Skip to content
އެސްފިޔަ

ނާޙް

މަރުވެފައިވާ ކުއްޖާއާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހަލީމާ ހުއްޓެވެ. ދެލޮލުން ކަރުނައިގެ އަސަރު ހުއްޓެވެ. އެތަނުގައި ބާއްވާފައި އޮތް ނާހްގެ ހަށިގަނޑުގައި އޭރުވެސް އެތަށް އަނިޔާގެ ނިޝާނެއް ހުއްޓެވެ. އެ ތުއްތު ކުއްޖާގެ އޮތީ ކޮން ކުށެއް ހެއްޔެވެ. އެފަކީރު އެ ތަހައްމަލް ކުރަން ޖެހުނީ އެކުއްޖާއަށް ހައްގު އަނިޔާ ހެއްޔެވެ. މީގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ. ހަލީމާ ސިހުނީ އެތަނަށް މީހަކު އައުމުންނެވެ. ކަރީމް ވަދެ ހަލީމާގެ ކޮނޑުގައި އަތް ބާއްވާލަމުން ހިތްވަރު ކުރުމަށް ބުންޏެވެ. ކަރީމްވެސް މަޑުމަޑުން ދެލޯ ފުހެލިއެވެ. ހަލީމާ ފަހަތަށް ބަލާލީ ހެލްތް ޕޯސްޓްގެ ދޮރުމަތީގައި މީހަކު ހުރިހެން ހީވެގެންނެވެ. އޭރު އަހްމަދު އެތަނުގެ ފާރުގައި ލެގިލައިގެން ނާހް އާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ކޮންފަރާތަކުން ހެއްޔެވެ. އަނިޔާ ކުރި މީހާ ހެއްޔެވެ. އަނިޔާ ކުރާތަން ބަލަން ތިބި މީހުން ހެއްޔެވެ. ސަރުކާރުގެ މިކަންތަކާއި ގުޅޭގޮތުން އުޅޭ ބޭއްފުޅުން ހެއްޔެވެ. ނޫނި މުޅި ސަރުކާރު ހިންގުމާއި ހަވާލު ވެގެން ހުރި މީހާ ހެއްޔެވެ. ޒިންމާ ނަގާނީ ކާކު ހެއްޔެވެ……..

****************

“ކިތައްފަހަރު ބުނާނީ…” އަތް މަޅާލަމުން ބާރު އެތިފަހަރެއް މޫނުމަތީގައި ޖަހަމުން ނަފީސާ ހަޅޭލަވައިގަތެވެ. އެ އެތިފަހަރާއި އެކު ހުރި ތަނަށް ވެއްޓުނީ އުމުރުން ތިން އަހަރުގެ ނާހްއެވެ. ދެލޮލުން ކަރުނަތައް އޮހިގަތީ މޫނުމައްޗަށް ވީތަދުންނެވެ. “ކިތައްމެ ފަހަރަކު ބުންޏަސް މި އެތި ފަހަރަށް އަޑެއްވެސް ނީވޭނެ” ނަފީސާގެ ރުޅިގަނޑު މައިތިރިވާ ގޮތެއް ނުވިއެވެ. އެހެންކަމުން ވެއްޓުނު ނާހްގެ އަތުގައި ހިފާފައި އަނެއްކާވެސް ދަމައިގަތެވެ. އެވަގުތު އެކުޑަ ކުއްޖާގެ އަތަށް ވީ ތަދުން އަނެއްވެސް ރޮއިގަނެވުނެވެ. “މަ…….ން…މާ” އަޑު ކެޑެމުން ގިސްލެވެމުން ދިޔަ ނާހްގެ އަޑު މަޑުމަޑުން އިވިގެން ދިޔައެވެ. “ދޭ ހަމަ މިހާރު މިތަނުން… މަގޭ އަތުން މަރާ ނުލެވެނީސް..” ދުރައް ކޮށްޕާލަމުން ނަފީސާ ބުންޏެވެ. އެވަގުތު އެކުޑަ ހަށިގަނޑު ބެލެންސް ކަޓައިގެން ދިޔަ ގޮތަށް ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. އަދި އަތުގެ އުޅަބޮށި ޖެހި މަށައިގެން ދިޔައެވެ. އެތަނަށް ކޮއްޕާލުމަށްފަހު ނަފީސާ ބާރު ހިގުމެއްގައި ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ނާހްއަށް އޭނަގެ މަންމައާއި ދިމާލަށް ބަލަން އިދެވުނެވެ.

ނާހްއަކީ ނަފީސާގެ ބޮޑު ދަރިއެވެ. ބައްޕައެއް ނެއް ކުއްޖެކެވެ. އުމުރުން ތިންއަހަރު ވި އިރު އޭނައަށް އޭނަގެ ބައްޕަ ދުނިޔޭގަ ހުރި ކަމެއް ހުންނަ ސިފައެއް އެގިފައެއް ނުވެއެވެ. އުފަންވީއްސުރެއް ނާހްއަކީ މިގޮތައް އެތައް އަނިޔާއެއް ތަހައްމަލް ކުރަމުން އަންނަ ކުއްޖެކެވެ. އެއަނިޔާގެ ސަބަބެއް ނާހްއަށް ގިނަ ފަހަރަކަށް ނޭނގެއެވެ. އަނެއްބައި ފަހަރު ނާހްގެ އެއްވެސް ކުށެއްނެތިވެސް އަނިޔާއާއި ކުރި މަތި ލާން ޖެހެއެވެ. ނާހް މަޑުމަޑުން އަތުން ލޭ އަންނަމުން ދިޔަ ތަނަށް ބަލާލިއެވެ. އޭނާ އެންމެ ދެރަވަނީ އޭނައަށް މި ދުނިޔެއިން އެންމެ ލޯބި ވާ މީހާގެ ފަރާތުން މެދު ކެނޑުމެއްނެތި އުފަން ވީއްސުރެއް އަނިޔާ ލިބެމުން ދާތީއެވެ. އެކުޑަ ހިތުގައި އެތައް ސުވާލެއް އުފެސިފައިވެއެވެ. ނަމަވެސް ހިތާމައަކީ އެސުވާލު ތަކުގެ ޖަވާބެއް ލިބެން ނެތުމުންނެވެ.

މަޑުމަޑުން ރޮމުން ނާހް ތެދުވިއެވެ. ނަމަވެސް ހިގައިގަންނަން އިރުކޮޅެއް ނެގީ ގައިގައި ރިއްސަމުން ދިޔައީމައެވެ. އަތުން ލޭ އަންނަމުން ދިޔަ ތަނުގައި މަޑުމަޑުން އަތް އަޅާލަމުން ދެލޯ މަރާލީ އެވަގުތު އެތަނުން ނެގި ދިލައެއްގެ ސަބަބުންނެވެ. އަދި މަޑުމަޑުން ގެއިން ބޭރަށް ނިކުންނަން ހިގައިގަތެވެ. “ނަފީސާ.. ނަފީސާ..” ނަފީސާއަށް ގޮވަމުން އެތެރެއަށް ވަންނަން އައި ހަލީމާއަށް ހުއްޓުން އެރީ ބޭރަށް ނިކުންނަން އައި ނާހް ފެނުމުންނެވެ. ހަލީމާއަކީ ނަފީސާގެ އަވައްޓެއްސެގެވެ. މިއަދުވެސް ހަލީމާ އައީ އަބަދުވެސް އިވެމުން ދިޔަ ހަޅޭކާއި ރުއިމުގެ އަޑު އެގޭތެރެއިން އިވެން ފެށުމުން ކެތްނުވެގެންނެވެ. “ނާހް…” ގިސްލެވެމުން ދިޔަ ނާހް ފެނުމުން ހަލީމާ ލޯތްބާއި އެކު ގޮވާލިއެވެ. އެވަގުތު އެކުޑަ ކުއްޖާ ސިހިގެން ގޮސްފައި ފަހަތަށް ޖެހިލިއެވެ. ހަލީމާއަކަށް ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ. ނާހް ކައިރިއަށް އައުމަށް އަޅާލި ފިޔަވަޅު ހުއްޓުން އެރީ ނާހް ދެފިޔަވަޅު ފަހަތަށް ޖެހިލީމައެވެ. “ނާހް ކިހިނެއްވީ” ހަލީމާ މަޑުމަޑުން ތިރިވެލަމުން އެ މައުސޫމްގެ މޫނަށް ބަލާލިއެވެ. އެވަގުތު ނާހް އިސްޖަހާލީ އެމޫނަށް ނުބަލާށޭ ބުނެލާ ގޮތަކަށެވެ. އެވަގުތު ހަލީމާއަށް ނާހްގެ އަތުން އަންނަމުން ދިޔަ ލޭ ފެނިގެން ދިޔައެވެ. “ކޮބާ ކޮއްކޮމެން” ހަލީމާ ގޭތެރެއަށް ބަލާލަމުން އަހާލިއެވެ. ނާހް ދެފަރާތަށް ބޯ ހޫރިއެވެ. ނޭނގެއޭ ބުނެލާ ގޮތަށެވެ. ނާހްއަކީ ވަރަށް މަޑުން ހުންނަ ކުއްޖެއްކަން ހަލީމާއަށް އެނގެއެވެ. ކިތައްމެ ވަރަށް ވާހަކަ ދެއްކިޔަސް އަނގައިން ބުނާނީ ވަރަށް މަދުންނެވެ. “މަންމަ ކޮބާ” ނަފީސާވެސް ފެންނަން ނެތުމުން އަނެއްކާވެސް ހަލީމާ އަހާލިއެވެ. ނާހް މިފަހަރު އެއްވެސް އެއްޗެއް ނުބުންޏެވެ. އަދި އެއްވެސް ހަރަކާތެއް ނުކުރިއެވެ. “ދައްތަ މިއައީ ގޭގަ ވަރަށް މީރު ކާއެއްޗެއް ހަދާފަ.. މަންމައަށް ގެނެސްދެން ވެގެން ތައްޓެއް ބަލާ… ނާހްިއަށް ދައްތައަށް ތަށި ހުރި ތަން ދައްކާލަ ދީފާނަން” ހަލީމާ ހިނިތުންވެލަމުން ފިޔަވަޅެއް ނާހްގެ ކައިރިއަށް އަޅަމުން ބުނެލިއެވެ. ނާހް އެއްވެސް އެއްޗެއް ނުބުނެ އެތަނުން ބޭރަށް ނިކުތެވެ. ހަލީމާވެސް ނާހްގެ ފަހަތުން ބޭރަށް ދިޔައެވެ.

