Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިކުރުވާހަކަލޯބި

ޝިކާޔަތު

Hoody Level 310 Stories100 Comments
January 30, 2018 7 Mins Read
20 Comments

އޮހޮރެމުން ދިޔަ ލެއިން ވެލިގަނޑު ރަތް ވަމުންދިޔައެވެ. ބޮލުން ތަންގަނޑެއް ވަނީ ފެޅިފައެވެ. ދެލޯ ތަންމިނަށް ހުޅުހުވިފައެވެ. ދިރުމެއް ނެތް ބަރު ހަށިގަނޑު ދަމަމުން ކޫއްތަމުން މަގުމައްޗަށް ނެރުނީ އަމިއްލައަށެވެ. ފައިގައި ހިފައިގެން ދަމަމުން މަޑުމަޑުން ކުރިއަށް ހިނގަންފެށުމާއެކު، ވެލިގަނޑުމަތީ ލޭގެ ރަތްކުލައިން “ދޫލަ” އަޅެމުން ދިޔައެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނައާއެކު، މޫނުމައްޗަށް ބުރާފައިވާ ލޭތިކިތައް ފޭދެމުން ދިޔައެވެ. ހިތުގެ ތެޅުން ބާރުވެ މައިނޭވާ ލެވެމުން ދިޔަ ނަމަވެސް މިފަހަރު އޭނާ ނުހުއްޓޭނެއެވެ.

މަގުމައްޗަށް ނުކުމެ ތިބި އެންމެން ތިބީ ބަސް ހުއްޓިފައެވެ. ގުޑިލަންވެސް ނޭނގި ދެލޯ ތަންމިނަށް ހުޅުހުވިފައެވެ. ހޭވެރިކަންވީ 10 ވަރަކަށް މިނެޓު ފަހުންނެވެ. އެއްބައިމީހުން ދުވެފައި ވަނީ ގެއަށެވެ. ކުޑަކުދިންތައް ރޯން ފެށިއެވެ. އިރުއޮއްސެމުން ދިޔަ ވަގުތު ފެނުނު މަންޒަރާ އެކު މުޅި ރަށުތެރެއަށް ބިރުވެރިކަން ފެތުރިގަތެވެ. ހަޤީގަތް އެނގޭ ހަމަ އެކަކުވެސް ނެތެވެ. ނޫނީ ހަޤީގަތް އަޑުއަހަން ގިނަމީހުން ބޭނުން ނުވަނީއެވެ.

 

***

 

ރަނގަބީލު ޖެހި އަޑާއެކު އަޒްމާ ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ފަންސޫރު ދޫވެގެން ވެއްޓުނެވެ. ޒިޔާދު އިނީ އެމަންޒަރު ބަލާށެވެ. ވަރަށް ފަރުވާތެރި ކަމާއެކުގައެވެ. ވެއްޓުނު ފަންސޫރަ ދިމާއަށް އިރުކޮޅަކު ބަލަން އިނުމަށްފަހު ވަރަށް މަޑުމަޑުން އަޒްމާ ތިރިވިއެވެ. ވަރަށް އުނދަގޫ ގޮތަކަށެވެ. ހީވަނީ ގައިގެ ތަނެއްގައި ރިއްސަތީ އުޅޭހެންނެވެ.

އަޒްމާއާއި ޖެހިގެން އިން ގޮނޑި ހުހަށް ހުންނަނީ ކީއްވެހެއްޔެވެ؟ އެއްވެސް ކުއްޖަކު އެތާ އިންނަ ތަނެއް ދުވަހަކުވެސް ޒިޔާދަކަށް ނުފެނެއެވެ. ކިޔަވަމުންދިޔަ 10 ވަނަ ކިލާހުގައި ވިއްސަކަށް ކުދިން ތިއްބެވެ. އެއްވެސް ކުއްޖަކު އަޒްމާއާ އަންގައިން ނުބުނެއެވެ. ޒިޔާދު ފިޔަވައެވެ.

“ގެއާ ހިސާބަށް ގެންގޮސްދެން؟” ކިލާހުން ނުކުމެ ނުކުމެ ހުރި އަޒްމާ ގެ ފިޔަވަޅުތައް ހުއްޓުނެވެ. އެއިރު ޒިޔާދު ހުރީ އޭނާގެ ކުރިމަތީގައެވެ.

އަނގައިން ނުބުނެ ދާން އަޒްމާ މަސައްކަތް ކުރުމާއެކު އަނެއްކާވެސް ޒިޔާދު އެރީ ކުރިމައްޗަށެވެ. މިއާއެކު އަޒްމާ މަޑުމަޑުން އިސްއުފުލާ ޒިޔާދުގެ މޫނަށް ބަލާލިއެވެ. ހުދު ޔުނީފޯމު ބުރުގަލުގެ ތެރެއިން އެ ސާދާ މޫނު ފެނުމާއެކު ޒިޔާދު ބަސް ހުއްޓުނެވެ. ފެންކަޅިވެގެންގޮސް ބަންޑުންވާން ކައިރިވެފައިވާ ދެލޮލުގެ ތެރެއިން ޒިޔާދަށް ފެނުނީ އެހެން މަންޒަރެކެވެ. ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފުހެލަމުން އަޒްމާ ތަންކޮޅެއް ބާރަށް ހިނގައިގަތެވެ. ޒިޔާދު އެހުރިގޮތަށް ހުރީއެވެ. ގަނޑުވެފައެވެ. ހިނގާފައިގޮސް މަދަރުސާ ގޭޓުން އަޒްމާ ނުކުންނަންދެން ޒިޔާދު އެތާ ހުއްޓެވެ.

