ހިތް ރޮއްވާލާފާ ތިޔަ ދިޔަައީީ ދުރަށް
އޮއްސެމުން ދިޔަ އިރަށް ނަޒަރު ހުއްޓާލައިގެން އަހަރެން އިން އިރު، ބޮލުތެރޭގައި އުފެދިފައިވާ ހައިޖާނުގެ ހިލަމެއް ބަލާ މީހަކަށް އިހުސާސް ނުވެދާނެއެވެ. އެހެނަސް އެތަކެއް އަހަރެއް ފާއިތުވުމަށް ފަހުގައިވެސް ހަނދާނުން ފިލައިގެން ނުދިޔަ އެ ހަނދާންތައް މިޔަދުވެސް މި ނަފްސު ހަލަބޮލި ކޮށްލައިފިއެވެ. އެކަނިވާ ކޮންމެ ވަގުތެއްގައި ކަޅާހުދުން ސިފަވެގެންދަނީ އެ އުފާވެރި ދުވަސްތަކެވެ. އެކުގައި ހޭދަކުރި އުފާވެރި ހަނދާންތަކެވެ. ތާއަބަދަށް އެކަކު އަނެކެއްގެ ހިމާޔަތުގައި ވުމުގެ އުންމީދުގައި ތިއްބާ، އެ އުންމީދުތައް އިންދިރާސްވެގެން ދިޔައީއެވެ. ހަމަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
ރަށުގައި ވަކިވަރަކަށް ކިޔެވުމަށްފަހު އަހަރެމެންގެ މައިންބަފައިން މާލެ ބަދަލުވީ އަހަންނާއި، އަހަރެންގެ ދޮންތައަށް ކިޔަވައިދިނުމުގެ ބޭނުމުގައެވެ. އަހަރެމެން ދެބެއިންގެ މުސްތަގުބަލާމެދު ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. ދޮންތަގެ އަބަދުގެވެސް ހުވަފެނަކަށް ވެފައިއޮތީ މާލެފަދަ، ވަސީލަތްތައްގިނަ އަދި ތަފާތު ރަނގަޅު ފުރުސަތުތައް ލިބޭ ތަނެއްގައި ތައުލީމު ހާސިލްކުރުމެވެ. އެހެނަސް އަހަރެން ބޭނުންވީ ރަށުގައި އުޅޭށެވެ. މާލެފަދަ ތޮއްޖެހިފައިވާ، ނުވެސްދަންނަ ތަނެއްގައި އަހަރެން ދިރިއުޅޭނީ ކިހިނެއްތޯ އެތަކެއްފަހަރު އަމިއްލަ ޒަމީރާ އަހަރެން ސުވާލު ކުރީމެވެ. އެހެނަސް ޖަވާބެއް ނުލިބުނު މި ސުވާލާއެކު، ހިޔާލެއް ފިކުރެއްނެތި މަގުތަކުގައި އެކުވެރިންނާއެކު ކުޅުނު ދުވަސްތަކާއި، ކުދި މަސްހިފަން މޫދުގައި ހޭދަކުރި ވަގުތުތަކާއި، ރަށުގެ ހިތްފަސޭހަ ވެއްޓާއި އެކުވެރި މިތުރުން، އެންމެފަހުން މާޒީގެ ތެރެއަށް ގޮސް ގެއްލުނީއެވެ.
