ބަދަލް 2
ގޭގެ ދޮރާށި ހުޅުވާލެވުމާއެކު ލޫތުއަށް ފެނުނީ ލެއިން ތަތްތެޅިފައިވާ އަސްލަމެވެ. އަސްލަމްގެ ބޮލާއި ދިމާލަށް ލޭ ކޯރެއް ހެދިފައިވާއިރު އޭނާގެ ގައިގައި ވެސް ކޮންމެސް ވަރަކަށް ލޭ ހޭކިފައި ހުއްޓެވެ. ލޯމަރާލުމަށްފަހު ދެފަރާތަށް ބޯ ހޫރުވާލައި ލޯހުޅުވާލީ އޭނާއަށް ފެނުނީ ހަޤީޤަތެއް ނޫންކަމަށް ހީކޮށެވެ. ނަމަވެސް ދެވަނަ ފަހަރަށް ލޯހުޅުވާލި އިރުވެސް ފެނުނީ ހަމަ އެއް މަންޒަރެކެވެ. އެއޮތީ އޭނާގެ ލޯބިވާ ބައްޕައެވެ. ބައްޕައަށް ވީ ކީއްބާއެެވެ؟ ލޫތުގެ ހިތުގެ ތެޅުން ހުއްޓުނު ކަހަލައެވެ. ނޫނެކެވެ. މިހެން ވާންވީ ކީއްވެހެއްޔެވެ؟ އޭނާ ގެއިން ނިކުތީ މީގެ 30 މިނެޓް ކުރިންނެވެ. އަސްލަމް އޭރު ހުރީ ރަނގަޅަށެވެ. ހުރި ފިޔަވަޅު މަތީ ހިރިލާންވެސް ނުކެރިފައި ލޫތުއަށް ހުރެވުނީ އޭނާގެ ބައްޕަ އާއި ދިމާލަށް ބަލާށެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުނުކުރެވިފައެވެ. މީހާއަށް ހޭވެރިކަންވީ އަތުގައި އޮތް ސައިކަލުގެ ތަޅުދަނޑި އަތުން ދޫވެގެން ވެއްޓުމުންނެވެ. އެއާއެކު ލޫތު ދުއްވައިގަތީ އަސްލަމްގެ ހަށިގަނޑާ ދިމާލަށެވެ.
“ބައްޕާ….. ކިހި.. ކިހިނެއް…… ބައްޕާ…….. ބައްޕާ……” ލޫތު އަސަރާއެކު އަސްލަމް އަށް ގޮވަން ފެށިއެވެ. އަސްލަމްގެ ބޮލުން ލޭ އަންނަ ދިމާލުގައި އަތް އަޅާލުމަށްފަހު އޭނާއަށް ރޮއި ގަނެވުނެވެ. އޭރުވެސް އަސްލަމްގެ ބޮލުން ކޮންމެސް ވަރަކަށް ލޭއަންނަމުން ދިޔައެވެ. ވެއްޓިފައި އޮތީ މޭޒު ކައިރިއަށެވެ. އެހެންކަމުން ބޮލަށް ގެއްލުން ލިބުނީ މޭޒުގެ ފައިގައި ޖެހިފައި ކަމަށް ލޫތުއަށް ނަގައިގަނެވުނެވެ. ނަމަވެސް އަސްލަމް ވެއްޓެންވީ ކީއްވެގެން ހެއްޔެވެ؟ ސިކުނޑީގެ ބޭނުން ކުރުމަށް އިސްކަން ދިނުމަށް ވުރެ ލޫތުގެ ވިސްނުން އެގަޑީގައި ބަލިކަށި ވިއެވެ. އަސްލަމް އަގައިން ނުބުނުމުން އޭނާގެ ހާސްކަން އިތުރުވިއެވެ.
“ސޯފީ…. ސޯފީ!!” ލޫތު ސޯފީއަށް ގޮވަމުން ދިޔައިރު އަޑުގައި މަޑުމަޑު ތުރުތުރެއް ވިއެވެ.
“ސޯފީ.. ހެލްޕް.. ބައްޕައަށް ކޮންމެސް ކަމެއްވެއްޖެ…ސޯފީ…… ސޯފީ!” ބަދިގެއަށް ބޭނުންވާ އެއްޗެހި ގަނެގެން ގެއަށް ވައިން ސޯފީގެ އަތުގައި ހުރި ކޮތަޅުތައް އަތުން ދޫވެގެން ވެއްޓުނެވެ. ދުވެލައިފާ ކަހަލަ ގޮތަކަށް އަސްލަމް އާއި ދިމާލަށް ސޯފީއަށް ދުއްވައިގަނެވުނެވެ.
ސޯފީގެ އުމުރުން 17 އަހަރުގައި ރާއްޖެ އައި ގޮތަށް އޭނާ މަސައްކަތް ކުރަން ފެށީ އަސްލަމްގެ ގޭގައެވެ. އެހެންކަމުން ސޯފީގެ އާއިލާއަކަށް ވެފައިވަނީ ލޫތު އާއި އަސްލަމެވެ. އޭނާގެ ހަޔާތުގައި އެދެބަފައިންނަށް ވުރެ މުހިންމު އެކަކުވެސް ނެތެވެ.