“ކައެ ކިހިނެއް ތި ހަދަނީ” ކިލާހުން ނުކުމެގެން އައި މިފްޒާލް ޒިޔާދުގެ ކޮނޑަށް އަތް ވައްޓާލިއެވެ. “މަ ބުނީމެންނު އެ މަންޖެއާ ހެދި ނޫޅޭށޭ! މަށަކީ މިރަށު މީހެއް! ޒިޔާދުތީ އެހެން ރަށަކުން މި ރަށަށް އައިސް ހުރި މީހެއް! މަށަށް ދޯ އެނގޭނީ އޭނަގެ ގޮތް ބޮޑަށް!!”

“އެކަމަކު…..”

“ހެވޭ!!” ޒިޔާދުގެ ވާހަކަ ހުއްޓުވަމުން މިފްޒާލް ހިނގައިގަތެވެ. “ކައެއަށް ތިކަމާހެދި ބޮޑު ކަންތައް ގަނޑެއް ޖެހިދާނެ! އަޒުމާ ގެ ކާފައަކީ ބޮޑު ސިހުރުވެރިއެއް!! މުދަލުގެ ދަހިވެތި ކަމުގަ ގޯތި ހޯދަންވެގެން ހެދި ސިހުރު އަނެއްކޮޅަށް އެނބުރިގެން އައިސް އެއޮތީ އަޒުމާ އަށް ލައިގަނެފަ! ފެނެއެއްނު އޭނަ ހުންނަ ގޮތް!”

ތެދެކެވެ. އަޒްމާގެ އެކަހެރި ކަމުގައި ބޮޑެތި ސިއްރުތަކެއް ވެއެވެ. ބައެއް ދުވަސް ދުވަހު ކިލާހަށް އަންނައިރު މޫނުމަތިން ތަންގަނޑެއް ނޫފައިގެންފައި ހުރެދާނެއެވެ. ނޫނީ ނިތްކުރި މަތީ މަލަންކޮޅެއް އަޅާފައި ހުރެދާނެއެވެ. މީހަކަށް އޮޅިގެން އޭނާގެ ގައިގާ އަތްލެވުނަސް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ގިނަ ދުވަސް ދުވަހު ރުޅިއައިސްގެން އޭނާ ކިލާހުން ނުކުމެގެން ދަނީއެވެ. އެނާގެ މި ތަފާތު މިޒާޖު ފެނި ޒިޔާދުގެ ހިތުގައި އުފެދުނީ ޝައުގުވެރިކަމެވެ.

“ބާރުގަދަ އިފުރީތުން އޭނާގެ ފަހަތު އަޅައިގެން އުޅޭތާ މިހާރު ކޮން ޒަމާނެއް!” މިފްޒާލް ވާހަކަ ދެއްކިއެވެ. “މި ދޭތެރެއަކުން އޭނާ މޮޔަވެގެން ވެސް އުޅުނު”

ގެއަށް އައުމަށްފަހުގައިވެސް ޒިޔާދަށް ވިސްނެނީ އަޒްމާއާ މެދުގައެވެ. ނިކަމެތި އަންހެން ކުއްޖަކަށް އެފަދަ ގޮތެއް މެދުވެރިވީ ކީއްވެބާއެވެ؟ އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ދެލޯ އަބަދުމެ ހުންނަނީ ފެންކަޅިވެފައެވެ. ހަންގަނޑު ކުރަކިވެ މިލާފައެވެ. އެސްފިޔަތައް ކިތަންމެ ދިގުވެފައި ރީތި ނަމަވެސް ދެލޮލޮގެ ވިދުން ގޮސް ހަސްފަސް ވެފައެވެ. ރަށު ރައްޔިތުން އޭނާއާ ދިމާއަށް ބަލަނީ ފަކުރަކަށް ބަލާފަދައިންނެވެ. އެމީހުން ދެކެނީ އަޒްމާ އަކީ އެމީހުންނަށް ހުރި ބިރެއްގެ ގޮތުގައެވެ.

އަޒްމާ ދިރިއުޅެނީ އޭނާގެ މަންމަ އަދި ބައްޕަ އާ އެކުގައެވެ. އޭނާގެ މަންމަ، ސަކީނާ އަކީ ގެއިން ނުކުންނަ އަންހެނެއް ނޫނެވެ. ރަށުގެ މީހަކަށް ނުފެންނަތާ މިހާރު ކިތަންމެ ދުވަހެކެވެ. ބައްޕަ ޖާވިދަކީ މަސްވެރިއެކެވެ. ކޮންމެ ދުވަހަކުވެސް ގިނަ ވަގުތު އޭނާ އުޅޭނީ ކަނޑުމަތީގައެވެ.

