Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

ޔޫސުފުގެފާނު ވާހަކަ: ޤުރްއާނުގައިވާ އެންމެ ރީތި ވާހަކަ 03

Ali Ihsaan Level 210 Stories100 Login
July 11, 2021 6 Mins Read
1 Comment

ޢަޒީޒުގެ ގަނޑުވަރުގައި

ޤާފިލާގެ ވިޔަފާރިވެރިން މިޞްރަށް ގޮސް އެތަނުގެ ބާޒާރުގައި، ސަލާމްލެއްވި ޔަޢުޤޫބުގެފާނުގެ މޭފުޅުގެ އެއްބައި ކަމުގައި ހިމެނިވަޑައިގަންނަވާ ލޮބުވެތި ދަރިކަލުން ވިއްކައިލުމުގެ ކަންތައްތައް ފަށައިފިއެވެ. އެތަނުން ޔޫސުފުގެފާނު ބައްލަވައިގަތީ، މިޞްރުގެ ޢިއްޒަތްތެރި ވަޒީރެކެވެ. އިމާމު ސުހައިލީ ބަޔާން ކުރައްވާ ގޮތުގައި، އޭނާގެ ނަންފުޅަކީ، قطفير އެވެ. މުޙައްމަދު ބިން އިސްޙާޤު ބަޔާން ކުރައްވާ ގޮތުގައި، އޭނާގެ ނަންފުޅަކީ،  إطفير بن رويحب އެވެ. އޭނާގެ ލަޤަބުފުޅަކީ، ޢަޒީޒެވެ. އޭނާއަކީ އެޒަމާނުގައި މިޞްރުގެ ޚަޒާނާތަކާ ޙަވާލުވެގެން ހުންނަ މީހާއެވެ. އޭރު މިޞްރުގައި ރެނދަލި ކުރައްވައިގެން ހުންނެވި ރަސްގެފާނުގެ ނަމަކީ ރައްޔާނު ބުނުލް ވަލީދު އެވެ. އެހެން ރިވާޔަތެއްގައިވަނީ، ވަލީދު ބުން ރައްޔާނު ކަމަށެވެ. އޭނާއަކީ ޢަމާލިޤުންގެ ތެރެއިން ހިމެނޭ މީހެކެވެ.{އިމާމު ޤުރުޠުބީ، ތަފްސީރުލް ޤުރްޠުބީ، 11 ވަނަ ޖިލްދު، ޞަފްޙާ 299}

މިޞްރުގެ ޢަޒީޒު ކާވެނި ބައްލަވައިގެން އުޅުއްވީ ވަރަށް ރީތި އަންހެން ބޭފުޅަކާއެވެ. މުޙައްމަދު ބިން އިސްޙާޤު ވިދާޅުވާ ގޮތުގައި އެކަމަނާގެ ނަންފުޅަކީ، ރާޢީލު އެވެ. އިމާމު މާވަރުދީ ރަޙިމަހުﷲ، ވިދާޅުވެފައިވަނީ، އެކަމަނާގެ ނަންފުޅަކީ، ޛުލައިޚާ ކަމަށެވެ. {އިމާމު ޤުރުޠުބީ، ތަފްސީރުލް ޤުރްޠުބީ، 11 ވަނަ ޖިލްދު، ޞަފްޙާ 299}

މިޞްރުގެ ޢިއްޒަތްތެރި ޢަޒީޒު، ޔޫސުފުގެފާނު ބައްލަވައިގެން އެމަނިކުފާނުގެ ގަނޑުވަރަށް ވަޑައިގެން، އަނބިކަނބަލުންނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. [ކަނބުލޭގެ، އެކަލޭގެފާނުގެ ހުންނެވުން ރަނގަޅުގޮތަކަށް ހަމަޖައްސާށެވެ! އެއީ އެކަލޭގެފާނު، ތިމަންމެންނަށް މަންފާއެއް ކުރޭތޯއެވެ. ނުވަތަ ތިމަންމެން އެކަލޭގެފާނު ދަރިއެއްކަމުގައި ހަދާނީއެވެ.] {ޔޫސުފު 21}