***************

ނަފީސާ ދެލޯ މަރާލީ އަރާފައިވާ ރުޅިގަނޑު މަޑުވޭތޯއެވެ. ކިތައްމެ މަސައްކަތެއް ކުރިޔަސް ނަފީސާއަށް ނާހް ފެނުމުން އެއަންނަ ރުޅިގަނޑު މައިތިރި ކުރެވޭ ގޮތެއް ނުވެއެވެ. އޭނަ އެކުއްޖާދެކެ އެއަންނަނީ ކޮންކަހަލަ ރުޅިއެއްކަމެއް ނޭނގެއެވެ. އޭރުވެސް މީހާ ދިޔައީ ތުރުތުރު އަޅަމުންނެވެ. އެނދުގެ ބެޓްޝީޓްގައި ދެއަތުން ބާރަށް ހިފަހައްޓާލިއެވެ. އަދި ދެލޯމަރާ ބާރުކޮށްލިއެވެ..

“މަންމާ.. މަންމާ” އުމުރުން 13 އަހަރުގެ ނަފީސާ އޭނަގެ މަންމައަށް ގޮވާލިއެވެ. “މާ ބާރަށް ހަޅޭ ނުލަފާ އޮވޭ… އެހެންނޫނީ ކަލޭ މަރާލުމަށްފަހު ކަލޭގެ މަންމަވެސް މަރާލާނަން” ޖިންނިއެއް ފަދައިން ނަފީސާގެ ގައިމައްޗަށް ސަވާރުވެ އޮތް އޭނަގެ “ދޮން ބައްޕަ”ގެ ބިރުވެރި އަޑު ނަފީސާއަށް އިވުނީ ބިރުވެރި ސިފައެއްގައެވެ. “ބަ..ބަ..އްޕާ.” ދެލޯ މަރާލަމުން ގިސްލެވެމުންދިޔަ ނަފީސާ މަޑުމަޑުން ގޮވާލިއެވެ. ނަމަވެސް އެއަޑު އެނުލަފާ މީހާ އަހާނެ ހެއްޔެވެ. އެއަށްވުރެއް އޭނަގެ ސިކުޑީގައިވާ ޝައިތާނީ ވަސްވާސްގަނޑު ގަދައެވެ.

މަރާލި ދެލޯ ނަފީސާ ހުޅުވާލީ މީގެ 12 އަހަރުގެ ކުރީގެ އެހާދިސާ ސިކުޑީގައި ގުގުމައިގަތީމައެވެ. އެ މަންޒަރުތައް މިހާރުވެސް އިއްޔެ ވީ ކަމެއްހެން އަދިވެސް ނަފީސާގެ ސިކުނޑީގައި ހަރުލާފައި ހުރެއެވެ. ނަފީސާގެ އޮތީ ކޮންކުށެއް ހެއްޔެވެ. އެދުވަހު އެމީހުން ނަފީސާއަށް ބޭނުން ގޮތެއް ހެދީ ނަފީސާއަކީ އަންހެން ކުއްޖަކަށް ވީމަ ހެއްޔެވެ. ލާރި ހޯދަން ނަފީސާ އިހްތިޔާރު ކުރީ ނަފީސާގެ ކޮންކުށެއް އޮވެގެން ހެއްޔެވެ. އެމީހުން ބޭނުން މީހަކަށް ބޭނުން ރެއަކު ނަފީސާ ހަދިޔާ ކުރަމުންދިޔައީ ލިބޭ މަދު ލާރި ކޮޅުގެ ބޭނުމުގައެވެ. އެކަމަކު… ނަފީސާ ސިހިގެން ދިޔައީ އޭނަގެ ފިރިމީހާ އޭނަގެ އަތުގައި ހިފާލީމައެވެ. “މިއަދުވެސް ނާހް ދެކެ ރުޅި އައިސްފަތަ” ފިރިމީހާ އަހްމަދު ވާހަކަ ދެއްކިއެވެ. “އެކުއްޖާ މަގޭ ކުރިމައްޗަށް ނުގެންނާތީ.. އެހެންނޫނީ މާ ރަނގަޅެއް ނުވާނެ..” އެނަން އަޑުއިވުނީމަވެސް ނަފީސާގެ މޫޑު ބަދަލުވިއެވެ. “އެކަމަކު ނަފީސާ..” އަހްމަދު ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް އެހާ ހިސާބުން ހުއްޓާލީ ވާނެ އެއްވެސް ފައިދާއެއް ނެތުނީމައެވެ. “ކޮބަ ދެން ތިބި ކުދިން” އެނދުގައި ހަށިގަނޑު ދަމާލަމުން އަހްމަދު ބުނެލިއެވެ. އަހްމަދަކީ ފެރީގައި މަސައްކަތް ކުރާ މީހެކެވެ. ރޭގައި ދަތުރު ނިއްމާއި އައި ގޮތަށް އަހްމަދު ނިދީއެވެ. ނަފީސާ ކޮޓަރިއަށް ވަތް އިރު އަހްމަދު އުޅުނީ ފާހާނަގައެވެ. އެކަމަކު ނަފީސާގެ މޫޑު ހުރި ގޮތުން އޭނަ ކުރި ކަންތައްތަށް ނަގައިގަންނާކަށް އަހްމަދަކަށް އުދަގުލެއް ނުވިއެވެ.

“އެދެކުދިން ވެއްޖެ އަތިރި މަތީގަ.. ހައްވަ ދައިތަ އާ އެކު ދިޔައީ.. ދެން ދާންވީ އެމީހުން ބަލާ..” ނަފީސާ ހިނިތުންވުލެމެއް ރައްދު ކޮށްލަމުން ވާހަކަ ދެއްކިއެވެ. ނަފީސާގެ ދިރުމަކީ އެދެކުދިންނެވެ. އެދެކުދިންނަށް ނަފީސާ އެތައްލޯތްބެއް ދެއެވެ. ކޮންމެ މީހަކަށްވެސް ނާހްއާއި އެދެކުދިން ތަފާތު ކުރާ މިންވަރު އެގިގެން ދާނެއެވެ. އެކަމާއި ވާހަކަ ދައްކާ ކޮންމެ މީހެއް ދެކެ ނަފީސާ ރުޅި އާދެއެވެ. ހިތްހަމަ ނުޖެއެވެ. އެހެންކަމުން ގިނަ ވަގުތު އަހްމަދު ދެކެވެސް ނަފީސާ ހުންނަނީ ހިތްހަމަނުޖެހިފައެވެ. “އާ ވަރަށް ބަނޑުހައި.. ނެއްތަ ކާނެ އެއްޗެއް” އަހްމަދު އަހާލިއެވެ. ނަފީސާ ނޫނެކޭ ބުނަމުން ކޮޓަރިން ބޭރަށް ނިކުތެވެ.

*****

“މިއަދުވެސް އެ ނަފީސާ އެކުއްޖާ ގައިގައި ތަޅައިގެންފި” ހަލީމާ ވާހަކަ ދެއްކީ ރަށު ކައުންސިލްގެ ރައީސް ކަރީމްއާއެވެ. “ކިތައްފަހަރު.. އަހަރެން މިހެން މައްސަލަ ޖައްސާނީ ކަރީމް.. ބުނެބަލަ.. މިއަދުވެސް އަހަރެންނަށް ދެވުނު އިރު އެކުއްޖާ ފަކީރުގެ އަތުން ލޭ އާދޭ” ހަލީމާ ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ. “ނާހް އެއްވެސް އެއްޗެއް ބުނިތަ” ކަރީމް ގޮޑީގައި އިށިދެލަމުން ވާހަކަ ދެއްކިއެވެ. “ހީވޭތަ ބުނާނެ ހެން.. އެކުއްޖާ ފަކީރު ބަލާލީމަވެސް އެނގޭ ނުލާހިކު ބިރުންކަން އެ ހުންނަނީ.. ނަފީސާއަށް ކޮންމެވެސް ކަމެއް ކޮށްބަލަ.. މިހާރު ކިތައް ދުވަސް ވެއްޖެތަ ޖެންޑަރ އަށް މައްސަލަ ހުށަހެޅިތާ” ހަލީމާ ކަރީމް ކުރިމަތީގައި ހުރި ގޮޑި ދަމާލަމުން އިށީދެލިއެވެ. “އަދި ނުވޭ އެހާ ގިނަ ދުވަހެއް.. ކުރިން ދުވަހަކުވެސް ގުޅިން.. އަތޮޅު ހުރި ތަނަށް.. ބުނި ތިމަންނަ މިހާރު ޗުއްޓީގައޭ.. މާލެގަ ހުރި އޮފީހަށް ފޮނުވާފައޭ ވާނީ.. ” ކަރީމް ބުނެލިއެވެ. “އަސްލުވެސް.. ކަރީމްބެ އަދިވެސް ނަފީސާއާއި ވާހަކަ ދައްކަބަލަ މިކަންތަކުގައި.. އޭނަ ހަމައެކަނި ނާހް މެދުގައޭ އެ ގޮތަށް އެ އެކަންތައް ކުރަނީ.. އަޅެ އޭނަގެ މަންމަވެސް ކުޅަދާނައެއްނުން.. އާދަނު މަރުވީމަ އެ ހަސަންއާއި އިދެގެން އެ އުޅެނީ… ދަރިންނަށް ބަލާލުމެއް ނެތް” ހަލީމާ ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. “އޯކޭ.. ދެން ތި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެއްނުން.. އަހަރެން ނަފީސާ އާއި ވާހަކަ ދައްކަން ދާނަން..” ކަރީމް ބުނެލިއެވެ. ހަލީމާ ހިނިތުންވުމެއް ރައްދުކޮށްލަމުން އޮފީހުން ނިކުތެވެ

ކަރީމް ބަލާލީ އެތަނުގައި އެސިސްޓެންޓްއެއްގެ ގޮތުގައި މަސައްކަތް ކުރާ އަލީއަށެވެ. “އަލީ ކޮބާ.. އަތޮޅުގައި ހުރި ފެމެލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރ އަށް ގުޅިންތަ” ކަރީމް އަހާލިއެވެ. “އާދެ.. ގުޅިން.. މިހާރު އެތަނުގައި ހުރި މަންޖެވެސް ހުރީ ޗުއްޓީގަ ޔޯ ބުނީ އެންމެ ފަހުން ގުޅީމަ.. މާލެއަށް މި ކޭސްގެ ކަންތައް ފޮނުވައިފީމޯ.. އެކޮޅުން ކުރިއަށް އެބަ ގެންދެޔޯ ބުނީ” އަލީ ބުނެލިއެވެ. “އެމީހުން އައީ މީގެ ކިތައް ދުވަސް ކުރިންތަ” ކަރީމް އެއްޗެއް ހަދާން ކުރާ އުޅޭގޮތަށް ވާހަކަ ދެއްކިއެވެ. “މިދިޔަ މަސް ނިމެނިކޮށް ދޯ އައީ” އަލީ ބުނެލިއެވެ. “އާ.. އެކަމަކު މިހާރު އޭގެ ފަހުން ނަފީސާގެ ތިންވަނަ މައްސަލަ އެ ހުށަހެޅުނީ.. މާދަން ވާނެ އެގެއަށް ދާން.. ލިޔުމެއް ރެޑި ކޮށްލާ.. އަދި އެއްފަހަރު ގުޅާލާތި އެތަނަށް އިނގޭ..” ކަރީމް ބުނެލިއެވެ.

