ޕޯޝަން – 5
“ވެދާނެ ..” ޔޫވްވެސް ފަހަތުގައި ހުއްޓެވެ. ޔޫލީ އަވަހަށް ޔޫވްއަށް ކަޅިގަނޑު އަޅައިގަތެވެ. ޔޫވް ދެކޮނޑު އަރުވާލު މާއިއެކު އަނެއްކާވެސް ޔޫލީ ދެލޯ ހަނިކޮއްލިއެވެ. މިފަހަރު އެއްވެސް ގޮތަކަށް އޭގެ ރައްދެއް ޔޫވް ނުދިނެވެ. އޭނާ ހުރީ އެހެން ދިމާއަކަށް ބަލާށެވެ. ޔޫލީ ހަމަޖެހުނެވެ.
“ކޮއްކޯ .. މީގަ ހިފާލަބަލަ ..” މުސްކުޅި ދައިތައެއްގެ އަޑު އިވުމާއިއެކު އަނާ ފަހަތަށް ބަލާލިއެވެ. އޭނަގެ ހިތުގައި ކުޑަކުޑަ ބިރުވެރިކަމެއް އުފެދުނީ ކުރިމަތީގައި ހުއްޓިލައިގެން ހުރި ދައިތަގެ މޫނުމަތީގައިވާ ހިނިތުންވުން ފެނިފައެވެ. އެދައިތަގެ އަތުގައި ބިއްލޫރި ދިގު ތުނބެއް ހުރި ފުޅިއެއް އޮތެވެ.
“ހިފަންވީތަ؟ ..” ޔޫލީގެ ގާތުގައި އަނާ އަހާލީ ސިއްރު ސިއްރުން ފަހަތަށް އެނބުރިލާފައެވެ. ނަމަވެސް އެއަޑު ދައިތައަށް އިވުނުކަމެއް އަނާއަކަށް ނޭނގެއެވެ. “ހިފާބަ ..” ޔޫލީ ބުނެލިއެވެ. ނުކެރި ބިރުގަނެފައިވާ ހާލު އަނާ އޭގައި ހިފީ ނުރައްކަލެއް ދިމާވެދާނެ ކަމަކަށް ނޫނެވެ.
“މީގައި ބާރަށް ހިފާތި! ތަންކޮޅެއް ހޫނުވާނެ ..” އެދައިތަ އުނދުޅިން ކޮންމެވެސް ހޫނު އެއްޗެއް އެއަށް އަޅަމުން ގެންދިޔައެވެ. އަނާ އަށް ހޫނުވެގެން ކެތް ނުކުރެވޭ ދަރަޖައަށް ދިޔައެވެ. ޔޫލީއާއި ޔޫވް ހާސްވެފައި ތިބެގެން އަނާއަށް ބަލާލިއެވެ. އަނާ އެހީއަކަށް އެދި އެކުދިންނަށް ބަލައިލި މަންޒަރު އެދައިތައަށް ފެނުމާއިއެކު ހުނެވެ. ނަމަވެސް ސިއްރު ސިއްރުންނެވެ.
“ދައްތާ! ވަރަށް ހޫނޭ މީތި ..” އަނާއަށް ބުނެވުނު ވަގުތުކޮޅަށްފަހު ފެނުނީ އޭނާގެ އަތުން އޭތި ދޫވެގެން ދިޔަ މަންޒަރެވެ. އެ ބިއްލޫރި ފުޅި ބިންމައްޗަށް ވެއްޓި ތަޅައިގެން ދިޔައެވެ. ހާސްވެ ޖެހިލުންވެފައިވާ ހާލު އަނާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އޭނަގެ ފަޔަށް ވެސް އޭގެން ތަންކޮޅެއް ވެއްޓުނެވެ. ނަގައިގަތް ދިލަ ބުނެދޭކަށް ވެސް ނޭނގުނެވެ. އަވަހަށް ފައި ފޮޅާލެވުނީ ކޮން ހިއްވަރެއް ލިބިގެންކަމެއްވެސް އަނާއަކަށް ނޭނގެއެވެ.
“މާފްކުރައްވާ!! ގަސްތުގައެއް ނޫން ..”. އަނާ ބުނެލީ ކުޑަކޮށް ޖެހިލުންވެފައެވެ. އޭނައަކަށް އެދައިތަގެ މޫނެއް ނުފެނެއެވެ. “އޯކޭ ވާނެ އަނާ! ..”. އެދައިތަގެ ދުލުން ބޭރުވިއެވެ. “ކިހިނެއް.. ދައިތައަށް.. އަހަރެންގެ ނަން އެނގުނީ؟؟ ..” އަނާ ހައިރާންވެފައި ހުރެ ސުވާލުކުރިއެވެ. “ހެހެ. ދެން ދައިތައަށް އެނގޭނެއްނު؟ ބާރުތައް ހުރީމަ ..”. އެދައިތަ އެބުނެލި ބަހުގެ ތެދުކަމާއި ދޮގުކަން އެނގޭނީ ހަމަ އެކަނި އަޅަމެންގެ ވެރި ރަސްކަލާނގެއަށެވެ. އަނާ އާއި އޭނަގެ އެކުވެރިން އެބަސް ޤަބޫލުކުރީ ނޭނގުމެއްގެ ތެރޭގައެވެ.