މިޞްރުގެ ޢަޒީޒުގެ މިދެންނެވި ޢިނާޔަތްތެތެރިކަމާއި، ހެޔޮފުޅުކަމުގެ ފާލު މިންވަރު ކުރެއްވި ކަމީ އަރަހުށި މާތްﷲ، ޔޫސުފުގެފާނަށް ދެއްވި ވަރަށް ބޮޑު ނިޢުމަތެކެވެ. އެކަލޭގެފާނު މިޞްރުގެ ބިމުގައި ބާރުވެރި ކުރެއްވުމަށް މެދުވެރި ކުރެއްވި ކަމެކެވެ. އެތަނުގައި ހުންނަވަނިކޮށް މާތްﷲ، އެކަލޭގެފާނަށް ހުވަފެން ތަޢުބީރު ކުރެއްވުމުގެ ފުރިހަމަ ޢިލްމާއި ހުނަރުތައް ދަސްފުޅުކޮށްދެއްވައި އުނގަންނަވައިދެއްވިއެވެ.

ޔޫސުފު ޢަލައިހިއްސަލާމު ބޮޑުފުޅުވެ ފުރާފުރިހަމަ ވެވަޑައިގަތީ، މިޞްރުގެ ޢަޒީޒުގެ ގަނޑުވަރުގައި ހުންނަވައިގެންނެވެ. މާތްالله سبحانه وتعالى، ގެ ދީލަތިފުޅުކަމުން އެކަލޭގެފާނަށް ދެއްވައިފައިވަނީ ނުހަނު ރީތި ބުރުސޫރަ ފުޅެކެވެ. އެކަލޭގެފާނުގެ ރީތިފުޅުކަމާއި، ފުރިހަމަކަމަކީ، އިންސާނީ ލޯތައް މަދުންނޫނީ ނުދެކޭފަދަ ރީތީ ސާއްބަ ކަމެކެވެ. ޞައްޙަ ޙަދީޘުން ޘާބިތުވާގޮތުގައި ރީތިކަމުގެ ދެބައިކުޅަ އެއްބައި މާތް الله سبحانه وتعالى، ދެއްވައިފައިވަނީ، ޔޫސުފު ޢަލައިހިއްސަލާމު އަށެވެ. އިސްރާ އާއި މިޢުރާޖުގެ ޙަދީޘުން މިކަން ޘާބިތުވެއެވެ. އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.

(…..ثُمَّ عَرَجَ بِي إِلَى السَّمَاءِ الثَّالِثَةِ فَاسْتَفْتَحَ جِبْرِيلُ ‏.‏ فَقِيلَ مَنْ أَنْتَ قَالَ جِبْرِيلُ ‏.‏ قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ صلى الله عليه وسلم ‏.‏ قِيلَ وَقَدْ بُعِثَ إِلَيْهِ قَالَ قَدْ بُعِثَ إِلَيْهِ ‏.‏ فَفُتِحَ لَنَا فَإِذَا أَنَا بِيُوسُفَ صلى الله عليه وسلم إِذَا هُوَ قَدْ أُعْطِيَ شَطْرَ الْحُسْنِ فَرَحَّبَ وَدَعَا لِي بِخَيْرٍ….){ صحيح مسلم/ كتاب الإيمان/ باب الإِسْرَاءِ بِرَسُولِ اللَّهِ صلى الله عليه وسلم إِلَى السَّمَوَاتِ وَفَرْضِ الصَّلَوَاتِ / ޙަދީޘް ނަންބަރު 162}

