Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

ޔޫސުފުގެފާނު ވާހަކަ: ޤުރްއާނުގައިވާ އެންމެ ރީތި ވާހަކަ 05

Ali Ihsaan Level 210 Stories100 Login
July 13, 2021 5 Mins Read
2 Comments

ޔޫސުފު ޢަލައިހިއްސަލާމު އެކަލޭގެފާނުގެ އަޚުންނަށް ނުހަނު ކަމޭހިއްތެވުމާއެކު، އެބައިމީހުން އެދުނު ފަދައިން އެބައިމީހުންނަށް ގޮދަށް ވިއްކެވިއެވެ. ނުހަނު ހެޔޮފުޅުކޮށް ހިއްތަވައި ވަރަށް ރަނގަޅަށް މެހުމާންދާރީ އަދާ ކުރެއްވިއެވެ. އެބައިމީހުން މިޞްރުން ކަންޢާނަށް ދާން ދަތުރުއެރެހެއްޓަން ފެށުމުން ޔޫސުފުގެފާނު ވިދާޅުވިއެވެ.

[(ތިޔަބައިމީހުން ދޫކޮށްފައި އައި) ތިޔަބައިމީހުންނާ އެއްބަފާ އަޚެއް ތިމަންކަލޭގެފާނުގެ އަރިހަށް ގެންނާށެވެ! ތިމަންކަލޭގެފާނު ހަމަޔަށް މިނެދެއްވާކަމާއި، ތިމަންކަލޭގެފާނީ، އެންމެހެޔޮގޮތުގައި މެހުމާނުންނަށް ކަމޭހިތާ މީހަކުކަން ތިޔަބައިމީހުން ނުދެކެމުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހަށް އޭނާ ނުގެނައިނަމަ، ތިމަންކަލޭގެފާނުގެ އަރިހުން ތިޔަބައިމީހުންނަކަށް މިނެދިނުމެއް ނެތެވެ. އަދި ތިޔަބައިމީހުން، ތިމަންކަލޭގެފާނުގެ އަރިހަށް ނާންނާށެވެ!] {ޔޫސުފު 59 އަދި 60}

ޖަވާބުގައި، ޔޫސުފުގެފާނުގެ އަޚުން ދެންނެވިއެވެ. [އޭނާގެ ބައްޕާ އަރިހުން އޭނާ ގެނެވޭތޯ ތިމަންމެން ގަދަމަސައްކަތް ކުރާނަމެވެ. އަދި ހަމަކަށަވަރުން، ތިމަންމެން (އެކަން) ކުރާހުށީމުއެވެ.]{ޔޫސުފު 61}

ޔޫސުފު ޢަލައިހިއްސަލާމު އެކަލޭގެފާނުގެ އަޚުންނަށް އެނގިވަޑައިނުގަންނަވާނެހެން އެކަލޭގެފާނުގެ އަރިހުގައި މަސައްކަތް ކުރަން އުޅޭ ކުދިންނަށް ދެންނެވިއެވެ.

[އެއުރެން (އަގަކަށް) ގެނައި މުދާ، އެއުރެންގެ ތަކެތީގެ ތެރެޔަށްލާށެވެ! (އެއީ) އެއުރެންގެ އަހުލުންގެ ގާތަށް އެނބުރިދާހިނދު، އެކަން އެއުރެންނަށް އެނގުމަށްޓަކައެވެ. (އަދި ތިމަންކަލޭގެފާނުގެ އަރިހަށް) އެއުރެން އެނބުރި އާދޭތޯއެވެ.] {ޔޫސުފު 62}

ދެން ޔޫސުފުގެފާނުގެ އަޚުން ކަންޢާނަށް ގޮސް ޔަޢުޤޫބުގެފާނުގެ ފައިންޕުޅު ދެކެވަޑައިގެން ދެންނެވިއެވެ. [އޭ އަހުރެމެންގެ ބައްޕާއެވެ! (ތިމަންމެންގެ ކޮއްކޮ ތިމަންމެންނާއެކު ނުފޮނުއްވައިފިނަމަ، ދެން) ތިމަންމެންނަށް މިނެދިނުން މަނާވީއެވެ. ފަހެ، ތިމަންމެންނަށް މިނެދޭތޯ ތިމަންމެންނާއެކު ތިމަންމެންގެ ކޮއްކޮ ފޮނުއްވާށެވެ! އަދި ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކާތެރިކުރާ ހުށީމުއެވެ.] {ޔޫސުފު 63}

