Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (32)

Dheem&Eekku Level 410 Stories100 Login500 Login
June 4, 2021 11 Mins Read
2 Comments

“ޔީޝްއަށް ހީވަނީތަ ޔީޝްއާ ނުލާ އަހަންނަށް މުސްތަގުބަލެއް ވާނެއޭ.. އަހަރެން މިހާވަރަށް ޔީޝްދެކެ ލޯބިވާއިރުވެސް ޔީޝް އަހަރެންގެ ލޯތްބަށް ކުޑަވެސް ގަދަރެއް ނުކުރެވޭތަ.. އަހަރެން ކިހިނެއް ޔިޝްއާ ނުލާ އުޅޭނީ..” ބާލީހުގައި ބައްދާލަމުން ދުލު ކުރީ އޮތް ޝަކުވާތަށް އަރުތެރެއަށް ހިންދާލިއެވެ.

****

ދާނިޝްގެ ބައްޕައާ ވާހަކަ ދައްކަން އިނދެފައި ކޮޓަރިއަށް ދިޔުމަށް ވަލީދު ނުކުތް އިރު 10 ގަޑި ބައިވަނީއެވެ. ސިޑިން މައްޗަށް އެރުނު އިރު ވަލީދު ހުރީ ގުނބު ހިލިފައެވެ. ނިދި އައިސް ބަރުވެފައި ވީނަމަވެސް ވަލީދު ބޭނުންވީ އޮށޯތުމުގެ ކުރިން ފެންވަރާލާށެވެ. ބޮލުގައި އޮތް ތާކިހާ ބާލާ މޭޒުމަތީ ބާއްވާފައި ހަރުގައި އަޅުވާފައި އޮތް ތުވާލި ނެގިއެވެ. ފާހަނައާ ދިމާއަށް ހިނގާގަތް ތަނާ ކުރިމަތީގައި ހުރި ހުސް ކޮޓަރީގެ މައި ދޮރު ލެއްޕުނު އަޑު ވަލީދުއަށް އިވުނެވެ. އެކޮޓަރި ކައިރީ އެއުޅެނީ ދާނިޝް ބާއޭ ވަލީދު ހިތަށް އެރިއެވެ.

ފާހަނައަށް ދިޔުމުގެ ހިޔާލު ދޫކޮށްލާފައި ވަލީދު ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. ދޮރު ފޮތިގަނޑުގެ ނިވަލުގައި ހުރެ ވަލީދު ކޮޓަރިން ބޭރު ބަލާލިއެވެ. އޭރު ޔީޝާމެން އުޅުނު ބައިގެ ދޮރުމަތީ ހުރީ ދާނިޝްއެވެ. ވަލީދުއަށް ފެނުނީ އެއް އަރިމަތިން ނަމަވެސް އެއީ ދާނިޝްގެ ސޫރަކަން ވަލީދުއަށް ޔަގީނެވެ.

“މިގޭތެރޭގަ ލޮލަށް ފެންނަ ހުރިހާ ކަމަކީ ހަގީގަތެއް ނޫން.. ކިހިނެއް އެނގޭނީ އެއީ ދާނިޝްކަމެއް. ރަނގަޅަށް ވިއްޔާ އެސޮރުގެ ސިފަ ޖެހިގެން އެ ޖިންނި އައިސް އެއުޅެނީ..” ވަލީދު ހިތަށް އެރިއެވެ. ބޭރަށް ނުކުތުމުގެ ކުރިން ވަލީދު އޭނާގެ ނޯކިޔާ ފޯނު ނަގާ ސޭވް ކޮއްފައި އިން ދާނިޝްގެ ނަންބަރަށް ފިއްތާލިއެވެ.

“ކީކޭ ވަލީދުބޭ؟” އެކޮޅުން އިވުނީ ދާނިޝްގެ އަޑެވެ. ދާނިޝްގެ އަޑު ހުރިގޮތުންވެސް ވަލީދުއަށް އެ ގުޅުނީ ދާނިޝް ނިދާފައި އޮތްވާކަން އޭނާއަށް އެނގުނެވެ. ދާނިޝްގެ އަޑު ފޯނުން އިވުނު ނަމަވެސް އޭނާގެ ކުރިމަތިންވެސް ދާނިޝްގެ ސޫރަ ފެންނަން އެބަހުއްޓެވެ. އޭނާގެ އަތުގައި ފޯނެއް ނެތްއިރު ދެއަތްވެސް ވަނީ ޖިންސުގެ ޖީބަށް ޖަހާލެވިފައެވެ.

 

“ކަމެއް ނުވޭ.. އަޅާނުލާ.. ދެން މާދަން ވާހަކަ ދައްކާނީ” ވަލީދު އަވަހަށް ބުންޏެވެ.

“އަނެއްކާ ކަމެއް ވީތަ؟” ދާނިޝް އެހެން އެހީ ވަލީދު އެހާ ލަސްވެފައި އޮތްވާ ކަމަކާ ނުލާ ނުގުޅާނެތީއެވެ.

“މާދަން ވާހަކަ ދައްކާނީ.. ދެން ބާއްވަނީ” ވަލީދު އެހެން ބުނެފައި ފޯނު ކަނޑާލިއެވެ.

“މަށަށް ހީވީ ރަނގަޅަށްތާ..” ވަލީދު ވާހަކަ ދެއްކީ އަމިއްލަ ނަފްސާއެވެ. މޭޒުމަތީގައި ފޯނު ބާއްވާފައި ވަލީދު ބޮޑު ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވުނު އަޑަށް ދޮރުމަތީ ހުރި ޒަބޫރިޝް އެދިމާއަށް ބަލާލިއެވެ.

“ކަލޭ ތީ ކާކު؟” އުނަގަނޑުގައި އޮތް ތަވީދުގައި އަތް ޖައްސާލަމުން ވަލީދު އަހާލިއެވެ. ނަމަވެސް ޒަބޫރިޝް ޖަވާބެއް ނުދިނެވެ.

“މިގޭ މީހުންގެ ސިފަޖެހިގެން މިގޭތެރެއަށް ކަލޭ ވަދެ އުޅޭކަން އަހަންނަށް އިނގެޔޭ.. ކަލޭގެ ބޭނުމަކީ ކޮބާ؟” ވަލީދު އަނެއްކާވެސް އެހިއެވެ.

“ކަލެއަށް ހުރިހާ ކަމެއްވެސް އެނގޭނުން.. އެކަމު ފިނޑިކަމުން މަޑުން ހުންނަނީ..” ދާނިޝްގެ ސިފަ ޖެހިގެން ހުރި ޒަބޫރިޝްގެ އަޑުގައި ވަނީ މަލާމާތެވެ.

“އަހަރެން ކަލޭ ދެކެ ބިރަކުން ނޫން މަޑުން މިހުންނަނީ.. އަހަންނާ ނުބެހޭ ކަންކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވާތީ.. ކަލޭ ތި ހޯދާ އަންހެން ކުއްޖާ މިތާކު ނެތް.. އެ ކުއްޖާއާ މިގޭ މީހަކާ މިހާރު އެއްވެސް ގުޅުމެއް ނޯންނާނެ.. އެހެންވީރު އިރު އިރުކޮޅާ މިތާކަށް އަންނާނެ ކަމެއް ނެތް” ވަލީދު ބުނެލިއެވެ. ޔީޝާ އެނބުރި ރަށަށް ދިޔައީކަން އެނގުމުން ޒަބޫރިޝްގެ މޫނު ފުސްވިއެވެ.

