ރީތި ރީތި މޫދެކެވެ. އެއްވެސް ހަޑިއެއް އެޅިފައި ނުވާ ގަދަ ނޫކުލައިގެ ކަނޑާއި މަޑު ނޫ ކުލަ ގުޅިފައިވީ އިރު ވަރަށް ހިތްގައިމެވެ. މަލަމަތިވެސް ވަރަށް ރީއްޗެވެ. ފެހިކުލަކަން ގަދަ ގަސްތަކެވެ. މިއީ ވަރަށް ރީތި މަންޒިލެކެވެ. ހުދުހުދު ދޮންވެލިގަނޑުގައި އެއްވެސް ހިޔާލެއް، ފިކުރެއްނެތި ދެކޮޅަށް ދުވަމުންދާ ކަކުންޏާއި ބަރަވެލި ތަކެކެވެ. އޭއްޗިއްސަށްވެސް ލިބިފައިވަނީ އާދަޔާޚިލާފު އުފާވެރިކަމެކެވެ. އަމިއްލަ މިނިވަންކަމެކެވެ. މެންދުރުގެ އެ ހޫނުގަދަ ގަޑިގައި އަވިން މުޅިމާހައުލު ވަނީ ގަދަ އައްޔަކުން ދިއްލާފައެވެ. އެއަށް އިތުރު ރީތިކަމެއް ގެނެސްދެނީ މަތިން އުދުހިފައިއުޅޭ ކިރުދޫނިތަކެވެ. ބޮނޑަނަ، ފިނދަނައާއި މާރަނގަ، ހޯރަ އާއި މާކަނާތަކެކެވެ. މިއީ މެލޭމެވެ.
ކުރިމަތީގައި ފެންނަން އޮތް ރީތި ރަށަށް ނަޒަރުު ހުސްކޮއްލައިގެން ނުހާ އިނެވެ. ފެންނަން އެއޮތީ މެލޭމެވެ. ދަތުރަކު ދާންވެގެން ބައްޕަގެ ގާތުގައި ނުހާ އެދުމުން ބައްޕަ ލަސްނުކޮށް ދަތުރުގެ އިންތިޒާމްތައް ހަމަޖެއްސައިދިނީ އެންމެންގެ ވެސް ރުހުމާއި އެއްބާރުލުން ލިބިގެންނެވެ. ދާނެ ރަށެއް ކަނޑައެޅުމަށް އެންމެންވެސް ބަހުސްކުރިއެވެ. އެގޮތަށް ގިނަ މީހުންނަށް ރީތި ރަށެއްކަމަށް ފެނިގެން ދިޔައީ މެލޭމެވެ. ނުހާއާއި އޭނަގެ އާއިލާއާއި ގާތްތިމާގެ މީހުން ދަތުރުކުރަމުން އެދަނީ މެލޭމަށެވެ.
“ހައި ..” ދުއްވަމުންދިޔަ ޑިންގީގެ މަތީގައި ހިނގާލާފައި އައި ކުއްޖަކު ނުހާގެ ކޮނޑުގައި އަތް އަޅުވާލަމުން ގާތުގައި އިށީނެވެ. “ހެއި ..” ފަޅުރަށަށް ހުސްކޮށްގެން އިން ނަޒަރު ޝާނާއަށް އަމާޒުކޮއްލުން ނުހާއަށްވީ އުނދަގޫ ކަމަކަށެވެ. ޝާނާ އަކީ ނުހާގެ އެންމެގާތް ރަހްމަތްތެރިޔާގެ އިތުރުން ތިމާގެ ކުއްޖެއްވެސް މެއެވެ.
“މަޖާތަ؟ .” ޝާނާވެސް ނުހާ ގޮތަށް ކުރިމައްޗަށް ބަލަން ފެށިއެވެ. “ރަށަށް ގޮސް މަޖާވާނެދޯ .. އަދި މިދޯނީގަ މަޖަލެއް ނޫން .. ބޯއަނބުރައިގަނެފަ މިހާރުވެސް މީނީ ..” ނުހާ ލޮޑުވެފައި އިނދެ ބުނެލިއެވެ. ޝާނާ ހޭންފެށީ ނުހާއަކީ ކަނޑުމައްޗަށް ވަރަށް ބަލި ކުއްޖެއްކަން އެނގޭތީއެވެ.