މާނައީ: [ދެން ތިމަންކަލޭގެފާނާއިގެން ޖިބްރީލުގެފާނު ވަޑައިގެންނެވީ ތިންވަނަ އުޑަށެވެ. ޖިބްރީލުގެފާނު އެއުޑުގެ ދޮރުކޮޅު ހުޅުވާލުމަށް އެދިވަޑައިގެންނެވިއެވެ. އެހިނދު އެކަލޭގެފާނަށް ދެންނެވުނެވެ. ތިޔައީ ކޮންބޭކަލެއްތޯއެވެ؟ ޖިބްރީލުގެފާނު ދެންނެވިއެވެ. ޖިބްރީލުގެފާނެވެ. ދެންނެވުނެވެ. ކަލޭގެފާނާއެކު އެހުންނެވީ ކޮންބޭކަލެއްތޯއެވެ؟ ޖިބްރީލުގެފާނު ޖަވާބުދެއްވިއެވެ. مُحَمَّدٌ صلى الله عليه وسلم ‏އެވެ. ދެންނެވުނެވެ. އެކަލޭގެފާނުވަނީ ފޮނުއްވިގެންތޯއެވެ؟ ޖިބްރީލުގެފާނު ވިދާޅުވިއެވެ. އާދޭހެވެ. އެކަލޭގެފާނުވަނީ ފޮނުއްވިގެންނެވެ. ދެން ތިމަންބޭކަލުންނަށްޓަކައި އެ އުޑުގެ ދޮރުކޮޅު ހުޅުއްވައިލެއްވުނެނެވެ. އެތަނުން ތިމަންކަލޭގެފާނު ޔޫސުފު ޢަލައިހިއްސަލާމު، ދެކެވަޑައިގަތީމެވެ. އެކަލޭގެފާނަށްވަނީ ރީތިކަމުގެ ދެބައިކުޅަ އެއްބައި ދެއްވައިފައެވެ. އެކަލޭގެފާނު ތިމަންކަލޭގެފާނަށް މަރްޙަބާ ވިދާޅުވެ، ހެޔޮ ދުޢާފުޅު ކުރެއްވިއެވެ.]

ޔޫސުފުގެފާނު ބޮޑުފުޅުވަމުން ދިޔަ ދިޔަހެން، އެކަލޭގެފާނުގެ ފިރިހެންވަންތަކަމާއި، ބަނިޔާދަކަން، ދިޔާއީ އިތުރަށް އުއްތި ފުރިހަމަވަމުންނެވެ. ފުރިހަމަ ފިރިހެނެއްގައި، ކޮންމެހެން ހުންނަންޖެހޭ އެންމެހައި، ހިތްގައިމުކަމަކާއި، ސާއްބަކަމެއް އެކަލޭގެފާނަށް ދެއްވުމުގައި، އަރަހުށި މާތްﷲ، ވަނީ ދީލަތިވެވޮޑިގެންފައެވެ. އެކަލޭގެފާނު މިދެންނެވި ރުޖޫލިއްޔަތުގެ ފުރިހަމަކަން ފެނިވަޑައިގެން ޢަޒީޒުގެ އަނބިކަނބަލުންގެ ހިތްޕުޅުގައި އެކަލޭގެފާނާމެދު އެދުންނެވިކަމުގެ ޝުޢޫރުތައް ހިނގައިފައެވެ.

ޢަޒީޒުގެ އަނބިކަނބަލުންގެ ފިތުނަވެރިކަން

ކޮންމެއަކަސް ޔޫސުފުގެފާނު ފުރާފުރިހަމަވެ، ބޮޑުފުޅުވީ ހިނދު، ޢަޒީޒުގެ އަނބިކަނބަލުން ފިތުންވެރިކަމާ ކުރިމަތި ލައްވަން ޖެހިވަޑައިގެންފިއެވެ. އެކަމަނާ އެކަލޭގެފާނާއެކު ފާޙިޝް ޢަމަލު ކުރުމަށް ޤަޞްތުކޮށް އެކަލޭގެފާނު އެކަމަނާގެ މަޅީގައި ޖައްސާލެވޭތޯ މަސައްކަތްކުރަން ފެށިއެވެ. މިވާހަކައިގެ ތަފްޞީލު ޤުރްއާނުގެ ޔޫސުފް ސޫރަތުގެ 23 ވަނަ އާޔަތުން ފެށިގެން 25 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތްތަކުންނެވެ.