“މިގޭ މީހުނަށާ.. މިގޭތެރޭ ހުންނަ އެއްޗެެއްސަށް ގެއްލުން ދޭނަމަ އަހަރެން މަޑަކުން ނުހުންނާނަން.. އަހަންނަށް ކަލޭ ނައްތާލުމުގެ ބާރު އޮވޭ.. އެކަމު މިގޭ މީހުނަށް ގެއްލުމެއް ނުދޭހާ ހިނދަކު އަހަރެން ކަލެއަށް ޖެއްސުން ކުރާކަށް ބޭނުމެއް ނޫން” ވަލީދު ބުނެލިއެވެ.

“ކަލޭ ހީކުރީ ތިއީ މާ މޮޅު މީހެއްކަމަށްތަ.. އަހަރެންގެ ހުރިހާ ކަމެއް އެންމެ ރަނގަޅަށް އެނގޭ ހައްވާދީއަށް އަހަރެން ނައްތާ ނުލެވުނު އިރު ކަލެއަށް އެކަން ވާނެތަ.. އޭގެ ކުރިން އަހަރެން ކަލޭގެ ދުވަސް ދުއްވާލާނަން.. ކަލޭ ކުރާ ކަންތަށް މަށަށް ނޭނގޭ ކަމަށްތަ ހީކުރީ.. ޔީޝާއަށް ހަގީގަތް ކިޔާދިނީނުން.. ކަލޭ ހީކުރީތަ ކަލޭ ޔިޝާއަށް ހަގީގަތް ކިޔާ ދިނީމަ އަހަރެން ކައިރިން ސަލާމަތް ވެވި ދާނެއޭ” ޒަބޫރިޝް ބުނެލިއެވެ.

“އަހަރެން ބުނުމުގެ ކުރިން އޭނައަށް ހަގީގަތް އެނގިއްޖެ..ކަލޭ ހީކުރީ މުޅި އުމުރު ދުވަހު ސިއްރުން އުޅެވި ދާނެއޭތަ.. އަހަރެން ކަލޭ އަންދާ ނުލިއަސް ކަލޭ އަންދާލާނެ ބައިވަރު މީހުން ތިބޭނެ.. ޔީޝާގެ އާއިލާއަށް ހަގީގަތް އެނގުނީމަ ކަލޭގެ ދުވަސް ދުއްވާލަން އެމީހުން އުޅޭނެ.. އެހެންވީމަ ކަލެއަށްވެސް ރަނގަޅު ވާނީ އެ އަންހެއްކުއްޖާ އަށް އުނދަގޫ ނުކޮށް ދިޔުން..” ވަލީދު މަސައްކަތް ކުރީ އޭއްޗަށް ވިސްނަ ދެވޭތޯއެވެ.

“އޭނާގެ އުމުރުން އެންމެ ފަސް އަހަރުން ފެށިގެން އެއީ އަހަރެންގެ މިލްކެއް.. އަހަރެންގެ ހައްގެއް.. ކަލޭ ހަމަ ބުނެލާއިރަށް އަހަރެން ޔީޝާ ދޫކޮށެއް ނުލާނަން” ޒަބޫރިޝް އެހެން ބުނެފައި ވަލީދުގެ ލޯމަތިން ގެއްލުނެވެ. ޒަބޫރިޝް ދިޔުމުން ވަލީދުއަށް ނިތް ކުރީގައި އަތް ވިއްދާލެވުނެވެ.

“އަހަރެން ހީކުރިވަރަށް ވުރެ އޭނަ މާ ގޮތް ދޫނުކުރޭ.. އެކުއްޖާ އޭނާގެ ކިބައިން ސަލާމަތް ކުރަން އުނދަގޫވާނެ.. އަހަރެން އެރަށަށް ދާންވީބާ..؟ އެ ނުލަފާ ޖިންނީގެ ކިބައިން އޭނާ ސަލާމަތް ކުރަން ޖެހޭނެއްނު..” ވަލީދު އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ.

.

“ޔީޝް!!!” ކޮޓަރި ދޮރުގައި މީހަކު ޖަހާލުމުން ދޮރު ހުޅުވީރު ދޮރު މަތީ ހުރި މަލަކާއާއި ހައިފާ އެއްއަޑުން ހަޅޭލަވައި ގަތެވެ.

“ކަލޭނޭ އަހަރެން އަދި ބީރެއް ނުވެޔޭ..” ކަންފަތުގައި އަތް އަޅާލަމުން ޔީޝާ އެހެން ބުނުމުން ދޮރުމަތީ ތިބި ދެމީހުން ހޭންފެށިއެވެ.

“ވަދޭ އެތެރެއަށް.. އަހަރެން އަންނާނަން ފާހަނައަށް ވަދެލާފަ” ޔީޝާ އެހެން ބުނެފައި ފާހަނައަށް ވަނެވެ. އަދި މޫނު ދޮވެލައިގެން ނުކުމެ އެނދުގައި ގުޅައަކަށް އޮތް ރަޖާގަނޑު ނަގާ ފައްޖަހާލިއެވެ.

“އެރަށަށް ދިޔަފަހުން ޔީޝް އަހަރެމެން މަތިން ހަނދާންވެސް ނެތިއްޖެ ދޯ” ބާލީހެއް ނަގާ އުނގުމަތީ ބާއްވާލަމުން ހައިފާ ބުނެލިއެވެ.

“ކިހިނެއް އަހަރެމެން މަތިން ހަނދާންވާނީ.. އެރަށަށް ދިޔުމާއެކު ބިޓެއް ނަގާފިއްޔާ.. ދާނިޝްއަށް ވަގުތު ހުސްކުރަން ހަދައިގެން އެހެން ކަމެއް ވާނެތަ” މަލަކާ ދިމާކޮއްލިއެވެ. ދާނިޝްގެ ނަން އިވުމުން ޔީޝާގެ މޫނުމަތީވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ނަމަވެސް އެމީހުނަށް ނަގައި ގަނެވެން ވާއިރަށް ވާހަކަ އޮޅުވާލިއެވެ.

“ދެން ތިމީހުން މިހެން ތިބޭނީތަ.. ހިނގާބަލަ ކޮންމެވެސް އެއްޗެއް ހަދާލަން ދާން.. ވަރަށް ބަނޑުހައި..” ހޭވިފައި އޮތް އިސްތަށިގަނޑުގައި އަތުން ފުނާއަޅާލާ ހުޅިއެއް ޖަހާލަމުން ޔީޝާ ބުނެލިއެވެ.

“ނޫނޭ.. އަހަރެމަނަށް މިހެން ތިބެވޭތަ. މިހާރުވެސް މިއުޅެނީ ސަޅި އެއްޗެއް ހަދާލައިގެން މޫދަށް ދާހިތުން.. ޔީޝް އޭނުން ރަށަށް އައި ގޮތަށް މިއެދާ ވަކިނުވެވިގެން ތިއުޅެނީ..” މަލަކާ ބުނެލިއެވެ.

“ދާނިޝްއާ ދުރަށް އައީމަ ވެގެން އުޅޭގޮތެއް އެއީ.. ތިހާ ހަނދާން ވަންޏާ އެސޮރުވެސް ގޮވައިގެން އައިނަމަ” ޔީޝާގެ ކޮނޑަށް އަތް ވައްޓާލަމުން ހައިފާ ބުނެލިއެވެ.

“ތިވާހަކަ ބާއްވާފަ ދެންވެސް ހިނގާބަލަ ބަދިގެއަށް.. އަދި ބޭނުންވާ އެއްޗެހި ގަންނަން ފިހާރައަށްވެސް ދާން ޖެހޭނެއެއްނު” މަލަކާއާއި ހައިފާ އިރު އިރުކޮޅާ ދާނިޝްގެ ވާހަކަ ދައްކާތީ ޔީޝާއަށް ކުޑަކޮށް އުނދަގޫވިއެވެ. ދާނިޝްއާއި އޭނާ ރުޅިވެއްޖެ ވާހަކަ އެމީހުން ކައިރީ ކިޔާކަށް ޔީޝާ ބޭނުމެއް ނޫނެވެ. ކޮންމެހެން އެދެމީހުނަށް އެކަން ސިއްރު ކުރާކަށް ނޫނެވެ. ނަމަވެސް އެދެމީހުން ކައިރީ ބުނެފިނަމަ މިއަދު އެވާހަކަ ނޫން އެހެން ވާހަކައެއް ނުދައްކާނެއެވެ. އެވާހަކަ ދައްކާވަރަށް ވުރެއް އޭނާގެ ތަބީއަތުވަނީ ގޯސްވެފައެވެ.

