Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

ޔޫސުފްގެފާނު ވާހަކަ: ޤުރްއާނުގައިވާ އެންމެ ރީތި ވާހަކަ 01

Ali Ihsaan Level 210 Stories100 Login
July 9, 2021 3 Mins Read
1 Comment

ނަންފުޅާއި ނަސަބުފުޅު

يوسف عليه السّلام އަކީ يعقوب عليه السّلام ގެ ދަރިކަލެކެވެ. އެކަލޭގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ راحيل އެވެ. ނަންފުޅާއި ނަސަބުފުޅުގެ ގޮތުން يوسف عليه السّلام އަކީ އެއްވެސް އިންސާނަކަށް ލިބިފައިނުވާ ޝަރަފުތަކެއް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. ޚާއްޞަ އިމްތިޔާޒެއް ލިބިވަޑައިގެންފައިވާ ނަބީބޭކަލެކެވެ.

يوسف عليه السّلام ގެ ބައްޕާފުޅު يعقوب عليه السّلام އަކީ ނަބީބޭކަލެކެވެ. ކާފާފުޅު إسحاق عليه السّلام، އަކީ ނަބީބޭކަލެކެވެ. މުނިކާފާފުޅު إبراهيم عليه السّلام އަކީ ނަބީބޭކަލެއް އަދި ރަސޫލުބޭކަލެއްމެއެވެ. يوسف عليه السّلام ގެ މިދެންނެވި ނަސަބުފުޅަށް ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ މުޙައްމަދު صلّى اللّـه عليه وسلّم ވެސް ވަނީ ތާރީފު ކުރައްވައިފައެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

قِيلَ يَا رَسُولَ اللَّهِ، مَنْ أَكْرَمُ النَّاسِ قَالَ ‏”‏ أَتْقَاهُمْ ‏”‏‏.‏ فَقَالُوا لَيْسَ عَنْ هَذَا نَسْأَلُكَ‏.‏ قَالَ ‏”‏ فَيُوسُفُ نَبِيُّ اللَّهِ ابْنُ نَبِيِّ اللَّهِ ابْنِ نَبِيِّ اللَّهِ ابْنِ خَلِيلِ اللَّهِ ‏”‏‏.‏ قَالُوا لَيْسَ عَنْ هَذَا نَسْأَلُكَ‏.‏ قَالَ ‏”‏ فَعَنْ مَعَادِنِ الْعَرَبِ تَسْأَلُونَ خِيَارُهُمْ فِي الْجَاهِلِيَّةِ خِيَارُهُمْ فِي الإِسْلاَمِ إِذَا فَقُهُوا ‏”‏‏ { صحيح البخاري/ كتاب أحاديث الأنبياء/ بَابُ قَوْلِ اللَّهِ تَعَالَى: {وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلاً}/ ޙަދީޘް ނަންބަރު 3353}

މާނައީ: ރަސޫލާ އަރިހުގައި ދެންނެވުނެވެ. މީސްތަކުންގެ ތެރެއިން އެންމެ މާތް މީހަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެއީ އެބައިމީހުންގެ ތެރެއިން އެންމެ ތަޤްވާވެރިކަން ބޮޑު މީހާއެވެ. އެބޭކަލުން ދެންނެވިއެވެ. އަޅުގަނޑުމެން މިދެންނެވީ ތިޔަ ވާހަކައެއް ނޫނެވެ. ޙަދީޘް ކުރެއްވިއެވެ. ނަސަބުގެ ގޮތުން އެންމެ މާތްވެގެންވަނީ يوسف عليه السّلام އެވެ. يوسف عليه السّلام އަކީ މާތްﷲ ގެ ނަބިއްޔެކެވެ. އެކަލޭގެފާނަކީ މާތްﷲ ނަބިއްޔާ އަދި ޚަލީލު އިބްރާހީމުގެފާނުގެ ދަރިކަލުން، މާތްﷲ ގެ ނަބިއްޔާ އިސްޙާޤުގެފާނުގެ ދަރިކަލުން މާތްﷲ ގެ ނަބިއްޔާ ޔަޢުޤޫބުގެފާނުގެ ދަރިކަލުންނެވެ. އެބޭކަލުން ދެންނެވިއެވެ. އަޅުގަނޑުމެން ކަލޭގެފާނަށް މިދެންނެވީ ތިޔަ ކަމުގެ ވާހަކައެއްވެސް ނޫނެވެ. ޙަދީޘް ކުރެއްވިއެވެ. އެހެންވިޔާ ތިޔަ އައްސަވަނީ ޢަރަބީންގެ ތެރެއިން އެންމެ މާތް ބަޔަކާމެދުގަތާއެވެ. އެބައިމީހުންގެ ތެރެއިން އެންމެ މާތް ބަޔަކީ ޖާހިލިއްޔަ ޒަމާނުގައިވެސް އެބަޔަކީ އެންމެ ރަނގަޅު މޮޅު މީހުން ކަމުގައި ބެލެވުނު މީހުންކުރެ، އެބައިމީހުން އިސްލާމްވުމަށްފަހުގައިވެސް ދީނުގެ ކަންކަން އެންމެ ބޮޑަށް ދަންނަ، އެއާ އެއްގޮތަށް އަމަލުކުރާކަމުގައިވާ މީހުންނެވެ.”