ދުވަސްތައް މާޒީއާ އެކުވަމުންގޮސް މާލޭގެ މާހައުލަށް އަހަރެމެން ހޭނިއްޖެއެވެ. ދެކެފަރިތަ މިތުރުން ގިނަވެ ރަށުގެ ހަނދާންތައް މުޅިންހެން ހިތުން ފޮހެވިގެން ހިނގައްޖެއެވެ. އެހެންނަމަވެސް ދޮންތައާ އަހަންނާ ދެމެދުގައި އޮތް ގުޅުމަށް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ. އެއްބަނޑު އެއްބަފާކަމުގެ މާތް ގުޅުމެވެ. ކުޑަ އިރުކޮޅަކަށް ނަމަވެސް ލޯމަތިން ދޮންތަ ގެއްލިއްޖެނަމަ އަހަންނަށް އުނދަގުވެއެވެ. ފޫހިވެއެވެ. ދޮންތަގެ ހާލަކީވެސް މިއެވެ. ދެމީހުން އެކުގައި ނޫނީ ކެވޭ ކަމަކަށް ނުވެއެވެ. ބައެއްފަހަރު މިފަދަ ކަންކަމުން މަންމަގެ ބޮލަށް އުނދަގޫވެގެން ކުދިކިޔާނެއެވެ. އެފަދަ ވަގުތުތަކުގައި މަންމަ އިތުރަށް ރުޅި ގަދަކުރުމަށް އަހަރުމެން ތަފާތު ކަންތައްތައް ކުރަމެވެ. މަންމަގެ ގައިގައި ބައްދާލުމަށްފަހު ކޮލަށް ބޮސްދެމެވެ. ލޯބިވާ ވާހަކަ ބުނަމެވެ. ކިތަންމެ ނޫންކަމަށް ހެދިގެން އިން ކަމުގައި ވިޔަސް މަންމަގެ ލޮލުން ކަރުނަ ހިލިފައި ހުންނަތަން، އެފަދަ ވަގުތުތަކުގައި އަހަރެމެންނަށް ފެނެއެވެ. އަހަރެމެންގެ އެފަދަ ކުދިކުދި ހަރަކާތްތަކުންވެސް މަންމަ އުފާވާކަން އަހަރެމެންނަށް ބުނެދެނީ އެފަދަ ކަންތައްތަކުންނެވެ.
ދުނިޔެ އަބަދުވެސް ދައުރުވާނީ ތޮށަލި ދުޅައަށޭ ބުނާތީ އަހަމެވެ. އުފަލަކަށްފަހު ހިތާމައެއް އަންނަ ފަދައިންނެވެ. އަހަރެމެންގެ މި ކުޑަކުޑަ އާއިލާގެ އުފާވެރިކަމުގައި ސިއްކަ ޖެހުނީ ހިލަމެއް ލިސާނެއްނެތިއެވެ. އައި ބާރު ކޮޅިގަނޑެއްގައި ޖެހި ހިތާމަޔާއި ހިތްދަތިކަމުގެ ފަރުދާއަކުން ކަޝްފުވީއެވެ. ލިބުނު ހިތާމައިން އަރައިގަތުމަށް ކުރި މަސައްކަތްވީ ފޫނެތް ފަޔަކަށް ފެންފުރުންފަދަ ކަމަކަށެވެ. އެއަށްވުރެ ލިބުނު ހިތާމައިގެ ޒަހަމްތައް ފުންވެފައި ވޭންގަދައީއެވެ. މަންމަގެ މޫނުމަތީގައި އަބަދަށްވި ހިނިތުންވުން، ކަރުނައާއި ހިތާމައިން ގެއްލުނީއެވެ. ބައްޕަގެ ސަކަ މިޒާޖާއި، އުފާވެރި މޫނު ނެތިގޮސް މުޅިން އެހެން މީހަކަށް ބަދަލުވީއެވެ. އެހެނަސް އަހަރެން ކެތްތެރި ވީމެވެ. ލިބުނު ހިތާމަތައް ފޮރުވައިގެން، މަންމައާއި ބައްޕައަށް ހިތްވަރު ދިނުމުގައި އަހަރެން ހުރީމެވެ. ގައިގައި ނެތް ހިތްވަރު ނެރެގެންނެވެ.
6ސެޕްޓެމްބަރ2016 ވީ ހުކުރު ދުވަހަކީ އަހަރެމެންގެ މި ކުޑަކުޑަ އާއިލާގެ ހުރިހާ އުފާވެރިކަމެއް ބީވެދިޔަ ދުވަހެވެ. ފިސަރީ ސައިންސުގެ އަމަލީ ތަޖުރިބާ ދަތުރެއްގައި ކ. ހުރާއަށް ގޮސްގެން އުޅެނިކޮން، ގެނބިގެން ދޮންތަ ނިޔާވިއެވެ. އެހަބަރު އަހަންނަށް ލިބުމާއެކު، އެއީ ހުވަފެނަކަށް ވުމަށް އެދި ހިތާހިތުން ދުޢާކުރީމެވެ. ގަބޫލުކުރަން ދަތިވީއެވެ. އެހެނަސް ތަގުދީރުގެ ނިންމުން ބަދަލެއް ނުކުރެވޭނެކަން އަހަންނަށް އެނގެއެވެ. ކޮންމެ އިންސާނަކުވެސް، އެމީހެއްގެ އަޖަލު ޖެހުމުން ވަކިވެގެން ދާނެއެވެ. ލޯބިވާ މިހުންނާއި، އާއިލާ ދޫކޮށްފައެވެ. އެއީ އެކަކަށްވެސް ބަދަލު ނުކުރެވޭނެ އިލާހީ ގާނޫނެވެ. ދިރިތިބީންނަށް އޮތީ، ހެޔޮ ދުޢާކުރުމެވެ. ކެތްތެރިވުމެވެ.