މަލަކާއާއި ހައިފަ އާއެކު އުޅުމުން ދުވަސް ދިޔަގޮތެއްވެސް ނޭނގުނެވެ. ދުވަސްތަކަކަށް ފަހު ޔީޝާއަށް ހިނިތުންވެވުނެވެ. ގިނަފަހަރު އެއީ ގަދަކަމުން ގެނުވާ ހިނިތުންވުމަކަށް ވީނަމަވެސް ކޮންމެވެސް ވަަރަކަށް އޭނާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެދެމީހުނާއެކު ފިލްމު ބަލަން ތިބެފައި ޔީޝާ ކޮޓަރިން ނުކުތް އިރު އިރުއޮއްސި ހައެއް ޖަހަނީއެވެ. ބަދިގެ ތެރެއަށް ބޯކޮއްޕާލިއިރު ރާޝިދާ އާއި ޔުމްނާ ކެއްކުމުގައި އަވަދި ނެތި އުޅެއެވެ.

“ހާދަ ބޮޑު ކެއުމެއްތަ ތިހަދަނީ؟ ކޮންބައެއްތަ އަންނަނީ؟” މޭޒުކައިރީ ހުރި ގޮނޑި ދަމާލާފައި އިށީންނަމުން ޔީޝާ އަހާލިއެވެ.

“ނޫނޭ.. އެހާ ބާވަރެއް ނަހަދަން.. މާކަ ގިނަމީހުނެއްވެސް ނާންނާނެ.. މަލަކާމެންނާ އަފާއާ އަންނާނީ..” ރާޝިދާ ބުނެލިއެވެ.

“ޔީޝް.. އަފާއާ ޔައީޝް ކަމެއްތަ؟ މިރޭ ކެއުމެއް ހަދާ ވާހަކަ ބުނީމަ ޔައީޝް ބުނި ކޮންމެހެންވެސް އަފާ ގެންނަން ޖެހޭނެއޭ.. ކޮންމެވެސް ބޮޑު ވާހަކައެއް ބުނަން އުޅޭ ވާހަކަވެސް ބުނި… މިއަދު އިރެއް ނާރާ އެދެމީހުން ބޭރަށް ދިޔައިރަކު” ޔުމްނާ އަހާލިއެވެ.

“ކިހިނެއް ޔީޝްއަށް އިނގޭނީ.. އަޅެއް ތުއްތުބެ އައީމަ އޭނަ ކައިރީ އަހާބަލަ. ” ޔީޝް އެހެން ބުނީ އޭނާގެ ދުލުން މަންމަމެނަށް އެކަން ނާންގަންވެގެނެވެ. އެހެން ނޫނަސް މިރޭ މަންމަމެނަށް ސަޕްރައިޒްއެއް ދޭވާހަކަ ޔައީޝް ބުނެފައި ވާތީ އޭނާގެ ސަބަބުން ސަޕްރައިސް ފަނިވިޔަ ނުދޭންވެގެންނެވެ.

“އެދެމީހުން ކަމެއްނަމަ ޔީޝްއަށް ނޭނގި ނުހުންނާނެ.. ހަމަ ނުބުނަން ތިއުޅެނީ.. ދެން މިރޭ އެނގި ދާނެތާ” ޔުމްނާ ތުން އޫކޮއްލަމުން ބުނެލިއެވެ.

“ގެނޭ އަހަރެން ތަށިތަށް ދޮވެލާނަން” ސިންކު ކައިރީ ހުރި ރާޝިދާ ކައިރިއަށް ޖެހިލަމުން ޔީޝާ ބުނެލިއެވެ.

“ނޫން ދަރިފުޅު ދޭ އެކޮޅަށް.. މަންމަ ދޮވެލަފާނަން.. ކޮބާތަ އެދެމީހުން” ރާޝިދާ އެހީ މަލަކާއާއި ހައިފާ ފެންނަން ނެތުމުންނެވެ.

“ފިލްމުގެ މެދަކާ ހަމައަށް ނުދަނީސް މަލަކާ ނިދާފި.. ހައިފާ އެބައިން ފޯނު ހިފައިގެން.. އަހަރެންވެސް ފޫހިވެގެންނޭ މިނުކުތީ” ރާޝިދާ ތަށިތަށް ދޮންނަން ފެށުމުން  ޔީޝާ އަނެއްކާވެސް ގޮސް ގޮނޑީގައި އިށީނެވެ. އެވަގުތު ޔައީޝްވެސް އައިސް ބަދިގެއަށް ވަނެވެ.

“ޔީޝް.. އަފާ އެބަ ހޯދާ.. އެބައިން ސިޓިން ރޫމުގަ” އަލަމާރިން ފެން ފުޅިއެއް ނަގާ ތައްޓަކަށް ފެންފޮދެއް އަޅަމުން ޔައީޝް ބުނެލިއެވެ.

ޔައީޝް އެހެން ބުނުމުން ޔީޝާ ބަދިގެއިން ނުކުތެވެ. ސިޓިން ރޫމަށް ނުކުތް އިރު އަފާ ސޯފާގައި އިނެވެ.

“މިއަދު ކޮންތާކު އުޅެފަ ތިއައީ؟” އަފާގެ މަގަތުގައި އިށީންނަމުން ޔީޝާ އަހާލިއެވެ.

“މަންމަ މެނަށް ޔައީޝް މީޓު ކޮއްދީފަ މިއައީ.. މަންމަމެން އޯކޭ.. އަހަރެން އަސްލު ވާހަކަ އެއް ބުނަން މި ހޯދަނީ” އަފާ ބުނެލިއެވެ.

“ދެން ތިވާހަކައެއް އަވަހަށް ބުނެބަލަ” ޔީޝާ ބުނެލިއެވެ.

“ރޭގަ ދާނިޝް ގުޅި.. ޔީޝްއަށް ނުގުޅިގެންނޯ” އަފާ ޔީޝާގެ މޫނަށް ބަލަން ހުރެފައި ބުނެލިއެވެ.

“އަހަރެން ފޯނުން ދާނިޝްގެ ނަންބަރު ބުލޮކު ކޮއްލާފަ އިންނާނީ.. އެހެންވެ އެ ނުގުޅެނީ.. ކީއްކުރަން އޭނަ ގުޅީ” ޔިޝާ އަހާލިއެވެ. ދާނިޝްގެ ނަން އިވުމުން ޝައުގެއް ނެތްކަން ދައްކަން މަސައްކަތް ކުރިނަމަވެސް އެކަން ނާކާމިޔާބުވިއެވެ. ދާނިޝް މިހާރު އުޅޭ ހާލެއް ބަލަން އެހިތް އެދޭވަރުންނެވެ.

“ދާނިޝް ވަރަށް ދެރަވެފަ އެހުންނަނީ.. ޔީޝް އެގޮތަށް ކަންތައް ކުރީމަ އެކަމާ ވަރަށް ޝަކުވާ ކުރި.. އަހަރެން ބުނިން އަހަންނަކަށް އެއްވެސް ވާހަކައެއް ކިޔައެއް ނުދެވޭނޭ ސޮރީއޭ.. އޭނަގެ މަގާމުގަ މިއަދު ޔީޝް ހުރިނަމަވެސް ވާނީ އެހެން.. ދާނިޝް ގަބޫލު ކުރޭ ޔީޝް އޭނައަށް ޗީޓު ނުކުރާކަން.. ޔީޝްއަށް ކޮންމެވެސް މަޖުބުރީއެއް ވިއްޔޭ އޭނާ ބުނީ” އަފާ ބުނެލިއެވެ.