**********************

ނާހް ބޭރަށް ގޮސް ބަދިގެ ކައިރީގައި ގޮޑިއެއް ބައިންދައިގެން އިށީދެލިއެވެ. އެ މައުސޫމް ދެލޮލުން ފެނިގެން ދަނީ ވަރުބަލި ކަމެވެ. މުޅިހަށިގަނޑުގައި ރިހެމުން ދިޔަ ރިހުމަށް ބަދަލެއް ނާދެއެވެ. ހަލީމާ އަޅައިދިން މަލަން ކޮޅު ގައި އަތް ޖައްސާލައިގެން ނާހް އިނީ ހިޔާލަކަށް ގެއްލިފައެވެ. “ނާހް.. ދަރިފުޅާ..” އަހްމަދުގެ އަޑު އިވުމާއި އެކު ސިހިފައި ނާހް ތެދުވިއެވެ. އަހްމަދު މަޑު ހިގުމެއްގައި ނާހް އާއި ދިމާލަށް އައެވެ. “އެއްޗެއް ކައިފިންތަ” ލޯތްބާއި އެކު އަހްމަދު ވާހަކަ ދެއްކިއެވެ. ނާހް އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލިއެވެ. “ހިގާ ބައްޕި އާއި އެކު ކޮއްކޮމެން ބަލާ.. އަންނަމުން ފިހާރައަށް ވަދެ މީރު އެއްޗެއް ގަންނާނީދޯ” އަހްމަދު އަތް ދިއްކޮށްލަމުން ބުނެލިއެވެ. ނާހް މަޑުމަޑުން އަހްމަދުގެ އަތުގައި ހިފާލިއެވެ.

*************

ރޭގަނޑުގެ ވަގުތެވެ. ނަފީސާ އޭނަގެ ކުޑަ ދެކުދިން ކާންދީގެން ރީތިކޮށްލައިގެން ކޮޓަރިއަށް ވަނެވެ. ނާހް ކޮބާތޯ ބަލާވެސް ނުލައެވެ. އޭނަގެ އެނަން ކިޔާ ކުއްޖެއް ނެއްފަދައެވެ. ދެކުދިން ނިއްދެވުމަށްފަހު އެކުދިންގެ މަގަތުން ނަފީސާ އޮށޯވެލީ ނިދުމުގެ ބޭނުމުގައެއް ނޫނެކެވެ. ނަމަވެސް އަހްމަދު އަންނަން ވާއިރަށް ކުޑަކޮށް އަރާމް ކޮށްލުމުގެ ބޭނުމުގައެވެ.

****************

“ހެޔޮނުވާނެ އަހަރެންނަށް ތިހެން ނަހަދާ” ރޮމުން ދިޔަ ނަފީސާ އޭނަގެ ދޮންބައްޕައަށް އާދޭސް ކުރިއެވެ. ނަމަވެސް މިރޭވެސް އެމީހާގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. އެ ކުޑަ އަންހެން ކުއްޖާއަށް ކުރަމުން ދިޔަ އަނިޔާ އަކީ ބަލައިގެން ފެންނާނެ އަނިޔާއެއް ނޫނެކެވެ. ނަމަވެސް އެއަނިޔާ ތަކުގެ އަސަރު ކުރަމުން ދިޔައީ ނަފީސާގެ ސިކުނޑިއަށެވެ. ހިތަށެވެ. ބޭނުންވާ ކަންތައް ނިއްމާލަމުން ދޮންބައްޕަ އެތަނުން ނިކުތެވެ. ރޮމުން ދިޔަ ނަފީސާ ކުރު ގެޅިލީ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން ކުޑަކޮށްވެސް މަޑުކޮށްލުމުގެ ބޭނުމުގައެވެ.

އަނެއްދުވަހު ހެނދުނު ވުމާއި އެކު ނަފީސާ ފުރަތަމަ ވެސް އޭނަގެ މަންމަ ކައިރީގައި ދޮންބައްޕަގެ ފަރާތުން ލިބެމުން ދިޔަ އަނިޔާގެ ވާހަކަ ކިޔައިދިނެވެ. ރޮމުންނެވެ. ގިސްލަމުންނެވެ. އަނިޔާ ވެފައިވާ ތަންތަން ދައްކަމުންނެވެ. ނަމަވެސް އެވާހަކަތައް ނުނިމި ނަފީސާއަށް ލިބުނީ އޭނަގެ މަންމަގެ އަތުން ހޫނު އެތިފަހަރެކެވެ. މޫނު މައްޗަށެވެ. “ލަދު ހަޔާތް ކުޑަ ކުއްޖާ.. ކަލޭ ބޭނުންހާ މީހަކާއި ބޭނުންހާ ވައްތަރަށް ތެޅިފައި މަގޭ ފިރިމީހާތަ ފެނުނީ ތި ކަހަލަ ހުތުރު ކަމެއް އަޅުވަން.. ލަދު ކުޑަ” އެހާ ހިސާބަށް ބުނެފައި ހުއްޓާލުމަށްފަހު އަތުން ނަފީސާގެ ގައިގައި ތަޅައިގަތެވެ. “ކޮންމެހެން މަސައްކަތް ނުކުރަން މޮޅެތި އުޒުރު ދައްކާނެ ކަމެއްނެތް.. ދާންއުޅޭ މިތަނުން” ދުރައް ކޮއްޕާ ވައްޓާލަމުން ނަފީސާއާއި ދިމާލަށް އޭނަގެ މަންމަ ހަޅޭލަވައިގަތެވެ. އެންމެ އެހީ ލިބޭނެ ކަމަށް ހީކުރި މީހާގެ ފަރާތުންވެސް ނަފީސާއަށް އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ. އޭގެ ބަދަލުގައި ހަށިގަނޑުގައި އެތައް ލަކުނެއް ލާނެ ޒަހަމްތަކެއް މަންމަގެ ފަރާތުން ލިބުނެވެ.

އޭގެ ފަހުން ނަފީސާގެ މަންމަގެ އުޅުންވެސް ބަދަލު ވިއެވެ. ކަމަކު ބުނުމުގެ ކުރިން އަތް އިސްކުރަން ފެށިއެވެ. ދުވާލަކު އެތައް އަނިޔާއެއް ނަފީސާއަށް މަންމަގެ ފަރާތުން ލިބެމުން ދިޔައެވެ. ދޮންބައްޕަގެ ފަރާތުން ޖިންސީ ގޯނާތައް ރޭގަނޑުގައި ތަހައްމަލް ކުރަން ޖެހެއެވެ. ކުރިން ރޮމުން ގެންދިޔަ ނަފީސާ މިހާރު އެކަމަކަށް ނުރޮއެވެ. ދޮންބައްޕަ ބޭނުން ކަމެއް ކޮށްގެން ދާއިރު މަރުވެފައިވާ މައްޔިތެއްހެން މަޑުމަޑުން އޮވެއެވެ. ދޮންބައްޕަގެ ފަހުން ރަށުގެ މީހުންވެސް ނަފީސާ ކައިރިއަށް ވަންދަން ފެށިއެވެ. ފުރަތަމަ ނަފީސާ ބިރުގަތް ނަމަވެސް ފަހުން ނަފީސާގެ ބިރު ކެނޑުނެވެ. އެނގުނު ގޮތުގައި އެއީވެސް ދޮންބައްޕަގެ ކަމެކެވެ. ލާރި ހޯދުމައްޓަކައި ނަފީސާ ވިއްކަން ފެށިއެވެ. ލިބޭ ލާރި ބޮޑާވެފައި މަންމައާއި ބައްޕަ ގުނަން ތިބޭތަން އެތައް ދުވަހަކު ނަފީސާއަށް ފެނިފައިވެއެވެ.

އެއަނިޔާ ނަފީސާ އެތައް އަހަރެން ވަންދެން ތަހައްމަލް ކުރަން ޖެހުނެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ މީގެ ކުރިން ނަފީސާއަށް ނުވާ އެތައް އުދަގޫތަކެއް ނަފީސާއަށް ވާން ފެށުމެވެ. އެއީ އެއަނިޔާ ލިބޭތާ 08 އަހަރު ފަހުންނެވެ. އެއްދުވަހަކު ހެނދުނު ތެދުވި އިރު ބޮލަށް އެބުރުން އަރާފައި ހުރުމުން އެދުވަހުގެ މަސައްކަތް ނަފީސާއަށް ކުރާކަށް އެހާ ފަސޭހައެއް ނުވިއެވެ. އެއްޗެއް ކާލުމާއި އެކު ހޮޑުލެވެން ފެށިއެވެ. މިހުރިހާ މަންޒަރެއް އެންމެ ކައިރިން ބަލަން ހުރި މީހަކީ ނަފީސާގެ މަންމައާއި ދޮންބައްޕައެވެ. “ކަލޭ ކިހިނެއްތަ ތި ތެޅެނީ.. އަނެއްކާ ތިއެތި ބަނޑުބޮޑީތަ” އޭގެ ހަފްތާއެއް ފަހުން ނަފީސާ ހޮޑުލާތަން ފެނިގެން މަންމަ ހަޅޭލަވައިގަތެވެ. ނަފީސާ ސިހިގެން ދިޔައެވެ. ނޫނެކޭ ބުނެވުނީ ބާރަކަށެވެ. “ހުންނަ ލަދު ކުޑަ.. ކާކުގެ ދަރިއެއް ތީ.. ބުނޭ.. ” އިލޮށިފަތި އަތައް ހެޔޮ ވަރު ކޮށްލަމުން ނަފީސާގެ މަންމަ ހަޅޭލަވައިގަތެވެ. ކުޑިލަންވެސް ނޭނގިފައި ހުރި ނަފީސާ ސިހިގެން ދިޔައީ އޭނަގެ މަންމަ ތަޅައިގަތީމެވެ. ނޭނގި ނަމަވެސް ނަފީސާއަށް ދެއަތުން ބަނޑުގައި އަތް އަޅާލެވުނީ އެއީ ތެދެއްނަމަ ބަނޑުގައިވާ ދަރި ސަލާމަތް ކުރުމަށެވެ.