އިރުއޮއްސި އަނދިރިވުމާއެކު މުޅި ރަށުތެރެއަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ. ވަށައިގެން ހެދިފައިވާ ބިޔަ ގަސްތައް ފެންނަނީ ފުރޭތަ ތަކެއް ފަދައިންނެވެ. ނަގާފައިވާ ބޯ ވިއްސާރަ ވިލާގަނޑު ހީވަނީ ދެންމެ ދެންމެ ފޫ އަޅުވާލަފާނެ ހެންނެވެ. ޖެހެމުންދިޔަ ބާރު ވާޔާއެކު ހެލެމުންދިޔަ ގަސްތަކުގެ އަޑާއެކުވެގެން ކުއްލިއަކަށް އަންހެން ކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ. ނޫނީ އެއީ ހީވި ގޮތް ހެއްޔެވެ؟ ގޭތެރޭގައި އިން ނިޝާމާ އަށް އެ އަޑު ވަރަށް ސާފުކޮށް އިވުނެވެ. ނީވޭ ކަމަށް ހަދައިގެން ހުންނަތާ ކިތަންމެ ދުވަހެކެވެ.  ނިދާފައި އޮތް ދަރިފުޅަށް ބަލާލުމަށްފަހު ނިޝާމާ މަޑުމަޑުން ފެންޑާއިން ބޭރަށް ނުކުތެވެ. ޖެހެމުންދިޔަ ވަޔާއެކު އޭނާގެ ބުރުގާ ވިހުރިގަތީ ވަކި ގޮތެއް ބަލާފައެއް ނޫނެވެ. އަތުން ބުރުގާ ހަމައަކަށް އަޅުވާލަމުން، ޖެހިގެން ހުރި ގޭގެ ވަށާފާރު ކައިރިއަށް ޖެހިލިއެވެ. މިއާއެކު އަނެއްކާވެސް އެ އަޑު އިވިގެން ދިޔައެވެ. އެއީ ވޭން ހުރި އަޑެކެވެ. ރޮމުން ހޭރެމުން ދިޔައީ ލިބެމުންދިޔަ އަނިޔާއަށް ކެތް ނުކުރެވިގެންނެވެ.

އެއީ އަޒްމާގެ އަޑެވެ. ނިޝާމާއަށް އެކަން ޔަޤީނެވެ. އޭނާ ބިރުގަންނަ ސަބަބަކީވެސް އެއީއެވެ. ޖެހިގެން ހުރި ސަކީނާގެ ގޭތެރޭގައި ހިނގަމުންދަނީ ކޮންފަދަ ބިރުވެރި ނާމާން ކަންތައްގަނޑެއް ހެއްޔެވެ؟ ކޮންމެ ހަފްތާއަކު ދެތިން ފަހަރު އަޒްމާ ރޮއެ ހޭރޭ އަޑު ނިޝާމާ އަހައެވެ. ނަމަވެސް އޭނާ ވަކި ކުރާނީ ކީއްހެއްޔެވެ؟ އެފަދަ ރޫހާނީ ކަންތައްގަނޑެއްގެ ތެރެއަށް ވަންނާކަށް ނިޝާމާއަށް ހަމަ ހިލާ ނުކެރޭނެއެވެ. އިވެމުންދިޔަ ވޭނީ އަޑަށް ކެތް ނުކުރެވިގެން ނިޝާމާ ދުވެފައި ގޮސް ވަނީ ގެއަށެވެ.

ކިލާހަށް ވަދެގެން އައި އަޒްމާއަށް ޒިޔާދު ބަލާލީ ވަރަށް ފަރުވާތެރި ކަމާއެކުގައެވެ. މިއަދު އޭނާ ބުރުގާ އަޅާފައިވަނީ ތަފާތު ގޮތަކަށެވެ. ކޯތާފަތާއި ނިތްކުރިމަތިން ބޮޑަށް ނިވާކުރަން މަސައްކަތްކޮށްފައިވާކަން ބަލާލި ކޮންމެ މީހަކަށް ފާހަގަވާނެއެވެ. ސަބަބު އޮޅުން ފިލުވަން ޒިޔާދު ކެތްމަދުވިއެވެ. ކިލާސް ނިމޭ ގަޑި ޖެހެންދެން ކެތްތެރިކަމެއްނެތި ގަޑިއަށް ބަލަން އިނދެވުނީ އެހެންވެއެވެ.

“އަޒްމާ!” ގޭޓުން ނުކުންނަން ދިޔަ އަޒްމާއަށް ޒިޔާދު ގޮވާލިއެވެ. އަޒްމާއަށް ހުއްޓެވުނެވެ. ނަމަވެސް ފަސް އެނބުރި ބަލާލުމެއް ނެތި އޭނާ އަނެއްކާވެސް ހިނގައިގަތީއެވެ. ކުރިއަށްވުރެ ބާރަށެވެ. އޭނާގެ ހިނގުމުގައި ކުޑަ ކޮރު ޖެހުމެއް ހުރިކަން ޒިޔާދަށް ފަހަގަ ކުރެވުނީ އެހާ ހިސާބުންނެވެ.

މިފަހަރު ޒިޔާދުވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާވެސް އަޒްމާގެ ފަހަތުން ހިނގައިގަތެވެ. ވެގެން އުޅޭ ގޮތެއް ސާފު ކުރާށެވެ. ހިތުގައިވީހާ ސުވާލުތައް އޭނާގެ ކުރިމައްޗަށް ބަންޑުން ކޮއްލާށެވެ.

