Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ކަރުނަ ނުހިކޭ ދެލޮލުން މަގޭ!!!

Illusion Level 1100 Login10 Stories
May 21, 2019 6 Mins Read
15 Comments

އަހަރެންނަކީ ކޮންފަދަ މައެއް ހެއްޔެވެ؟ ދުނިޔޭގައި އަހަރެންނަށް ވުރެ ވަކިން ނުބައި މީހަކު ހުންނާނެ ހެއްޔެވެ؟ އަހަރެންނަށް ވުރެ ވަކިން ބަދުނަސީބުވެރިޔަކު ހުންނާނެ ހެއްޔެވެ؟ އަހަރެންގެ މަޢުސޫމު ދަރިފުޅު މަރާލީ އަހަރެންގެ ދެއަތުންނެވެ. ނަމަވެސް އެ ދަރިފުޅުގެ ކުށަކީ ކޮބައި ހެއްޔެވެ؟ ހަމައެކަނި މި ދުނިޔެއަށް އުފަންވުން ހެއްޔެވެ؟

އެއީ ގާތްގަނޑަކަށް މީގެ 5 އަހަރު ކުރިއެވެ. އޭރު އަހަރެންނަކީވެސް ފުރާވަރޭ މިކިޔާ ޢުމުރަށް އަޅާފައި ހުރި ހިއްސުތައް ސަލާމަތުން ހުރި އަންހެން ކުއްޖެކެވެ. އަހަރެން ހަނދާން ހުންނަށް ފެށީއްސުރެ ދުވަހަކުވެސް އަހަރެންގެ މަންމަ އަހަރެންނާ ދިމާއަށް ރުހުމުގެ ލޮލަކުން ބަލާލާފައެއް ނުވެއެވެ. ނަމަވެސް އަހަރެންގެ އަހުރަވެތި ބައްޕަ މިއާ ދިމާ އިނދިކޮޅެވެ. އެ ލޭފަވެތި ބައްޕަ އަބަދުވެސް ހުންނަނީ އަހަރެންގެ ޝައުޤަށް ފެންދިނުމަށް ކަމަރު ބަނދެލައިގެންނެވެ. އަހަރެން ދަތުރުކުރަމުން ދިޔަ ނައު ރީތި ސާލަކަށް ބީއްސާލުމަށް ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ނުބާއްވާ ވޭތޯ އެ ނިޔަނެތި ބައްޕަ ބަލައެވެ.

މަންމަގެ ނުރުހުމުގެ ބަސްތަކާ ކުރިމަތިލާން ނުޖެހޭ އެންމެ ދުވަހެއްވެސް އަހަރެންގެ ޙަޔާތުގައެއް ނާދެއެވެ. އަހަރެން އެކަމާ ދެރަވެ ހިތާމަކުރާ ކޮންމެ ފަހަރަކު އަހަރެންގެ ހަންހާރަވެތި ބައްޕަގެ ލޯބިވެތި ފިރުމުންތަކުން އަހަރެންގެ ހިތް ފުރާލަދެއެވެ. ހިތަށް އަރައެވެ. މަންމަ އަހަރެންދެކެ އެހާ ނަފްރަތު ކުރަނީ ކީއްވެހެއްޔެވެ؟ އަހަރެންނަކީ އެ މަންމަގެ ދަރިއަކީ ނޫން ހެއްޔެވެ؟

އަހަރެންގެ މި ސުވާލުތަކުގެ ޖަވާބު ލިބުނީ އަހަރެންގެ އުމުރުން 17 އަހަރުގައެވެ. އެއީ އެއްދުވަހެއްގެ މެންދުރު ވަގުތެވެ. މެންދުރުގެ ދިލަ ހޫނުގައި އަހަރެން އަވަދިނެތި އުޅުނީ ގޭގެ ސިޓިންރޫމުގައި ހުރި ފޮތް އަލަމާރި ސާފުކުރާށެވެ. ގޭތެރޭގެ ހުރިހައި މަސައްކަތެއްވެސް ކުރެވޭތޯ އަހަރެން ބަލަމެވެ. މަންމައަށް އެއްވެސް ބުރައެއް ނުޖައްސާ ވޭތޯއެވެ. ނަމަވެސް ދުވަހަކުވެސް އަހަރެން ކުރާ ކަމެއް މަންމައަށް ކަމުދާ ކަމަކަށް ނުވެއެވެ. އޯލެވެލް ނިންމާލުމަށްފަހު އިތުރަށް ކިޔަވަން ނުގޮސް އަހަރެން ވަޒީފާއެއްވެސް ހޯދީ މަންމައަށް ލުޔެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ. ނަމަވެސް އަހަރެންގެ މިއިން އެއްވެސް އަމަލަކުން މަންމަގެ ހިތުގައި ރޯވެ އަނދަމުންދިޔަ ނަފްރަތުގެ އަލިފާން ގަނޑަށް ކުޑަވެސް ބަދަލެއް އައިހެނެއް ހީއެއްނުވެއެވެ.

