Skip to content
އެސްފިޔަ

ކިރަން

ދުއްވާ އެއްޗެހީގެ ސަބަބުން މަގުތައްވަނީ ތޮއްޖެހިފައެވެ. އިރުއިރުކޮޅުން އެއިވޭ ބަރުގޮނުގެ އަޑުން ކަންފަތް ފަޅައިގެންދާވަރުވެއެވެ. އަހަރެންގެ އަވަސް ހިނގުން މަޑުޖެހިލީ މަގުގެ އަނެއްފަރާތުގައިވާ މާބަގީޗާ ލޮލުގައި އަޅައިގަތުމުންނެވެ. ހިތަށް ފިނިކަމެއް ހޯދުމަށް އެދެވުނުވަރުން މަގުގެ ދެކޮޅު ހޯދާލުމަށްފަހު މަގު ހުރަސްކޮށްލީމެވެ.
ކުލަކުލައިގެ މާމެލާމެލި ފަރިވެފޮޅިފައިވާ އެބަގީޗާގެ ވަށައިގެން އިށީނދެވޭގޮތަށް ލަކުޑި ގޮނޑިތައް ހުރިއިރު ހުސްކޮށްހުރި އެންމެ ގޮނޑިއެއްވެސް ނެތެވެ. އެންމެ ކައިރިން ފެންނަންހުރި ގޮނޑީގައި އަންހެން ކުއްޖަކު އެކަނިމާއެކަނި އިންތަންފެނުމުން އެދިމާއަށް މިސްރާބުޖެހީމެވެ. ނަސީބަކުން އެތަނުގައި އިށީނުމުގެ ހުއްދައަށް އެދުމުން އެކުއްޖާ ދެކޮޅެއް ނުހެދިއެވެ. އަހަރެން ޝުކުރުވެރިވަމުން އިށީނދެ ހަމަޖެހިލީމެވެ.
އިނގިރޭސި ބަހުން ދެމީހުން އެކަކު އަނެކެއްގެ ހާލު އޮޅުންފިލުވުމަށްފަހު އަހަރެންގެ ވަޒަނާއި ބެހޭގޮތުން އޭނާ ސުވާލުކުރިއެވެ. އަހަރެން ޖަވާބުގައި ދިވެހިރާއްޖެކަމަށް ބުނުމުން އޭނާ ޝައުޤުވެރިކަމާއިއެކު ވާހަކަދެއްކިއެވެ.
އޭނާ ބުނެދިންގޮތުގައި އޭނާގެ އެންމެ ޅައުމުރު ހޭދަކުރީ ދިވެހިންނާއިއެކު ރާއްޖޭގެ ފަސްގަނޑުގައެވެ. އޭނާ ރާއްޖެ ފުރަތަމަ ފަހަރަށް ޒިޔާރާތްކުރީ އޭނާގެ އުމުރުން އެންމެ އަހަރެއްވެސް ފުރިހަމަނުވަނީހެވެ. އޭނާގެ ބައްޕައަކީ ޑޮކްޓަރެކެވެ. ރާއްޖެއިން ވަޒީފާ ހަމަޖެހުމުން ބައްޕަ ބޭނުންވީ ދެމަފިރިންނާއި ކުޑަ ދަރިފުޅު ގޮވައިގެން ރާއްޖެދާށެވެ. ކަން ދިމާވިގޮތުން އޭނާގެ ބައްޕަ މަސައްކަތްކުރަން ހަމަޖެހުނީ އަތޮޅުތެރޭގައި، ވެރިކަންކުރާ ރަށެއްގެ ރީޖަނަލް ހޮސްޕިޓަލެއްގައެވެ.
އެ އަންހެންކުއްޖާ އިތުރަށް ކިޔައިދިންގޮތުގައި ބޮޑުވަމުން އައިއިރު އޭނާއަށް ދިވެހިރާއްޖޭގެ މާހައުލުވީ ހިތްހަމަޖެހޭ ތަފާތު މާހައުލަކަށެވެ. ކުޑައިރުއްސުރެ އޭނާގެ ސިކުނޑި ދިޔައީ އެމާހައުލުގައި ދިރިއުޅޭ މީހުންގެ ރަނގަޅު އާދަތައް ދަސްކޮށް އެ ދިރިއުޅުމަށް ލޯބިކުރަމުންނެވެ. ގާތް މިތުރުންގެ ގޮތުގައި އޭނާ ހޮވީ ޚުލްޤުހެޔޮ އޯގާތެރި ކުދިންތަކެކެވެ. މީގެ ސަބަބުން އޭނާއަށް ހެޔޮނުބައި ރޯފިލަމުންދިޔަވަރަކަށް ދީނީ ކަންކަމުގައި އަދި އެހެނިހެން ބައެއް ކަންކަމުގައި މައިންބަފައިންނާއި ޚިޔާލު ތަފާތުވިއެވެ. އާއެކެވެ! އެއުމުރުގައިވެސް އެ އަންހެން ކުއްޖާ އިސްލާމްދީނަށް ލޯބިކުރިއެވެ.