ގަބޫލުކުރަން ކިތަންމެ ދަތިވިނަމަވެސް އެ ހަގިގަތާ އަހަރެމެން ކުރިމަތިލީމެވެ. ދެން އިތުރަށް އެންމެ ފަހަރަކުވެސް އެ ދުލުން އަހަންނަށް ލޯބިން ގޮވާނުލާނެކަން އަހަންނަށް އެނގެއެވެ. ދޮންތަގެ މަޖާ ވާހަކަތަކާއި، ހުނުމުގެ އަޑެއް ދެން ނުއިވޭނެއެވެ. އެ ދެއަތުގެ އޯގާތެރި ފިރުމުންތައް އިހުސާސް ކޮށްލުމުގެ ނަސީބެއް ދެން އިތުރަކަށް ނުލިބޭނެއެވެ . އެ ހުރިހާކަމެއް ފުސްވެގޮން ގޮސް ހިމޭންވީ ފިލްމެއްގެ މަންޒަރެއް ފަދައިންނެވެ. އެހެނަސް އަހަރެން ކެތްތެވީ އިންސާނަކަށް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަށެވެ. މެދުކެނޑުމެއްނެތި އިވެމުންދިޔަ މަންމަގެ ވޭނުން ފުރިގެންވީ ގިސްލުމުގެ އަޑުންވެސް މިހިތް ފަޅައިގެން ދާވަރު ވިއެވެ. ތެދެކެވެ. ދަރިޔަކު ވަކިވެގެން ދިއުމުން އެ ކުރާ އަސަރު އިހުސާސްވާނީ ހަމަ މަޔަކަށެވެ. ދޮންތަގެ ކުއްލި ވަކިވުން ވެގެންދިޔައީ އަހަންނަށްވެސް ކެތްކުރަން ދަތިވި ކަމަކަށެވެ. ހަމައެގޮތަށް ދަރިޔަކު 9 މަހާއި 10 ދުވަހު އެތަކެއް ބުރަޔާއި، ވޭނަކަށްފަހު އުފަންކުރުވައި، ލޯބިން ބޮޑުކުރާ މަޔަކަށް، އެ ދަރިފުޅު އަބަދުގެ އަބަދަށް ވަކިވެގެން ދިއުމުގެ ހިތާމަ ކިހައި ވޭންގަދަވެފައި ކެތްކުރަން ދަތިވާނެހެއްޔެވެ؟
އެތައްއިރަކު ހިފަހައްޓައިގެން ހުރި ކެތްތެރިކަން އަހަރެންގެ އަތުން ދޫވީ އެންމެ ފަހު ފަހަރަށް ދޮންތަގެ މޫނުބަލަން ވަތްވަގުތުގައެވެ. ކެތް ނުވީއެވެ. ބޭނުންވީ އެ ގަދަ ނިދިން ދޮންތަ ހޭލައްވާލުމަށެވެ. އެ ދުލުން އެންމެ ފަހަރަކު ނަމަވެސް އަހަންނަށް ގޮވާލާނެ ނަމައެވެ. ހިފެހެއްޓުމެއް ނެތި މި ދެލޮލުން އޮހެމުންދާ ކަރުނަތަށް، ދޮންތަގެ އެ އޯގާތެރި ދެއަތުން ފޮހެދޭނެ ނަމައެވެ. އެހެނަސް ތަގުތީރުގެ ނިމުން ބަދަލެއް ނުވާނެއެވެ. ދޮންތަގެ މޫނު ހަމަލޮލުން ބަލާލެވޭނެ އެންމެ ފަހުފަހަރު ކަމުން، އެ މޫނަށް އަހަރެން ކަޅިޖަހާނުލާ ބަލަން އެތައް އިރަކު ހުރީމެވެ. ހިތާހިތުން އެތަކެއް ވާހަކަތަކެއް އަހަރެން ދޮންތައަށް ކިޔައިދިނީމެވެ. ދޮންތަދެކެ ލޯބިވާ މިންވަރެވެ. ދޮންތަ ނެތުމުން އަހަރެން އެކަނި ވާނެ މިންވަރެވެ. މަންމައާއި ބައްޕަ ދެރަވާނެ ވަރެވެ. އެހެނަސް މިއިން އެއްވެސް ކަމަކުން ދޮންތައެއް އެނބުރިއެއް ނާންނާނެއެވެ. އެ ގަދަނިދިން ދޮންތައެއް ނުހާލާނެއެވެ.