ފޮތް އަލަމާރިން ފޮތްތައް ނަގަން އުޅުމުގެ ތެރޭގައި އަހަރެންގެ އަތުން ފޮތެއް ވެއްޓުނެވެ. މުށިކުލައިގެ ބޯ ބަނޑޭރިއެއް ލައިފައި އޮތް އެ ފޮތުން ހިކި ފިނިފެންމާތައް ބޭރަށް ނުކުމެފައި ހުއްޓެވެ. ބާލާބެލުމަށް ވަރަށް ދުވަސްވެފައިވާ ފޮތެއްހެން ހީވެއެވެ. އެހެންކަމުން ފޮތް ކިޔާލުމުގެ ޝައުޤުވެރިކަން އަހަރެންގެ ހިތުގައި އުފެދުނެވެ. އަތްމަތި އަވަސްކޮށްލައިގެން މަސައްކަތްތައް ނިންމާލުމަށްފަހު ގޮސް އެނދުމަތީގައި ޖައްސާލީ ފޮތް ކިޔާލުމުގެ ބޭނުމުގައެވެ.

ފޮތް ކިޔަމުން ދިޔަވަރަކަށް އަހަރެންގެ ހިތުގައި ފުނިޖެހިފައި ހުރި ސުވާލުތަކުގެ ޖަވާބު ލިބެމުން ދިޔައެވެ. އެއީ އަހަރެންގެ މަންމަގެ ޒުވާން ދުވަސްވަރު ލިޔެފައިވާ މަންމަގެ ޑައިރީއެވެ.

މަންމައަކީ ކާފައާ މާމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެ ދެމީހުންގެ ލޯބީގެ ނިޝާނެވެ. އެހެންކަމުން އެ ދެމަފިރިން މަންމަދެކެ ވަނީކީ އަމަށަކު ލޯތްބެއް ނޫނެވެ. މާމައާއި ކާފަ، މަންމަ ބަލަމުން އައީ ލޮލުގެ ކޮއި ފަދައިންނެވެ. ހިތުގެ ފަނާރު ފަދައިންނެވެ. މަންމަގެ ހާޖަތްތައް ފުއްދައި ދިނުމަށް ކޮންމެ ދުވަހަކު މުލުހާލު ތުބަށް ތެދުވެ މާމައާއި ކާފަ އެތައް މިންނެތް މަސައްކަތްތަކެއް ކުރެއެވެ. މަންމަގެ ދިރިއުޅުމުގެ ތަރަޙަ އެންމެ އެދެވޭގޮތުގައި ބިނާކުރުމަށް އެ ދެމަފިރިން ތެޔޮނާޅާ އެންމެ ބައްތިއެއްވެސް  ނުބައްޓައެވެ.

ނަތީޖާއެއްގެ ގޮތުން މަންމަ ވެގެންދިޔައީ ރަށުގައި ހުނިޖަހައިލެވޭފަދަ ކުއްޖަކަށެވެ. މިޒަމާނުގައި މީހަކަށް ނުލިބޭނެފަދަ އަގުމާތް ޖައުހަރަކަށެވެ. މަންމައަކީ ފޯދެމުންއައި ފަސްމީރު ކުރި ރުކެކެވެ. ލާމަސީލު މިސާލެކެވެ.

މަންމަގެ މިސިފަތަކާއި ބުރުސޫރައިގެ ސަބަބުން މަންމައަށް ތަފާތު ފެންވަރުގެ ތަފާތު ގިންތީގެ މީހުންގެ ހުށަހެޅުންތައް ލިބެމުންދިޔައެވެ. މި އެންމެންގެ ތެރެއިންވެސް މަންމަ ހޮވާލީ ޒަލީލެވެ. ލޯ ލާރިތަކެއްގެ ތެރެއިން ރަން ފައްޓަރުބައެއް ހޮވާލާ ފަދަ ގޮތަކަށެވެ.