ނަމަވެސް ނަފީސާއަށް ދެން ދިމާވީ ކުރިއަށް ވުރެއް އަނިޔާ ވެރިކޮށެވެ. ރަށުގައި ހަބަރު ފެތުރެން ކުޑަ ވަގުތު ކޮޅެއްވެސް ނުނެގިއެވެ. އެންމެންގެ ހުތުރު ބަސްތައް ނަފީސާއަށް އަމާޒުވިއެވެ. މަންމަގެ ފަރާތުން ލިބެމުން ދިޔަ އަނިޔާ އިތުރު ވެ ދޮންބައްޕަގެ ފަރާތުން ލިބެމުންދިޔަ އަނިޔާވެސް އިތުރުވިއެވެ. ކިޔަމުންދިޔަ އެއްޗެހި ދިޔައީ އިތުރުވެ ހުތުރު ވަމުންނެވެ. އެހެންކަމުން އަމިއްލަ ނަފްސަށް ކުރަމުންދިޔަ އިތުބާރު ކުޑަވަން ފެށިއެވެ. ބަނޑުގައި އަށަގަންނަމުން ދިޔަ ދަރިފުޅު ދެކެ އިންތިހާއަށް ރުޅި އާދެވެން ފެށިއެވެ. ދޮންބައްޕަ އާއި މަންމަގެ އިތުރަށް އޭނަ ކައިރިއަށް ބޭނުން ފުއްދަން އަންނަ މީހުން ދެކެ ނަފްރަތު ކުރެވެން ފެށިއެވެ. އެ އެންމެދެކެ އަންނަމުން ދިޔަ ރުޅި ނަފީސާއަށް ނޭނގިނަމަވެސް ބޭލެމުން ދިޔައީ ބަނޑުގައި އަށަގަންނަމުން ދިޔަ ކުޑަ ދަރިފުޅަށެވެ. މިގޮތުން ނުކައި ހުރުމާއި ބަނޑަށް ބާރުވާގޮތަށް ހެދުން ލުމާއި އަމިއްލައަށް ހަށިގަނޑަށް ކުރެވެމުން ދިޔަ އަނިޔާ އިތުރުވިއެވެ.

ނަމަވެސް އިންސާނުންގެ އަމަލުތަކަށް ވުރެއް އިންސާނުން ހައްދަވާ ބޮޑު ކުރައްވާ ކަލާގެ ކުޅަދުންވަންތަ ކަން މާ ބޮޑެވެ. ނަފީސާ އެވަރަށް މަސައްކަތް ކުރުމުންވެސް ކުއްޖާ ބައިގެންދާ ގޮތެއް ނުވިއެވެ. މަންމަގެ ފަރާތުން ލިބެމުން ދިޔަ ޖިސްމާނީ އަނިޔާ އަދި ދޮންބައްޕަގެ ފަރާތުން ލިބެމުން ދިޔަ ޖިންސީ އަނިޔާ ތަކުންވެސް އެކުއްޖާއަށް އަނިޔާއެއް ނުލިބުނެވެ. ދުވަސް ފުރާ ލޯބި ލޯބި ކުޑަކުޑަ ފިރިހެން ކުއްޖެއް ނަފީސާ ވިހިއެވެ. ނަމަވެސް އެންމެ ފުރަތަމަ އެކުއްޖާގެ އެމޫނު ބަލަންވެސް ނަފީސާ ހިތްހަމަނުޖެހުނެވެ. އެހެންކަމުން މަންމައާއި ކުއްޖާ ހަވާލު ކުރިއެވެ.

އެދުވަސްވަރު އަހްމަދު ނަފީސާގެ ކައިވެންޏަށް އެދުނެވެ. މަންމައާއި ދޮންބައްޕަ ކައިރިން ސަލާމަތްވާން އެއައްވުރެއް ރަނގަޅު ފުރުސަތެއް ނެތުމުން ހައްދު ޖަހައިގެން ކައިވެނިކޮށްގެން ދަރިފުޅު މަންމައާއި ހަވާލު ކުރުމަށްފަހު ރަށުން ފައިބައިގެން އަހްމަދުގެ ރަށަށް ނަފީސާ ބަދަލުވިއެވެ.

******************

ނަފީސާ ސިހުނީ އަހްމަދު އޭނަގެ އަތުގައި ހިފާލީމައެވެ. މޫނުމަތީގައި އަތްބާއްވާލައިގެން ނަފީސާ އޮތީ ކުރީގެ ކަންތައްތަކާއި މެދުގައި ވިސްނާށެވެ. “ކުދިން ކެއީތަ” އަހްމަދު އަހާލިއެވެ. ނަފީސާ ތެދުވެލަމުން ބޯޖަހާލިއެވެ. “ހުރިހާ ކުދިންތަ” އަހްމަދު އަނެއްކާވެސް އަހާލިއެވެ. ނަފީސާ އަހްމަދު އާއި ދިމާލަށް ބަލާލިއެވެ. “އަހަރެން މިދައްކަނީ ކާކުގެ ވާހަކައެއްކަން ރަނގަޅަށް އެނގޭނެ.. ކޮބާ މިހާރު އެސޮރު” އަހްމަދު ނަފީސާގެ ބެލުމުގެ މާނަ އެގުމުން ހިތްހަމަ ނުޖެހުނެވެ. “ނޭނގެ މަށަކަށް…” ނަފީސާ ފޫހި ކަމާއި އެކު ގައި ބުނެލިއެވެ. “އެކަމަކު ނަފީސާ.. ކިހާ ދުވަހެއްވަންދެން ކުރިން ވި ކަންތައްތަކުގެ އަނިޔާ އެސޮރަށް ދޭނީ.. ބުނެބަލަ.. އޭގެ އެސޮރުގެ ކުށަކީ ކޮބާ؟؟” އަހްމަދު ނަފީސާއަށް ވިސްނަދޭ ގޮތައް ވާހަކަ ދެއްކިއެވެ. “އަހަރެންނަކަށް ނޭނގެ.. އަހަރެން އޭނަ ފެނުނަސް ރުޅި އާދޭ.. ދޮންބައްޕަމެން މަތިން ހަދާންވޭ.. އެމީހުން އަހަރެންނަށް ކުރި އަނިޔާތަށް މަތިން ހަދާންވޭ.. އެމީހުން އެގޮތަށް އަހަރެންނަށް އަނިޔާ ކުރީ އަހަރެންގެ ކޮންކުށެއް އޮވެގެންގެންތަ.. އަހަރެން ބަނޑުބޮޑު ކޮށްލީ އަހަރެން ކޮންކުށެއް ކުރީމަތަ.. މަންމަގެ ދަރިއަކަށްވެ ހުރެ ހީހީފަ އެހުރިހާ މަންޒަރުތަކެއް ބަލަން ހުރީ.. ބަލަ މަގޭ ކުށަކީ ކޮބާތަ.. އެކުއްޖާ ކުށަކީ އެއީ އެނުލަފާ ޖާހިލު ދޮންބައްޕަގެ ދަރިއަކަށް ވުން.. މީހުން ބުނެއެއްނުން މަށަށް ނޭނގެއޭ ކާކުގެ ދަރިއެއް ކަމެއްވެސް.. އެއީ ހަމަ އެނުލަފާ ޝައިތޯނު ދަރިއެއް.. އެއީ އޭނަގެ ކުށަކީ” ނަފީސާ ކުއްލިއަކަށް ރުޅިގަދަވިއެވެ. ހަޅޭލަވައިގަތީ އެހާވެސް ބާރަށެވެ. އަހްމަދު ވެސް ދިޔައީ ސިއްސައިގެންނެވެ.

ނަފީސާއަށް ދިމާވި ކަންތަކުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާކަން އަހްމަދު އަށް އެނގެއެވެ. ކިތައްމެވެސް ނަފީސާއަށް އެހީވަން އަހްމަދު ބޭނުންވެއެވެ. ނަމަވެސް އެގޮތަށް ހަޅޭލަވައިގަންނަނީ ނަފީސާ ވަރަށް ހިތްހަމަނުޖެހުނީމަކަން އަހްމަދު އަށް އެނގޭތީ އެކަމާއި އެއްވެސް އެއްޗެއް އިތުރަށް ބުނާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން އެތަނުން ނިކުތީ ނާހް ފެނޭތޯއެވެ.

 *******

ނާހް ކަކުލުގައި ބޯ ޖައްސާލައިގެން ދެއަތުން ފައިގައި ހިފަހައްޓާލައިގެން ގޮޑީގައި އިނެވެ. ބަދިގެ ކައިރީގައި ގޮޑިއެއް ބައިންދައިގެން ރޭގަނޑުގެ އެވަގުތުގައި އިން އިރު އެމައުސޫމްގެ ހިތުގެ ތެޅުމުގެ އަޑު ބޭރަށްވެސް އިވޭ ކަހަލައެވެ. ނާހް އިނީ އެހާވެސް ބިރުންނެވެ. ދެލޮލުން ކަރުނަ ހިކިފަ އިނެއްކަމަކު ހިތުން ރޮއި އާދޭސް ކުރަމުން ދިޔައެވެ. އެތައް ޝަކުވާއެއް ކުރަމުން ދިޔައެވެ. މަންމައަށް ގޮވަމުން ދިޔައެވެ. ލޯބިން ފިރުމާލުމަށް ލޯބިން ދޮނެއް ދިނުމަށް އެދި އާދޭސް ކުރަމުން ދިޔައެވެ. ރީތި ކޮށް ފެންވަރުވާ ލުމަށާއި ރީތި ހެދުމެއް ދިނުމަށާއި ލޯބިން މަންމަގެ އަތުން ކާއެއްޗެއް ދިނުމަށް ކެތްތެރިކަމެއްނެތި އެދެމުން ދިޔައެވެ. ނަމަވެސް ހިތާމަ ހުއްޓެވެ. އެއަޑު އިވޭނެ ނުވަތަ އަހާނެ މީހަކުވެސް އެތަނުގައި ނެތެވެ. އެތަނުގައި ވަނީ އެކަނިވެރިކަމެވެ. އަދިރިކަމެވެ. ނިކަމެތި ކަމެވެ. ނާހް ދެލޯ މަރާ ލައިގެން އިނީ ނިދާފައެއް ނޫނެކެވެ. ނަމަވެސް އެތަނުގައި އިންނަން ބިރުން އެއްވެސް ތާކަށް ނުބަލަން ވެގެންނެވެ.

ނާހް ސިހިގެން ދިޔައީ ވަރަށް ލޯބިން މީހަކު އޭނަގެ ބޮލުގައި ފިރުމާލީމައެވެ. “ދަަރިފުޅާ..” އަހްމަދު ލޯތްބާއި އެކު ގޮވާލިއެވެ. ނާހް ބަލާލީ އެހީވެދޭށޭ ބުނެލާފަދަ ގޮތަކަށެވެ. “ކައިފިންތަ” އަހްމަދު ނާހް އާއި އެއްވަރަށް އިށީދެލަމުން ލޯތްބާއި އެކު އަހާލިއެވެ. ނާހްގެ މޫނުން އަހްމަދު އަށް އެއްވެސް ކަހަލަ ކުލަވަރެއް ނުފެނުނެވެ. މޫނަށް އެއްވެސް ބަދަލެއް ނާދެއެވެ. “ހިގާ ކާން ބައްޕަ އާއި އެކު” އަތުގައި ހިފާލަމުން އަހްމަދު ބުނެލިއެވެ. އަދި ބަދިގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ. އެތެރެއިން ފެނުނު ކަންތަކުން އަހްމަދު ހައިރާނެއް ނުވިއެވެ. އެއީ ކޮންމެ ރެއެއްގެވެސް އާދައެވެ. ނަފީސާ ދެކުދިންނަށް ކާންދީ ނިއްމާފައި ބަތް ހުރިއްޔާ އުކާލާނެއެވެ. ލައިގެން ކާނެ އެއްޗެއް ހުރި ނަމަވެސް އުކާލާނެއެވެ. އަދި ހުރިހާ އެއްޗެއް ދޮވެ އެއެއްޗެއް ހުންނަ ތަނުގައި ބަހައްޓާނެއެވެ. އަހްމަދު ކިތައްމެ ދުވަހަކު އެހެން ނެހެދުމަށްވެސް ބުނެފިއެވެ. އެކަމަކު ބަދަލެއް ނައެވެ.