“ހޫމް.. އެންމެ ފަހުން ވާހަކަ ދެއްކި ދުވަހުވެސް އަހަރެން ކައިރީ އެހި އެހެން.. އަހަރެން ގިނައިރު ވާހަކަނުދެއްކީވެސް އަހަރެންނަށް ބުނެވޭ އެއްޗަކުން ދާނިޝްއަށް ހަގީގަތް އެނގި ދާނެތީ. ދާނިޝް ވަރަށް ވިސްނުން ތޫނު ވާނެ.. އަފާވެސް ދެން އޭނަ ގުޅީމަ ފޯނު ނުނަގާ.. ދުވަސްކޮޅަކުން ދާނިޝް މޫވްއޮން ކުރާނެ.. އަހަރެން މަތިން ހަނދާން ނެތިދާނެ” ޔީޝާ ގަދަ ކަމުން ހިނިތުންވެލާފައި ބޯޖަހާލީ އަމިއްލަ ނަފްސަށް ވިސްނަ ދިން ފަދައިންނެވެ.

“މޫވް އޮން ނުވާނެއޭކޭ ނޫން.. އެކަމު ވަރަށް އުނދަގޫވާނެ.. ހަމަގައިމުވެސް އަހަންނަކަށް ނުވާނެ.. ބުނެބަލަ.. ދާނިޝްގެ މަގާމުގަ ޔީޝް ހުރެއްޖެ ނަމަ ޔީޝްއަށް ދާނިޝް މަތިން ހަނދާން ނައްތާލެވޭނެ؟” އަފާ އަހާލިއެވެ.

“ނުވާނެ.. ދުވަހަކުވެސް.. އެކަމު މިނޫންގޮތެއް މިއަދަކު ނެތް.. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ” ދެލޮލަށް ޖަމާވި ކަރުނަތިކި އަތުން ފުހެލަމުން ޔީޝާ ބުނެލިއެވެ. އަފާ ވެސް އިތުރަށް އެކަމާ ބަހުސް ނުކުރީ ހައިފާމެން އެތަނަށް ނުކުތުމުންނެވެ.

 

“ބައްޕާ… މަންމާ.. އަޅުގަނޑު ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން” މޭޒު ކައިރީ އިށީންދެ ތިބި އެންމެންގެ މޫނަށް ވަކި ވަކިން ބަލާލާފައި ޔައީޝް ވާހަކަ ފެށިއެވެ.

“ވަރަށް ބޮޑު ވާހަކައެއްތަ.. އަނެއްކާ މީހަކާ އިންނަން ވީތަ” ޔާސިރު ސަމާސާގެ ރާގަކަށް ބުނެލިއެވެ. ޔާސިރު އެހެން ބުނުމުން ޔައީޝްއަށާއި އަފާއަށް އެކަކު އަނެކަަށް ބަލާލެވުނެވެ.

“ލައްބަ ބައްޕާ.. އަޅުގަނޑު ކައިވެންޏާ މެދު ވިސްނަން އެބަ” ޔައީޝް ބުނެލިއެވެ.

“އެ ކުއްޖާއަކީ އަފާ ނޫނިއްޔާ ބައްޕަ ތިކަމަށް އެއްބަސް” ޔާސިރު ސީރިއަސް ވެލާފައި ބުނެލިއެވެ.

“ބައްޕާ.. އެކީއްވެ؟” ޔާސިރު އެހެން ބުނުމާއެކު ޔައީޝްގެ މޫނުމަތީވި ހިނިތުންވުން ގެއްލިގެން ދިޔައެވެ.

“ޔައީޝް އަބަދުވެސް ބުނަމޭނުން އިންނާނެ މީހަކު ނުވިއަސް އަފާއަކާ ނީންނާނަމޭ.. ބައްޕައަށްވެސް މިހާރު ގަބޫލު ކުރެވޭ ތިދެމީހުން އަސްލު އެހާ ނުގުޅޭކަން” ޔާސިރު އަދިވެސް ސަމާސާ ހުއްޓާލާކަށް ނޫޅެއެވެ. އަފާއާއި ޔައީޝްގެ މޫނު ފެނި އޭނާ ހުރީ ހިނިގަނޑު ފަޅައިގެން ދާވަރުވެފައެވެ. ޔާސިރުގެ މިޒާޒުގެ ގޮތުން އަބަދުވެސް ކޮންމެސް މީހަކާ ދިމާކޮށް ޖެއްސުމެއް ނުކޮށް ނުހުރެވޭނެއެވެ.

“ބައްޕާ.. އަސްލު.. އަޅުގަނޑު” ޔައީޝް ލޯބިވާ އަންހެން ކުއްޖާއަކީ އަފާއޭ ބުނާނެ ގޮތެއް ޔައީޝްއަކަށް ނޭނގުނެވެ.

“ޔާސިރު ދެން ތިސަމާސާ ހުއްޓާލަބަލަ..” ޔައީޝްއާއި އަފާ ހާސްވެފައި ހުރިވަރު ފެނުމުން ރާޝިދާ ޔާސިރުގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“ހަހަހަ… ބައްޕަ ސަމާސާކޮއްލީ.. ކަލޭމެން ދެމީހުން މޫނު ހަހަހަހަ.. އެކަމު ކީއްވެ އެހާ އަވަހަށް ކައިވެނި ކުރަން ތި ނިންމީ” ޔާސިރު ފުރަތަމަ ފަހަރަށް އެކަމުގައި ސީރިއަސް ވެލިއެވެ.

“ދެން ލަސްކުރުމުގެ ބޭނުމެއް ނެތެއްނު.. ދެމީހުންވެސް ބޭނުންވަނީ މިގޮތް” އަފާއަށް ބަލާލަމުން ޔައީޝް ބުނެލިއެވެ. އަފާގެ ކޯތާފަތަށް ވެރިވި ޖަންބު ކުލައިން އޭނާ ލަދުގަތީކަން އެންމެނަށް އެނގުނެވެ.

“ރަނގަޅަށް ތިބުނީ.. ކައިވެނި ނުކޮށް ގިނަދުވަހު ރައްޓެހިވެގެން އުޅޭނިކަމެއް ނެތް.. މަންމައަށް ޔަގީން އަފާގެ އާއިލާވެސް މިކަމާ ރުހޭނެކަން” ރާޝިދާ ބުންޏެވެ.

“އާން މަންމަމެން މިކައިވެންޏަށް ވަރަށް ބޮޑަށް ރުހޭ..” އަފާ ބުނެލިއެވެ.

“ދެން ކޮންއިރަކުން ސައި ލިބޭ ވަރު ވާނީ.. އަފާ ވެޑިން ޑުރެސްގަ ހުންނާނެ ގޮތް ބަލާލާ ހިތުން ކެތްނުވޭ” ޔީޝާ ދިމާކޮށްލިއެވެ.

“ބުނެބަލަ ކަމުދާނެ ތާރީހެއް. މާދަންނޭ ބުންޏަސް އަހަރެމެން ހަމަ ތައްޔާރު ދޯ އަފާ” ޔައީޝް ދޯ ޖަހާލިއެވެ.

“އެހާވެސް ކެތްމަދުވެފަތާ ދޯ” މަލަކާ އެހެން ބުނުމުން އެންމެން ހޭންފެށިއެވެ.