وَرَاوَدَتْهُ الَّتِي هُوَ فِي بَيْتِهَا عَن نَّفْسِهِ وَغَلَّقَتِ الْأَبْوَابَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ اللَّـهِ ۖ إِنَّهُ رَبِّي أَحْسَنَ مَثْوَايَ ۖ إِنَّهُ لَا يُفْلِحُ الظَّالِمُونَ ﴿٢٣﴾ وَلَقَدْ هَمَّتْ بِهِ ۖ وَهَمَّ بِهَا لَوْلَا أَن رَّأَىٰ بُرْهَانَ رَبِّهِ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ ۚ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ ﴿٢٤﴾ وَاسْتَبَقَا الْبَابَ وَقَدَّتْ قَمِيصَهُ مِن دُبُرٍ وَأَلْفَيَا سَيِّدَهَا لَدَى الْبَابِ ۚ قَالَتْ مَا جَزَاءُ مَنْ أَرَادَ بِأَهْلِكَ سُوءًا إِلَّا أَن يُسْجَنَ أَوْ عَذَابٌ أَلِيمٌ ﴿٢٥﴾

މާނައީ: [އަދި އެކަލޭގެފާނު އެކަނބުލޭގެ ގޭގައި ހުންނެވި ކަނބުލޭގެ، އެކަލޭގެފާނުގެ އަރިހުން ނުބައި ކަމަކަށް އެދުނެވެ. އަދި ދޮރުލައްޕައި، އެކަނބުލޭގެ ދެންނެވިއެވެ. ކަލޭގެފާނު (ތިމަންނާގެ ގާތަށް) ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. [معاذ اللَّه] އެވެ. (އެބަހީ: اللَّه ގެ ރައްކާތެރިކަމަށް އެދެމެވެ. خيانة ތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭ މީހާ) އެއީ ހަމަކަށަވަރުން، ތިމަންގެ ސާހިބު މީހާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓާފައިވަނީ، މާތް ރަނގަޅުގޮތަށެވެ. ހަމަކަށަވަރުން، އަނިޔާވެރިން ނުދިނޭނެތެވެ. އަދި ހަމަކަށަވަރުން (އެދުމާއެކު) އެކަނބުލޭގެ އެކަލޭގެފާނާ ކުރިމަތިލިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ދަލީލު ފެނިވަޑައިނުގެންނެވިނަމަ، އެކަލޭގެފާނުގެ ހިތްޕުޅުވެސް އެކަނބުލޭގެ ފަރާތަށް ލެނބުނީހެވެ. އެފަދައިން (އެ ދަލީލު ދެއްކެވީ) ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ކިބައިން ނުބައި ޢަމަލު އާއި، ހުތުރުކަންބޮޑު ފާފަ ދުރުކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ ޚިޔާރު ކުރެއްވި އަޅުންގެ ތެރެއިންނެވެ. އަދި އެ ދެމީހުންމެ ދޮރާ ދިމާއަށް އަވަސްވެގެންފޫއެވެ. އަދި އެކަނބުލޭގެ އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން (ހިފައި) ވީދައިލިއެވެ. އަދި ދޮރުކައިރިން އެކަނބުލޭގެ ފިރިމީހާ އެ ދެމީހުންނަށް ފެނުނެވެ. އެކަނބުލޭގެ ބުންޏެވެ. ތިބާގެ އަނބިމީހާއަށް ނުބައިކަމެއްކުރަން އުޅުނުމީހަކަށް، އެމީހާ ޖަލުގައި ހައްޔަރުކުރުން، ނުވަތަ ވޭންދެނިވި ޢުޤޫބާތް ދިނުން ފިޔަވައި އޮތީ ކޮން ޖަޒާއެއް ހެއްޔެވެ؟.]

ޢަޒީޒުގެ އަނބިކަނބަލުންގެ މިދެންނެވި ފަދައިން ވިދާޅުވުމުން، ޔޫސުފުގެފާނުވެސް އެކަލޭގެފާނުގެ ދިފާޢުގައި ވާހަކަފުޅު ދެއްކެވިއެވެ. އެންމެ ފުރަތަމައަށް ކަންތައް ހިނގައި ދިޔަގޮތުގެ ވާހަކަ ވިދާޅުވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [ނުބައިކަންތަކަށް ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ، އެކަނބުލޭގެއެވެ.]