ދުވަސްތައް މާޒީއާ އެކުވަމުން ދިޔައެވެ. މަންމައާއި ޒަލީލުގެ ލޯބީގެ ޗަމަން ތަފާތު ކުލަކުލައިގެ ކުލަ ރީތި މާތަކުން ޖަރީކުރަމުންނެވެ. ވަޢުދާ އަހުދުތައް ވަމުންނެވެ. މަންމައާއި ޒަލީލް ބިނާކުރަމުންދިޔަ ލޯބީގެ ގަނޑުވަރު ބިމާ ހަމަވެދާނެއެކޭ މަންމަގެ ހިތަށްވެސް ނާރައެވެ.

ނަމަވެސް ކަންތައްތައް ވެގެންދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. މަންމައާއި ޒަލީލުގެ ގުޅުން މާމަމެންނަށް އެނގުމުން އެމީހުން އެގުޅުމަށް ހަތަރެސްފައިން “ޓާޓާ”ކިއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ޙަޔާތުގެ ބައިވެރިއަކަށް ވުމަށް ޒަލީލް ކުފޫ ހަމަނުވާކަމަށް ކާފަމެންނަށް ޤަބޫލުކުރެވުނީއެވެ. އަދި ޒަލީލޭ ކިޔައިގެން ރަށުތެރޭގައި ތަފާތު އަޑުތައް ފެތުރިފައިވާތީ އަޑެއް ކިއްޔާ ރެނދެއް ލާނެޔޭ ބުނަމުންނެވެ. އަދި މަންމަގެ ކައިވެންޏަށް މީހަކު ހަމަޖައްސާފައިވާ ކަމަށް ބުނަމުންނެވެ.

ޒަލީލުދެކެ އިންތިހާއަށް ލޯބިވި ނަމަވެސް މައިންބަފައިންގެ ރުހުމާ ދެކޮޅަށް ޒަލީލާ ކައިވެނި ކުރާނެ ހިތްވަރެއް މަންމައަކަށް ނުލިބުނެވެ.

މަންމަ ބައްޕައާ ކައިވެނިކުރީ ލޯތްބަކުން ނޫނެވެ. ކާފަގެ އެދުމަށެވެ. ބައްޕައާއި ކައިވެނިކުރިއެއް ކަމަކު މަންމަގެ ހިތުގައި ލޯބީގެ ވިންދެއް ޖަހަނީ ހަމައެކަނި ޒަލީލަށްޓަކައެވެ. މަންމަ، ބައްޕައަށް ނަފުރަތުކުރެއެވެ. ބައްޕަގެ މޫނު ފެނުނަސް ރުޅިއާދެއެވެ. މަންމަ ޤާބޫލުކުރާގޮތުގައި މަންމަގެ ލޯބި މަންމައަށް ޙާޞިލްނުވީ ބައްޕަގެ ސަބަބުންނެވެ. އަހަރެންދެކެ މަންމަ ރުޅިއަންނަނީ އަހަރެން ބައްޕައާ ވައްތަރުވީމައެވެ.

ފޮތް ކިޔާ ނިމުނުއިރު އަހަރެން އޮތީ ހައިރާންވެ އަންތަރީސް ވެފައެވެ. މީހުން ބުނަނީ ތެދެކެވެ. ލޯތްބަކީ ކަނު އެއްޗެކެވެ. އަހަރެންގެ މައިންބަފައިންނަކީ އެކަމުގެ ލާމަސީލު މިސާލެކެވެ. އަމިއްލަ ފިރިމީހާގެ ފަރާތުން ހިފެހެއްޓުމެއްނެތް ލޯބި ލިބެމުންދާއިރުވެސް މަންމަ އެ ހުންނަނީ ހަމައެކަނި ޒަލީލަށްޓަކައެވެ. ބައްޕަ މަންމައަށްޓަކާ ކުރާ އެއްވެސް ކަމެއް މަންމައަށް ނުފެންނަ ކަހަލައެވެ. އަނެއްކޮޅުން އަހަރެންގެ ބައްޕައެވެ. މުޅި ޢުމުރު އެ ހޭދަކޮށްލަނީ މަންމަގެ ހިތް ބަދަލުވާނެކަމުގެ އުއްމީދުގައެވެ. އަހަރެންގެ ހިތަށް އެރިއެވެ. މަންމަގެ ހިތް އަދި ބަދަލުވާނެއެވެ. އަހަރެންނަށްޓަކައި އެ ހިތުގައި މައިވަންތަކަމުގެ ލޯބި އުތުރިއަރާނެ ދުވަހެއް އަދި އަންނާނެއެވެ.