“މިކަމާ ގޮތް ކިޔަންވާނީ ދަރިފުޅުމެން.. މަންމަމެނެން ނޫން. ދެކުދީން ވާހަކަ ދައްކާލާފަ މަންމަމެން ކައިރީ ބުނޭ.. އޭރުން ދެން ކުރަން ޖެހޭ ހުރިހާ ކަމެއް މަންމަމެން ކޮށްދޭނަން” ރާޝިދާ އެހެން ބުނުމުން ޔާސިރު އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

 

ސަކަރާތުގައި ތިބެފައި އަފާ ގެއަށް ދާން ތެދުވިއިރު 11 ވެސް ޖަހާފިއެވެ. ޔައީޝް އަފާ ގެޔަށް ލާން ދިޔުމުން މަލަކާއާއި ހައިފާވެސް ޔީޝާއާއެކު ކޮޓަރިއަށް ވަނެވެ. އެރޭ އެދެމީހުން ގެޔަށް ދާން ބޭނުން ނުވާކަމަށް ބުނުމުން ޔީޝާގެ ކޮޓަރީގައި ނިދަން ހަމަ ޖެހުނެވެ. މަލަކާމެން ނިދުމަށް ޔާސިރު ގޭގެ ހުސްކޮޓަރީގައި ހުރި ބޭނުން ނުކުރާ ޑަބަލް ގޮދަނޑި ޔީޝާގެ ކޮޓަރިއަށް ލައިދިނުމުން ޔީޝާ އޭގައި ބެޑުޝީޓު އަޅާލިއެވެ. މަލަކާއާއި ހައިފާ ތަޒާ ވެލައިގެން ނިދަން އޮށޯތުމުން ޔީޝާވެސް ތުވާލި ހިފައިގެން ފާހަނައަށް ވަނެވެ. ލައިގެން ހުރި އެއްޗެހި ބޭލުމަށް ފަހު ހޭންޑު ޝަވަރުން ގަޔަށް ފެން އަޅަން ފެށިއެވެ. ސައިބޯނި ފުޅިން ސައިބޯނި ކޮޅެއް އަތަށް އަޅާލުމަށް ފަހު ޔީޝާ ގައިގާ ސައިބޯނި ލާން ފެށިއެވެ. އަތުގެ މުލައްދަނޑީގައި ސައިބޯނި ލާން އުޅެފައި ޔީޝާ ހުއްޓުނެވެ. އަތުގައި ހުރި ބިހިތަކުގެ ކުލަ ކުރިއަށް ވުރެ ވަނީ ގަދަވެފައެވެ. އެހިސާބުގައި ހަންގަނޑުވެސް ވަނީ ރޫޖެހި ކުރަކި ވެފައެވެ. ޔީޝާގެ މުޅި އުމުރަށްވެސް އެނިޝާން އޭނާގެ ހަށިގަނޑުގައި ވާނެބާއޭ އޭނާ ހިތަށް އެރިއެވެ. އޭނާގެ ދިރިއުޅުމަށް އެޅިފައިވާ އަނދިރީގެ ހިޔަނި މަތިން ކިރިޔާވެސް ހަނދާންނެތި ހަމަޖެހިލެވޭ އިރަށް ހަގީގަތަށް ހޭލައްވާލަނީ އެ ނިޝާނެވެ. އެއީ ޔީޝާއަކީ ޒަބޫރިޝްގެ ހައްގެެއްކަން ހަނދާން ކޮށްދޭން ޖަހާފައިވާ ތަތްގަނޑެއް ފަދައެވެ.ް ބޭނުމިއްޔާ ހަމަކުރަންވީނުން.. ބޭނުމިއްޔާ ހަމަކުރަންވީނުން..

“ކޮން ދުވަހަކުންބާ އަހަންނަށް ނޯމަލް ލައިފްއެއް ލިބޭނީ.. ކިހިނެއް މިހެން އަހަރެން މުޅި އުމުރު ދުވަހު އުޅޭނީ” ގައިގައި ހުރި ސައިބޯނިތަށް ފިލުވާލުމަށް ފަހު ޔީޝާ މޫނު ބަލާ ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. ފެންކަޅިވެފައިވާ އަމިއްލަ ދެލޮލަށް ބަލަން ޔީޝާއަށް ހުރެވުނެވެ. އެހެން ހުއްޓާ ޔީޝާ ސިހުނީ މީހަކު އޭނާގެ ފަހަތުން ހުރަސް ކުރިހެން ހީވެގެންނެވެ. ޔީޝާ ފަހަތަށް އެނބުރެވުނީ ސިހުނު ވަރުންނެވެ. އެއީ ހީވިގޮތެއް ކަމެއް ނޫނީ ނޫންކަމެއްވެސް ނިންމަން ނޭނގިފައި ހުއްޓާ ޔީޝާގެ ކަންފަތް ބުޑުގައި އިވުނީ ދާނިޝްގެ ފިރިހެންވަންތަ އަޑެވެ.

“ދާނިޝް؟.. ނޫން.. އެއީ ދާނިޝް އެއް ނޫން. ދާނިޝް އެއް ނޫން” ޔީޝާއަށް ކަންފަތުގައި އަތް އަޅާލެވުނެވެ.

“ޔީޝާ..!!” އަނެއްކާވެސް އެއަޑު ޔީޝާއާ ނުހަނު ކައިރިން އިވުނެވެ. ޔީޝާއަށް ވަގުތުން އަތް ޖައްސާލެވުނީ އުނަގަނޑުގައި އަޅުވާފައިވާ ތަވީދުގައެވެ. ޒަބޫރިޝްއަށް އޭނާއާ ގާތް ނުވެވިގެން އެއުޅެނީ އެތަވީދުގެ ސަބަބުންކަން ޔީޝާއަށް ދެނެގަނެވުނެވެ. ނަމަވެސް ޒަބޫރިޝް އޭނާއާއެކު ފާހަނަތެރޭ ހުރިކަން ޔީޝާއަށް އެނގުނެވެ. އޭނާއަށް މިހުރެވުނީ ހުސްގަޔާކަން ހަނދާންވީވެސް ދެނެވެ. އަވަހަށް ތުވާލި ނަގާ ގައިގައި އޮޅާލަމުން ޔީޝާ ފާހަނައިން ނުކުތެވެ. ނިދަން ލާ އަތްދިގު ޓީސާޓާ ސޯޓުކޮޅު ލައިގެން ޔީޝާ އެނދަށް އެރީރުވެސް އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. އޭނާގެ މުޅި ހަށިގަނޑު ރަޖާގަނޑުގެ ނިވަލަށް ވަދެ ފޮރުވާލިއެވެ. ބާލީހުގައި މޫނު ފޮރުވާލައިގެން އޮތް އިރު ޔީޝާއަށް ރޮޮވެން ފެށުނެވެ. އެރޭ ޔީޝާއަށް ނިދުނީ އެފަދަ ހާލެއްގައި އޮށްވައެވެ.

 

“ދަރިފުޅާ.. ޔީޝާ.. ކީއްވެ އަނދިރީގަ ތިއިންނަނީ.. މިއަދު އެއްގޮތަކަށްވެސް ބޭރަށް ނުނިކުންނާތީ މަންމަ މިއައީ.. ބަނޑުވެސް ހައި ނުވާ ދުވަހަކީތަ” އެނދުގެ ބިއްދަށު ކަނުގައި ދެފައި ކުރުކޮށްގެން އިށީންދެ އިން ޔީޝާ ފެނިފައި ރާޝިދާއަށް ބުނެވުނެވެ.

“ކަމެއް ނުވޭ.. ނެތް ކާހިތެއް” ގައިގައި އޮތް ރަޖާގަނޑަށް ދަމާލަމުން ޔީޝާ ބޯހޫރާާލިއެވެ.

“ދަރިފުޅު ހާދަ ފާޑަކަށް ތިހުންނަނީ ކީއްވެ.. ކަމަކާ މާބޮޑަށް ފިކުރު ބޮޑު ވަނީތަ.. ބުނެބަލަ މަންމަ ކައިރީ.. މަންމައަށް ހީވަނީ ދަރިފުޅަށް ކޮންމެވެސް ބޮޑުކަމެއް ވެއްޖެހެން” ރާޝިދާ އަނެއްކާވެސް ބުނެލިއެވެ.