އެންމެ ފަހަރަށް އަހަރެން ދޮންތަގެ ނިތްކުރިއަށް ބޮސްދިނީމެވެ. ހުދުފޮތިން ކަފުން ކުރެވިފައިވާ ދޮންތަގެ ފުރާނަނެތް މަސްގަނޑުގައި ވަރަށް ބާރަށް ބައްދާލީމެވެ. އަހަންނާ ވަކިނުވާށޭ ހިތާހިތުން ކިޔަމުންނެވެ. މަންމައާ ބައްޕަގެ ހާލަކީވެސް މިއީއެވެ. މުޅި އުމުރުގައިވެސް މަންމައާއި ބައްޕަ އެވަރަށް ރުއިތަނެއް އަހަރެން ނުދެކެމެވެ. ދޮންތަގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލަ އޮޅުލާފައި “ދަރިފުޅާއޭ” ކިޔާ މަންމައާއި ބައްޕަ ގޮވަމުން ދިޔަ މަންޒަރަކީ ވޭނުން ފުރިގެންވީ މަންޒަރެކެވެ. ކައިރީގައި ހިތްވަރުދޭންތިބި ދެފަރާތުގެ އާއިލަގެ މެމްބަރުންނާއި، ހެޔޮއެދޭ ރަހުމަތްތެރިން، މަންމައާއި ބައްޕަ ހަމަޔަކަށް އެޅުވުމަށް މަސައްކަތް ކުރިއެވެ. އަހަރެންވެސް މަންމައާއި ބައްޕަގެ އެ އަމަލްތައް ހުއްޓުވަން ބޭނުންވިއެވެ. ކިތަންމެ ވަރަކަށް ރުޔަސް ދޮންތައެއް ދެން ނާންނާނެއޭ ބުނަން ބޭނުންވިއެވެ. އެހާވަރަށް ރޮންޔާ ދޮންތަގެ ފުރާނައަށް އުނދަގޫވާނެއޭ ބުނަން ބޭނުންވިއެވެ. އެހެނަސް… އެ ހިތްވަރެއް ނުލިބުނެވެ. ކުރެވުނުހާވެސް ކަމަކީ ކަރުނައިން ފުރިގެންވީ ދެލޮލުން އެ މަންޒަރު ބަލަން ހުރުމެވެ. ހިތްފަޅައިގެދާ ހާލުގައެވެ.
ހިތާމަޔާއި ހިތްދަތިކަމުގެ އެ ވަގުތުކޮޅަށްފަހު، އަހަރެމެންގެ ދެއަތުން ދޮންތަގެ މޫނު، ހުދުފޮތިން ފޮރުވާލަ ދިނީމެވެ. އިތުރު އެއްވެސް ގޮތެއް ނެތިގެންނެވެ. ވެލީގެ ދާނުގައި އަބަދުގެ އަބަދަށް ދޮންތަގެ ސަންދޯއް ފޮރުވާލެވުނީ އަހަރެންގެ ކުރިމަތީގައެވެ. ތިންމުން ވެލިން ދޮންތައާ އެންމެ ފަހުގެ ސަލާމްކުރީ، ދޮންތަގެ ފުރާނައަށް ރަހުމަތް ލެއްވުންއެދި ދުޢާކުރާ ހާލުގައެވެ. މިހިތުގެ އަބަދުގެވެސް ދުޢާއަކީ ދޮންތައަށް ސުވަރުގޭގޭ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވުމެވެ.