އާދައިގެ މަތިން އެދުވަހުވެސް އަހަރެން އުޅުނީ އޮފީހުގެ މަސައްކަތުގައި އަވަދިނެތިއެވެ. ކޮންޕިއުޓަރގެ ސްކްރީނަށް ނަޒަރު ހުއްޓަލައިގެންއިނީ ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއްގައެވެ. އަހަރެންގެ ނަޒަރު އެހެންދިމާއަކަށް ހުއްޓުނީ ޑެސްކް މަތީގައި އޮތް އަހަރެންގެ ފޯނު ރިންގްވާން ފެށުމުންނެވެ. ގުޅަމުން ދަނީ އަހަރެންގެ އެކުވެރި ސައިނާއެވެ. ފޯނު ހަމަ ނެގުމާއެކު ސައިނާ އަހަރެންގެ ގާތުން އެދުނީ އަވަހަށް ގެއަށް އައުމަށެވެ. އެއަށްފަހު އަހަރެންނަށް އިތުރު އެއްޗެއް ބުނުމުގެ ފުރުޞަތުނުދީ ސައިނާ ފޯނު ކަނޑައިލިއެވެ.

ހިތުގައި ފުނިޖެހިފާ ސުވާލުތަކާއެކު ފަޔަށް ލެވުނުހާ ބާރެއް ލުމަށްފަހު އަހަރެން ގެއާ ދިމާއަށް މިސްރާބު ޖެހީމެވެ. އެ ގަދަ ހޫނުގައި ގެއާހަމައަށް ދެވުނުއިރު އަހަރެންގެ ނިތްކުރިން ދާތިކިތައް ވިދަވިދާ ހުއްޓެވެ. އެވަގުތު އަހަރެންގެ ނަޒަރު ހުއްޓުނީ ރޯލުއަވަސްވެފައިވާ ފިލްމެއްފަދައިން ގޭތެރޭގައި ހޭލަމޭލައަށް އުޅެމުންދާ މީހުންނަށެވެ. މުޅިގެ ވަނީ މީހުންތަކުން ތޮއްޖެހިފައެވެ.

އަހަރެން ހަމަ ފެނުމާއެކު ބޮޑުބެ އަހަރެންނަށް ގޮވާލިއެވެ. އަދި އަހަރެން ގޮވައިގެން ގޮސް ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އިށީނެވެ. އެއަށްފަހު ބޮޑުބެ އަހަރެންނާ ވާހަކަދައްކަން ފެށިއެވެ. ކޮންމެ މީހަކީވެސް މަރުވާނެ މީހެއްކަމާ އެކަމަށް އަހަރެމެން ކެތްތެރިވާން ޖެހޭނެކަމަށް ވިސްނައިދިނެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަމުގައި އެވަގުތު އަހަރެންގެ ހަވަނަ ހިއްސު ބުނަން ފެށިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ހަމަހިމޭން ވެލައިގެން އިނީ ބޮޑުބެގެ ވާހަކަ ނިމެންދެނެވެ.

ބޮޑުބެ ބުނީ އަހަރެންގެ ނިޔަނެތި ބައްޕަ މިދުނިޔެއާ އަލްވަދާޢުކީ ވާހަކައެވެ. މެންދުރުނަމާދު ސަޖިދައަށް ގޮސްފައި ނުތެދުވުމުން ބެލިއިރު މަރުވެފައިވާ ކަމަށެވެ. ރޯންވެސް ނޭގިފައި އަހަރެންނަށް އިނދެވުނެވެ. މިގޮތުގައި އަހަރެންނަށް ހުރެވުނީ ބައްޕަ ބާއްވައިފައިވާ ހިސާބަށް ދެވެންދެނެވެ. ބައްޕަ ފެނުމާއެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. އަޑުންއަޑުނަގާ ރޯން ފެށުނެވެ. އެންމެން އަހަރެންނަށް ހިތްވަރުދޭން ފެށިއެވެ. ނަމަވެސް އަހަރެން ހިތްވަރު ކުރާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ މުޅި ހަޔާތުގައި އާރުކާޓިއެއް ކަމުގައިވި ބައްޕަ އަހަރެންނާ ވަކިވީއެވެ. މުޅި އުމުރަށެވެ.