ޖަވާބުގައި ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. [މީގެކުރިން އޭނާގެ އަޚު (يوسف ގެފާނު) އާމެދު ތިޔަބައިމީހުންނަށް އިތުބާރުކުރި ފަދައިން މެނުވީ، އޭނާއާމެދު ތިޔަބައިމީހުންގެ މައްޗަށް ތިމަން އިތުބާރުކުރާނޭ ހެއްޔެވެ؟ ފަހެ، اللَّه އީ، ރައްކާތެރިކުރައްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ ރަޙްމަތްލައްވާ، އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.] {ޔޫސުފު 64}

އެބައިމީހުން މިޞްރުންގެ ގެނައި ގޮދަން ބަސްދާތައް ކަނޑައިގެން ބެލިމުން އެބައިމީހުންނަށް ވަރަށް ބޮޑު ޙައިރާން ކަމެއް ލިބުނެވެ. އެބައިމީހުންނަށް ފެނުނީ އެ ގޮދަން ބަސްދާތަކުގެ ތެރޭގައި އެބައިމީހުން ގޮދަން ގަންނަން ގެންދިޔަ ފައިސާތައް ހުއްޓައެވެ. އެބައިމީހުން އަވަހަށް ވަޑައިގެން ބައްޕާފުޅު އަރިހުގައި އެވާހަކަ ވިދާޅުވިއެވެ.

[އޭ އަހުރެމެންގެ ބައްޕާއެވެ! (މިއަށްވުރެމޮޅަށް) ތިމަންމެން އެދޭނީ ކޮންކަމެއްހެއްޔެވެ؟ މިހިރީ ތިމަންމެންގެ މުދާ ތިމަންމެންނަށް ރައްދުކުރެވިފައެވެ. އަދި ތިމަންމެންގެ އަހުލުންނަށް (އިތުރަށް) ކާބޯތަކެތި ގެނެސްދީ، އަދި ތިމަންމެންގެ ކޮއްކޮ ރައްކާތެރި ކުރާހުށީމުއެވެ. އަދި ޖަމަލު އަކަށް އެރުވޭތަކެތި އިތުރުކުރާނޫއެވެ. އެއީ މިނެދެވޭ މަދު އެތިކޮޅެކެވެ.] {ޔޫސުފް 65}

ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ މައްޗަށް ޢަދާވާތް ތެރިންގެ ބަޔަކު ގަދަވެއްޖެހިނދަކު މެނުވީ، އޭނާ އަނބުރާ ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދޭންކަމަށް، اللَّه ގެ ޙަޟްރަތުންވާ ޢަހުދު އެއް ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ގެނެސްދީފުމަށް ދާނދެން ތިޔަބައިމީހުންނާއެކު އޭނާއެއް ނުފޮނުއްވާ ހުށީމެވެ. ފަހެ، އެއުރެންގެ ކަށަވަރުވެގެންވާ ޢަހުދު ގެ ބަސް ގެނެސްގަތްހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން މިބުނާ އެއްޗަކަށް، اللَّه ހެކިވެވޮޑިގެންވާނެތެވެ.] {ޔޫސުފު 66}

މުޙައްމަދު ބިން އިސްޙާޤު ވިދާޅުވެފައިވެއެވެ. [ޔަޢުޤޫބުގެފާނު އެބައިމީހުންނާއެކު ބިންޔާމީން ފޮނުއްވުމަށް އެއްބަސްވެވަޑައިގެންނެވީ އެއްވެސް ގޮތެއް ނެތުނީމައެވެ. އެހެނީ އެބައިމީހުން ދިރިތިބުމަށްޓަކައި ކާބޯތަކެތި ކޮންމެހެން ބައްލަވައި ގަންނަވަން ޖެހިވަޑައިގަންނަވާތީއެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،183 ޞަފްޙާ}

