އޭރު އަހަރެންގެ އުމުރުން އެންމެ 17 އަހަރެވެ. ޒަވާޖީ ޙަޔާތަކަށް އެންމެ ފުރަތަމަ ފައިތިލަ ބީއްސާލީ އަހަރެންގެ މި ޒުވާން އުމުރުގައެވެ. ލިބުނު ހިތްދަތި ކެކުޅުންތައް ހަނދުމަނެތިކޮށް ދެކެފަރިތަ ވެފައި ނުވާ މީހަކާ އަހަރެން ކައިވެނިކުރީމެވެ. ޙަޔާތުގައި އަހަރެން ލޯބިވީ މީހުން ނުލިބުނީއެވެ. އެއީއަހަރެންގެ ސިފަ ހުތުރު ވެގެންނެއް ނޫނެވެ. އަދި އަހަރެންގެ ހަށިގަނޑުގައި އައިބެއް ހުރެގެންނެއްވެސް ނޫނެވެ. އަހަރެންގެ ބަލިޙާލަތު ހުރި ގޮތުން ފިރިހެން ކުދިންގެ މައިންބަފައިންނަށް ޚިދުމަތް ނުކޮށްދެވިދާނެތީ އެ މައިންބަފައިން ނުރުހޭތީއެވެ. ލޯބީގެ މާބަގީޗާގައި ހޭދަކޮށްލަން ލިބުނު ވަގުތު ކިތަންމެ ކުޑަ ނަމަވެސް އެއީ އަހަރެންގެ ޙަޔާތުގައި އައި ވަރަށް އުފާވެރި ދުވަސް ތަކެކެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ލޯބީގެ ޙަޤީޤީ ފޮނިމީރުކަން ލިބުމުގެ ކުރިން އަހަރެން އެ އުފަލުން މަޙުރޫމު ވަނީއެވެ.
އަހަރެންގެ ހިތުގައި ލޯބީގެ ވިންދެއް އެންމެ ފުރަތަމަ ޖަހާލީ އަހަރެންގެ އުމުރުން އެންމެ 13 އަހަރުގައެވެ. އެހާ ޅަ ޢުމުރުގައި އަހަރެންގެ ހިތުގައި ރަސްކަން ކުރަންފެށި ރާޖާ އަކީ ޒައުލްއެވެ. ޒައުލްއަކީ ހެދިހުރި ހަށިގަނޑެއްގެ ވެރި ހައިބަތު ހުރި ޒުވާނެކެވެ. އަހަރެންނާއި ޒައުލްއާއި ދެމެދުގައި 5 އަހަރުގެ ތަފާތު ހުރެއެވެ. ޒައުލް އަހަރެންގެ ޙަޔާތައް އައުން ވެގެންދިޔައީ އަހަރެންގެ ޙަޔާތަށް ބަހާރުމޫސުން ގެނުވި ކަމަކަށެވެ. އަހަރެމެން ދެމީހުން އަހަރެމެންގެ ލޯބީގެ ޗަމަން ތަފާތު ކުލަކުލައިގެ ކުލަ ރީތި މާތަކުން ޖަރީ ކުރަމުން ދިޔައީމެވެ. ވަޢުދާއި އަހުދުތައް ވަމުންނެވެ. ދުނިޔޭގައި ހުރި އެންމެ އުފާވެރި އިންސާނާއަކީ އަހަރެންކަމަށް ޤަބޫލުކުރެވުނެވެ. އަހަރެމެން ބިނާކުރަމުންދިޔަ ލޯބީގެ ގަނޑުވަރު ބިމާ ހަމާވާނެއޭ ބުނާނެ ހަމަ އެކަކުވެސް އޭރަކު ނޫޅެނެކަން ގައިމެވެ.
ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ ބުނާ ބީދައިން އުފާވެރިކަމަށްފަހު އަހަރެންގެ ޙަޔާތުގެ ދޮރުފަތުގައިވެސް ހިތާމަވެރިކަން ޓަކިޖަހާލީ އަހަރެއްހާ ދުވަސް ފަހުންނެވެ. ޒައުލްގެ ޢާއިލާއިން އަހަރެންނާއި އޭނާގެ ގުޅުމަށް ހަތަރެސްފައިން “ޓާޓާ” ކިއުމުންނެވެ. އަހަރެންގެ އުފާވެރި ދިރިއުޅުމަށް ހުރަސްއެޅީ އަހަރެންގެ ބައްޔެވެ. އަހަރެން ލޭއަޅާ ކުއްޖަކަށް ވުމުން އަހަރެންނަކީ ޒައުލްގެ ޙަޔާތުގެ ބައިވެރިއަކަށްވުމަށް ކުފޫ ހަމަވާ ކުއްޖަކުކަމަށް އޭނާގެ ޢާއިލާއަށް ޤަބޫލު ނުކުރެވުނީއެވެ. ނަތީޖާއަކަށްވީ އަހަރެންގެ އަލަތު ލޯބި ނާކާމިޔާބު ވުމެވެ. ދުނިޔެއަކީ އެއްވެސް އިންސާފެއް ނެތް ތަނެއް ބާވައޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް މޫދުގައިވާ ކޮންމެ ގަލަކަށް މަހެއް ވެއޭ ބުނާ ބަހުން އަހަރެން ހިތްވަރު ލިބިގަތީމެވެ.
އަހަރެންގެ ޙަޔާތުގެ އުދަރެހުން ދެވަނަ ފަހަރަށް އުފާވެރިކަމުގެ އަސަރުތައް ފެންނަންފެށީ އޭގެ ހައެއްކަމަސް ފަހުންނެވެ. އަހަރެންގެ ޒަޚަމްވެފައިވާ ހިތަށް ކުޑަ ނަމަވެސް ލުޔެއް ލިބުނީ ޒެވިއަން އަހަރެންގެ ޙަޔާތަށް އައުމުންނެވެ. އެދުވަހުން ފެށިގެން އަހަރެން ލޯބީގެ ގަހަށް ފެންދީ ބަލައި ބޮޑުކުރަމުން ދިޔައީމެވެ. އެގަސް މޯޅިވިއަ ނުދީ އާރޯކަންމަތީ ބެހެއްޓުމަށް ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ނުބާއްވަމެވެ. ނަމަވެސް އަހަރެންގެ މި އުފާވެރި ދިރިއުޅުމަށް ޖެހުނީ ކާކުގެ އެސްފީނާއެއް ކަމެއް ނޭނގެއެވެ. ޒެވިއަންވެސް އަހަރެންގެ ޙަޔާތުން ދުރަށް ދިޔައީއެވެ. ސަބަބަކަށްވީ ހަމަ އަހަރެންގެ ބައްޔެވެ. އެދުވަހުން ފެށިގެން އަހަރެން ލޯތްބަށް އިތުބާރުކުރުން ހުއްޓާލީމެވެ. އަހަރެންގެ ޙަޔާތުގައި ލޯބި ނަސީބުވެފައި ނެތްކަމަށް ނިންމީމެވެ.
ދުނިޔޭގެ ދަތުރުގައި މަގު ގެއްލިފައިވާ މުސާފިރެއް ފަދައިން އަހަރެން ވަނިކޮށް އަހަރެންގެ ޙަޔާތައް ބޮޑު އިންޤިލާބެއް ގެނުވި ޙާދިޡާއެއް ކުރިމަތި ވިއެެވެ. އަހަރެން ދުވަހަކުވެސް ދެކެފައިނުވާ، ނުދަންނަ ބީރައްޓައްސަކު އަހަރެންގެ ގާތުން ކައިވެންޏަށް އެދުނެވެ. އަހަރެން މާޒީއިން ދުރުވެ އެ ނުދަންނަ މީހާއާއިއެކު ދިރިއުޅުމެއް ފަށަން ނިންމީމެވެ. ހަމައެކަނި އަހަރެންގެ ލޭފަވެތި މަންމައަށް ޓަކައެވެ. އެ މަންމަގެ އެދުން ބޮލާލައި ނުޖެހުމަށެވެ.
