ކޮންކަހަލަ ލޮޅުމެއްހެ މިއައީ …
ހަވީރުގެ ވަގުތެވެ. ރަށުގެ ގޮނޑުދޮށުގައި ތަފާތު އުމުރުފުރައިގެ ކުދިން ކުޅެމުން ގެންދިޔައެވެ. މިތަން ބަލަން ތަންކޮޅެއް ދުރުގައި އޮތް ލަކުނޑި ގަނޑެއްގެ މަތީގައި ނާޝިޒްއިނެވެ. ކުޅިވަރުގެ ފޯރީގައި ކުދިން މަޖާކޮށް އުފާކުރާތަން ފެނުމުން ނާޝިޒްގެ ލޯ ފެންކަޅީވެގެން ދިޔައެވެ. ނުރޮއި އިނުމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ. އޭނާގެ ލޮލުގައި ފުނިޖެހިފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް އޭނާގެ މޫނުމައްޗައް ނީރައިލިއެވެ. ހަމަ އެއާއެކު ނާޝިޒްގެ މާޒީގެ ދޮރުފަތްތައް މަޑުމަޑުން ހުޅުވެން ފެށިއެވެ.
އެއީ ގާތްގަނޑަކަށް މީގެ ވިއްސަކަށް އަހަރުދުވަސް ކުރިއެވެ. ނާޝިޒަކީ މާލޭގައި ކިޔަވަންހުންނަ ރާއްޖެތެރޭގެ ކުއްޖެކެވެ. ރިވެތި އަޚްލާޤުގެ ސަބަބުން މުޅި ސުކޫލުގައި ހުނިޖަހައިލެވޭފަދަ ކުއްޖެކެވެ. މައިންބަފައިންނާއި ކިތަންމެ ދުރުގައި އުޅެމުން ދިޔަނަމަވެސް އޭނާގެ ދިރިއުޅުން ނުބައި މަގަކުން ދީލައިލައިގެން ނުދެއެވެ. މިއީ އޭނަގެ މަންމަގެ އުނގުން ލިބުނު ދަރުސްތަކުގެ ނަތީޖާއެވެ. މީހުންބުނަނީ ތެދެކެވެ. ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ.
ސްކޫލު ނިމުމުން ނާޝިޒް އިތުރަށް ކިޔަވަން ބޭނުންވިއެވެ. ނަމަވެސް މެކުނު ފުމުނަސް ގާހަކަޔަށް ނުފުމެވޭނެކަން ނާޝިޒް ޤަބޫމުކުރެއެވެ. އެހެންކަމުން އޭނާ ޒަވާޖީ ޙަޔާތެއް ފެށުމަށް ޤަޞްތުކުރިއެވެ. ނާޝިޒް އަކީ ހަމަ ކޮންމެ އަންހެން ކުއްޖަކުވެސް ޙަޔާތުގެ ބައިވެރިއަކަށް ހަދަން ބޭނުންވާނެފަދަ މީހެކެވެ. ނަމަވެސް އެނަސީބު ލިބުނީ އެންމެ އަންހެން ކުއްޖަކަށެވެ. ލައިހާއަށެވެ.
ލައިހާއަކީ ނާޝިޒް ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު ދިމާވި ކުއްޖެކެވެ. ނާޝިޒަށް ލައިހާ ފެނުނު ފުރަތަމަ ފަހަރުވެސް އޭނާގެ ހިތަށް އެތަކެއް އަސަރުތަކެއް ކުރިއެވެ. ލައިހާގެ ޖަންބު ކޯތާފަތާއި ދޮންއިހި ކަނދުރާ އަދި ޖާދުވީ ހިނިތުންވުން ނާޝިޒްގެ ހިތް ފަތަޙަކުރިއެވެ.
ކައިވެންޏާށް ފަހު ނާޝީޒާއި ލައިހާ އުޅެމުންދިޔައީ ނާޝިޒް ކުއްޔަށް ހިފައިފައިހުރި އެޕާޓްމެންޓުގައެވެ. އެތާގައި އެދެމަފިރިން އެމީހުންގެ އަމިއްލަ ދުނިޔެއެއް ބިނާކުރިއެވެ. ނާޝިޒް އަމިއްލަ ވިޔަފާރިއެއް ފެށިއެވެ. ލައިހާ ބޭނުންވީ ފިލްމީ ދާއިރާއަށް ނުކުންނާށެވެ.
ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ ބުނާ ބީދައިން ނާޝިޒްގެ ދިރިއުޅުމުންވެސް އުސްގަނޑަކަސްފަހު އަޑިގަނޑެއްގެ ނިޝާންތައް ފެންނަން ފެށިއެވެ. އޭނާގެ ދިރިއުޅުމަށް އަޑިގުނޑަންތަކެއް އަންނަންފެށީ ލައިހާ ބަލިވެއިނިމުންނެވެ. ލައިހާ ހައްޔަރުގައި އިން ޚަބަރު ނާޝިޒް އެހީ ލުއި މިއުޒިކެއް ފަދައިން ނަމަވެސް ލައިހާއަށް އެކަންވީ މުޞީބާތަކަށެވެ. އޭނާ ޤަބޫލުކުރާގޮތުގައި އެ ދަރިފުޅާކީ ފިލްމީދާއިރާއަށް ނުކުތުމަށް އޭނާ ކުރަމުންގެންދާ އުއްމީދަށް ހުރި ހުރަހެކެވެ. ލައިހާއަށް ވިސްނުނީ ކުއްޖަކު ވިހެއުމަކީ މީހަގެ ސިފަ ހުތުރުކޮށް ޒުވާންކަން ގެއްލުވާލާ ކަމެއް ކަމުގައެވެ. އެހެންކަމުން ލައިހާ އޭނާގެ ބަނޑުގައިވި މައުސޫމު ފުރާނައާމެދު އެންމެ ފަހަރަކުވެސް ވިސްނާނުލައެވެ.
ދުނިޔެ އޭގެ އުޞޫލުން ދަތުރުކުރަމުން ގޮސް ލައިހާއަށް ލޯބިލޯބި ފުއްގަނޑެއްފަދަ އަންހެން ކުއްޖަކު ލިބުނެވެ. އެ ކުއްޖާގެ މައުސޫމު މޫނު ފެނުނު ފުރަތަމަ ފަހަރު ކުޑަ ހިނދުކޮޅަކަށް ނަމަވެސް ލައިހާގެ ހިލަހިތް މަޑުފުށްކޮޅަކަށް ވެގެން ދިޔައެވެ. މަޑުމަޑުން އެފުރާނަ މޭގައި ބޮނޑިކޮށްލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ލައިހާ އެ ދަރިފުޅު ގަޔާ ދުރުކޮށްލުމަށްފަހު ނަފްރަތުގެ ނަޒަރަކުން ބަލައިލިއެވެ.
ނީޝާ ބޮޑުވަމުން ދިޔައީ މައެއްގެ ލޯބި ނުލިބިއެވެ. އޭނާގެ ހުރިހައި ކަމެއް ބަލަހައްޓަމުން ގެންދިޔައީ އޭނާގެ ލޭފަވެތި ބައްޕަ ނާޝިޒެވެ.
ނީޝާގެ އުމުރުން އެންމެ ހަމަހުގައި ލައިހާ ނާޝިޒްގެ ގާތުން ވަރިވިއެވެ. އޭނާގެ ޝަޢުޤަށް ފެންދިނުމުގެ ބަހަނާގައެވެ. އެދުވަހުން ފެށިގެން އެންމެ ފަހަރަކުވެސް ލައިހާ ނީޝާގެ ގާތަކަށް ނާދެއެވެ. އެންމެ ކުޑަމިނުން ޙާލުވެސް ބަލާނުލައެވެ. މިއާއި ޚިލާފަށް ނާޝީޒް ބައްޕައެއްގެ ޒިންމާތަށް އެންފެ ފުރިހަމައަށް އަދާކޮށްދެމުން ދިޔައެވެ. ނާޝިޒްގެ ހިތުގެ ފިނިކަމަކީ ނީޝާއެވެ.