ބައްޕަގެ ކަށުކަމާކެމީގެ ކަންތައް ނިމިގެން ދިޔައިރުވެސް އަހަރެންގެ ލޮލުން އެންމެ ހިނދުކޮޅަކަށްވެސް ކަރުނައެއް ނުހިކެއެވެ. ނަމަވެސް މަންމަގެ މޫނުމަތިން އަހަރެނަށް މާބޮޑު އަސަރެއް ފާޅެއް ނުވިއެވެ. ވެދާނެއެވެ. މަންމަ ހިތާމަތައް އެހެންމީހުންނަށް ހާމަކުރަން ބޭނުން ނުވަނީއެވެ.

އެރޭ އަހަރެންނަކަށް ނުނިދުނެވެ. ބައްޕަގެ އެކި ހަނދާންތައް އަހަރެންގެ ކުރިމަތީގައި ފިލްމެއްގެ މަންޒަރުތައް ފަދައިން ސިފާވޭވޭ ހުއްޓެވެ. ހަޔާތުގެ ބާކީބައި ބައްޕާއާ ނުލާ ހޭދަކުރާނީ ކިހިނަކުންހޭ ހިތައްއެރިއެވެ. އެވަގުތު އަހަރެން އަޒުމު ކަނޑައެޅީ ބައްޕަ އަހަރެންނަށްޓަކައި ދުށް ފޮނި ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެއްސުމަށެވެ. އެ ބައްޕަ އެދުނުފަދައިން ލާއިޤު ދަރިއަކަށް ވުމަށެވެ.

ބައްޕަ މަރުވިތާ ހައެއްކަ މަސް ފަހުން މަންމަ ޒަވާޖީ ޙަޔާތެއް ފެށިއެވެ. މަންމައާ މަންމަގެ ލޯބީގެ ގަނޑުވަރުގެ ރާޖާ ޒަލީލު ކައިވެނީގެ ގޮށަކުން ބަނދެވިގެން ދިޔަތަން ފެނި މަންމައަށްޓަކައި އަހަރެން އުފާކުރީމެވެ. މިކައިވެނީގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް އަންނާނެ ބަދަލު ވަޒަންކޮށްލަންވެސް އޭރަކުނޭގެއެވެ. ދެރައީ ބެދޭމަޅި ނުފެންނާތީއެވެ.

ދޮންބައްޕައާ ކައިވެނި ކުރީއްސުރެ ފެށިގެން މަންމަ ހުންނަނީ ނުހަނު އުފަލުންނެވެ. މަންމަގެ އުފާވެރިކަމާއެކު އަހަރެންނާ މެދު ކަންތައް ކުރަމުންދިޔަ ގޮތް ބަދަލުވެދާނެކަމަށް ހީވާންފެށިއެވެ. އެއާއެކު އަހަރެންގެ ޙަޔާތުން ހުސްވެފައިވާ ބަފައެއްގެ މަޤާމު އަހަރެން ދޮންބައްޕައަށް ދިނީމެވެ. ނަމަވެސް…..

އަހަރެންގެ ޙަޔާތައް އަޑިގުޑަންތަކެއް އަންނަންފެށީ ދޮންބައްޕަގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށުމުންނެވެ. އަހަރެންނާމެދު ދޮންބައްޕަ ދެކޭގޮތް ބަދަލުވިކަމުގެ އިޙްސާސް އަހަރެންނަށް ކުރެވެން ފެށުނެވެ. ދޮންބައްޕަ ގިނަގިނައިން ދަންވަރުގެ ވަގުތުގައި އަހަރެންގެ ކޮޓަރިއަށް ވަންނަން ފެށިއެވެ. އޭނާގެ މަޤްޞަދު އަހަރެންނަށް ރޭކާލިއެވެ. ލޭލެއަށް ދަހިވެތިވާ އުޞޫލުން އެތައް ރެއަކު ދޮންބައްޕަ ތަތްމަކުނެއްހެން އަހަރެންގެ ގައިގައި ތަތްވެގެން އޮތަކަސް އެކަމާ ދެކޮޅަށް ތެދުވާނެ ހިތްވަރެއް އަހަރެންގެ ކިބައިގައެއް ނުހުރެއެވެ.

އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ ފައިގެ ބޮޑުވާ އިނގިލިން ފަސްކޮނެލަކޮނެލާ ހުރުމެވެ. އެންމެ ކުޑަމިނުން އަހަރެންގެ ޙާލު މަންމައަށްވެސް ޙިއްސާކޮށްލާކަށް ނުކެރުނެވެ. މަންމައަށް އިތުބާރު ނުކުރެވޭތީ އެއް ނޫނެވެ. ނަމަވެސް އަހަރެންގެ ޙާލަތު އެނގުމުން މަންމައަށް ވާނެ ގޮތަކާމެދު ވިސްނާފައެވެ.

މިގޮތުގައި އަހަރެން ހިތްދަތި ދުވަސްތަކެއް ވޭތުކުރާތާ އަހަރެއްހާ ދުވަސް ފަހެވެ. އެއްރެއެއްގެ ދަންވަރު ވަގުތެވެ. އާދައިގެ މަތިން އެރޭވެސް ދޮންބައްޕަ މަސައްކަތްކުރަމުން ދިޔައީ އަހަރެންގެ ގާތުން ގަދަކަމުން އުފާ ޙާޞިލްކުރުމަށެވެ. ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. ދޮރުމަތީގައި ހުރީ އަހަރެންގެ މަންމައެވެ. މަންމަ ފާޑަކަށް ހުއްޓުން އަރާފައި ހުއްޓައި ދޮންބައްޕަ މަންމަގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުމެގެން ދިޔައެވެ. ދޮންބައްޕަ އަނިޔާތަކުން ދެން މި ސަލާމަތްވީކަމުގެ އިޙްސާސް އެރޭ އަހަރެންނަށް ކުރެވުނެވެ.

ނަމަވެސް ކަންތައްތައް ވެގެންދިޔައީ އަހަރެން ހިތައްވެސް ނާރާ ފަދަ ގޮތަކަށެވެ. މަންމަ އެކަމާ މާ ބޮޑަށް އަޅާލިހެނެއް ހިއެއް ނުވެއެވެ. ކުރިއެކޭ އެއްގޮތަށް ދޮންބައްޕަގެ މުޑުދާރު އަމަލުތައް ކުރިއަށް ދިޔައެވެ. މަންމަ އެހާ ހިލަހިތެއްގެ ވެރިއަކަށް ވީ ކޮން އިރަކުތޯ އަހަރެންގެ ހިތަށް އެރިއެވެ. އަމިއްލަ ދަރިފުޅުގެ އަބުރު ވެއްޔާ މޮޑެވި ދިރިއުޅުން ބަރުބާދު ވެގެންދާތަން ބަލަން ހުންނައިރު އެހިތަށް އަސަރު  ނުކުރަނީ ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ހަށިގަނޑުގައި ބައްޕަގެ ލޭ ދައުރުވާތީ ހެއްޔެވެ؟ މަންމައާ މެދު އަހަރެންގެ ހިތުގައި އޮތް ލޯތްބާ ޤަދަރު އެދުވަހު ވިއްސިވިހާލިވެގެން ދިޔައެވެ.

އޭގެ ހަފްތާއެއްހާ ދުވަސް ފަހެވެ. ހެދުނު ހޭލެވުނު އިރު އަހަރެން ހުރީ މޭނުބައިކޮށް ހޮޑުލަވާ ގޮތް ވެފައެވެ. މެންދުރު ވީއިރުވެސް ރަނގަޅުވާ ގޮތެއް ނުވިއެވެ. އެހެންކަމުން އަހަރެން ދިޔައީ ޑޮކްޓަރަށް ދައްކާށެވެ.

ޑޮކްޓަރު އަހަރެންނަށް ދިނީ އަންހެނެއްގެ ޙަޔާތުގައި ލިބޭނެ އެންމެ އުފާވެރި ޚަބަރެވެ. ނަމަވެސް އެ ޚަބަރު އަހަރެންގެ ކަންފަތައް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. އަހަރެން ބަނޑު ބޮޑު ޚަބަރު ލިބުމުން އަހަރެންގެ ފައިދަށުން ބިންގަޑު ދެމިގެން ދިޔަ ފަދައެވެ. ވަށައިގެންވާ ހަފަރާތް އަހަރެން ފިއްތާލިފަދައެވެ.