ރިވާއުއަކީ އަންހެންކުދިންގެ ހިތްތައް ކަތިލާފަދަ ސިފަތަކެއް ލިބިފައިވާ ޒުވާނެކެވެ. ޤުދުރަތުން އޭނާއަށް ދެއްވައިފައިވަނީ ރީތި ބޮޑު ދެލޮލެވެ. އެދެ ލޮލުގެ ޖާދުވީ ބެލުމުން އެތައް ހިތްތަކަށް އަސަރުކުރާނެކަން ގައިމެވެ. އޭނާގެ ކަސްރަތީ ހަށިގަނޑާއި ފަށުވިކޮޅެއްފަދަ އިސްތަށިގަނޑުން އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ.
އަހަރެންގެ ހިތުުގައި އަބަދުވެސް އުފެދޭއެއް ސުވާލެއް އޮތެވެ. ރިވާއު އަހަރެންނާއި ކައިވެނިކުރީ ކީއްވެގެން ބާވައެވެ؟ އޭނާއަށް އަހަރެންނަށްވުރެ ރީތި އަދި މާ ރަނގަޅު ކުދިންވެސް ވާނެކަން ގައިމެވެ. މިއާއެކުވެސް އޭނާ އަހަރެން ފަދަ ބަލި މީހަކާއި ކައިވެނިކުރީ ކީއްވެގެން ބާވައެވެ؟
އަހަރެންގެ ސުވާލުތަކުގެ ޖަވާބު ލިބިގެންދިޔައީ އަހަރެން ރިވާއުއާއި އެކު އޭނާގެ ރަށަށް ދިޔުމުންނެވެ. ރިވާއުއަކީ ދޮޅުއަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ބައްޕައެކެވެ. ރިވާއުގެ އަންހެނުން ދަރިފުޅު ވިހެއުމަށްފަހު މަރުވީއެވެ. ރިވާއު އަހަރެންނާއި ކައިވެނިކުރީ އޭނާގެ ދަރިފުޅަށް މަންމައެއްގެ ލޯބި ހޯދައި ދިނުމަށެވެ. ނަމަވެސް މިކަމާއި އަހަރެން ޝަކުވާއެއް ނުކުރަމެވެ. އަހަރެންނަށް ހުރި ގޮތްކަމުގައި ޤަބޫލުކޮށް ޝުކުރުކޮށްގެން ހުރީމެވެ.
ރިވާއުއަކީ މަޑުމައިތިރި އޯގާތެރި ޒުވާނެކެވެ. މި އޯގާތެރިކަމުގެ އޮށުން އަހަރެންގެ ހިތުގައި ލޯބީގެ ގަސް ފަޅައި ހެދި ބޮޑުވީ ކޮން އިރަކުކަމެއް ހުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. އެހެންކަމުން ރިވާއުގެ ހިތުން ޖާގައެއް ހޯދުމަށް އަހަރެން އަތުކުރި އޮޅާލީމެވެ. ރަނގަޅު އަތްބަކަށް އަދި މަޔަކަށްވުމަށް ކަމަރު ބަނދެލީމެވެ.
އަހަރެންގެ މަސައްކަތްތަކުގެ ނަތީޖާ ނުހަނު ފޮންޏެވެ. މިއަދު އަހަރެންނަކީ ދުނިޔޭގައި ހުރި އެންމެ އުފާވެރި އިންސާނާއޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެއެވެ. ފިރިމީހާގެ ގޭގެ މާޙައުލަކީ މިއަދު އަހަރެންނަށް ސުވަރުގެއެއް ފަދައެވެ. އަހަރެންގެ ޙަޔާތުގެ ވޮށް މިއަދު މިވަނީ ދިއްލިފައެވެ. މިއަދު އަހަރެންނަކީ ލޯބި ލޯބި ދެކުދިންގެ މަންމައެކެވެ. އޯގާތެރި ފިރިއެއްގެ ވަފާތެރި އަތްބެކެވެ.
(ނިމުނީ)
8 Comments!
Comments are closed.



Yeyy me first
Salhi nge mi story ????
Thankxx Jiji ❤❤
❤Varah reethi mivaahaka ❤
Hama reechey buneveyny
Story vvvv salhi ?
Thankxx everyone for the lovely comments ❤❤??
Varah reethi ?