“އަޒޫ!” ޒިޔާދަށް އަޒްމާއާއި އަރާ ހަމަ ކުރެވުނު އިރު ދެމީހުންނަށްވެސް ތިބެވުނީ ހަނި ގޯޅިއެއްގެ ތެރޭގައެވެ. ފެންނަ ހިސާބުގައި އެއްވެސް މީހަކު ނެތެވެ. އަޒްމާގެ ހިނގުމަށް ބަދަލެއް ނައުމުން ޒިޔާދު ހިފީ އޭނާގެ އަތުގައެވެ.

“އައްދޯތް!” ވޭންހުރި އަޑެކެވެ. ޒިޔާދަށް ވަގުތުން އަތުން ދޫކޮށްލެވުނެވެ. އެއިރު އަޒްމާ ހުރީ އޭނާއަށް ކުރިމަތި ލައިގެންނެވެ. ޔުނީފޯމުގެ އަތް ކުޑަކޮށް ކެހިފައިވުމުގެ ސަބަބުން އޭނާގެ އަތުގެ މުލައްދަނޑީގައިވާ ނިޝާން ވަރަށް ސާފުކޮށް ޒިޔާދަށް ފެނުނެވެ. އެއީ އަތްތިލައެއްގެ ނިޝާނެކެވެ. ލޭ އަރާ ނޫފައިގަތްފައިވާ ނިޝާނެކެވެ. ސުވާލުގެ ނަޒަރަކުން ޒިޔާދު ބަލާލީ އަޒްމާގެ ދެ ލޮލަށެވެ. އެއިރު އެ ދެލުން ހޯސްލާފައި ކަރުނަ އޮހޮރެމުންދިޔައެވެ. މޫނުމަތިން ވަންހަނާ ކުރަން މަސައްކަތްކުރި ނިޝަންތައް ޒިޔާދަށް ފެނުނީ އެވަގުތެވެ. ނިތްކުރި މައްޗާއި ކޯތަފަތްވެސް ވަނީ ނޫފައިގަންފައެވެ. ތުންފަތުގައި އަދިވެސް ލޭގެ އަސަރު ހުއްޓެވެ. ޒިޔާދުގެ ދެލޯ ފެންކަޅިވާން ފެށިއެވެ. ހަމްދަރުދީއިން އޭނާގެ ހިތް ފުރި ބަންޑުންވިއެވެ. ސުވާލުކުރަން އަނގަ ހުޅުވާލުމާއެކު އަޒްމާ އެނބުރި ހިނގަގަތީއެވެ.

“އަޒްމާ ޕްލީޒް!!!”

އަޒްމާ ހުއްޓުނެވެ. އަނެއްކާވެސް ޒިޔާދާ ދިމާއަށް އެނބުރިލިއެވެ.

“ޒިޔާދު!” ވަރަށް މަޑުމަޑުން އަޒްމާ ވާހަކަ ދައްކަން ފެށިއެވެ. “އަހަންނަށް އެނގޭ މީހުން ދައްކާ ވާހަކަ ޒިޔާދަށް އަޑު އިވޭނެކަން! ކޮންމެ ވާހަކައެއް ޤަބޫލު ކުރިޔަސް، އަހަންނަށް އެނގޭ އެއްޗަކީ ޒިޔާދު ނޫނީ އަހަންނާ އަނގައިން ބުނަން ބޭނުންވާ މީހަކު މި ބޮޑު ރަށުގައި ނެތްކަން!” އަޒްމާގެ އަޑު ކުރެހިގެން ދިޔައެވެ.

“މަށާހެދި ތިވަރުން އުޅުމަކީ ބޭކާރު ކަމެއް! މަށަކީ އިންސާނަކާ އެކު ދިރިއުޅެން އެކަށީގެންވާ މީހެއްނޫން! އެއަށްވުރެ އަހަރެން މުޑުދާރު!” އަޒްމާއަށް ގިސްލެވޭ ގޮތްވިއެވެ. “ޒިޔާދަށް ދެވޭނެ އެކައްޗެއްވެސް އަހަރެންގެ އަތުގައި ނެތް! ހަމަ އެކައްޗެއްވެސް ނެތް! އަހަރެން ހިތަށް އަރާ އަހަންނަކީ ކީއްކުރަން މިދުނިޔެއަށް އުފަންވި މީހެއް ބާއޭ!! އަމިއްލައަށް މަރުވުމަކީ ފާފަވެރިކަމެއް ނޫންނަމަ އަމިއްލައަށް މަރުވިތާ މިހާރު ކިތަންމެ ދުވަހެއް!!” ހިތުގެ އުދާސްތައް ބަންޑުންވަމުން ދިޔައީ އޭނާގެ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ވާނީވެސް އެހެންތާއެވެ. އުމުރު ދުވަހު ކުރަން ޖެހުނު ހިތި ތަޖުރިބާގެ ޝިކާޔަތު އަޑު އަހާނެ ކަންފަތެއް މިވީ އަދި ކިރިޔާއެވެ.