ހަމަ މި މާނައިގެ ހަދީޘެއް ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.

“‏الْكَرِيمُ ابْنُ الْكَرِيمِ ابْنِ الْكَرِيمِ ابْنِ الْكَرِيمِ يُوسُفُ ابْنُ يَعْقُوبَ بْنِ إِسْحَاقَ بْنِ إِبْرَاهِيمَ ـ عَلَيْهِمُ السَّلاَمُ ‏”‏‏ } صحيح البخاري/ كتاب أحاديث الأنبياء/ بَابُ: {أَمْ كُنْتُمْ شُهَدَاءَ إِذْ حَضَرَ يَعْقُوبَ الْمَوْتُ}/ ޙަދީޘް ނަންބަރު 3382}

މާނައީ: “އެކަލޭގެފާނަކީ، ހެޔޮބޭކަލެއްގެ ދަރިކަލުން، ހެޔޮ ބޭކަލެއްގެ ދަރިކަލުން ހެޔޮބޭކަލެކެވެ. އިބްރާހީމުގެފާނުގެ ދަރިކަލުން، އިސްޙާޤުގެފާނުގެ ދަރިކަލުން، ޔަޢުޤޫބުގެފާނުގެ ދަރިކަލުން ޔޫސުފްގެފާނެވެ.”

މިދެންނެވި ފަދަ ޠާހިރު ނަސަބަކީ އިންސާނީ ތާރީޚުގައި ދުވަހަކުވެސް މީހަކަށް ލިބިފައިވާ ނަސަބެއް ނޫނެނެވެ. އަދި ކުރިއަށް އޮތްތަނުގައި އިންސާނަކަށް ލިބޭނެ ނަސަބައެއްވެސް ނުމެ ނޫންމެއެވެ.

އަލް އިމާމުލް ޤުރްޠުބީ އެކަލޭގެފާނު ލިޔުއްވައިފައިވާ ތަފްސީރުގައި އިމާމު ސުހައިލީއާ ޙަވާލާ ދެއްވައި ލިޔުއްވައިފައިވެއެވެ. ޔަޢުޤޫބުގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ ރިފްޤާއެވެ. ރާޙީލަކީ ބިންޔާމީނާއި، ޔޫސުފުގެފާނުގެ މައިކަނބަލުންނެވެ. ބިންޔާމީން ރައްކައުވުމުގެ ތެރޭގައި، ރާޙީލުވަނީ އަވަހާރަވެފައެވެ. {އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، 11 ވަނަ ޖިލްދު ޞަފްޙާ 260}

ނަމަވެސް، އަލް އިމާމު އިބްނު ޖަރީރުއް ޠަބަރީ ރަޙިމަހުﷲ، ވިދާޅުވެފައިވާކަމަށް، އަލް ޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ އޭރު ޔޫސުފުގެފާނުގެ މައިކަނބަލުން އަވަހާރަވެފައިވާ ކަމުގެ އެއްވެސް ޞަރީޙަ ދަލީލެއް ލިބޭކަށެއްނެތެވެ. ކީރިތި ޤުރްއާނުގެ ޡާހިރީ މާނައިވެސް އެކަމަނާ ދުނިޔޭގައި އިންނެވި ކަމަށް ދަލީލު ލިބެއެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،211 ޞަފްޙާ}