“އަޅުގަނޑަކަށް ކަމެއްނުވޭ މަންމާ.. ކުޑަކޮށް ހުންވައްތަރުވީމަ.. އެކަމު މިހާރު ބޭސް ކައިފިން” ޔީޝާ ދޮގެއް ހެދިއެވެ.

“އެއްޗެއް ނުކައިތަ ބޭސް ކަނީ.. ހިނގާ ބަތްކާން ދާން..” ޔީޝާގެ އަތުގައި ހިފާ ނަގަމުން ރާޝިދާ ބުނެލިއެވެ. މަންމަގެ ގޮތް ދޫނުކުރުން ފެނިފައި ޔީޝާއަށް ބަދިގެއަށް ދާން މަޖުބޫރުވިއެވެ. ޔީޝާ ބަތް ތަށި ހުސްކުރަންދެން ރާޝިދާ މޭޒުކައިރިން ދުރު ނުވެއެވެ. ގަދަކަމުން ބަތްތަށި ހުސްކޮއްފައި ޔީޝާ އަނެއްކާވެސް ކޮޓަރިއަށް ވަނީއެވެ. އެނދުގެ ބިއްދަށަށް އަރާ ރަޖާގަނޑު ދަށަށް ވަނެވެ. ހީވާގޮތުން އޭނާއަށް ހިމާޔަތް ލިބެނީ އެ ރަޖާގަނޑު ދަށުގައެވެ.

“ޔާސިރު.. އަހަރެން ޔީޝްއާ ދޭތެރޭ ވަަރަށް ކަންބޮޑުވޭ އެބަ..” ރާޝިދާ އޭނާގެ އަމިއްލަ ކޮޓާރިއަށް ވަދެފައި އެނދުމަތީ އޮތް ޔާސިރުގެ މަގަތުގައި އިށީނެވެ.

“ޔީޝްއަށް ކިހިނެއްވީ؟” ފޯނުން ބަލަން އިން އެއްޗަކުން ނަޒަރު ވަކިކޮށްލަމުން ޔާސިރު އަހާލިއެވެ.

“ނޭނގެ.. އަބަދުވެސް ވަރަށް ފާޑަކަށް އެހުންނަނީ.. ކަމަކާ ބިރުގަނެފަ. ނުވެސް ކައި މިހާރު. އިއްޔެވެސް މަލަކާމެން އައިސް އެތަށް ވަރަކަށް އާދޭސްކުރި ބޭރަށް ދާން.. އެކަމު އެއްގޮތަކަށްވެސް ބޭރަށް ނުކުމެ ކަމެއް ކުރާކަށް ޔީޝް އެއްބަހެއް ނުވި.. ދެދުވަސްވީ މިހާރު ކޮޓަރި އަނދިރި ކޮށްގެން އެއިންނަނީ .. އަހުނަފް މަރުވީރުވެސް ޔީޝް އެގޮތަކަށް ނޫޅޭ.. ބަސްމަދުވެފަ ހުއްޓަސް އެގޮތަކަށް ނޫޅޭ.. މަށަށް ހީވަނީ މިއީ ކޮންމެވެސް އެހެން ކަމެއްހެން.. މީހަކު ގެނެސް ރުގްޔާކޮއްލަންވީ ބާއޭ މިހިތަށް އަރަނީ” ރާޝިދާ އޭނާއަށް ހީވާ އެއްޗެއް ބުނެލިއެވެ.

“އެއުމުރުގަ އަންހެން ކުދިން އުޅޭނެ އެހެން.. އެމީހުން އަހަރެމެން ކައިރީ ބުނަން ބޭނުންނުވާ ކަންތައްވެސް ހުންނާނެ.. އެވާނީ ދާނިޝްއާ ދެމީހުން މައްސަލަ ޖެހުނީމަ ވެގެން އޫޅޭ ގޮތެއް ކަމަށް.. ކޮންމެ ކަމެއް ވާއިރަށް ސިހުރު ފަންޑިތައާ ގުޅުވާކަށް ނުވާނެ” ރާޝިދާގެ ވިސްނުން ޔާސިރުއަކަށް ކަމަކު ނުދިޔައެވެ.

“ޔާސިރު އެކަންތަށް ގަބޫލު ނުކުރާތީ ބުނާ އެއްޗެއް ތިއީ.. އަހަރެން ވަރަށް ކައިރިން ދުށިން ޖިންނި އަވަލާފަ ހުރި ކުއްޖެއް.. އޭނަވެސް އަބަދުވެސް ހުންނަނީ ކަމަކާ ބިރުގަނެފަ.. އަބަދުވެސް ސިހި ސިހި ހުންނަނީ.. ޔީޝްވެސް އުޅެނީ އެހެން.. މިއަދު ކާން އިންއިރުވެސް ނޭނގެ ކިތަށް ފަހަރު ކަމެއް އެކުއްޖާ ސިހުނީ.. ކަންފަތް ކައިރިން އަތް ފޮޅުވާލާ ކޮންމެ ފަހަރަކު..” ރާޝިދާ އެހެން ބުނުމުން ޔާސިރު ތެދުވެ އެނދުގެ ފަޑީގައި ބުރަކަށި ޖައްސާލިއެވެ.

“ދެން ތިބުނީ އަހަރެމެންގެ ދަރިފުޅުވެސް އެހެރީ ޖިންނި މޮޔަ ވެފައޭތަ.. ރާޝިދާ މާބޮޑަށް ކަންކަމާ ވިސްނަނީ” ޔާސިރު ގާތަށް ހިނިއައެވެ.

“ޔާސިރު ކޮންމެ ކަމެއް ހަދާނީ ސަމާސާއަކަށް. ވެގެން އުޅޭގޮތެއް ބެލީމަ ދޯ ބޮޑުވަރު ނުވަނީސް އެނގޭނީ.. ޔީޝްގެ މިޒާޒު ހުންނަ ގޮތުން އަހަރެން ކައިރީ އެހާ ފަސޭހައިން ނުބުނާނެ..” ރާޝިދާ ހިތްހަމަ ނުޖެހުނެވެ.

“މައްސަލައެއް ނެތް.. ރާޝިދާ ބޭނުންގޮތެއް ހަދާ.. ދެން ތިބުނާ މީހަކު ގެނެސް ބަލާލުމަކުން ގޯހެއް ނެއްތާ” އަނބިމީހާ ރުޅިއަތުވެދާނެތީ ޔާސިރު އަވަހަށް ބުނެލިއެވެ. ޔާސިރު އެކަމަށް އެއްބަސްވުމުން ރާޝިދާ ހިތްހަމަ ޖެހުނެވެ.

 

“ޔީޝާ… އަހަރެންގެ ޔީޝް.. އާދެބަލަ އަހަރެން ކައިރިޔަށް.. ކީއްވެތަ އަހަރެން ދެކެ ބިރު ގަންނަނީ.. ޔީޝް އަހަރެން ދެކެ ލޯބި ނުވަނީތަ…”

“ޔީޝާ…. ޔީޝް.. އާދޭ އަހަރެން ކައިރިއަށް.. އަހަރެންގެ ހިތާ ހަށިގަނޑު ޔީޝްއަށް އެދޭވަރު ނޭންގެނީތަ”

“ނޫން.. ނޫން.. ތިއީ ދާނިޝް އެއް ނޫން.. ދާނިޝްއެއް ނޫނޭ!!!” ކަންފަތުގައި އަތް އަޅާ ބާރުކޮށްގެން ހުރެ ޔީޝާ ހަޅޭލަވައި ގަތެވެ.