“އަޒޫ!” އަޒްމާގެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަ ފުހެދިނުމަށްޓަކައި އަތް އުފުލާލުމަށްފަހުގައިވެސް ޒިޔާދު މަޑުޖެހިލިއެވެ. “އިންސާނަކަށް ނުއުފުލޭވަރުގެ ބުރައެއް ﷲ މިންވަރެއް ނުކުރައްވާނެ! އަޒޫ މި ހުރިހާ ދުވަހު ދިރިހުރި ކަމަކީވެސް ވަރަށް ހިތްވަރު! މިހާރު ތި އުޅޭ ދިރިއުޅުމުން ސަލާމަތް ވާން މަސައްކަތް ކޮށްބަލަ! އަމިއްލައަށް މަރުވުމަކީ ހައްލެއް ނޫން! ދިރުއުޅެން މަސައްކަތް ކޮށްބަލަ! ތިކަމުން ސަލާމަތް ވެވޭނެ! ހިތާމަވެރިކަމެއް ދިމަވުމުން އެއީ އޭނާ އަށް ހުރި ގޮތް ކަމަށް ނިންމާ މާޔޫސް ވުމަކީ ހައްލެއް ނޫން!”

ޒިޔާދުގެ ވާހަކަތަކުން އަޒްމާގެ ނިވިފައިވާ އުއްމީދުގެ ހުޅުކޮޅު އަލުން ދިއްލުނު ފަދައެވެ. އެހެން އިންސާނަކުވެސް ތިމާ އާ މެދު ވިސްނާ ފިކުރުކޮށް ލޯބިކުރާ ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް ކުރެވެން ފެށިއެވެ. އާނއެކެވެ. ދިރިއުޅުމަކީ އެއީއެވެ. އުފާވެރިކަމަކީ އެއީއެވެ. ދިރިއުޅުމުގައި ހިތްދަތި ތަޖުރިބާތައް ކުރާ އިންސާނުން މަދެއް ނޫނެވެ. ބޭނުންވަނީ ކުރިމަތިވެފައިވާ އަޑިގަނޑު، ހިތްވަރާއެކު ގިރާކުރާށެވެ.

އުއްމީދު އާލާވިއެވެ. އަޒުމު ވަރުގަދަވިއެވެ. ލޮލުން އޮހޮރުނު ކަރުނަ އަތުން ފުހެލީ ހިތްވަރާއެކު ކުރިއަށް ދިއުމުގެ ނިޔަތުގައެވެ. ހިތުގެ އަޑީގައި ރޭވެމުންދިޔަ ކަންތައްތައް ބަލާމީހަކަށް ފެންނާނެހެއްޔެވެ؟

އޭނާ ޒިޔާދުގެ ދެލޮލަށް ބަލާލީ ޝުކުރުގެ ނަޒަރަކުންނެވެ. ފަނޑު ހިނިތުންވުމެއް ޒިޔާދަށް ހަދިޔާ ކުރުމަށްފަހު އޭނާ ހިނގައިގަތެވެ. ޒިޔާދަށް ފުރަގަސް ދިން އިރު އޭނާގެ ދެލޮލުން ފެންނަން ހުރީ ނުރައްކާތެރި ކުލަވަރެކެވެ.

އަޒްމާ ގޮސް ލޮލުކޮޅަށް އޮބާލަންދެން ޒިޔާދު އެތާ ހުއްޓެވެ. އަނގައިން ބުނެވުނީތީ އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ. އަޒްމާ އެ ނުރައްކަލުން ސަލާމަތް ކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އޭނާ ބޭނުމެވެ. ނަމަވެސް އެއީ އެހާ ފަސޭހަ ކަމަކަށް ވާނެ ހެއްޔެވެ؟ މި ދައްކަނީ އާދައިގެ ކަމެއް ގެ ވާހަކައެއް ނޫނެވެ. ސިހުރުގެ ވާހަކައެވެ. ބާރުގަދަ އިފުރީތުންގެ ވާހަކައެވެ. ކުޑަ އިރުކޮޅަކު ވިސްނާލުމަށްފަހު ޒިޔާދުވެސް އަނބުރާ ގެއާ ދިމާއަށް ހިނގައިގަތެވެ.

“ބަލާ ޖިންނި އަޒުމާ!!” މަގުމަތީ ކުޅެން ތިބި ދެތިން ކުދިން ދުރަށް ދުއްވައިގަތެވެ. އެއީ އާ މަންޒަރެއް ނޫނެވެ. އަޒްމާ ވަނީ އެކަމަށް ހޭނިފައެވެ. ނަމަވެސް މިފަހަރު އޭނާގެ ހިތުގައި އުތުރިއަގަތީ ރުޅިވެރިކަމެވެ. ދެބުމަ ގޮށް ޖަހާލުމަށްފަހު އޭނާ ގޮސް ވަނީ ގެއަށެވެ.

އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ގޭތެރެއަށް ވަދެވެން ހުރި ހަނި ކޮރިޑޯއިން ލާފައި އަޒްމާ އެތެރެއަށް ހިނގައިގަތެވެ. ތެޅިގަލުން ރާނާފައިވާ ފަރުތަކުގެ ތެރެއިން މަޑުމަޑުން ސޫފި ގޮވާ އަޑު އިވެއެވެ. ގަޑިން އެއިރު ހަވީރު ފަސްގަޑި ބައިވަނީއެވެ. ނިއްވާލާފައިހުރި ފެންޑާގެ ބޮކި ދިއްލާލުމަށްފަހު އޭނާ ގޮސް ކޮޓަރިއަށް ވަނެވެ.