ހަމަ އެ ވަގުތުމެ، ޢަޒީޒުގެ އަނބިކަނބަލުންގެ ތިމާގެ މީހުންގެ ތެރެއިން ހެކިވެރިއަކު ބުންޏެވެ. [އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ކުރިމަތިންނަމަ، އެކަނބުލޭގެ އެބުނީ ތެދެވެ. އަދި އެކަލޭގެފާނު ވަނީ ދޮގުވެރިންގެ ތެރެއިންނެވެ. އަދި އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ފުރަގަހުންނަމަ، އެކަނބުލޭގެ އެހެދީ ދޮގެވެ. އަދި އެކަލޭގެފާނު އެވަނީ ތެދުވެރިންގެ ތެރެއިންނެވެ.] {ޔޫސުފު 26 އަދި 27}

ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [އެ އާޔަތުގައި ބަޔާން ކުރެވިފައިވާ ހެކިވެރިއަކީ، ޅަފަތުގެ ދާނުގައިވާ ތުއްޕުޅު ބޭފުޅެކެވެ.] ޞަޙާބީންގެ ތެރެއިން އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުވެސް ދެކެވަޑައިގަންނަވާ ގޮތަކީ މިއީއެވެ. ޠާބިޢީންގެ ތެރެއިން ސަޢީދު ބިން ޖުބައިރު ރަޙިމަހުﷲ ވެސް ދެކެވަޑައިގަންނަވަނީ މިގޮތަށެވެ. އިމާމު އިބްނު ޖަރީރުއް ޠަބަރީ އެންމެ ރާޖިޙު ކަމުގައި ދެކެވަޑައިގަންނަވަނީވެސް މިދެންނެވި ރިވާޔަތެވެ.{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު 147 ވަނަ ޞަފްޙާ}

ދެން އެބައިމީހުން ޔޫސުފުގެފާނުގެ ގަމީސްކޮޅު ބެލިބެލުމުން އެ ގަމީސްކޮޅު ވީދިފައިވަނީ، ފުރަގަހުންކަން އެނގުނެވެ. އެހިނދު މިޞްރުގެ ޢިއްޒަތްތެރި ޢަޒީޒު ވިދާޅުވިއެވެ. [ހަމަކަށަވަރުން، އެއީ ތިޔަކަނބަލުންގެ މަކަރުވެރިކަމުގެ ތެރެއިން ކަމެކެވެ. ހަމަކަށަވަރުން، ތިޔަކަނބަލުންގެ މަކަރުވެރިކަމަކީ، ބޮޑުވެގެންވާ ކަމެކެވެ. ޔޫސުފުގެފާނެވެ! މިކަންތަކުން ދުރުހެލިވެވަޑައިގަންނަވާށެވެ! އަދި ކަނބުލޭގެ ކުރި ކުށަށް މާފު އެދޭށެވެ! ހަމަކަށަވަރުން، ކަނބުލޭގެވަނީ، ކުށްވެރިންގެ ތެރެއިންނެވެ.” {ޔޫސުފު 28 އަދި 29}

މިޞްރުގެ އަންހެނުން

ޢަޒީޒުގެ ގަނޑުވަރުގައި ހިނގައި ދިޔަ ކަންތައްތަކުގެ ވާހަކަ ކޮންމެވެސް ގޮތަކުން އެ ގަނޑުވަރުން ބޭރުވެއްޖެއެވެ. މި ޚަބަރު މިޞްރުގައި ފަތުއަޑު ކިޔައިފައި، ފެތުރިގެންފިއެވެ. މިޞްރުގެ އަންހެނުންތައް ތަންތަނަށް ކޯޅިކޯޅިއަށް އެއްވެތިބެ މި ވާހަކަ ދައްކަން ފަށައިފިއެވެ. އެ އަންހެނުންތައް ބުނަމުން ގެންދިޔައެވެ. [ޢަޒީޒުގެ އަންހެނުން، އެކަނބުލޭގެ އަޅުކުއްޖާގެ ކިބައިން ނުބައިކަންތަކަށް އެދެނީއެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ހިތްވަނީ، އެކުއްޖާގެ ލޯބިން ފުރިފައެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ވާކަމަށް ތިމަންމެންދެކެނީ ބަޔާންވެގެންވާ ފުރެދުމެއްގައެވެ.] {ޔޫސުފު 30}