އަހަރެން ބަނޑުބޮޑުކަން މަންމައަށް އެނގުމުން އަހަރެންނާ ދިމާއަށް ވަރަށް ހަޅޭލެވުމަށްފަހު ގެއިން ބޭރުކޮށްލިއެވެ. ނަމަވެސް މިކަމުގައި އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ މިހެން މިވީ މަންމަގެ އިހުމާލުން ނޫން ހެއްޔެވެ؟ ނަމަވެސް އާޚިރުގައި ކުށްވެރިއަކަށް މިވީ އަހަރެންނެވެ. މީހުންގެ ނަފްރަތާ ދުނިޔޭގެ ލަދާ ކުރިމަތިލާން މިޖެހުނީ އަހަރެންނަށެވެ.

މަންމަ އަހަރެން ގޭން ނެރެލުމުން އަހަރެން ގެންދިޔައީ ބޮޑުބެއެވެ. ކޮންމެހެން އަހަރެންދެކެ ލޯބިވާތީއެއް ނޫނެވެ. އަހަރެންނަށް ހެޔޮއެދޭތީ އެއް ނޫނެވެ. ބައްޕަގެ ދަރިއެއް ބައްޕަ ނެތް ދުނިޔެއެއްގައި މަގުމަތިވާން ނޭދޭތީއެވެ. އެހެންނޫންނަމަ އަހަރެން ފަދަ ހަޑިމުޑުދާރު ފާފަވެރިއަކު އެމީހެއްގެ ގެއަށް ވައްދާނީ ކާކު ހެއްޔެވެ؟

މާބަނޑު ދުވަސްވަރު އެހެންމީހުންހެއް ރަނގަޅު ކާނާ ކައި ކަސްރަތުކޮށެއް އަހަރެން ނުހަދަމެވެ. އަހަރެންގެ ބަނޑުގައިވި ދަރިފުޅު އަހަރެންނަށް މުހިއްމު ނުވީމައެވެ.

ދުނިޔެ އޭގެ އުޞޫލުން ހިނގަމުންގޮސް އަހަރެންނަށް ލޯބިލޯބި ފުށްގަނޑެއްފަދަ ފިރިހެން ކުއްޖަކު ލިބުނެވެ. ދަރިފުޅުގެ މަޢުސޫމް މޫނު ފެނުމުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަހަރެންގެ ހިތް މަޑު ފުށްކޮޅަކަށް ވެގެން ދިޔައެވެ. މަޑުމަޑުން އެފުރާނަ މޭގާ ބޮނޑިކޮށްލީމެވެ. ދެވަނަ ސިކުންތުގައި އަހަރެން ދަރިފުޅު ގަޔާ ދުރުކޮށްލީ އެނުލަފާ ޒަލީލުގެ ހަނދާންތައް އަހަރެންގެ ސިކުނޑިއަށް އުނދަގޫކުރަން ފެށުމުންނެވެ. އެވަގުތު އަހަރެންނަށް ދަރިފުޅުގެ މޫނުމަތިންވެސް ސިފަވީ އެ އަނިޔާވެރިޔާއެވެ.

ހާނީ ބޮޑުވަމުން އައީ އަހަރެންގެ އެއްވެސް އަޅާލުމެއް ނުލިބިއެވެ. ބަދަލުގައި އަހަރެންގެ ފަރާތުން އެ ތުއްތު ފުރާނައަށް ލިބެނީ އަނިޔާއެވެ. ހިތާމައާ ހިތްދަތިކަމެވެ. ކިތަންމެ ދުވަހަކު އަހަރެން ހާނީއަށް ކާންނުދީ ބަހައްޓަމެވެ. އަނިޔާކޮށް އެއްޗިހިކިޔާ އެދަރިފުޅު ދެރަކޮށް ރޮއްވާލަމެވެ. އެފަދަ ވަގުތުތަކުގައި އެ މައުސޫމް ދަރިފުޅުގެ ލޯ ކަރުނުން ފުރިފައި ހުންނަތަން އިއްޔަވީ ކަމެއްހެން މިހާރުވެސް އަހަރެންގެ ކުރިމަތީގައި ސިފަވެފާ ހުރެއެވެ. އެ ދެލޮލުން ހިމާޔަތައް އެދޭ ފަދައެވެ. އެ ދަރިފުޅު ބުނާ ކަހަލައެވެ. “މަންމާއެވެ. އަހަރެންނަށް ތިހެން ނަހަދާށެވެ. މިއީ މަންމގެ ދަރިފުޅެވެ. މަންމަގެ ލޯބިން މި ހިތް ފުރާލަދޭށެވެ. އޯގާތެރިވެ ފިރުމާލާށެވެ. އަހަރެން ބޭނުމީ ތިޔަ މަންމަގެ އަޅާލުމެވެ.” ނަމަވެސް އޭރު އަހަރެންނަށް އެކަންތައްތައް ފާހަގަ ނުކުރެވުން އެއީ އަހަރެންގެ ބަދުނަސީބެވެ.