“ހެވޭ .. ނިމުނީ ..” ނުހާއަށް ވެސް ހެވިފައި އިނދެ ރަކިވެވުނެވެ. ޝާނާވެސް ހިނިގަނޑު މައިތިރި ކޮއްލުމަށްފަހު އަނެއްކާވެސް ކުރިމައްޗަށް ބަލާލިވަގުތު ދޫނިތަކެއް ބާރުބާރަށް ގޮވަމުން އެދިމާލުން ދާން އުދުހިގަތް މަންޒަރު ލޮލުގައި އަޅައިގަތެވެ. އެއީ ހަމަ އެ ރަށު ތެރެއިންނެވެ. “ވަޓް؟ ..” މަޑުމަޑުން އޭނަގެ ތުންފަތް ހަރަކާތްކޮއްލީ ދެލަފްޒުގެ ބަހެއް ބުނެލުމަށެވެ. “ކިހިނެތްވީ؟ ..”
“ނެވަރ މައިންޑް .. އެއީ އެދިމާލުން ދޫނިތައް އުދުއްސައިގަތީމަ .. ..” ޝާނާ މަޑުމަޑުން ޖަވާބުދިނެވެ. “ހާދަ މަޑުން؟ ކޮންތަނެއް؟ ..” ނުހާ އަހައިލުމާއިއެކު ޝާނާ އިޝާރާތްކޮއްލީ ރަށުގެ ތަންކޮޅެއް އެތެރޭގެ ދިމާއަކަށެވެ. އޭރުވެސް އެތަނުގައި އެކިއެކި ދޫނިތައް އެނބުރެމުން ދިޔައެވެ. ބާރުބާރަށް ގޮވަމުން ދިޔައިރު ހީވަނީ ބޮޑު ބިރެއް ފެނިގެން އުޅޭ ހެންނެވެ. “އޯހް ފަހަރެއްގަ ވެދާނެ ޕްރެޑޭޓަރއެއްގެ ކަމަކަމަށް ކަމަށްވެސް ..” ޝާނާގެ ހިޔާލަށް އެކަން އައުމުން ނުހާއާއި ހިއްސާކޮއްލިއެވެ. ނުހާވެސް އެކަމާއި އެއްބަސްވިއެވެ.
“ހިނގާ މަންމަމެންގެ ގާތުގަ އަހާލަން.. ފަހަރެއްގަ އެނގިދާނެއެއްނު ..” ނުހާ އެދުނެވެ. “ޔަހް. ދޯ ..” ޝާނާގެ ފަރާތުން އާބަސް ލިބުނެވެ. ނުހާ ވަރަށް ނުކެރިފައި ހުރެ އިންތަނުން ތެދުވާން އުޅުނެވެ. ވެއްޓިދާނެތީ ގަންނަ ބިރު މާބޮޑެވެ.
އެއާއިޙިލާފަށް ޝާނާ އިނީ މަންޒަރު ދެކޭށެވެ. ނުހާ ކޮންމެފަހަރަކު ކުޑަކޮށް ތެދުވެލާފައި އިށީންނަން ފެށުމުން ޝާނާގެ ގާތަށް ހިނިއައެވެ. ނުހާއަކީ ވަރަށް ބިރުގަންނަ ކުއްޖެކެވެ. ކުޑަ ކުޑަ ކަމަކާއިވެސް އެހާވަރަށް ބިރުގަންނާނެއެވެ. ނަމަވެސް ޝާނާ އަކީ ސީދާ އޭގެ އިދިކޮޅެވެ. ޝާނާ ވަރަށް ކެރޭނެއެވެ. އަބަދުވެސް ކެރިގެން ކަންކަމާ ކުރިމަތިލައެވެ. ދެކުދިންނަކީވެސް އެގާރަ އަހަރުގެ ދެކުދިންނެވެ.
“އަޅޭ ނުހާ .. ތެދުވެބަ! އެއްވެސް ކަމެއް ނުވާނެއޭ ..” އެންމެފަހުން ޝާނާ އަށް ނީނދެވިގެން ތެދުވެފައި އަވަހަށް ނުހާގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. ނުހާ ނުވެއްޓުނީ ކިރިޔާއެވެ. ނޫނެކެވެ. ނުހާ ހީކުރީ ނުހާ ވެއްޓެން އުޅުނު ކަމަށެވެ. އެކަމަކު ނުހާ ވެއްޓޭނީވެސް ކިހިނަކުން ހެއްޔެވެ. ޝާނާ ހުރީ ނުހާގެ އަތުގައި ހިފައިގެން ވިއްޔާއެވެ.