ޢަޒީޒުގެ އަނބިކަނބަލުނަށް މިޞްރުގެ އަންހެނުންތައް އޭނާއާ ގުޅުވައިގެން ދައްކަމުން ގެންދިޔަ ވާހަކަތައް އެނގުމުން އެކަމާ ވަރަށް ހިތް ހަމަނުޖެހުނެވެ. ވަރަށް ރުޅިއަތުވެއްޖެއެވެ.  ދެން އޭނާ ބޭނުންވީ އެބައިމީހުންނަށް ޔޫސުފު ޢަލައިހިއްސަލާމު، ދައްކައިލުމަށެވެ. އެކަލޭގެފާނުގެ ރީތިފުޅުކަން ފެނި އެފަދަ ކަމެއް އެއީ ހިނގުން އެކަށީގެންވާ ކަމެއްކަން ޘާބިތުކޮށްދެއްވުމަށެވެ. މި ވާހަކަ ޔޫސުފު ސޫރަތުގެ 31 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

فَلَمَّا سَمِعَتْ بِمَكْرِهِنَّ أَرْسَلَتْ إِلَيْهِنَّ وَأَعْتَدَتْ لَهُنَّ مُتَّكَأً وَآتَتْ كُلَّ وَاحِدَةٍ مِّنْهُنَّ سِكِّينًا وَقَالَتِ اخْرُجْ عَلَيْهِنَّ ۖ فَلَمَّا رَأَيْنَهُ أَكْبَرْنَهُ وَقَطَّعْنَ أَيْدِيَهُنَّ وَقُلْنَ حَاشَ لِلَّـهِ مَا هَـٰذَا بَشَرًا إِنْ هَـٰذَا إِلَّا مَلَكٌ كَرِيمٌ ﴿٣١﴾

މާނައީ: “ފަހެ، އެ އަންހެނުން ދެއްކި (މަލާމާތުގެ) މަކަރުވެރި ވާހަކަ އެކަނބުލޭގެއަށް އިވުމުން، އެއުރެން ބަލައިފޮނުވިއެވެ. އަދި ލެނގިގެންތިބޭނެ ތަނެއް ތައްޔާރުކުރިއެވެ. އަދި އެއިންކޮންމެ މީހަކަށް ފިޔޮއްސެއް ދިނެވެ. އަދި ޔޫސުފު  ގެފާނަށް ދެންނެވިއެވެ. އެއުރެންގެ ތެރެޔަށް ނުކުމެވަޑައިގަންނަވާށެވެ! ދެން، އެ އަންހެނުން އެކަލޭގެފާނު ދުށްހިނދު، އެއުރެން އެކަލޭގެފާނުގެ ރީތިކަމާމެދު ޙައިރާން ވޫއެވެ. އަދި އެއުރެން އަތްތައް ކޮށަމުން ދިޔައޫއެވެ. އަދި ބުނެފޫއެވެ. [حاش للَّه] އެވެ. (اللَّه ގެ ހުސްطاهر ވަންތަ ކަމާއެވެ!) މިއީއަކީ އާދަމު ގެދަރިއެއްވާ ނޫނެވެ. މިއީ ހަމަކަށަވަރުން، މާތްވެގެންވާ މަލާއިކަތައަކު ކަމުގައި ނޫނީ ނުވެތެވެ.”

ޔޫސުފުގެފާނުގެ ރީތިފުޅުކަމުގެ މަސްތުގައި ޖެހި، ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި މިޞްރުގެ އަންހެނުންތަކުގެ އަތްތައްކޮށިގެން ދިޔަތަން، ޢަޒީޒުގެ އަނބިކަނބަލުންނަށް ފެނިވަޑައިގަތުމުން އެކަމަނާ އެކަނބަލުންނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ.