“އަހަންނަކަށް އެއްވެސް އަޑެއް ނީވޭ.. އެއީ އަސްލެއް ނޫން.. އެއީ ދާނިޝްއެއް ނޫން” ކަކުލުގައި ބޯއަޅައިގެން އިނދެ ޔީޝާ މަޑުމަޑުން ކިޔަމުން ދިޔައެވެ. އޭނާގެ އަމިއްލަ ނަފްސަށް ވިސްނަ ދިނުމަށެވެ. އެއަޑުތަކަށް އޭނާގެ ހިތް ލެނބިދާނެ ކަމުގެ ބިރަށެވެ. ހަތަރު ފާރުތެރޭ ޔީޝާއަށް އުނދަގޫކުރަމުން ދިޔަ ދާނިޝްގެ އަޑު އަދިވެސް އިވެމުން ދެޔެވެ.

“ނޫން.. އެއީ ޒަބޫރިޝް.. ދާނިޝްއެއް ނޫން.. ދާނިޝްއެއް ނާންނާނެ.. އެއީ އަހަންނަށް އިވޭގޮތް.. ޒަބޫރިޝް އަހަރެންގެ ބޮލަށް އެރެނީ..” ކަކޫމަތިން ކުޑަކޮށް ބޯހިއްލާލަމުން ޔީޝާ ވަށައިގެން ބަލާލިއެވެ. މިއީ މިހާރު ޔީޝާގެ ހާލެވެ. އަނދިރީގެ ތެރޭގައި އޭނާގެ ހުރިހާ ހަރަކާތަކަށް ފާރަވެރިވާ ދެލޯ އޭނާއަށް އަމާޒުވެފައި ވާކަމުގެ އިހްސާސް އަބަދުވެސް ކުރެވެއެވެ. އިރު އިރުކޮޅާ އޭނާގެ ކަންފަތް ބުޑުގައި މީހަކު އެއްޗެކޭ ބުނެލާހެންވެސް ހީވެއެވެ. އޭނާގެ ކަނދުރާކައިރިން ހޫނު ނޭވާއެއް އިހްސާސްކުރެވެއެވެ. އެއިން ކޮންމެ ފަހަރަކު ޒަބޫރިޝް އޭނާއާ ވަރަށް ގާތުގައި ހުރިކަމުގެ ބިރު އޭނާގެ ހިތުގައި އުފެދެއެވެ. މިގޮތަށް އޭނާގެ ހަޔާތް ވޭތު ކުރަން ވެއްޖެ ނަމަ އޭނާ މޮޔަވެދާނެ ކަމުގެ ބިރުވެސް ހީވާން ފަށައިފިއެވެ. ނަމަވެސް އޭނާއަށް ދުވަހަކުވެސް ޒަބޫރިޝް ކައިރިން ސަލާމަތެއް ނުވެވޭނެއޭވެސް އޭނާގެ ހިތް ބުނަމުން ދިޔައެވެ.

މަލަކާއާއި ހައިފާ އައިސް އާދޭސް ކުރުމުންވެސް މިއަދުވެސް ޔީޝާ ބޭރަށް ދާކަށް އެއްބަހެއް ނުވިއެވެ. ފިލްމަށް ދާން ޓިކެޓު ނަގައި ދިނުމުންވެސް ޔީޝާ ބަލީކަމަށް ބުނެ ދާކަށް އެއްބަހެއް ނުވިއެވެ. މެންދުރު އަނބުރައިގެން ދިޔައިރު ކާއެއްޗެއް ކާން ނުނިކުމެ އޮތުމުން އަފާ އައިސް އާދޭސް ކުރުމުންވެސް ޔީޝާ ބަނޑުހައި ނޫން ކަމަށް ބުންޏެވެ. ޔީޝާ މާބޮޑަށް ބަލިވީކަމަށް ކަންބޮޑުވެގެން ރާޝިދާ ނޫޑުލީސް ސޫޕު ހަދައި ދިނުމުން ޔީޝާ ގަދަކަމުން އޭތިފޮދު ބޯލީވެސް މަންމަމެނަށް ހުރިހާ ވާހަކައެއް ކިޔައި ދޭނަމޭ ބުނެ އަފާ ގަދަ ދައްކާލުމުންނެވެ.

“ޔީޝް ކިހިނެއްތަ ޔީޝްއަށް މިހާރު ތިވަނީ.. މަށަށް އިނގޭ ޔިޝް ބަލީ ނޫންކަން.. އަހަރެން ކައިރީ ނުބުނާނަންތަ” އެނދުގައި ދެފައި ކުރުކޮށްގެން އިން ޔީޝާގެ ކޮނޑުގައި ހިފަހައްޓާލަމުން އަފާ އެހިއެވެ.

“އަހަންނަކަށް އެއްވެސް ކަމެއް ނުވޭ.. އަހަރެން ބޭނުމީ ނިދާލަން” އަފާގެ ސުވާލުތަށް ގިނަވާން ފެށުމުން ޔީޝާއަށް އުނދަގޫވިއެވެ. ނިދަން ބޭނުންވާ ވާހަކަ ބުނީ އަފާ ފޮނުވާލާށެވެ. އަފާ ދިޔަނަމަވެސް އޭނާއަށް ނުނިދޭނޭކަން އޭނާއަށް ޔަގީނެވެ. ޒަބޫރިޝްގެ ވާހަކަ ހައްވާދީ ކިޔައި ދިން ފަހުން ޔީޝާއަށް ހަމަ ނިދި ނުލިބެއެވެ.

“އަހަރެން ފޮނުވާލަން ނޫޅެބަލަ.. ޔީޝް ތިގޮތަށް ކަންތަށް ކުރާނަމަ ޔީޝްގެ މަންމަމެން ކައިރީ ހުރިހާ ކަމެއް ކިޔައިދޭން އަހަންނަށް މަޖުބޫރު ވާނެ.” އަފާ ފުން ނޭވާއެއް ލަމުން ބުނެލިއެވެ. އަފާގެ އަޑުގައިވި ޔަގީންކަން އިވިފައި ޔީޝާ ހާސްވިއެވެ.

“ނޫން.. ނުބުނާތި.. އޭނަ މިދޭތެރެއަށް ވަންނަ ކޮންމެ މީހެއްގެ ދުވަސް ދުއްވާލާނެ. އޭނަ އަފާއަށްވެސް ގޮތެއް ހަދާފާނެ.. އަހަންނަކަށް އެއްވެސް ކަމެއް ނުވެޔޭ..” އަފާގެ އަތުގައި ހިފަމުން ޔީޝާ ބުނެލިއެވެ.

“މިއޮށް ކުޑަ ދުވަސްކޮޅު ތެރޭ ޔީޝްއަށް އައި ބަދަލު ބަލާ.. ދެން އިތުރަށް ޔީޝާ ތިހެން ހުންނަން ވެއްޖެއްޔާ ޔީޝް މޮޔަވެދާނެ.. ޔީޝްގެ މާމައަށް އޭތި ނައްތާ ނުލެވުނަސް އެކަންކަމަށް މޮޅު މީހުން އުޅޭނެ.. މަންމަ މެން ކަައިރީ ބުނީމަ ދޯ އެމީހުނަށްވެސް އެހީއެއް ވެވޭނީ.. އޭއްޗަށް ޔީޝްއާ ގާތް ނުވެވުނަސް ޔީޝްއަށް ކޮންމެވެސް ކަހަލަ ގެއްލުމެއް ދޭތީ ޔީޝްއަށް ތިހާ ބޮޑު ބަދަލެއް ތިއަންނަނީ.. ތިއީ އަހަރެން ދަންނަ ޔީޝްއެއް ނޫން.” އަފާއަށް ބުނެލެވުނެވެ.