يوسف عليه السّلام ގެ އެގާރަ އަޚުން ތިއްބަވައެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، روبيل އާއި، شمعون އާއި،  لاوي އާއި، يهوذا އާއި، زيالون އާއި،  يشجر އެވެ. މިބޭކަލުންގެ މައިކަނބަލުންނަކީ، ލައްޔާއޭ ކިޔުނު ބޭކަނބަލެކެވެ.  ޔަޢުޤޫބުގެފާނަށް ދެ ޖާރިޔާއިންގެ ބަނޑުފުޅުން ހަތަރު ދަރިކަލުން ލިބިވަޑައިގެންފައިވެއެވެ. އެއީ، دان އާއި، نفتالي އާއި، جاد އާއި، آشر އެވެ. ރާޙީލުގެ ބަނޑުފުޅުން ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތީ، ޔޫސުފުގެފާނާއި، ބިންޔާމީނެވެ. {އިމާމު ޤުރުޠުބީ، ތަފްސީރުލް ޤުރުޠުބީ،11 ވަނަ ޖިލްދު ޞަފްޙާ 260}

ހުވަފެންފުޅު

يوسف عليه السّلام ތުއްޕުޅުއިރު އެއްރެއަކު އެކަލޭގެފާނު އަވަހާރަފުޅަށް އޮންނަވަނިކޮށް ވަރަށް ބަރަކާތްތެރި ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ އެގާރަ ތަރިއާއި އިރާއި ހަނދު އެކަލޭގެފާނަށް ސަޖިދަކުރަނިކޮށެވެ. يوسف عليه السّلام ގެ މި ބަރަކާތްތެރި ހުވަފެންފުޅުގެ ވާހަކަ ޤުރްއާނުގެ ޔޫސުފް ސޫރަތުގެ 24 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވަނީ މިދަންނަވާ ފަދައިންނެވެ.

إِذْ قَالَ يُوسُفُ لِأَبِيهِ يَا أَبَتِ إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ ﴿٤﴾

މާނައީ:[ يوسف ގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް سجدة ކުރާތީއެވެ.]

ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހާއި، ޤަތާދާ ރަޙިމަހުﷲ އާއި އިބްނު ޖުރައިޖު ރަޙިމަހުﷲ، ވިދާޅުވެފައިވެއެވެ. يوسف عليه السّلام އަށް ހުވަފެންފުޅުގައި ފެނިވަޑައިގެންނެވި އެގާރަތަރީގެ ތަޢުބީރަކީ އެކަލޭގެފާނުގެ އެގާރަ އަޚުންނެވެ. އިރުގެ ތަޢުބީރަކީ އެކަލޭގެފާނުގެ މައިކަނބަލުންނެވެ. ހަނދުގެ މުރާދަކީ އެކަލޭގެފާނުގެ ބައްޕާފުޅެވެ. {އިމާމު ޤުރުޠުބީ، ތަފްސީރުލް ޤުރުޠުބީ،11 ވަނަ ޖިލްދު ޞަފްޙާ 245)..ނުނިމޭ…

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ތި ސޫރަ ނޫން ޓްރެއިލަރ

Next

ޔޫސުފުގެފާނު ވާހަކަ: ޤުރްއާނުގައިވާ އެންމެ ރީތި ވާހަކަ 02

Next
July 10, 2021

ޔޫސުފުގެފާނު ވާހަކަ: ޤުރްއާނުގައިވާ އެންމެ ރީތި ވާހަކަ 02

Previews
July 8, 2021

ތި ސޫރަ ނޫން ޓްރެއިލަރ

One Comment

  1. Rooya Xek says:
    July 9, 2021 at 8:30 am

    Nice masha allah❤️ iburaihtheri vaahaka eh ❤️ hope we readers will get more stories like this soon ❤️ and v v kiyaala hithun kiyaa levunu ❤️ may allah bless u ❤️ waiting for another story from u ❤️

Comments are closed.



All Right Reserved!