ފެނުނު މަންޒަރުން އަހްމަދު ބަލާލީ ނާހް އަށެވެ. އެމައުސޫމް މޫނު މަތިން އެވަގުތު އަހްމަދުއަށް ފެނުނީ މާޔޫސްކަމެވެ. ކުރާނެ ވަކިކަމެއް ހަދާނެ ވަކި ގޮތެއް ނޭނގިފައިވާ ތަނެވެ. “ބައްޕަ ދަރިފުޅަށް އެއްޗެއް ގެނެސްދިނީމޭ” ޖީބަށް އަތްލަމުން އަހްމަދު ބުނެލިއެވެ. “ބަނޑު..ހަ..އެއް.. ނުވޭ” އަޑު ބޭރުނުވި ނަމަވެސް މިފަހަރު ނާހްގެ ޅަ އަޑު މަޑުމަޑުން އަހްމަދުގެ ކަންފަތުގައި ޖެހުނެވެ. ދުވަހެއްގަވެސް އަހްމަަދުއާއި ވާހަކަ ދައްކާއިރު ނާހް ނަފީސާ ކުއްވެރި ކޮށްފައެއް ވާހަކަ ދައްކާފައެއް ނެތެވެ. އަބަދުވެސް ނަފީސާގެ ރަނގަޅު ވާހަކަ ދެއްކުމަށް ނާހް ލޯބި ކުރެއެވެ. ކޮއްކޮމެންނާއި އެކު ކުރާ މަޖާ ކަންތައްތަކުގެ ވާހަކަ ކިތައްމެ މަދުން ވާހަކަ ދައްކާ ނާހްވެސް ކިޔައެވެ. ކިތައްމެ ދެރަވިޔަސް ރުޅިއަޔަސް އެކަން އަބަދުވެސް ފޮރުވަން މަސައްކަތް ކުރެއެވެ. އެންމެންގެ ކުރިމަތީގައި ހިތްވަރު ކުރުމަށް ނާހްއަށް ވަނީ ދަސްވެފައެވެ. ކިހިނެއް ކަމެއް ނޭނގެއެވެ. “ބައްޕައަށް އެނގޭ.. ދަރިފުޅު ބަނޑުހައި ނުވާނެކަން.. އެކަމް މީރު މީރު ކޭކެއް.. ކާލާނަންތަ” ތިން ކޭކު ނަގައި ދައްކާލަމުން އަހްމަދު އަހާލިއެވެ. އެވަގުތު މަރުވެފައިވާ މޫނަށް ކުޑަ ހިނިތުންވުމެއް ވެރިވި ތަން އަހްމަދުއަށް ފެނުނެވެ. އެހެންކަމުން އަހްމަދު ވެސް ހީލިއެވެ. އަދި ކޭކުތައް އަތަށް ދެމުން ފެންތައްޓެއް ހިފައިގެން އައެވެ. ކޭކާއި ފެންތަށި ނާހް ކާލީ އަވަސް ކަމާއި އެކުގައެވެ. ކަމުން ދިޔަ އިރުވެސް އިރުއިރު ކޮޅާ ބަދިގޭގެ ދޮރާއި ދިމާލަށް ނާހް ބަލާކަން އަހްމަަދުއަށް ފާހަގަ ކުރެވުނެވެ. އެއީ ކީއްވެކަންވެސް އަހްމަދު އަށް އެނގެއެވެ.

ކައި ނިމުމާއި އެކު އަހްމަދު ނާހްގެ ތުންދޮވެ ދިނެވެ. “ހިގާ އެތެރެއަށް” ލޯތްބާއި އެކު ނާހް އާއި ދިމާލަށް އަހްމަދު ބަލާލިއެވެ. އެގޭގައި ނާހްއަށް ލޯތްބާއި އެކު ވާހަކަ ދައްކާ ކަންތައް ކޮންދޭ މީހަކަށް ހުންނަނީ އަހްމަދު އެކަނި ކަން ނާހް އަބަދުވެސް ހަނދާން ކުރެއެވެ. އަހްމަދު އެހެން ބުނުމާއި އެކު ދެލޯ ބޮޑު ކޮށްލަމުން ނާހް ބަލާލިއެވެ. އަދި ފަހަތަށް ދެތިން ފިޔަވަޅު އަޅާލިއެވެ. “މަންމަ ނިދާފަ މިހާރު ވާނީ.. ބައްޕަ އާއި އެކު ދާނީ.. މަންމަ އެއްވެސް އެއްޗެއް ނުބުނާނެއޭ ނާހް އާއި ދިމާލަކަށް” އަހްމަދު އަށް ނާހް ބިރުގަންނަނީ ކީއްވެކަން އެނގޭތީ ބުނެލިއެވެ. ނަފީސާ ވަނީ އެގޭގައި ނިދުންވެސް ނާހް އަށް މަނާކޮށްފައެވެ. “ބައްޕަ އިންނާނަމޭ ނާހް ކައިރީގައި” އަހްމަދު ބުނެލިއެވެ. އަދި ނާހްގެ އަތުގައި ހިފައިގެން ހިގައިގަތެވެ. ނުދާން ހުރެފަވެސް އަހްމަދުގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ނާހް ކުރިއަށް ފިޔަވަޅު އެޅިއެވެ.

********

ނަފީސާ އާދައިގެ މަތިން ކުނި ކެހުމުގެ މަސައްކަތުގައި އުޅުނެވެ. މިއަދު އަހްމަދު މަސައްކަތަށް ދަމުން ދިޔައީ ނާހް ގޮވައިގެންނެވެ. އެހެންކަމުން ނަފީސާ ހުރީ ވަރަށް ހިތްހަމަ ޖެހިފައިވައެވެ. އެވަގުތު ސަލާމް ގޮވާލާއި އެތެރެއަށް ވަނީ ކައުންސިލްގެ ރައީސް ކަރީމް އެވެ. “ކަރީމްބެ.. ކިހިނެއްވީ.. ހާދަ ނުވަގުތެއްގަ” ނަފީސާ ހަމަޖެހިލަމުން ކަރީމްއާއި ވާހަކަ ދެއްކިއެވެ. “އާ ނަފީސާ.. މިކަހަލަ ވަގުތު ތަކުގަވެސް އަންނަ މިޖެހެނީ.. ނަފީސާ މެން ކުދިންގެ ކަންތައް ހުންނަ ގޮތުން” ކަރީމް ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ. ކޮންމެ ގޮތެއްވިޔަސް މިއީ ނަފީސާއާއި މިވާހަކަ ދައްކާ ފުރަތަމަ ފަހަރެއް ނޫނެކެވެ. އެތައް ފަހަރެއްގެ މަތިން އެތައް ގޮތަކަށް ވަނީ ނަސޭހަތް ދެވިފައެވެ. “އަނެއްކާ ކާކު ކީކޭ ކީ” ނަފީސާގެ ރާގު ކުއްލިއަކަށް ބަދަލު ވިއެވެ. “މިރަށު އެންމެންވެސް ކިޔާކަން ނަފީސާއަށް ރަނގަޅަށް އެނގޭނެ.. އެއީ މައުސޫމް ކުއްޖެކޭ ނަފީސާ… އެސޮރަށް ކޮން ރުޅިއެއް ތި ބާލަނީ.. ބަލަ ތިވަރު އޭނަ މިކޮޅުގަ ބަހައްޓަން ބޭނުން ނޫނިއްޔާ ނަފީސާގެ މަންމަ ކައިރިއަށް އޭނަ ފޮނުވަން ވީނުން” ކަރީމް ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. “އަހަރެންގެ މަންމަ ކައިރީގައޭ ކުރިން އޭނަ ހުރީ.. އެކަމަކު އަހަރެން ނުބެލުނު މީހަކަށް އެހެން މީހަކު ބެލޭތަ.. އޭނަ ހިތަށް އެރި ގޮތަކަށް މި ކުއްޖާއާއި ދޭތެރޭގަ ކަންތައް ކުރާތީ އެރަށު މީހުން ބުނެގެން އަހްމަދު މީނަ ގެންނައީ..” ނަފީސާ ކަރީމްއަށް ވުރެއް ރުލި ގަދަ ވެފަ ވާހަކަ ދެއްކިއެވެ. “އެކަމަކު ވެސް.. ދެން ތިހެން ކަންތައް ކޮށްގެން ނުވާނެ.. ތީ އުޅެން ވާނެ ގޮތެއް ނޫނެއްނުން.. އެކުއްޖާއަށް ތި އަނިޔާ ކުރަނީ.. އެކުއްޖާ ކީއްކުރާތީތަ..” ކަރީމް ރުޅި މަޑު ކުރަމުން އަހާލިއެވެ.

“ހަލީމާ މިފަހަރު ކީކޭ ކިޔައިގެން ތަ ތިއުޅެނީ.. ކަރީމް ކައިރީގައިވެސް މަށަށް ކިތައް ފަހަރު ބުނެވޭނީ މަށަކީ މީހުނަށް އަނިޔާ ކުރާ މީހެއް ނޫނެކޭ.. މަގޭ ދަރިން ރަނގަޅަށް މަ ބަލަމޭ.. ހަލީމާ ކައިރީގައި ބުނެބަލަ އޭނަގެ ދަރިން އުޅޭ ނޫޅޭ ގޮތް ފުރަތަމަ ބަލާށޭ” ނަފީސާގެ ރުޅި ދިޔައީ ގަދަވަމުންނެވެ. “ހަލީމާ އެއްޗެކޭ ބުނަން ޖެހޭތަ.. ކޮންމެ މީހަކަށްވެސް ފެނޭ ނާހްއާއި އެހެން ކުދިންނާއި ނަފީސާ ތަފާތު ކުރާ ވަރު.. އަނެއްކާ އިއްޔެ ހަލީމާ އައި އިރު އެބުނީ އެކުއްޖާގެ އަތުން ތަނެއް ހަލާކުވެ ލޭ އައިސްފަ ހުރި ވާހަކަ” ކަރީމް މަސައްކަތް ކުރީ ރުޅި މަޑު ކުރަމުން ވާހަކަ ދެއްކޭތޯއެވެ. “އާ އެއީ އިއްޔެ އޭނަ ކުޅެން އުޅެނިކޮށް ގޭތެރެއަށް ވެއްޓުނީ.. އެގެއެއްނުން.. މިގޭގަ ހުންނަނީ ތަޅުންގަނޑުކަން.. މުށިޖަހާފައެއް ނޫން.. ދެން އެހެންވީމަ.. އެހެން ވާ ފަހަރުވެސް އަންނަނާނެ” ނަފީސާ ކަރީމްއަށް ފުރަގަސް ދެމުން ވާހަކަ ދެއްކިއެވެ. “މައްސަލައެއްނެތް.. ތަންކޮޅެއް ނާހްއަށް ބަލާލައިގެން އުޅޭ… އެކަހަލަ ކަމެއްވީމަ ބަލައިގެން އުޅެން ބުނޭ.. ދެން ދަނީ.. ފަހުން އަދި ޖައްސާލާނަން” ކަރީމް އެގޭ ގޯތިން ނިކުތެވެ. އެވަގުތު ވަރަށް ބާރަށް ނަފީސާ އިލޮށިފަތި ގޭތެރެއަށް ވައްޓާލި އަޑު އިވުނެވެ.