މަދަރުސާގެ އިސްލާމް މުދައްރިސް ކިޔަވައިދެއްވާ ފިލާވަޅަށް އޭނާ ޝައުޤުވެރިވިއެވެ. އެހެންކުދިންނެކޭ އެއްގޮތަށް ޝަހާދަތް ދަސްކުރިއެވެ. ޤުރުއާން އުނގެނުނެވެ. އެންމެ ގާތް އެކުވެރިޔާގެ ގެއަށް ގޮސްއުޅުމުގެ ތެރޭގައި ނަމާދުގައި ކިޔާ ތަކެތި ދަސްކޮށް ނަމާދު ވަގުތުގައި އަދާކުރަން އާދަކުރިއެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަންފަދަ އިސްލާމީ ރިވެތި އާދަތައް އެކުއްޖާގެ ނަފްސުގައި ހަރުލެއްވިއެވެ. މިކަމުގައި އެންމެ ބޮޑު މަދަދުގާރަކަށްވީ އޭނާއާއި އެއްއުމުރެއްގެ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. ދީންވެރި އާއިލާއަކަށް ނިސްބަތްވާ ކިޔަމަންތެރި އަންހެންކުއްޖެކެވެ.
މިގޮތުގައި 9 އަހަރު ވޭތުވެއްޖެއެވެ. އޭނާގެ ދިރިއުޅުން ހުރިގޮތުން ދެފަރާތުގެ އާއިލާއިން ކަންބޮޑުވުން ފާޅުކުރުމުގެ ނަތީޖާއަކަށްވީ އޭނާގެ މައިންބަފައިންވެސް އެއުޅުން ބަލައިގަންނަން ދެކޮޅުހެދުމެވެ. އެމީހުންފަދައިން އެމީހުންގެ ދީނީ ކަންކަމުގައި ބައިވެރިނުވާތީއެވެ. އެމީހުންގެ ދީން ހުއްދަ ނުކުރާ ތަކެތި ކައިބޮއި ހަދާތީއެވެ. އެކަންކަމަށް ފާޅުގައި ދެކޮޅުހަދާ ފާޑުކިޔާތީއެވެ. އެމީހުން ބިރުގަތީ ދިވެހިންގެ ތެރޭގައި އެކުއްޖާ ބޮޑުވެއްޖެނަމަ އިސްލާމީ ރިވެތި އުސޫލްތަކުގައި ހިފައި މުސްލިމަކަށް ބަދަލުވެދާނެތީއެވެ. އެންމެފަހުން އެމީހުން ނިންމީ ޗުއްޓީއަށް އެނބުރި ޤައުމަށް ގޮސް އެކުއްޖާ މަންމައާއިއެކު ބެހެއްޓުމަށްފަހު ބައްޕަ އެކަނި ރާއްޖެ ދިއުމަށެވެ.
އެ ބާއްޖަވެރި ދިރިއުޅުމާއި ދުރަށް الله އަށް އުރެދޭ ބައެއްގެ ކައިރިއަށް އޭނާ ދޫކޮށްލީއެވެ. އެއްކަލަ ރިވެތި އާދަތަކާއި ދުރަށް އެމީހުންގެ ދީނީ ޝިއާރުތަކާއި އެއްގޮތަށް އޭނާގެ އުޅުން ބަދަލުކޮށްލީއެވެ. ހިތާއި ދެކޮޅަށްނަމަވެސް އެމީހުންގެ ތެރޭގައި އުޅެންޖެހުމުން އިސްލާމްދީނާއިމެދު ހިތުގައިވީ ޝައުޤުވެރިކަން މަޑުމަޑުން ގެއްލެންފެށީއެވެ. ނަމަވެސް ހިތުގެ އެއްކަނަކުން އަބަދުވެސް ކުރީގެ ދިރިއުޅުމަށް އެނބުރި ރުޖޫއަވުމަށް އެދެވެމުންދިޔައެވެ.
އޭނާގެ ސުކޫލުދައުރު ނިމި މަތީ ތަޢުލީމު ހާސިލުކުރުމަށް މެޑިކަލް ކޮލެޖަކާއި ގުޅުނީ ބައްޕަފަދަ ޑޮކްޓަރަކަށް ވުމަށެވެ. އެދުވަސްވަރު ދިމާވި އަލިފާނުގެ ނުރައްކާތެރި ހާދިސާ ވެގެންދިޔައީ އޭނާ ތެދުމަގަށް ލޯހުޅުވައިދިން ކަމެއް ކަމުގައެވެ. އާއެކެވެ! ކޮލެޖުގެ ލެބޯޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އޭނާއާއިއެކު މަސައްކަތްކުރަންތިބި އަނެއް ދެކުދިންގެ ހަށިގަނޑު އަނދައިގެންގޮސް ފުރާނަ ސަލާމަތް ނުކުރެވުނުއިރު އޭނާގެ ހަށިގަނޑަށް މާބޮޑު ހާނީއްކަތަކެއް ނުލިބި ސަލާމަތްވީއެވެ. އެ ދިލަގަދަ ހޫނު ވެގެންދިޔައީ އޭނާއަށް މާތް اللهގެ ކުޅަދުންވަންތަކަމާއި ނަރަކައިގެ ޢަޒާބު ހަނދުމަކޮށްދިން ސަބަބެއް ކަމުގައެވެ.
