނބަލުން އެކަލޭގެފާނު ތުއްޕުޅުއިރު އަވަހާރަވެފައިވާކަމަށް ދަލީލު ކުރާ އެއްވެސް ޞައްޙަ ދަލީލެއް ވާރިދުވެގެން އައިސްފައެއް ނެތެވެ. ކީރިތި ޤުރްއާނުގެ ޡާހިރީ މާނައިން ވެސް ދަލީލު ލިބެނީ އެކަމަނާ ދުނިޔޭގައި އިންނެވި ކަމަށެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،211 ޞަފްޙާ}

ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [ޔަޢުޤޫބުގެފާނުގެ އަހުލުބައިތުން މިޞްރަށް ވަދެވަޑައިގެންނެވި އިރު އެބައިމީހުންގެ ޢަދަދެއް ކަމުގައިވީ، ނުވަދިހަ ތިން މީހުންނެވެ.] ޢަބްދުﷲ ބިން ޝައްދާދު ވިދާޅުވެފައިވަނީ، އޭރު އެބައިމީހުންގެ ޢަދަދަކީ އަށްޑިހަ ތިން މީހުން ކަމަށެވެ. މަސްރޫޤުގެ އަރިހުން ރިވާވެގެން އައިސްފައިވަނީ، އޭރު އެބައިމީހުންގެ ޢަދަދަކީ، ތިން ސަތޭކަ ނުވަދިހަ މީހުން ކަމަށެވެ. އަދި މިނޫންވެސް އިތުރު އެތައް ރިވާޔަތްތަކެއް އެބައިމީހުންގެ ޢަދަދާމެދު ވާރިދު ވެގެން އައިސްފައިވެއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 500}

އަވަހާރަވުން

ސަލާމްލެއްވި ޔޫސުފުގެފާނު، އެކަލޭގެފާނަށް އަރަހުށި މާތްﷲ ދެއްވައިފައިވާ އެންމެހައި ނިޢުމަތްތަކަކަށް ފުރިހަމައަށް ޝުކުރުވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. އެކަލޭގެފާނު އެދިވަޑައިގެން ދުޢާފުޅު ކުރައްވަމުން ގެންދެވީ، މުސްލިމަކު ކަމުގައިވާ ޙާލު މެނުވީ މަރުނުގެންނެވުމަށެވެ. މިވާހަކައަށް އިޝާރާތް ކުރައްވައި، ޔޫސުފު ސޫރަތުގެ 101 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الْأَحَادِيثِ ۚ فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ ﴿١٠١﴾

މާނައީ: [އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމުއެވެ. އިސްވެދިޔަ މިޘާލު އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، އާޚިރަތުގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. މުސްލިމެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!]

ތަފްސީރުލް ޖަލާލައިނީގައި، ލިޔެވިގެންވެއެވެ. [ޔޫސުފުގެފާނު [ މުސްލިމެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!] ވިދާޅުވެ ދުޢާފުޅު ކުރެއްވިތާ، ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީތަނާ އެކަލޭގެފާނު އަވަހާރަވެއްޖެއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ، ސަތޭކަ ވިހި އަހަރުފުޅެވެ. އެކަލޭގެފާނު އަވަހާރަވުމުން ފަސްދާނުލެވިފައިވަނީ، މަރުމަރު ހިލައިގެ ސަންދޯޕުޅެއްގައި، މިޞްރުގެ ނީލަކޯރުގެ ތެރޭގައެވެ.]{ تفسير الجلالين/ المحلي و السيوطي}

މިޞްރުގައި، ޔޫސުފުގެފާނާއި، ޔަޢުޤޫބުގެފާނުގެ ދިރިއުޅުއްވި ގޮތުގެ އެއްވެސް ކަހަލަ ބަޔާނެއް ކީރިތި ޤުރްއާނުގެ ނައްޞުން ވާރިދުވެގެން އައިސް ފައެއް ނެތެވެ. މި މަޢުޟޫގައި ވާރިދުވެގެން އައިސްފައިވާ ޞައްޙަ ޙަދީޘެއްވެސް ފޮތްތަކުގައި ބަޔާންވެގެން އައިސް ފައެއް ނެތެވެ. މި މަޢުޟޫގައި ވާރިދުވެގެން އައިސް ފައިވަނީ މުޅިންވެސް ތާރީޚީ ރިވާޔަތްތަކެވެ. ތާރީޚަކީ މާބޮޑު އިތުބާރެއް ނެތް އެއްޗެއްކަމުގައި ވިޔަސް، އެތަނުން ބައެއް ރިވާޔަތްތައް މިތަނުގައި ބަޔާން ކުރަން ގަސްތުކުރަމެވެ. އެއީ، ތާރީޚު ފޮތްފޮތުގައާއި، ތަފްސީރު ފޮތްފޮތުގައި، މި ވާހަކަތައް ބަޔާން ކުރެވިފައި ވާތީއެވެ.