******

ނާހް ގެއަށް އައީ މެންދުރުން އަބުރަނި ކޮށެވެ. އަހްމަދު ނާހް ފޮނުވީ ކުއްޖަކާއި އެކުގައެވެ. ކުޑަކޮށް ބިޒީވީމަ އިރުކޮޅަކުން އަންނާނެ ކަމަށް ނާހް ކައިރީގައި އަހްމަދު ބުންޏެވެ. ނާހް ގެއަށް އައި އިރު ނަފީސާ ހިގާލަ ހިގާލާ ހުއްޓެވެ. ނާހް ފެންނަ އިރަށް ނަފީސާ ބަލާލި ގޮތުން ނާހްއަށް ހީވީ ނަފީސާގެ ލޮލުން އަލިފާން ބުރަމުން ދިޔަ ހެންނެވެ. އޭރު ނަފީސާގެ އަތުގައި ލަކުނޑި ގަނޑެއް ކަހަލަ އެއްޗެއް އޮތެވެ. ނަފީސާ ނާހް އާއި ދިމާލަށް ހިގައި ގަތް ގޮތުން އެކުޑަ ހިތް ތެޅި ތެޅިފައި ނެގެން ފެށިއެވެ. ވީ ކިހިނެއް ކަމެއް ނާހް އަކަށް ނޭނގެއެވެ. ނަމަވެސް ވާން އުޅެނީ ކީއްކަން ނާހް އަށް އެނގުނަސް ކުޑިލަންވެސް ނޭނގިފައި ހުރެވުނީ ގަތްލެއް ބިރެއްގެ ބޮޑުކަމުންނެވެ. ނަފީސާ އައި ގޮތަށް އަތަށް ހެޔޮވަރުކޮށް އޭގެން ނާހްގެ ފައިގައި ބޮޑިއެއް އަޅައިފިއެވެ. ވީތަދުން ނާހްއަށް ވެއްޓިގަނެވުނެވެ. “އަދި މީހުން ލައްވާ މަށާއި ދިމާލަށް އެއްޗެހި ކިޔުވައެއްނުން.. ހުންނަ ނުލާފާކަން.. އަހަރެން ބުނާ އަޑު މިހުރި ކަންފަތަކަށްވެސް ނީވޭތަ” ކަންފަތުގައި ހިފައި އެބުރުނާ ބާރަކަށް އަބުރައި ގަންނަމުން ނަފީސާ ހަޅޭލަވައިގަތެވެ. އެވަގުތު ނާހްއަށް ރޮއިގަނެވުނެވެ. ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. “މަގޭ ވާހަކަ މީސްމީހުން ކައިރީގައި ދައްކާނެ ކަމެއްނެތް.. ނުލަފާ.. މަ ބުނާ ގޮތައް ކަންތައް ނުކުރަންޏާ ޖެހެނީ މިގޭންވެސް ދާން.. މިރަށުންވެސް ދާން..” ނަފީސާ އަތުން ބަނޑުގައި ޖަހަމުން ދުރައް ކޮއްޕާލިއެވެ.

ނާހް ގޮސް ޖެހުނީ ދުރުގައި ހުރި ސޯފާގެ އެއްކަނުގައެވެ. އެވަގުތު އެތެރެހައްޓަށް ވެގެން ދިޔަ ތަދުން ކުޑަވަގުތު ކޮޅަކަށް ނާހް އަށް ނޭވާލާން ދަތިވިއެވެ. “ހަނދާން ކުރާތި.. މީހެއް ކައިރީގައި ވާހަކަ އެއް ބުނެފިނަމަ އަދި މިއައްވުރެއް ބޮޑު ވަރު ކުރާނަން” ނާހްގެ އިސްތަށިގަނޑުގައި އަތުން ހިފުނުހާ ބާރަކަށް ހިފަމުން ކުއްލިއަކަށް ޖަހަމުން ނަފީސާ ބުންޏެވެ. އަދި ބޯ ސޯފާއާއި ދިމާލަށް ކޮށްޕާލިއެވެ. އެ ބާރު މިނުގައި ނާހްގެ ބޯ ޖެހުނީ ސޯފާގެ ކަނުގައެވެ. އެވަގުތު އެ ބޮލަށް އެބުރުން އަރައިގެން އެތަނަށް ނާހް ދެމުނެވެ. ނަފީސާ ދިޔަ ގޮތައް ބޭރަށް ނިކުތެވެ.

*********

އަހްމަދު މަސައްކަތް ނިއްމާފައި އާދެވުނީ ރޭގަނޑު ވަނިކޮށެވެ. ގެއަށް ވަނުމާއި އެކު ސިޓިން ރޫމްއަށް ވެއްޓިފައި އޮތް ނާހް އަހްމަދުގެ ލޮލުގައި އަޅައިގަތެވެ. ނަފީސާ ފެންނާކަށް ނެތެވެ. “ނާހް” އަހްމަދު ދުވެފައި ގޮސް ވެއްޓިފައިވާ ނާހް ނަގާ ސޯފާ މަތީގައި ބޭއްވިއެވެ. އަދި މޫނުގައި އަތް ޖައްސާލިއެވެ. އެވަގުތު ނިއްކުރި މަތި ހިސާބަށް ވުރެއް ބޮޑަށް މަޑުކަން އަހްމަދު އަށް އިހްސާސް ކުރެވުނެވެ. ދުވެފައި ގޮސް ފެން ފޮދެއް ގެނެސް ނާހްގެ މޫނުގައި ކާތާލިއެވެ. އޭގެ އިރުކޮޅެއް ފަހުން ނާހް ގެ ލޯ މަޑުމަޑުން ހަރަކާތް ކޮށްލިއެވެ. ނަމަވެސް ނާހްއަށް ލޯ ހުޅުވާނެ ހިތްވަރުވެސް ނެތް ކަހަލައެވެ. އަހްމަދުގެ ރުޅި ކޮންޓްރޯލް އިން ނެއްޓި ކަހަލައެވެ. ނާހް އެތަނުގައި ބާއްވާފައި ކޮޓަރިއާއި ދިމާލަށް ހިގައިގަތެވެ.

“ކިތައް ފަހަރު ބުނާނީ ނާހް އަށް އަނިޔާ ނުކުރާށޭ ނަފީސާ ކައިރީގައި” ދިޔަ ބާރު މިނުގައި އެނދުގައި އޮތް ނަފީސާގެ އަތުގައި ހިފާގައި ނަގަމުން އަހްމަދު ބުންޏެވެ. “އަހަރެން ކޮން އިރަކުތަ އޭނައަށް އަނިޔާ ކުރީ” ނަފީސާ ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ. “ކޮން އިރަކުހޭ.. ބަލަ ނޭނގޭތަ ތި ކުރެވެނީ ކިހާ ބޮޑު ކަމެއްކަމެއް” އަހްމަދު ރުޅިގަނޑު މަޑުވާގޮތެއް ނުވިއެވެ. “އަހަރެން ކުރާ ކަންތައްތަކުގެ ބޮޑެތި ވާހަކަ ދައްކަން އަހްމަދު ހާދަ ބޭނުންވެއޭ ދޯ.. ބަލަ އަހަރެންގެ މަންމައާއި ދޮންބައްޕަ އަހަރެންނަށް ބޮޑެތި ކަންތައް ކުރަމުން ދިޔައި އިރު ކޮބާތަ ތިބުނާ ރަނގަޅު ގޮތާއި ނުބައި ގޮތް” ނަފީސާ ވެސް ކުއްލިއަކަށް ރުޅި ގަދަވިއެވެ. “ކިހާ ދުވަހެއް ވަންދެން އޭރު ވީ ކަންތަކުގެ ބަދަލު ނަފީސާ ހިފާނަންތަ” އަހްމަދު އަހާލިއެވެ. ނަފީސާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިމެސް ވެއެވެ. ނަމަވެސް ބާރު ހިގުމެއްގައި ނިކުމެގެން ދިޔަ އަހްމަދު ފެނުމުން އެބުނަން އުޅުނު އެތި ނުބުނީއެވެ.

އަހްމަދު އެރޭގެ ހުރިހާ ވަގުތެއް ހޭދަ ކުރީ ނާހް ކައިރީގައެވެ. ފަތިސް ވެގެން އައި އިރު ނާހް ލޯ ހުޅުވާ ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް އޭރު އެއްލޯ ކައިރި ވަނީ ކަޅުވަން ފަށާފައެވެ. އަހްމަދު އަށް ވެފައިވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. ނަމަވެސް ގަނޑުފެން ޖައްސާ މަސާޖުކޮށް ހެދިއެވެ. ހެދުނު މަސައްކަތަށް އަހްމަދު ދިޔައީ އަނެއްކާވެސް ނާހް ގޮވައިގެންނެވެ. ގޭގައި ބަހައްޓައިގެން އިތުރު އަނިޔާއެއް ވާކަށް އަހްމަދު ބޭނުމެއް ނޫނެކެވެ. އަނެއްކާ ރޭގެ ރުޅި އަދިވެސް ނަފީސާގެ ނުފިލާނެ ކަން އަހްމަދު އަށް އެނގެއެވެ.

************

ދުވަސްތައް ފާއިތު ވަމުން ދިޔައެވެ. އަހްމަދު މަސައްކަތަށް ދާއިރު ނާހް ގޮވައިގެން ދެވޭތޯ މަސައްކަތް ކުރެއެވެ. އަވައްޓެރިއެއްގެ ހައިސިއްޔަތުން ހަލީމާވެސް ނާހްގެ ހާލު އަހުވާލު ބަލާ ހަދައެވެ. އަދި ކަމެއް ފާހަގަ ކުރެވިއްޖެނަމަ ކަރީމްއާއި ހިސާބަށް ގެންދެއެވެ. ފެމެލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރއަށް މައްސަލަ ހުށަހެޅިތާ އެއްމަސް ފަހެވެ.