“ދެން. ނޯ ..” ތެދުވެވުނުހާ އަވަހަށް ނުހާ ޝާނާގެ އަތް ފޮޅާލުމަށްފަހު އަލުން އިށީނެވެ. ޝާނާގެ ތުންފަތުގައި ދުވެލީ ލާނެތް ހިނިތުންވުމެކެވެ. “މިވެސް ދެންދޯ ..” ނުހާ ހިތާހިތުން ޝާނާއާ ދިމާލަށް ފަތިވަރު ދަމާލިއެެވެ. “ހެހެ.. ދެން ތިހާ ފިނޑިވާކަށް ނުވާނެޔޭ ނުހާ.. އައިމް ސީރިއަސް ..” ޝާނާ އެހެން ބުނެލުމުން ނުހާ ބޯއަނބުރާކަމަށާއި ކޮޅަށްވެސް ތެދުވެވޭ ވަރެއްނެތް ކަމުގައި ބުނެލިއެވެ.
“އަނގަގަދަ މިތުރާ ސުވާލެއް އެބައޮތް؟ .” ނުހާ ޝާނާއާއި ދިމާކޮއްލިއެވެ. ރަނގަޅު ރައްދެއް ދޭންވެގެން ވިސްނާވެސް ޝާނާގެ ބޮލަކަށް ނައެވެ. ނުހާ ކާމިޔާބީގެ ހިނިތުންވުމަކާއި އެކީގައި ކުރިމައްޗަށް ބަލާލިވަގުތު ރަށް އޮތީ އަތްޖެހޭހާ ގާތުގައެވެ. ދެމީހުން ދެމީހުނާ ފޮށެން ތިއްބާ ޑިންގީ ލެފިއިރަކު ވެސް ނޭނގުނީތާއެވެ.
“ކުދިންނޭ.. އަވަހަށް ފައިބާ .. ބޭބެމެން އަންނާނަން އަދި ..” ޝާނާގެ ބައްޕަ އާދަނު އެންމެންނަށް އަޑު އިވޭވަރަށް ބާރަށް ގޮވާލިއެވެ. އެއަޑަށް އިޖާބަދެމުން އެންމެން ޑިންގީއިން ފައިބަން ފެށިއެވެ. އާދަނާއި މިސްބާހުވެސް އެއްޗިހިތައް ބޭލުމުގައި އެހީތެރިވެދިނެވެ.
“ބައްޕަމެން ތިދަނީ ކޮންތާކަށް؟ ..” ބޯއަނބުރައިގަނެފައިވާ ނުހާގެ ކޮނޑުގައި ހިފައިގެން ޑިންގީއިން ފައިބަން ދިޔަ ޝާނާ އާދަނުގެ ގާތުގައި އަހާލިއެވެ. “މަސްބާނަން މިދަނީ ..” އާދަނު ޖަވާބުދެމުން ނުހާއަށް ބަލައިލިއެވެ. “އަނހަ.. ނުހާ؟ ބޯއެނބުރީދޯ.. އެތާ އިށީދެލާ އަވަހަށް ގޮސް ..”. އާދަނު، ހުސްކޮށް ހުރި، ހިޔާދީފައި އޮތްތަނަކަށް އިޝާރާތްކޮށްލިއެވެ. ނުހާ ހިނިތުންވަމުން ބޯޖަހާލުމަކުން ފުއްދާލީއެވެ.
” ނުއްކޯ؟ ..” ނުހާގެ މަންމަ ނަބާހާ ނުހާގެ އަތުގައި ހިފައިގެން ގޮސް އާދަނު އިޝާރާތް ކުރި ތަނުގައި ބޭންދިއެވެ. “ދަރިފުޅު އިހަށް ތިތާ އޮށޯވެލާ! އިރުކޮޅަކުން ކާން ގެންނާނަން އިނގޭ..” ނުހާއަށްވީގޮތް ނަބާހާ އަށް ފަސޭހަކަމާއިއެކު ނަގައިގަނެވުނެވެ. ނަބާހާ އެހެން ބުނިއިރަށް ޝާނާ އައިސް ނުހާގެ ގާތުގައި އިށީނެވެ. “ޝާނާ ކާނަންތަ؟ ކާން ގެންނަންތަ؟ ..” ނަބާހާ ހިނިތުންވެލަމުން ސުވާލުކޮށްލިއެވެ. “ނޫން.. އޯކޭވާނެ ދައްތާ.. ނުހާ ކާއިރަކުން ކާނަން..” ޝާނާ އެދުމުން އޯކޭއޭ ބުނެފައި ނަބާހާ ހިނގައްޖެއެވެ.