އެދުވަހަށްފަހު އޭނާ އިސްލާމްދީނާއިމެދު އިތުރަށް ދިރާސާކޮށް އިސްލާމްދީން ފިޔަވާ ހައްޤު ދީނެއް ނުވާކަން ގަބޫލުކުރިއެވެ. އިންސާނުން އަމިއްލައަށް އުފައްދައިގެން އުޅޭ ބުދުތަކަކަށް އެއްވެސްކަމެއްގައި އޭނާއަށް ވާގިވެރިނުވޭނެކަން ކުރިން އެނގުނު ނަމަވެސް މައިންބަފައިންނަށްޓަކާ ހަނުހުރިހުރުމުން އެއްކިބާވެ ހައްޤު ދީނަށް ގޮވާލިއެވެ. އާއިލާއާއި އެކުވެރިންގެ ފަރާތުން ލިބުނު ގޮންޖެހުންތަކަށް ކެތްކޮށް ކިޔެވުން ނިންމާލުމަށްފަހު އޭނާފަދަ މުސްލިމް ޑޮކްޓަރަކާއި ކައިވެނީގެ ގޮތުން ގުޅި އަމިއްލަ ދިރިއުޅުމެއް ފެށީއެވެ. الله ގެ އިރާދަފުޅާއިއެކު އޭނާގެ ދިރިއުޅުން އުފާވެރިކަމުގައި ބުނަމުން ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލިއެވެ.
“ކިރަން!” އަހަރެންގެ އަޑު ނިކުތީ ވަރަށް މަޑުންނެވެ. މުށިކުލައިގެ ބުރުގަލުގެ ތެރެއިން ފެންނަންއެހުރީ އަހަންނަށް އާމޫނެއްނޫނެވެ. އަމިއްލަ ނަން ކިރަންއަށް ބުނެދިންއިރު އަހަރެންގެ އަރުވަނީ ބެދިފައެވެ. ކިރަން އޭނާގެ ދެއަތުން އަނގަމަތި ނިވާކޮށްލީ ހައިރާންކަމާއިއެކުއެވެ. އަހަރެން ކިރަންގެ މެދުހަށީގައި ބާރަށް ބައްދާލީމެވެ. އާއެކެވެ! އެއީ އަހަރެންގެ ކުޑައިރުގެ މިތުރެވެ.
އަހަރެން އޭނާއަށްޓަކައި އުފާކޮށް ހެޔޮދުޢާކުރީމެވެ. ކިރަންވެސް އަހަރެންގެ ދިރިއުޅުމާއިމެދު ސުވާލުކޮށް އަހަރެންގެ މަދަދު ލިބުނީތީ ޝުކުރުވެރިވިއެވެ. ވަރަށް ބޮޑު ތެދެކެވެ. މާތް الله ތެދުމަގު ދައްކަވަން އިރާދަކުރައްވައިފި އަޅަކު މަގުފުރައްދާނޭ ފަރާތެއްނުވެއެވެ.
-ނިމުނީ-

Comments (12)

  1. Meeheh

    Wow.u r amazing writer

    1. Meeheh
      Meeheh

      Yay i m first

  2. Amee

    Wowowowow…. vvvvvv reethi……. masha allah varah reethi vaahaka..??

    1. Amee
      Amee

      Yey me secound?

  3. unique

    vv reethi mistory ves psenhi vvv good… just love ur stories

  4. Livee

    Yeyy cenhi ge aa story eh dho
    Kyvve mihaaru series stories nuliyany
    Story is osm

  5. Aini

    Wow awsome varah reethi ????

  6. Psenhi

    Evaahaka dhw. Asl bxy kamun. Dhen anekkaves bxy vaane. Tym libunyma ill try my best to write

  7. m

    woww… v v v salhi… vr reethi psenhi..

  8. Flwr qn

    Zidhaan are you a heart patient???

  9. Roxy

    Wow buddy stry is jst fantastica ???

  10. shiya

    Osm dear? I read liked it and the moral ???

Comments are closed.