“އެމްބިއުލޭންސް އަށް ގުޅައިފިންތަ؟” ސޯފީ ފުރަތަމަވެސް ކޮށްލި ސުވާލުން ލޫތުއަށް ބޮލުގައި އަތް އަޅާލެވުނެވެ. ހާސްވިވަރުން އެމްބިއުލޭންސްއަށް ގުޅަންވެސް އޭނާގެ ހަނދާނުން ކައްސާލީއެވެ. ލޫތު ދެފަރާތަށް ބޯހޫރުވާލުމާއެކު ސޯފީ އަވަސްވެގަތީ އެމްބިއުލޭންސްއަށް ގުޅާށެވެ. ލޫތުއަށް ނޭނގުނު ނަމަވެސް އަސްލަމް ކެންސަރާއި ހަނގުރާމަ ކުރަމުންދާކަން ސޯފީއަށް ވަނީ އެގިފައެވެ. ސޯފީއަށް ނޭނގި އޮތް ކަމަކީ އެބަލީގެ ސީރިއަސް މިންވަރެވެ.
ޚުދު އަސްލަމަށް ވެސް އޭނާގެ ބައްޔަކީ ކެންސަރުކަން އެނގުނީ އެންމެ ފަހު ސްޓޭޖަށް ދިޔަ ފަހުންނެވެ. ޑޮކްޓަރުގެ އިރުޝާދު މަތިން ހޮސްޕިޓަލުގައި އޭނާ އެޑްމިޓް ނުވީވެސް އެންމެ ފަހު ދުވަސްކޮޅު އޭނާގެ ލޯބިވާ ދަރިފުޅުު ގާތުގައި ހޭދަކުރަން ބޭނުންވާތީއެވެ. އެތަކެއް ދުވަސް މަތިން ލޫތު އާއި މިވާހަކަ ހިއްސާކުރަން އަސްލަމް ބޭނުންވިއެވެ. ނަމަވެސް އޭނައަށް އެ ހިތްވަރު ނުލިބުނީއެވެ.އެހެންކަމުން އޭނާ ބެލީ ލޫތު އަށް އޭނާ ބަލިކަމުގެ ޝައްކެއް ވިޔަ ނުދޭށެވެ.
އަސްލަމްގެ ހާލަތު ގޯސްވެފައި މިންވަރު ސޯފީ އަންދާޒާ ކޮށްލިއެވެ. އޭނާގެ ހިތުގައި ބިރުވެރިކަމެއްގެ އޮއިވަރެއް އުފެދުނީ ލޫތުއަށް މި ސިއްރު އެގުމުގެ ވަގުތު އައިސް ޖެހިއްޖެކަން އިހްސާސް ވުމުންނެވެ. އެހެނީ އަސްލަމް އޭނާގެ ބަލި ސިއްރުކުރީވެސް ލޫތު ދެރަވެ އެކަމާ ހިތާމަކޮށްފާނެތީއެވެ. ހޮސްޕިޓަލަށް ގެންދެވުމާއެކު އިމަރޖެންސީ ރޫމަށް އަސްލަމް ވެއްދިއެވެ. އަދި ވީހާވެސް އަވަހަކަށް އޮޕެރޭޝަނެއް ކުރެވޭނެ ވާހަކަ ބުނެވިގެން ދިޔައެވެ.
ސޯފީއާއި ލޫތު ވެއިޓިންގ އޭރިއާގައި ތިބިއިރު ދެމީހުންގެ ހިތްވެސް ވަނީ އަވަސްވެފައެވެ. ދެމީހުންވެސް ދިޔައީ އަސްލަމް ނެރޭނެ އިރެއްގެ އިންތިޒާރު ކުރަމުންނެވެ. ސޯފީ ދިޔައީ އޭނާގެ ހިތުގައި އުފެދެމުން ދިޔަ ބިރުވެރިކަން ލޫތުއަށް ސިއްރުކުރަން މަސަައްކަތް ކުރަމުންނެވެ.
ލޫތުވަނީ ބައްފައަށް ވީގޮތަކާމެދު ސުވާލު އުފެދިފައެވެ. އެހެނީ އޭނާ ހިތުން އޭނާގެ ބައްޕައަށް އަށްވުރެ ފިޓް މީހަކު ނުހުންނާނެއެވެ. މިއިން ދުވަހަކުވެސް ބައްޕަ ބަލިކަމެއް އޭނާއަކަށް ޝައްކުވެފައެއް ނެތެވެ. ކުއްލިއަކަށް މިހެން ވާންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.
“ލޫތު….” އެންމެފަހުން ސޯފީ ނިންމީ ލޫތުއަށް ހަޤީޤަތް ހާމަކުރާށެވެ. އަބަދަަކު ސިއްރު ނުވާނޭ ކަންތައްވެސް ހުންނާނެއެވެ. މިއީވެސް އެކަހަލަ ކަމެކެވެ.