ކޮޓަރީގެ އެކި ދިމަ ދިމާއަށް އޭނާ ނަޒަރު ހިންގާލިއެވެ. ބާވެ ކުލަ މަރުވެފައިވާ ފާރުތަކުން ކިޔަމުން ދިޔައީ ހަމަ ހިމޭން ކަމުގެ ނާނާއެވެ. ފީވެ ވެއްޓެން ކައިރިވެފައިވާ އަލަމާރިން ދުވަނީ ތަތްމުޑުވަހެވެ. ފާރުކައިރީގައި ހުރި ކުޑަ މޭޒުމަތީ އިސްތިރި އަކާއި ހުސްވެފައިވާ ދެތިން ފެންފުޅި ހުއްޓެވެ. ފަންކާ ވަނީ ހިރަފުހުން ކަޅު ވެފައެވެ. މި މުޑުދާރު ކަމާއި ނުތާހިރުކަމުން އަޒުމާއަށް މިއަދު އުނދަގޫވިއެވެ. އެހެން އިންސާނުން ދިރިއުޅޭހެން އުޅެން އޭނާވެސް ބޭނުމެވެ.

ކޮނޑުގައި އޮތް ދަބަސް ނަގާ އެނދުމައްޗަށް އެއްލުމަށްފަހު އޭނާ މަޑުމަޑުން އެނދުގައި އިށީނެވެ. މިއާއެކު އެނދުގެ ފައިތަކުން އިވިގެން ދިޔަ ކުރަކި އަޑުފައްގަނޑުން ކޮޓަރިތެރެ ގުގުމައިގެން ދިޔައެވެ. އެއަށްފަހު އަނެއްކާވެސް ވެރިވެގެން ދިޔައީ ހަމަ ހިމޭން ކަމެވެ. އެއީ ތޫފާނެއް އައުމުގެ ކުރިން ވެރިވާފަދަ ހަމަ ހިމޭން ކަމެކެވެ. ކުރެވެން މިއުޅެނީ ކީއްކަން ވަރަށް ރަނގަޅަށް އަޒްމާއަށް އެނގެއެވެ. އެކަމާ އޭނަ ކުޑަކޮށްވެސް ޖެހިލުންވާ ހެންނެއް ހިއެއްނުވެއެވެ.

ލައްޕާފައި ހުރި ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވުނެވެ. މިއާއެކު އަނދިރިކަން ވެރިވެފައިވާ ކޮޓަރިތެރެއަށް ފަނޑު އަލިކަމެއް ވެރިވެގެން ދިޔައެވެ. ފުރަގަހުން އަލި އެޅިފައިވުމުގެ ސަބަބުން ދޮރުމަތީ ހުރި “މީހާ” ފެންނަން ހުރީ ކަޅު ހިޔަންޏެއް ފަދައިންނެވެ. ލަސް ފިޔަވަޅުތަކަކާއެކު އޭނާ ހިނގައިގަތީ އަޒްމާއާ ދިމާއަށެވެ. ދަނޑިވަޅަށް އަޒްމާ އިނީ ތައްޔާރު ވެގެންނެވެ. ކައިރީގައި އިން ބަރު އިސްތިރި އަތަށް ހެޔޮވަރު ކޮށްލިއެވެ.

***

އޮހޮރެމުން ދިޔަ ލެއިން ވެލިގަނޑު ރަތް ވަމުންދިޔައެވެ. ބޮލުން ތަންގަނޑެއް ވަނީ ފެޅިފައެވެ. ދެލޯ ތަންމިނަށް ހުޅުހުވިފައެވެ. ދިރުމެއް ނެތް ބަރު ހަށިގަނޑު ދަމަމުން ކޫއްތަމުން މަގުމައްޗަށް ނެރުނީ އަމިއްލައަށެވެ. ފައިގައި ހިފައިގެން ދަމަމުން މަޑުމަޑުން ކުރިއަށް ހިނގަންފެށުމާއެކު، ވެލިގަނޑުމަތީ ލޭގެ ރަތްކުލައިން “ދޫލަ” އަޅެމުން ދިޔައެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނައާއެކު، މޫނުމައްޗަށް ބުރާފައިވާ ލޭތިކިތައް ފޭދެމުން ދިޔައެވެ. ހިތުގެ ތެޅުން ބާރުވެ މައިނޭވާ ލެވެމުން ދިޔަ ނަމަވެސް މިފަހަރު އޭނާ ނުހުއްޓޭނެއެވެ.

މަގުމައްޗަށް ނުކުމެ ތިބި އެންމެ ތިބީ ބަސް ހުއްޓިފައެވެ. ގުޑިލަންވެސް ނޭނގި ދެލޯ ތަންމިނަށް ހުޅުހުވިފައެވެ. ހޭވެރިކަންވީ 10 ވަރަކަށް މިނެޓު ފަހުންނެވެ. އެއްބައިމީހުން ދުވެފައި ވަނީ ގެއަށެވެ. ކުޑަކުދިންތައް ރޯން ފެށިއެވެ.