[ތިޔަބައިމީހުން ތިމަންނާއަށް މަލާމާތްކޮށް ވާހަކަދެއްކީ، އޭނާއާ މެދުގައެވެ. ހަމަކަށަވަރުން، ތިމަން އޭނާގެ ކިބައިން ނުބައިކަންތަކަށް އެދުނީއެވެ. ފަހެ، އެހިނދު އޭނާ އެކަމުން ރައްކާތެރިވެގަތެވެ. އަދި ތިމަން އޭނާއަށް އަމުރު ކުރާ ކަންތައް ނުކުޅަނަމަ، ޖަލުގައި އޭނާ ހައްޔަރު ކުރެވޭނެކަން ކަށަވަރެވެ. އަދި އޭނާ ވާހުށީ، ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ.] {ޔޫސުފު 32}

އެނގިވަޑައިގަންނަވާނެ ފަދައިން، ޔޫސުފުގެފާނަކީ ޠާހިރު ނަބީބޭކަލުންގެ ތަކެއްގެ ސުލާލަތުން ވަޑައިގެން ހުންނެވި ބޭކަލެކެވެ. ޠާހިރު އުޅުއްވުމާ އަދަބު އަޚްލާޤާއި، އިއްފަތްތެރިކަމާއި، ތަޤުވާވެރިކަން އެކަލޭގެފާނަށް ލިބިވަޑައިގެންފައިވަނީ ވާރުތައިންނެވެ. ޢަޒީޒުގެ އަންހެނުންގެ ހިތްޕުޅުގެ މުރާދު އެނގިވަޑައިގެންނެވުމުން، ޔޫސުފުގެފާނު އަރަހުށި މާތްﷲ ގެ ޙަޟްރަތަށް ދުޢާ ދެންނެވިއެވެ.

[އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ ކުރުމަށް އެއުރެން އެ އެދޭކަންތަކަށްވުރެ، ޖަލުގައި ހައްޔަރުވުންވެސް، ތިމަންއަޅާއަށް ލޮބުވެތިކަން މާބޮޑެވެ. އަދި އިބަރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން ތިމަން އަޅާގެ ކިބައިން ދުރުނުކުރެއްވިނަމަ، ތިމަންއަޅާ އެއުރެންނަށް ލެނބިގެން ހިނގައިދާނެތެވެ. އަދި ޖާހިލުންގެ ތެރެއިން ތިމަންއަޅާ ވެދާނެތެވެ.]{ޔޫސުފު 33}

އަރަހުށި މާތްﷲ، ޔޫސުފު ޢަލައިހިއްސަލާމު ކުރެއްވި ދުޢާފުޅު ވަރަށް ފުރިހަމައަށް އިޖާބަކުރެއްވިއެވެ. އަދި އެބައިމީހުންގެ މަކަރުވެރި ރޭވުންތައްކުން ދުރުކުރެއްވިއެވެ. ޙަޤީޤަތުގައި ޔޫސުފުގެފާނަށް ޖަލުގައި ހުންނެވުމުގެ އަދަބު ލިބިވަޑައިގެންނެވީ އެކަލޭގެފާނުގެ އެއްވެސް ކުށެއް ބުށެއް ނެތިއެވެ. އެކަމުގެ ޞަރީޙަ ދަލީލުތައް ޚުދު އެބައިމީހުންނަވެސް ވަނީ ފެނިފައެވެ. މިދެންނެވި ވާހަކަ ޔޫސުފު ސޫރަތުގެ 35 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ.

ثُمَّ بَدَا لَهُم مِّن بَعْدِ مَا رَأَوُا الْآيَاتِ لَيَسْجُنُنَّهُ حَتَّىٰ حِينٍ ﴿٣٥﴾

މާނައީ: [ދެން (އެކަލޭގެފާނު ބަރީއަވެގެންވާކަމުގެ) دليل ތައް އެއުރެންނަށް ފެނިދިއުމަށްފަހުވެސް، ހަމަކަށަވަރުން، އެކަލޭގެފާނު ދުވަސްކޮޅަކަށް ޖަލުގައި ހައްޔަރުކުރުމަށް އެއުރެންނަށް ފެނުނެވެ.]