ޔަޢުޤޫބުގެފާނު އެކަލޭގެފާނު ދަރިދަރިކަލުން ދެވަނަ ފަހަރަށް މިޞްރަށް ފުރުވައިލައްވަމުން އެބޭފުޅުންނަށް ނަޞޭހަތްޕުޅު ދެއްވައި ވިދާޅުވިއެވެ. [އޭ އަހުރެންގެ ދަރިންނޭވެ! ތިޔަބައިމީހުން (އެތަނަށްގޮސް) އެއްދޮރޯއްޓަކުން ނުވަންނާށެވެ! އަދި ތަފާތު ދޮރޯށިތަކަކުން ވަންނާށެވެ! އަދި اللَّه ގެ ޙަޟްރަތުން ތިޔަބައިމީހުންނަށް އެއްވެސްކަމެއް ތިމަންނާއަކަށް ފުއްދައެއް ނުދެވޭނެތެވެ. اللَّه އަށް މެނުވީ ޙުކުމް ކުރެއްވުމެއް ނެތެވެ. ތިމަންކަލޭގެފާނު ވަކީލު ކުރައްވަނީ، އެކަލާނގެއަށެވެ. އަދި ވަކީލު ކުރާމީހުން ހަމައެކަނި އެކަލާނގެއަށް ވަކީލު ކުރާހުށިކަމެވެ!] {ޔޫސުފު 67}

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހާއި، މުޙައްމަދު ބިން ކަޢުބާއި، މުޖާހިދާއި، ޟައްޙާކާއި، ސުއްދީއާއި، ޤަތާދާ ވިދާޅުވެފައިވެއެވެ. [ޔަޢުޤޫބުގެފާނުގެ ބޭފުޅުންނަކީ ވަރަށް ރީތިފުޅު ބޭފުޅުންތަކެކެވެ. ޔަޢުޤޫބުގެފާނު އެބޭކަލުންނަށް މިޞްރަށް ވަދެވަޑައިގަންނަވާއިރު، އެކި ދޮރާށިތަކުން ވަދެވަޑައިގެންނެވުމަށް އަމުރުފުޅު ކުރެއްވީ، އެސްފީނާއިން ރައްކާތެރިވުމަށެވެ. އެބޭފުޅުންގެ ފުރިހަމަކަމާއި ރީތިފުޅުކަން ފެނި މީސްތަކުން ޙަސަދަވެރިކަމުގެ ލޯތަކުން ބަލައި އެސްފީނާ ލާފާނެތީއެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،189 ޞަފްޙާ}

ދެވަނަ ފަހަރަށް މިޞްރުގައި

ޔަޢުޤޫބުގެފާނު ދެއްވި ނަސޭޙަތްފުޅުގައި، ހިއްޕަވައިގެން އެކަލޭގެފާނުގެ ދަރިދަރިކަލުން މިޞްރަށް ވަދެވަޑައިގަތީ، ތަފާތު ދޮރާށިތަތަކުންނެވެ. އެބޭފުޅުން ވަޑައިގެންނެވުމުން ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް ހެޔޮފުޅުކޮށް ހިއްތަވައި، ކަމޭހިއްތެވިއެވެ. ކުރިންވެސް ދެންނެވިފައިވާނެ ފަދައިން މިފަހަރު، އެބައިމީހުން އައީ ޔޫސުފުގެފާނުގެ އެއްބަނޑު އެއްބައްޕާފުޅު ބިންޔާމީން ވެސް ގޮވައިގެންނެވެ.

ޔޫސުފުގެފާނު އެކަލޭގެފާނުގެ ކޮއްކޯފުޅު ބިންޔާމީންއާ ވަކިން ބައްދަލު ކުރައްވައި، ޔޫސުފުގެފާނަކީ އޭނާގެ ބޭބޭފުޅުކަމަށް ވިދާޅުވިއެވެ. އަދި އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނާ މެދު ޢަމަލުކުރެއްވި އިހާނެތި ގޮތްތައް ބަޔާންކޮށްދެއްވިއެވެ. މިކަމަށް އިޝާރާތް ކުރައްވައި، ޔޫސުފު ސޫރަތުގެ 69 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