“ޔެސް ސޯފީ….” ސޯފީ ގޮވާލިގޮތުން ލޫތުގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ހިތުގެ ކަނަކުން އިންޒާރުދިނީ ސޯފީ ދައްކަން އެއުޅެނީ ބޮޑު ވާހަކައެއް ކަމަށެވެ.
އަސްލަމްގެ ބަލީގެ ވާހަކަ ސޯފީއަށް އެގުނު މިންވަރަކުން ލޫތުއަށް ކިޔައިދޭންފެށިއެވެ. ލޫތު ރަނގަޅަށް ބަލާ ދިނުމަށް ސޯފީއަށް ވަސިއްޔަތް ކުރި ވާހަކަވެސް ސޯފީ ބުންޏެވެ. އެހިނދު ލޫތުގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށިއެވެ. ބައްޕައަށް އެހާ ބޮޑު ކަމެއް ދިމާވިއިރު އޭނާއަށް ނޭނގުމުން ދެރަވިއެވެ. އަމިއްލަ ނަފްސް ކުއްވެރިކުރެވުނީ އޭނާގެ ފަރުވާ ކުޑަކަމާމެދު ވިސްނާލެވިފައެވެ. ބައްޕައެއްގެ ވާޖިބު އެހާ ފުރިހަމައަށް އަސްލަމް އަދާކުރިއިރު ލޫތުއަށް ދަރިއެއްގެ ވާޖިބު އަދާނުކުރެވޭ ކަމުގެ އިހްސާސްވިއެވެ. ބައްޕަގެ ހާލަތާ މެދު ވިސްނިވަރަކަށް ލޫތުގެ ބޯހާސްވިއެވެ. ހިތުގައި ބިރުވެރިކަން އުފެދުނީ ބައްޕަ އޭނާ ދޫކޮށްފައި ދާން އުޅޭކަމުގެ ނުބައި އިންޒާރު ސިކުނޑިން ދޭން ފެށުމުންނެވެ.
އެބައްޕަ އާ ނުލާ އުޅޭނީ ކިހިނެއްހެއްޔެވެ؟ އޭނާގެ އުމުރު ދުވަހު ޚިދުމަތް ކުރި އެބައްޕައާ ވަކިވާކަށް އޭނާ ތައްޔާރެއް ނޫނެވެ. އޭނާގެ މަންމަ އަކީވެސް ބައްޕަ އަކީވެސް އެއީއެވެ. އޭނާގެ އާއިލާ އަކީވެސް އެއީ އެވެ. އޭނާގެ ދުނިޔެއަކީވެސް އޭނަގެ ބައްޕައެވެ. އޭނާގެ ހުރިހާ އުފަލަކީ އެބައްޕައެވެ.
“ނޫން… ނޫން…. އައިމް ނޮޓް ރެޑީ ސޯފީ… އައި ކާންޓް ލޫސް ހިމް…” ލޫތުއަށް ރޮއި ގަނެވުނީ ހިތަށްކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. “އިޓްސް އޯކޭ…. އިޓްސް އޯކޭ ލޫތް…..” ސޯފީގެ ހިތަށް ކުރި އަސަރުން އޭނާއަށް ވެސް ރޮވެން ފެށުނެވެ. ލޫތުގައިގައި ބައްދާލުމަށްފަހު ހިތްވަރު ދެވޭތޯ މަސައްކަތް ކުރިނަމަވެސް ރުއިން ފިޔަވާ އިތުރުކަމެއް އޭނާއަކަށްވެސް ނުވިއެވެ.
އޮޕެރޭޝަން ތިއޭޓަރ އިން ޑޮކްޓަރ ނުކުތުމާއެކު ލޫތު އާއި ސޯފީއަށް ކޮޅަށް ތެދުވެނީ އެއްކޮށެވެ. އުއްމީދީ ގޮތަކަށް ދެމީހުނަށްވެސް ޑޮކްޓަރަށް ބަލާލެވުނީ އަސްލަމަގެ ހާލަތު އޮޅުން ފިލުވުމަށެވެ.
“އައިމް ސޮރީ… ވީ ޓްރައިޑް އަވަރ ބެސްޓް…..” ދެފަރާތަށް ބޯ ހޫރުވާލުމަށްފަހު ޑޮކްޓަރު ދިން ޖަވާބުން ލޫތުއަށް ތިރިވެވުނީ ދެފައިން ވާގި ދޫވެގެންނެވެ.
6 Comments!
Comments are closed.

Oh Lee❤️❤️❤️ This part is hama L. A. B???????????
Thank you Doc ☺️
Salaam Readers ❤️
Here is the second part.
Reethi vaane kamah heekuran.
Lots of love ☺️
Varah reethi
Masha Allah Lee…. Mi dhe part kiyaafa comment kuran huree…….❤️❤️Anyways mi dhe part ves Vrh Reethi……. ❤️❤️Keep it up dear…… Always try ur best…… ❤️❤️?? Koniraku tha mi vaahakaige thinvana part up kohleyenee dear ❤️❤️ Mi vaahaka Reethi kamun kiyaalaa hithun mi hunanaee…..
Leee???…Alhe haadhahaavaa reehchey mi part vec???…Dear whn next???…so curious to knw wats gonna be happen next???..keep going dear