~~~~~~~~~~~~~~~~~~~~~~~~~~~
ދޮންތަގެ ކުއްލި ވަކިވުމާއެކު ހުރިހާ ކަމެއްވެސް ބަދަލުވީއެވެ. މަންމައާއި ބައްޕަގެ އުފާވެރި މިޒާޖު ހިމޭންކަމަށް ބަދަލުވީއެވެ. ގޭތެރޭގެ އުފާވެރިކަން ގެއްލި ފަޅުވީއެވެ. އެތަކެއް ހުވަފެންތަކާއެކު ހިޖުރަކުރި މާލެ ދޫކޮށް، އަނބުރާ ރަށަށް ދިރިއުޅުން ބަދަލުކުރީއެވެ. މަންމަގެ ހިތާމަތަކަށް ލުޔެއް ލިބޭތޯއެވެ. އެހެނަސް ދޮންތަ އަހަރެމެންނާ ވަކިވެގެން ދިޔަތާ އަހަރުތަކެއް ފާއިތުވެގެން ދިޔަނަމަވެސް، ކުރީގެ ދިރިއުޅުމަށް، އަނބުރާ އިއާދައެއް ނުވެވުނެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ވަކިވުމުގެ ސަބަބުން، މަންމައާއި ބައްޕަ ކުރަމުންދިޔަ ހިތާމަތަކަށް ނިމުމެއް ނެތެވެ. ހުދު އަހަންނަށްވެސް އެ ހަނދާންތަކަކާ ދުރަކަށް ނުދެވުނެވެ. މޫދު ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ މި ހިތް ޝަކުވާއިން ފުރެއެވެ.
މި ހުރިހާކަމެއް މިއަދުވެސް، އިއްޔެވީ ކަމެއްފަދައިން އަހަރެންގެ ހިތުގައި އާވެ އާލާވެއެވެ. ދޮންތަގެ ހަނދާންތަކާ ދުރަށް ދިއުމަށް އަހަރެން ވަރަށް މަސައްކަތް ކޮށްފީމެވެ. އެހެނަސް އެ ހަނދާންތަކާ ދުރަކަށް ނުދެވުނެވެ. އަބަދުވެސް ހިތައްއަރައެވެ. ލޮނުގަނޑު ތެރޭގައި ދޮންތަ ސަލާމަތްވުމަށް ހާދަވަރަކަށް ތެޅޭނެއެވެ. އެހީއަށް އެދި އަހަންނަށް ގޮވާނެއެވެ. އެހެނަސް ދޮންތަ އެހީއަށް އެންމެ ބޭނުންވި ދުވަހު، އެހީވުމުގެ ފުރުސަތެއް އަހަންނަކަށް ނުލިބުނެވެ. އަހަރެންގެ އަމިއްލަ ނަފްސު މިކަމުގައި ކުއްވެރި ކުރެވެނީ ކީއްވެކަމެއް ނޭނގެއެވެ. އެހެނަސް މި ހަނދާންތަކާ އެކުގައިވެސް، މިއަދު އަހަންނަކީ މަންމައާއި ބައްޕަ ފަހުރުވެރިވާފަދަ ދަރިއަކީމެވެ. ފަހަރުގައި އަހަންނަށް ދޮންތަ ނެތުމުގެ ފަޅުކަން މަންމައާއި ބައްޕައަށް ލުއިކޮށް ނުދެވިދާނެއެވެ. ނަމަވެސް އަހަރެންގެ އަބަދުގެވެސް ދުޢާއަކީ އަހަރެންގެ މައިން ބަފައިންނަށް ކެތްތެރިކަން ދެއްވައި ހެޔޮ ހާލުގައި އެމީހުން ލެހެއްޓެވުމެވެ. ދޮންތަގެ ފުރާނައަށް ރަހުމަތް ލެއްވުމަށް އަހަރެން ކޮންމެ ނަމާދެއްގެ ފަހުގައިވެސް ދުއާކުރަމެވެ.
ނިމުނީ
6 Comments!
Comments are closed.

Speachless… heart touching. Keep it up
Masha Allah varah heart touching story eh ??
U have such a good telant keep it up dear ?
mi kurin liyefa in vaahaka eh..btwi love this..keep up the good work dude..
Asalaam alaikum dear readers .mih vaahaka mee alhugadhu varah kureegah liyefai oeh part eh.heekuran hurihaa kuddin nah reeethi vih kamah
And comment what kind of story should i write next? ????☺?❤
Yea
Wow