وَلَمَّا دَخَلُوا عَلَىٰ يُوسُفَ آوَىٰ إِلَيْهِ أَخَاهُ ۖ قَالَ إِنِّي أَنَا أَخُوكَ فَلَا تَبْتَئِسْ بِمَا كَانُوا يَعْمَلُونَ ﴿٦٩﴾

މާނައީ: [އަދި ޔޫސުފުގެފާނުގެ އަރިހަށް އެއުރެން ވަނުމުން، އެކަލޭގެފާނުގެ އަޚު އެކަލޭގެފާނުގެ އަރިހަށް ގެންދަވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއީ، ތިބާގެ އަޚާ އެވެ. ފަހެ، އެއުރެން ކޮށްއުޅުނު ކަންތަކާމެދު ތިބާ ހިތާމަނުކުރާށެވެ!]

ޔޫސުފުގެފާނު ބޭނުންފުޅުވެވަޑައިގެންނެވީ، އެކަލޭގެފާނުގެ އަޚު ބިންޔާމީން އެކަލޭގެފާނުގެ އަރިހުގައި ބެހެއްޓޭނެ ކޮންމެވެސް ޙިކުމަތެއް ހެއްދެވުމަށެވެ. އެހެންކަމުން އެކަލޭގެފާނުގެ އަޚުން އެނބުރި ކަންޢާނުގެ ބިމަށް ދަތުރަށް ފެށުމަށް ކައިރިވުމުން، މިނެދެން ގެންގުޅޭ ނާޅި އެކަލޭގެފާނުގެ ކޮއްކޯފުޅު ބިންޔާމީންގެ ތަކެތީގެ ތެރެއަށް ލެއްވިއެވެ. އެހިނދު މިޞްރުގެ ސަރުކާރުގެ ފަރާތުން މީހަކު އައިސް ހަރުއަޑުން ބުނަން ފަށައިފިއެވެ. [އޭ قافلة ގެ މީހުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ވައްކަންކުރާ ބަޔެކެވެ.]

ޔޫސުފުގެފާނުގެ އަޚުން ނުހަނު ޙައިރާންފުޅުވެވަޑައިގެން ތިއްބަވައި ވިދާޅުވިއެވެ. [ތިޔަބައިމީހުން ގެއްލިގެންތިޔަ އުޅެނީ ކޮންއެއްޗެއް ހެއްޔެވެ؟] އެހިނދު މިޞްރުގެ ދައުލަތުގެ ފަރާތުން އައި މީހާ ބުންޏެވެ. [ތިމަންމެން ގެއްލިގެން މިއުޅެނީ، ރަސްގެފާނުގެ ނާޅިއެވެ. އަދި އެ ގެނެސްދިން މީހަކަށް އޮތް އިނާމަކީ، ޖަމަލަކަށް އެރުވޭހާ ތަކެއްޗެވެ. އެކަމަށް އަހަރެން ޖާމިނުވެގެންވަމެވެ.]

ދެން ޔޫސުފުގެފާނު އަޚުން ޖަވާބު ދެއްވިއެވެ. [اللَّه ގަންދީ ބުނަމުއެވެ. ތިމަންމެންއައީ ބިމުގައި ފަސާދަ ކުރުމަށް ނޫންކަން ތިޔަބައިމީހުންނަށް އެނގިފައިވާނެކަން ކަށަވަރެވެ. އަދި ވައްކަންކުރާ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.] ދައުލަތުގެ ފަރާތުން އައި މީހާ ބުންޏެވެ. [ތިޔަބައިމީހުން ދޮގުހަދާކަމަށްވާނަމަ، ފަހެ، އެކަމުގެ (އެބަހީ: މިނާއެތި ވަގަށްނެގުމުގެ) ޖަޒާއަކީ ކޮބައިހެއްޔެވެ؟] ޔޫސުފުގެފާނުގެ އަޚުން ދެންނެވިއެވެ. [އެކަމުގެ ޖަޒާއަކީ، އެމީހެއްގެ ތަކެތީގެ ތެރެއިން އެ މިނާއެތި ފެނުނު މީހެކެވެ. ފަހެ، އޭނާ އެއީ އެކަމުގެ ޖަޒާއެވެ.]