 ކޮންމެ ދުވަހަކީ އެމީހަކު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ވާނެ ދުވަހެއް ނޫނެކެވެ. އެގޮތުން އަނެއްކާވެސް ނާހް ބަހައްޓާފައި މަސައްކަތަށް އަހްމަދު ދާން ޖެހުނު ދުވަހެކެވެ. ނަފީސާ ގޯތި ތެރޭގެ މަސައްކަތް ނިއްމާފައި ގޭތެރެއަށް ވަތް އިރު ނާހް ސޯފާގައި އިށީދެލައިގެން މަޑުމަޑުން އިނެވެ. ނާހް ފެނުމާއި އެކު ދޮންބައްޕައާއި މަންމަގެ ފަރާތުން ލިބިފައިހުރި ހުރިހާ އަނިޔާއެއް ނަފީސާގެ ލޯ ކުރިމަތިން ސިފަ ވެގެން ދިޔައީ ފިލްމުގެ މަންޒަރު ތަކެއް ސިފައިގައެވެ. އާދެވުނު ރުޅީގައި ނަފީސާއަށް ހިވުނީ ކުރިން ދުވަހު ގެންގުޅުނު ލަކުޑި ބުރީގައެވެ. ބަލާކަށް ނުހުރެ ދިޔަ ބާރު މިނުގައި ނާހްގެ ކުރި މައްޗަށް ހުއްޓުނެވެ.

ނާހް ސިހިފައި ނަފީސާއާއި ދިމާލަށް ބަލާލިއެވެ. އެދެލޮލުން ފެންނަމުން ދިޔައީ ބިރުވެރިކަމާއި ހާސްކަމެވެ. ގޭތެރެއަށް ވަނުމުގެ ކުރިން ނަފީސާ ގޭ ދޮރު ތަޅުލިއެވެ. “މާ ތާހިރު ވެފަ މިތާ ތި އިނީ ކިހިނެއްވެފަ” ނަފީސާ ހަޅޭލަވައިގަތެވެ. ނާހްއަށް ބިރުން ސޯފާގައި ބާރަށް ހިފެހެއްޓުނެވެ. އެވަގުތު ނާހްގެ އަތަށް ހިފާފައި ދަމައިގަންނަމުން ނަފީސާ ނާހް އެއްލާލިއެވެ. ކުޑަ ކަފަކޮޅެއްހެން ނާހް ޖެހުނީ ވަރަށް ދުރުގައެވެ. ނަފީސާގެ ރުޅިގަނޑު މަޑުވާ ގޮތެއް ނުވިއެވެ. ބަލާކަށް ނުހުރެ އަތުންނާއި ފައިން އެކުއްޖާ ގައިގައި ތަޅައިގަތެވެ. ނާހްއަށް ރޮއިގަނެވުނެވެ. މީގެ ކުރިން ދުވަހަކުވެސް ނުރޯހާ ބާރަށެވެ. އެހެންކަމުން ނަފީސާގެ ރުޅި ދިޔައީ ގަދަވަމުންނެވެ. “ކޮންމެހެން ހަޅޭލަވާނެ ކަމެއްނެތް” ނާހްގެ ކަންފަތް އަބުރައިގަންނަމުން ނަފީސާ ބުންޏެވެ. އެވަގުތު ބޭރުން ހަލީމާގެ އަޑު އިވުނެވެ. ދޮރުގައި ޓަކި ޖެހި އަޑު އިވުނެވެ. ނާހް އަށް ގޮވި އަޑު އިވުނެވެ.

އެހެންކަމުން އަވަސްކަމާއި އެކު ނަފީސާ ބާރު ބާރަށް ތިން ހަތަރު ފަހަރަށް ނާހްގެ ބަނޑުގައި ޖެހިއެވެ. އެވަގުތު މަޑުމަޑުން ނާހްގެ ގިސްލުމުގެ އަޑު އިވެން ފެށިއެވެ. އެހެންކަމުން ބާރު ހިގުމެއްގައި ނަފީސާ ގޮސް ކޮޓަރިއަށް ވަނެވެ.

********

އޭގެ ގާތްގަނޑަކަށް އެއްގަޑި އިރު ފަހުން ނަފީސާ ނިކުން އިރު ނާހް އެއޮތް ގޮތަށް އޮތެވެ. އެއްވެސް ހަރާކަތެއް ނެތި އޮތުމުން ނަފީސާ ހީކުރީ ނާހް ނިދާފައި އޮތީ ކަމަށެވެ. ދެތިން ފަހަރު ގޮވުމުންވެސް ހަބަރެއް ނުވުމުން ކުޑަކޮށް ކައިރި ވެލާފައި ނޭވާ ލާތޯ ނަފީސާ ބަލާލީ ނާހް އޮތް ގޮތުންނެވެ. އަތް ދިއްކޮށްލި ހާ އަވަހަށް އަތް ދަމައިގަތީ ނޭވާ ނުލާކަން ޔަގީން ވީމައެވެ. އެވަގުތު ނަފީސާގެ މޭ ފިނިވިއެވެ. މީހާ މަޑުމަޑުން ތުރުތުރު އަޅަން ފެށިއެވެ. މިކުރެވުނީ ކިހާވަރުގެ ކަމެއްކަން ހިތް ބުނަން ފެށިއެވެ. އެހެންކަމުން އެތަނުގައި ނުހުންނަންވެގެން އަވަސް އަވަހަށް ބޭރަށް ނިކުންނަން ނަފީސާ ހިގައިގަތެވެ.

*******

ނާހްގެ ފުރާނަ ނެތް މަސްގަނޑު ބާއްވާފައިވަނީ ހެލްތު ޕޯސްޓްގައެވެ. ހަލީމާގެ ލޯ ވަނީ ކަރުނުން ފުރިފައެވެ. ކަރީމްވެސް ފިރިހެނެއް ކަމަކު ދެލޮލުން ކަރުނަ އޮހުރުނެވެ. އަހްމަދު ހުރީ ފާރުގައި ލެގިލައިގެންނެވެ. “އަހަރެން ނުބުނަންތަ.. އޭނަ އެންމެ ފަހުން އެކުއްޖާ އެމަރާލީ” ހަލީމާ ބުނެލި އަޑު އިވުނެވެ. “ނަފީސާ އަކީ އެކަހަލަ ކަމެއް ކުރާނެ މީހެއްނޫން” ހެލްތް ޕޯސްޓް ކައިރިއަށް އެއްވެފައިވާ މީހުންގެ ތެރެއިން މީހަކު ބުނެލިއެވެ. “އޭނަ އަނިޔާ ކުރީމަ ދަރި މަރުވީ.. އޭނަ ނުޖެހޭނެ އެގޮތައް ކަންތައް ކުރާކަށް.. ހުންނަ ލަދު ކުޑަކަން.. ބަލާބަލަ އޮންނަ ގޮތް” އޭރު ހެލްތް ޕޯސްޓްގައި ބާއްވާފައިވާ ނަފީސާއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން އެތަނުން އެހެން މީހަކު ބުންޏެވެ. ނަފީސާ ބޮލަށް އެބުރުން އަރައިގެން އެތަނަށް ނެގެވުނީ ނާހްގެ މަރުގެ ހަބަރު ލިބުމުންނެވެ. ނާހްގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މެންދުރުވަނިކޮށެވެ.

މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ކޮންފަރާތަކުން ހެއްޔެވެ. އަނިޔާ ކުރި މީހާ ހެއްޔެވެ. އަނިޔާ ކުރާތަން ބަލަން ތިބި މީހުން ހެއްޔެވެ. ސަރުކާރުގެ މިކަންތަކާއި ގުޅޭގޮތުން އުޅޭ ބޭއްފުޅުން ހެއްޔެވެ. ނޫނި މުޅި ސަރުކާރު ހިންގުމާއި ހަވާލު ވެގެން ހުރި މީހާ ހެއްޔެވެ. ޒިންމާ ނަގާނީ ކާކު ހެއްޔެވެ……..

ޒިންމާ ވަނީ އަހްމަދު ހެއްޔެވެ. ހުރިހާ ކަމެއް އެގި ހުރެ މިހުރިހާ ދުވަހު އެކަންތައް ނުވާކަމަށް ހަދައި އެއްވެސް މީހެއް ކައިރީގައި ނުބުނެ ހުރީމަ ހެއްޔެވެ. ނޫނީ ހަލީމާ ހެއްޔެވެ. ކައުންސިލްގެ ރައީސް ކައިރީގައި ބުނި ނަމަވެސް އެކުއްޖާ އެތަނުން ސަލާމަތް ކޮށްގެން އެތަނުން ނުނެރުނީމަ ހެއްޔެވެ. ނޫނީ ކައުންސިލްގެ ރައީސް ކަރީމް ހެއްޔެވެ. ބުނަންޖެހޭ ފަރާތް ތަކުގައި ބުނެފައިވެސް ފަރުވާ ކުޑަ ކޮށްލެވުނީމަ ހެއްޔެވެ. ނޫނީ ނަފީސާ ހެއްޔެވެ. ކުޑައިރުގައި ލިބުނު އަނިޔާ ތަކުގެ ސަބަބުން ސިކުޑިއަށް ލިބިފައިވާ އުނިކަމެއްގެ ސަބަބުން އަނިޔާ ދިނީމަ ހެއްޔެވެ. ނުނީ ނަފީސާގެ މަންމައާއި ދޮންބައްޕަ ހެއްޔެވެ. އެއްވެސް ރަހުމެއް ނެތި ކުޑަ އަންހެން ކުއްޖަކު ކުޅޭ ކުޅޭ އެއްޗަކަށް ހެދީމަ ހެއްޔެވެ. ނޫނީ އެރަށުގައި ދިރިއުޅޭ މަދު މީސްކޮޅު ހެއްޔެވެ. ކަމެއްވާކަން އެގިހުރެ އެކުޑަ މައުސޫމް ކުއްޖާއަށް ހިމާޔަތް ނުދެވުނީމަ ހެއްޔެވެ. ނުނީ މިކަހަލަ މައްސަލަތަށް ބެލުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިދާރާތަކުން ހެއްޔެވެ. ކުރަން ޖެހޭވަރަށް މަސައްކަތް ނުކުރުމާިއ ފަރުވާ ކުޑަކަން އިހްތިޔާރު ކުރެވުނީމަ ހެއްޔެވެ. ނޫނީ ސަރުކާރުގެ ވެރިން ހެއްޔެވެ.