“ސްސްސް.. މަންމަމެނަށް އެނގިއްޖެއްޔާ އެމީހުންނަށްވެސް ގެއްލުމެއް ދީފާނެ.. އަހަރެމެން މިދައްކާ ވާހަކަ އަޑުއަހަން އޭނާ ހުންނާނެ.. އޭނާއަށް އިވޭނެ.. ޕުލީސް އަފާ މިތަނުން ދޭ.. އަހަންނަށް ކޮންމެ ގޮތެއްވިޔަސް އެހެން މީހަކަށް ގެއްލުމެއް ލިބޭކަށް ބޭނުމެއް ނޫން.. އަހަރެންގެ ސަބަބުން މިދުނިޔެއާ ވަކިވެގެން ދިޔަ މީހުންވެސް މަދެއް ނޫން.. އިތުރު މީހަކަށް އެހެން ވާކަށް ބޭނުމެއް ނޫން” ޔީޝާ ތުންފަތުގައި ޝަހާދު އިނގިލި ޖައްސާލާފައި ބުނެލިއެވެ.

“ޔީޝް.. ޒަބޫރިޝް ބޭނުންވަނީ ބަަދަލުހިފަން.. ޔޝްގެ މާމަ ފަރާތުން ނުވިކަންތަށް ޔީޝާގެ ފަރާތުން ހޯދަން އޭނާ ބޭނުންވަނީ.. ޔީޝްގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާނުލާ އޭނާ މައިތިރިއެއް ނުވާނެ” އަފާ އެހެން ބުނުމުން ޔީޝާ ވިސްނާލިއެވެ. ތެދެކެވެ. ޒަބޫރިޝް އޭނާގެ ފަރާތުން ބޭނުންވަނީ އޭނާގެ ލޭ ހިނގާ ފުރާނައެކެވެ. އެކަމު އެއީ ވެދާނެ ކަމެއް ހެއްޔެވެ. ޒަބޫރިޝް ބޭނުންވާ ކަންތަށް ކޮށްދީފިނަމަ އޭނާ ޔީޝާ ދޫކޮށްލަފާނެ ބާއެވެ.

“އޭނާގެ ބޭނުން ފުއްދައި ދީފިއްޔާ ފަހަރެއްގާ މިކަމުން އަހަންނަށް ސަލާމަތް ވެވިދާނެއްނު” ޔީޝާ ވިސްނަން އިނދެފައި ބުނެލިއެވެ. ޔީޝާގެ ޖުމްލަ އިވިފައި އަފާގެ ދެލޯ ބޮޑުވިއެވެ.

“ޔީޝާ މޮޔަވީތަ.. ޔީޝް ތިބުނީ އޭނާގެ ދަރިއަކަށް ބަލިވެ އިންނާނީއޭތަ.. ޔީޝްއަށް ކޮން ޔަގީން ކަމެއް އޮތީ އެއަށްފަހު އޭނަ ޔީޝް ދޫކޮށްލާނެ ކަމުގަ.. އިންސާނުންނާ ޖިންނީން އެފަދަ ގުޅުން އޮތުމަކީ ހުއްދަ ކަމެއް ނޫން.. ޔީޝާ ހަމަހޭގަ ހުރިނަމަ ތިކަހަލަ ވާހަކައެއް ނުދައްކާނެ” އަފާގެ އަޑު ބާރުވިއެވެ.

“އަހަންނަށް މިނޫން ގޮތެއް އެބައޮތްތަ!!!؟ ކޮންމެ ކަމެއް ކޮށްގެންވެސް އަހަރެން ބޭނުން މިކަމުން ސަލާމަތްވާން. ޓުރައި ކުރިމަ ދޯ އެނގޭނީ.. ފަހަރެއްގެ މީތި ވޯކުވެސް ކޯށްފާނެއްނު” ޔީޝާގެ ހިތުގައި އުންމީދުގެ ހުުކޮޅެއް ރޯވިފަދައެވެ

“ޔީޝް ތިހިރީ މޮޔަވެފަ.. ރަނގަޅަށްވެސް މޮޔަވެފަ….އަހަންނަށް ހެޔޮ ކޮންމެ ގޮތެއް ވިޔަސް.. އަހަރެން މިދަނީ މަންމަމެން ކައިރި ބުނަން. އަހަރެން ހުއްޓުވަން ނޫޅޭ.. އަހަރެންނަށް އެނގިހުރެ ޔީޝް މޮޔަކަމެއް ކުރިއަކަ ނުދޭނަން”  އަފާ އެހެން ބުނެފައި ތެދުވިއެވެ.

“އަފާ ޕުލީސް ނޫން.. ހެޔޮނުވާނެ.. އަފާ އެމީހުން ކައިރި ބުނީމަ ދެން ވާހުރިހާ ކަމެއްގެ ޒިންމާ ނަގަން ކެރޭނެތަ.. ޒަބޫރިޝް އަހަރެންގެ މަންމަމެން މަރާލާފިއްޔާ އެކަމުގެ ޒިންމާ ނެގޭނެތަ.. އަހަރެންވެސް އެއްވެސް ކަމެއް ނުކޮށް މިހުންނަނީ އެހެންވެ.. އަހަންނަކަށް އިތުރު ބައެއްގެ މަރުގެ ޒިންމާއެއް ނުނެގޭނެ..” ޔިޝާވެސް އަފާގެ ފަހަތުން ދަމުން ބުނެލިއެވެ. އަފާ ކޮޓަރިން ނުކުންނަން ވާއިރަށް ޔީޝާ އޭނާގެ އަތުގައި ހިފަ ހުއްޓުވިއެވެ.

“އެކަމަކު ޔީޝް..” އަފާއަށް ޔީޝާގެ މޫނަށް ބަލާލާފައި ފުންނޭވާއެއް ދޫކޮށްލެވުނެވެ.

“އަފާ.. މިކަމުގެ ތެރެއަށް ނުވަދެބަލަ.. އަހަންނަށް އޭނަ ކޮންމެ ކަމެއް ކުރިއަސް އަފާއަށް ކޮން ބެހޭ ކަމެއްތަ!! ޖަސްޓު.. ޕުލީސް ލީވް މީ އެލޯން!!! މިތަނުން ދޭ… ދެން ނާންނާތި.. ގެޓް އައުޓް!!”  އަފާގެ އަތަށް ބާާރުކޮށްލަމުން ޔީޝާ އެހެން ބުނިއިރު އެމޫނުމަތީ ރުޅިވެރިކަން ވިއެވެ. ޔީޝާގެ އަޑުގައި ހުރި ހަރުކަށިކަން ފެނިފައި އަފާ ބިރުގަތެވެ. އެއީ ހަމަ އޭނާގެ އެކުވެރިޔާ ބާއޭ އަފާ ހިތަށް އެރިއެވެ.

އަފާއަށް އެއްޗެކޭ ނުބުނެވެނީސް ޔީޝާ އަފާ ކޮޓަރިން ބޭރުުކޮށްފައި ދޮރު ޖަހާފިއެވެ. ވަގުތުން އަފާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އަނގަމަތީ އަތް އަޅާލެވުނީ ރޮވެން ފެށުމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ހިތި ނިމުން-1

Next

ހިތްދަތި ދުވަސްތައް 1

Next
June 4, 2021

ހިތްދަތި ދުވަސްތައް 1

Previews
June 4, 2021

ހިތި ނިމުން-1

2 Comments!

  1. snookie says:
    June 4, 2021 at 4:28 pm

    i love this story… keep it up❤️❤️
    kon iraku 33 vana part up koh dheynii??
    im curious tho..

  2. INTOXICATED-PUNK says:
    June 4, 2021 at 11:34 pm

    o my god ????? this is soo sad
    but i was too lateee sorrrryy
    varah reethi story

Comments are closed.

Next Episodeބަދު ނަސީބުގެ ހިޔަނި އެޅުމުން (33)←


All Right Reserved!