“ސަޅިދޯ؟ ..” ނުހާ އެހެންއިދެފައި ބުނެލީ ޤުދުރަތުގެ ރިތި މިސާލަށް ފުންކޮށް ވިސްނާލަމުންނެވެ. އޭރު ބޯމަތިން އުދުހިފައި ދާ ދޫނިތައް ހީވަނީ އެތަން މިލްކުކޮށްފައި ވާހެންނެވެ. “އާން.. ނުހާ ޖެހޭނެ އިނގޭ ކައިގެން ރަނގަޅުވާން. އެހެންނޫނީ އެއްވެސް މަޖަލެއް ނުވާނެއްނު؟ ..” ޝާނާ އެދުނެވެ. “ހޫމް ..” ނުހާ ކުޑަ ހޫމްއެއް ލައްވާލިއެވެ. ބޯދަށަށް އަތްލައްވައިލަމުން އިތުރަށް އެތަނުގައި ހަމަޖެހިލިއެވެ.
“ކިތަށް ދުވަހޯ ބައްޕަ ބުނީ؟ ..” ޝާނާ ޔަގީން ކޮއްލުމަށް އެއްެސެވެ. އޭނައަށް އަޑުއިވިފައިވާ ގޮތުންނަމަ އެމީހުން މިރަށުގައި މަޑުކުރަނީ ދެދުވަހަށެވެ. އަސްލު އެއީ ޝާނާ ބޭނުންވި މިންވަރެއް ނޫނެވެ. ޝާނާ ބޭނުންވީ އެއަށްވުރެ ގިނަ ދުވަހެވެ. އެންމެންވެސް ޝާނާ ފަދައިން ދެދުވަހަށްވުރެ ގިނަދުވަސް ބޭނުންވިއެވެ. ނަމަވެސް ނުހާގެ ބައްޕަ މިސްބާހް، އޮފީސް މަސައްކަތުގައި އުޅެން ޖެހޭތީ، ދެދުވަހަށްވުރެ ގިނައިން ދުވަސް ނުލިބުނީއެވެ.
“ތިން ދުވަހަށް ބަދަލުކުރީ ޜޭގަ .. ބައްޕަ އޮފީހަށް ގުޅައިގެން އޮފްޑޭއެއް ނެގީ ..” ކަންވީގޮތް ނުހާ ކިޔައިދިނެވެ. ޝާނާއަށް އުފަލުން ފުންމައިނުގަނެވުނީ ކިރިޔާއެވެ. ‘”ހާދަރަނގަޅޭ ..” އޭނައަށް ބުނެވުނެވެ. ނުހާ އެއްމިޔަނަކުން ހީލިއެވެ.
“ކޮބާ .. މިއޮތީ ދެތަށި.. ނުހާ އެކަތި ނަގާ. ޝާނާއަށް ބޯންގެންނާނީ ކޯއްޗެއް؟ ނުހާވެސް ..” ކައްކާފައިވާ ތަކެތި ހިފައިގެން ނަބާހާ އެނބުރި އައީ ނުހާ އާއި ޝާނާއަށް ވާވަރަށް ތައްޓަކަށް އަޅައިގެންނެވެ. “މަންމާ.. ސޫޕްދޯ ކެއްކީ؟ ..” ނުހާ ސުވާލުކޮށްލީ، ތަށި އަތުން ނަގައިގެން އެއަށް ބަލައިލަމުންނެވެ. “އާން ދަރިފުޅާ ..” ނަބާހާ ހިތްހެޔޮ ކަމާއިއެކު ބޯޖަހާލިއެވެ. ” ކޯއްޗެއް ހުރީ ބޯން؟ ..” ޝާނާ އަހާލިއެވެ. “ރޮސިރަޕް އާއި އެޕަލް ޖޫސް ..” “ރޯސިރަޕް އޯކޭވާނެ ..” ޝާނާ އަށް މީރީ ރޯސިރަޕެވެ. “އެޕަލް ޖޫސް ..” ނުހާ އެދުނެވެ. “އޯކޭ. މިގެންނަނީ.”