ޔޫސުފުގެފާނުގެ އަޚުން އެބައިމީހުން މުދާތައް ބަލައި ފާސްކޮށް ރަސްގެފާނުގެ މިނެދެން ގެންގުޅޭ ނާޅި ހޯދުމުގެ ކުރީން، ދައުލަތުގެ ފަރާތުން އައި މީސްތަކުން އެބައިމީހުންގެ ތަކެތި ބަލައި ފާސް ކުރަން ފަށައިފިއެވެ. ހަމައެހެންމެ، އެބައިމީހުންނަށް އެ ނާޅި ބިންޔާމީންގެ ތަކެތިތަކުގެ ތެރޭގައި ވަނިކޮށް ފެނުނެވެ. މި މަންޒަރު ފެނުމުން ޔޫސުފުގެފާނު އަޚުން ދެންނެވިއެވެ. [ އޭނާ ވައްކަންކުރިކަމަށްވާނަމަ، މީގެކުރިން އޭނާގެ އަޚަކު ވެސްވަނީ ވައްކަންކޮށްފައެވެ.] މިބަހުގެ މުރާދަކީ، މީގެ ކުރީން ބިންޔާމީންގެ އަޚު ޔޫސުފުގެފާނުވެސްވަނީ ވައްކަންކޮށްފައެވެ.

ޔޫސުފުގެފާނަށް އެކަލޭގެފާނުގެ އަޚުންގެ ދޮގުވެރި އިލްޒާމު އިވިވަޑައިގެންނެވުމުން ނުހަނު ބޮޑަށް ކޯފާއިސް ކުރެއްވިއެވެ. ވަރަށް ބޮޑަށް ދެރަފުޅުވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެބައިމީހުންނަށް އަޑުނީވޭ ވަރަށް މަޑުމަޑުން ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ ދަރަޖަ އެއަށްވުރެ މާނުބައެވެ. އަދި ތިޔަބައިމީހުން ސިފަކޮށް ބުނާއެއްޗެއް اللَّه ދެނެވޮޑިގަތުން ބޮޑެވެ.]

އިރުކޮޅެއް ފަހުން، ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [އޭ ޢަޒީޒު އެވެ! ހަމަކަށަވަރުން، އޭނާގެ ޤަދަރު ވެރި މުސްކުޅި ބައްޕައެއްވެއެވެ. ފަހެ، ތިމަންމެންގެ ތެރެއިން އެކަކު އޭނާގެ ބަދަލުގައި ހިފަހައްޓަވާށެވެ! ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނު ދެކެނީ، އިޙްސާން ތެރިންގެ ތެރެއިންނެވެ.]

މިބައިމީހުންގެ ވާހަކަފުޅުތައް އަޑު އައްސަވައި ޔޫސުފުގެފާނު ޖަވާބު ދެއްވިއެވެ. [معاذ اللَّه] އެވެ. (އެބަހީ: اللَّه ގެ ރައްކާތެރިކަމަށް އެދެމެވެ.) އެމީހެއްގެ އަތުގައި ތިމަންމެންގެ ތަކެތި ހުއްޓައި ފެނުނު މީހަކު މެނުވީ، ތިމަންމެން ހިފެހެއްޓުމުން ދުރުވެ، ރައްކާތެރިވުން އެދެމެވެ. އެހެންވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ އަނިޔާވެރިން ކަމުގައެވެ.]

ޔޫސުފުގެފާނު މިދެންނެވި ފަދައިން ޖަވާބު ދެއްވުމުން، އެބައިމީހުން އެކަލޭގެފާނުގެ ފަރާތުން ނާއުއްމީދުވެވަޑައިގެންނެވިއެވެ. ބިންޔާމީނަށް މާފުދެއްވައި، އެކަލޭގެފާނު އެބައިމީހުންނާއެކު ނުފޮނުއްވާނެކަން އެނގިވަޑައިގަތުމުންވެސް މެއެވެ. ދެން، އެބައިމީހުން ވަކިންތަނަކަށް އެއްވެ މަޝްވަރާ ކުރުމަށްފަހު، އެއުރެންގެ ތެރެއިން ބޮޑަކަށް ހުރި މީހާ ބުންޏެވެ.

[ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ބައްޕާ، اللَّه ގެ ޙަޟްރަތުން  ޢަހުދު ކަށަވަރު ހިއްޕަވާފައިވާކަމާއި، އޭގެކުރިން ޔޫސުފު ގެފާނާމެދު ތިޔަބައިމީހުން ފަރުވާކުޑަކޮށްފައިވާކަން، ތިޔަބައިމީހުންނަކަށް ނޭނގޭހެއްޔެވެ؟ ފަހެ، ތިމަންގެ ބައްޕާ ތިމަންނައަށް އިޒުނަ ދެއްވައިފުމަށްދާނދެން، ނުވަތަ اللَّه ތިމަންގެ މައްޗަށް ނިޔާކުރައްވައިފުމަށްދާނދެން ތިމަން (مصر ގެ) ބިން ދޫކޮށެއް ނުލާހުށީމެވެ. އަދި އެކަލާނގެއީ ޙުކުމް ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ.ތިޔަބައިމީހުން އެނބުރި ތިޔަބައިމީހުންގެ ބައްޕާ އަރިހަށްގޮސް ދަންނަވާށެވެ! އޭ އަހުރެމެންގެ ބައްޕާއެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ދަރިކަލުން ވައްކަންކޮށްފިއެވެ. އަދި ތިމަންމެންނަށް އެނގިފައިވާކަމަކަށް މެނުވީ، ތިމަންމެން ހެތްކެއް ނުވަމުއެވެ. އަދި ޣައިބު ގައިވާ ކަންތައް ދަންނަބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.އަދި ތިމަންމެންގޮސް ތިބި ރަށުގެ މީހުންނާ، އަދި ތިމަންމެން އޭގައި ދަތުރުކޮށްފައި އައި ޤާފިލާ ގެ މީހުންނާ ސުވާލު ކުރައްވާށެވެ! އަދި ހަމަކަށަވަރުން، ތިމަންމެންނީ ތެދުބުނާ ބަޔަކީމުއެވެ.] {ޔޫސުފު 80-82}

ދެން އެބައިމީހުން އެބައިމީހުންގެ ބައްޕާފުޅުގެ އަރިހަށް ކަންޢާނުގެ ބިމަށް ވަޑައިގެން މިދެންނެވި ވާހަކަތައް ވިދާޅުވެދެއްވިއެވެ. މުޙައްމަދު ބިން އިސްޙާޤު ވިދާޅުވެފައިވެއެވެ. [އެބައިމީހުން ޔަޢުޤޫބުގެފާނުގެ އަރިހަށް ވަޑައިގެން ކަންހިނގައިދިޔަ ގޮތުގެ ވާހަކަ ބަޔާންކޮށްދެއްވުމުން ޔަޢުޤޫބުގެފާނު އެކަން ޤަބޫލުފުޅެއް ނުކުރެއްވިއެވެ. އެކަލޭގެފާނު ހީފުޅު ކުރެއްވީ ޔޫސުފުގެފާނާމެދު އެބައިމީހުން ޢަމަލުކުރި ގޮތް އަލުން ތަކުރާރު ކުރެއްވީ ކަމަށެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،199 ޞަފްޙާ}

ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުން ވިދާޅުވިއެވެ. [އަދި ކިއެއްތަ! ތިޔަބައިމީހުންގެ ނަފްސު ތައް ތިޔަބައިމީހުންނަށް (ނުބައި) ކަމެއް ޒީނަތްތެރިކޮށްދިނީއެވެ. ފަހެ، ދެން އޮތީ ރިވެތިވެގެންވާ ކެތްކުރުމެކެވެ. اللَّه އެ އެންމެން ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދެއްވައިފާށިއެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމް ވަންތަ ރަސްކަލާނގެއެވެ.]