*********

މިއީ ހަގީގީ ވާހަކައެއް މައްޗަށް ބިިނާ ކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެވެ. މިވާހަކަ މިގޮތަށް ގެނެސްދިނުމުގެ ބޭނުމަކީ މިވާހަކައާއި ދޭތެރޭގައި ވިސްނުމެވެ. ކޮންމެ ފަރުދަކީވެސް އެފަރުދެއްގެ ހައިސިއްޔަތުން މިކަހަލަ އެތައްކަމެއް ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭ މީހެކެވެ. މިކަހަލަ ކަމެއް ދިމާވީ މިއީ ވަކި މިވަނި މީހެއްގެ މައްސަލައެކޭ އެމީހަކު ޒިންމާ އުފުލަންޖެހޭނެއޭ ކިޔާފަ ދެން ތިބޭ މީހުން އަތް އުރާލައިގެން ތިބީމަ ރަނގަޅު ވޭ ހެއްޔެވެ. ކަމެއް ހައްލު ކުރާކަމަށްވާނަމަ ނުވަތަ ރަނގަޅު ކުރާކަމަށްވާނަމަ އެންމެން އެކީ ނިކުންނަން ޖެހެއެވެ. މައިންބަފައިން ދަރިންނަށް ރައްކާތެރި މާހައުލެއް ބިނާ ކޮށްދެވެން ޖެހެއެވެ. މުޖުތައު އިން ކުދިންނަށް ސަލާމަތާއި އެހީތެރިކަން ލިބެން ޖެހެއެވެ. ކޮންމެ ކުޑަ ކުއްޖަކީ ކޮންމެވެސް މީހެއްގެ ދަރިއެކެވެ. ލޯބިން ނުވަ މަސް ދުވަސް ވަންދެން ނުނީ އެއަށް ވުރެއް މަދު ވި ނަމަވެސް އެތައް ބުރެއް އުފުލައިގެން ވިހާ ދަރިންނެވެ. ކޮންމެ މީހެއްގެވެސް ޒިންމާތަކެއްވެއެވެ. ފަރުދެއްގެ ހައިސިއްޔަތުން މި ދިވެހި ރާއްޖެއަށް އަހަރުމެން ކޮންދެން ޖެހޭ ކަންތައް ތަކެއްވެސް ވެއެވެ.

މިގޮތުން މައިންބަފައިންގެ ޒިންމާއަކީ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމެވެ. އުފަލާއި ހިމާޔަތާއި ރައްކާތެރި ކަމުގައި ދަރިން ބޮޑެތި ކުރުމެވެ. މުދައްރިސުންގެ ޒިންމާއަކީ ކުދިންނަށް އުގަންނައި ދިނުމެވެ. ގެއިން ދަސްވާ އެއްޗަކަށްވުރެއް ބޮޑަށް ދަސްކޮށްދިނުމެވެ. ކުދިންނަށް ދިރިއުޅުގެ ހުނަރު ދަސްކޮށްދިނުމެވެ. ރައްޓެހިންގެ ޒިންމާއަކީ އެކަކު އަނެކަކަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވެދިނުމެވެ. ހަސަދަ ލައިގެން މީހަކަށް ގެއްލުމެއް ދިނުމެއް ނޫނެކެވެ. މުޖުތަމުގެ ޒިންމާއަކީ މުޖުތަމައުއަށް ނިކުންނަ ކޮންމެ ކުއްޖަކު އެކަނި ކޮށްނުލާ ބާކީ ކޮށްނުލާ އެއްބައިވައްތަ ކަމާއި އެކު ދިމާވާ މައްސަލަތަށް ހައްލު ކުރުމަށް މަސައްކަތް ކުރުމެވެ.

ހިތާމައަކީ އަޅުގަނޑުމެންގެ ކުޑަ ދިވެހި ރާއްޖެގައިވެސް މިކަހަލަ ކިތައްމެ ކަމެއް ދިމާވާ ކަމެވެ. އެހީވާނެ ޔާރެއް އާރެއް ނެތް އެތައް ކުޑަކުދިންނެއް ތިބި ކަމެވެ. ކޮންމެ މީހަކު ޒިންމާ ވަނީ ކާކުހޭ ބުނާއިރު އެކަކުވެސް ޒިންމާ ނަގަން ބޭނުން ނުވާކަމެވެ. އޭގެ ބަދަލުގައި އެހީވާން ތިބެ ބަޔަކަށްވެސް އެތައް އުދަގުލެއް ކުރެވޭކަމެވެ. އެކަމަކު މިކަންތައް އިސްލާހު ކުރާނަމަ މި ކުޑަ ދިވެހި ގައުމުގައި ފެތުރޭ މިކަހަލަ އެތައް ވަބާއެއް ފިލުވާލެވޭނެއެވެ.

ނިމުނީ….

Comments (27)

  1. faai

    Hama rowihje… V v hiydhathi… Mi ibthihaal maruwi haadhisaa ah liyefa oi waahaka eh dhw…. Maai Allah e mausoom kuhjaa ah heyo rahmai lahwaa suwarugeyge dhaaimy niumah dhehwaashi… Amen….

  2. some one

    may god bless his soul..:'(

  3. athoo.

    ibthihaal ge hayaathaa gulhuvaa fa dhw. mi dhuvasvaraa varah gulhey haadhisaa eh vaahaka eh ge sifaiga thi genes dhiny. ummeedh kuran mi mujuthamaun mifadha aniyaa thah kudhin nah dhey meehunnah ibrathakah vaane kamah..
    good luck fantasy.

  4. Fantasy

    hurihaa kudinge hiyaalu thakah v bodah shukuriyya.. 🙂
    hmmm mi eiy ibthihaalge hayatha gulhuvaafa liyefaiva vaahakaeh… athoo buni gothah fantasy ge ves unmeedhakee mi vaahakain ibratheh haasil kurun… 🙂

  5. mary

    asluvess varah salhi

  6. lol

    Athoo athoo athoo athoo athoo athoo athoo athoo athoo athoo athooi

  7. mee

    hama rovijje..v furihama …mee hama mikan hingaa dgiya goibaaa????,

  8. suhana

    Aslu hageegee haadhisaaga aafiya ibthihaal ah furathama v rangalhu bt eyna ehn myhakaa marry kurifahun ehaa varah aniyaa kuran feshy.aafiya ge dhon bappa n mom vx gud eh nun.hama efadhain kuda iru aniyaa libi aniyaa thahamal khfaiyaa myhaku emyhaa dhariah aniyaa kurun v gos

  9. Fantasy

    mee aslu mi story fantasy v try kohfa hunnane hageegathaa ehgothah genes dheveytho… hama fantasy ah egifa vaa minvarun.. aslu stroyga kujjage mamma kujja vihaafa 2 months ga dhiya ee enage mamma aa havalu kohfa..
    mi vaahakaiga bunedhen miulheny kujja kuda iru dhimaavaa kanthah thakuge sababun kurimagu banavegen higai dhaane ey.. visnan vee dharin bodu kuraairu mainbafain kuraa kuda kamakun ves dharin nah asaru kohfaane kah dhoo 🙂

  10. Fantasy

    suhanage coment ah ves fantasy thaaeedhu kuran igey… ekam fantasy ah libifa vaa mauloomaathun meehaka inumuge kurinves enage mamma ehaa gud eh nun dhari akah..
    dhen konme gotheh viyas dharin nah ehves kahala aniya eh kurumaky ragalhu kameh nun dhoo… eiy kuda kujjeh kamuga viyas adhi bodu kujjeh kamuga viyas.. nuntha

  11. suhana

    Thi story liyefa thiothy ibthilaal ge mom aafiya dhifaau kuran hen hyvany….dhon bappa kanthah kuri goiyy hithah araafa ibthihaal ah aniya nukh myhakah dhin nama vx rangalhu v hennu.aafiya ebbadu myhakuvx ibthihaal balan dhinumah edhunu kamah emyhaa buny…ehn v ma aniya kuri myhaa dhifaau kuran liyunu stry eh dw me

  12. SARA MUBARIK

    VARAH REETHI VAAHAKAEH… HITHAH VARAH ASARU KURUVAIFI….. HAMA ROVIJJE… MAAI ALLAH IBTHIHAAL AH HEYO RAHMAI LAHVAASHI,, AAMEEN..

  13. Naail

    May god bless this soul. very sad story……………………………..who would r believe a mother would do such a thing………

  14. Shadhi

    🙁

  15. aalaa

    omg!!! v hithah thadhuvehje.. i love you ibthihaal.. may god bless your soul.. ;-(

  16. aalaa

    aanmukoh dharin gaiga hunaany mammage goi.. so aafiyaage vs e hury hama eynage mammage goi..

  17. Hoody

    :,( hama rovijje!!!!! varah reethi stry!!!! and iburai theri!!!! thnkx for the msg fantasy!!! i feel realy sry for the child!!!!! god may bless him heaven!!!!

  18. laara

    ibthihaal ah suvarugeyge dhaaimy niumai dhevvashi.. ameeen. unmmedhu kuran mi vaahakain varah gina myhunnah ibratheh haasilvaane kamah.. hope mikahala kameh future ga dhimaanuvaane kamah. INSHA ALLAH

  19. deqar

    oh will miss you ibthihaal.. love you so much.. ibthihaal ah suvaru geyge dhaaimy niumai dhehvaashi ameeen…

  20. yamxari

    V asaru kohfi ehame dherave rovijje v v v rthi emmenves thikamuga kuvvetivey…………..

  21. aree

    Vrh bodah dheravejje..
    :'( aslu a thuthu kujaa ah haadha asareh kuraaney dhw..
    Ya allah mifadha rahumkuda maeh evx meehakah nudheh vaashi..
    Luv yu ibthihal
    May god blesss yu

  22. shifa

    ;(
    im so sry ..i wish i knew ..i wish i could help u..this is so painful to hear i wonder how much he have gone through….i hope tht the devils got a moral frm his life..ehves insaanakah ekahala maeh nulahvaashi..ameen ..may god bless his soul

  23. sal

    vaahaka varah reethi hama rovihje vaahakaige kohme jumlaeh kiyamun dhaairu sifavaakahala insha allah mifadha vabaa thakun alhugandu menge gawumu salaamah kurahvaashi

  24. Thoo

    V salhi

  25. Sandy

    Maaiy Allah Ibthihaal ah suvarugeyge dhaaimy niumaiy dhehvaashi….adhi migothah dharinnah aniyaa kuraa main bafainnah heyo visnun dhehvaashi..Aameen….maimyhaa aniyaaga ulhe boduvumuge maanayaky dharinnah aniyaa kuraashey eh nun…thats not an excuse…azum kanda alhan jeheyny thimaa ah nulibunu ufaathah dharinnah hoadha dheyn…eyrun in shaa Allah edharin bodethi vegen main bafain ufuli thakuleefuge agu vazan kuraane…ibthihaal ge mamma aafiya ah mikamum rangalhu adhabeh nudhinun mee sarukaarun vrh viyaanudhaa koh kuraa kameh….justice has be denied…..

  26. Faxoo

    🙁 🙁 🙁 🙁 ? ? ?
    maai Allah e mausoom furaana ah heyo goi minvaru kuravvaashi Aameen! 🙁 i really hope these people will understand/// they dont have the rights to do that, especially to adorable little innocent kids..
    anyway Fantasy, its a great story… keep it up!

  27. Angel

    Fantasy, mi vaahaka vvvvvvvvvvvvvvvv rythi and it is sooooo touchinggg :(:(

Comments are closed.