މަރުވެފައި އޮތް ޖާވިދުގެ ހަށިގަނޑު ދަމަމުން އަޒްމާ ހިނގަންފެށިއެވެ. ފައިގާ ހިފައިގެންނެވެ. އެންމެ ތުއްތު އިރުއްސުރެ ފަށައިގެން އޭނާގެ ދިރިއުޅުމަށް އަވަލާފައިވާ ނުބައި ނުލަފާ “އިފުރީތަކީ” އެއީއެވެ. ޖާވިދެވެ. އޭނާގެ ބައްޕައެވެ. އޭނާގެ މުޅި ދިރިއުޅުން ނަރަކައަށް ހަދާލީ ޖާވިދެވެ. އުމުރުން އެންމެ 7 އަހަރުގައި ޖާވިދުގެ ތޫނު ވަކިތަކުގެ ޝިކާރައަކަށްވި ދުވަސް އަދިވެސް އަޒްމާ ހަނދާން އެބަ ހުއްޓެވެ. މަންމަ ކައިރީ އެވާހަކަ ބުނުމުން މަންމަ އަތްއެޅީ އަނގަ މަތީގައެވެ. “ހައްޕު” ކިއީއެވެ. ކީއްވެހެއްޔެވެ؟ ދުނިޔޭގެ ލަދުން ސަލާމަތް ވާށެވެ. އަގު ވެއްޓިދާނެތީއެވެ. ވީ ކަމެއް އެބަ އޮތް ހެއްޔެވެ؟ މުޅި ރަށުތެރެއަށް އަޒްމާ މަޝްހޫރުވެގެން ދިޔައީ ޖިންނި އަވަލާފައިވާ ކުއްޖެއްގެ ގޮތުގައެވެ. ކިޔެވުން ހަލާކުވީއެވެ. ނަފްސާނީ ގޮތުން ބަލިކަށިވުމުގެ ސަބަބުން މިޒާޖަށް އައިސްފައިވާ ބަދަލު މީހުން ނަގައިގަތީ އެހެން ގޮތަކަށެވެ. މީހަކު އަތްލުމުން އޭނާ ރުޅިގަދަ ވަނީ އެހެންވެއެވެ. މީހުންނާ ވާހަކަ ނުދައްކާ އެކަހެރިވީވެސް އެހެންވެއެވެ.

ތުއްތުއިރު އޭނާގެ ހަށިގަނޑުގައި އެޅި ވޭން އަދިވެސް ނުފިލާ އެބަހުއްޓެވެ. ގައިގާ އަޅާފައިވާ ކޮންމެ ވަކި ގަނޑެއްގެ ނިޝާން ތާޒާކަންމަތީ ހުރި ފަދައެވެ. މުޅިގައިން ދިލަ ނަގައެވެ. ނަމަވެސް މިއަދު އޭނާ އެކަން ނިންމާލީއެވެ. އުމުރު ދުވަހަށެވެ.

މުޅި ހިސާބަށް މީހުން އެއްވާން ފެށިއެވެ. މީހުންތައް އައިސް އަޒުމާ ވަށާލިއެވެ. އެ އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ސުވަލު މާކެކެވެ. ޖާވިދުގެ ފައިން ދޫކޮށްލުމަށްފަހު އަޒުމާ ވަށަގެން ތިބި މީހުންގެ މޫނަށް ބަލާލިއެވެ.

“ބަލާ! މިއޮތީ!! މިއޮތީ މަށާ އަވަލައިގެން އުޅުނު ފުރޭތަ!! ފެނޭތަ!” އަޒުމާ އަޑުގެ ކޮޅަށް ހަޅޭ ލަވަންފެށިއެވެ. “މަގޭ މުޅި ދިރިއުޅުން ހަލާކުކޮށްލީ ކަލޭ! ހަޔާތްކުޑަ! ލަދުކުޑަ!!” އަޒުމާ މޮޔައެއްފަދައިން، މަރުވެފައިވާ ޖާވިދުގެ ހަށިގަނޑުގައި ތަޅަން ފެށިއެވެ.

“މަގޭ ގައިގާ ވަކި ނާޅާ އެންމެ ތަންކޮޅެއްވެސް ނެތޭ! ތީތަ ބައްޕައެއްގެ އަތުން ދަރިއަކަށް ލިބެން ޖެހެ ހިމާޔަތަކީ!!! އޭނ!!!”

ފުލުހުންނަށް އެތަނަށް އާދެވުނީ އެވަގުތެވެ. ދެ ފުލުހަކު ގޮސް އަޒުމާގެ ގައިގާ ހިފެހެއްޓުމަށްފަހު ދުރަށް ގެންދަން ފެށިއެވެ. އެއާއެކު ޚަބަރު ހުސްވެގެން އަޒުމާ އެތަނަށް ދެމުނީއެވެ.