އިމާމު އިބްނު ކަޘީރު އޭނާ ލިޔުއްވައިފައިވާ އަލްބިދާޔަތު ވައްނިހާޔަތުގައި، ބަޔާންކުރައްވައިފައިވެއެވެ. ޙަސަނުލް ބަޞަރީ ވިދާޅުވެފައިވެއެވެ. [ޔޫސުފުގެފާނު ވަޅުގެ ތެރެއަށް އެއްލައިލެވުނީ އެކަލޭގެފާނުގެ ޢުމުރުފުޅުން ސަތާރަ އަހަރުފުޅުގައެވެ. އެކަލޭގެފާނު ބައްޕާފުޅާ ވަކިން އަށްޑިހަ އަހަރުފުޅު ހޭދަކުރެއްވިއެވެ. އަދި ބައްޕާފުޅާއި މަންމާފުޅާ އަލުން ބައްދަލުވެވަޑައިގެންފަހުން، ތޭވީސް އަހަރު ދުނިޔޭގައި ހުންނެވިއެވެ. އެކަލޭގެފާނު އަވަހާރަވީ ޢުމުރުފުޅުން ސަތޭކަ ވިހި އަހަރުފުޅުގައެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 505}

އަދިވެސް އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. އަހުލުކިތާބުންގެ ފަރާތުން މުޙައްމަދު ބިން އިސްޙާޤު ރަޙިމަހުﷲ، ރިވާކުރައްވައިފައިވެއެވެ. [ޔަޢުޤޫބުގެފާނު، ޔޫސުފުގެފާނުގެ އަރިހުގައި މިޞްރުގައި ސަތާރަ އަހަރު ދުވަސްވަންދެން ހުންނެވިއެވެ. އެއަށްފަހު ޔަޢުޤޫބުގެފާނު އަވަހާރަވެއްޖެއެވެ. އެކަލޭގެފާނު އަވަހާރަވުމުގެ ކުރީން ޔޫސުފުގެފާނަށް، ވަޞިއްޔަތް ކުރައްވައިފައިވަނީ، އަވަހާރަވުމުން ބައްޕާފުޅު އިސްޙާޤުގެފާނާއި، ކާފާކަލުން އިބްރާހީމުގެފާނުގެ އަރިހަށް ގެންގޮސް ފަސްދާނުވެޑުވުމަށެވެ.]{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 503}

އިބްނު އަބީ ޙާޠިމު ރިވާކުރައްވައިފައިވެއެވެ. [މިޞްރުގެ ޢަޒީޒު إطفير އަވަހާރަވުމުން، ރަސްގެފާނު ރައްޔާން ބިން ވަލީދު، ޢަޒީޒުގެ އަނބިކަނބަލުންނާ، ޔޫސުފުގެފާނާ ކާވެނިކޮށްދެއްވިއެވެ. ޔޫސުފުގެފާނަށް އެކަމަނާގެ ބަނޑުފުޅުން، އަފްރާއީމު ބިން ޔޫސުފު އާއި، ميشا بن يوسف ލިބިވަޑައިގަތެވެ. މީގެ ތެރެއިން އަފްރާއީމު އަށް ނޫން އޭ ކިޔުނު ދަރިކަލަކު ލިބިވަޑައިގަތެވެ. ޔޫޝަޢުގެފާނަކީ މިދެންނެވި ނޫން އަށް ލިބިވަޑައިގެންނެވި ދަރިކަލެކެވެ. އަދި ޔޫސުފުގެފާނަށް ރަޙްމާ އޭ ކިޔުނު ދަރިކަނބަލަކުވެސް ލިބިވަޑައިގަތެވެ. އެ ދަރިކަނބަލުންނަކީ، ސަލާމްލެއްވި އައްޔޫބުގެފާނު އަނބިކަނބަލުނެވެ.] { رواه ابن أبي حاتم في ” التفسير “ (7/2161)، والطبري في ” جامع البيان “ (16/151}

ނަމަވެސް މިދެންނެވި ހުރިހާ ރިވާޔަތްތަކެއްވަނީ، އިސްރާއީލީ ރިވާޔަތްތަކުގެ ތެރެއިންނެވެ. އެ ރިވާޔަތްތަކަކީ، ކަނޑައެޅިގެން ޞައްޙަ ރިވާޔަތްތަކެއްކަން ދަލާލަތު ކުރާ އެއްވެސް ޞައްޙަ ޙަދީޘެއްނެތެވެ. އެފަދަ ރިވާޔަތްތަކާމެދު، ޢިލްމުވެރިން ވިދާޅުވަނީ، ޤުރުއާނާއި ސުންނަތުން ޘާބިތުވާން ނަމަ ތެދުކުރުމެވެ. އެއާ އިދުކޮޅު ރިވާޔަތްތައް ދޫކޮށްލުމެވެ….ނިމުނީ…..

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

އަބަދުވެސް 20

Next

ވާ ލޯބި އެނގޭޭނަމަ

Next
July 14, 2021

ވާ ލޯބި އެނގޭޭނަމަ

Previews
July 14, 2021

އަބަދުވެސް 20



All Right Reserved!