މިޞްރުގެ ޢަޒީޒުގެ އަނބިކަނބަލުންނަކީ، ޙަސަބާއި ނަސަބުގެ ގޮތުން އަރާ އިންނެވި ބޭކަނބަލެކެވެ. ވަރަށް ރީތިފުޅު ބޭކަނބަލެއްވެސްމެއެވެ. ނަމަވެސް ޔޫސުފުގެފާނު އެކަމަނާގެ އެދުމަށް އިންކާރު ކުރެއްވިއެވެ. ރީތިކަމާއި، ޙަސަބާއި ނަސަބުގެ ގޮތުން އަރާއިން އަންހެނަކު ފާޙިޝްކަމަކަށް ގޮވައިލުމުން އިންކާރު ކުރާ މީހާއަށް ޤިޔާމަތް ދުވަހުގައި، ޢަރުޝިގެ ހިޔާވަހިކަން ލިބޭނެކަމަށް ޙަދީޘްގައި ވާރިދުވެގެން އައިސްފައިވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ.

“سَبْعَةٌ يُظِلُّهُمُ اللهُ في ظِلِّهِ يَوْمَ لاَ ظِلَّ إلاَّ ظِلُّهُ : إمَامٌ عَادِلٌ ، وَشَابٌّ نَشَأ في عِبَادَةِ الله – عز وجل – ، وَرَجُلٌ قَلْبُهُ مُعَلَّقٌ بِالمَسَاجِدِ ، وَرَجُلاَنِ تَحَابّا في اللهِ اجْتَمَعَا عَلَيهِ وتَفَرَّقَا عَلَيهِ ، وَرَجُلٌ دَعَتْهُ امْرَأةٌ ذَاتُ حُسْنٍ وَجَمَالٍ ، فَقَالَ : إنِّي أخَافُ الله ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ ، فَأخْفَاهَا حَتَّى لاَ تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ الله خَالِياً فَفَاضَتْ عَيْنَاهُ” { مُتَّفَقٌ عَلَيهِ}

މާނައީ: [ޤިޔާމަތްދުވަހުގައި އަރަހުށި މާތްﷲ ހަތް ބާވަތެއްގެ ބަޔަކަށް އެއިލާހުގެ ހިޔާވަހިކަން ދެއްވާނެއެވެ. އެއީ އެއިލާހުގެ ހިޔާވަހިކަން ފިޔަވާ އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާނެ ދުވަހެވެ. އެބައިމީހުންނަކީ، ޢަދުލުވެރި ވެރިޔާއާއި މާތްﷲ އަށް އަޅުކަމުގެމަތީ ބޮޑުވި ޒުވާނާއާއި، އެމީހެއްގެ ހިތް މިސްކިތާ ގުޅިފައިވާ މީހާއާއި، މާތްﷲ އަށްޓަކައި ލޯބިވެ އެކަމުގެމަތީ ޖަމާވެ އެކަމުގެމަތީ ވަކިވެދާ ދެމީހުންނާއި، ރީތިކަމާއި ޙަސަބާއި ނަސަބުގެ ގޮތުން އަރާއިން އަންހެނަކު (ނުބައިކަމަކަށް) ގޮވާލާހިނދު، ތިމަން ﷲ އަށް ބިރުވެތިވަމޭ ބުނެ އެކަމުން ދުރުވެގަންނަ މީހާއާއި، އެކަނިހުރެ މާތްﷲ ހަނދުމަކުރުމުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ.]……ނުނިމޭ…

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ނޭނގި ވެވުނީ ލޯތްބޭ 2- 1

Next

ވާނަމޭ އެކުގައި…….. 5

Next
July 11, 2021

ވާނަމޭ އެކުގައި…….. 5

Previews
July 10, 2021

ނޭނގި ވެވުނީ ލޯތްބޭ 2- 1

One Comment

  1. Rooya Xek says:
    July 11, 2021 at 8:51 am

    Masha Allah ?????

Comments are closed.



All Right Reserved!