އަޒުމާގެ މަންމަ ސަކީނާ އޮތީ ކޮޓަރީގައި ބަނދެފައެވެ. ހިކިވެ އަނަރޫފަ ވެފައިވާ ހަށިގަނޑުން ފުރާނަ ވަކި ނުވާ ކަމެވެ. ވަގުތުން ގެންދެވުނީ ހަސްފާތަލަށެވެ. އެމަރޖެންސީގައި އެތައްއިރަކު ފަރުވާ ދީނުމަށްފަހު ސަކީނާ ހޭ އެރިއެވެ. ލިބިފައިވާ ޝޮކުގެ ސަބަބުން އޭނާގެ ހަނދާނުން ބައެއް ވަނީ ފިލައިގެން ގޮސްފައެވެ.

***

3 މަސް ފަސް

އެނދުގައި އިށީންދެލައިގެން އިން އަޒްމާއަށް ބަލަން ޒިޔާދު ހުރީ ބިއްލޫރި ކުޑަ ދޮރުން ބޭރުގައެވެ. ސައިކެޓްރިސްޓުންގެ ބެލުމުގެ ދަށުން ފަރުވާދެމުންދިޔަ އަޒްމާގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. ޒިޔާދުގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އެއީ އުފާވެރިކަމުގެ ފޮނި ކަރުނައެވެ. ނުބައި ނުލަފާ ޝައިތާނެއްގެ ކިބައިން އަޒްމާ ސަލާމަތް ވީތީއެވެ. ނަމަވެސް ޖާވިދުމެން ފަދަ މީހުންގެ ވަހުޝީ ވަކިތަކުގެ ހައްޔަރުގައި ކިތައް އަޒްމާ ތާށިވެފައި ވާނެ ބާއެވެ؟ ފަނާވެގެން ދަނީ ކިތައް މައުސޫމް ފުރާނަބާއެވެ؟ އަޑު އުފުލާށެވެ. ވާހަކަ ދައްކާށެވެ. އެފަދަ ކުދިންގެ “ޝިކާޔަތު” އަޑު އަހާށެވެ. ރޯ އަޑު އަހަން ދުރުގައި ހުރުމަކީ އެކަމުގައި ބައިވެރިވުމެވެ.

ނިމުނީ

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ކުރިން އެނގުނުނަމަ (ފަނަރަވަނަ ބައި)

Next

ހިތާ ފުރާނައިން… (22)

Next
January 30, 2018

ހިތާ ފުރާނައިން… (22)

Previews
January 30, 2018

ކުރިން އެނގުނުނަމަ (ފަނަރަވަނަ ބައި)

20 Comments!

  1. maikko says:
    January 30, 2018 at 8:50 pm

    Varah maana fun story eh…..iys really emotional and nice…..love ❤?it

  2. Zaaraa says:
    January 30, 2018 at 9:45 pm

    Story v reethi ? ehaame asarugadha furihama nalanala ??? this is the first time I read your story

  3. Ruby❤ says:
    January 30, 2018 at 10:49 pm

    ??? Love thi story

  4. އެން އެކްސް އެން އެޗް އެން ޒެޑް says:
    January 30, 2018 at 11:24 pm

    އިޓް ވޯސް ވޮންޑަރފުލް ހޫޑީ…. ބެޓަރ ދެން އައި އެވެރ ތޯރޓް

  5. Amyy says:
    January 31, 2018 at 12:13 am

    Koba tha hoody ninman buni vahaka.. Mieh agan nukiyanan.. Ahan beynumy e vahaka kiyan .. Koba hei.. Koba haii..

  6. maisha says:
    January 31, 2018 at 12:20 am

    vrh reeethi vaahaka eh <3

  7. Lai says:
    January 30, 2018 at 7:46 pm

    Varah reethi mi story

  8. Scarlet says:
    January 30, 2018 at 9:56 pm

    Varah nice mi story??

  9. Naa says:
    January 31, 2018 at 9:39 am

    Heart touching ????

  10. aakko says:
    January 31, 2018 at 6:48 pm

    Truly u have given A beautiful msg through this story..the stroy was fabulous

  11. rifa says:
    January 31, 2018 at 10:02 pm

    Alhey hoody aeetha hoody ge biruveri vaahakaeh kiyaalan libeynee konirakun i love hoody ge vaahaka thah

  12. Uney says:
    February 1, 2018 at 1:14 pm

    It was awesome..I’ve loved it very much..and the most important thing is your massage that you provided through the story to everyone..

  13. Hood says:
    February 4, 2018 at 12:32 pm

    Niuma movie dhw mee

  14. Jeyz says:
    February 4, 2018 at 12:49 pm

    Mistake eba huri kudakoh ekam story in negeny fun maanu eh azma kahala kuhjjaku madhu vaane

    1. Jeyz says:
      February 4, 2018 at 12:50 pm

      Fun maana *

  15. Unique says:
    February 17, 2018 at 10:40 am

    Soo cute….. soo true…..

  16. Anonymous says:
    February 22, 2018 at 10:24 am

    V nice

  17. Mariyam naufa says:
    March 29, 2018 at 8:39 am

    That was great. Wish it was a bit longer and dramatic

  18. Maya says:
    May 26, 2018 at 11:46 pm

    Wow what a beautiful story.amazing. ….

  19. Bro says:
    November 15, 2024 at 2:32 pm

    Hoody..
    You’ve left this carrier
    So sad

Comments are closed.



All Right Reserved!