ކުއްލިއަަކަށް ޔޫލީ އާއި ޔޫވްގެ އަތުގައި އަޅާފައި އޮތް ސްޓޮޕް ވޮޗްތަކުން އެލާމްގެ އަޑު އިވެންފެށިއެވެ. “ހޭއި އީން.. 2.30 ވީމި. ހިނގާދާން ..” ޔޫލީ އިޝާރާތް ކޮއްލިއެވެ. ” ދައިތާ ސޮރީ އިނގޭ، މީތި ވެރުނީމަ ..” ފަހަތަށް އެނބުރި ބޯޖަހައިލަމުން އަނާ އެދައިތަގެ ގާތުގައި އަދިވެސް އެއްފަހަރު މަޢާފަށް އެދުނެވެ. “އޯކޭ ވާނެޔޭ ކޮއެފުޅާ ..”އަނެއްކާވެސް އޯކޭ ވާނެޔޭ ދައިތަ ބުންޏެވެ.
ވައިގަނޑެއް އަޅުވާލައި އަނާ އުދުހި ގަތެވެ. ފަހަތުން ޔޫލީ ވަރަ ހުޅުވާލިއެވެ. ޔޫވް ވެސް މެއެވެ. ނަމަވެސް ފުރަތަމަ އުދުހިގަތީ ޔޫލީއެވެ. ޔޫވް ވެސް ދާންވެގެން ދައިތަގެ ފޮޓޯއެއް ނެގީ ދައިތައަށް އަންގާވެސް ނުލާއެވެ. ދައިތަ ސިހުމާއިއެކު ދެލޯ ހަނިކޮށް ބަލާލިއިރު ޔޫވް ފެންނާކަށް ވެސް ނެތެވެ. މައްޗަށް ބޯހިއްލާ ބަލާލިއިރު ޔޫވް އުދުހިފައި ދަނީއެވެ. “އައްޗި! ..”
“ވަރަށް މަޖާ ދޯ؟ ..” ޔޫލީ ޔޫވްއާ ވާހަކަ ދެއްކިއިރު އެއްވެސް ރުޅިވެރިކަމެއް ފެންނާކަށް ނެތެވެ. އަނާ އެކަމާ އަޅާނުލިއެވެ. “ޔެއަހް. މާދަމާ އާދެވޭނެތަ؟ ..” ޔޫވް އަނާގެ ގާތުގައި އަހާލިއެވެ. “ނޭނގެ. މާދަމާ ބަލާނީ! ޔޫވް. މަންމަ ފެންބޯން ވަރަށް ގިނައިން ތެދުވާނެ. ދެން ނޭނގޭނު މަންމައަށް އެނގިދާނެ ފަހަރެއްގަ ..” އަނާ ހާސްވިކަން އެނގުމުން އެދެކުދިން އެއްކަލަ ބޯޅަ ބޭނުންކުރިއެވެ. އޭތި އަނގަޔަށް ލާ ނިމިގެން ލޯ ހުޅުވާލިއިރު ހުރެވުނީ ޖައްވުގައި އުދުހޭކަށެއް ނޫނެވެ. އެކުދިންގެ ގޭގައެވެ. ރޭނގަޑުގެ ސަލާމް އިއްވައިފައި އަނާ އަވަހަށް ގެއަށް ވަނެވެ. ސިއްރު ސިއްރުންނެވެ.
ކޮޓަރިއަށް ދާންވެގެން ނެގި ފިޔަވަޅާއިއެކު އަނާއަށް ބަދިގޭން ކާތަށިތައް ތަޅުވާ އަޑު އިވުނެވެ. ޔަގީނެވެ. މަންމަ އަދިވެސް ނުނިދަނީއެވެ. މީހެއްގެ ފިޔަވަޅުތަކުގެ އަޑު ބަދިގޭގެ ދޮރާއި ގާތްވަމުން އަންނަކަން ފާހަގަ ކުރެވުމުން އަނާ އަޅައިގެން ހުރި ދަބަސް ކައިރީގައި ހުރި ވާސްގެ ބިއްދޮށުގައި ބެހެއްޓިއެވެ. ބުރުގާ ވެސް ނަގައި ސޯފާ މައްޗަށް ހޫރާލިއެވެ. ނިކަން ސާދާ ހިނިތުންވުމާއިއެކު އަނާއަށް އެރުނީ ސީދާ ރިހާނާގެ ކުރިމައްޗަށެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