“ނަބާހާއްތާ .. ކޮބާ މަންމަ؟ ..” އޭނަގެ މަންމަ ފެންނަން ނެތުމުން ޝާނާއަށް އަހާލެވުނީ ނަބާހާ ތެދުވެގެން ދާން އުޅެނިކޮށެވެ. “އޯހް ޔާ.. އަނެއް.. ކީކޭތަ ބުނަން އުޅުނީ.. އާން.. މީ ޝާނާގެ މަންމަ ގޮސްސި ވަލަށް، މާމައާއި ބައްޕައާއި އެކު، ކާށި އަޅަން ..” ނަބާހާއަށް ބުނެވުނީ އަނގަ އޮޅެމުންނެވެ. “މަންމާ ތިވަރު ވާންޖެހޭތަ؟ ޕިސްޕިސް ..” ނުހާ އާއި ޝާނާ އެކުގައި ކަހަލަ ގޮތަކަށް ހޭންފަށައިފިއެވެ. ބޯހޫރުވާލަމުން ނަބާހާ އަވަހަށް ގޮސްފައި އެނބުރި އައީ އެދެކުދިން އެދުނު ފަދައިން އެޕަލްޖޫސްއަކާއި ރޯސިރަފް ތައްޓެއް ހިފައިގެންނެވެ.
“ކޮންއިރަކު މޫދަށް އެރެނީ؟ ..” ނަބާހާ ތަށި ދިއްކޮއްލުމުން ނުހާ އޭގައި ހިއްޕެވެ. “އަސްރު ނަމާދު ކޮށްލައިގެން. އަދި ދެގަޑި ބައި ..” ޖަވާބު ދެމުން ނަބާހާ ހިނގައިގަތީ ޓެންޓުތައް ޖަހަން ތިބި މީހުންނަށް އެހީވާށެވެ.
“މަންމަ އެދިޔައީ ކޮންތާކަށް؟ ..” ކާންފަށަމުން ނުހާއަށް އެހުނެވެ. “އެދިމާލަށްދޯ އެދަނީ. ހިވަނީ ޓެންޓުތައް ހުންނަ ދިމާހެން .. އެހީވާން ކަންނޭނގެ ދޯ..” “ކާކަށް؟ ..” ނުހާ ސުވާލުކޮށްލިއެވެ. “ޓެންޓްތައް ޖަހަން ތިބި މީހުންނަކަށްނުު؟ .” “އޯހްއޯކޭ ..”
ކަމުން ދިޔަވަރަކަށް ނުހާގެ ގައިގައި ވަރުޖެހެމުން ދިޔައެވެ. ސިކުނޑި ތާޒާވެ ބޮލުގައިވީ ރިހުން ކެނޑުނެވެ. ކެއުން ނިންމާ ލުމަށްފަހު ދެކުދިންވެގެން އުޅުނީ ކަކުނި ހޮރުތައް ކޮނުމާއި ބަރަވެލިތަކަށް ޖެއްސުން ކުރުމުގައެވެ. މިހެން ތިއްބާ ގަޑި ދިޔަ ގޮތެއް ވެސް ނޭނގުނެވެ.
“ނުހާ!! ޝާނާ!!.. ނަމާދަށް ގޮވައިފި..ކުޅުން ހުއްޓާލާ ދެން.. އަވަހަށް ނަމާދުކުރަންދޭ ..” ޝާނާގެ މާމާ ފާތުމާ ހޭޅިފަށުގައި ހުރެ ރާޅުޖަހާ ހިސާބުގައި ތިބި ދެކުދިންނަށް ގޮވާލުމަށްފަހު އެދުނެެވެ. “ލައްބަ.. މިދަނީ ..” ޝާނާ މިހެން ބުނުމުން ނުހާ ކުރިއަށް ހިނގައިގަތެވެ. އޭރު ހުރިހާ ޓެންޓެއް ޖަހައިފިއެވެ.
“ޓެންޓަށް ލައިފަ ހުންނާނެ ހުރިހާ ދަބަސްތަކެއް .. ނުހާ އާއި ޝާނާގެ ޓެންޓަކީ އެންމެ އެކޮޅު ޓެންޓް .. އެޓެންޓަށް ދޭ..” ނުހާގެ ބޭބޭ ނިއަލް އިޝާރާތްކުރި ދިމާލަށް ދެކުދިން ވެގެން ބަލާލިއެވެ. އަދި ޓެންޓަށް ގޮސް ޓެންޓަށް ވަނެވެ. އެއީ ވަރަށް ކުޑަ ޓެންޓެކެވެ. ހަތަރު ޓެންޓް މެލޭމުގައި ޖަހަންވެގެން ގެނައިއިރު އެޓެންޓް އަތުގެ ތެރެއިން އެންމެ ކުޑަ ޓެންޓަކީ މުހާމެންގެ ޓެންޓެވެ.