އެއްރެއެއްގެ ދަނަވަރު ވަގުތެވެ. އޮފީހުގައި ކުރަން ހުރި މަސައްކަތްތައް ގިނަ ކަމުން ނާޝިޒްއަށް ގެއަށް އާދެވުނީ އެހެން ރޭރެއަށް ވުރެ ލަހުންނެވެ. އާއްމުކޮށް ކޮންމެ ރެއަކުވެސް ނީޝާއަށް ރޭގަނޑުގެ ކާން ދިނުމަށްފަހު 8:30 ހާއިރު ނާޝިޒް އޮފީހަށް ދެއެވެ. ކޮންމެ ރެއަކުވެސް އެންމެ ލަސްވެގެން 10 ޖަހާއިރަށް ގެއަށް އާދެވޭތޯ ނާޝިޒް މަސައްކަތްކުރެއެވެ. ނަމަވެސް ކުރަންހުރި މަސައްކަތްތަކުގެ ގިނަކަމާ މުހިއްމު ކަމުގެ ސަބަބުން އެރޭ އެކަން ވާގޮތް ނުވީއެވެ. ގޭގެ ދޮރު ހުޅުވާލުމާއެކު ނާޝިޒް ހައިރާންވިއެވެ. މުޅި ގޭތެރޭގައިވެސް ވަނީ ކަނު އަނދިރިކަމެކެވެ. ނާޝިޒްގެ ހިތަށް ބިރުވެރިކަން ވަންނަން ފެށިއެވެ. މަޑުމަޑުން ގޮސް ސިޓިންރޫމުގެ ހޮޅިބުރި ދިއްލާލިއެވެ. ގޭތެރޭގައި އެކަކުވެސް ނެތެވެ. ދެން ނާޝީޒް މިޞްރާބުޖެހީ ނީޝާގެ ކޮޓަރިއާއި ދިމާއަށެވެ. ކޮޓަރިއާއި އަރާ ހަމަވުމާއެކު ނާޝިޒަސް ކޮޓަރީގެ ތެރެއިން މަޑު އާހެއްގެ އަޑު އިވެން ފެށިއެވެ. މަޑުމަޑުން ނާޝިޒް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
ނާޝިޒްގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލައެވެ. ވަށައިގެންވާ ހަފަރާތް އޭނާ ފިއްތާލިފަދައެވެ. ނާޝިޒަށް ފެނުނީ އޭނާގެ ހިތުގެ ފަނާރުފަދަ ދަރިފުޅަށް ބަޔަކު ޖައްސައިފައިވާ ނިކަމެތި ޙާލެވެ. ބަލާކަށް ނުހުރެ ނާޝީޒް ނީޝާ ގޮވައިގެން ހޮސްޕިޓަލާއި ދިމާއަށް ދުއްވައިގަތެވެ.
ދުވާލު އޭގެ މޫނުމަތިން ރޭގަނޑުގެ ފަރުދާ ކަހާލީ މިޚަބަރު މުޅި ރާއްޖޭގައި ފަތުރާފައެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ނާޝިޒް ނުޢުމާނުގެ ދަރިފުޅު ނީޝާ ނާޝިޒަށް ބަޔަކު ޖިންސީ ގޯނާކުރި ޚަބަރެވެ.
ފުލުހުން މައްސަލަ ތަޙުޤީޤު ކުރުމަށްފަހު ކުށްވެރިންނަށް ޙައްޤު އަދަބު ދިނެވެ. ނަމަވެސް ނާޝީޒްގެ ޙަޔާތުން ބީވެގެން ދިޔައީ އަނބުރާ ހޭރިޔާ ކޮށްގެންވެސް ނުލިބޭނެ އެއްޗެކެވެ. މި ޙާދިޡާގައި ނީޝާ މިދުނިޔެއާއި އަލްވަދާޢު ކިޔެވެ. ނާޝިޒްގެ ދިރިއުޅުމަށް ލޮޅުމެއް ގެނުވާފައެވެ.
ނާޝިޒް ސިއްސައިގެން ދިޔައީ މަޣްރިބް ނަމާދުގެ ބަންގީގެ އަޑުއިވުމުންނެވެ. ނާޝީޒް ކޯތާފަތްމައްޗައް ދީލައިލައިފައިވާ ކަރުނަތަށް ފޮހެލުމަށްފަހު ތެދުވެ ގެއާއި ދިމާއަށް ހިނގައިގަތެވެ.
(ނިމުނީ)
5 Comments!
Comments are closed.



Varah reethi….I love the descriptions…thafaathu reethi bas thah genesfai hurikan faahagavey….. Varah furihama??❤️❤️♥️♥️??
thnakxx avlyn for the lovely comment
reeethi
Mi vaahaka v reethi.❤ illusion ge hurihaa vaahaka akun ves v reethi bas thah beynun kohfa huhnakan faahaga kohlevey. Dhigu vaahaka eh liyan nuvisnantha???
???I loved this story…. Vrh reethi vaahaka eh…. ???