އަހަރެންގެ ފަރާތުން ލިބެމުންދިޔަ ލާއިންސާނީ އަނިޔާތަކަށް ކެތްނުވެގެން ހާނީ މި ދުނިޔެއާ ވަކިވީ އޭނާގެ އުމުރުން ދެއަހަރުގައެވެ.

ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އަހަރެންނަށް ރޭކާލީ އެހިސާބުންނެވެ. އަހަރެންގެ ދަރިފުޅުގެ ޤާތިލަކަށް މިވީ ހުދު އަހަރެންނެވެ. އެ ދަރިފުޅުގެ އެއްވެސް ކުށެއްނެތި ކިހާ ވޭނެއް ތަހައްމަލު ކުރި ހެއްޔެވެ؟ ހަމައެކަނި އަހަރެންގެ ސަބަބުންނެވެ. މިއަދު އަހަރެން އެކަމާ ދެރަވެ ހިތާމަ ކުރަމެވެ. އެ ދަރިފުޅުގެ ގާތުން މާފަށް އެދެން ބޭނުމެވެ. އެ ނިޔަނެތި މޫނުގައި ލޯބިން ފިރުމާލާ ބޮސްދޭން ބޭނުމެވެ. ނަމަވެސް މިއަދު އެ ދަރިފުޅު އެވަނީ އެނބުރި އައުމެއްނުވާ މަންޒިލަށް ދަތުރުކޮށްފައެވެ. އެ ދަރިފުޅުގެ ހަނދާންވެ އަހަރެންގެ ލޮލުން ކަރުނަހިކޭ އެންމެ އިރުކޮޅެއްވެސް މިހާރަކު ނާދެއެވެ.

(ނިމުނީ)

Share Article

Follow Me Written By

Illusion

Level 1100 Login10 Stories

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ….30

Next

ނަފުރަތުވުމުން….2

Next
May 21, 2019

ނަފުރަތުވުމުން….2

Previews
May 21, 2019

ބުނާށެ ލޯބި ނުވަނީހޭ….30

15 Comments!

  1. Cabin crew says:
    May 21, 2019 at 12:51 pm

    Vvvvvvvvvv reeeethi haaadha emotional ey

    1. Illusion says:
      May 21, 2019 at 3:51 pm

      Thankxx dear ??

  2. ??? says:
    May 21, 2019 at 1:25 pm

    ??މީ މިހާރު ރާއްޖޭގެ ހާލަތު

    1. Illusion says:
      May 21, 2019 at 3:52 pm

      Yeah it’s sad ?? we as a community should join our hands to work toward being a better society

  3. Bestie says:
    May 21, 2019 at 4:58 pm

    Wow….vrh reethi..

    1. Illusion says:
      May 21, 2019 at 10:40 pm

      Thankxx dear ??

  4. Ibsha says:
    May 21, 2019 at 8:16 pm

    Vaahaka varah reethi…Varah dherave rovijje

    1. Illusion says:
      May 21, 2019 at 10:40 pm

      Thankxx dear for the lovely comment ??

  5. Kitty says:
    May 22, 2019 at 11:59 am

    The story is really nice.. And its also very sad… Hithah araa mikahala kankan dhimaa vefa thibi kithah kudhin thibeyne baa a rajjeyga… Anyways,. Keep up the good work dear ☺️

    1. Illusion says:
      May 22, 2019 at 11:57 pm

      thankxx kitty

  6. Avlyn says:
    May 22, 2019 at 4:28 pm

    Vvv touching…..adhi dhuvahakuves vaahakaeh kiyaafa avlyn ah mi vareh nuvey….adhives mikahala vaahaka liyachchey..???❤️❤️

  7. Sara says:
    May 23, 2019 at 2:29 am

    Mee Ibthikhaalge vaahaka tha?

    1. Illusion says:
      May 23, 2019 at 4:07 am

      Was inspired by that … just wanted to put out a different aspect of the story ??

  8. Rana says:
    May 24, 2019 at 4:53 pm

    Vvv reethi.??

  9. Aishath Limsha Aishath Limsha says:
    February 25, 2025 at 1:40 pm

    Masha Allah 😍 Soo good 😊

Comments are closed.



All Right Reserved!