ދެން ޔަޢުޤޫބުގެފާނު، އެކަލޭގެފާނުގެ ދަރިދަރިކަލުންގެ ފަރާތުން އެއްކިބާވެވަޑައިގެން ވިދާޅުވިއެވެ. [ޔޫސުފުގެފާނުގެ މައްޗަށް އަހުރެން ކުރާ ހިތާމައެއްގެ ބޮޑުކަމާއެވެ!] ޔަޢުޤޫބުގެފާނު ކުރައްވަމުން ގެންދެވި ހިތާމަފުޅުގެ ބޮޑުކަމުންނާއި، އެކަލޭގެފާނުގެ ޢުމުރުފުޅުގެ ސަބަބުން އެކަލޭގެފާނުގެ ލޯފުޅުގެ ނޫރުފުޅު މުޅިން ކެނޑިގެންދިޔައެވެ. ނަމަވެސް، އެކަލޭގެފާނު ވެވަޑައިގެންނެވީ، އާންމު އެހެން މީހުންނާ ޚިލާފަށް ނުހަނު ބޮޑަށް އެކަލޭގެފާނުގެ ހިތާމަފުޅުތައް ހިފަހައްޓަވައި އުޅުއްވި ބޭކަލެއް ކަމަށެވެ.

ޤަތާދާ ރަޙިމަހުﷲ، ވިދާޅުވެފައިވެއެވެ. [ޔަޢުޤޫބުގެފާނު ދުވަހުވެސް އެކަލޭގެފާނަށް ޖެހިވަޑައިގެންނެވި އެއްވެސް ހިތާމަފުޅެއް ޝަކުވާ ނުވަތަ ޝިކާޔަތު، އެއްވެސް މަޚުލޫޤެއްގެ އަރިހުގައި، ފާޅުކޮށްފައެއް ނުވެއެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،201 ޞަފްޙާ}

ޔަޢުޤޫބުގެފާނު މޮޅިވެރިކަމާއި، ހިތާމަފުޅު ކުރެއްވުމުގެ ޙާލުކޮޅު ފެނިވަޑައިގެންނެވުމުން އެކަލޭގެފާނުގެ އަހުލުވެރިން ކަންބޮޑުވެވަޑައިގެން ދެންނެވިއެވެ.[ اللَّه ގަންދީ ހުވާކުރަމެވެ. ކަލޭގެފާނު ބަލި ޙާލު ބޮޑުވެއްޖެއުމަށްދާނދެން، ނުވަތަ މަރުވެފައިވާ މީހުންގެ ތެރެއިން ހިމެނިއްޖައުމަށްދާނދެން، ޔޫސުފުގެފާނުމަތިން ހަނދުމަކުރެއްވުމުގައި ކަލޭގެފާނު ފިލާވަޑައިނުގަންނަވަމުއެވެ.]

ޔަޢުޤޫބުގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވަމުން ވިދާޅުވިއެވެ. [ ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ ޝަކުވާ ދަންނަވާކަން ކަށަވަރީ، ހަމައެކަނި اللَّه އަށެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް، اللَّه ގެ ޙަޟްރަތުން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ.އޭ އަހުރެންގެ ދަރިންނޭވެ! ޔޫސުފުގެފާނާއި، އޭނާގެ އަޚާ ގެ ޚަބަރު އެއްވޭތޯ ތިޔަބައިމީހުން ދާށެވެ! އަދި اللَّه ގެ ރަޙްމަތުން ތިޔަބައިމީހުން އުއްމީދު ކަނޑައިނުލާށެވެ! (ހަމަކަށަވަރުން، ކާފިރުވި މީހުން މެނުވީ، اللَّه ގެ ރަޙުމަތުން އުއްމީދު ކަނޑައެއް ނުލާނެތެވެ.)]…ނުނިމޭ…

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ލޯބި_19

Next

ތިޔަ ލޯތްބަށް އެދެމޭ 2 – 18

Next
July 13, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 18

Previews
July 12, 2021

ލޯބި_19

2 Comments!

  1. immm2323 says:
    July 13, 2021 at 12:14 pm

    އިހްސާން ކުރައްވަމުންގެންދަވާ މަސައްކަތަށް ސާބާސް ދެމެވެ.

    1. Ali Ihsaan says:
      July 13, 2021 at 4:48 pm

      Shukuriyya.

Comments are closed.



All Right Reserved!