ނޫހާ އާއި ޝާނާ ވަޅުން ފެންނަގައި ވުޟޫކޮއްގެން ނަމާދުކޮއްލިއެވެ. އަދި ދަބަސްތަކާއި މުސައްލަތައް ފަތުރާލުމަށްފަހު ޓެންޓު ތެރެ ރީތި ކުރިއެވެ. “މޫދަށް އެރޭށޯ ދޯ؟ ..” ޝާނާގެ ހަނދާނަށް ކުއްލިއަކަށް އައެވެ. “އާން.. ޝާނާ ރީތިވެގެން އާދޭ.. އަހަރެން ހުންނާނަން މަންމަމެންގެ ގާތުގަ .. .” ނުހާ މިހެން ބުނުމުން ޝާނާ ބޯޖަހާލިއެވެ. އެދެކުދިން ރޭވިގޮތަށް ނުހާ ޓެންޓުން ނުކުމެ ނަބާހަމެންގެ ގާތަށް މިސްރާބު ޖެހިއެވެ.
“މަންމަމެން ގޯންޏަށް ކާށި އަޅަނީތަ؟ ..” ނުހާ ނަބާހާމެންގެ ގާތުގައި ހުއްޓެމުން ވެލިގަނޑުމަތީ ބާއްވައިފައި އޮތް ކާއްޓެއް ނަގައިގެން ގޯންޏަށް އަޅައިފިއެވެ. “އާން.. ކޮބާ ނަމާދުކޮށް ނިމުނީތަ؟ ..ޝާނާ ކޮބާ ..” ނަބާހާ ސުވާލުކުރަން ފެށިއެވެ. ނުހާ ހީލުމައްފަހު ޝާނާ މޫދަށްދާންވެގެން ތައްޔާރު ވާން އެބަހުރި ކަމުގައި ބުނެލިއެވެ. “މޫދުދޯ .. ހޫމް އޯކޭ .. ޝާނާ އައީމަ ދެކުދިންގެގެން ކުޑަކޮށް އެރިލާ .. މާފުނަށް ގޮސްސިއްޔާ މާދަމާ އެއްވެސް ކުއްޖަކަށް ނޭރޭނެ މޫދަކަށް ..” ނަބާހާ ބުނެލިއެވެ. ނުހާ އަނެއްކާވެސް ހީލުމަކުން ފުއްދާލީއެވެ.
އެވަގުތު މީހަކު ހުއްޓުނުހެން ހީވެގެން ބަލައިލިއިރު ޝާނާ ހުރީ ސްވިމިންގ ސުއިޓު ލައިގެން ތައްޔާރުވެގެން އައިހެވެ. ނުހާ ހިނިގަނޑެއް ޖަހާލުމައްފަހު ޝާނާ އާއި އަތުނުވާންވެގެން ބާރަށް ދުއްވައިގަތީ މޫދާއި ދިމާއަށެވެ. ޝާނާއަށް ނުވެސް އެނގި ހުއްޓާ ނުހާ ކޮށްލި ކަމަކުން ޝާނާއަށް ނުހާއެއް އަތެއް ނުވެވުނެވެ. އޭނައަށް ޖެހުނީ ނުހާގެ ފަހަތުން ދުވަމުން ގޮސް ނުހާ އަތުލާށެވެ. ނަމަވެސް އެކަން ނުވެހުއްޓާ ނުހާ މޫދަށް ފުންމާލިއެވެ.
-ނުނިމޭ-
މިއީ އަޅުގަނޑު ދެ ޕަރޓަކަށް ބަހައިލައިގެން ލިޔާ ކުރުވާހަކައެވެ. ކިޔުންތެރިންނަށް މިވާހަކަ ކަމުދާނެކަމަށް އުންމީދުކުރަމެވެ.
ކިޔުންތެރިންގެ ފަރާތުން އަޅުގަނޑަށް ބޮޑު ތަރުހީބެއް ލިބެމުންދާތީ އަޅުގަނޑު އެކަމާއިމެދު ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


